އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މުޖުތަމަޢުގެ ޑިމޮކްރެސީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


މިއީ، ލީބިޔާގެ އަލްޤިޔާދަތުއްޝަޢުބިއްޔާ އަލްއިސްލާމިއްޔާ އަލްޢާލަމިއްޔާ އިން، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި، 19 ނޮވެމްބަރ 2007 އިން 20 ނޮވެމްބަރ 2007 މ. އަށް ބޭއްވި ސެމިނާރ އަށް ހުށަހެޅުނު ކަރުދާހެކެވެ. މިކަރުދާހުގެ އަޞްލު، ޢަރަބި ބަހުން ތައްޔާރުކުރައްވައި، ސެމިނާރއަށް ހުށަހެޅުއްވީ، އައްޝައިޚު މުޙައްމަދު ޤުބާދު އަބޫބަކުރެވެ. މިކަރުދާސް  ދިވެހިބަހަށް ތަރުޖަމާކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ސެމިނާ އިންތިޒާމުކުރެއްވި ފަރާތްތަކަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.
ޢަބްދުލްމުޢީދު ޙަސަން


މާތްﷲގެ ޙަޟްރަތަށް ޙަމްދު ހުއްޓެވެ. މި އިސްލާމީ އުންމަތަކީ މީސްތަކުންނަށް ނެރެދެއްވުނު ހެޔޮ އުންމަތް ކަމުގައި އެކަލާނގެ ލެއްވިއެވެ. މި އުންމަތުގެ މީހުން ހެޔޮކަންކަމަށް އަމުރުކޮށް، މުންކަރާތްތައް ނަހީކޮށް، ޢިއްޒަތްތެރިވަންތަ އެކަލާނގެ ޙަޟްރަތަށް އީމާންވާހައި ހިނދަކު، އެކަން އެގޮތުގައި ދެމިއޮންނާނެއެވެ. އެންމެ ސީދާވެގެންވާ މަންހަޖު، މިއުންމަތަށް އެކަލާނގެ ދެއްވާފައިވާ ކަމަށްޓަކައި ތަކުރާރުކޮށް އެކަލާނގެ ޙަޟްރަތަށް ޙަމްދު ދަންނަވަން ޖެހެއެވެ. މި އުންމަތަށް އެކަލާނގެ ދައްކަވާފައިވަނީ އެންމެ ހިތްހަމަޖެހޭ އެންމެ ލުއިފަސޭހަ މަގެވެ. އެއީ އެންމެ ސީދާވެގެންވާ ތެދުމަގެވެ. މި އުންމަތުގެ އަފުރާދުން މި ދުނިޔޭގައި ހިނގަންވީ އެމަގުންނެވެ. އާޚިރަތުގައި އެކަލާނގެ ރުއްސަވާވޮޑިގަތުމާއި ސުވަރުގެ ޙާޞިލުކުރުމަށްޓަކައެވެ.



ޞަލަޥާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލާނގެ އަޅާ އަދި އެކަލާނގެ ރަސޫލާ މުޙައްމަދު (صلى الله عليه وسلم) އަށެވެ. މި ޞަލަޥާތުގައި އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ގެ އާލުން ޝާމިލުކުރަމެވެ. އެންމެ ރިވެތި ޚުލްޤާއި އެންމެ އައުދާނަ ސިޔާސަތާއި އެންމެ މޮޅު ޙިކުމަތް، މީސްތަކުންގެ ތެރެއިން އިތުރު އެކަލޭގެފާނަށް (صلى الله عليه وسلم) މާތްﷲ ދެއްވިއެވެ. ފަހެ، ވެރިކަމުގެ އާރާއި ބާރު ލިބިވަޑައިގެން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޢަދުލުވެރިކަމާއި އޯގާތެރިކަމާއެކު ވެރިކަން ކުރެއްވިއެވެ. އިތުރު އެކަލޭގެފާނު (صلى الله عليه وسلم) އަށްވުރެ ބޮޑަށް ރައްޔިތުންނާ މަޝްޥަރާކުރި މީހަކު މި ބިންމަތީގައި ފާޅުނުވެއެވެ. އެހެންކަމުން، މީސްތަކުންގެ ހިތްތައް އިތުރު އެކަލޭގެފާނު (صلى الله عليه وسلم) އަށް މިތުރުވެރިވެގެން ދިޔައެވެ. ހިތްހަރު ހަރުކަށި މީހުންގެ ހިތްތައް ވެސް އިތުރު އެކަލޭގެފާނު (صلى الله عليه وسلم) އަށް މަޑުވެ މައިތިރިވެގެން ދިޔައެވެ.

ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންނަށް މާތްﷲ ޞަލަޥާތާއި ރުއްސުން ލައްވާށިއެވެ. އެ ބޭކަލުންވަނީ، މާތްވެގެންވާ އިސްލާމްދީނުގައި އެންމެ ރިވެތިކޮށް ފައިތިލަ ސާބިތުކުރައްވައި އެ ދީނުގެ ކަންތައްތައް އެންމެ ފުރިހަމައަށް ހިންގަވާފައެވެ. އުންމަތުގެ އަފުރާދުންނާ މަޝްޥަރާ ކުރެއްވުމަކާ ނުލައި އެއިން ބޭކަލަކު އަމިއްލަފުޅު ރައުޔުގެ މައްޗަށް ކަންތައްތައް ނިންމަވާފައެއް ނުވެއެވެ. އަދި އުންމަތުގެ އަފުރާދުން ނުރުހޭ ކަންތައްތައް އެބައިމީހުންގެ މައްޗަށް ހިންގަވާފައެއް ވެސް ނުވެއެވެ. އެހެންކަމުން މިނިވަނުންނާއެކު އަޅުން އެބޭކަލުންނަށް ކިޔަމަންތެރިވިއެވެ. ގާތްތިމާގެ މީހުން ފަދައިން ދުރު ހިލޭ މީހުން ވެސް އެބޭކަލުން ދެކެ ލޯބިވިއެވެ. މިކަމުން އިސްތިޘްނާވެފައިވާ ބަޔަކީ، އެބަޔެއްގެ ހިތުގައި ނުކިޔަމަންތެރިކަން ވީބަޔެކެވެ. އަދި އެބަޔެއްގެ ޢަޤީދާގައި މަގުފުރެދުން ހިމެނިފައިވީ ބަޔެކެވެ.

މިއަށްފަހު ދަންނަވަމެވެ.

ކޮންމެ މުޖުތަމަޢެއްގެ ޑިމޮކްރެސީއަކީ، އެ މުޖުތަމަޢެއްގެ އަފުރާދުން ދިރިއުޅެމުން ގެންދާ އުސްލޫބުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެވެ. ނުވަތަ އެއީ ޔޫނާނީ ސަގާފަތުގައި އޮތްފަދައިން ޑިމޮސް އާއި ކްރެޓޮސް މި ދެ ލަފުޒުން އުފެދި، ރައްޔިތުންގެ ވެރިކަން ނޫންނަމަ، ރައްޔިތުންގެ ބާރުކަމުގައި މާނަކުރެވޭ އެއްޗެކެވެ. ޔޫނާނީ ސަގާފަތުގައި ޑިމޮސް ގެ މާނައަކީ، ރައްޔިތުންނެވެ. ކްރެޓޮސް ގެ މާނައަކީ، ވެރިކަމެވެ. ނުވަތަ ބާރެވެ. ދޭހައަށް ބަލާއިރު ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ބައްޓަންކުރާ ކޮންމެ ސިޔާސީ މަޛުހަބަކަށްމެ މި ލަފުޒު މުނާސިބެވެ.

އެއްވެސް ރައްޔިތެއްގެ ތެރޭގައިވާ ޑިމޮކްރެސީއެއްގެ ސިފަތައް ތަފުޞީލުކޮށް ފާޅުވަނީ އެ ރައްޔިތެއްގެ ތެރޭގައި އޮންނަ ވެރިކަމުގެ މިޞްރާބުންނެވެ.

މި މޭރުމުން ބަލާއިރު ޑިމޮކްރެސީއަކީ، އެ ދަތުރުކުރާ މަގު ބަދަލުވަމުންދާ އެއްޗެކެވެ.

ނަމަވެސް ކީރިތި ޤުރުއާނުގެ މުޖުތަމަޢުގެ ޑިމޮކްރެސީގައި އިސްލާމްދީނަށް ގޮވާލުމުގެ މަލަތައް ކުލަގަދަ ގޮތެއްގައި ފާޅުވެއެވެ. އެ ޑިމޮކްރެސީ ވުޖޫދަށް އައި ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިކަމުގައި އެއްވެސް އޮޅުމެއް ނެތެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ޑިމޮކްރެސީއަކީ، ކުރެވޭ ކުށްތައް ތަޖުރިބާކޮށްގެން އޭގެ އެހީގައި ތަރައްޤީކުރުމުގެ އުސްލޫބަށްވުރެ މާ މުއްސަނދި އެއްޗެކެވެ. އަލްއަންޢާމު ސޫރަތުގެ 161 ވަނަ އާޔަތުގައި ވެއެވެ. (قُلْ إِنَّنِي هَدَانِي رَبِّي إِلَى صِرَاطٍ مُّسْتَقِيمٍ دِينًا قِيَمًا مِّلَّةَ إِبْرَاهِيمَ حَنِيفًا وَمَا كَانَ مِنَ الْمُشْرِكِينَ)  މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންގެ ވެރި ރަސްކަލާނގެ، ސީދާވެގެންވާ ތެދުމަގަށް ތިމަންކަލޭގެފާނަށް މަގު ދެއްކެވިއެވެ. އެއީ ސީދާވެގެންވާ ދީނެވެ. އެއީ ބާޠިލުގެ މަގުން އެއްކިބާވެ ޙައްޤުގެ މަގަށް ތަބަޢަވެގެންވާ އިބްރާހީމުގެފާނުންގެ ދީނެވެ. އަދި މުޝްރިކުންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ." އައްރޫމް ސޫރަތުގެ 30 ވަނަ އާޔަތުގައި ވެއެވެ. (فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لا تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ) މާނައީ، "ފަހެ ބާޠިލުމަގުން އެއްކިބާވެ ޙައްޤުގެ މަގަށް ތަބަޢަވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމްދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެއެވެ." ފުއްޞިލަތު ސޫރަތުގެ 42 ވަނަ އާޔަތުގައި ވެއެވެ. (لا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلا مِنْ خَلْفِهِ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ) މާނައީ، "އެފޮތުގެ ކުރިމައްޗަކުން ވެސް އަދި އޭގެ ފަހަތަކުން ވެސް އެފޮތަކަށް ބާޠިލުކަމެއް ނާންނާނެއެވެ. (އެއީ) ޙަމްދުލިބިވޮޑިގެންވާ ޙަކީމުވަންތަ ރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެވެ."

ކީރިތި ޤުރުއާނުގެ މުޖުތަމަޢުގެ ޑިމޮކްރެސީގައި އައިސްފައިވާ އަގުތައް އިޖުމާލީ ގޮތެއްގައި ތިރީގައި މިވަނީއެވެ.

1. އިންސާނީ އަގުތަކަށް ސަމާލުކަންދީ އިންސާނާއަށް ކަމޭހިތައި އޭނާގެ ޝުޢޫރުތަކާއި އިޙުސާސްތަކުގެ އަގު ވަޒަންކޮށް އޭނާގެ ރޫޙާނިއްޔަތު އިތުރުކުރުން. މިކަންކަން ކުރާއިރު، އޭނާ ތަބާވާ ދީނާއި ވާހަކަދައްކާ ބަހުރުވައާއި އޭނާގެ ގައިގެ ކުލައާއި ޖިންސާއި ނަސަބަށް ބެލުމެއް ނެތެވެ. އަލްއިސްރާ ސޫރަތުގެ 70 ވަނަ އާޔަތުގައި ވެއެވެ. (وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلاً) މާނައީ، "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާދަމުގެ ދަރީން މާތްކުރެއްވީމެވެ. އަދި އެމީހުން އެއްގަމާއި ކަނޑުގައި އުފުއްލެވީމެވެ. އަދި އެމީހުންނަށް ރަނގަޅު ތަކެތީޏް ރިޒުޤު ދެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން ގިނަ ތަކެތީގެ މައްޗަށް އެމީހުން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." އަންނިސާ ސޫރަތުގެ 1 ވަނަ އާޔަތުގައި ވެއެވެ. (يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيرًا وَنِسَاء وَاتَّقُواْ اللَّهَ الَّذِي تَسَاءَلُونَ بِهِ وَالأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا)  މާނައީ، "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އަށް ތިޔަބައިމީހުން ތަޤުޥާވެރިވާށެވެ! އެކަލާނގެއީ އެންމެ ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެނަފުސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި އެ ދެކަނބަލުންގެ ކިބައިން ގިނަ ފިރިހެނުންނާއި ގިނަ އަންހެނުން ފެތުރުއްވެވިއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުޥާވެރިވާށެވެ! އެކަލާނގެއީ އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ ސުއާލުކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ކަންތައް ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." އަލްމުއުމިނޫން ސޫރަތުގެ 101 ވަނަ އާޔަތުގައި ވެއެވެ. (فَإِذَا نُفِخَ فِي الصُّورِ فَلا أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلا يَتَسَاءَلُونَ)  މާނައީ، "ފަހެ ތާޅަފިލި ފުމެލައްވައިފި ހިނދު، ފަހެ އެމީހުންގެ މެދުގައި އެދުވަހަކުން ނަސަބުތަކެއް ނޯންނާނެއެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށް އެދި ސުވާލެއް ވެސް ނުކުރާނޭމެއެވެ." މިކަމާބެހޭ ތަފުޞީލުތައް ކީރިތި ޤުރުއާނުގެ މުޖުތަމަޢުގައި ޤާނޫނީ ގޮތުންނާއި ތަންފީޒުކުރުމުގެ ގޮތުން ބަލާއިރު ގިނަގުނައެވެ.

2. ކީރިތި ޤުރުއާނުގެ މުޖުތަމަޢުގައި ކޮންމެ މީހަކަށް އޭނާ އަދާކުރާނެ ދައުރެއް ލިބިފައި ވެއެވެ. ދިރިއުޅުމުގައި ކޮންމެ ވެސް ދައުރެއް އޭނާ އަދާކުރަން ޖެހެއެވެ. އެއީ ކިތަންމެ ކުޑަ ދައުރެއް ކަމުގައި ވިޔަސް އަދި ކިތަންމެ ބޮޑު ދައުރެއް ކަމުގައި ވިޔަސް އެ ދައުރު އޭނާ އަދާކުރަން ޖެހެއެވެ. އައްތައުބާ ސޫރަތުގެ 105 ވަނަ އާޔަތުގައި ވެއެވެ. (وَقُلِ اعْمَلُواْ فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ وَسَتُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ) މާނައީ، "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޢަމަލުކުރާށެވެ! ފަހެ ތިޔަބައިމީހުންގެ ޢަމަލުތައް ﷲ ދެކެވޮޑިގެންވާނެއެވެ. އަދި އެކަލާނގެ ރަސޫލާ ވެސް މެއެވެ. އަދި މުއުމިންތަކުން ވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ރައްދުކުރައްވާހުއްޓެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެއެވެ." ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވެއެވެ. (اعملوا فكل ميسر لما خلق له) މާނައީ، "ތިޔަބައިމީހުން މަސައްކަތްކުރާށެވެ. ފަހެ، ކޮންމެ ފަސޭހަކަމެއްވަނީ އެކަމެއް ޚަލްޤުކުރެވުނު ކަމަކަށްޓަކައެވެ." މި ޙަދީޘް ރިވާކުރައްވާފައިވަނީ އަލްބުޚާރީ އާއި މުސްލިމް އާއި އައްތިރުމިޛީ އާއި އިބްނުމާޖާ އެވެ. އަލްބަޤަރާ ސޫރަތުގެ 143 ވަނަ އާޔަތުގައި ވެއެވެ. (لِّتَكُونُواْ شُهَدَاء عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا)  މާނައީ، "އެއީ (ޤިޔާމަތް ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ރަސޫލާ ވެވަޑައިގެންނެވުމަށްޓަކައެވެ."

3. ކޮންމެ މީހަކަށް ލިބިފައިވާ ޙައްޤެއް ލިބިދީފައިވަނީ އޭނާ ނޫން މީހުންނަށް މިނިވަންކަމާއެކު ދިރިއުޅެވޭނެ ހަމަތަކެއްގެ މަތިންނެވެ. އަލްބަޤަރާ ސޫރަތުގެ 190 ވަނަ އާޔަތުގައި ވެއެވެ. (وَقَاتِلُواْ فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلاَ تَعْتَدُواْ إِنَّ اللَّهَ لاَ يُحِبُّ الْمُعْتَدِينَ) މާނައީ، "ތިޔަބައިމީހުންނާ ހަނގުރާމަކޮށް އުޅޭ މީހުންނާ ތިޔަބައިމީހުން ﷲގެ މަގުގައި ހަނގުރާމަކުރާށެވެ! އަދި (އެކަމުގައި) ތިޔަބައިމީހުން ޙައްދު ފަހަނައަޅައި ނުދާށެވެ! ހަމަކަށަވަރުން ޙައްދު ފަހަނައަޅައިދާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ." އަލްބަޤަރާ ސޫރަތުގެ 194 ވަނަ އާޔަތުގައި ވެއެވެ. (الشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمَاتُ قِصَاصٌ فَمَنِ اعْتَدَى عَلَيْكُمْ فَاعْتَدُواْ عَلَيْهِ بِمِثْلِ مَا اعْتَدَى عَلَيْكُمْ وَاتَّقُواْ اللَّهَ وَاعْلَمُواْ أَنَّ اللَّهَ مَعَ الْمُتَّقِينَ) މާނައީ، "ޙުރުމަތްތެރިވެގެންވާ މަހަށް ޙުރުމަތްތެރިވެގެންވާ މަހެވެ. ޙުރުމަތްތައް ކަނޑައިފުމަކީ ބަދަލުހިފުން އޮންނަ ކަމެކެވެ. (އެބަހީ: ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މުޝްރިކުން ހަނގުރާމަކުޅަ ފަދައިން އެފަދަ މައްސަރެއްގައި މުޝްރިކުންނާ ހަނގުރާމަ ކުޅައުމަކީ ކުރުން އެންމެ ރަނގަޅު ކަމެކެވެ.) ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ ޙަމަލާދިން ބައެއްގެ މައްޗަށް އެމީހުން ދެކޮޅުވެރިވެ ޙަމަލާދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ ޙަމަލާ ދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތަޤުޥާވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ!"

4. މި މުޖުތަމަޢުގައި އެންމެހައި މީސްތަކުންނީ ހަމަހަމަވެގެންވާ ބަޔެކެވެ. އެބައިމީހުންނަށް ލިބިފައިވާ ޙައްޤުތައް ލިބިގަތުމުގައްޔާއި އެބައިމީހުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައެވެ. ތަޤުޥާވެރިކަމާއި ލިބިފައިވާ ހުނަރަކާއި ޢިލްމަކުން މެނުވީ އެކަކަށް އަނެކަކުގެ މައްޗަށް ކުރިއެރުމެއް ނުވަތަ މޮޅެއް ނެތެވެ. އަލްބަޤަރާ ސޫރަތުގެ 247 ވަނަ އާޔަތުގައި ވެއެވެ. (وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا قَالُواْ أَنَّى يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِ قَالَ إِنَّ اللَّهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ وَاللَّهُ يُؤْتِي مُلْكَهُ مَن يَشَاء وَاللَّهُ وَاسِعٌ عَلِيمٌ) މާނައީ، "އަދި އެބައިމީހުންގެ ނަބިއްޔާ އެބައިމީހުންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި ޠާލޫތު ފޮނުއްވައިފިއެވެ. އެބައިމީހުން ދެންނެވިއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން ޙައްޤުކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ އޭނާ ޚިޔާރުކުރެއްވިއެވެ. އަދި އޭނާއަށް ޢިލްމާއި ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރުކުރެއްވިއެވެ. ﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި ﷲއީ ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އަލްޤަޞަޞް ސޫރަތުގެ 26 ވަނަ އާޔަތުގައި ވެއެވެ. (قَالَتْ إِحْدَاهُمَا يَا أَبَتِ اسْتَأْجِرْهُ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الأَمِينُ) މާނައީ، "އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީކަން ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެ ރަނގަޅު މީހަކީ ގައިގައި ބާރުހުރި އަމާނާތްތެރިއެކެވެ." ޔޫސުފު ސޫރަތުގެ 55 ވަނަ އާޔަތުގައި ވެއެވެ. (قَالَ اجْعَلْنِي عَلَى خَزَائِنِ الأَرْضِ إِنِّي حَفِيظٌ عَلِيمٌ) މާނައީ، "އެކަލޭގެފާނު ވިދާޅުވިއެވެ. (މިޞްރުގެ) ބިމުގައި ޚަޒާނާތަކުގެ ވެރިއަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާ ބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ." ފަހެ، އެންމެހައި މީސްތަކުންނީ ފުނަލުގެ ދަތްތައް ފަދައިން ހަމަހަމަވެގެންވާ ބަޔެކެވެ. އެބައިމީހުންގެ ވެރިޔަކަށް ހުންނަ އަމީރަކީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. އޭނާއާއި އެބައިމީހުންނާ ދެމެދުގައިވާ ތަފާތަކީ، އޭނާގެ މަސްއޫލިއްޔަތުތައް އިތުރުވެފައިވާ ކަމެވެ. ތަޤުވާވެރިކަމުންނާއި ޞާލިޙު ޢަމަލުކޮށްގެން މެނުވީ، ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަށް މޮޅެއް ނެތެވެ. ސަބައު ސޫރަތުގެ 37 ވަނަ އާޔަތުގައި ވެއެވެ. (وَمَا أَمْوَالُكُمْ وَلا أَوْلادُكُم بِالَّتِي تُقَرِّبُكُمْ عِندَنَا زُلْفَى إِلاَّ مَنْ آمَنَ وَعَمِلَ صَالِحًا فَأُولَئِكَ لَهُمْ جَزَاء الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ) މާނައީ، "އަދި ތިޔަބައިމީހުންގެ މުދާ ވިޔަސް އަދި ދަރީން ވިޔަސް އެއީ ތިމަންރަސްކަލާނގެ ތިޔަބައިމީހުން ކުއްތަންކުރާ ކަމެއްކަމުގައި ނުވެއެވެ. އީމާންވެ ޞާލިޙު ޢަމަލުތައް ކޮށްފި މީހާ މެނުވީއެވެ. ފަހެ، އެބައިމީހުން ކުޅަ ހެޔޮ ޢަމަލަށް ގިނަގުނަވެގެންވާ ޘަޥާބު އެބައިމީހުންނަށް ހުއްޓެވެ. އަދި ސުވަރުގޭގެ މަތިވެރި ދަރަޖައިގައި އެބައިމީހުންވަނީ އަމާންކަން ލިބިގެންވާ ބަޔަކު ކަމުގައެވެ."

5. މުޖުތަމަޢުގެ އެންމެހައި އަފުރާދުންގެ މެދުގައި ފަރަގުތަކާއި ތަފާތުތައް ގެންގުޅުމަކީ ކީރިތި ޤުރުއާނުގެ މުޖުތަމަޢުގައި އޮތްކަމެއް ނޫނެވެ. މިއިން އިސްތިސްނާވަނީ، ދިރިއުޅުން ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި މީސްތަކުންގެ މެދުގައި ބަހާލަންޖެހޭ ފުރުޞަތްތަކެވެ. ދިރިއުޅުމުގެ އެކިއެކި މައިދާންތަކުގައި ކޮންމެ މީހަކަށް ލިބިފައިވާ ކުޅަދާނަކަމާއި ވަކިކަމަކަށް އަހުލުވެރިވެފައިވާ މިންވަރާ ގުޅޭ ގޮތުން އެ ފުރުޞަތުތައް ވަނީ އެންމެނަށްމެ ތަނަވަސްވެފައެވެ. ކޮންމެ މީހަކުމެ ދިރިއުޅޭ ރަށުގެ ޖައްވާއި އޭނާ ދިރިއުޅޭ ތަނުގެ ޠަބީޢަތާއި އަދި އޭނާއަށް ކުރަންއެނގޭ މަސައްކަތްތަކާ ގުޅިފައިވާ ކަންތަކެއް ހުންނާނެކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އޭނާއަށް އޮތް ފުރުޞަތުތައް ކަނޑައެޅުމުގައި އެކަންކަން ޙިއްޞާވާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އައްޒުޚުރުފު ސޫރަތުގެ 32 ވަނަ އާޔަތުގައި ވެއެވެ. (أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ) މާނައީ، "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ރަޙުމަތް ބަހައިދެނީ އެމީހުން ހެއްޔެވެ؟ (އެބަހީ: އެބައިމީހުން ބޭނުން މީހަކަށް ނަބީކަން ދެނީ އެމީހުން ހެއްޔެވެ؟ ދުނިޔޭގެ ދިރިއުޅުމުގައި އެބައިމީހުންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެބައިމީހުންކުރެ ބައެއް މީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެބައިމީހުންކުރެ އެއް ބަޔަކު އަނެއް ބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ރަޙުމަތް އެބައިމީހުން އެއްކުރާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ." އައްނަޙުލު ސޫރަތުގެ 71 ވަނަ އާޔަތުގައި ވެއެވެ. (وَاللَّهُ فَضَّلَ بَعْضَكُمْ عَلَى بَعْضٍ فِي الرِّزْقِ فَمَا الَّذِينَ فُضِّلُواْ بِرَادِّي رِزْقِهِمْ عَلَى مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ سَوَاء أَفَبِنِعْمَةِ اللَّهِ يَجْحَدُونَ) މާނައީ، "އަދި ﷲ ރިޒުޤު ދެއްވުމުގައި ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވިއެވެ. ފަހެ އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް އެބައިމީހުންގެ ރިޒުޤު ރައްދުކޮށްދޭ ބަޔަކު ކަމުގައި އިތުރުކުރެއްވި މީހުން ނުވެއެވެ. ފަހެ އެކަމުގައި އެބައިމީހުން ހަމަހަމަވެގެން ވެއެވެ. ފަހެ އެބައިމީހުން އިންކާރުކޮށް ދެކޮޅު ހަދަނީ ﷲ ދެއްވި ނިޢުމަތާމެދުގައި ހެއްޔެވެ؟"

6. އިންސާނާގެ ކަރާމާތްތެރިކަމާއި ޢިއްޒަތަށް އުނިކަމެއް ގެނައުމަކާ ނުލައި، ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރުމުގެ ޙައްޤު، މި މުޖުތަމަޢުގެ އަފުރާދުންނާއި ޖަމާޢަތްތަކަށް ލިބިގެންވެއެވެ. އަދި މިކަން ކުރުމުގައި އަނެކުންގެ މިނިވަންކަމާއި ޙައްޤުތަކަށް އަރައިގަތުމެއް ވެސް ނުމެ ނެތްމެއެވެ.

މިދެންނެވި ނުކުތާތަކަށް ބަލާއިރު، އެނގޭ އެއްޗަކީ، މުޖުތަމަޢުގެ ވަކި ޢާއިލާއެއް ނުވަތަ ވަކި ޖަމާޢަތެއްގެ މައްޗަށް އިޙުތިކާރުކުރާނެ ޖާގައެއް ކީރިތި ޤުރުއާނުގެ މުޖުތަމަޢުތަކުގައި ނެތްކަމެވެ. ފަހެ، މަތިވެރިކުރެވި ތަޤުދީސްކުރެވި އަދި ޚިދުމަތްލިބިދޭންޖެހޭ ޖަމާޢަތަކާއި ނިކަމެތިކަމާއެކު ޚިދުމަތްކުރުންމަތީ ދެމި ތިބެންޖެހޭ ޖަމާޢަތެއް އޮންނާކަށް އެ މުޖުތަމަޢުތަކުގައި ތަނެއް ނެތެވެ. އެފަދަ ކަންކަމަށް ކީރިތި ޤުރުއާނުގެ މުޖުތަމަޢު ފުރުޞަތެއް ނުދެއެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ އެކަން ހުއްޓުވުމަށްޓަކައި ބަހެއް ނުބުނެ ލޯމަރައިގެން ތިބެވޭކަށް ވެސް ނޯވެއެވެ. ކީއްތޯއެވެ. ވެރިން މަތިވެރިކޮށް ވަކި ޚާއްޞަގޮތެއްގައި އެކަންކުރުމަށް މީސްތަކުންނަށް އެންގުމަކީ ވެރިންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ހަމައެފަދައިން ނިކަމެތިކަމާއި ނުފޯރުންތެރިކަމާއެކު ނުކުމެ މުއްސަނދިންގެ ކުރިމަތީގައި ފަޤީރުން ތިބުމަކީ ވެސް މުއްސަނދިންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. (متى استعبدتم الناس وقد ولدتهم أمهاتهم أحرارا) މާނައީ، "ތިޔަބައިމީހުން މީސްތަކުން އަޅުވެތިކުރީ ކޮންއިރަކު ހެއްޔެވެ؟ ހަމަކަށަވަރުން އެބައިމީހުންގެ މައިންތައް އެބައިމީހުން ވިހެއީ މިނިވަނުންގެ ގޮތުގައެވެ." ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައި ވެއެވެ. (إن الله أوحى إلي أن تواضعوا حتى لا يفخر أحد على أحد ولا يبغى أحد على أحد) މާނައީ، "ތިޔަބައިމީހުން އެކަކު އަނެކެއްގެ މައްޗަށް ފަޚުރުވެރި ނުވެއްޖައުމަށްދާނދެނާއި އެކަކު އަނެކެއްގެ މައްޗަށް އަނިޔާވެރި ނުވެއްޖައުމަށްދާނދެން ތިޔަބައިމީހުން ތަޥާޟުޢުވެރިވުމަށް ﷲ ތިމަންކަލޭގެފާނަށް ޥަޙީކުރައްވައިފިއެވެ." މި ޙަދީޘް ރިވާކުރައްވާފައިވަނީ، މުސްލިމް އާއި އަބޫދާވޫދާއި އިބްނު މާޖާއެވެ. އަބޫޛައްރުގެފާނު ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. (انظر فإنك لست بخير من أحمر ولا أسود إلا أن تفضله بتقوى) މާނައީ، "ތިބާ ނިކަން ދެކިބަލާށެވެ! ފަހެ، ތިބާއަކީ، ރަތް މީހަކަށްވުރެ ނުވަތަ ކަޅު މީހަކަށްވުރެ ވަކިން ހެޔޮ މީހެއް ނޫނެވެ. ތިބާގެ ތަޤުވާވެރިކަން އިތުރުކޮށްގެން، އެއިން މީހެއްގެ މައްޗަށް ކުރިއެރީމާ މެނުވީއެވެ."

1. އަލްޤަޞަޞް ސޫރަތުގެ 76 ވަނަ އާޔަތުން ފެށިގެން 83 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ޥަޙީކުރައްވާފައި ވެއެވެ. (إِنَّ قَارُونَ كَانَ مِن قَوْمِ مُوسَى فَبَغَى عَلَيْهِمْ وَآتَيْنَاهُ مِنَ الْكُنُوزِ مَا إِنَّ مَفَاتِحَهُ لَتَنُوأُ بِالْعُصْبَةِ أُولِي الْقُوَّةِ إِذْ قَالَ لَهُ قَوْمُهُ لا تَفْرَحْ إِنَّ اللَّهَ لا يُحِبُّ الْفَرِحِينَ (76) وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الآخِرَةَ وَلا تَنسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ وَلا تَبْغِ الْفَسَادَ فِي الأَرْضِ إِنَّ اللَّهَ لا يُحِبُّ الْمُفْسِدِينَ (77) قَالَ إِنَّمَا أُوتِيتُهُ عَلَى عِلْمٍ عِندِي أَوَلَمْ يَعْلَمْ أَنَّ اللَّهَ قَدْ أَهْلَكَ مِن قَبْلِهِ مِنَ الْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا وَلا يُسْأَلُ عَن ذُنُوبِهِمُ الْمُجْرِمُونَ (78) فَخَرَجَ عَلَى قَوْمِهِ فِي زِينَتِهِ قَالَ الَّذِينَ يُرِيدُونَ الْحَيَاةَ الدُّنْيَا يَا لَيْتَ لَنَا مِثْلَ مَا أُوتِيَ قَارُونُ إِنَّهُ لَذُو حَظٍّ عَظِيمٍ (79) وَقَالَ الَّذِينَ أُوتُوا الْعِلْمَ وَيْلَكُمْ ثَوَابُ اللَّهِ خَيْرٌ لِّمَنْ آمَنَ وَعَمِلَ صَالِحًا وَلا يُلَقَّاهَا إِلاَّ الصَّابِرُونَ (80) فَخَسَفْنَا بِهِ وَبِدَارِهِ الأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مِنَ المُنتَصِرِينَ (81) وَأَصْبَحَ الَّذِينَ تَمَنَّوْا مَكَانَهُ بِالأَمْسِ يَقُولُونَ وَيْكَأَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَن يَشَاء مِنْ عِبَادِهِ وَيَقْدِرُ لَوْلا أَن مَّنَّ اللَّهُ عَلَيْنَا لَخَسَفَ بِنَا وَيْكَأَنَّهُ لا يُفْلِحُ الْكَافِرُونَ (82) تِلْكَ الدَّارُ الآخِرَةُ نَجْعَلُهَا لِلَّذِينَ لا يُرِيدُونَ عُلُوًّا فِي الأَرْضِ وَلا فَسَادًا وَالْعَاقِبَةُ لِلْمُتَّقِينَ) މާނައީ، "ހަމަކަށަވަރުން ޤާރޫނަކީ މޫސާގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ އޭނާ އެބައިމީހުންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ޤައުމުގެ މީހުން އޭނާއަށް ބުނި ހިނދެވެ. (ކިބުރުވެރިވުމުގެ ގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން ބޮޑާވުމުގެ ގޮތުން އުފާކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. (76) އަދި ތިބާއަށް ﷲ ދެއްވި ތަކެތީން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚިރަތުގެ ދިންނެވުމާއި ރަޙުމަތާއި ޘަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާއަށް ލިބެންވީ ބައި ހަނދާން ނައްތައި ނުލާށެވެ! އަދި ﷲ ތިބާއަށް އިޙުސާންތެރިވެވޮޑިގަތް ފަދައިން ތިބާވެސް (ﷲގެ އަޅުތަކުންނަށް) އިޙުސާންތެރިވާށެވެ! އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދި ނުއުޅޭށެވެ! ހަމަކަށަވަރުން ފަސާދަކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. (77) އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ ތިމަންގެ ކިބައިގައިވާ ޢިލްމުވެރިކަމަކުންނެވެ. ހަމަކަށަވަރުން އޭނާގެ ކުރިން އިސްވެދިޔަ ޖީލުތަކުން އޭނާއަށްވުރެ މާވަރުގަދަ އަދި މުދާ ގިނަ މީހުން ﷲ ހަލާކުކުރެއްވިކަން އޭނާއަށް ނޭނގެނީ ހެއްޔެވެ؟ އަދި ކުށްވެރިންނަކަށް، އެބައިމީހުންގެ ފާފަތަކާމެދު ސުވާލެއް ނުކުރައްވާނެއެވެ. (އެބަހީ: އެބައިމީހުންނާ ސުވާލުކުރެއްވުމުގެ ބޭނުމެއް ނެތެވެ. ﷲ ހުރިހައި ކަމެއް ދެނެވޮޑިގެން ވެއެވެ.) (78) ފަހެ އޭނާ (އެބަހީ: ޤާރޫނު) އޭނާގެ މުއްސަނދި ކަމާއި ޒީނަތްތެރިކަމާއެކު އޭނާގެ ޤައުމުގެ ތެރެއަށް ނުކުތެވެ. ދުނިޔޭގެ ދިރިއުޅުން އެދޭ މީހުން ބުންޏެވެ. ޤާރޫނަށް ލިބުނުފަދަ މުއްސަނދިކަމެއް ތިމަންމެންނަށް ވެސް ލިބުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ހަމަކަށަވަރުން އޭނާއަކީ ބޮޑާވެގެންވާ ނަޞީބެއްގެ ވެރިއެއްކަން ކަށަވަރެވެ. (79) އަދި ޢިލްމު ލިބިގެންވާ މީހުން ބުންޏެވެ. ތިޔަބައިމީހުންނަށް ހަލާކު ހުއްޓެވެ! އީމާންވެ ޞާލިޙު ޢަމަލުކުޅަ މީހަކަށް ﷲގެ ޘަޥާބު (ޤާރޫނުގެ މުދާވެރިކަމަށްވުރެ) މާ ހެޔޮކަން ބޮޑެވެ. އަދި ކެތްތެރީންނަށް މެނުވީ އެ ދަރަޖައެއް ނުލިބޭނެއެވެ. (80) ފަހެ ތިމަންރަސްކަލާނގެ އޭނާއާއި އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ ﷲއާ ދެކޮޅަށް އޭނާއަށް ނަޞްރުދޭނެ އެއްވެސް ބައެއް ނުވިއެވެ. އަދި ނަޞްރު ލިބޭނޭ މީހުންގެ ތެރެއިން ވެސް އޭނާ ނުވިއެވެ. (81) އަދި އިއްޔެ އޭނާގެ ދަރަޖައަށް (އެބަހީ: ޤާރޫނުގެ މުދާވެރިކަމަށާއި ދަރަޖައަށް) އެދުނު މީހުން ބުނާކަމުގައި ވިއެވެ. ކަލެއަކަށް ނުފެނޭ ހެއްޔެވެ؟ ﷲ އެކަލާނގެ އަޅުތަކުންކުރެ އިރާދަކުރެއްވި އަޅަކަށް ރިޒުޤު ތަނަވަސްކޮށް ދެއްވައި އަދި (އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ރިޒުޤު) ދަތިކުރައްވައެވެ. ﷲ އަޅަމެންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިނުގަތްނަމަ އަޅަމެން ވެސް ގަންބަވައިގަންނަވައިފީހެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ ކާފިރުންނެއް ނުދިނޭނެއެވެ. (82) އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް އަދި ފަސާދަކުރުމެއް ވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤުޥާވެރިންނަށެވެ. (83)"

2. ކީރިތި ޤުރުއާނުގެ މުޖުތަމަޢުގައިވަނީ، ބޮޑާވުމާއި އަނެކުންގެ މައްޗަށް އިސްވެގަނެގެން އުޅުމުގެ ހުރިހައި ގޮތްތަކެއް ނައްތާލެވިފައެވެ. އެ މުޖުތަމަޢުގައި އެކަކަށްވުރެ އަނެކަކު ކުރިއަރައި ދާންއޮތީ އީމާންކަމާއި މާތްﷲ ގެ ޙަޟްރަތަށް އިޚުލާޞްތެރިކަމާއެކު ކުރާ ޞާލިޙު ޢަމަލުތައް ކުރުމުގައެވެ. އެނޫން ކަމެއްގައި ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ އަހުލުބައިތުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ވެސް އެއްވެސް މޮޅެއް ނެތެވެ. ދުނިޔޭގައި އެކަންޏެއް ނޫނެވެ. އާޚިރަތުގައި ވެސް ކަންއޮތީ ހަމަ އެގޮތަށެވެ. އައްޝޫރާ ސޫރަތުގެ 23 ވަނަ އާޔަތުގައި ވެއެވެ. (ذَلِكَ الَّذِي يُبَشِّرُ اللَّهُ عِبَادَهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ قُل لّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلاَّ الْمَوَدَّةَ فِي الْقُرْبَى وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًا إِنَّ اللَّهَ غَفُورٌ شَكُورٌ) މާނައީ، "އެއީ އީމާންވެ، ޞާލިޙު ޢަމަލުކުޅަ، އެކަލާނގެ އަޅުތަކުންނަށް ﷲ އުފާވެރިކަމުގެ ޚަބަރު ދެއްވާ ކަންތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: ތިމަންކަލޭގެފާނުގެ ރަސޫލުކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބައަކުން އެއްވެސް އުޖޫރައަކަށް އެދިވަޑައިނުގަންނަވަމެވެ. ގާތްތިމާގެ ކަމުގެ ލޯބި މެނުވީއެވެ. އަދި ހެޔޮކަމެއް ކުރާ މީހާއަށް ތިމަންރަސްކަލާނގެ އެކަމުގައި ހެޔޮކަން އިތުރުކޮށް ދެއްވާހުށީމެވެ. ހަމަކަށަވަރުން ﷲއީ ގިނަގިނައިން ފާފަ ފުއްސަވާ، ގިނަގިނައިން ޝުކުރު ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ."

މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންނަށް ބަލާއިރު، މުހާޖިރިއްޔަ ބޭކަލުންނަށް އޮތްކަމަކީ، އަންޞާރިއްޔަ ބޭކަލުންނަށްވުރެ ކުރިން އެބޭކަލުން އިސްލާމްދީނަށް ވެދެވަޑައިގެންނެވިކަމެވެ. އަންޞާރިއްޔަ ބޭކަލުންނަށް އޮތްކަމަކީ، މުހާޖިރިއްޔަ ބޭކަލުންދެކެ ލޯބިފުޅުވުމެވެ. އަދި އެބޭކަލުންގެ އަމިއްލަފުޅު ކަންތައްތަކަށްވުރެ ބޮޑަށް މުހާޖިރިއްޔަ ބޭކަލުންގެ ކަންތައްތަކަށް އިސްކަން ދެއްވުމެވެ. މިފަދަ ކަންކަމުގައި ކުރި ހޯދުމަކީ ފުރުޞަތު ލިބިއްޖެނަމަ ކޮންމެ މީހަކަށްމެ ކުރެވިދާނެ ކަމެކެވެ. އަލްޙަޝްރު ސޫރަތުގެ 9 ވަނަ އާޔަތުގައި ވެއެވެ. (وَالَّذِينَ تَبَوَّؤُوا الدَّارَ وَالإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَى أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَن يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ) މާނައީ، "އަދި އެބައިމީހުންގެ ކުރީގައި އަލްމަދީނާގައި ވަޒަންވެރިވެ އީމާންކަމުގައި ޤާއިމްވެތިބި އަންޞާރުން އެބައިމީހުންގެ ގާތަށް ހިޖުރަކުރި މުހާޖިރުންދެކެ ލޯބިވެއެވެ. އަދި އެމީހުންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެމީހުން (އެބަހީ: އަންޞާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް، އެބައިމީހުންނަށް އިސްކަން ދެއެވެ. އެބައިމީހުންނަށް ބޭނުންތެރިކަން ބޮޑުވެފައިވީނަމަވެސް މެއެވެ. އެމީހުންގެ އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ އެބައިމީހުންނީ ހަމަ ދިންނަވާނޭ މީހުންނެވެ."

ކީރިތި ޤުރުއާނުގެ މުޖުތަމަޢުގައިވާ ހަމަހަމަކަން ބަޔާންކޮށްދޭ މިސާލުތައް ގިނަގުނައެވެ. އޭގެ ތެރެއިން ބައެއް މިސާލުތައް މިދަންނަވަނީއެވެ. ޢުމަރުގެފާނުވަނީ، މައްކާގެ ވެރިޔާ އަބޫސުފުޔާނާ، މައްކާގައި ދިރިއުޅުނު އާދައިގެ މީހަކާ ހަމަހަމަ ކުރައްވާފައެވެ. އަދި ޣައްސާންގެ އަމީރު ޖިބިއްލާ ބިން އަލްއައިހަމް އާ ޢަރަބީންގެ އާދައިގެ މީހަކާ ހަމަހަމަ ކުރައްވާފައެވެ. އެދެމީހުން ގެފުޅުގެ ވަށައިގެން ޠަޥާފުކުރަމުން ދަނިކޮށް، އަމީރުގެ ހެދުންކޮޅުގެ ފަސްބަޔަށް، ޢަރަބީންގެ އާދައިގެ މީހާއަށް އެރުނެވެ. އެހިނދު އެމީހާގެ ނޭފަތްމަތީގައި ޖެހިޖެހީނުން އަމީރު އެމީހާގެ ނޭފަތުގެ ކަށިގަނޑު ބިންދާލިއެވެ. ދެން އެމީހާ ޢުމަރުގެފާނުގެ އަރިހަށް މިކަމުގެ ޝަކުވާ އުފުލިއެވެ. އެހިނދު ޢުމަރުގެފާނު، އެ އަމީރު ހާޒިރުކުރައްވާފައިފައި ސުއާލުކުރެއްވިއެވެ. "ތިބާގެ އަޚާގެ ނޭފަތްމަތީގައި ޖެހިޖެހީނުން އޭނާގެ ނޭފަތުގެ ކަށިގަނޑު ބިންދާލަންޖެހުނީ ކީއްވެގެންހެއްޔެވެ؟ މި ކަމުގައި އޮތް އެއް ގޮތަކީ، ތިބާ އޭނާ ރުއްސުމެވެ. އަނެއް ގޮތަކީ ތިބާގެ ކިބައިން އޭނާއަށް ބަދަލުހިފައި ދިނުމެވެ." އެހިނދު އެ އަމީރު ޙައިރާންކަމާއެކު ސުއާލު ދެންނެވިއެވެ. "ތިމަންނައަކީ ޤައުމެއްގެ ވެރިޔަކީމެވެ. އޭނާއަކީ އާދައިގެ މީހެކެވެ." އެހިނދު ޢުމަރުގެފާނު އެ އަމީރަށް ޖަވާބު ދެއްވިއެވެ. ހަމަކަށަވަރުން އިސްލާމްދީން، ތިޔައިގެ ދެމީހުން ހަމަހަމަކޮށްފިއެވެ."

3. ކީރިތި ޤުރުއާނުގެ ތަޢުލީމުތަކުގައިވަނީ، ޢަދުލުވެރިކަމާއި މަޝްޥަރާގެ ބިންގަލުގެ މަތީގައި ވެރިކަން ކުރުމަށެވެ. އެ މާތް ފޮތުގައި މާތްﷲ ވަނީ، ޢަދުލުވެރިވުމަށް މީސްތަކުންނަށް އަންގަވައި އެކަން ތަންފީޒުކުރުން ލާޒިމުކުރައްވާފައެވެ. އައްނަޙުލު ސޫރަތުގެ 90 ވަނަ އާޔަތުގައި ވެއެވެ. (إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ) މާނައީ، "ހަމަކަށަވަރުން ޢަދުލުވެރިވުމަށާއި އިޙުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވައެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި މުންކަރާތުތަކާއި އަނިޔާވެރިވެ އުޅުން އެކަލާނގެ ނަހީކުރައްވައެވެ. އެކަލާނގެ ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވަނީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." އަދި އައްނިސާ ސޫރަތުގެ 58 ވަނަ އާޔަތުގައި ވެއެވެ. (إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّواْ الأَمَانَاتِ إِلَى أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ إِنَّ اللَّهَ نِعِمَّا يَعِظُكُم بِهِ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا)  މާނައީ، "ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ ޢަދުލަށް ޙުކުމްކުރުމަށްވެސް އަމުރުކުރައްވައެވެ. ހަމަކަށަވަރުން ﷲ އެކަމާމެދު، ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ބައްލަވާ ވޮޑިގެންވާ ކަލަކުކަމުގައި ވެއެވެ." ޢަދުލުވެރިވުމަށް އަންގަވާފައިވާ އާޔަތްތައް ކީރިތި ޤުރުއާނުގައި ވަރަށް ގިނައެވެ.

ޝޫރާއަކީ ވެސް ކީރިތި ޤުރުއާނުގައި ކަނޑައަޅުއްވައި ލާޒިމުކުރައްވާފައިވާ ނިޒާމެކެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) ވަނީ އެނިޒާމު ޤާއިމްކުރައްވާފައެވެ. އެގޮތުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ވަނީ، އަޞްޙާބު ބޭކަލުންނާ މަޝްޥަރާ ކުރައްވައި އެބޭކަލުންގެ އަޣުލަބިއްޔަތު ބުރަވާ ރައުޔާ ތަބާވެވަޑައިގެންފައެވެ. އެ ރައުޔު، އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ގެ އަމިއްލަފުޅު ރައުޔާ ޚިލާފުވާ ޙާލަތްތަކުގައިވެސް އެއާ ތަބާވެވަޑައިގަންނަވައެވެ. އެފަދަ ޙާލަތްތަކުގެ ތެރެއިން އެއް މިސާލަކީ، މުސްލިމުން އުޙުދު ހަނގުރާމައަށް ނުކުތް ދުވަހެވެ. އެދުވަހު އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ގެ ރައުޔަކީ ހަނގުރާމައަށް ނުނުކުތުމެވެ. ނަމަވެސް މުސްލިމުންގެ އަޣުލަބިއްޔަތުގެ ރައުޔަކީ ހަނގުރާމައަށް ނުކުތުމެވެ. ދެން އެކަލޭގެފާނު، އެބައިމީހުންގެ ރައުޔާ އެއްގޮތަށް ހަނގުރާމައަށް ނުކުމެވަޑައިގަތެވެ. އެ ހަނގުރާމައިގެ ނަތީޖާއަކީ މުސްލިމުން ބަލިވުމެވެ. އެހެންކަމާއެކު ވެސް، ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ، މަޝްޥަރާގެ މަތިން ކަންކުރުމަށެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) އާ މުޚާޠަބުކުރައްވައި މާތްﷲ ޥަޙީކުރައްވާފައިވަނީ މިފަދައިންނެވެ. (فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ) މިއީ އާލު ޢިމްރާނު ސޫރަތުގެ 159 ވަނަ އާޔަތުން ބައެކެވެ. މާނައީ، "ފަހެ އެބައިމީހުންނަށް ކަލޭގެފާނު ޢަފޫކުރައްވާށެވެ! އަދި އެބައިމީހުންނަށް ފާފަފުއްސެވުންއެދި ދަންނަވާށެވެ! އަދި ކަންތަކުގައި ކަލޭގެފާނު އެމީހުނާ މަޝްޥަރާކުރައްވާށެވެ!"

ޢާއްމު މަޞްލަޙަތުގެ މައްޗަށް ރިޢާޔަތްކޮށްގެން ޝޫރާ ތަންފީޒުކުރާނެ ގޮތެއް ކަނޑައެޅުން އިސްލާމްދީނުގައިވަނީ މުސްލިމުންގެ އަތްމައްޗަށް ދޫކޮށްލާފައެވެ. ޢާއްމު މަޞްލަޙަތު އޮތީ، މިހާރު އިސްލާމީ ދުނިޔޭގެ ޤައުމުތަކުގައި ޝޫރާ ތަންފީޒުކުރާ ގޮތުގައި ކަމަށް ވަނީނަމަ، އެގޮތަށް އެކަންކުރުމާމެދު އިސްލާމްދީން އިއުތިރާޒެއް ނުކުރެއެވެ. މުހިންމު ނުކުތާއަކީ، ސަލާމަތްތެރިކަމާއި ފްލެކްސިބިލިޓީއާއެކު ކޮންމެ ޒަމާނެއްގެ ޙާލަތާ ގުޅޭ ގޮތެއްގެ މަތިން ޝޫރާ ހިންގައި ތަންފީޒުކުރުމެވެ. މިކަންކުރާއިރު، ޤައުމުތަކުގެ ފެންވަރުގައްޔާއި ބައިނަލްއަޤުޥާމީ ފެންވަރުގައި ހިނގާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރަން ޖެހެއެވެ.
މިކަންކަމުގެ މައްޗަށް ނަޒަރުހިންގައި ބަލާއިރު، އިންސާނީ ޙައްޤުތައް ދިނުމަށާއި އެ ޙިމާޔަތްކުރުމަށް، މާތްވެގެންވާ އިސްލާމްދީން އަހަންމިއްޔަތު ދީފައިވާ މިންވަރުގެ ބޮޑުކަން ވަރަށް ވެސް ސާފުކޮށް އެބަ އޮޅުންފިލައެވެ. އަދި ޝޫރާގެ ނިޒާމު ހިންގައި ތަންފީޒުކުރާއިރު، މިޒަމާނުގެ މޮޑަން މަފުހޫމްގައި ކޮންމެ ސަގާފަތަކަށް ޚާއްޞަވެފައި މިއޮންނަ އަމިއްލަވަންތަ ޑިމޮކްރެސީގެ އުޞޫލުތަކާ ފުށުނާރާކަން ވެސް އެބައެނގެއެވެ.

މާތްވެގެންވާ އިސްލާމްދީނުގައިވަނީ، ޚިޔާލުތައް ގިނަގުނަވުމާއި އޭގެ މުއްސަނދިކަމަށް ފުރުޞަތު ހޯދައިދީފައެވެ. ދީނީ ކަންކަމުގައި އިޖުތިހާދުކުރާ މުޖުތަހިދެއްގެ ކިބައިގައި އިޖުތިހާދުކުރުމުގެ ޝަރުޠުތައް ފުރިހަމަވެއްޖެނަމަ، އިޖުތިހާދުކުރުމުގައި ވެސް ވަނީ ޚިޔާލުތައް މުއްސަނދިވުމަށާއި ގިނަގުނަވުމަށް ފުރުޞަތު ހޯދައިދީފައެވެ. އެގޮތުން، މުޖުތަހިދަކު ކުރާ އިޖުތިހާދުން ރަނގަޅު ގޮތެއް ޙާޞިލުވުމުގެ ބަދަލުގައި ކުށް ނަތީޖާއެއް ލިބޭ ޙާލަތުގައި މާތްﷲ އޭނާއަށް ދަރުމައާއި ޘަޥާބު ދެއްވައެވެ. އޭނާ ކުރާ އިޖުތިހާދުން ރަނގަޅު ގޮތެއް ޙާޞިލުވެއްޖެނަމަ އޭނާއަށް ދެއްވާ ޘަޥާބު ދެގުނައަށް އެކަލާނގެ އިތުރުކުރައްވައެވެ. އިސްލާމީ ފިޤުހު ދިރާސާކުރާ މީހަކަށް ފިޤުހުގެ އެކިއެކި މައްސަލަތަކުގައި ތަފާތު ޚިޔާލުތަކާއި ތަފާތު ރައުޔުތައް އައިސްފައިވާކަން ފާހަގަކުރެވޭނެއެވެ. އެކަމަކު އެގޮތަށް އެކަންވެފައިވާކަމީ، ފަހަރެއްގައި ވެސް ހުއްދަނޫން ކަމެކޭ އެއްވެސް ޢިލްމުވެރިއަކު ވިދާޅެއް ނުވެއެވެ. މިއިން އެނގޭ އެއްޗަކީ، އަނެކުންގެ ރައުޔު އަޑުއަހައި އެއަށް ކަމޭހިތުމަށް އިސްލާމްދީން ފުރުޞަތު ހުޅުވާލާފައިވާ މިންވަރުގެ ބޮޑުކަމެވެ. އަނެކުންގެ ރައުޔުގެ މިޞްރާބަކީ، މުޖުތަމަޢުގެ އަމަންއަމާންކަމާއި ސަލާމަތާއި އިސްތިޤުރާރުވުން ޙިމާޔަތްކޮށް ދެމެހެއްޓުން ކަމަށް ވަނީނަމަ، އެއާމެދަކު އެއްވެސް މައްސަލައެއް ނެތެވެ. އަލްބަޤަރާ ސޫރަތުގެ 148 ވަނަ އާޔަތުގައި ވެއެވެ. (وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا) މާނައީ، "ކޮންމެ ބަޔަކަށް ވެސް (އަޅުކަންކުރުމުގައި) ކުރިމަތިލާ ފަރާތެއް ވެއެވެ." މި އާޔަތް ބާވައިލައްވާފައިވަނީ ޤިބުލައަށް ކުރިމަތިލުމާ ބެހޭ ގޮތުން ކަމަށްވީނަމަވެސް، ފަޟީލަތުއްޝައިޚު މުޙައްމަދުލް ޣަޒާލީއާއި ޑރ. ޔޫސުފުލް ޤަރުޟާޥީ ފަދަ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، ރައުޔުތައް ތަފާތުވުމަކީ ހުއްދަކަމެއް ކަމަށް މިއާޔަތުން ދަލީލުލިބޭ ކަމަށެވެ.

4. އާދޭހެވެ. ކީރިތި ޤުރުއާނުގައި ކުރުމަށް އަންގަވާފައިވާ ކަންކަމަކީ، މީސްތަކުންގެ މެދުގައި ތަފާތުކޮށްފައިވާ ކަންކަމެއް ނޫނެވެ. މިސާލަކަށް ނަމާދެވެ. ނަމާދުގެ ޢަދަދާއި އޭގެ ވަގުތުތައް، މުޖުތަމަޢުގެ އެންމެހައި އަފުރާދުންނަށް އޮތީ ހަމަހަމަ ގޮތެއްގައެވެ. އިސްލާމްދީނުގެ އެންމެހައި ރުކުންތައް ވެސް ހަމައެފަދައެވެ. އަދި އެދީނުގައި އަންގަވާފައިވާ އަމުރުތަކާއި ނަހީތައް ވެސް ހަމައެފަދައެވެ. މުސްލިމުން ނަމާދުކުރާ މިސްކިތަކީ އެބައިމީހުން ހަމަހަމަކަމާއެކު ތިބެން އޮތް ޢާއްމު ތަނެކެވެ. އެތަނުގައި އެބައިމީހުން ނަމާދުގެ ސަފުތަކަށް ތެދުވެއްޖެނަމަ، އެބައިމީހުންގެ މިސާލަކީ، އާރާސްތުވެފައިވާ ބިނާއެއްގެ މިސާލެވެ. އެބައިމީހުންގެ ދިރިއުޅުމުގެ ފެންވަރާއި ފަންތިތަކުގެ ތަފާތަށް ބެލުމަކީ އެތަނުގައި އޮތްކަމެއް ނޫނެވެ. އުންމަތުގައި ތިބި ތަކުލީފު ލިބިގެންވާ އެންމެހައި މީސްތަކުން އެތަނުގައި އެއްބަޔެއްވަންތަކަމާއެކު އެމުނި އެކުލެވިގެން ދެއެވެ. އެބައިމީހުން ނަމާދުކުރާއިރު މާތްﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަނީ، މުޅި ޖަމާޢަތުގެ އެންމެންގެ ނަމުގައެވެ. އިމާމެއްގެ ގޮތުގައި ނަމާދުކުރިޔަސް، މައުމޫމެއްގެ ގޮތުގައި ނަމާދުކުރިޔަސް، ޖަމާޢަތުގައި ނަމާދުކުރިޔަސް އަދި އެކަނިމާއެކަނި ހުރެގެން ނަމާދުކުރިޔަސް، ނަމާދުގައި ދުޢާކުރުން އޮތީ މިގޮތަށެވެ. މިކަން އަލްފާތިޙާ ސޫރަތުގެ 5 ވަނަ އާޔަތާއި 6 ވަނަ އާޔަތުން އެނގެއެވެ. (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهدِنَا الصِّرَاطَ الْمُسْتَقِيمَ (6)) މާނައީ، "އަޅަމެން އަޅުކަންކުރަނީ އިނބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގި އެދެނީ އިނބަރަސްކަލާނގެ ޙަޟްރަތުންނެވެ. (5) އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވައިފާނދޭވެ! (6)" މިދެ އާޔަތުގައި މިވަނީ އެންމެންގެ ނަމުގައި ކުރާ ދުޢާއެކެވެ.

ޖިހާދުކުރުމުގެ މައްޗަށް ބަލާލަމާތޯއެވެ. ޖިހާދުކުރުން ފަރުޟުކުރައްވާފައިވަނީ، އެކަމަށް ކުޅަދާނަވެގެންވާ އެންމެންގެ މައްޗަށެވެ. އެކަމުގައި ވަކި މީހަކު ތަފާތުކޮށް އިމްތިޔާޒު ދިނުމެއް ނެތިއެވެ. މިހެނީ، ޖިހާދުކުރުމަކީ، މޮޅު ޚާންދާންތަކުގެ އަހުލުވެރިން ކުރަން އޮތް، އެބައިމީހުންނަށް ޚާޢްޞަ ޝަރަފެއް ލިބޭ އަޅުކަމެއް ނޫނެވެ. އަދި އެކަން ކުރުން އޮތީ، އަނދިރި ޒަމާނުގައި ޔޫރަޕުގެ މީހުން ކަންކުރި ފަދައިން ހަނގުރާމަވެރިންގެ ޢާއިލާތަކާއި ދަރިފަސްކޮޅުގެ އަހުލުވެރިން އިޙުތިކާރު ކުރާ ކަމެއްގެ ގޮތުގައެއް ވެސް ނޫނެވެ. އަދި އެކަން ކުރުން އޮތީ، ވަކިބަޔަކު ހަނގުރާމައިން ފައިދާ ނެގުމަށްޓަކައި، ފަޤީރުންނާއި އަޅުންނާއި އަޅުވެތިކޮށްފައިވާ ރަށްތަކުގެ އަހުލުވެރިން ލައްވާ ކުރުވާ ކަމެއްގެ ގޮތުގައެއް ވެސް ނުމެނޫންމެއެވެ. އަޅުވެތިކުރުމުގެ މޮޑަން އުޞޫލުތަކުގައި ވަނީ މި ގޮތެވެ.

5. ކީރިތި ޤުރުއާނުގެ މުޖުތަމަޢުގައި، ޙައްދު ޤާއިމްކުރަންޖެހޭ ކުށްތަކުގެ އަދަބަކީ، އެ އަދަބު ޙައްޤުވާ އެންމެންގެ މައްޗަށް ތަންފީޒުކުރަންޖެހޭ އެއްޗެކެވެ. މިހެނީ އެއީ މާތްﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކެވެ. އެއިން ޙައްދެން ތަންފީޒުކުރުމުގައި ވަކި މީހަކަށް އިމްތިޔާޒު ދިނުމެއް ނެތެވެ. ހަމައެފަދައިން މުޖުތަމަޢުގެ އަފުރާދުންނަށް ދޭންޖެހޭ ޢާއްމު ޚިދުމަތްތަކަކީ ވެސް، ޢަދުލުވެރިކަމާއެކު އެންމެނަށް ދޭންޖެހޭ އެއްޗެކެވެ. އެއީކީ، ވަކި މީހަކަށް މޮޅަށް ދީފައި އަނެކަކު އެއިން މަޙުރޫމްކުރެވޭނެ އެއްޗެއް ނޫނެވެ. މަސްއޫލުވެރިންގެ މައްޗަށް އޮތީ، އެބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ ޢަދުލުވެރިކަން ޤާއިމްކުރުމެވެ. އަނިޔާވެރިކަން ނައްތާލުމެވެ. ޙައްޤުތައް ގެއްލި ނިކަމެތި ކުރެވި އަނިޔާލިބިފައިވާ މީހުންނަށް އިންޞާފުވެރިކަމާއެކު އެބައިމީހުންގެ ޙައްޤުތައް ހޯދައިދިނުމަކީ މަސްއޫލުވެރިން ކުރަންޖެހޭ ކަމެކެވެ. އަދި އަނިޔާވެރި ނުކިޔަމަންތެރިން ޙައްޤުގެ މަގަށް ގެނައުމަކީ ވެސް އެބައިމީހުން ކުރަންޖެހޭ ކަމެކެވެ. ޒުލްޤަރުނައިނި ރަސްގެފާނުގެ ދޫފުޅުގެ މަތީގައި މާތްﷲ ހިންގަވާފައިވާ ބަސްފުޅެއް އަލްކަހުފު ސޫރަތުގެ 87 ވަނަ އާޔަތާއި 88 ވަނަ އާޔަތުގައި ވެއެވެ. (قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَى رَبِّهِ فَيُعَذِّبُهُ عَذَابًا نُّكْرًا (87) وَأَمَّا مَنْ آمَنَ وَعَمِلَ صَالِحًا فَلَهُ جَزَاء الْحُسْنَى وَسَنَقُولُ لَهُ مِنْ أَمْرِنَا يُسْرًا (88)) މާނައީ، "އޭނާ (އެބަހީ: ޛުލްޤަރުނައިނި ރަސްގެފާނު) ވިދާޅުވިއެވެ. އަނިޔާވެރިވެއްޖެ މީހާ ދަންނާށެވެ! ފަހެ ތިމަންނަ އެމީހަކަށް އަދަބު ދެއްވާނަމެވެ. ދެން އެމީހަކު އެނބުރި ދާހުށީ އެމީހަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ އޭރުން އެކަލާނގެ އެމީހަކަށް ޢަޛާބު ދެއްވާހުށީ ގަދަފަދަވެގެންވާ ޢަޛާބަކުންނެވެ. (87) އަދި އީމާންވެ ޞާލިޙު ޢަމަލުކޮށްފި މީހާ ދަންނާށެވެ! ފަހެ އެމީހަކަށް ހެޔޮ ޖަޒާހުއްޓެވެ. އަދި އެމީހަކަށް ތިމަންނަގެ އަމުރުތައް ލުއިފަސޭހަވެގެންވާހުށި މެއެވެ. (88)"
މި މަޤާމާ ގުޅޭ ބަސްފުޅެއް ޢުމަރުގެފާނު ވިދާޅުވެފައި ވެއެވެ. (لو عثرت بغلة بالعراق لسئل عنها عمر يوم القيامة: لم لم يسو لها الطريق؟) މާނައީ، "ޢިރާޤުގައިވާ ބަޣަލެއް މަގުއޮޅި ވާވަދެވިއްޖެނަމަ، ޤިޔާމަތްދުވަހު ތިމަންކަލޭގެފާނާ ސުއާލުކުރެއްވޭނެކަން ކަށަވަރެވެ. އެއަށް މަގު ހަދައި ނުދިނީ ކީއްވެގެން ހެއްޔެވެ؟" (ބަޣަލަކީ، އަހާއި ޙިމާރާ ދެމެދުގައިވާ ޖަނަވާރެކެވެ.)

ހަމައެފަދައިން، އިސްލާމީ ޤައުމެއްގެ ދާޚިލީ އަމަން އަމާންކަމާއި ސަރަޙައްދުތައް ޙިމާޔަތްކޮށްދޭ ޚާރިޖީ ސަލާމަތްތެރިކަން ބެލެހެއްޓުމާއި ކީރިތި ޤުރުއާނުގެ ދަޢުވަތު ދުޝްމިނުންގެ ނުރައްކާތެރިކަމުން ޙިމާޔަތްކުރުމަކީ އެންމެހައި މުސްލިމުން ނުހަނު ފަރުވާތެރިކަމާއެކު ކުރަންޖެހޭ ކަމެކެވެ. މިކަން ކުރުމުގެ ޙަރަކާތަކީ، އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން ވަކި ބަޔަކު ކުރަން އޮތްކަމެއް ނޫނެވެ. އެކަމަކު އެއީ އެ އެންމެން ކުރަންޖެހޭ ކަމެކެވެ. އެކަމުގައި ޛިއްމީންނާއި މުޢާހިދުން ވެސް ޝާމިލުވެއެވެ.

ކީރިތި ޤުރުއާނުގެ މުޖުތަމަޢުގައި، ޢިލްމާއި އުނގެނުމަކީ ހަމަހަމަ ގޮތެއްގައި އެންމެނަށް ލިބެންޖެހޭ ޙައްޤެކެވެ. މި ޙައްޤު ލިބިދިނުމުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މެދުގައި އެއްވެސް ތަފާތެއް ނެތެވެ. އަދި ވަކި ފަންތިއަކަށް އިސްކަންދީ އިމްތިޔާޒު ދިނުމެއް ވެސް ނެތެވެ. ކީރިތި ޤުރުއާނުގެ މުޖުތަމަޢުގައި އެންމެންނަކީ، ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ ބަޔެކެވެ. އެ މުޖުތަމަޢުގެ ހެޔޮކަމާއި މަތިވެރިކަން ގުޅިފައިވަނީ އެކަމާއެވެ. އާލުޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގައި ވެއެވެ. (كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ) މާނައީ، "މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި ނުބައިކަންތައް ނަހީކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲ އަށް އީމާންވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާންވިނަމަ އެމީހުންނަށް އެ ގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެމީހުންގެ ތެރެއިން އީމާންވެގެން ތިބި މީހުން ވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނީ ފާސިޤުންނެވެ."

6. މިމޭރުމުން ވާހަކަ ދައްކާއިރު، ރަނގަޅު ދިރިއުޅުމެއް ލިބުމަކީ، ކީރިތި ޤުރުއާނުގެ މުޖުތަމަޢުގެ ކޮންމެ މީހަކަށްމެ ލިބިދީފައިވާ ޙައްޤެއްކަން ފާހަގަނުކޮށް ދޫކޮށެއް ނުލެވޭނެއެވެ. މިހެނީ، ކީރިތި ޤުރުއާނުގައިވަނީ، އެޙައްޤު އެންމެހައި މީސްތަކުންނަށް ދެއްވައި އެކަން ތަންފީޒުކުރުމަކީ ވާޖިބެއްކަމުގައި ލައްވާފައެވެ. މުޖުތަމަޢުގެ މުސްލިމުންނާއި ޣައިރު މުސްލިމުންނަކީ އެ ޙައްޤު ލިބުމުގައި ހަމަހަމަވެގެންވާ ބަޔެކެވެ. އައްނަޙުލު ސޫރަތުގެ 90 ވަނަ އާޔަތުގައި ވެއެވެ. (إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ) މާނައީ، "ހަމަކަށަވަރުން ޢަދުލުވެރިވުމަށާއި އިޙުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމަށް ﷲ އަމުރުކުރައްވައެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި މުންކަރާތްތަކާއި އަނިޔާވެރިވެ އުޅުން އެކަލާނގެ ނަހީކުރައްވައެވެ. އެކަލާނގެ ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވަނީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."

މިބަޙުޘްގައި ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް ނަޒަރުހިންގައި ބެލުމަށްފަހު، ޚުލާޞާކޮށް ދަންނަވާނީ، ކީރިތި ޤުރުއާނުގެ މުޖުތަމަޢުގެ ޑިމޮކްރެސީގައިވަނީ، ދިރިއުޅުމުގެ އެންމެހައި ކަންކަމެއް ޝާމިލުވެފައެވެ. އަދި އެ މުޖުތަމަޢުގައިވަނީ، އެންމެހައި އިންސާނީ އަގުތަކަށް ރިޢާޔަތްކޮށް، ކީރިތި ޤުރުއާނުގައި ގެނެސްދެއްވާފައިވާ މަތިވެރި ހަމަތަކާ އެއްގޮތަށް މީހުން ބިނާކުރުމުގެ މަގު ތަނަވަސްކޮށްދީފައެވެ. ދިރިއުޅުމުގެ އެންމެހައި ކަންކަމެއްގައި އަދި އެންމެހައި ކަންކޮޅުތަކަކަށް އެ މުޖުތަމަޢުގައިވަނީ ފަރުވާދެވިފައެވެ. އިޖުތިމާޢީ އަދަބުތަކާއި ސުލޫކީ އުޞޫލުތަކުގެ ތެރެއިން އެއްވެސް ކަމެއް ދޫކޮށްލުމެއްނެތި، އެ ހުރިހައި ކަމެއް އެންމެ ރިވެތި އެންމެ ފުރިހަމަ ގޮތުގައި ވަނީ ގެނެސްދީފައެވެ. މުޖުތަމަޢުގެ އެންމެހައި އަފުރާދުންނަށް ލިބެންޖެހޭ ޙައްޤުތައް ލިބުމުގައްޔާއި އެބައިމީހުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި އެންމެންވަނީ ހަމަހަމަކޮށްފައެވެ. ކީރިތި ޤުރުއާނުގެ މުޖުތަމަޢު، އެ މުޖުތަމަޢުގެ އެންމެހައި އަފުރާދުންނަށް ޚިދުމަތްކޮށްދެނީ އެންމެންގެ މެދުގައި ހަމަހަމަކަމާއެކުގައެވެ.

والسلام عليكم ورحمة الله وبركاته .

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ