އަދުގެ ޚާއްސަ

Print

ޙަޤީޤަތާއި ވަހުމާ ދެމެދުގައި ދީން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޑރ. ޢަލީ ޖުމްޢާ (މިޞްރުގެ މުފުތީ)
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ﷲ ސުބްޙާނަހޫ ޥަތަޢާލާ، އެކަލާނގެ އަޅުތަކުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވައި، އެބޭކަލުންނަށް ޥަޙީ ބާވައިލެއްވީ، ވަހުމުގެ އަނދިރީގެ ތެރެއިން، ޙަޤީޤަތުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުއްވުމަށްޓަކައެވެ. އަދި މީސްތަކުން، އެމީހުންގެ ހަވާނަފުސާ ތަބާވުން ނަހީކުރައްވައި، ވިސްނައި ފިކުރުހިންގުމަށް އަމުރުކުރެއްވުމަށްޓަކައެވެ.

މީސްތަކުން ދިރިއުޅުމަށްޓަކައި، އެކަލާނގެ ކަނޑައަޅުއްވާފައިވާ، ނިޒާމުގައިވަނީ، ހެޔޮކަންކަމަށް އަމުރުކުރައްވައި، މުންކަރާތްތައް ނަހީކުރައްވާފައެވެ. އަދި އެ ނިޒާމުގައިވަނީ، މީސްތަކުން ދިރިއުޅެންވީ މަގު، ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެ ނިޒާމަށް އެކަލާނގެ ދެއްވާފައިވާ ނަމަކީ، "ސީދާވެގެންވާ ދީނެވެ." އަލްބައްޔިނާ ސޫރަތުގެ 5 ވަނަ އާޔަތުން އެކަން އެނގެއެވެ. އެއާޔަތުގައި ވެއެވެ. (وَذَلِكَ دِينُ الْقَيِّمَةِ) މާނައީ، "އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ." އެހެންނަމަވެސް، އެކަން ގިނަ ބަޔަކަށް ނޭނގެއެވެ. ސީދާވެގެންވާ ދީނުގައި، ޚާއްޞަ ސިފަތަކެއް ވެއެވެ. ބުއްދިއާއި އަޚުލާޤާއި މަޞްލަޙަތުތައް ރައްކާތެރިކުރުމާއި ބޭނުންތައް ތަހުޒީބުކުރުން އޭގައި ވެއެވެ. އަދި ގެއްލުމާއި ކިބުރުވެރިކަމާއި އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ޢަމަލުތަކުން އެއްކިބާވުން އޭގައި ވެއެވެ. އާލު ޢިމްރާން ސޫރަތުގެ 14 ވަނަ އާޔަތާއި، ޞާދު ސޫރަތުގެ 26 ވަނަ އާޔަތުން މިކަންކަން އެނގެއެވެ.

އަޅުގަނޑުމެން، ސީދާވެގެންވާ ދީން ދޫކޮށްލައިފިނަމަ، އަޅުގަނޑުމެން ވާނީ، ދެވޭ ވަކިތަނެއް ނޭނގޭ ޙާލުގައިތިބެ، އޮޔާއެކު ބެހިގެންދާ ބަޔަކު ކަމުގައެވެ. އެކި އެކި ޒަމާންތަކުގައި އިންސާނުންގެ ތެރެއިން ގިނަބަޔަކު ވަނީ، ސީދާވެގެންވާ ދީން، ދޫކޮށްލުމަށް މަސައްކަތްކޮށްފައެވެ. އެކަމުގެ ނަތީޖާއަކަށްވީ، އެކަންކުރި އަފުރާދުންނާއި މުޖުތަމަޢުތައް ކާރިސާތަކާ ކުރިމަތިލާންޖެހުމެވެ. މިއަދާ ހަމައަށްވެސް، އިންސާނުން އަމިއްލައަށް ދީންތައް ހަދަމުން އެބަގެންދެއެވެ. އެފަދަ ބައެއް ދީންތައް ހަދާފައިވަނީ، ޝައިޠާނާއަށް އަޅުކަންކުރުމަށެވެ. އަނެއްބައި ދީންތައް ހަދާފައިވަނީ، މީސްތަކުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށެވެ.

މިދެންނެވި ފަދަ ދީންތަކުގެ ތެރެއިން އެންމެ ފަހުން ފާޅުވި އެއްދީނަކީ، ގޫގަލިޒަމެވެ. މިނަން ނެގިފައިވަނީ، އިންޓަރނެޓްގައިވާ މަޝްހޫރު ވެބްސައިޓު، ގޫގަލްއިންނެވެ. ކޮންމެވެސް ބަޔަކު، އެ ވެބްސައިޓަށް ކަލާނގެވަންތަ ކަމުގެ ސިފަ ދީ، އެ ވާހަކަ ފަތުރާނެ ވެބްސައިޓެއް ހެދިއެވެ. އެބައިމީހުން ބުނާގޮތުގައި، ގޫގަލްއަކީ، އަޅުކަންކުރުން ޙައްޤުވެގެންވާ ކަލެކެވެ. އަދި އެއަށް އަޅުކަންކުރުމަށް، އެބައިމީހުން ޒުވާނުންނަށް ގޮވާލިއެވެ. އެ ދޯހަޅި ޚިޔާލު ފާޅުވެފައިވަނީ، މީލާދީ ސަނަތުން 2006 ވަނަ އަހަރުގެ ތެރޭގައެވެ. އެ ޚިޔާލުގެ ހަމަނުޖެހޭކަމުން، ހަރުދަނާ ބަޔަކު އެއާމެދު އަޅައެއް ނުލިއެވެ. ބޮޑެތި މީހުން ހީކުރީ، ބުއްދި ޤަބޫލުނުކުރާނެ އެ ޚިޔާލަށް އެއްވެސް ބަޔަކު އިޖާބަ ނުދޭނެކަމަށެވެ. ނަމަވެސް އިސާހިތަކު، ޔޫރަޕުގެ ޒުވާނުންގެ މެދުގައި އެ ޚިޔާލަށް އިޖާބަދީ، އެ ޤަބޫލުކުރުން ޢާއްމުވެގެން ހިނގައްޖެއެވެ. އެކަން އެހެންވީ، އެ ޒުވާނުންގެ މެދުގައި އޮތް، ދީނީ ހުސްކަމެއްގެ ސަބަބުންނެވެ. އެއީ، ކިތަންމެ ތާކުންތާކު ނުޖެހޭ ޚިޔާލެއް ކަމުގައި ވިޔަސް، އެއުރެންގެ ތެރޭގައި އެ ޚިޔާލަށް މަޤާމެއް ލިބުނެވެ.

މިކަމާމެދު ވިސްނާލުމުން، ޢަރަބީންގެ ހަރުބަހެއް ހަނދާނަށް އާދެއެވެ. "ގިނަފަހަރު، ތަންތަނުގައި އަލިފާން ރޯވަނީ، ކުޑަކުޑަ ކަންޏަކުންނެވެ." އަދި އިބްނުލް މުޢުތައްޒު ކިއުއްވާފައިވާ ޅެންބައިތެއް ވެސް ހަނދާނަށް އާދެއެވެ. އޭގައިވަނީ، (لاتحقرن صغيرة‏..‏ إن الجبال من الحصى) މިހެންނެވެ. މާނައީ، "ކުޑަކުޑަ އެއްޗަކަށް ވެސް ތިބާ ނިކަމެތިކޮށް ނުހިތާށެވެ. ބިޔަ ފަރުބަދަތައް އުފެދިފައިވަނީ، ކުދިކުދި ހިލަކޮޅުތަކުންނެވެ."

ގޫގަލިޒަމަށް ގޮވާލާ ވެބްސައިޓު، ހުރިހާ ސުއާލަކަށް ޖަވާބުދޭ ކަމަށް އޭގެ އަހުލުވެރިން ދަޢުވާކުރެއެވެ. ނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކައެކެވެ. އެންމެ އާދައިގެ ސުއާލުތަކުގެ ޖަވާބު ދިނުމަށް ވެސް އެ ވެބްސައިޓުވަނީ ނުކުޅެދިފައެވެ.

މިހާރު ފާޅުވާން ފަށާފައިވާ އަނެއް ދީނަކީ، ތިމާވެށްޓަށް އަޅުކަންކުރާ މީހުންގެ ދީނެވެ. އެއުރެންގެ ލަނޑުދަނޑިއަކީ، ދުނިޔެ ޙިމާޔަތްކުރުން ކަމަށް ބަލާފައިވެއެވެ. އަދި މިހާތަނަށް އެ ދީން ފުޅާ ދާއިރާއެއްގައި ފެތުރިފައި ނުވި ނަމަވެސް، ބައެއް ސަމިޓްތަކުގައި ތިމާވެށްޓަށް އަޅުކަންކުރުމުގެ ވާހަކަ ވަނީ ދައްކަން ފަށާފައެވެ. އަދި އިނގިރޭސި ބަހާއި ފަރަންސޭސި ބަހުގެ އަދަބިއްޔާތުގައި ވެސް އެ ވާހަކަ ވަނީ ފާޅުވާން ފަށާފައެވެ. ތިމާވެށީގެ ފެހިކަން ޙިމާޔަތްކުރުމަށާއި ޖަނަވާރުތަކަށް އޯގާތެރިވުމަށް ގޮވާލާ ޖަމާޢަތްތަކުން ވެސް ވަނީ، ހަމައެފަދައިން ޢަމަލުކުރަން ފަށާފައެވެ. އެއުރެންނަކީ މީގެ ކުރިން، ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި އެއުރެން ދީއުޅުނު އިރުޝާދުތަކާއި ނަސޭހަތްތަކުގައި ދުވަހަކުވެސް "ދީން" ނުވަތަ "އަޅުކަންކުރުން" މި ދެ ބަސް ބޭނުންކުރި ބަޔެއް ނޫނެވެ. މިހާރު އަލަށް މިފަށައިގަތް ކަމަކީ، ކޮންމެ ވެސް ޙަރަކާތެއްގައި ނުވަތަ ކޮންމެވެސް މައްސަލައެއްގައި، ތިމާވެށްޓަށް އަޅުކަންކުރުމުގެ ކުލައިން ކުލަ ޖެއްސުމެވެ.

އިންސާނީ ޙައްޤުތަކަށް އަޅުކަންކުރާ ޖަމާޢަތްތައް ވެސް މިހާރު ވަނީ ފާޅުވާން ފަށާފައެވެ. އެއުރެންގެ ކަންތައްތައް އޮތީ، ހަމަ ތިމާވެށްޓަށް އަޅުކަންކުރާ މީހުންގެ ކަންތައްތައް އޮތްފަދައިންނެވެ. މާތްﷲ އެކަލާނގެ ކަލާމްފުޅުގައި ޥަޙީކުރައްވާފައިވެއެވެ. (أَلا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ) الزمر‏:3  މާނައީ، "ދަންނާށެވެ! ޚާލިޞްވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފި މީހުން ބުނޫއެވެ. ﷲ ގެ ޙަޟުރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު ޚިލާފުވެގެން އުޅޭ ކަންތަކާ ދޭތެރޭގައި ﷲ، އެއުރެންގެ މެދުގައި ޙުކުމް ކުރައްވާނެތެވެ. ހަމަކަށަވަރުން، ދޮގުހަދާ ކާފިރަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ."

އެކިއެކި މައްސަލަތަކާއި ވެބްސައިޓްތައް، ކަލާންގެތަކަށް ހެދުމާއި އާ ދީންތައް ހަދައިގެން އެ ދީންތަކަށް ޙައްޤު ހޯދަން މަސައްކަތްކުރާ ޙަރަކާތްތައް، އިތުރަށް ދިރާސާކުރަން އެބަޖެހެއެވެ. އެ ޙަރަކާތްތައް އުފެދެން މެދުވެރިވި ސަބަބުތަކާއި އެ ޙަރަކާތްތަކުގެ ސަބަބުން ނުކުތް ނަތީޖާތަކާއި އެއިން ލިބުނު ގެއްލުންތައް ހޯދާބަލައި ތަފާސްކުރަން އެބަޖެހެއެވެ. އަދި އެއަށް ދޭންޖެހޭ ފަރުވާއެއް ހޯދައި، އޭގައި އަސީރުވި ޒުވާނުންނާއެކު ވާހަކަ ދައްކައި މުޢާމަލާތްކުރަން އެބަޖެހެއެވެ. އެ ޙަރަކާތްތައް ހިންގުމުގައި ބައިވެރިވި ޒުވާނުން ކިބައިން ވަނީ، އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމުގެ ބާރު ނެތިފައެވެ. އެއުރެންވަނީ، އެއުރެންގެ މުޖުތަމަޢުތަކުން ބާކީވެ އެކަހެރިވެފައެވެ. އެއުރެންނީ، ކަމަކަށް ދެވިހިފުމުގެ އަނދަވަޅަށް ވެއްޓިފައިވާ ބަޔެކެވެ.

ނަންގަނެވިދިޔަ، ޙަރަކާތްތައް ފާޅުވެފައިވަނީ، ޖީލުތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ކަނޑާލުމުންނެވެ. ޒުވާނުންގެ މެދުގައިވާ ހުސްކަމާއި ފިކުރީ އެކަހެރި ކަމަކީ، އޭގެ ސަބަބުން އުފެދުނު ކަމެއް ކަމުގައި ވެދާނެއެވެ. މައިންބަފައިންގެ ޖީލުގެ މީހުން ކޮށްފައިވާ ތަޖުރިބާއިން ދަރުސް ލިބިގަތުމެއް ނެތި، ދުރުގައިވާ ޖަޒީރާތަކެއްގައި ޒުވާނުން ދިރިއުޅޭ ފަދައެވެ. އެއުރެން ވަނީ، މައިންބަފައިން ކުރަމުން ގެންދިޔަ ދަތުރުގައި ބައިވެރިވެ، އެ ދަތުރު ފުރިހަމަނުކުރާނެ ޙާލަތެއްގައެވެ. މިއަށްވުރެ ވެސް ނުރައްކާތެރި ކަމަކީ، އެއުރެންގެ ޤައުމުގެ މީހުން ވާހަކަ ދައްކާ ބަހުގެ އަޑުތަކާ ޚިލާފު އަޑުތަކެއް ލައްވައި، އެ ބަހުގައިވާ ލަފުޒުތަކާއި މާނައާ އަރާރުންވާ ބަހަކުން އެއުރެން ވާހަކަ ދައްކާކަމެވެ.

މިހާރު ފާޅުވަމުން މިދާ، ދޮގު ދީންތަކުގެ ނުރައްކާތެރިކަން ވަރަށް ވެސް ބޮޑެވެ. އެހެނީ، އެ ދޮގު ދީންތައް، ޙަޤީޤީ ދީނުގެ ބަދަލުގައި އޮންނާނެ ދީންތަކަކަށް ވުމަށްޓަކައި ދީނުގެ ނަން ބޭނުންކުރެއެވެ. އަދި ޒުވާނުންނާ މުޚާޠަބުކޮށް، އެއުރެންގެ ވިސްނުމާއި ފިކުރާއި ބުއްދިއަށް ވެރިވެގަނެއެވެ. އެކަމަށްޓަކައި ބޭނުންކުރަނީ، ވީހާވެސް އަވަހަކަށް އެ ދީންތައް ފަތުރާދޭނެ ވަސީލަތްތަކެވެ. މައިގަނޑު ގޮތެއްގައި، އެ ދީންތައް ބަރޯސާވެފައިވަނީ، އެއާ ދެކޮޅު ހަދާނެ މީހަކު ނެތުމުގެ މައްޗަށެވެ. ހެޔޮވިސްނޭ މީހުން އެއާމެދު އަޅާނުލާ ސަބަބަކީ، އޭގައި ހަރުދަނާ ކަމެއް، އޮއްޓަރެއް ނެތުމެވެ. އަދި އެއީ ސަލާމަތް ބުއްދި ޤަބޫލުކުރާނެ އެއްޗެއް ކަމުގައި ނުވުމެވެ. މިކަން މިހެން އޮތްއިރު، ފިކުރީ ގޮތުން ހުސްކަމެއްގެ ތެރޭގައި ތިބި ޒުވާނުންވަނީ، އެއުރެންނަށް އަޑުއިއްވާލެވޭ ކޮންމެ ފިކުރެއް ޤަބޫލުކުރަން ތައްޔާރަށެވެ. އެއަށްފަހު، އެއުރެންވާނީ އޮޔާދާ ބަޔަކު ކަމުގައެވެ.

ނަންގަނެވިދިޔަ ފަދަ މުޞީބާތްތަކުން ސަލާމަތްވުމަށްޓަކައި މުޅި ދުނިޔެ އެއްބައިވުމަށް، "އިންޖީލާއި ޞަލީބު" ނަމަކަށް ކިއުނު ފޮތުގައި، އަލްއުސްތާޛު ޢަބްދުލްއަޙަދު ދާވޫދު ގޮވާލައްވާފައިވެއެވެ. މާތްﷲ ވޮޑިގެންވާކަން ޤަބޫލުނުކުރުމުގެ އަނދިރިކަމުގެ ތެރެއަށް ދިއުމާ ދެކޮޅަށް، ސާބިތުކަމާއެކު މަސައްކަތްކުރުމަކީ، އެންމެހައި މުއުމިނުންގެ މަޞްލަޙަތު ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. މިދެންނެވި ފޮތް އޭނާ ލިއުއްވާފައިވަނީ، ވިހިވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އޭރު ދުނިޔޭގައި އޮތީ، މާތްﷲ ވޮޑިގެންވާކަން ޤަބޫލުނުކުރުމަށް ގޮވާލުމާއި ދީނާ ހަނގުރާމަ ކުރުމެވެ. އެކިއެކި ޙަރަކާތްތަކަށް ދީނުގެ ނަންދީގެން އޭރަކު ނޫޅެއެވެ.

ވިހިވަނަ ޤަރުނުގެ މެދުތެރޭގައި، ފަރަންސޭސިވިލާތުގެ މުސްލިމް ފިލޯސަފަރު، ޢަބްދުލްޥާޙިދު ޔަޙުޔާ ވަނީ، މަފުހޫމުތަކާ ހަނގުރާމަ ކުރާ ބަޔަކު އެބައުޅޭ ކަމުގެ އިންޒާރު ދެއްވާފައެވެ. އިންސާނުން ދިރިއުޅެމުންދާ އިޖުތިމާޢީ ނިޒާމު ބަދަލުކޮށް އެހެން ނިޒާމެއް ޤާއިމްކުރަން އެބަޔަކު މަސައްކަތް ކުރަމުން ގެންދާކަން ވެސް އޭނާ ވަނީ ހާމަކޮށްދެއްވާފައެވެ. އަދި ރަޝިޔާގެ ފިލޯސަފަރު، ލިއޯ ޓޮލިސްޓޯއި ވެސް އެފަދަ އިންޒާރުތައް ދެއްވާފައި ވެއެވެ.

މިހާރު އުފެދިފައިމިވާ ނޭދެވޭ ޙަރަކާތްތައް، ވަގުތު ފާއިތުވުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، އަޅުގަނޑުމެންގެ ދަރިން އަޅުގަނޑުމެންގެ އަތުގައި ޖެހޭތޯ މަސައްކަތްކުރަން އެބަޖެހެއެވެ. އެ ޙަރަކާތްތައް އުފެދެން މެދުވެރިވި ސަބަބުތަކާއި އެއިން ނުކުތް ނަތީޖާތައް އެނގޭނެހެންނެވެ. އަދި އެއަށް ފަރުވާދޭނެ ގޮތްތައް ހޯދައިދީ، އަލުން އެފަދަ ޙަރަކާތްތައް ނުއުފެދޭނެ ފަދަ ހަރުދަނާ މަޝްރޫޢުތަކެއް ދެނެގަނެވޭނެހެންނެވެ.


މަޞްދަރު:
އަލްއަހުރާމް ދުވަހު ނޫސް، ޢަދަދު: 44688، ތާރީޚު: 17 ރަބީޢުލްއާޚިރު 1430ހ. 13 އޭޕްރީލް 2009މ. އަހަރު: 133

ހަމަމިގަލަމުން

އިދާރާ

ވާހަކަ