އަދުގެ ޚާއްސަ

Print

ރަށްފުށުގެ ދިރިއުޅުން (3ވަނަ ބައި)

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ

2 ވަނަ ބައި (10 އޭޕްރީލް) އާގުޅޭ...

      ހަސީނާ ގޭގައި


އަލްމަރުޙޫމް ޢަލީ ޙުސައިން/ނައިފަރު

ހަސީނާ ނަމާދުގެއަށް އަރާފައި ގެއަށްދިޔައިރު އިރުއޮއްސި ހަތެއްޖަހައްޖެއެވެ. ގެއަށްވަންއިރު ބޭރުގޭ އެނދުގައި މިއަދޮށަށް އެނބުރި ބައްޕައޮތެވެ. އެތާހުރި  އުނދޯލީގައި އެނދާދިމާއަށް ފުރަގަސްދީގެން ދޮރާދިމާއަށް ކުރިމަތިލައިގެން މަންމަ އިނެވެ. ދެމީހުންތިބީ މަޑުމަޑުން ވާހަކައެއް ދައްކާށެވެ. ހަސީނާ ގެއަށްވަނުމުން އެވާހަކައެއް ހުއްޓައިލައިފިއެވެ. ހަސީނާވަދެ ދުފާދަޅުހިފައިގެން މެދުބުރީ އުނދޯއްޔަށް އަރައިފެށީ ފޯއްކޮށާށެވެ. ދަރިފުޅާ ހަސީނާއޭ މަންމަ ގޮވައިލައިފިއެވެ. މަންމައަށްވެސް ދުފަން ގެންނާށެވެ. ހަސީނާ ބިލެތްއަރިއަކަށް ފޯއްއަޅައިގެންގޮސް މަންމައާއިދިމާލަށް ދިއްކޮށްލީމާ އޭގައި ހިފުމާއެކު:-

      މަންމަ: ހަސީނާ ތިޔައައީ ކޮންތަނަކުން؟

      ހަސީނާ: ނަމާދުގެ އިން

      މަންމަ: މިހައި ލަސްވީޔޯ؟

      ހަސީނާ: އަތިރިމައްޗަށް ފައިބައިފައި ކުދިންނާއެކު ހުރެވުނީ

      މަންމަ: ބަޔަކު މީހުން ހަސީނާހޯދަންއަޔޭ ދުށިންތަ؟

      ހަސީނާ: (ޢީދުގެ ކޮންމެވެސް އުފަލަކަށް ރަށްޓެހި ކުދިބަޔަކު ހޯދާންއައީ ކަމަށްހީކޮށްފައި މާއަވަހަކަށް) ނުދެކެމޭ، މަންމާ ކޮންބައެއް؟

      މަންމަ: އަހްމަދުފުޅު ފޮނުވީމަ އައިބައެއް.

      ހަސީނާ: ( އިންނާން ފޮނުވީމާކަން އެނގިގެން ލަދުގަތް ވައްތަރަކަށް) އަހްމަދުފުޅޭ؟

      މަންމަ: ދަރިފުޅުގެ ފިސްވި އިނގިއްޔަށް ބޭސްކޮށްދިނެއްނުން މުދިމު ކަލޭގެ އަހުމަދުފުޅު!

      ހަސީނާ: (ނުރުހުމުގެ ފާޑަކަށް) އަހަރެން އަދިއެއް.... މިހިސާބަށް ބުނެފައިގޮސް މެދުބުރިޔަށްވަދެ އެތާހުރި އެނދެއްގައި އޮށޯވެއްޖެއެވެ.

            އިރުކޮޅަކުން މިގޭގައި ފަސޭހަކޮށްލައިދީގެން އުޅޭ ހަސީނާގެ މަންމަޔާއި ވަރަށްގާތް އަންހެންކުއްޖަކު އައިސް ހަސީނާ ކާކަށެއް ނުވޭހޭ، އަވަހަށް ފެންވަރައިގެން ދަނޑިޖަހާތަން ބަލާން ދާންވެއްޖެއޭ ބުނެފިއެވެ. ދެން ކަލޭމެން ކައިފޫހޭ ކިޔަފައި އެކުއްޖަކާއެކު ބަދިގެއަށްގޮސް ބަދިގެ އަށިމަތީގައި ކާންހަދައިފައިހުރިތާ އެއްކޮޅުގައި އިށީނދެއްޖެއެވެ. އެކުއްޖަކު އަނެއްކޮޅުގައި އިށީނދެ ހަސީނާ ކާންދެންއިނެވެ. އިރުކޮޅަކުން އެކުއްޖާއާ ދިމާޔަށް ބަލައިލައިފައި:-

      ހަސީނާ: ދޮނާ! ގޭގައިދެމީހުންވެގެން މަޑުމަޑުން އެދައްކަނީ ކޮންވާހަކައެއްތަ؟

      އެކުއްޖަކު: ދާދި ދެންމެއަކު އަހަރެން ބަދިގޭގައި އުޅެނިކޮށް ދޮރުމައްޗަށްއެރި ދެމީހަކު ބަދިގެތެރެއަށް ބޯދިލައިފައިގޮސް ގެއަށްވަނީމާ އަހަންނަށް އެގުނު އެއީ އަހުމަދުފުޅު ފޮނުވައިގެން ހަސީނާގާތަށް އައި ދެމީހުންކަން. އެވާހަކަ ކަންނޭގެ ތިޔަދައްކަނީ ހަސީނާގާތަކު ނުބުނޭތަ؟

      ހަސީނާ: ދޮނާއަށް އެވާހަކައެގުނީޔޯ؟

      ދޮނާ: އަދު ހިޔަލަދައިތަ މިގެއަށްއައިސް ދައްތަގާތު ހަސީނާ އަހުމަދުފުޅާ ދެވާތޯ ވާހަކަދެއްކިއިރު އަހަރެން ސިއްރު ސިއްރުން އަޑުއެހިން. ދައްތަ ވަރަށް ގަބޫލުވި.އަދި އެނޫނަސް ހަސީނާ ފައިގައި ބޭސްއަޅައިދޭން އަހުމަދުފުޅު އައިއިރުވެސް ދައްތަ އެޒާތުވާހަކައެއް ޅިޔަންބޭގާތު ބުނާއަޑުވެސް އަހަރެންއޮތީ އަހާފަ.
      ހަސީނާ: (ބައްތީގެ އައްޔަށް ފައި ދިއްކޮށްލައިފައި) އަދިއެއް މަގޭ އިނގިއްޔެއް ފަސޭހައެއްނުވެޔޭ. މާއަވަހަކަށް ވިއްޔާ ދޮނާމެންއުޅެނީ.

      އެކުއްޖަކު: ފަސޭހައެއްނުވެޔޭ؟ ސަމާސާ ކުރަނީތާ! ކިހައި ދުވަހެއް ފަސޭހަވީފަހުން.

      ހަސީނާ: ބޭރުން ފަސޭހަވިޔަކަސް އެތެރެއަކުން ފަސޭހައެއްނުވެޔޭ.

      އެކުއްޖާ: ހީނގެންފައި، ރަގަނޅެއްނޫން، އިނދެގެން މާމޮޅަށް ބޭސް ވެވެންޏާ.

      ހަސީނާ: ބޭސްވެވުނަކަސް ބައްޔެއް ހުއްޓައި ފަސޭހަ ނުވަނީސް މީހަކާ އިނދެފިއްޔާ މާނުބައިވެދާނެ.

      މަޑުމަޑުން ދައްކާވާހަކައަކީ...

      ހަސީނާ ވަރަށް އަވަހަށް ކައިގެން މިހާރުވެސް އެދައްކާ ވާހަކައެއް ދައްކާނެއޭ ހީކޮށް އަޑުއަހާންކަމަށްގޮސް ފެންޑާއަށް ވަންތަނާ ބައްޕަ ބުނާއަޑުއިވޭ " އެކޮޔާ ތިވާހަކަ ދައްކާށެވެ. އެކޮއި ގަބޫލުވެއްޖެ ކޮންމެ މީހަކާ އަހަރެން ގަބޫލެވެ. ދެން މަންމަ ބުނާ އަޑުއިވެއެވެ. އެކޮއި ވާން އޮންނާނީ ކޮން ގަބޫލެއްހޭ، ހަސަނު ބުނަނިކޮށް އޮންނާނީ ގަބޫލުވެފައެވެ. ހަސަނުގެ ބަހަކާ އެކޮއި ދެކޮޅެއް ނަހަދާނެއެވެ. ބައްޕަބުނާ އަޑުއިވެއެވެ. އަހަރެންގެ އަމުރަކާ އެކޮއި ދެކޮޅު ނަހަދާނެތީއޭ އެކަން އެކޮއިގެ މައްޗަށް އަހަރެން މިދޫކޮށްލަނީ. އެކަމުގެ ތެރެއަކަށް އަހަރެން ނުވަންނާނަމޭ. ބަލަ މަރިޔަނބަކަށް ނޭގޭހޭ މިހާރަކަށް އައިސް ދެމަފިރިންގެ އަރާރުން ބޮޑަށްޖެހެނީ މައިންބަފައިން ހިތާވާމީހުންނާ ދަރިން ދެވަންފެށިފަހުންނޭ. ހިތާވާން ވާނީ ދަރިންހިތާވާ މީހުންނާ މައިންބަފައިންނެވެ. މައިންބަފައިން ހިތާވާ މީހުންނާ ދަރިންނަށް ހިތައެއްނުވެވޭނެޔޭ. އެހެން ދެވައިފިއްޔާ އެކުދިން އަބަދު އުޅެންޖެހޭނީ ހިތާމައިގައެވެ. ދަރިންދެވަންވާނީ މައިންބަފައިންނަށް ފައިދާހުރި ގޮތަކުންނޫނޭ. އެކުދިންނަށް ފައިދާއާއި ލާބަހުރި ގޮތުގައެވެ. އެކޮއި ގަބޫލުވެއްޖިއްޔާ އަހުރެން މިހިރީ ގަބޫލުވެގެންނެވެ. މަންމަ ބުނާއަޑުއިވެއެވެ. ހަސަނުގެ ބަހަށް އެކޮއި ކިޔަމަންގަންނަވަރު ހަސަނުވެސް ދަންނާނޫއެވެ. ހަސަނު ގަބޫލުވެއްޖެ ކޮންމެމީހަކާ އެކޮއި ރުހުމުގައި ގަބޫލުވާނެއެވެ. މަށަށް އެބަ އެނގެއެވެ. ތިޔައީ ކަތީބާ މުދިމުކަލޭގެއާއި ދޭތެރޭ އޮންނަ ރުޅީގެ ކަންތަކެވެ. ހަސަނަކީ ކަތީބުދޯނި ކެޔޮޅުމީހާކަމުން އެބަޔަށް އަޅައިދޭ ގަދައެވެ. ބަލަ ހަސަނާއެވެ. އެކޮއި ކިތަންމެ ގަބޫލުގައި ހުރެވެސް ބަފާމެން ރުޅިބައެއްގެ މީހެއްވީމާ ގަބޫލުވާކަން ނާންގައިހުރެދާނެއެވެ. އެކޮއި އަހުމަދުފުޅާ ގަބޫލުކަން އަހަރެން ދެނަހުރީމެވެ. މިގެއަށް އަހުމަދުފުޅު އައިސްއުޅުނުއިރު އެގޮތް އަހަރެންނަށްއޮތީ އެނގިފައޭ. ބައްޕަބުނާ އަޑުއިވެއޭ. ކަތީބާ މުދިންބެއާ ކިތަންމެ ރުޅިއަކަސް މަށަކު އެއިންމީހަކާ ރުޅިއެއްނޫނެވެ. އެހެންނަމަކާ އެކޮއި ފަޔަށް ބޭސްކުރުވާކަށް އަހުރެން އަހުމަދުފުޅު ގާތަކަށް ނުދިޔައީމުނުންހޭ؟ މަރިޔަނބު ކޮންމެފަދަ ވާހަކައެއްވެސް ދައްކަފައިނޫތާއެވެ. މަންމަ ބުނާ އަޑުއިވެއެވެ. ތިޔައީ ވާހަކައެއް ނޫނެވެ. ކިތަންމެ ރުޅިމީހެއްގެ ކިބައިންވެސް ލިބޭފައިދާއަކަށް ވިއްޔާ ކޮންމެ މީހަކުވެސް ހުންނާނީ ތައްޔާރަށޭ. ދެން މަރިޔަނބުގެވެސް ތިޔައޮތީ ދުލޭ، އެކޮޔާ ވާހަކަދައްކައިގެން ގަބޫލުކުރުވަނިކޮށް ވިއްޔެއް ނޫންހޭ. ކިޔަފައި ތެދުވެގެން އަނެއްފަރާތު ދޮރުން ނުކުމެގެން ބައްޕަ ހިނގައްޖެއެވެ.

      ހަސީނާޔާ، މަންމަޔާ


      ބައްޕަދިޔަތާ ކުޑައިރުކޮޅެއްގެފަހުން ހަސީނާ ބަދިގެއިން އައި ކަމަށްހަދާފައި ގެއަށްވަދެ ފެންހަދު މަތިގަނޑު ގުޑުވައިލާފައިގޮސް އެތެރެގޭ ބޮޑު އުނދޯލީގައި އިށީދެއްޖެއެވެ. ދެން އިރުކޮޅަކުން މަންމަވެސް އައިސް އުތުރު އެނދުގައި އިށީނދެފައި ހަސީނާއާއި ދިމާއަށް:

      މަންމަ: ހަސީނާ! ދަރިފުޅުގެ ބައްޕަ މިހާރު އެހެރަގެން މުސްކުޅިވަނީ، ދަރިފުޅަށްޓަކައި އެބައްޕަ ކިހައި ބަރެއް އުފުލައިފި، މިހާރުވެސް އެހެރަ އުފުލަނީ ކިހާ ބަރެއް. ކޮންމެ ރެއަކު މަހުންލަފައިގެން އައިސް އެތަންމިތާނގައި ތެޔޮ އުގުނޅަ އުނގުޅާފައި އުޅޭ ޙާލެއްނުފެނޭތަ. މިހާރު ބައްޕަ ގޭގައި ބާއްވައިގެން ދަރިފުޅު އޭނައަށް ޚިދުމަތްކޮށްދޭން ވެއްޖެއެއްނުން. އަވަހަށް ކޮންމެވެސް މީހަކާ އިންނަންއުޅޭ. މަންޖެގެ ބައްޕައަށް ބޮޑުވެފައިހުރި އަންހެނަކު ބެލުމުގެ އުނދަގޫ ނުޖައްސާ. އެކަމަކު ކޮންމެ ކޮންމެ މީހަކާ އިނދެގެންނުވާނެ. އިންނަންވާނީ އަހަރުމެންވެސް މުސްކުޅިވާ ދުވަހަކު އެހީފޯރުވޭނެ މީހަކާ. މުދިމުކަލޭގެ އަހުމަދުފުޅަކީ ރަގަނޅުމީހެއް ނުން.

      ހަސީނާ: ރަގަނޅު މީހެއްކަމަކު އެމީހުންނާ އިނދެފީވިއްޔާ ޖެހޭނީ މަންމަމެން ދޫކޮށްލައިފައިދާން. އަހަރެން އިންނާނީ މަންމަމެންނާ އަޅައިލައިގެން އުޅޭން މިގެއަށް އަންނަ މީހަކާ.
      މަންމަ: ( އަހުމަދުފުޅާ ނުއިންނާން އެއުޅެނީ އެމީހުންނަށް ބަލާތަނެއްކަމަށް ހީކޮށްފައި އޯގާވެރި ރާގަކަށް) ދަރިފުޅާ އަހުމަދުފުޅާ އިނދެފިއްޔާ އެގެއަށް ދިޔައެއް ކަމަކު މަންމަމެންނަށް އެހީ ފޯރާނެޔޭ. އަހުމަދުފުޅާ އިނދޭ.
      ހަސީނާ: އެކަމަކު ބައްޕައެއް އަހަރެން މީހަކާ ދެވާކަށް ނޫޅެޔޭ. އަހަރެން އަމިއްލައަށް އެކަމާ އުޅެންވެދާނެތަ. އަދި އިންނަންވާނީ ބައްޕަވެސް ގަބޫލުމީހަކާނުން. ތިޔަކަމާ ދޭތެރޭ ބައްޕަބުނީ ކޮންއެއްޗެއް؟
      މަންމަ: (މާއަވަހަކަށް) ބައްޕައެހެރީ ދަރިފުޅު އެދޭގޮތަކަށް ދޫކޮށްލައިގެނޯ. މާރަގަނޅެއްނުން. ދެން ހެކިން އައީމާ ރަންކިޔަންއުޅޭ .
      ހަސީނާ: މަންމައަށް އާދޭސްކުރާ ކަހަލަގޮތަކަށް. މަންމާ! އަހަރެން އަދި މީހަކާ އިންނަހިތެއްނުވެއޭ. ތަނޮކޮޅެއް ފަހުންވެސް ތިޔަކަން ވެދާނެއެއްނޫން. ބައްޕަ މުސްކުޅިވެގެން އޮޑިއަށް ނޭރޭވަރު ވީކީވެސް ނޫންވިއްޔާ.
      މަންމަ: ނޫނެކޭ ދަރިފުޅާ އެހެން ލައްވާ ނަސީބެއް ދޫކޮށްލާކަށެއްނުވާނެޔޭ. އެހެންނޫނިއްޔާ އަޙުމަދުފުޅު އެހެންމީހަކާ އިނދެފާނެޔޭ. ފޮނުވާ އިރަށް އިނދޭ.
      ހަސީނާ: މަންމަ ތިޔަ ބުނަނީ މުދިންކަލޭގެ ދަރިފުޅުވީމާ އުޅެން ފަސޭހަވާނެވާހަކަތަ؟ މުދިންކަލޭގެ ހަމަ ނިޔާވާއިރަށް އެކަން ހިނގައިދާނެއޭ. މަންމަ ނާހަމުތަ، މިހާރު މިހިރަ މުދިންކަލޭގެ ނިޔާވީމާ މުދިމުކަން ދެވޭނީ މަރުވި މުދިމު ތައްޚާނުގެ ޔޫސުފުކޮޔަށޭ ކިޔާ އަޑެއް؟ އެހެންވީމާ މުދިމު ކަމުގެ އެހީއެއް ނޯންނާނެއްނުން.

      މަންމަ: ރުޅިއަރައިގެންމެ، ތިޔަހެންވިއްޔާ ޔޫސުފުކޮޔަށް މުދިންކަންލިބެންދެން އިންނާށޭ ކިޔާފައި ބިތްދަށަށް އެނބުރި އޮށޯވެއްޖެއެވެ.
      ދެން ހަސީނާ ތެދުވެގެން ބޭރުގެއަށް ނިކުންނައިރަށް ދެމީހަކު އައިސް ދޮރުމައްޗަށް އަރައްޖެއެވެ. ވިސްނައި ބަލާލިއިރު އެއީ ހެކިވެރިންގެ ދެމީހުންނެވެ.އެދެމީހުން ވަދެ ހަސީނާއަށް ގޮވާލާފައި އަހުމަދުފުޅު ފޮނުވައިގެން އައިބަޔަކުކަން އަންގައިފިއެވެ. ހަސީނާ މާއަވަހަށް ކުރުކޮށްލާ ގޮތެއްގައި " އަހުރެން އަދި މީހަކާ އިންނާކަށެއް ނުވެއޭ" ބުނެފައި ނިކުމެގެން ހިނގައްޖެއެވެ.

      އަޙުމަދުފުޅު


      މިއީ އެރަށު މުދިމްކަލޭގެ ދަރިއެކެވެ. އެއްފަހަރު މީހަކާއިނދެ ވަރިކޮށްފައި ހުރިކުއްޖެކެވެ. ތަންދޮރު ދަނެއެވެ. ޢަރަބިބަސްވެސް ދަނެއެވެ. ހިސާބަކަށް ދަނެއެވެ. އެކަމަކު ވަރަށް ބުއްދި ނުތަނަވަސް ޙިކުމަތްދެރަ ތަޖުރިބާމަދު ކުއްޖެކެވެ. ރުޅިއައުން އަވަސްވެފައި ރުޅިގަދަ ކުއްޖެކެވެ. މީހެއްގެ ފުށުން އޭނަގެ މައްޗަށް ކުށެއް އިސްވެއްޖެނަމަ ހިލައެއްގައި އެޅޭ ރޮނގެއް ވަރެވެ. ދުވަހަކުވެސް އޭގެ އަސަރު ނުފިލާނެއެވެ. ހަށިގަނޑު ހިމަތޮޅިއެވެ. ކުލަ މެދުމިނަށްވުރެ ކަޅެވެ. ބާރުގަދަ މުރާލި ކުއްޖެކެވެ. ކެރޭ ހީވާގި ކުއްޖެކެވެ. އުޅެނީ އެހެންވެސް ޒުވާނުންގެ ޕާޓީގައެވެ.

      އޭނާގެ ބައްޕަ މުދިމުކަލޭގެއަކީ ބޭސްވެރިއެއް ކަމުން ބައެއް ފަހަރަށް މީހުންނަށް ބޭސްކޮށްދިނުމަށް އޭނާ ފޮނުވައި އުޅޭތީ ފުދޭވަރަށް ބޭސްވެސް ދަނެއެވެ. މުދިމުކަލޭގެ ލޯބޯ ކޮށިވިފަހުން ގިނައިން މީހުންނަށް ބޭސްކޮށްދޭންވެސް ދަނީ އޭނައެވެ. އޭނައަކީ މީހުންނަށް ބޭސްފަރުވާކޮށްދީ ހަދާހިތްވާވެސް ކުއްޖެކެވެ. އޭނާކޮށްއުޅެނީ ޢަރަބި ފޮތްފޮތުން ބަލައިގެން ޔޫނާނީ ބޭހާއި ޑޮކްޓަރީ ބޭހެވެ. އޭނާގެ ބޭހުން މީހުންނަށް ފަސޭހަވުން ރަގަނޅެވެ. އެހެންކަމުން ރަށުގެ އެންމެން އޭނާގެ ބޭހަށް އެދެތެވެ. ހަސީނާގެ އިނގިލި ފިސްވިރޭ ކެޔޮޅު ހަސަނުވެސް އަހުމަދުފުޅު ގާތަށް ބޭސްކުރުވަން ދިޔައީ އެހެންވެގެންނެވެ. އަހުމަދުފުޅު ވަރަށް އެހީތެރިކަމާއެކު ހަސީނާގެ ފަޔަށް ބޭސްކޮށްދިނެވެ. ގިނަ ވަގުތަށް ހޯދަންދާކަށްވެސް ނުޖެހެއެވެ. ތަންކޮޅެއް އުނދަގޫ ބޭހެއްވިއްޔާ އެމީހުންނަށް ހޯދާކަށްވެސް ނުޖައްސައެވެ. އެއިރުއްސުރެ އުޅެނީ ހަސީނާއާއި ކައިވެނިވުމުގެ ގަސްދުގައެވެ. އެއިގެ ތަންކޮޅެއްކުރިންވެސް އޭނާ ހަސީނާއާ އިނުމުގެ ޚިޔާލެއް ގެންގުޅުނެވެ. އެކަމަކު އޭނަގެ ބައްޕައާއި ކަތީބާދޭތެރޭ އޮތްރުޅިވެރިކަމެއްގެ ސަބަބުންހުރީ އިސްނަގާން ޖެހިލުންވެފައެވެ. އެހެންހުއްޓާ ހަސީނާ އިނގިލި ފިސްވެގެން ކުރިން ކެޔޮޅު ހަސަނު އޭނަޔަށް ބޭނުންވެއްޖެއެވެ. ދެން އަހުމަދުފުޅުވެސް އެއީ ޣަނީމާއެއްކަމުގައި ވިސްނައިގެން އެހައި އޯގާވެރިކަމާއެކު ގަޔާވެގެން ހަސީނާ ފަޔަށް ބޭސްކޮށްދިނީއެވެ. އެކަމަކު އޭނާގެ ހިތުގައި އެހިނގާ ޚިޔާލެއް ހަސީނާއަށް ވެސް އަދި އެހެންމީހަކަށްވެސް ފާޅެއްނުކުރެއެވެ. އޭނާ ހިތުލައިގެންހުރީ އެއީ މުދިމުކަލޭގެ ދަރިވެގެން ހަސީނާވެސް އޭނާއާ ގަބޫލުވާނޭ ކަމަށެވެ. އެކަމަކު ހަސީނާއެއް މިއިން އެއްވެސް ކަމެއް ނުދަނެއެވެ.

      މިރޭ އިންނަން ފޮނުވުމުގެ ކުރީގައި އަހުމަދުފުޅު ކެޔޮޅު ހަސަނުގާތަށާއި މަރިޔަނބު ގާތަށް މީހުންފޮނުވައިގެން ހަސީނާއާދެވާތޯ ވާހަކަދެއްކިއެވެ. މަރިޔަނބުގެ ކިބައިން އޭނާއަށް ލިބުނު ޖަވާބަކީ ހަސީނާ ދެވާނެ ކަމުގެ ޖަވާބެވެ. ހަސަނު ކިބައިން ލިބުނު ޖަވާބަކީ ހަސީނާ ގަބޫލުވެއްޖެމީހަކާ އޭނާ ނުދެވާން އެއްވެސްބާރެއް ނާޅާނެ ކަމުގެ ޖަވާބެވެ. ދެން ހަސީނާ ގާތަށް ހެކިންފޮނުވީމައި އަހަރެން އަދިއެއް މީހަކާ އިންނާކަށެއް ނުވެޔޭ ބުނެފައި، ފޮނުވާލައިގެން ވަރަށް ރުޅިއައެވެ. އެކަމަކު އެބަހުން ހީކުރީ ތަންކޮޅެއްފަހުން އިނދެފާނޭކަމަށެވެ.

      ދޮނާ


      ދޮނާއަކީ ހަސީނާގެ މަންމައާއި އެއްބަނޑު މީހެއްގެ ދަރިއެކެވެ. މާ ކުޑަކުޑައިރު ބައްޕަ މަރުވެއްޖެއެވެ. ދެން މަންމައާއިއެކު އައިސްބޮޑުވީ ހަސީނާގެ މަންމަގާތުގައެވެ. މިހާރު ދޮނާގެ މަންމައުޅެނީ އެހެންމީހަކާ އިނދެގެން ފިރިމީހާގެ ގޭގައެވެ. އެކަމަކު ދޮނާ އުޅެނީ އަދިވެސް މިގޭގައެވެ. އެއީ ދޮންބައްޕަ ގާތުއުޅުމަށްވުރެ މިގޭގައި އުޅެންފަސޭހަވެފައި ކުޑައިރުއްސުރެ އުޅުނުތަންވީމައެވެ. ހަސީނާ ކުޑަކުޑައިރު ގިނައިން އުރައިގެންއުޅުނީވެސް މި ދޮނާއެވެ.
      މިއީ ޠަބީޢަތުގައި ހުންނަ ޒާތަކުން ލަދު ނުގަންނަ ގޮތަކާއި، އަނގަ ގަދަކަމެއް ހުންނަ ކުއްޖެކެވެ. ރައްޓެހިނޫން މީހަކާ ދިމަލެއްނުވާނެއެވެ. ދުވަހަކު ނުދެކޭމީހަކާވެސް ސަމާސާކޮށް ވާހަކަ ދައްކައިފާނެއެވެ. ދޫ ހަލުވިކަމުން ޙައިރާންހާވެއެވެ. ވާހަކައެއް ދައްކަން ފަށައިފިނަމަ އެހެންމީހުން ފޫހިވާއިރުވެސް އެވާހަކައެއް ނުހުއްޓޭނެއެވެ. ބަސްގަދަކަމާއި ހިފެހެއްޓުން ހުންނަނީ ހިސާބަށްވުރެ މައްޗަށެވެ. ކިތަންމެ ބަޔަކު ދެނަހުރި ކަމަކަސް ނޫނެކޭ ކިޔާ ގަދަކޮށްގަންނަ ގަތުން އެމީހެއްގެ ބަސް ދެރަކޮށްފައި ދެންތިބޭ މީހުންނަށް އޮޅުވައިލަފާނެއެވެ. ބުނެވިއްޖެބަހެއް އެހެންގޮތަކަށް އަނބުރައިލެއްވުމަކީ އޭނާ ގަންނަވައި ކުރެވޭނޭ ކަމެއްނޫނެވެ. އޭނާގެ ހިތުގައިވާ ސިއްރެއް ކިތަންމެބޮޑު މަކަރުވެރިއަކަށްވެސް އަތުލައިނުގަނެވޭނެއެވެ. އެހެންމީހުންގެ ސިއްރުތައް ހޯދައިގަތުމަކީ އޭނާއަށް ދާދިފަސޭހަ ކަމެކެވެ. އެކުވެރިންނާ ދޭތެރެ އިޚްލާސްތެރި ކުއްޖެކެވެ. އޭނާގެ އެކުވެރިއަކާދޭތެރޭ ތުހުމަތުކޮށްގެން މީހަކު ވާހަކަދައްކާ އަޑުއިވިއްޖެނަމަ ފިސާރިދެނަހުރި މީހަކަށް ހެދިގެން އެއީދޮގުވާހަކައެއްކަން ސާބިތުކޮށްދީ ވެގެންއުޅޭ ޝައްކެއްފިލުވައިދޭނެއެވެ. މީހުންގެ ހިތްލަންބައިލުމަށް ޖާދޫއެއް ކަހަލައެވެ. އޭނާދެކެ ރުޅިއައިސްގެން މީހަކަށް ގިނައިރަކު ނުހުރެވޭނެއެވެ. ފެންޖަހައިގެން ދޮން ދަނގަޑެއް ހިހޫކޮށްލާފަދައިން ދުލުގެ ސިހުރުން އެމީހެއްގެ ރުޅިގަނޑު މަޑުކޮށްލަފާނެއެވެ. ކަމެއްކުރާން ހިތަށްއަރައްޖެނަމަ ޖެހިލުމެއް ނުހުރެއެވެ. ނުކުރާނޭ ކަމެއް ހިތަކަށްނާރައެވެ.

      މީނާގެ ރަގަނޅު ނަމަކީ ދޮންއައިމިނައެވެ. ދޮނާއޭ ކިޔުނުގޮތަކީ ހަސީނާ ދާދިކުޑަކުޑައިރު ރަގަނޅަށް ވާހަކަނުދެއްކިގެން އެހެންމީހުން ދޮންއައިމިނަ ކިޔާއަޑުއަހައިފައި އެހެން ކިޔާން އުޅެގެން ކިއުނީ ދޮ....ނާ އެވެ. ދެންއެހެންމީހުންވެސް ހަސީނާއަށް ދޮނާކިޔައިދޭން ފަށައިފިއެވެ. ރަގަނޅަށް ވާހަކަދެކެވޭ ވަރުވީއިރުހުރީ އެނަން ފަރިތަވެ ދުލުގައިއެޅި ހަރުވެފައެވެ. ފަހުންއެހެން މީހުންވެސް މިތަނުން ދަސްކޮށްގެން އެހެންކިޔާ އެންމެން ދަންނަ މަޝްހޫރު ނަމަކަށް މިނަންވީއެވެ.

      ދޮނާ ދަނޑިޖަހާތާ


      ހަސީނާއަށް ކާންދީ ތަށިތައްދޮވެ ހަދާފައި ދޮނާގޮސް ފެންވަރައިގެން ރަތްލިބާހެއްލާފައި ރަތްބުރުގާއެއް އަޅައިގެން ނުކުތްއިރު މޫނުގައިޖަހާފައިހުރި ފުށް ގަނޑުގަނޑަށް ފެންނަން ހުއްޓެވެ. ދެން ފޭލިން ބަޑިޖަހާފައި އަވަހަށް ދިޔައީ ފަސްގަނޑު ދޮށަށެވެ. ދިޔައިރު ދަނޑިޖަހާން ފަށައިގެންފިއެވެ. މުޅިތަންވަނީ މީހުންއެއްވެ ބާރުވެފައެވެ.

      ދޮނާގޮސް އަންހެނުންތިބި ފަރާތަށްހުއްޓި ދަނޑިޖަހާ މީހުންނަށް ވިސްނާބެލިއިރު އެމީހުންގެ ހެލިފެލިވުމާ ޙަރަކާތްތައް ރީތިކަމުން ބަލާހިތްވެއެވެ. މީހުންގެ ފައިތައްވެސް ހަމަހަމަޔަށް ހުރިހައިފަޔެއް ދުޅައެޅެމުން ގެތެމުން ދާހެންހީވާ މަންޒަރުވެސް ފެންނަނީ ފޫހިނުވާ ފާޑަކަށެވެ. އަތްތައް ހޫރުމާއި ފަރާތްފަރާތަށް ދުވެ ހިނގުން އެއްވަރުކަމުން އެކުރާ އަސަރެއް ސިފަކުރާކަށްވެސް ނޭގެއެވެ. އެއް ދަނޑިގަނޑު އަނެއް ދަނޑިގަނޑުގައި ޖެހޭލެއް އެއްވަރުކަމުންވެސް ހީވަނީ އެއްއަޑެއްހެންނެވެ. އެންމެންތިބީ ދެކުލައެއްގެ ހެދުމުގައެވެ. އަސުރުމަލު ކުލައާއި ފެހިކުލއިގެ އަތްކުރު ގަމީހެވެ. އަނދެގެންތިބީ އެމީހަކަށް ރީތި މުންޑެކެވެ. އެތިބީ ރަނގަޅަށް ހެލިފެލިވެ އުޅެވޭނެހެން މުންޑުނަގައި ގަމީހުގެ މަތިން ބަނދެލައިފައެވެ. ލައިގެންތިބީ ކުލަކުލައިގެ ފޮތީގެ ފައިކުރިއެއްސި ހަރުވާޅެވެ. ހިފައިގެންތިބި ދަނޑިތައްހުރީ ލާޖަހައި އޮފްއަރުވާފައެވެ. އެދަނޑިތަކަށް ހަނދުގެ ހިޔަނިއެޅުނީމާ އެދަނީ ދިގުކޮށް އަލިވެގަނެގެންނެވެ. ކޮޅުގައިވާ މާގަނޑުތަކުގެ ކަރުގަނޑަށް ލާފައިވާ ބާދަލާތަކަށްވެސް ހަނދުގެ ހިޔަނި އެޅިގެން ތަރިތަކެއްހެން ވިދައިގަނެއެވެ. އެކިއެކި ދަނޑިޖަހާއިރު ދަނޑިތަކުގައި އުޅެނީ އެކި ރާގެވެ. އެއްދަނޑިން އަނެއް ދަނޑިއަށް ބަދަލުވާއިރު އެހެރައެޅޭ ރީތި ފުނަޔަކަށް ދޮނާވެސްދަނީ މަސްތުވެގެންނެވެ. "އުޑަންޑަޑަން" "ތުޑިކޯ ތުޑިކޯ" " މުޅިފޯމުޅިފޯ" " ލަންޑޭލާޑޭ" މިއީ ދަނޑީގެ އެކިއެކި ކުޅިއެވެ. މިއިން ކޮންމެ ދަނޑިއެއްގައި ވަކިއަޑެކެވެ. އެކިކުޅީގައި ހެލިފެލިވަނީ އެކިގޮތަށެވެ. ބައެއްފަހަރަށް ހުއްޓިތިބެގެންނެވެ.  ބައެއްފަހަރަށް މަޑުމަޑުން ހިނގަމުންނެވެ. އަނެއްބައެއް ފަހަރަށް ބާރަށް ހިނގަމުންނެވެ. ގުދަށް ތިބެގެންނާ އަރިއަށް ތިބެގެންވެސް ބައެއް ދަނޑިޖަހައެވެ. ދިގުދަނޑިޖަހާއިރު އެއްސަފަކަށް ތިބެފައި ދެސަފަށްވާއިރު އާދެއެވެ. ހަތަރުސަފަށް ވާއިރުއާދެއެވެ. އެކަކު އަނެކަކަށް ފުރަގަސްދީގެން ތިބޭއިރާ ކުރިމަތިލައިގެން ތިބޭއިރު އާދެއެވެ. ވައްދަނޑިޖަހާއިރު ބައެއްމީހުންތިބެނީ އެތެރޭގައި ބޮނޑިއަކަށެވެ. އަނެއްބައިމީހުން ބޭރުގާ ކޮށްޓަކަށެވެ. އަބަދުވެސް ދިމާވެފައިތިބެނީ ދެކުލައިގެ ގަމީސްލައިފައިތިބި ދެމީހުންނެވެ. މިކުޅިވަރުގެ ރީތިކަމާ ފުރިހަމަކަން ބަލައިލާން އެތައްއިރަކު ހުރެލާފައި ދުފައިލާހިތްވެގެން ދޮނާ އަންނަނިކޮށް މީހުންނާ ތަންކޮޅެއް ދުރުގައިތިބި ދެތިން ހަތަރު ފިރިހެނަކު ދުށެވެ. ދޮނާ އައިސް ހަމަވިތަނާ އެތަނުން އެކަކު ދޮނާ! ހާދަރަތޭ ހަމައެކަނި ދޯއޭ ސަމާސާ ފާޑަކަށް ގޮވާލައިފިއެވެ. މިކުއްޖާ މިގޮވާލީ ދޮނާއަކީ ހަސީނާއާއެކު އުޅޭ ކުއްޖެއްކަމުން ހަސީނާ ނެތްވާހަކަކަން ދޮނާއަށް ވިސްނިގެން އެކުއްޖަކު ހިތްތާލުމުގެ ރާގަކަށް "ނޫނެކޭ" ގޮވައިލާފައި އެއައިގޮތަށް އަތުވެއްޖެއެވެ.

      ދޮނާ ގޭދޮށަށް އައިސް ދޮރުފޮތިގަނޑު ހިއްލާލިއިރު ބޭރުގޭ އުނދޯލީގައި މާ މަޑުމަޑެއްކޮށް އެއްފައި އުނދޯލީގެ މައްޗަށް އަރުވައިގެން ކަކުލުގައި ބޯޖަހައިގެން ކަކުލުގެ ބޭރުން އަތްގެންގޮސް ފިސްވި އިނގިލީގައި ހިފަހައްޓައިގެން އަނެއްފައިން މަޑުމަޑުން އުނދޯލި ހެއްލައިލަ ހެއްލައިލައި ވަރަށް ކަންބޮޑުވެފައި އިންކަހަލަ ގޮތަކަށް ހަސީނާ އިނެވެ.

      ކިޔެއްތަވަނީ



      އަހުމަދުފުޅު ފޮނުވައިގެންއައި ހެކިވެރިންގެ މީހުން ހަސީނާދިން ޖަވާބަކުން ނުރުހިގެން ދިއުމަށްފަހު ހަސީނާ ބޭރުގެ އުނދޯއްޔަށްއަރައި މިޖެހުނުކަމަކާ ދޭތެރޭ ފިކުރުބޮޑުވެ ކުރާނޭ ކަމެއް ނުއެގިގެން އިންދައި ހިތަށްއަރަނީޔޭ މިޖެހުނީވާ ބޮޑުކަމެކެވެ. މަންމަޔަކީ ދުވަހަކުވެސް އަހަންނާ ދިމާލަށް ރުޅިއައިސްގެން އަޑުލީމީހަކުނޫނޭ. އެކަމަކު އަހުމަދުފުޅާ ނުއިންނާނޭ ވާހަކަ ބުނީމާ އެއޮތީ ވަރަށް ރުޅިއައިސްފަޔޭ. މަންމަޔަށް އަހުރެން އެދެނީ އެހެންމީހަކުކަން ނޭގެނީތާއޭ. އާނއެކޭ ނޭގެއޭ އެއްވެސް މީހެއްގެ ގާތުގައި އަދިއެއް އަހުރެން އެވާހަކައެއް ނުދައްކަމޭ. އަދި މީހަކަށް ވިސްނޭނޭ ކަހަލަ ކަމެއް ހިނގައިފައެއްވެސް ނޯންނާނެއޭ. މަންމަގާތު ނުބުނެވުނުކަންތާއޭ.... ބުނާނީޔޭ! އެއިރުން އެއީ މަންމަވެސް ރުހޭ މީހަކަށް ވެއްޖިއްޔާ ކިހައި ރަގަޅުހޭ، ނޫނެކޭ އެއްގޮތަކަށްވެސް ބުނެގެން ނުވާނެޔޭ. އޭނާ އަހުރެންނާ ހިތާވާކަންނޭގި އަހުރެން އޭނައާ ހިތާވާކަން ފާޅުކޮށްފީވިއްޔާ ވަރަށްލަދުގަންނާނަވެސް ޖެހިދާނެޔޭ. އެގޮތް ނޭގެނީހެއް ފާޅެއްނުކުރާނަމޭ، އަދި އެއީ މަންމަ ނުގަބޫލުމީހެއް ކަމަށްވާނަމަ އެހައި ރުޅިއައިސްފައި އޮއްވައި ދިމާޔަށް ބޭޒާރުވެސް ކޮށްފާނެއޭ .އެކަމަކު މިއީ ބޮޑުކަމެކޭ. އިންނާންވި އަހުރެންނޭ. ހިތާވާންވީ މަންމަޔޭ ، އެއީ ކިހިނެއް ވާނޭކަމެއްހޭ. އަދި ކޮންކަހަލަ ހަމޔެއްހޭ........ނާ! އެއީވެސް ދޮގެއްނޫނޭ، އަހުރެން އިންނާންވާނީ މަންމަމެން މުސްކުޅިވާ ދުވަހަކުން އެމީހުންގެ ޙާލުބެލޭނެ މީހަކާއޭ. އަހަރެން ނޫން އެހެން ދަރިއެއްވެސް އެމީހުންގެ ތިބީއަކީނޫންވިއްޔާއޭ. އަހުރެން އެދިގެން މިއުޅޭމީހާއަށް އެފަދަކަމެއް ތަނަވަސްވެގެންވާނޭބާވައޭ! ނޫނެކޭ ނުވާނެކަން ގައިމޭ. އެއީ ބައްޕަވެސް މަރުވެފައިވާ މީހެކޭ. މީހުން ޚަތިމްކޮށްފަޔާ ދެބައިކޮށްފައިދޭ ފަސް ހަރުފިޔާއިން އޭނަގެ މަންމައާއި އޭނައަށް ކިރިޔާ ފުދެނީޔޭ. އެކަމަކު މަގޭ ހިތަށްވެފައިމިވަނީ ކިއެއްބާވައޭ. ހަރު ހިލައަށްވުރެ މިހާރު އެހިތް ހަރުވެއްޖެއޭ. މީހަކު ދޭ ނަޞޭޙަތެއްވެސް ގަބޫލުނުކުރެވެޔޭ. މަންމަ ހަމަ ހެޔޮވާހަކައެއް ބުނީމަ އެބަހަށް މަލާމާތްވެސް ކުރެވިއްޖެއޭ. އެމީހަކާ ހިތާވާން އަހަންނަށް މިޖެއްސީ ކޮންކަމެއްބާއޭ. އެމީހެއްގެ ފުށުން އަހަންނަށް ހާނީއްކައާއި ގެއްލުމެއްނޫނީ ލިބުނު ފައިދާއަކީ ކޮބައިހޭ؟ މިއީ އަޖައިބެއްފަދަ ކަމެކޭ. މަގޭ އިނގިލި ފިސްވިރޭވެސް ވީތަދާ އެއްވަރަށް ހިތަށްލިބުނީ ޒާތެއްގެ އުފަލެކޭ. ލޯތްބޭކިޔަނީ މިކަހަލަ ނުރައްކާތެރި އެއްޗަކަށްހޭ. ފުރާނަދާވަރުގެ ހާނީއްކައެއް ލިބުނަސް އުފަލުން ހުންނަނީ ފުރިފައޭ. މިއީ ފަހެ ޒާތެއްގެ ބަލިމަޑު ކަމަކީ ހެއްޔޭ. ނުވަތަ މިއީ މީހެއްގެ ފަންޑިތައެއްބާވައެވެ. އެއިން އަމަޔާއި ދަރި މިތިބަގެން ދެކޮޅުވެރިވަނީޔޭ. އެކުވެރި ރަޙްމަތްތެރިއެއްގެ މޫނު ކެނޑެން ގާތްވަނީއޭ. އެއިގެ ސަބަބުން މަގޭ މަންމައާއި ބައްޕަގެ ދެމެދުވެސް ފަސާދަވަނީއޭ. މިހުރިހައި ކަމެއްގެ އަސްލަކަށް މިވަނީ ނަސީބުދެރަ އަހަންނޭ. ދެންވެސް މިކަންތައް ދޫކޮށްލާފައި ގަބޫލުވެގެން އަހުމަދުފުޅާ އިންނަންވީއޭ. ނޫނެކޭ އެއީވާ ވާނޭ ކަމެއްނޫނޭ. މީހަކާ ނުއިނދެ ހުރުންވެސް އެއަށްވުރެ ހިތަށްފަސޭހައޭ. ވަކި މީހަކާ އިނދެގެން އެހެންމީހަކާ ހިތާވެގެން އުޅެވޭނީ ކިހިނެއްހޭ. އިންނާންވާނީ ހިތާވެސްވާ މީހަކާ ނޫންހޭ. މި ޚިޔާލު ހަސީނާގެ ސިކުނޑިއަށް އައި އައިހެން ލޮލުން ފެންއަންނަމުން ގިސްލެވެމުން ނޭވާލަސްވަމުން ދިގުވަމުން ދެއެވެ. ބައެއްފަހަރަށް މަންމަޔަށް ގޮވައިފާނަމޭ ހިތަށްއަރައެވެ. އަނެއްބައި ފަހަރަށް ހެކިވެރިން އަނެއްކާ އާދޭތޯ ބޭރަށްބޯދިލެވެއެވެ.

      ދޮނާގޮސް ދޮރު ހިއްލައިލި އަޑަށް ސިހިގެންގޮސްފައި ބޯނަގައިފައި ލޯފުހެލައިފިއެވެ. އެއިރު ހަސީނާގެ ލޮލުން ކަރުނައިގެ އަސަރުވެސް ދޮނާއަށް ފެނުނެވެ. ދެން ދޮނާހީކުރީ މީގެކުރިން  ބަދިގޭގައި އިނދެފައި އިނގިލި ފަސޭހަނުވާ ވާހަކަ ބުނެފައި އޮތުމުންނާ އަދި މިފަހަރު މިފެނުނީ އިނގިލީގައި ހިފަހައްޓައިގެން އިންދާކަމުން އިނގިލި ހެޔޮވެފައި އޮވެފައި އަނެއްކާ ކޮންމެވެސް ކަމެއްވެގެން އުޅޭކަމަށެވެ. ހަސީނާ އިނގިލި ފަސޭހަނުވެއޭ ތިޔަބުނަނީ އިނގިއްޔަށް ކަމެއްވީހޭ ދޮނާ އަހައިފިއެވެ. ހެޔޮވެގެން ބޭސްއެޅުން ހުއްޓައިލިފަހުން މިއޮއްވާންއުޅެނީ މަސްދުވަސްވިއްޔާއޭ. އަދު ކުޅޭން އުޅެނިކޮށް ތަނެއްގައި ޖެހުނީތާއޭ. އަނެއްކާ ރިހޭންފެއްޓީއޭ ހަސީނާ ބުންޏެވެ. މިގޮތަށް މަޑުމަޑުން އިނީމާ މާބޮޑަށް ރިއްސައެވެ. ދަނޑިޖަހާކަށް ނުފަށާހެއްޔެވެ. ދޮނާ ބުނެފިއެވެ، ނޫނެކެވެ. ކިތަންމެ އިރެއްވެއްޖެއެވެ. އަހުރެން މިއައީ އެތާނގައި ހުރެފައި ދުފައިލާން ވެގެންނެވެ. އަހުރެންވެސް ތިޔަތަނަށް ގޮސްލާހިތްވެއެވެ. ހަސީނާ ބުންޏެވެ. ވަރަށް މީހުންގިނަހޭ؟  ދޮނާ ބުނެފިއެވެ. އާއެކެވެ. މުޅިއެތަންއޮތީ ފުރިފައެވެ. އަހަރެން އަންނާންހެދީމާ ތަންކޮޅެއް ދުރުގައިތިބި ދެތިން ފިރެހެނަކު ދޮނާ ހަމަ އެކަނިދޯއޭ ގޮވައިލިއެވެ. އަހަންނަށް އެބުނީ ހަސީނާގެ ވާހަކަކަން އެގެއެވެ. އެއީ ކޮންބައެއްތޯ ހަސީނާ އެހީމާ ދޮނާ ބުނެފިއެވެ. ރަގަޅަކަށް ބަލައެއްނުލެވެއެވެ. އެދުރުބޭގެ ހުސައިންމަނިކު ހުރިކަން އެނގެއެވެ. ދެން ހަސީނާ ތެދުވެގެންގޮސް އެތެރެއަށް ވަދެ މަންމަ ނިދައިފިތޯ ބަލައިފައި ދަނޑިޖަހާތަނަށް ދާން ނިކުމެއްޖެއެވެ.

      އިމްތިޙާނެއް



      ހަސީނާގޮވައިގެން ދޮނާ ދިޔައިރުވެސް ދަނޑިޖަހާތާ އެއްކަލަ ބަޔަކުތިބޫއެވެ. މިމީހުންގޮސް އެބަޔަކާ ހަމަވާއިރަށް ދޮނާ! ދުފަންގެނެސްދޭނުހޭ އެތަނުން އެކަކު ގޮވައިލިއެވެ. ދޮނާ ރައްޓެހިނޫން މީހަކުރަށަކު ނޫޅޭނޭކަން ކުރިންވެސް އޮންނާނީ އެނގިފައެވެ. އެއިރު ދޮނާ މިއަންނަނީ އެއްބައި ދުފައިގެން ތަންކޮޅެއް ފަހުން ދުފާންކަމަށް އަނެއްބައި މުށަށް އަޅައިގެން ހިފައިގެންނެވެ. އެމީހަކު އެހެން ބުނުމާއެކު އާއެކޭ ކިޔަފައި ގާތަށްޖެހިލާފައި މުށުތެރޭގައިހުރި ދުފާއެއްޗެހި އެމީހަކާ ދިމާލަށް ފޯރުވައިލައިފިއެވެ. ދެން އެމީހަކު އެއެތިކޮޅުގައި ހިފާލާފައި އަހަންނަށް އެކަނިހޭ ބުނިއަޑަށް ހަސީނާ ދޮނާގެ އަނެއްފަރާތުގައި ހުރެފައި ދޮނާ އަތުން ދުފާއެއްޗެހި ހުސްވެގެން ދޮނާއަށްޓަކައި ދެނީހެން ހީވާކަހަލަ ގޮތަކަށް ހަސީނާ ދުފަމުން އައި އެއްޗެހިން އިތުރުވެފައިހުރި ދެފޮތި ފޯއް ހުސައިންމަނިކާ ދިމާލަށް ފޯރުވައިފިއެވެ. އެއިރު ހުސައިންމަނިކުވެސްހުރީ ދޮނާއާއި ވާހަކަދައްކަން ހުރިމީހާގެ ފުރަގަހުގައެވެ. ދެން ހުސައިންމަނިކު އެއެތިކޮޅުގައި ހިފުމަށް އަތްދިއްކޮށްލުމުން އެއެތިކޮޅު އަޅައިލުމާއެކު ހަސީނާގެ މުށް ހުސައިންމަނިކުގެ އަތުތެރެއަށްލައި ކުޑަކޮށް ބާރުވެސް ކޮށްލައިފިއެވެ. އަދި ލަސްވެސްކޮށްލިއެވެ. އެތާހުރި ތިންވަނަމީހާ އެއިރުހުރީ ތަންކޮޅެއް ދުރުގައިހުރި ގެއެއްގެ އަސްކަނީގެ ހިޔަނިއެޅޭ ހިސާބުގައެވެ. އެހެންކަމުން އެއީ ކާކުކަމެއް ހަސީނާ ނުދެނަހުއްޓެވެ. އެއީ މިވެނިމީހެއްކަން އެނގޭނަމަކާ ހަސީނާއަށް މިތަނަކާ ގާތްވާކަށެއް ނުކެރުނީހެވެ. އެމީހަކު މިކަހަލަ ތަނެއްގައި ހަސީނާގެ ސިއްރުވެރިއަކަށް ނުވާނޭކަން އެނގުނީހެވެ. އެމީހަކީ މިރޭ ހަސީނާގާތަށް އިންނާން ފޮނުވި މުދިމުގޭ އަހުމަދުފުޅެވެ. އޭނާ ދުރުގައި އެހުންނަނީވެސް މިރޭވީ ބޭޒާރު ހުސައިންމަނިކަށް އެގިދާނެތީވެ އެކަމުގެ ލަދުގައެވެ. މިވަގުތު އޭނާގެ ހިތަށްކުރާނީ ކޮންފަދަ އަސަރެއްހެއްޔެވެ. އޭނާ ހީކުރާގޮތުގައި ހަސީނާއަކީ ތަންކޮޅެއްފަހުން އޭނާ އިންނާން ހުރި މީހެކެވެ. އެކަމަކު މިހާރު އޭނާގެ ލޯމަތީގައި އެހެން ފިރިހެނަކަށް ދުފަން އެދިނީ މައުނައިން ފުރިގެންވާ ގޮތަކަށެވެ.

      އާދޭހެވެ! އަރައިގަތް ރުޅިން މޫނުމަތި ދިޔައީ އަނދިރިވެގެންނެވެ. ހިތަށް ތަދުވެގަތްލެއް ގަދަކަމުން ތަންދޮރު ނޭގިގެންނެވެ. ހަސީނާގެ މައްޗަށް ކުޑަކޮށްވެސް އޭނާގެ ބާރެއްއޮތްނަމަ ވަރުގަދަ ބޮޑިއެއްދިނީހެވެ. އެކަމަކު މިހާރުއެއޮތީ ދަތްކުނޑިވިކައިގެންފަވެސް ހުންނާނާން ޖެހިފައެވެ. ހަސީނާ ދަންނާށެވެ އެއީ ވަރަށްބޮޑު މަޢުނައެއް ލާފައިކުރިކަމެކެވެ. ހުސައިންމަނިކާ ކުރި އިމްތިޙާނެކެވެ. ހިތުގައި ހިނގާ މުޤައްދިމާއެއް ކޮންމެވެސް އަތަކަށް ޖެއްސުމަށް ހެދި "މަންތަރަކެވެ."

      ދެން ހަމައެދިޔަގޮތަށް ހަސީނާމެން ދިޔައީއެވެ. އެތާކު އެއަށްވުރެ ގިނައިރަކު މަޑުވެސްކޮށްނުލައެވެ. ދިޔަގޮތަށް ދިޔައީ ދަނޑިޖަހާތަނަށެވެ. އެމީހުންގޮސް މާގިނައިރެއް ނުވަނީސް ދަނޑިޖެހުން ހުއްޓާލައިފިއެވެ. އެތަނަށް އެއްވެއޮތްހައި މީސްތަކުންވެސް ފަރާތްފަރާތަށް ގޮސްނިމިއްޖެއެވެ. ހަސީނާއާއި ދޮނާ ދިޔައީ ރަށުތެރޭގެ ކަންތައްތައް ބަލައިލުމަށް އަވަށުތެރޭގައި ހިނގައިލުމަށެވެ. ނުލާހިކު ހަނދުވަރު ތޫނެވެ. ގޮވަތި ގޮވަތިދޮށަށް ދޮންވެލިލައި  ކުނިކަހައި ސާފުކޮށްފައިވާލެއް ތާހިރުކަމުން މުޅިރަށުތެރެއޮތީ އުޖާލާވެފައެވެ. ބުރުހަމަ ހަނދު އޭގެ ކުށެއްނެތް މޫނާއިގެން ހިނގަމުން އައިސް ރަށާއި ހަމަދިމާގައި މަޑުޖައްސައިލައިފައި އޮތްކަހަލައެވެ.

      ހަސީނާ ނައިބުގޭގައި



      ހަސީނާގެ މަންމަ ހަރުނިދީގައި އޮވެފައި ހޭއެރީ މިގޭ ހަސީނާކޮބައިހޭ މީހަކު ގޮވައިލި އަޑަށެވެ. ފުންމައިގެން ތެދުވެ ބޭރުގެއަށް ނުކުމެފައި ކިއެއްވިތޯ އެހީމާ ހަސީނާ އަތުވެއްޖިއްޔާ ނައިބުގެއިން ހޯދައޭ ބުނާށޭ ކިޔާފައި އެމީހަކު ހިނގައްޖެއެވެ. ދެން ހަސީނާގެ މަންމަ ކީއްވީބާއޭ ހީކޮށް ހަސީނާ ފެނޭތޯ ނިކުމެއްޖެއެވެ. އަދި ދާނޭހެން ހީވާ ގޭގެދޮށަށްގޮސް ނުފެނިގެން އަންނަނިކޮށް މަގުމަތިން ދިމާވި މީހަކު ތިޔަގޭ ހަސީނާ ނައިބުގެއަށް ގެންގޮސްފިޔޭ ބުނީމާ ހަރުކޮށް ނައިބުގޭ ދޮށަށް ހިނގައްޖެއެވެ. ދިޔައިރު ނައިބުގޭ ދޮރުމަތީގައި އިސްދަށަށް ޖަހައިގެން ހަސީނާ ހުއްޓެވެ. ހަސީނާ އަކީ ދުވަހަކުވެސް ނައިބުގޭ ކުރިމައްޗަށް ނުގެންދާ މީހެއްކަމުންނާއި ވީގޮތެއްނޭގޭ ކަމުގެ ސަބަބުންހުރީ ވަރަށް ލަދުންނާއި އަދި ބިރުން ކިރިޔާ ނުރޮވޭވަރުގައެވެ.

      އިރުކޮޅެއްފަހުން ނައިބުކަލޭގެ ނުކުންނަވައިފިއެވެ. އަދި ހަސީނާގެ މޫނަށް އަލިވާނޭހެން ބައްތިޖައްސަވައި ލައްވައިފައި ހަސީނާ ދަނޑިޖަހާ ތަނަށް ދިޔަތޯ އައްސަވައިފިއެވެ. ލައްބައޭ ދިޔައީމޭ ވަރަށް ލަދުރަކި އަޑަކުން ހަސީނާ ނަންގަތެވެ. އަނެއްކާ ނައިބުކަލޭގެ އައްސަވައިފިއެވެ. ގޮސްހުރީ އެހެންވެސް އަންހެނުން ތިބިފަރާތުގައިހެއެޔެވެ؟ ލައްބައޭ އަނެއްކާ ނަންގެންފިއެވެ. ދެން ނާއިބުކަލޭގެ ދުރުގައިހުރި ފިރިހެނަކާ ދިމާލަށް އެނބުރިލައްވައިފައި އޭނާދުށީ ހަސީނާ ކޮންތަނެއްގައި ހުއްޓާތޯ އައްސަވައިފިއެވެ. ހަސީނާހުރީ ފިރިހެނުންތަކެއްގެ ތެރޭގައޭ އެމީހަކު ނަންގަތެވެ. އަނެއްކާ ނައިބުކަލޭގެ ހަސީނާއާ ދިމާލަށް އެނބުރިލައްވައިފައި، މިކަލޭގެ އެދައްކަނީ ދޮގުވާހަކައެއްހޭ އައްސަވައިފިއެވެ. ދެން ހަސީނާ ކުޑަކޮށް ޖެހިލުންވެ އިރުކޮޅަކު ހުރެލާފައި އެއީ ދޮގެކޭ ފިރިހެނުންތަކެއްގެ ތެރެއަކު އަޅުގަނޑެއް ނުހުންނަމޭ އެކަމަކު އެތަނަށް ދަމުން ތަންކޮޅެއް ދުރުގައިތިބި ބަޔަކު ކައިރިއަށް ހުއްޓިލީމުއެވެ. މިހެން ބުނާއިރަށް އެމީހަކު ވަރަށްބާރު އަޑަކުން ހަސީނާއާއި ދިމާޔަށް ދޮގުހަދަނީ އަހުރެނތޯ އެނގިދާނެޔޭ، ހުރިހައި ވާހަކައެއް ބުނަންވީ ހެއްޔެވެ. ދެން ހަސީނާ ބިރުން ކަހަލަގޮތަކަށް މަޑުމަޑުން ހުރެއްޖެއެވެ. އަނެއްކާ ނާއިބުކަލޭގެ، އަންހެނުންނާއި ފިރިހެނުން އެއްބޮޑިނުވާން އެންގިކަން ހަސީނާ ނުދެނަހުރިތޯ؟ އެއްސެވިއެވެ. ދެން ހަސީނާ ވަރަށްދެރަވެފައި ރޮވޭކަހަލަ އަޑަކުން އެއީ އަޅުގަނޑަށް ވެވުނުކުށެކޭ ނަންގެންފިއެވެ. ނައިބުކަލޭގެ ބުނުއްވިއެވެ. އަންހެނުންނާއި ފިރިހެނުން އެއްބޮނޑިނުވާން ވެރިންގެ ފަރާތުން އެންގެވިކަން ހަސީނާ ދެނަހުރީމުހެއްޔެވެ؟ ހަސީނާ ނަންގަތެވެ. އަޅުގަނޑު ދިޔައީ ދަނޑިޖަހާ ހުއްޓާން އުޅެނިކޮށެވެ. ތިޔަކަހަލަ އެއްޗެއް އެންގެވިކަމެއް ނުދެނަހުރީމެވެ. މީހަކުބުނާ އަޑުވެސް ނާހަމެވެ. ދެން ނާއިބުކަލޭގެ އެހެންނަމަވެސް ހިލޭ ފިރިހެނުންނާއި އަންހެނުން އެއްބޮނޑިވުމީ ޝަރީޢަތުން މަނާކަމެކޭ، އެކަހަލަ ކުށްކުރާ މީހުންނަށް ލިބޭ އަދަބު ހަސީނާއަށްވެސް ލިބޭނެޔޭ ބުނުއްވިއެވެ. ދެން ނައިބުކަލޭގެ އިޝާރާތަކަށް މީހަކު ދުއްރަ ހިފައިގެން ނިކުމެ 5 ފަހަރުން ހަސީނާ ތަޢުޒީރުކޮށްފިއެވެ. ދެން ނައިބުކަލޭގެ ހަސީނާއަށް ގޮވައިލައްވައި ދެންވެސް އެކަހަލަ މަނާ ކަންތައްތަކާއި ވެރިންގެ އަމުރުތަކަށް ފަރުވާ ބަހައްޓައިގެން އުޅެންދާން އަންގަވައި ފޮނުއްވައިލައްވައިފިއެވެ.

      ހަސީނާ މިތަނުން ނުކުންނައިރަށް މަންމަގޮސް އަތުގައި ހިފައިފިއެވެ. އަދި ތަންކޮޅެއް ދުރަށް ގެންގޮސްފައި ބުނެފިއެވެ. ތިޔަހަރީ އަހަރެމެންގެ ބަސްނާހާ ކަމުންވާގޮތެވެ. އަވަހަށް މީހަކާ އިންނާށޭ މިބުނަނީ ތިޔަހެންވެގެނޭ. އަހަރެމެންނަށް ކިހައި ހުތުރެއްހޭ. މަންމަގެ އަތުން ފޮޅުވައިލައިފައި ކިތަންމެ ބަސްއެއްސަކަސް ބަޔަކު ކެހިވެރިކަމުން މިއަށްވުރެ ބޮޑު ބޮނޑިއެއްވެސް ދީފާނެއޭ ހަސީނާ ބުނެފިއެވެ. އަހަރެން ނޫނަކަސް އެތާގައި އަންހެނުން ތިބޫއޭ. އަހަރެން އެކަނި ނައިބުގެއަށް ގެންދާނީ މީހަކު އަހުރެންނަށް ބޭލިބޮނޑިއެއް ވީމައިނޫންހޭ؟ ދެން މަންމަ ބުނެފިއެވެ. އެހެންމީހުންގެ ވާހަކަ ނައިބުކަލޭގެ ގާތުނުބުނީ ކީއްވެހޭ އެއިރުން މަންޖެ އެކަންޏަކު ނުތެޅުނީ ނޫންހޭ ހަސީނާ ބުނެފިއެވެ. އަހުރެން މީހަކަށް ބޮނޑިއެއް ދޭކަށް ނޫޅެމެވެ. ހަސީނާ މިހެންބުނީ ދޮނާ ނުތަޅައި އަކަނި ހަސީނާ ތަޅައިގެން އެއިގެ ރުޅީގައި ބުނިއެއްޗެއްނޫނެވެ. މީހަކު ހަސީނާއަށް ބޭލި ބޮނޑިއެއްކަން މަންމައަށް ވިސްނައިދިނުމަށް ބުނީއެވެ. އެހެންނޫންނަމަ ނާއިބުގޭ ކުރިމަތީގައި ބުނީހެވެ. އަދި ކިރިޔާވެސް ގޮތެއްއޮއްވައި ދޮނާގެ ވާހަކައެއް ހަސީނާއެއް ނުބުނާނެއެވެ. މަރިޔަނބަކީ އެހެންފާޑެއްގެ މީހެއްކަމުން އޭނާއަށް ފެނުނީ ހަސީނާ ބެދުނުމަޅީގައި އެހެންމީހުންވެސް ބެއްދުމެވެ.

      ހަސީނާ ކުށްވެރިތޯ؟



      ހަސީނާ ނައިބުގެއަށް ބަލާދިޔައީ ދޮނާއާއި ދެމީހުން ދަނޑިޖަހާތަނުންގޮސް ރަށުތެރޭގައި ހިނގާލާފައި އައިސް ގެއަށް ހަމަވަން ތަނާއެވެ. އެއިރު މެންދަންނުވެ ހުންނާނީ ބައިގަޑިއިރެވެ. އެއީ ހަސީނާގެ މަންމަ ނައިބުގެއިން ހޯދާތީ ހަސީނާ ފެނޭތޯ ގޮސްފައިވަނިކޮށެވެ. ނައިބުގެއަށް ދިޔައިރު ދޮނާވެސް އެކުގައި ދިޔައެވެ. ހަސީނާޔާ ނައިބުކަލޭގެ ވާހަކަދެއްކިއިރު ހަސީނާ ސަލާމަތްވާން އުޅެފާނެތީ ދޮނާހުރީ ވަރަށް ބިރުންނެވެ. އެއީ ހެކިންގެ ފަރާތުން އެކަން ސާބިތުކުރަން އުޅެފިއްޔާ ދޮނާވެސް ބެދިދާނެތީއެވެ. އެކަމަކު ފަހުން ހަސީނާ ބަސްގިނަވާގޮތް ދޫކޮށްލައިފައި ކުރުކޮށްލި ގޮތުން ވަރަށް އުފާވިއެވެ.

      ހަސީނާއަށް ވީގޮތަކީ މީހަކު ދުފާންދޭން ބުނީމާ އައި މަގުމަތިން ފޯއްކޮޅެއް ފޯރުވައިލުން އެއީ އެހައި ކުށްވެރިވާނޭ ކަމެއްނޫންކަން އެނގި ފުރަތަމަޔަށް އުޅުނީ ރެކިގަންނާށެވެ. ފަހުން ދަޢުވާކުރާން ހުރިމީހާއަކީ ދޮގުހަދައިގެންއުޅޭ މީހެކޭ ހަސީނާ ބުނެގެން އޭނާގާތަށް ރުޅިއައިސް ބާރަށް ވާހަކަދައްކައިގަތުމުން ހަސީނާ ބިރުގަނެގެން ސަލާމަތްވާން އުޅޭކަށް ނުކެރުނެވެ. ދެން ކުއްލިއަކަށް ތިމަންނައީ ކުށްވެރިއެއްކަމަށް އިޢުތިރާފް ވީއެވެ. އެހެންހެދި ގޮތަކީ އެމީހެއްގެ ގާތަށް ރުޅިއައިސް ރަގަޅަށް ވާހަކަ ކިޔައިދީ ހުސައިންމަނިކަށް ދުފަންދިންގޮތް އެންމެންނަށް ފާޅުވެ އަދި އޭގެތެރޭގައި ހުސައިންމަނިކުވެސް ދޮނާވެސް ގެށިގެންގޮސް ބޭޒާރުވެދާނެތީވެ ހުރިހައި ބޭޒާރަކަށްވުރެ އެންމެ ބޭޒާރަކުން ކުރުކޮށްލުމަށެވެ.

      ދޮނާ ދަންނާށެވެ. ދޮނާ އެތާނގައި ހުރެގެން ވިސްނާއިރު ދަޢުވާކުރާ މީހާއާއި ދޭތެރޭ ވަރަށްބޮޑަށް ޙައިރާންވާންޖެހެވެ. އެމީހަކު އެދައްކާ ވާހަކައަކީ ލޮލުން ދެކިގެން ދައްކާ ކަހަލަވާހަކައެވެ. އެކަމަކު ދޮނާއަކީވެސް އެތާގައި ހަސީނާއާ ޖެހިގެންހުރި އަނެއްމީހާއެވެ. އެއްގޮތަކަށްވެސް ހަސީނާއާއެކު އެހެންމީހަކު ހުރިވާހަކައެއް އޭނާ ނުދައްކައެވެ. އެގޮތުން އެމީހާއާ ދޭތެރޭ އޮޅުމެއް އަރަނީއެވެ. ދެން އެމީހަކަށް ވިސްނާއިރު އެމީހަކީ މުދިމުގޭގައި އުޅޭ ބީރައްޓެއްސެކެވެ. އޭނާޔާ އަތުގުޅުވައިގެން ވާހަކައެއްދައްކާން އަހުމަދުފުޅު ހުއްޓައި ދަނޑިޖަހާތަނުން ނިމިގެން ހަސީނާއާއެކު ދަމުން ދޮނާއޮތީ ދެކިފައެވެ. ދެން ކުއްލިއަކަށް ދޮނާއަށް ވިސްނުނީ އަހުމަދުފުޅު ދެކިގެން ނުވަތަ މީހަކުބުނާ އަޑުއަހައިގެން އޭނާއާ ހަސީނާ ނުއިންކަމުގެ ރުޅީގައި ހަސީނާއަށް ބޮނޑިދޭންވެގެން ނާއިބުގެއަށް ފޮނުވާފައިހުރި މީހެއްކަމަށެވެ. އެއީ ގިނަމީހުންނަށް ވާނޭގޮތެކެވެ. އަދި ވަކިން އަންހެނުންގެ ވަސްވާސް ގިނަކަމުން އެމީހުންގެ ހިތަށް މާއަވަހަކަށް އެކަހަލަވިސްނުން އަންނާނެއެވެ. މީހަކަށް ދެރައެއް ލިބިއްޖިއްޔާ އެމީހަކާ ރުޅިވެގެން އުޅޭމީހެއްގެ ފުށުން އެޒާތުގެ ކަމެއް ފެނިފައިވާނަމަ އެމީހަކު ދިން ދެރައެއްކަމަށް ހީވާނެއެވެ. ދެން ނާއިބުގެއިން ނިމިގެން ހަސީނާ ދާންފެށުމުން ފަހަތުން ހަސީނާގެ މަންމަ ދާތަންދެކިފައި ދޮނާއެޅީ އެހެންމަގަކުންނެވެ. އެއީ ހަސީނާއާއެކު ދޮނާ ދިޔަކަން އެނގިއްޖިއްޔާ އަޑުލާނޭކަން އެނގޭތީ ބިރުންނެވެ. (ނުނިމޭ)
 
 

އިދާރާ

ވާހަކަ