އަދުގެ ޚާއްސަ

Print

ރަށްފުށުގެ ދިރިއުޅުން - 01

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ


ފަންވަތުގެ ޚާއްޞަ ނޯޓު:

{މިއީ ފަންވަތުގައި ޝާއިޢު ކުރަންފަށާ ފުރަތަމަ ދިގުވާހަކަ އެވެ. މިއީ އަދަބީ ގޮތުން މޮޅު ވާހަކަ އެއްކަމަށް ފެނެ އެވެ. ރާއްޖޭގެ  އެވޭލާ ދިރިއުޅުމުގެ ރީތި މިސާލެކެވެ. ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރާއި، ރަށުފެންވަރުގެ އިޖުތިމާޢީ އޮއިވަރު އޮންނަ ގޮތާއި، މި ފަދަ މިފަދަ އެތައް ކަމެކެވެ. އަލް މަރުޙޫމު ޢަލީ ޙުސައިން ލިޔުއްވި މި ފޮތް ޗާޕު ކުރައްވައި ނެރުއްވައިފައިވަނީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުންނެވެ. ފަންވަތުގައި މި ވާހަކަ ޝާއިޢު ކުރަން މި ފެށީ، އެމަރުކަޒުގެ ހުއްދައާ އެކީގަ އެވެ. އެމަރުކަޒުން ފަންވަތަށް ދެއްވާ އެއްބާރުލެއްވުންތައް ފާހަގަކޮށް ޝުުކުރުވެރިވަމުންނެވެ.}

ކުކުޅުދޫ

އަލްމަރުޙޫމު ޢަލީ ޙުސައިން/ ނައިފަރު

ކުކުޅުދުއަކީ ޚިޔާލީ ރަށެކެވެ. ރ.އަތޮޅުގެ ޖޯގްރަފީއަށް ބަލަމުންދާއިރު ޗާޓުގެ ހުޅަނގު ބިތުގައި ވަރަށްބޮޑު ފަރެއް ލައިފައި އޮންނަ ކުކުޅުދޫއޭ ކިޔާ ކުޑަވަރެއްގެ ރަށްގަނޑެއް އޮންނަކަން ފިޔަވައި އެހެންކިޔާ އެހެން ރަށެއް އޮންނަ ކަމެއް ތިޔަބޭފުޅުންވެސް ނުއައްސަވާނެތެވެ. މިރަށަށް ކުކުޅުދޫއޭ ކިޔުނު ކަމަށް އަޅުގަނޑު ހަދާނީ އެރަށު ވަލުތެރޭގައި ކުކުޅު އުޅޭލެއް ގިނަކަމުންނެވެ.


ރަށްރަށުގެ ވަލުތެރޭގައި ކަނބިލި އުޅޭފަދައިން މިރަށު ވަލުތެރޭގައި އުޅެނީ ކުކުޅު ހާލެވެ. ވަލުތެރޭގެ ކޮންމެވެސް ތަނަކަށް ކާއެއްޗެއް އަޅާލާފައި " ބާބަ" ގޮވައިލުމުން މުޅިތަން ދާނީ ކުކުޅުން ފުރިގެންނެވެ. ވަލުތެރެއިން ބޯ ގަސްބޮނޑިއެއް ތަޅުވައިގަތަސް އެތައް ކުކުޅެއް ނުކުމެގެން ދުވެގަންނާނެއެވެ. ބާރަށް ހޯއްލަވައިގަތަސް އެތައް މިތަނުން ކުކުޅުތައް ގޮވައިގަންނަ އަޑު އިވެއެވެ. ކުކުޅު ހާއްޔެއް ދަށުގައި ހަދާފައި ނުހުންނަ ބޯކެޔޮ ކުރިއެއްވެސް މަދެވެ. އެތަން މިތާގައި އޮންނާނީ ފިއޮއް ނުކުމެފަޔާއި ކާޅު ބޮއިފައި ހުންނަ ބިހު ތޮށިތަކެވެ. ރަށްރަށުގެ މައުލޫދަށާއި އެކިއެކި ކަންތަކަށް ކުކުޅު ގަންނަން އެރަށަށް ދާނެތެވެ. އެރަށު މީހުންނަށް އެއީ މާތަދު އެއްޗެއް ނޫންކަމުން ވިއްކައި އުޅެނީވެސް ވަރަށް ހެޔޮއަގުގައެވެ. އެކަމަކުު ކޮންމެ ކޮންމެ މީހަކު ހިތަށް އެރިފަހަރަކު ހިފައިގެން ވިއްކައި ހެދުމަކަށް ހުއްދައެއް ނޯވެއެވެ. ހިފަންވަނީ ވެރިންގެ ފަރާތުން ހުއްދަ ހޯދައިގެން ވަކި ހަމައެއްގެ މަތިންނެވެ.

ރަށަކީ ފަސްގަނޑު ހުދު ހަނަފަސް ރަށެކެވެ. އެޒަމާނުގެ އެހެންވެސް ރަށްރަށާއި އެއްގޮތަށް މަގުތައް ދަތިވެފައި ގެތައް ގައިގޯޅިއެވެ. ގަސްވިނަ ހެދިފައިވާލެއް އުސްކަމާއި ބަދަހިކަމުން މަލަމަތި ދައްކަނީ ފިސާރި ރީތިކޮށެވެ.

މިރަށުގެ ފަޅަކީ ރީތިކަމުގެ އަޖާއިބެކެވެ. ގާމަދުކަމާއި ފުންކަމުގެ ސަބަބުންނެވެ. މުޅިފަޅުމަތިވަނީ މަޑު ނޫކުލައެއްގައެވެ. ބޭރުތޮށި އޮންނަނީ ޤުދުރަތީ ގޮތުން ހިކިފައެވެ. ރަށުގެ ވަށައިގެން ފާރުލެވިފައިވެއެވެ. އެހެންކަމުން ފަޅުތެރެ އޮންނަނީ ވަރަށް މަޑުކޮށެވެ. ކޮންމެ ދިމާއަކުން ވައި އަޔަސް ރާޅުބޮޑުކަމުން ނުކުޅަދާނަވާ ވަރެއްނުވެއެވެ. ހަތަރު ފަރާތުން ފަޅުތެރެއަށް ވަންނާނޭ ހަތަރު ނެރު ހަދާފައި އޮވެއެވެ. އެއިން ކޮންމެ ނެރެއްމެ ފާހަގަކޮށްދެނީ ޖަހާފައި ހުންނަ އެތިގަނޑެކެވެ. ދެން ހުންނަނީ ކުދި ކުދި ދޯނިފަހަރަށް ވަދެވޭ ކަަހަލަ ކުދި ކުދި ތަންކޮޅުކޮޅެވެ.

ރަށް އޮންނަނީ އިރުން ހުޅަނގަށް ވާހެން ވަށްބުރު ހަމަޔަށްވުރެ ތަންކޮޅެއް ދިގުކޮށެވެ. ހުޅަނގަށް ދިޔަ ކޮޅުގައި ނިކަން ފަސްގަނޑުއުސް ތިރި ތިރިކޮށް ވިނަހެދިފައިވާ ތުނޑިއެއް އޮވެއެވެ. އެދިމާ ތޮށްޓާ ވަރަށް ގާތަށް ތުނޑި ދެމިފައިވެއެވެ. ތުނޑީގައި ތިބެގެން ރަށުގެ ބޭރުންދާ ދޯނިފަހަރާއި ވާހަކަދައްކާވެސް ހަދަތެވެ. ތުނޑީގެ ބައެއް ތަންތާ ވަކިވަކިން ހުންނަ ދިގު ބޯކެޔޮގަސްތަކުގެ ހިޔަލުގައި ދުވާލު އަވިދޭ އިރަށް ކުޑައެއްގެ ހިޔަލުގައި ތިބޭހެން މީހުން ތިބެއެވެ.

ތުނޑިއަށް ފައިބާން އޮންނަނީ ދެފަރާތުގައި މިރިއްސާއި ހަންޑި އޮނު ހެދިފައި އޮންނަ މަގެކެވެ. އެމަގުގެ ނަމަކީ " ހަވީރުމަގެވެ". އެހެން ކިޔަނީ ހަވީރަށް މަސްއޮޑި ބަލަން އެމަގުން ލައިފައި މީހުން ނުކުންނަލެއް ގިނަ ކަމުންނެވެ.

ވާހަކައިގެ ޢަރޫޝާ


މިރަށުގެ ކެޔޮޅު ހަސަނަކީ ކަތީބުގެ ބޮޑުދޯނީގެ ކެޔޮޅުމީހާއެވެ. ރަގަނޅު ހެޔޮލަފާ މީހެކެވެ. މީނާގެ ހަސީނާއޭ ކިޔާ އަންހެން ދަރިފުޅަކު ހުރެއެވެ. އެކުއްޖާއަކީ 16 އަހަރު ވެފައިން ސަމައްތަރުހެޔޮ ސޫރަ ރިވެތި ކުއްޖެކެވެ. ގައިގެ ހަން ރަތްދޮނަށްވުރެ ހުދު، ދޮން ކުލަޔަށް ބޮޑު ކަޅިރަވަ ތޫނު މޮޓާކަމާއި ހިމަތޮޅިކަމުގެ ދެމެދުގައިވާ ކުއްޖެކެވެ. ތަންދޮރު ދަތުމާއި އުޅުން ރަގަނޅުކަމުގައި އެރަށުގެ ގިނަ އަންހެނުންނަށްވުރެ މަތިވެރިއެވެ. ހަސަނުގެ މިނޫން އެހެން ދަރިއެއް ނުވާކަމާއެކު މިކޮޔަށް ވަރަށް ލޯބިވެއެވެ. ގެންގުޅެނީ އެކޮއިގެ ތަރުބިއްޔަތުގައެވެ. އަބަދުވެސް ބަހައްޓައިފައި ހުންނަނީ ނަލަކޮށް ޗާލުކޮށްފައެވެ.

ކިޔަވައި އަދަބުވެރިވީ އެއް ދުވަސްވަރެއްގައި އެގެއަށް ފައިބައިފައިހުރި އައްޑޫ މުޙަންމަދު ރަހާއޭކިޔާ ތަންދޮރުދަންނަ ޢިލްމުވެރި ކުލައިގެ މީހަކުގެ ކިބައިންނެވެ. ޒަމާނާ އެކަށޭވަރަށް ދީންވެސް ދަނެއެވެ. ޢިލްމުއް ސުލޫކުގެވެސް ގިނަބާބުތައް ދަނެއެވެ. އާޚުރަތުގެ ވާހަކައާއި ނަރަކައާއި ސުވަރުގޭގެ ވާހަކަތައްވެސް ހިސާބަކަށް ދަނެއެވެ. އެކިއެކި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ވާހަކަވެސް ދަނެއެވެ. އަދި މިނޫނަސް އެހެނިހެން ތާނަފޮތްފޮތުން ފިލާވަރަށް އެއްޗެހި ދަނެއެވެ.

އަހަރަކީ ހަސީނާއަށް 16 އަހަރު ފުރުނު އަހަރެވެ. މަހަކީވެސް ހަމައެމަހެވެ. ޝައްވާލު މަހެވެ. ދުވަހަކީ 18 ދުވަހެވެ. މެންދުރު އެގާރަޖަހާވަގުތު އެތެރެގޭތެރޭގައި ހުރިބޮޑު އުނދޯއްޔެއްގައި ތުނިތުނިފޮތްގަނޑެއް ހުޅުވާލައިގެން ވާތުން އުނދޯލި ހެއްލާން ޖަހާފައިހުރި ވާގަނޑުގައި ހިފަހައްޓައިގެން ހަސީނާ އޮތެވެ. މިހެންއޮއްވައި ބޭރުންދިޔަ މީހަކު " މާލެދިޔަ އޮޑި އަތުވެއްޖެއޭ " ގޮވައިލި އަޑަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ފުންމައިގެން ތެދުވެ ފޮތްލައްޕާލާފައި އުނދޯލީގެ ކަންނެޔޮދޮށަށް ލާފައި ނިކުމެއްޖެއެވެ. އެވަގުތު އެގޭ ދޮރުމަތިންލާފައި އަންނަ ތިން ހަތަރު އަންހެނަކު ފެނެއެވެ. މިބަޔަކު އައިސް ހަމަވެފައި ހަސީނާއާއި ދިމާލަށް ހީނލާފައި ހާދަހާ " ނިދިވައްތަރުޖަހައޭ" ބުނެފިއެވެ. ނޫނެކެވެ ހަސީނާ ބުންޏެވެ. ނިދިއަކީ ނޫނެވެ. ރޯދަކަމުން ހީވާގޮތެވެ. އެބައިމީހުން އަހަރުމެން މިތިބީ ހަރޯދަަޔާއެކުގައި ހަމަކޮށްލައިގެނޭ، ވައިޖައްސާލާކަށް ނުދާނަންހޭ އަހައިފިއެވެ. ދެން އަހަރެންވެސް މިނުކުތީ އަތިރިމަގަށް ދާން ކަމަށޭ ކިޔަފައި އެކުދިންނާއެކު ހަސީނާވެސް ހިނގައިގަތީއެވެ.

މިކުދިން މަޑުމަޑުން ވާހަކަ ދައްކަމުން އަތިރިމަގުން ލާފައި ދަނިކޮށް އެކޮޅުން އަންނަ ހަމައެފުރާގެ އެހެން އަންހެނަކު ފެނެއެވެ. އެކުއްޖަކު އަންނަނީ ޒާތެއްގެ ހައިރާނެއްގައި ފިކުރެއް ކުރަމުން އަންނަހެން މާބޮޑަކަށް އިސްދަށަށް ޖަހައިގެންނެވެ. އެކުއްޖަކަށް ކުރިމަތިން ބަޔަކު އަންނަކަންވެސް އެގުނީ" ރުޤިއްޔާފުޅާ! އިސްދަށަށް ޖަހައިގެން ކޮންމަސައްކަތެއްގަހޭ" މިތަނުން ކުއްޖަކު ބުނީމައެވެ. މިއަޑު އިވުމާއެކު ސިހިގެންގޮސް ރަކިވެރިކަމުގެ މޫނަކާއިގެން އިސްނަގައިފައި ރަކި ހިންޏެއް ހީނލާފައި މިއުޅެނީ ބޮލުގައި ރިއްސާތީއޭ ބުނެފައި ދިޔަގޮތަށް ހިނގައްޖެއެވެ.
 

މިހާރުއުޅޭ ފިރިހެނުންކުރެ، ކިރިޔާވެސް

މޮޅެއްވެލާފައި ހުރި މީހަކާ އިންނާކަށެއް ނުވާނެ


            އެކުއްޖަކު ފަސްދީ ފަހަތަށް ހިނގައްޖެތޯ އެނބުރި ބަލާލާފައި :-

ހަސީނާ: އެދެމަފިރިންގެ ކަންތައް މިހާރުވެފައިއޮތީ ކިހިނެއްތަ؟

އެތަނުން ކުއްޖަކު: އަދި ވަކިގޮތެއްނުވޭ. ރޭވެސް ނައިބު ގެއަށް ދިޔަވާހަކަ އިވުނު، މިހާރުވެސް އެދަނީ އެއިގެ ފިކުރެއްގައި . ބޮލުގައި ރިއްސަނީއޭ ކިޔާ އެއްޗެކޭބުނެލީތާ.

ހަސީނާ: އެވަރު ހިތާވެގެން އުޅެފައި މިހާރުއެއުޅެނީ ކިއެއްވެގެން؟

އެކުއްޖަކު:

އެގޮތެއްނޭނގެ! އެގޮއްޔެގެ ބައްޕަމެންނަކީ މަސްވެރިންވިއްޔާ، މަހަށްގޮސް ނުއުޅޭތީ އެމީހުންނާ ނުވަނީ ކަންނޭގެ!

ހަސީނާ: ކާންދީ އަންނައުނުދޭން އެމީހުންނާ ނުޖައްސަނީ ވިއްޔާ މަހަށް ދިޔަޔަސް ނުދިޔަޔަސް އެމީހުނަށް ކޮންވާކަމެއް؟

އެކުއްޖަކު: ހުރިހައިކަމަކީވެސް ތިޔައޭ. އިންފަހުންމިވަނީ ދެއަހަރެއްނޫން! ކަނީ އަމިއްލަ ގެއިން، ދިނީ ތިންގަނޑެތި ނުލައި އެންމެ ހެދުމެކޯ!

ހަސީނާ: އިންއިރު މަހަށްގޮސްނޫޅޭ މީހަކުކަން ނޭނގެނީބާ! އެއިރު ތިއިން އެއްވެސް ސުވާލެއް ނުކޮށްފައި މިހާރުދެން ކޮންވާހަކައެއްތަ؟

އެކުއްޖަކު: އެއިރު ޖެހިފައިހުރި ލޯތްބަކުން އެތަން ނުވިސްނޭނީ. ލޯތްބަކީ ކަނު ބީރު އެއްޗެކޭ ބުނޭނުން.

އެހެންކުއްޖަކު:އުހް! އެދެމީހުން މިހާރުވެސް  ނުލާހިކު ލޯބިވޭ. ނައިބުގެއަށް ގެންގޮސް ތިޔަހުރިހައި ކަމަކީވެސް އެގޮއްޔެގެ މައިންބަފައިންގެ ކަމެއް.

ހަސީނާ: އާނ! ކާންބޯން އެމީހުން ދޭންޖެހެންޏާ ތިޔަހެން ނުވެއެއް ނުހުންނާނެ!

އެހެންކުއްޖަކު: ހޫނ! މިހާރުއުޅޭ ފިރިހެނުންކުރެ ކިރިޔާވެސް އެއްޗެއް އެނގި މޮޅެއް ވެލައިފައި ހުރި މީހަކާ އިންނާކަށެއް ނުވާނެ. އިނަކަސް މައިންބަފައިންނަކަށް ލުޔެއްވެސް ނުވާނެ. އެމީހުން މަސައްކަތެއް ކުރަންވެއްޖިއްޔާ އެގަންނަނީކީ ސަލާމަތަކު ލަދެއްނޫން. އެމީހުންނަށް ކުރެވޭނީ ނަލަކޮށް ކުރަންޖެހޭ ކަންތައް. ރަށްފުށުން އެކަހަލަ ކަންތަކޯ؟ އެޒާތުކަމަކަށް ރަށްފުށުން ލިބެންއޮންނާނީ ރަށުމީހުންގެ ބަނޑޭރިކަމެއް. ނާލުބައްތެއްޔެއްގެ ނެވިކަމެއް. ކިޔަވާ ގެއެއްގެ އެދުރުކަމެއް. އެކަހަލަ ކަންކަމަށް އެތިބެނި މީހުން ހަމަވެފާ. ރަށްފުށަކުން އެޒާތުކަމަކަށް މާގިނަ މީހުން ބޭނުމެއްވެސް ނުވާނެ. ޒަކާތާ ފިޠުރުން ޢާމިލުބަޔަށް ލިބޭ އެތިކޮޅުން ނައިބު ކަލޭގެއަށްވެސް އެއުޅެނީ ނުފުދިގެން. އެތަނަށްވެސް އޮންނާނީ މީހަކު ބޭނުން ނުވެފައި. ދެން އޮންނާނީ ކަތީބުކަމާ މުދިމުކަމާ ނައިބުކަން. އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ކަންތަކެއްނޫން. އެހެންވިމާ މަސައްކަތެއްނުކޮށް އުޅެވޭނެމަގެއް އެބައޮތްތަ؟ ރަށްފުށުގައިކޮށްއުޅޭ އެއްމަސައްކަތަކީ މަސްވެރިކަން. މަހަށް ދިޔުމަކުން މީހާގައިހުރި މޮޅުކަމެއް އުނިވާނެތަ؟ އެއަކީ ހަށިގަނޑަށް ބާރުވެސް ކުރާ ކަހަލަ ކަމެއްތަ؟ އަހަރެންހިތުން އެހާފައިދާބޮޑު، މަސައްކަތް ކުޑަ މަސައްކަތެއް ނޯންނާނެ. އަދި އެކަހަލަ ކުއްޖަކު މަހަށް ހިނގައްޖެނަމަ އޮޑީގައި ކަމެއްނުވެސް ކުރުވާނެ. ގިނަ ދުވަހަށްދަނީވެސް ރަށުގައި ބަހައްޓާފައި.

ހަސީނާ: މިހިސާބަށް ދާއިރަށް އަތިރިމަގޭ ކިޔާމަގު ގޮނޑުދޮށުގައިހުރި ކާނިގަހެއްގެ ކައިރިއަށް އަރައި ހަމަވަނީއެވެ. ދެން ހަސީނާ ފޭބީ އެގަހުގެ އެއްފަރާތަކަށް ގޮނޑުދޮށަށެވެ. އެހެންކުދިން ގަހުގެ ހިޔަލުގައި ދޮންވެލިގަނޑު މަތީގައި އިށީނީއެވެ.

ކިިތަންމެ ހުތުރުކަމަކަސް ރީތިވާނެގޮތް ހުންނާނެ


            ކުޑައިރުކޮޅެއްވިތަނާ ހަސީނާ އަތިރިން އަރައިގެން އަތުވެއްޖެއެވެ. އައިސް އެކުދީން ކައިރީ އިށީންނަމުން:-

ހަސީނާ: ކަލޭމެން އިންނާނީ ކޮންކަހަލަ މީހުންނަކާތަ؟

އެއްކުއްޖަކު: އެކަހަލަ މީހުންނާ އިނދެގެނޯ؟ އުޅެންވާ ޙާލު އެފެންނަނީއެއް ނޫން.

ހަސީނާ: އަހަރެން ބުނަންތަ. އަބުރުުހުރި ރަނގަޅުމީހަކާ ވިއްޔާ އަހަރެން އިނދެފާނަން. މީހުންނާ އިނުމަކީ އަހަރެން ދަންނަ ގޮތުގައި ދުނިޔެ އުޅުމުގެ ފިކުރާ ބުއްދިލިބޭ ކަމެކޭ! ނިކަންދެކޭ ކިތައްމީހުން އަތުން ފައިން އެއްވެސް މަސައްކަތެއްނުކޮށް ހުސްއެކަނި މީހުންގެ ހެވުގައި ދިރިއުޅެމުން އައިސް މީހުންނާ އިނދެ ދަރިން ލިބި އެހެން އުޅުމަށްފަހު އަމިއްލަ ދިރިއުޅުން ހޯދައިގަނެގެން އެ އުޅެނީ.....

އެހެންކުއްޖަކު: (ހަސީނާގެ ބަހުގެ މެދުކަނޑައިފައި) ތިޔައީ ވަކި މިހާރުތަ؟ މިހާރު ކިހައިދުވަހެއްވެއްޖެ. އަދިއެއް އެއްވެސް މަސައްކަތެއް އަމިއްލަގޮތުން ކޮށްގެން އުޅުމަކަށް ހިތަށްވެސް އެރިކަމެއްނޭގެ. އޭނާވެސް ކައިބޮއި އުނުއަނދެ އުޅެނީ، އޭނާގެ މުސްކުޅި މަންމަ މީހުންނަށް ބޭސްފަރުވާ ކޮށްލައިދިނީމާ ދޭއެކި ދެތިން ރުފިޔާގެ އެހީތެރިކަމުން.

ހަސީނާ: ތިޔައީ ބަލަ ރުގިއްޔާފުޅުގެވެސް ގޮތީއޭ. އެންމެންނަކީ އެއްކަހަލަ  ބައެއްނޫނޭ. މީހުންތިބެނީ އެކިވަރުގެ އެކި ޒާތުގެ މީހުންނޭ.އެކި މީހުންނަށް ވާނީވެސް އެކި މަސައްކަތޭ. އެކަމަކު މީހަކަށް ކުރުވާން އެނގިއްޖެނަމަ އެއިންކޮންމެ ކަމެއްވެސް ކުރުވިދާނެއެ. އަދި ކުރާހިތްވެސް ޖެއްސިދާނެ. މިއޮތީ އެއިގެ މިސާލެކޭ. އަހަރެންގެ މަންމައާއި އެއްބަނޑު އަހަރެންގެ ތުއްތުބޭބެ އިހަށް މަސްވެރިކަމަށްވުރެ ނުރުހޭ ކަމެއްނޯވެއޭ. ކުޑަވެގެން މަސްއޮޑި ލަފައްޖެތޯ އަތިރިމައްޗަށްވެސް ނުފޮނުވޭ، ދެން މާމަ އަހަރެންގެ ބައްޕަގާތު ބުނެގެން އެބޭބެ މަހަށް ގެންދާންފެށީ، ފުރަތަމަ ގެންދިޔައީ އޮޑިއަށް ފަންޑިތަ ހައްދާށޭ ކިޔާ ދޮގުހަދައިގެން. ކޮންމެ ދުވަހަކުވެސް ބައްޕަގޮސް އޮޑިއަށް އެއްޗެހިލާފައި މީހުން އެރީމާ އައިސް ތުއްތުބޭބެ ގޮވައިގެން ދަނީ، މަހުން ލެފުމާއެކު އޮޑިވެސް ހައްޔަރުނުކޮށް ތުއްތުބޭބެ ގެއަށްފޮނުވާނެ. ތުއްތުބޭބެގެ މަސްގެނެސްދޭނީވެސް ބައްޕަ. އެގޮތަށް ހައެއްކަ ދުވަހު ދާއިރަށް މަސްވެރިކަމުގެ ވާހަކަ ދައްކަން ފައްޓައިފި. އިހަށްއެއީ އޮޑިމީހުން އައިސް ބައްޕައާއި މަސްވެރިކަމުގެ ވާހަކަ ދައްކަން ފެށީމާ ރުޅިއައިސްގެން ގެއިންވެސް ދާމީހެއް.ފަހުން ފަހުން އައިސް އޮޑި މަސްބާނައިގެން ލަފައި އުޅޭތާ އަތިރިމައްޗަށްވެސް ނުކުންނާން ފައްޓައިފި. އަދި އަމިއްލައަށް ބައްޕަގާތު ބުނެގެން ބައެއް ދުވަހަށް މަހަށްދާންވެސް ފަށައިފި، މިހާރު ފަރިތަވަމުންގޮސް އެންމެ ރަނގަޅަށް މަހަށްދާހިތުންނޭ ތުއްތުބޭބެ މަހަށް އެދަނީ.

 އާނ! މަސްވެރިކަމަކީ މޮޅުމީހުންނަށް މާރީތި ކަމަކަށެއްނުވާނެ. އެވަރުގެ މީހުން މަސްއުފުލައިގެން ހިނގުމަކީ ލަދުވެސް ކަމެއް. ހުތުރުވެސް ކަމެއް. އެކަމަކު ދެންމެ މިބުނިގޮތުން އެއޮތީ ހުތުރާއި ލަދަށްވުރެ އަބުރާ އިއްޒަތްތެރިގޮތް ބޮޑުވެފައެއްނޫން. ބަލަ އަނބިމީހާގައިވެސް ބުއްދިއެއްނެތި އެކަހަލަ ކަމެއްނުވާނެ. ކިތަންމެ ހުތުރުކަމެއްވިޔަސް ރީތިވާނެގޮތް ހުންނާނެޔޭ. އަހުރެންގެ ފިރިޔަކުނަމަ ހުތުރު ނުވާނޭހެން ދަރުވެސް ފަޅައިފާނަން. މިހާރުދެން މަގޭ ތުއްތުބޭބެ ބަލާ! މަސްގެނެސްދޭކަށް ބައްޕައަކަށް ނުވެސްޖައްސައޭ. ދެން އެއްގަން ފަރާތުން އަންނަ މުސްކުޅިފުރައިގެ ދެއަންހުނުން ދެކިފައި ހަސީނާ ވާހަކަ ހުއްޓައިލައިފިއެވެ.

އެދެމީހުންވެސް އަންނަނީ ވާހަކައެއް ދައްކަމުންނެވެ. ކައިރިއަށް އައިއިރު އެކުދިންނަށް އިވުނުތަންކޮޅަކީ ވަރަށް އަވަހަށް ބޮޑުވެސްވެއްޖޭ،އަދި އިހަށްވުރެ ރީތިވެފައި ދޮންވެސް ވެއްޖޭ، މިރަށުން ދިޔައިރު ތަންކޮޅެއް ކަޅޭ، ހުންނަނީވެސް މާބޮނޑިމަސްކޮށް މޮޓާކޮށޭ، މިހާރު އިސްކޮޅުންވެސް ހަށިގަނޑު ތަންކޮޅެއް ދެމިލައިފިއޭ، މިދެމީހުން އަރާހަމަވީމާ މިކުދިން ، ތިޔަ ދައްކަނީ ކާކު މާ ރީއްޗެއްވި ވާހަަކައެއްހޭ އަހައިފިއެވެ. އެދެމީހުން ހީނގެންފައި ބުނެފިއެވެ. މި ދައްކަނީ މާލޭގައި ކިޔަވާންހުރި މިރަށު އެދުރުމަނިކުބޭގެ ޙުސައިން މަނިކު އައިވާހަކައެވެ. މިއީ ދައިތަމެންނަށްވުރެ ކުރިން ކޮއްކޮމެންނަށް އެނގެންވީ ވާހަކައެކެވެ. (ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ