ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި
މި ލިޔުންވާނީ، ޕޮލިސް ލައިފް މާރޗު 2009ގެ ޢަދަދުގައި ޝާއިޢު ކުރެވިފައެވެ.
ޤައުމުގެ އުންމީދު، މެންދުރުގެ އިރު ފަދަ އެވެ.
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
އަޅުގަނޑުމެން ކީރިތި ރަސޫލާގެ ޢިދު މީލާދު ފާހަގަކުރީ ދާދި މިދާކަށް ދުވަހުއެވެ. މި އަދު މި ފާހަގަ ކުރަނީ ރާއްޖެ އިސްލާމްވި ދުވަހެވެ. އިރާދަ ކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން، އަދި މިނިވަން ދުވަހުގެ ނަމުގައި ވެސް ދުވަހެއް ފާހަގަ ކުރާނޫ އެވެ. މި ދުވަސްތައް ފާހަގަ ކުރަނީ، އެކަމުގައި ބޭނުންތެރި މަޤުޞަދުތަކެއް ހިމެނިފައިވާތީ އެވެ. ފުން މާނަތަކެއް އެކުލެވިގެންވާތީ އެވެ. ޤައުމީ ފެންވަރުގައި ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ޢިބްރަތްތަކެއް ހުންނަކަމަށްޓަކަ އެވެ.
ހިޖުރައިން 548ގައި ރާއްޖެ ލިބިގަތް އިސްލާމް ދީނުގެ މަތިވެރި ހިޔާވަހި ކަމަށް މިހާރު އެއްހާސް އަހަރު ފުރެން ގާތްވެއްޖެ އެވެ. އެހެންކަމުން މި ފަދަ މުނާސަބަތެއް ފާހަގަކުރާ އިރު މި އަދު އަޅުގަނޑުމެން މި ތިބަ ގޮތާ މެދު ފިކުރެއް ހިންގާލުމަށްވުރެ، މިހިނދަށް އަޅުގަނޑުމެން ކުރުން ބޭނުންތެރި، މުހިންމު އެހެންކަމެއް އޮތްކަމަކަށް ނުދެކެމެވެ. އިސްލާމީ ހިޔަލުގައި އެ ދުވަހާ މި ދުވަހުގެ ތަފާތު ބޮޑުކަމުންނެވެ.
ފާއިތުވީ ދިގު ޒަމާންތަކުގައި ދިވެހި ރާއްޖެ ޒިޔާރަތްކުރި، ބޭރުގެ ލިޔުންތެރިން ރާއްޖެ ސިފަކޮށްފައިވަނީ ހުރިހާ ހިތްގައިމުކަމެއްގެ މަރުކަޒުގެ ގޮތުގައެވެ. ޢަރަބިންގެ މަޝްހޫރު ލިޔުންތެރިޔާ ޑރ. އިބްރާހީމް ފައުޒީ ލިޔުއްވަނީ، ދިވެހި ރާއްޖެ އަކީ މި ދުނިޔޭގެ ބިންމަތީގައި ލައްވާފައިވާ މާތް ﷲގެ ސުވަރުގެ ކަމަށެވެ. އިބްނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި ދިވެހިންނަކީ ދީންވެރި އަދަބުވެރިބައެކެވެ. މަޑުމައިތިރި އީމާންތެރި ބައެކެވެ. ސާފުތާހިރު އުޅުންތެރި ބައެކެވެ. އެ މީހުންގެ މުދަލަށް ގެއްލުންދޭން، އެ މީހުންނަށް ގޯނާ ކުރާން މި ސަރަޙައްދުގެ ކަނޑުފޭރޭ މީހުންވެސް ޖެހިލުންވެއެވެ. ސަބަބަކީ ދިވެހިންގެ ދީންވެރިކަމާއި ތަޤުވާވެރިކަމެވެ. ދިވެހިންނަށް ޤުދުރަތީގޮތުން ދެއްވާފައިވާ ރޫޙާނީ ޢިނާޔަތްތެރިކަމެވެ. ކަރާމާތުގެ ބާރެވެ. މި ސަބަބަށްޓަކައި އިބްނު ބަޠޫޠާ ވިދާޅުވަނީ ދިވެހިންގެ ހަތިޔާރަކީ އެމީހުންގެ ދުޢާކަމަށެވެ.
ޒަމާންތަކެއް ވަންދެން ދިވެހި އިސްލާމީ ޝަޚްޞިއްޔަތު ދެމި އޮތީ، މި ފަދަ ނިޔާމަ ގޮތެއްގަ އެވެ. އެއް ސޫރައެއްގައެވެ. އެއް އަސްލެއްގެ ވަރުގަދަ ތަރަހައިގެ މަތީގަ އެވެ. މަޒުހަބީ ޚިލާފުތަކެއް ނެތެވެ. ދީނުގެ ކަންކަމުގައި އެކަކު އަނެކަކަށް ދޫނުބައިކުރުމެއް ނެތެވެ. ޖަދަލުކޮށް އަޑުލައި ހެދުމެއް ނެތެވެ. އޭރު އެންމެން ވެސް އުޅޭތަން ފެނުނީ އެއް ހަމަތަކެއްގެ މަތީގައެވެ. އެއް އުސޫލުތަކެއް ހިމެނޭ އެއް ރޫޙެއްގެ އެހީގައެވެ. އެކަމުގެ ސަބަބުން އާންމުންގެ ކުރިމަތީގައި ދީނަށާއި ދީނުގެ އިލްމުވެރިންނަށް އޮތް ޤަދަރު އުފުލިފައިވާތީ ފެނުނެވެ. ދީނުގެ ހައިބަތު މަތިވެރި ވެފައިވާތީ ފެނުނެވެ. ބަދަހިކަމާއި އެކުވެރިކަމުގެ މުޖުތަމަޢެއް ފެނުނެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް ހިތް ހެޔޮ ކަމާއެކު، ހިނިތުންވެލައި އުޅޭ މަންޒަރު ދުށީމެވެ. ތަޖުރިބާ ކުރީމެވެ.
އިސްލާމްދީން މުޖުތަމަޢަކަށް ފޯރުކޮށްދޭނެ އެންމެ އަގުހުރި އެއް ޖައުހަރަކީ، މި އެއްބަނޑު އެއްބަފައިކަމުގެ އުފާވެރިކަމެވެ. ޞުލްޙަވެރިކަމުގެ ހިޔާވަހިކަމެވެ. ކުލުނުވެރިކަމުގެ ލޮބުވެތިކަމެވެ. ދީނުގެ ޢިލްމުވެރިންގެ ހަރުދަނާ ވިސްނުންފުޅާއި މަސައްކަތްޕުޅުން މުޖުތަމަޢަށް ފޯރާފައިވަނީ، މި ދެންނެވި ސާފު މޫރިތި އަލިކަމެވެ.
ރާއްޖޭގެ ކުރީގެ ދީނީ ފޮތްތައް ކަމަށްވާ ބޮޑުތަރުތީބާއި، ތުއްތު ތަރުތީބާއި، އޭގެ ފަހުން ތަރުޖަމާ ކުރެވުނު ކީރިތި ރަސޫލާގެ ސީރަތުގެ މެސެޖުތަކުގެ ރޫޙަށް ބައްލަވާށެވެ. ގިނަ ބަޔަކު އެފޮތަކުން ނަމާދުގެ ކަންކަން ދަސްކުޅަ ތަޢުލީމުއްދިޔާނާއާއި އިރުޝާދުލް އަނާމު ފަދަ ފޮތްފޮތަށް ނަޒަރު ހިންގަވާ ލައްވާށެވެ! ނޫސް މަޖައްލާ ތަކުގެތެރޭން، އަލްއިޞްލާޙު، ސަރުކާރު ޚަބަރު، އަދި، އަމާޒު ފަދަ ނޫސް މަޖައްލާތަކަށް ފިކުރުފުޅު ހިންގަވާ ލައްވާށެވެ! ޢިލްމީ އެ ހުށަހެޅުއްވުންތައް ފެންނަނީ، ވަރަށް ހަރުދަނާ ކަމާއެކު އެއްވިސްނުންފުޅެއްގައި ޢިލްމުވެރިން ކުރައްވާފައިވާ އިޚްލާޞްތެރި ދީނީ ޚިދުމަތެއްގެ ގޮތުގައެވެ. ފަހަރެއްގައި ވެސް ކޮށާވަޅީ ތުނޑުން ކޮންނަވައިގެން ދީނުގެ ނަމުގައި ކުދިކުދި ކަވި ކަންތައްތައް ނަންގަވައި އާންމުންގެ ވިސްނުމަށް ނުކުޅަދާނަ ބުރަ ތަކުލީފުތައް ޖައްސަވަން އުޅުއްވާފައިވާތީ އެއް ނުފެނެ އެވެ. އެ ފަދަ ލިޔުންތަކުން ފެންނަނީ، ލިޔުނު މީހާގެ މޮޅުކަން ދައްކަން އުޅޭކަހަލަ ސިފައެއް ފެނުމުގެ ބަދަލުގައި، ކިޔާމީހުންނަށް އެމީހުންގެ ފެންވަރުން ކަންކަން އޮޅުންފިލުއްވައިދެއްވަން މަސައްކަތްޕުޅު ކުރައްވާފައިވާތީ އެވެ. ފަހަރެއްގައި ވެސް، އެއްބޭފުޅެއްގެ ޢިލްމީ އުފެއްދެވުމަށް އަނެއްބޭފުޅަކު ފާރަލައްވައި، އޭގެ ތޮޅިނޮޅައި އައިބު ކިޔުއްވައިފައެއް ނެތެވެ. އަދި ކިޔެއްތަ ސާފުކޮށް ފެންނަން އޮތީ އިސްލާމީ ވަޙްދަތާ ޢިލްމީ ޙުރުމަތާ، ދީނީ އުޚުއްވަތެވެ. ''އެންމެން ކިޔެވީ އެއް ފޮތަކުންނޭ، ފެންނަ ގޮތުން ދިހަ ބާރަ ފޮތުންނޭ'' މިއީ މާފަހުން މި ގައުމުގެ ކުދީން ކިޔަންފެށި ޅެމެކެވެ.
އެހެންކަމުން މި އަދު ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރަމުން ދާއިރު، ރާއްޖޭގެ އިޖްތިމާޢީ އަމްނާ ސަލާމަތުގައި ދީނީ ފިކުރު އަދާ ކުރާ ދައުރާ މެދު ވިސްނާލަން ވެއްޖެ ކަމަށް މާ ބޮޑަށް ވެސް ގަބޫލު ކުރެވެއެވެ. އެ ފިކުރުގެ މިސްރާބު ސީދާ ނަމަ، މުޖުތަމަޢު އޮންނަ ގޮތާ، އެ ފިކުރުގެ މި ސްރާބު ކަފިކަފިވެ ކަސިޔާރު ވީމާ، ދެންވާގޮތާ މެދު ފިކުރު ހިންގަން އެބަ ޖެހެއެވެ. ގައުމުގެ ތަޖުރިބާގައި މިވާ ފިނިފެންމަލާއި، ނާށި އަނގުރުގެ ތަފާތުގެ މައްޗަށް ޚިޔާލުކޮށް ޝުޢޫރުތައް ހޭލައްވަން ވެއްޖެ އެވެ. މި އިޙްސާސްތައް މި ޤައުމު އެބަ ކުރެއެވެ. މާޒީއާ އެއްފަދަ އަޚްވަންތަ އިސްލާމީ ބާއްޖަވެރި މުސްތަޤުބަލަކަށް މި ޤައުމު އެބަ އުންމީދު ކުރެ އެވެ. މި ދެ ޙަޤީޤަތް އަޅައިބަލައި، ނިޔާމަކަން ހުރި އަމާޒަށް ދަތުރު ކުރާނެ ތޫނު އިޚްލާޞްތެރި ޢިލްމީ ދީނީ ފިކުރުތަކަކަށް މި ލޮބުވެތި ވަޠަން ނިހާޔަތަށް ބޭނުންވެފައިވާތަން، މެންދުރުގެ އިރު ފެންނަ ފަދައިން، އެބަފެނެ އެވެ.