އަދުގެ ޚާއްސަ

Print

ރަށްފުށުގެ ދިރިއުޅުން - 02

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ


01 ވަނަބައި (07 އެޕްރީލް) އާ ގުޅޭ..

ޙުސައިން މަނިކު


އަލްމަރުޙޫމު ޢަލީ ޙުސައިން/ ނައިފަރު


ޙުސައިން މަނިކަކީ މިރަށުގައި ކުދިންނަށް ކިޔަވައިދޭން ލައިފައި ހުންނަ އެދުރުމަނިކޭ ކިޔާ މީހެއްގެ ހުންނަ ހަމައެކަނި ފިރިހެން ދަރިއެކެވެ. މިއީ ވަރަށް ހިތްއަލި ވިސްނުންތޫނު ކުއްޖެކެވެ. ވަރަށް ކުޑަކުޑަ އިރުގައިވެސް ވިސްނުންތެރި ވާހަކަ ދައްކަން ފަށައިފިއެވެ. ޢުމުރުން ހަތަރު ފަސް އަހަރުގެ ތެރޭގައި މައިންބަފައިންގެ އޯގާވެރިކަމުގެ ނަތީޖާއެއްގެ ގޮތުންނާއި އެމީހުންނީ ފޮތްތެރި ބައެއްގެ ދަލީލެއްގެ ގޮތުން ޢަރަބި އަކުރާއި ތާނަ އަކުރު ރަގަޅަށް ދަސްކޮށްފިއެވެ. އަދި މައިންބަފައިން ފަދައިން ކިޔެވުމަށް ލޯބިކުރާ ކުއްޖަކަށް ވެއްޖެއެވެ.


 ދެން ދިހަ ބާރަ އަހަރުތެރޭގައި އެޒަމާނުގައި ގެންގުޅޭ ޢާންމު ތަރުތީބު އެއްކޮޅުން އަނެއްކޮޅަށް ހިތުދަސްކޮށް ކީރިތި ޤުރުއާންވެސް ކޮންމެ ހިސާބަކުން އާޔަތެއް ފަށައިދިން ކަމުގައިވިޔަސް އެތައް ހިސާބަކަށް ކިޔާން އެނގޭވަރަށް ފަރިތަކޮށްފިއެވެ. މިއީ ވަރަށް ރަނގަޅު ބަސްއަހާ ކުއްޖެކެވެ. މަޑުމައިތިރި ހިމޭންކުއްޖެކެވެ. ހުންނަލެއް މަޑުކަމުން ދެކޭޭހައި މީހަކު ލޯބިވާނެއެވެ. އެހެނިހެން ކުޑަކުދިންހެން މަގުމަގަށް ނުކުމެ ކުޅޭކަށް ނޫޅެއެވެ. ކިތައްމެ ކުޑަ ކަމަކު ބޭރަށް ނިކުންނާންވިއަސް މަންމަ ނުވަތަ ބައްޕަގެ އިޒުނައަކާނުލައެއް ނުނިކުމެއެވެ. އެދެމީހުންވެސް މިދަރިފުޅުދެކެ ލޯބިވަނީ މުސްކުޅިވީ ދުވަހު ލިބުނު އެންމެ ދަރިއެއްކަމުން ޙައިރާންވާހައި ބޮޑަށެވެ. ހިނދުކޮޅެއްގައިވެސް ގާތަކުން ފެއެއްނުކުރެތެވެ. ކޮންމެ ތަނަކަށް ދިޔަނަމަވެސް އެކުގައި މީހަކު ނުލައެއް ނުފޮނުވައެވެ.

ދެން އޭނާއަށް 12 އަހަރު ފުރުނުފަހުން އެދުރުމަނިކު އޭނާ ކިޔަވަން މާލެއަށް ފޮނުވައިފިއެވެ. އެދުވަހުއްސުރެ އެދުވަހާ ޖެހެންދެން ހުރީ މާލޭގައެވެ. 10 އަހަރުވާންދެން މާލޭގައި ހުއްޓެވެ. އޭނާ މިއައީވެސް މަންމަ ނިޔާވެގެން ބައްޕަ ޚަބަރުކޮށްގެންނެވެ. އެހެންނޫނަސް ހުރީ އަންނާން ވެފައެވެ. ހިސާބަކަށް ހުރީ ކިޔެވިފައެވެ. މިއީ ގައިކުލައަލި، ހަށިގަނޑު މެދުމިން ރޫފަޔާ އިސްކޮޅު ހަމަހަމަ މެދުމިން ދޮންކުލައެއްގައިވާ ކުއްޖެކެވެ. ބުއްދިވެރިކަމަށް ދަލީލުކުރާ ބޮޑު ނިތްކުރިއަކާއި ވިސްނުންތެރިކަމަށް ހެކިދޭ ކަޅިރަވަތޫނު ދެލޮލާއި ހީވާގި ކަމަށްގޮވާ ގުނަންތަކެއް ލިބިފައިވާ ކުއްޖެކެވެ.
     
މީނާ ރަށަށް އައުމާއެކު އެފުރައިގެ ރަނގަޅު ކަހަލަ ކުދީން އޭނާއާ އެކުލަވައިގެން މަޢުލޫމާތު ތަނަވަސްކުރާން އުޅެގެންފިއެވެ. މީގެ ތެރޭން މުދިމުގޭ އަޙްމަދުފުޅާއި ރުށްގޭ އިބްރާހީމްފުޅާއި، މަރުވި މުދިމު ކަލޭގެ ޔޫސުފްކޮޔާއި ތިންކުދިންނަކީ އެހެނިހެން ކުދިންނާއި ޚާއްސަގޮތަކަށް އޭނާއާ އެކުލަވައިގެން އެރަށުގައިތިބި އެފުރައިގެ އެންމެ ތަންދޮރު ދަންނަ ތިންކުދިންނެވެ. މިއަކީ ވާހަކައަކަށް ހަދާންވީ ކަމެއްނޫނެވެ. ގިނަަ ފަހަރަށް ދިމާވާގޮތެވެ. މީހަކު އެންމެބޮޑަށް އެކުލަވާނީ، އެމީހަކާއި އެންމެ ގާތަށް މަޢުލޫމާތު ލިބިފައިވާ ބައެކެވެ.

ދަނޑިމަހު ފާތިޙާފުޅު

     
ޝައްވާލުމަހު 22 ވިލޭރޭ ކެޔޮޅު ހަސަނުގެއަށް ދަނޑިމަހު ފާތިޙާފުޅަށް ގެންގޮއްސައި ތިބިތަން ފެންނަނީ އެއްވަރުގެ ޒުވާން ކުދީންކޮޅެކެވެ. މިފާތިޙާފުޅަކީ ކޮންމެ މަހަކު ފަނަރަވިލޭރެއަށް އެގޭގައި ކުރައްވާ ފާތިޙާފުޅެކެވެ. އެއީ މަސްއޮޑިން ދަނޑިމަހޭ ކިޔައިގެން ނަގާ މަހެއްގެ ޚަރަދުގައި ކުރައްވާ ފާތިޙާފުޅެކެވެ. ގިނަ ކެޔޮޅުންގެ ގޭގައި މިފާތިހާއަށް ގެންދަނީ އޮޑިން މަހަށްދާ މީހުންނެވެ. އެކަމަކު ހަސަނަކީ އެހެންމީހުންނާ ޚިލާފް ވިސްނުމެއް ހުންނަ މީހެއްކަމުން އޭނާ މިފާތިހާއަށް ހޯދާނީ ރަށުގެ ރަގަނޅުކަހަލަ މީހުންނެވެ. އަދި އޭނާގެ ހެޔޮކަމުން މިފާތިހާއަށް އަމިއްލަގޮތުންވެސް ކިތަންމެ ޚަރަދެއްކުރެއެވެ. މިމަހު މިހައި ފަސްވާން ޖެހުނީ މާލެދިޔަ އޮޑިލަސްވުމުގެ ސަބަބުންނެވެ.
     
ފާތިހާފުޅަށް މީހުން ޙާޟިރުވީތަނާ ފެންދޭން ކުރަޔަކާއި ލޯގަނޑާއި ހިފައިގެން ނިކުތީ އެ ހަސަނުގެ ދަރިފުޅު ހަސީނާއެވެ. އެއީ އެޒަމާނުގައި ރަށްފުށުގެ އަދަބު ނަފީކުރާކަމެއްނޫނެވެ. އެއިރު ކޮންމެ ގެއެއްގައިވެސް މިކަހަލަ ކަންކަމަށް އިސްވެއުޅޭނީ އެގެއެއްގެ އަންހެނުންނެވެ. އަދި އެނޫނަސް މިރެއަކީ ހަސީނާއަށް އަހަރެއްފުރުނު ޞަލަވާތްފުޅާވެސް އެއްކޮށްލައިގެން އުޅޭރެއެކެވެ. އެހެންވީމާވެސް އެމީހުންގެ އާދަ އޮންނަ ގޮތުން އޮތީ އެކަމަށް ހަސީނާ ނުކުންނަން ޖެހިފައެވެ. ހަސީނާ ފެންހިފައިގެން އައިސް ފުރަތަމަ ފޯރުވައިލީ ސަރަންފީގޮނޑީގައި އިން ޒުވާނެއްގެ އަތަށެވެ. އެމީހަކު ދަންނަ ކޮންމެ މީހަކަށްމެ އެއީ އެދުރުމަނިކުގެ ހުސައިންމަނިކު ކަން އެނގޭނެއެވެ.
     
އެންމެން އަށިމައްޗަށް އެރިއިރު ކަންތައްތައް ހުރީ އާދަޔާ ޚިލާފްގޮތަކަށެވެ. ހަސީނާއަށް 16 އަހަރުފުރުނު ޞަލަވާތްފުޅާވެސް އެކުކަން އެނގެއެވެ. ކައްކާފައިހުރީ 2 ނަންބަރު ހަނޑުލުގައި ރޫސިހާ ބަތާއި ފެންބަތެވެ. ދެން ކުކުޅުރިހައާއި މިރުހުލީ މަހާއި ކަނޑުކުކުޅާއި މުގުރިހަޔާއި ހިއްޗެވެ. ބޮނޑިބަތުން ގޮދަނާއި ދެވައްތަރުގެ ސާގާއި ހަނޑުލުބޮނޑިބަތް ހުއްޓެވެ. ބަނބުކޭލު ބޮނޑިބަތާއި ކައްޓަލާގައި ކައްކާފައި ހުރި ބޮނޑިބަތްވެސް ހުއްޓެވެ. ދެންހުރީ ބޮޑުފިޔާ ސަޓަންޏާއި ފަޅޮލު ސަޓަންޏެވެ. ބިލިމަގު އަސާރަޔާއި އަނބު އަސާރައެވެ. އަދި ފުފުލު ފަންޏާއި ސާގުފަނިވެސް ކައްކާފައިވެއެވެ. މި ސުފުރާމަތީގެ އެންމެބޮޑު ފުރިހަމަކަމަކީ ކުދިވަރުގެ ތަށިތަށީގައި ހުރި ވައްތަރު ވައްތަރުގެ މަސްހުނީގެ ބާވަތްތަކެވެ.
     
ބޮޑުއަށީގެ އެއްކޮޅުން އަނެއްކޮޅަށްވަނީ ދިގު ސުފުރާއަޅައިފައެވެ. ތަށިތައް އަތުރާފައިހުރީ ވަރަށް ޙިކުމަތްތެރި އަތަކުންނެވެ. ކޮންމެ ތަނެއްގައި އިންނަ މީހަކަށްވެސް ހުރިހައި ބާވަތެއްގެ ތަށްޓަކަށް އުނދަގުލަކާނުލައި އަތްފޯރާނޭ ތަރުތީބަކުންނެވެ. ވަށައިގެން ވަކިތަށި ބަހައްޓާފައިވެއެވެ. އަދި އެންމެންނަށް އަށިމައްޗަށް ނޭރޭނެހެން ހީވާތީ އަށީގެ ކައިރީގައި ދިގު ގޮނޑިއެއް ބަހައްޓާފައިވެއެވެ.
    
 އެންމެން އަރައި ހަމަޖެހުމަށްފަހު ހުސައިން މަނިކު " ބިސްމިﷲ" އޭ ކިޔައި ފަށައިގަތުމުން ހުރިހައިމީހުންވެސް ފަށައިގެންފިއެވެ. ހަސީނާ މެދުބުރީގައިހުރި އުނދޯއްޔެއްގައި އަރައި މަޑުމަޑުން ހެއްލަ ހެއްލައި އިނދެއެވެ. އުނދޯލި އެބިތަށްގޮސްފައި މި ބިތަށް އަންނަ ކޮންމެ ފަހަރަކު ދޮރުފޮތިގަނޑު ހަމަނުޖެހި ހުރިތަންކޮޅުން ބޮޑުއަށި ބޯލާކޮޅުގައި އިމާމަކަށް ވެގެން އިންމީހާ ފެންނާނެއެވެ. ހަސީނާ އެއިންނަނީ ކައި ނިމުނީމާ ފެންދޭން ދާން ބަލަބަލައެވެ.
     
އިރުކޮޅަކުން އެންމެން ކައި އަވަދިވެއްޖެއެވެ. ހަސީނާ ފެންހިފައިގެން އައިސް ފުރަތަމައަށް ދޮއްވައިލީ ހުސައިން މަނިކުގެ އަތެވެ.އަތްދޮވެ އަވަދިވެގެން ސަރަންފީ ގޮނޑިއަށް ދާން ހުސައިންމަނިކު ތެދުވުމުން ހަސީނާ ބޭރުގޭ ދޮރުކައިރިއަށް ޖެހިލާ ބިތުގައި ލައްގެންފިއެވެ. އެއީ ހުސައިން މަނިކު ދިޔުމަށް މަގު ތަނަވަސްކުޅައުމަށެވެ. ނަމަވެސް އެބިތާ ބޮޑުއަށި ކައިރީގައި ބަހައްޓާފައި ހުރި ދިގުގޮނޑިއާއި ދެމެދު މާބޮޑުތަނެއް ނެތެވެ. އެހެންކަމުން ދާންޖެހުނީ ހަސީނާއާއި އެ ގޮނޑިއާއި ދެމެދުއޮތް ހަނިހަނި ދޭތެރެއިން ލާފައެވެ. ހުސައިންމަނިކު ގޮސް ގޮނޑީގައި އިށީނުމާއެކު ހަސީނާ މާހަރެއްކޮށް އެހެންމީހެއްގެ އަތްވެސްދޮއްވައި ނުލައިގޮސް މެދުބުރިއަށް ވަދެއްޖެއެވެ.. އެމީހުން ވިސްނައި ބެލިއްޔާ އެދަނީ ކޮރުގޮތަކަށް ހިނގަމުންކަން އެގޭނެއެވެ. ފަހުން ފެންދޭން ނިކުތީ ކުޑަވަރެއްގެ ފިރިހެންކުއްޖެކެވެ.
     
ފާތިޙާ ކިޔަވަން ތިބިއިރު އެތެރެގޭގައި މީހުންއުޅޭ އަޑު އިވެއެވެ. އެބަޔަކު ވާހަކަދައްކަނީ ތަންކޮޅެއް މަޑުންނެވެ. ބޭރުގައި ތިބިމީހުންނަށް އިވިދާނެތީ އުޅޭހެން ހީވެއެވެ. އެކަމަކު އެދައްކާ ވާހަކައެއްގެ ބައެއްބަސްބަސް މިހިސާބަށްވެސް އިވެއެވެ. އެއޮތީ އެކަށް ފިސްވެފައޭ ތަދުވޭހޭ އެކަކު ބުނާ އަޑުއިވެއެވެ. ނޫނެކޭ ތަންކޮޅެއް އުނދަގޫ ގޮތަކަށް މާ ބޮޑެއްކޮށް ތަދެއްނުވެއޭ އަނެކަކު ބުނާ އަޑުއިވެއެވެ. އެއަޑު އިވުމުން ގޮނޑިއާ ދިމާލަށް އައިއިރު، ފައިވާނުން މަޑުއެއްޗަކަށް އެރުނުހެން ހީވިކަމާ އެތަންވަޅު ހަސީނާ މަޑުމަޑުން ޗޫހެއް ލައްވައިލިކަން ހުސައިންމަނިކަށް ހަނދާންވެއްޖެއެވެ. ދެން އެއެރުނު އެއްޗަކީ ހަސީނާގެ ފައިކަން ޔަގީންވެ އެކަމާ ވަރަށް ދެރަވެއްޖެއެވެ.
ޢީދުގެ ފަހުދުވަސް
     
ޛުލްޙިއްޖާމަހުގެ 13 ވަނަދުވަހު ޢަޞުރުން އިރުތިރިވި ފަހުން ފަރާތްފަރާތަށް ޢީދުގެ ކުލަތައް ފައުޅުވާން ފަށައިފިއެވެ. ކުލަ ކުލައިގެ ހެދުންއަޅައިގެން މަގުމަގުމަތީގައި ކުދީންތައް ދެކޮޅު ދެކޮޅަށް ހިނގާން ފަށައިފިއެވެ. އިރު އަޑިޔަށް ދިޔަ ދިޔަހެން އުދަރެހުގައި ހުންނަ ވިލާޔަށް ކުލަކުލަ އަރާހެން އިރު ތިރިވިތިރިވިހެން މަގުތަކާއި އަނގޮޅިތަކުގައިވެސް ހުންނަނީ ކުލަ ބަދަލުވެ ބަދަލުވެއެވެ. ފަސްގަޑިބައިވީފަހުން މަގުތަކާއި އަތިރި އަތިރީގައި ރިވެތި ފޭރާންތަކުން ނަލަހެދިގެންވާ ކުދީން ދުވެދުވެފައި ހީނ ސަމާސާކޮށް ސަކަރާތްޖަހަނީ ދެކޭ ކޮންމެ މީހަކަށްވެސް ޢީދުގެ ފަހުދުވަސްކަން އެނގޭވަރަށެވެ. އެއޮތްތަނަކުން ކަށިކުޅެނީއެވެ. މިއޮތްތަނަކުން ލޮނިކުޅެނީއެވެ. މިއީ ބޮނޑިކުޅޭ ކުދިންނެވެ. ބައެއްކުދިން ނުބައިވަނީ ބޮނޑީގައި ލައްވައިނުލުމުންނެވެ. އެންމެފަހުން އެރި ކުއްޖާ އެނުބައިކޮށްލީ ބޮނޑިހިފައިގެންނެވެ. އަނެއްމަގުގައި މާބޮޑެތި ބަޔަކު އެކުޅެނީ މަންޑިއެވެ. ވަރަށް ކުޅަދާނަ ކުޅުންތެރިންވެސް ފެނެއެވެ. މިހާރު އެކުޅެނީ ވަރަށް ހުޝިޔާރު މީހެކެވެ. ވަޅުން އަރުވާލި ފޯލިވެސް ހާދަހާ މައްޗަކަށް އަރައެވެ. ކުރިއަށް ދެފިޔަވަޅެއް އަޅައިފައި ބޮލުމަތީގައި ދެފަހަރަކު ދަނޑިގަނޑު އަނބުރާލާފައި ޖަހައިލާއިރު ދުންބުރައިލައިފައި މީހުންގެ އަތްތައް ފޫދުއްވާފައިދާ ބައެއްފޯލި އަރުވާތަން ފެންނަނީ މޫދުންނެވެ.
     
އެހެނިހެން މީހުންނާއި ތަންކޮޅެއް ދުރުދުރުން އެއްގަން ފަރާތުން އެތިބަ އަންނަ ދާދި އެއްއިސްކޮޅެއްގެ ދެތިން ހަތަރު ޒުވާނުންނަކީ އެދުރުގޭ ހުސައިންމަނިކާ، މުދިމު ތައްޚާނުގެ ޔޫސުފްކޮޔާއި ރުށްގޭ އިބްރާހިމްފުޅާއި އަދިވެސް ދެތިން މީހެކެވެ. އެބައިމީހުން އައިސް މަންޑިކުޅޭތާ ހުއްޓިތިބެލާފައި އެދަނީ މާލަހެއްނުވެ އަނެއް މަގާދިމާލަށެވެ. އެމަގުގައި ކުޑަކުދިން ކަށިކުޅޭތާވެސް މަޑުކޮށްލައިފައި މިހާރު އެފައިބަނީ އެމަގުގެ ގޮނޑުދޮށަށެވެ. އެތިބަ އިށީންނަނީ ގުންޑޮޅިމަތީ ދޮންފަސްގަނޑުގައެވެ. އެމީހުން ކުރާކަމެއްދެކި ދައްކާ ވާހަކައެއް އަޑުއަހައިލަމާ އަންނާށެވެ. ހުރިހައި މީހުންގޮސް އިށީނދެ ހަމަޖެހުމާއެކު:-
      ހުސައިންމަނިކު: މިއަދު އަހަރުމެންގެ އަހުމަދުފުޅު ރަށުގައިނެތީތަ؟ އެއްގޮތަކަށްވެސް ނުފެނެޔޭ.

      ކޮންމެވެސް ކުއްޖަކު: ރަށުގައި އެބަހުރި، އެގޭގައި މިރޭ ކަމެއްއޮތީ ކަންނޭގެ، ވަރަށްބޮޑު ސައިކުރައެއް ދޮންނަތަން ފެނުނު. އެކަމާހެދިނާދެވޭނީ.
      ހުސައިންމަނިކު: އެއީ ކޮންކަހަލަ ކަމެއްބާ؟

      އެކުއްޖަކު: ހީނލާފައި ނޭގެ! އަހުމަދުފުޅު މީހަކާ އިންނާން ކަމަށްވެސް ވެދާނެ.

      ހުސައިންމަނިކު: ތިޔަވަރު ކަމެއްވިއްޔާ އަހަރުމެންނަށްވެސް އެނގޭނެ ނޫންބާ!

      އެކުއްޖަކު: އިހަށް އަހުމަދުފުޅު މީހަކާއިންރޭވެސް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ނުދެނަހުރީމު. ހިސާބަށްވުރެ އެކަހަލަ ކަންތައްއުޅޭނީ ސިއްރުކުރާން. ނުއިނދެފިއްޔާ ދެރަވާނެތީ ކަންނޭގެ.

      ހުސައިންމަނިކު: އެކަމަކު އަޅުގަނޑަށް ނޭގި ތިޔަކަހަލަ ބޮޑުކަމެއް ކުރާނެހެނެއް ހިޔެއްނުވޭ. މާކުދިކުދި ކަންތަކާވެސް އަޅުގަނޑާ ލަފާ ކިޔަންޏާ.

      އެހެންކުއްޖަކު: އެއީ ތިޔަކަހަލަ ކަމެއްނޫން. އެނެންޏާވެސް ޢީދު ފުރުވައިލާ ރެއަށް އެގޭގައި ޞަލަވާތްފުޅުކިޔާނެ.

      ޔޫސުފުކޮއި: ހުސައިންމަނިކާ މީހުންނާ އިނުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިއީ އަޅުގަނޑުގެ ހިތުގައި ވަރަށްގިނަ ދުވަހުއްސުރެ ހިނގާ ޚިޔާލެކޭ. ހަމަ ކޮންމެ މީހަކަށްވެސް ސުންނަތް ކަމަކީތޯ؟ އެހެންކަމަށް ވަންޏާ މިދެކޭ ހިތާމަވެރި މަންޒަރު ދުވަހަކުވެސް އަޅުގަނޑުމެންގެ ކުރިމައްޗަކުން ނުފިލާނެ. އަޅުގަނޑުހިތުން މިސުންނަތަކީ މީހާއާއި އިސްލާމީ މުޖުތަމަޢައަށް އެތައް ފައިދާއެއް އޮންނަ ގޮތަކަށް އަމުރުވެވިފައި އޮންނަކަމެއް. ހިތަށްއެރިހައި މީހަކާ ހިތަށްއެރިހައި ފަހަރަކު މީހުން އިންނަމުން ދަންޏާ ހާދަހާ ދެރައޭ. ހާދަހައި ހިތާމަވެރިއޭ.
    
 ހުސައިންމަނިކު: ތިޔައީ ތެދެއް. ހުރިހައި ސުންނަތެއްވެސް ހުންނަނީ ތިޔަހެން. މީހުނާ އިނުންވެސް ހަމައެގޮތް. ޔޫސުފުކޮޔަށް ނުވިސްނުނީތާ. މާފަސޭހައިން އެނގެންވެސް އޮތްކަމެކޭ. ނިކަންވިސްނައިލަބަލާ މީހުންނާއި އިނދެގެން އުޅޭމީހުންނާއި ނުއިނދެއުޅޭ މީހުންނާއި ކުރެން ރައްކައުތެރީކޮން ބައެއްތޯ؟ އެސުންނަތް އަދާކޮށްގެން ތިބޭ މީހުންގެ މަގު ކިހައި ސާފުތޯ؟
    
 ޔޫސުފުކޮއި: ލައްބަ. ތިޔަރޮނގުން ބަލާއިރު ތިޔަހެނެއްކަމަކު އެހެން ރޮނގަކުން މާނުރައްކާތެރި ތަނެއްއާދެޔޭ. ނިކަން އެތިބައުޅޭ ފަޤީރުކުދިންތަކަށް ބައްލަވާ. ކާންދީ ބަލާނެ މީހަކުނެތި އެގޮތްމިގޮތަށް އެތަން މިތާގައި ޖަނަވާރުތަކެއްހެން އެއުޅެނީ ކީއްވެގެންތޯ؟ އަންނާނޭ ފޮތިމުށެއްނުލިބި މީހުންއުކާފައި ހުންނަ ނުތާހިރު ފޮތިކޮޅުކޮޅު ޖަހައިގެން ކާނޭ އޮއްޓަރެއް ނުލިބި ބަނޑަށް ހިނދެނީ ކިހައި ކުދިންނެއްތޯ؟ އެއިންކުއްޖަކު ދެކެފައި މީހަކު ހިތާމައިން ދެރަވެސްވާނެ. ފަކުރުން ހޮޑުވެސްލާނެ. ކާންނުލިބުމުގެ ސަބަބުން ހިކިގެންގޮސް ނުފެންނަ ކަށިގަނޑެއް ނުހުރޭ. ހަޑިވެގެންގޮސް މުޑުދާރުވެގެން މީހަކަށް ވައިއެޅިލަން ނުކެރޭ. ނިދުމަކަށްވެސް ވަކި ތަނެއްނެތި ގަސްގަސްދޮށުގަޔާ ބިންބިންމަތީގައި ނިދައި އުޅެނީ. ނިކަން ފިކުރު ކުރައްވާ. އެއީ މާތްކަލާނގެ ޙުރުމަތްތެރި ކުރެއްވި އިންސާނުންނޭ. އެކުދިން އެނިކަމެތި ދަރަޖައަކަށް ވެއްޓުމުގެ ސަބަބަކީ ކޮބައިތޯ؟ އެއީ ދަރިއަކު ބަލާހައި ތަނަވަސްކަމެއްނެތް ޙާލުމީހުންނާ އިނދެގެން ލިބިފައިތިބޭ ދަރިން. އެފަދަ ތަނަވަސްކަމެއްނެތި މީހުންނާ އިންނަ ކޮންމެމީހެއްގެ ދަރިން ވެއްޓޭނީ އެނިކަމެތި ދަރަޖައަށް. މާތްރަސްކަލާނގެ ޙުރުމަތްތެރިކުރެއްވި އިންސާނާ މިނަންގަތް ކަހަލަ ނިކަމެތި ދަރަޖައަށް ވައްޓައިލާ ކާވެންޏެއް އަޅުގަނޑު ހިތުން ހަރާމާ ދާދި އެއްވަރެއް ނުވެއެއް ނުދާނެ.
     
ހުސައިންމަނިކު: ޝައްކެއްނެތް، ތިޔައީ ވަރަށް މުޙިންމު ޚިޔާލެއް، އަދި އެހައިމެ ބޮޑު ތެދެއް. އަޅުގަނޑުވެސް ތިޔަކަމާ އެއްބަސްވާނަން. ދަރިން ބެލޭނެގޮތްނެތް މީހުން މީހުންނާ އިނުމަކީ ހެޔޮނުވާނޭ ކަމެއް. އެހެންނޫނީ ޒިނޭ ޙަރާމް ކުރައްވައި ކާވެނި ސުންނަތް ކުރެއްވުމުގެ މަޢުނަވެސްނެތީ. މީހުންނާ އިނުމުގެ ހުރިހައިވެސް ބޭނުމަކީ އިންސާނުންތަކެއް ދުނިޔެއަށް އައުން. ޖަނަވާރުތަކެއްނޫން. އިންސާނުންތަކެއް ދުނިޔެއަށް ގެނެސް ޖަނަވާރުންނާ އެއްދަރަޖައަކަށް ދޫކޮށްލުންއެއީ ހުއްދަކަމެއް ނަަމަކާ، ޒިނޭ ޙަރާމްކުރެއްވުމުގެ އެއްވެސް ޙިކުމަތެއް ނުއޮތީސް. ދެންމެ ޔޫސުފްކޮއި ތިޔަބުނި ކުދިންނާއި ޒިނޭގެ ކުދިންނާއި އެއްވެސް ތަފާތެއް އެބައޮތްތޯ؟ އެހެންވީމާ ތިޔަބުނާ ކައިވެނި ޙަރާމުގެ ކޮންމެސް ދަރަޖައެއްގައި ނުވެއެއްނުދާނެ. މިކަހަލަ ކަންތައް ހިނގަމުން ދިއުމަކީ ތިބޭ މީހުންވެސް ފާފަވެރިވާނޭކަމެއް.
    
 ހުސައިންމަނިކުގެ ވާހަކަ ހުއްޓާލައިފައި އުދަރެހާ ދިމާލަށް ބަލައިލާފައި، އިރުވެސް އޮއްސެނީއޭ، ތުނޑިމައްޗަށްވެސް ނުކުމެލާންވާނެޔޭ، ކިޔާފައި ތެދުވެއްޖެއެވެ. އެހެންކުދިންވެސް ތެދުވެ ހަރުވާޅުން ވެލިފޮޅާލައި މުންޑު ހެޔޮކޮށްލައިފައި ތުނޑިއަށް ފައިބާން އޮންނަ ބޮޑުމަގާ ދިމާލަށް ހިނގައި ގެންފިއެވެ. އެއިރު ވިލާގަނޑަކާ ނިވައިވެގެން ނުފެނުނަސް އިރު ހުންނާނީ ފެނުގައިޖެހިފައެވެ.

      ފަން ކުޅުން

    

 މިހިސާބަށް އައިސް މިރަށުގެ އެހެން މަގަކަށްވެސް ކަޅިއެއް އަޅައިނުލައި ދިއުމެއް ފަސޭހަ ކަމަކަށް ނުވިއެވެ. އެފެންނަނީ ބޮޑު ހިޔާމަގެވެ. އެމަގުގެ ގޮނޑުދޮށުގެ ރީތިފަސްގަނޑެވެ. ބިޔަކާނިގަސްތަކުގެ ރަތްކުލައިގެ މާތަކާއި ފެހިކުލައިގެ ފަތްތަކެވެ. އެކޮޅުން އެފެންނަނީ އުދަރެހެވެ. ކުލަކުލައިގެ ވިލާތައް އެހުރީ އެގޮތްމިގޮތަށް އުކާލެވިފައެވެ. ދަންނަ ކުލައަށްވުރެ ނުދަންނަ ކުލައެއް މަދެއްނޫނެވެ. އެކަމަކު އެންމެ ގިނައިން އެފެންނަނީ ރަތްކުލައާއި ރީނދޫ ކުލައެވެ. މަގުގެ ކޮޅުގައި އެހެރަ ކުލަވަރަކީ ރަތްވިލައިގެ ސަބަބުން އަޅާފައިވާ ދަޅައެއްނޫނެވެ. އެފެންނަންއުޅެނީ ފަންކުޅުމުގެ މަނަޒަރެވެ. އެއީ ހުދުފަސްގަނޑުގެ މަތީގައި ތިބިމީހުންނާއި ކުދިން އަޅައިގެންވާ ރީތި ހެދުންތަކުގެ ކުލައެވެ. ބަގީޗާތަކުގައި މާތައްފޮޅިފައި އޮންނަ މޫސުމް ހަނދާންކޮށްދެއެވެ. ދެކޮޅުން ދެކޮޅަށް ދުވާކުދިން ނިވައިވެފައި ފެންނައިރު މާކޯޅިތައްވަޔާ ހެލިލަ ހެލިލައި ހުންނަގޮތް އެދައްކަނީވެސް އެދައްކަނީވެސް އެހައި އުފާވެރިގޮތަށެވެ. އެހެރަ އިވެނީ އުފާވެރިކަމުގެ އަޑުތަކެވެ. އުޅައިތަކާއި ފައްޓަރުތަކުގެ ފޮތިތައް ތެޅިގަންނަ އަޑުފަށްގަނޑެވެ.
     
މިހާރުފަންކުޅޭތަން އެފެންނަނީއެވެ. ދާދި އެއްފުރާއެއްގެ އަންހެނުންތަކެކެވެ. ހެދިލާފައި އެތިބީ ވަރުގެ ކޮޅަށެވެ. ބައެއްމީހުން ލައިގެން އެތިބީ ކަޅުލިބާހެވެ. ބައެއްމީހުން ފެހި ލިބާހެވެ. އަނެއްބައިމީހުން ރަތްލިބާހެވެ. ބުރުގާ ތަކުގެ ކުލަތަކަށް ވިސްނާލާއިރު އުދަރެހުން އެދައްކާ ކުލަތަކަށްވުރެ މާ ފުރިހަމައެވެ. އެތާނގައި ނެތްކުލައެއް އުދަރެހުން ނުފެނެއެވެ. އުދަރެހުން ނުފެންނަ ހާސްކުލަ އެތާގައި ވެއެވެ. ބައެއް ބުރުގާވަނީ މާޖަހާފައެވެ. ބައެއްބުރުގާ އަތްދުތް ލައިފައެވެ. ގިނަމީހުން ބުރުގާ އަޅައިގެންތިއްބެއް ކަމަކު މުސްކުޅިގޮތަށްތިބި ބައެއްމީހުންވެސް ފެނެއެވެ. އެބައިމީހުންގެ ލިބާހުގެކަރު ފުރައިލައިފައިވާ ރަންކަސަބާއި ރިހިކަސަބުގެ ހިރުތަކުގެ މައްޗަށް ވިދަވިދާހުރި ރަތްވިލާގެ ދަޅައެޅުނު އެޅުނުހެން ހީވަނީ...... ބުނާންވެސް ނޭގެއެވެ.
     
ފަން ބަލަހައްޓާން ހުރިކުއްޖަކު ކުޅުމަކަށް މާބޮޑުއެދުމެއްނެތެވެ. އޭނާގެ ބޭނުމަކީ ނަލަދެއްކުން އެކަންޏެވެ. ގިނައިން ހުންނަނީވެސް އެހެން ދިމަދިމާއަށް ބަލާށެވެ. އެކުއްޖަކު ލައިގެން އެހުރީ ކަޅުފެހިކުލައިގެ ލިބާހެކެވެ. އަޅައިގެންހުރީ މަޑުފިޔާތޮށިކުލައިގެ ބުރުގާއެކެވެ. މަލެއް އަތްދުތެއްނެތެވެ. ނިތްކުރިމަތީގެ އިސްތަށިގަނޑުވަނީ ފިނިފެންމަލެއްގެ ފަޅިވަރެއްގެ މިސާލަށް ނިތްކުރިމައްޗަށް ނެރެފައެވެ. ކަނާތުކަންފަތްމަތީގައި ހުޅިއާއި ބުރުގާޔާއި އެއްކޮށް ޖަހައިފައިވާ ކޮކާލެއް މަލެއްގައި އިށީނދެއިން ކޮކާލަކާއި ހާދަހައި ވައްތަރެވެ.

ފަނާއިގެން ދުވާކުދިން އެދިމާއަށް ދާންހެދީމާ ކުރިބެދޭގޮތަށް ނިކުމެ، ފަންއަތުލައިގެން ތަންކޮޅަކަށް ދުވާއިރަށް ފަހަތުން އައިކުދިން އެދިޔައީ އޭނާއަތުންވެސް ފަންއަތުލައިގެންނެވެ. ދެންވެސް ހުޅީގައި އޮބައިލައިފައި ބުރުގާގެ އަނގައިގެ ތެރެއަށް އަތްލައި ދަތްދޮޅީގެ ދަށާއި ނިތްކުރީގެ އިސްތަށިގަނޑުގެ މައްޗަށްވާނޭހެން އަތްހިންގައިލައި ރީތިކޮށްލާފައިގޮސް "ފަން" ދޮށަށް ހުއްޓިއްޖެއެވެ.
    
 މިހާރު އިރުކޮޅެއްވިއްޔާ އިރުކޮޅަކަށް ދުވާލުގެ އަލިކަންކެނޑި ދުނިޔެމައްޗަށް ރޭކުލަ ޖަހަނީއެވެ. އިރުގެ ބަދަލުގައި ދުނިޔެއަށް އަލިކުރުމަށް ތަރިތަކާއި ހަނދު ގާއިމްވެއްޖެއެވެ. ކުޅެންތިބިކުދިންވެސް އެއްކުއްޖަކުން ދެކުއްޖަކުން ކުޅޭބައިން ނިކުމެގެން އެއްގަމަށް އަރައިގެންދާން ހަދައިފިއެވެ. (ނުނިމޭ)

އިދާރާ

ވާހަކަ