އަދުގެ ޚާއްސަ

Print

ވާން ދެއްކި ފެހުރިހި

ޝާޢިއުކުރީ ޢަބްދުއްރަހީމް މަނަދޫ . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޅޮހީ ޢަބްދުއްރަހީމް / މަނަދޫގެ

ޅޮހީ ދޮންއައްޔަކީ އާދަވެގެން މަސްބާނަން ގޮސް އުޅޭ ކެޔޮޅެކެވެ. މަސްވެރިކަމުގެ ކޮންމެ ބާވަތެއްގެ ނަން ކީ ކަމުގައިވިޔަސް، ދޮން އަލީ ފަރިތަނޫން މަސްވެރިކަމެއް މީހަކަށް ކުރެވިފައެއް ނެތެވެ. އަދި ދޮން އަލީ ބުނާގޮތުން ކުރިޔަށް އޮތްތާނގައި ނުވެސް ކުރެވޭނެއެވެ..
ކޮންމެއަކަސް ދޮން އަލީ ހިތާވެގެން އުޅުނު ފާތުމަޔާ އިން ފަހުން ކެޔޮޅުކަމު ދާން ޖެހޭލެއް އައްޔަށް އޮންނަނީ މާ ގިނަވެފައެވެ
ފާތުމައަކީ މުޑަހަނދި މަސްކޮޅެއް ކާން ނުލިބުނީއްޔާ ލޮލުފިޔެއް ޖެހޭ މީހެއް ނޫންވިއްޔާއެވެ. އެހެން ނޫނަސް ފާތުމަ ނިދަން އޮންނަ އުތުރުއެނދުގެ ވަރުވާކަނުން ތަންކޮޅެއް ލިބޭނީވެސް ފާތުމަ ބޭނުން ވާ ކަހަލަ ފަރުމަހުގެ ރޯއްޖެއް ހޯދިއްޔާއެވެ.

ދުވަސްވަރަކީ ކަރަންޓުގެ އެއްވެސް އަލިކަމެއް އޮތް ޒަމާނެއްނޫނެވެ. ކިރިޔާވެސް އަލިކަމެއްވާނީ  ހަނދު ބޮޑުވާ ދުވަސްކޮޅުއެވެ. ހަނދުމަހުގެ  ސާދަ ފަނަރައިގަ އެވެ. ކޮންމެއަކަސް ދޮންއަލީ ގޮނޑުދޮށަށް "މުޑަހަނދި ކޮޅެއް މަރާލަން" ނަނު އެއްލާން ދާން ނިންމައިފިއެވެ. ކޮންމެ ރެޔަކުވެސް މިބާވަތުގެ ކެޔޮޅުކަމަށް ގޮސް އުޅެނީ ދޮންއަލީ ގެ ދެދުނިޔޭގެ ރަހުމަތްތެރިޔާ ކަމަށް ބުނާ ހުސޭނާއެކީއެވެ. ނަމަވެސް ހުސޭނު ބަލިވެ އުޅޭތީ މިރޭ ދާންޖެހުނީ އެކަންޏެވެ.

ދެން ދިޔުމުގެ ކުޑައިރުކޮޅެއްކުރީން ވީކަމަކަށް ބަލާލަމާތޯއެވެ.

ދޮންއަލީ އިރު އޮއްސުނުއިރު މާވަރަކަށް ބުޅިޖަހާ ތައްޔާރުކުރާތީ އޭނަގެ އަންހެނުން ފާތުމައަށް ފެނިގެން، ދޮން އަލީގެ އަނގަ ގޮއްވާލައިފިއެވެ.
" މިރޭ އަނެއްކާ ކޯޗެއް ބާނަންތެ ތިދަނީ؟ ކުރިންރޭވެސް މިރުސް ފުނޑުވާފައި ގެޔަށް އައީ ހުސްއަތާ!"
"ހާސް ވާނެ ކަމެއް ނެތް. މިރޭ މުޑަހަނދި އައިނެއް މިގެޔަށް ނުވެއްދިއްޔާ މަގޭނަމަކަށް އައްޔެއް ނުކިޔާނެ." ދޮންއަލީ ޖަވާބު ދިނީވެސް ފާތުމަ ސުވާލު ކުރި ބީދައިން މަލާމާތުގެ ގޮތަކަށެވެ. ބުނިބަސް ނުނިމިގެން އުޅެނިކޮށް ފާތުމަ ތުނބަށް އެޖެއްސި ވައްތަރެއް ޖައްސާފައި މާ ހަރެއްކޮށް ގެޔަށް ވަންނަމުން އެބަ ބުނެޔެވެ. " މަހެއްވެސް ނޫން ބެވޭނީ. އަނގަޔަށް އިނގިލި ބާނަބަލަ! "

ދޮން އައްޔަކީ ސަކަ މިޒާޖެއްގެ ރުޅިމަޑު މީހަކަށްވާތީ އެހެން މީހަކު ބުނެލާ ބަހަކަށް ރުޅި އިސްކޮށެއް ނޫޅޭނެއެވެ. އަދި ޚާއްޞަކޮށް އޭނަގެ ލޯބިވާ "ފުށްގަނޑު" ބުނާއެއްޗެއް އެނާއަށް ވާނީ އުފަލަކަށެވެ. އަދި އަބަދުވެސް ދޮންއަލީ ބަލާނީ އަޑުއަހާން ތިބޭ މީހުން ހެއްވާލެވޭތޯއެވެ.

ދޮންއަލީ މަސްބާނަން ދިޔަތާ އިރުގަނޑެއް ވެއްޖެއެވެ. ފާތުމަ ލޮނު މިރުސްގަނޑު ފުނޑައިގެން ގޭގައި އިންނަތާ ކިތަންމެ އިރެކެވެ. މުޑަ ހަނދި މަސް ކާހިތުން އިނދެވެނީއެއްނޫނެވެ. ލަސްވެގެން މަގުމަތިން ދިޔަ ދެތިން މީހެއްގެ ގާތުގައި ދޮންއަލީ ފެނުނުތޯވެސް އަހައިފިއެވެ. އިރުކޮޅެއްނުވެ ދޮންއަލީ މާ ހަރެއް ކޮށް މަގުގެ ކޮޅުން އަންނަތަން ދައްކާލައިފިއެވެ. އަވަސް އަވަހަށް ގެޔަށް އައިސް މަސްކަނޑަން ތައްޔާރު ކޮއްލައިފިއެވެ.
" ހޫނ.. ދުވާ ވަހުން ނޯށްދަމާލަން ނުކެރޭ. ޔަގީން ތިޔައީ އޮރި  ތަކެއްކަން. " ދޮންފާތުމަ ޝަކުވާކުރަން ފަށައިފިއެވެ.
"ނޫނޭ މިއައީ ރޮނޑުމަސް ހިފައިގެން. ރޮނޑުމަސް ކެއީމަ ޒުވާންވާނެ ކަން ފާތުމައަށްވެސް އެނގޭނެ."

ރޯކޮށްފައިހުރި ފުޅިބައްތި ހިފައިގެން މަސްކަނޑާ ތަނަށް އަލިކުރަމުން ދިޔައިރު ފާތުމަހުރީ ދޮންއަލީ ދައްކާވާހަކަޔަށް ނުރުހިފައެވެ.
"ނޫނޭ މިރޭ ގަތްވަރު ބޮޑު ފެހުރިއްސެއް އަދި ހަޔާތުގައިވެސް ނުގަނޭ. ވާން ދައްކާލީ ކިހިނެއް... ކިރިޔާ މިފާތުމަގެ ލޯބި ލޯބި މިއަލީ މިއަތަށް އައިސްފައި މިހިރީ"

" ދެން ކޮބައިތެ އެފެހުރިހި؟" ފާތުމަ ސައުޤުވެރިކަމާއެކު އަހާލިއެވެ.

"އަޑު އެހީމައެއްނު އެނގޭނީ" ދޮންއަލީ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"ދެންވީގޮތަކީ ވާން ދައްކާވަރުން ހިފަހައްޓާ ނުލެވިގެންގޮސް ނަނު ބެއްދީ އެތާ އެހެރަ ބިޔަ ހިރުނދު ގަހުގަ.. އިރުކޮޅެއްނުވެ ހިރުނދު ގަސް މުލުން ލުހެގެން މޫދާ ދިމާޔަށްގޮސް ނިމިއްޖެ. ދެން ބެއްދީ އެދިމާ އެއްގަމުގައި އެހެރަ ދޮންހަސަނު ރުކޭ ކިޔާ ރުކުގަ.
ރުކުގައި ނަނު ބެއްދީމާ މޫދާ ދިމާޔަށް ވަލުގަ ޖަހާކަހަލަ ދަންތުރައެއް ހެން ބަޅުކޮށްލާފައި ރުއްވެސް މެދުން ބިންދާލައިފި.
ދެން މިސޮރު ހަދާނެ ގޮތެއް ނޭންގިގެން ނަނު ހިފައިގެން ދެކޮޅު ދެކޮޅަށް ދުވަނިކޮށް ފެނުނީ އެތާ އެހެރަ ޅޮހީ ތުނޑީ ބޮޑުނިކަގަސް."
"އޭރުވެސް ވާންދައްކާވަރުން ހީވަނީ ޅޮހި ވެސް ލުއްސަ ލުއްސައިގެން މޫދާ ދިމާޔަށް ގޮސްފާނެހެން. ދެން ވަރަށް ހާލުގައި އުޅެގެން ނިކަގަހުގައި ބެއްދިތަނާ ފެހުރިހި މައިތިރިވެލައިފި.. ދެން ކުއްލިއަކަށް އެލީ ވާނާއެކު ފެނުނީ އެހެރަ ބޮޑު ނިކަގަސް ބިންވަރުން ލުހެގެން މައްޗަށް އެރިތަން..
ނޫނޭ ވާނެއް ދެއްކި.

ދެން މަހަދާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް ފެނުނީ އަތިރިމަތީގައި ދެކޮޅަށް ދުވެ ދުވެ އުޅުނު ކިރު ކަކުންޏެއް. ދެން އަވަސް އަވަހަށް ކިރު ކަކުނީގެ ދާވަނީގައި ބެއްދިތަނާ ފެނުނީ އެޔޮއްބޮޑު ފެހުރިހި ތިލަކޮށްލިތަން. މަ އުފަލުން ހޭނުނެތުނީ ހަމަ ކިރިޔާ"

"ދެން ކޮބާހޭ އެފެހުރިހި؟" ފާތުމަ އަޑު ބާރުކޮށްލަމުން ރުޅި އަންނަގޮތް ދައްކާލިއެވެ.

" އެޔޮއް މާ ބޮޑު ފެހުރިހި އެއްގަމަށް ތިލަކުރީމާ އަހަރެން ގޮސް ބަލައިލި އިރު ކަމަކުދާކަށް ނެތް. އެހުރިހާ ވާނެއް ދައްކާ، އެހުރިހާ ގަހެއް މުލުން ލުހެލި ބާރުގަދަ ބޮޑު ފެހުރިއްސަކީ އަސްލު ފެހުރިއްސެއް ނޫން."

"ދެން ކޯޗެއްތެ؟" ފާތުމަ މިފަހަރު އެހީ މަޑުމަޑުންނެވެ. އޮޅުން ފިލުވާ ހިތް އޮތްލެއް ބޮޑުކަމުންނެވެ.
އެވަގުތު ދޮންއަލީ މޫނުން ދާ ފޮހެލާފައި ޖަވާބު ދިނެވެ. " ފާފޭރު ފޮއްޗެއް" 
 
މިވާހަކަ އަހައިފައި ފާތުމަ ހޭނެތުނޭވެސް މިވާހަކަ ކިޔާ މީހުން ކިޔާ އުޅެއެވެ. ކޮންމެ އަކަސް ދެން ވީ ގޮތެއް ޚުދު އަޅުގަނޑަށްވެސް އެނފިފައެއް ނެތެވެ.
(ނިމުނީ)


ނޯޓު:މިލިޔުމުގެ އިބާރާތް ތަށް ގެނެވިފައި މިވަނީ ޅޮހީ މީހުން ވާހަކަ ދައްކާ އުސްލޫބުންނެވެ. މި ލިޔުމުގެ ފޯރި ގެއްލިދާނެކަމަށް ބަލާފައި އެބަސްތަށް ބަދަލު ނުކުރީއެވެ. މިސާލު ސުވާލު ނިންމާ އިރުގައި "ތަ" ގެ ބަދަލުގައ "ތެ؟" މި ގޮތަށް ގެނައުން. (މިފަދަ ކުދި ބަދަލުތައް ހުންނާނެ ވާހަކަ އެޑިޓަރުގެ ސަމާލު ކަމަށް ދަންނަވާލަމެވެ.

އިދާރާ

ވާހަކަ