އަދުގެ ޚާއްސަ

Print

ކިހިނެއް ހަދާނީ...؟

ޝާޢިއުކުރީ ޝާފިޢާ މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



"އަހަރެންގެ ދަރިފުޅު އެއްގޮތަކަށްވެސް ފޮތް ކިޔާ ހިތެއްނުވޭ" ކިހިނެއް ހަދާނީ...؟




އާމިނަތު ޝާފިޔާ އާދަމް



މިއީ ވަރަށް ޢާއްމުކޮށް ދޭދޭ މީހުންގެ މެދުގައި އެމީހުންގެ ދަރިންގެ ކިޔެވުމުގެ ވާހަކަ ދައްކާއިރު އިވޭ އަޑުތަކެކެވެ. މައިންބަފައިންގެ ޝަކުވާއެކެވެ. ދަރިން ފޮތްކިޔާހިތް ނުވާ ވާހަކައެވެ. ބެލެނިވެރިންގެ ބައްދަލުވުމަކަށް ދިޔަސް މުދައްރިސް ބުނުއްވަނީ ދަރިފުޅު ލައްވާ ގިނައިން ފޮތް ކިއުއްވާށޭއެވެ. އެހެން އެކަން ކުރާނެ ގޮތެއް ވަރަށް ގިނަފަހަރު އޮންނަނީ ނުހޯދިފައެވެ. ފޮތް ކިއުއްވާނީ ކިހިނެއް ހެއްޔެވެ؟ "ފޮތް ގަދަ ކަމުން ނުކިއުއްވޭނެ ނޫންހޭ" ބައެއް މީހުން ބުނާނެނެއެވެ. އަނެއްބައަކު ހާދަ ފޮތެއް ގަނެވެސް ދެމޭ ބުނާނެއެވެ. މިނޫން މީހުން ބުނަނީ ކިހާ ވަރަކަށް ހޭ ފޮތް ކިޔާށޭ ބުނަނީ މިފަދަ ވާހަކަ ތަކެވެ. ތެދެކެވެ. ކުދިންލައްވާ ގަދަކަމުން ފޮތް ނުކިއުއްވޭނެއެވެ. ފޮތް ކިއުއްވޭނީ ފޮތް ކިއުމަށް ހިތް ޖައްސުވައިގެންނެވެ.

މިކަމުގައި އެންމެ ފުރަތަމަ މައިންބަފައިން ވިސްނަންވީ ދަރިން ފޮތްކިޔާ ހިތް ކުރުވާނީ ކިހިނެއްތޯ ހޯދާ ދެނެގަތުމަށެވެ. ކޮންމެ ބެލެނިވެރިއެއްވެސް އެމީހެއްގެ ދަރިއަކީ ފޮތްކިޔާ މޮޅު ކުއްޖަކަށް ވުމުގެ އުއްމީދުތައް ކުރެއެވެ. ދަރިންނަށް މައިންބަފައިންގެ ފަރާތުން ވާރުތަކުރުވިދާނެ އެންމެ އަގުހުރި އެއްކަމަކީ، ފޮތްކިއުމެވެ. ދުނިޔޭގައި އޭނާއަކީ މޮޅު މީހަކަށް ހެދުމަށް، މުސްތަޤުބަލު ރަގަޅު, ހަރުދަނާ މީހަކަށް ހެދުމަށް ވެސް ކުރެވިދާނެ މުހިއްމު އެއްކަމަކީ ފޮތް ކިޔާހިތް ޖެއްސެވުމެވެ. ގަދަކަމުން ދަރިން ފޮތްކިޔާހިތް ނުޖެއްސޭނެއެވެ. ނަމަވެސް އެހެންވެސްކަންތައްތައް މައިންބަފައިންގެ ފަރާތުން ކޮޕީކޮށްގެންނާއި, ކުރާތަން ފެނުމުން ގަޔާވެގެން ކުރާފަދައިން ފޮތްކިއުމަކީވެސް މައިންބަފައިން ކުރާކަމަކަށް ވާނަމަ، ގަދަ ނޭޅި ކަމުގައިވިޔަސް ކުދިންގެ ޠަބީޢަތުގައި އެކަމުގެ ޝައުޤުވެރިކަން އަށަގަންނާނެއެވެ. ނަމަވެސް މިގޮތަށް ހުރިހާ ކުދިން ފޮތް ކިޔާހިތްވުމަށް އެކުއްޖާ އުޅޭ މާހައުލުން މާބޮޑު ޝައުޤުވެރިކަމެއް ނުއުފެދިވެސް ހިގައިދާނެއެވެ. ސަބަބަކީ، އަޅުގަޑުމެންގެ ދިވެހި މުޖުތަމަޢުގައި ގިނަގޭގެ ކުދިންނަށް ޢާއްމުކޮށް މީހުން ތަފާތު ފޮތްތަކުގެ ވާހަކަ ދައްކާ ފޮތް ކިޔާ އުޅޭ މަންޒަރު ފެންނަލެއް މަދުވުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ފޮތްކިޔުމުގެ ޘަޤާފަތެއް އަޅުގަޑުމެންގެ ތެރޭގައި ނޯންނާތީއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ޅަކުދިންގެ ކިބައިގައި ފޮތް ކިޔާހިތްވުމުގެ ސިފަ ހަރުލެއްވުމަށް އުދަގޫވެގެންދެއެވެ.

އަލްބަޓް ބަންޑޫރާ(ސައިކޮލޮޖިސްޓެއް) ފާހަގަ ކުރައްވާ ގޮތުގައި ކުދިންނަށް މިފަދަ ކަންކަމަށް ޝައުޤުވެރިކުރުވަން އެންމެ ރަގަޅު ގޮތަކީ، އެކަންކަން އެކުއްޖަކު އުޅޭ މާހައުލުން ފެނިދެނިވެ އަޑުއިވި އެކަމަށް ޝައުޤުވެރިވުމެވެ. މިފަދަ ފުރުޞަތުތައް ފެންނަލެއް މަދު މާހައުލެއްގައިވެސް، ބީ އެފް ސްކިނާރ (ސައިކޮލޮޖިސްޓެއް) ފާހަގަ ކުރައްވާ ގޮތުގައި އެކަމަށް އީޖާބީގޮތަކަށް ތަރުހީދީގެން ފޮތްކިއުމަށް ޝައުޤުވެރި ކުރުވިދާނެއެވެ. މިސާލަކަށް، ކުދިން ކިޔާ ފޮތްތަކަށް އިނާމުދިނުން ފަދަ ގޮތްގޮތް މިތިއަރީގައި ފާހަގަކޮށްފައިވެއެވެ. މިކަމަކީ، ތަޖުރިބާކާރުން ފާހަގަ ކުރައްވާގޮތުގައި، ކުދިންގެ ކިބައިގައި މިފަދަ ކަންކަމަށް ޝައުޤުވެރިކަން އުފެއްދުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކެކެވެ. ނަމަވެސް ތާއަބަދު ކިޔާ ހުރިހާފޮތްތަކަށް އިނާމު ދޭން ފަށައިފިނަމަ އެއިނާމުގެ އަގު ވަޒަން ކުރުމުގެ އިހުސާސް ކުޑަވަމުންދާނެކަން އީވާން ޕެވްލޯވު (ސައިކޮލޮޖިސްޓެއް)ގެ ތިއަރީގެ ތަފާތު ތަޖުރިބާތަކުން ހާމަކޮށްފައިވެއެވެ. އިސްވެދިޔަ ތަފާތު ޢިލުމުވެރިންގެ ޢިލުމީ ޚިޔާލަށް ބަލާލާއިރު ދޭހަވަނީ ކޮންމެ މުޖުތަމަޢެއްގައިވެސް ކުދިން ފޮތް ކިޔާހިތް ޖެއްސުމަށް ކަންތައް ތަކެއް ރޭވިދާނެ ކަމެވެ. ތިރީގައި ބަޔާން ކުރެވިފައި އެވަނީ މިކަމަށް އެހީތެރިވުމުގެ ގޮތުން ބެލެނިވެރިންނަށް ކުދިންގެ ޅައުމުރުން ފެށިގެން ފޮތްކިޔުމުގެ ބިންގާ އެޅުމަށް ކުރެވިދާނެ ތަފާތު ކަންތައްތަކެކެވެ.

    * ދަރިފުޅުގެ އެންމެ ޅަފަތުގައިވެސް ތަފާތު ވައްތަރުގެ ޢުމުރާއި ގުޅޭ ފޮތްތައް ގަނެ އޭނާގެ އެންމެ ގާތްތަކެތި ގޮތުގައި ހަދާށެވެ.

    * ޅަފަތުގައި ކުއްޖާ އުނގުގައި ބައިދައިގެން ތަފާތު ރާގުތަކާއި އަޑަށް ތަފާތު ގެންނަމުން މޫނުމަތީގެ ޙަރަކާތްތައް ބަދަލު ކުރަމުން ފޮތް ކިޔައިދީ ހަދާށެވެ.

    * ފޮތް ކިޔައިދެމުން ދާއިރު ފޮތުގައި ހުންނަ ތަފާތު ތަޞްވީރުތަކާއި ބެހޭގޮތުން ވާހަކަ ދައްކާ ހަދާށެވެ.

    * ތަންތަނަށް ގޮވައިގެން ދެވޭ ޢުމުރުގެ ކުދިން ފޮތްފިހާރަ(ބުކްޝޮޕް) ތައްފަދަ ތަންތަނަށް ގޮސް އެޢުމުރުފުރާގެ ކުދިން ގެންގުޅޭ ފާޑުގެ ތަފާތު ފޮތްތަކާއެކު ހަފުތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ޤަވާޢިދުން ވަޤުތު ކޮޅެއް ހޭދަ ކުރާށެވެ.

    * ދަރިފުޅަށް ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފޮތް ކިޔައިދޭށެވެ. ކިޔަމުންދާއިރު އެޢުމުރުގެ ކުއްޖަކަށް ފަސޭހައިން ނަގައިގަނެވޭނެ ފަދަ ބަސްތައް ތަކުރާރުކޮށް އެކި ރާގު ރާގަށް ކިޔާދިނުމަކީ ވެސް ކުދިން އެއަށް ޝައުޤުވެރިވާ ކަމެކެވެ.

    * ދަރިފުޅު އަމިއްލައަށް ފޮތް ކިޔޭ އުމުރަށް އައުމުން ފޮތް ކިޔާ ސަރަހައްދު ނުވަތަ (ރީޑިން ކޯނަރ) ގޭގައި ހަދާ އެތާގައި ކޮންމެ ދުވަހަކުވެސް ވަޤުތު ކޮޅެއް ހޭދަކުރެވޭތޯ ބަލާށެވެ. މިގޮތަށް ހޭދަކުރާ ވަޤުތު ކޮޅުގައި މަންމަ ވެސް ދަރިފުޅާއެކު ފޮތް ކިއުމުގައި ބައިވެރިވުމަކީ މުހިއްމު ކަމެކެވެ.

    * ކިޔަން ފަށައިގަންނަ ޢުމުރުގެ ކުއްޖަކު ނަމަ ދާއިމީކޮށް ލައިބުރަރީއަކަށް ރަޖިސްޓްރީވެ ހަފުތާއަކު އެއްފަހަރު އެތަނަށް ޒިޔާރަތް ކޮށް ފޮތްތައް ބަލާ ހަދާ ވަގުތުކޮޅެއް ހޭދަކޮށްލުން ރަގަޅުވާނެއެވެ.

    * ތަފާތު ޢުމުރުފުރާއިގެ ކުދިން ކިޔާ ފާޑުގެ މަޖައްލާ ނެރޭނަމަ އެއުމުރަކާއި ގުޅޭ މަޖައްލާއެއް ރަޖިސްޓްރީ ކޮށްދީ މަހުން މަހަށް ލިބޭ ގޮތް ހަދާދިނުން ރަގަޅެވެ.

    * ކިޔަން ފަށައިގަންނަ ޢުމުރުގެ ކުދިންނަށް ކިޔާފޮތްތަކަށް އިނާމުދީ ނުވަތަ އެކުދިން ކިޔާ ކޮންމެ ފޮތަކަށް ސްޓީކާ ހަރުކޮށް ގޭގައި "ކިއުން ޗާޓް" ހެދުމަކީވެސް ފޮތްކިއުމަށް ވަރަށް ބޮޑަށް ޝައުޤުވެރި ކުރުވޭ ގޮތެކެވެ.

    * ފަށާތަޢުލީމުގެ ޢުމުރު ކުދިންނަށް ތަފާތު ވައްތަރުގެ ފޮތްކިއުމާއި އޭގެ ބޭނުންތެރިކަމާއި ބެހޭގޮތުން މަޝްވަރާ ކޮށް ޢުމުރާ ގުޅޭ ތަފާތު ފޮތްތައް ގަނެ ހެދުމަށް ޝައުޤުވެރި ކުރުވުން ވެސް މުހިއްމެވެ.

    * ލިޔެކިޔަން އެނގޭ އުމުރުގެ ކުދިންނަމަ، ސިޓީ، ނޯޓްއަދި ކާޑު ފަދަ އެއްޗެހި ދަރިފުޅާ އަދި ޢާއިލާގެ އެހެން މެމްބަރުންގެ މެދުގައި އެކަކު އަނެކަކަށް ލިޔެ ބަދަލުކުރާ ކަހަލަ އުޞޫލު ތަކެއް އޮތުމަކީ ވެސް ކިޔުމަށް ޝައުޤުވެރި ކުރުވިދާނެ ބައެއް އުނގެނުމުގެ ޙަރަކާތް(ލާރނިން އެކްޓިވިޓީ)ތަކެވެ.

    * ފޮތްފިހާރަތަކަށް ގޮސް ދަރިފުޅު ކިޔާހިތްވާ ކަހަލަ ފޮތް އަމިއްލަ އަށް ނެގުމަށް ފުރުޞަތުދޭށެވެ. މިގޮތުން ވަކިވައްތަރެއްގެ ފޮތް ކިޔާހިތް ކުރުވުމަށް ބޭނުންފުޅުނަމަ، އެފޮތްތަކުގެ ވާހަކަ ގިނައިން ދައްކާ ހެދުމުން ވެސް ވަކިވައްތަރެއްގެ ފޮތްތަކަށް ޝައުޤުވެރި ކުރުވޭނެއެވެ. މިގޮތަށް ވާހަކަ ދައްކާއިރު މަޖުބޫރު ކުރާފަދަ އުޞޫލު ނުގެންގުޅެ ނުސީދާގޮތުން އިޝާރާތް ކުރުމަށް ފަރުވާތެރި ވާން ޖެހޭނެއެވެ.

    * ކިޔާފޮތްތަކުގެ ހުންނަ ތަފާތު ޝަޚްޞިއްޔަތު(ކަރެކްޓާރސް) ތަކާއި ބެހޭގޮތުން ވާހަކަ ދައްކާ ކުއްޖާ ކިޔައިދޭއިރު ކަނުލައި އަޑު އެހުމަކީ ކުދިން ކިޔާ އެއްޗެހި ނަގައި ގަނޭތޯ ބެލުމާއެކު ކިއުމަށް ޝައުޤުވެރިވެސް ކުރުވޭނެ ގޮތެކެވެ.

    * އެކުއްޖެއްގެ ޢާއިލާފޮތް ނުވަތަ ޢާއިލާ މަޖައްލާ ހެދުންފަދަ އުނގެނުމުގެ ޙަރަކާތްތައް ޢާއިލާގެ މެމްބަރުންގެ މެދުގައި ރާވާ ހެދުމަކީވެސް ވަރަށް މަޖާ ކިއުމަށް ޝައުޤުވެރި ކުރުވޭނެ ގޮތްތަކެކެވެ. މިގޮތުން އެކި މެމްބަރުން ލިޔާއެއްޗެއްސާއި އެކި މީހުންނަށް ދިމާވާ ކަންކަން ލިޔެ ހެދުމަކީ ކުދިން މަޖާކޮށް ބައިވެރިވެ އެކަމުގައި ވަރަށް ފައިދާ ކުރަނިވި ގޮތަކަށް އެހެނިހެން ހުނަރުތަކަށް ވެސް މަގުފަހިވެގެންދާ ޝައުޤުވެރި އުންގެނުމުގެ ޙަރަކާތެކެވެ.

    * މަޖައްލާ، ފޮތް ނުވަތަ ނޫސް ފަދަ ތަކެތީގައި ހުންނަ ޅެންފަދަ ބަހުރުވަތައް ކިޔާ އޭގައިވާ ޢިބާރާތްތަކުގެ ދޭހަ ކިޔައިދީ ހެދުމަކީ ވެސް ކުދިން ބަހަށް މޮޅުވެ ކިޔުމަށްވެސް ޝައުޤުވެރި ކުރުވޭ ގޮތެކެވެ.

      އިސްވެދިޔަ ގޮތްތަކަށް ކުއްޖަކު ހާނުވައިފިނަމަ ފޮތް ކިޔާހިތް ނުވާވާހަކަ ދައްކާ މައިންބަފައިން މަދުވާނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ނިންމާލަމުން ވެސް ފާހަގަ ކޮށްލަން ބޭނުންވަނީ، ފޮތްކިއުމަކީ، ކުދިން ކިޔާހިތްވެގެން ނޫނީ މާބޮޑު ފައިދާއެއް އެއިން ޙާޞިލުވާނެ ކަމަކަށް ނުވާނެތީ، ކުދިންގެ ހިތުގައި އެކަމުގެ ޝައުޤުވެރިކަން އުފެއްދުމަށް ފަރުވާތެރިވުމަށެވެ. އިސްވެބަޔާންވިފަދަ ކަންކަން ތަޖުރިބާ ކޮށް ކުއްޖާއަށް އެކަމުން ކުރާ އެދެވޭ އަސަރުތައް ހޯދައި ބަލައި ދެނެގަތުމަކީ، ދަރީންގެ މުސްތަޤުބަލު އުޖާލާކުރުމަށް އެޅިދާނެ ވަރަށް އެދެވޭ ފިޔަވަޅުތަކަކަށް ވާނެކަން ޔަޤީނެވެ. (ނިމުނީ)

ފޮޓޯ: flickr.com/photos/mashafeeg/400780326/

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ