އަދުގެ ޚާއްސަ

Print

ވިލިނގިލީގެ އިންޖީނުގެ ގެ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް




އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)



ދިރާސާތަކުން އެނގޭގޮތުގައި ބަހުގެ ޢިލްމަކީ ވެސް ފުން ޢިލްމެކެވެ. ތަނަވަސް ޢިލްމެކެވެ. ބަހުގެ އުސޫލުތަކާއި ހަމަ ނަހަމަ، މިޔުޒިކާއި ރީތި ހުތުރު، އުނދަގުލާއި، ލުއިފަސޭހަ މިއިން ކޮންމެ ކަމަކީ، އޭގެ މައްޗަށް އެތައް ތަފުޞީލުތަކެއް ގެނެވިދާނެ ކަންކަމެވެ.

މި މަޒުމޫނުގައި ފެންމަތިން ނަމަވެސް އަޅުގަނޑު ލޯހިންގައިލައި، އެއްޗެއް ދަންނަވާލެވޭތޯ ބަލައިލާނީ ބަހުގެ ޠަބީޢީ ސިފައެއްކަމުގައިވާ ''ލުއިފަސޭހަ'' ކަމުގެ މައްޗަށެވެ.  މައްދިވެހީން ލިބިގަތް،  ލިޔުމާއި ތަލައްފުޒު ކުރުމުގެ ލުއިފަސޭހަކަމާއި، މި އަދު ގެއްލެމުންދާ މި ސިފައިގެ މައްޗަށެވެ.

ބަހެއްގެ ލަފުޒުތަކުގެ އަސްލާއި، އެލަފުޒުތައް ކިޔައި އުޅޭގޮތާ ތަފާތުވާ ޙާލަތްތައް އާދެ އެވެ. އޭގެ ތެރޭން އެއް ޙާލަތަކީ، ލުއިފަސޭހަ ކަމަށްޓަކައި، ލަފުޒުގެ އަސްލާ ޚިލާފުވާ ޙާލަތެވެ. މި ފަދަ ދަނޑިވަޅުތަކުގައި ލަފުޒުގެ ނުވަތަ ކަލިމައިގެ އަސްލު ދޫކޮށްލުން އެއީ ބަހުގެ ހަމަގޮތް ކަމުގައި ވެދެއެވެ. ލަފުޒުގެ އަސްލު ޙިމާޔަތްކޮށް އެގޮތުގައި ހިފެހެއްޓުމީ، ބަހުގެ ގަވާއިދާ ޚިލާފުވުންކަމުގައި ވެގެން ހިނގައިދާނެ އެވެ.  މިއީ ކޮންމެ ބަހެއްގެ ވެސް ޠަބީޢަތެވެ. އިނގިރޭސިއެއް ފަރަންސޭސިއެއް ޢަރަތްބެއް ދިވެއްސެއް ވަކި ތަފާތުވެގެންނެއް ނުދާނެ އެވެ.

އަޅުގަނޑު މަސައްކަތް ކުރާނީ ދިވެހި ބަހުގެ ތެރޭން މިސާލު ހުށަހަޅައި ލެވޭތޯ އެވެ. ދިވެހި ބަހުގެ ތެރޭން މި އުސޫލު ގެއްލެމުން ދާކަން ފާހަގަ ކުރެވޭތީ އެވެ. އެކަމުގެ ސަބަބުން ދިވެހި ބަހުގެ އަމިއްލަ ވަންތަ ބަސްވަންތަކަން ބީވެގެންދާތީ އެވެ. ރީތީ މާދަރީ ދިވެހި ބަހުގެ ޠަބީޢީ ގޮތް ގެއްލި،  ދިވެހި ބަސް ''ޕްލާސްޓިކުވަމުން'' ދާތީ އެވެ.


ބައެއް މިސާލު:


01 – ''މި ގެއިން ގުޅައާއި ބަޖިޔާއާއި، ކަވާބު ލިބެން އެބަހުރި''

މި ޖުމުލައަށް ބަލާއިރު، ޖުމުލަ ޢިބާރާތް ކުރެވިފައިވާ ގޮތުގައި މައްސަލަ އެއް އޮތްކަމަކަށް ނުފެނެ އެވެ. އެކަމަކު ދިވެހި ބަސް ބޭނުން ކުރާ ލުއި ފަސޭހަ އުސޫލަށް ބަލާއިރު، މި ޖުމުލަ އަކީ، ބަހުގެ ޠަބީޢަތާ ވަރަށް ދުރު ޖުމުލަ އެކެވެ. ވަރަށް ''ޕްލާސްޓިކު'' ޖުމުލަ އެކެވެ. ސަބަބަކީ، ޖުމުލައިގައި ހިމެނޭ ނަންތައް ގުޅުވަން ބޭނުން ކޮށްފައިވާ ''އާއި'' ތަކެވެ. ދިވެހިން ވާހަކަ ދައްކައި ލިޔެކިޔައި އުޅުމުގައި ތަބާވަމުން އައި ލުއިފަސޭހަ ހަމަތަކަށް ބަލާއިރު، މި ޖުމުލައިން އެ ''އާއި'' ތައް ކަނޑައިލީމާ މާ ރީތިވާނެ އެވެ. މާ ފަސޭހަ ވާނެ އެވެ. އޭރުން އެ ޖުމުލައިގެ ''އާއި'' ތައް އޮންނާނީ، ލިޔެ ކިޔުމުގެ ތެރެއަށް ހަޒުފު ވެ، އެކަމަކު އޭގެ މާނަ ފާޅުވެފައެވެ. އެ ޖުމުލަ ލިޔެ ކިޔައި ހަދާ މީހުންނަށް ފަސޭހަކަމެއް އިޙްސާސް ކުރުވަމުންނެވެ. އާދެ! '' މި ގެއިން ގުޅަ ބަޖިޔާ ކަވާބު ލިބެން އެބަހުރި'' މި ގޮތް  ދުލަށާއި ގަލަމަށް ވެސް ކިހައި ފަސޭހަތޯ އެވެ.


02 – '' މި ގެއިން އައިސްކްރީމް އަދި  ކިއްލި ލިބެން އެބަހުރި''

މި ޖުމުލައިގެ ''އަދި'' މިއީ ދިވެހި ބަހުގެ ދިވެހި ބަސްވަންތަ ލުއިފަސޭހަ ގޮތަށް ހުރަސް އަޅާ އަކުރެކެވެ. މި ފަދަ ޖުމުލަތައް ލިޔެ ކިޔުމުގައި ''އަދި'' ބޭނުން ކުރެވިފައި މި ވަނީ އިނގިރޭސި ބަހުގެ ''އެންޑް''ގެ މާނައިގައި، އެ ވިސްނުމުގައި ކަމަށް ވެދާނެ އެވެ. އެހެން ކަމަށް ވާނަމަ މި ޖުމުލައިގެ ދިވެހިވަންތަ ބަސްވަންތަކަން  އަދި މާބޮޑަށް އެބަ ގެއްލެ އެވެ. މި ޖުމުލަ ''ދިވެހި ކޮށްލީމާ'' އަޅުގަނޑަށް ޢިބާރާތް ކުރެވޭ ގޮތަކީ، ''މި ގެއިން އައިސްކްރީމާއި ކިއްލި ލިބެން އެބަހުރި'' ނުވަތަ '' މި ގެއިން ކިއްލި، އައިސްކިރިމި، ލިބެން އެބަހުރި'' މި އެވެ.


ފާހަގަ ކޮށްލުން މުހިންމު ކަމެއް:


ދިވެހި ބަހުގައި އޮންނަ ''އަދި'' އާއި، ''އާއި'' މިއީ އެއް މާނަ އެއް ނެރެދޭ ދެ އަކުރު ކަމަށް ފަހަރެއްގައި ހީ ވެދާނެ އެވެ. އެކަމަކު އެއީ ކުށް ހީއެކެވެ. މި ސާލަކާ މެދު ވިސްނާލައްވާށެވެ! '' މި ޖަލްސާގައި ދެންވާހަކަ ފުޅު ދައްކަވާނީ، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅުގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޢައްބާސް އިބްރާހީމެވެ.'' މި ހެން ބުނުމުން މި ދެ ހައިސިއްޔަތަކީ އެކަކަށް ރައްދުވާ ދެ ހައިސިއްޔަތުކަން ދޭހަ ވެ އެވެ. ގައުމީ މަރުކަޒުގެ ރައީސަކީ ވެސް ޢައްބާސް އިބްރާހީމުކަން އެނގެ އެވެ. ގދ. ގެ މެމްބަރަކީ ވެސް ޢައްބާސްކަން އެބަ އެނގެ އެވެ.

ހަމަ މި ޖުމުލަ ''އާއި'' ލައިގެން ޢިބާރާތް ކޮށްލަމާތޯ އެވެ. '' މި ޖަލްސާގައި ދެންވާހަކަ ފުޅު ދައްކަވާނީ، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސާއި،  ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅުގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޢައްބާސް އިބްރާހީމެވެ.''

މިހާރު ދޭހަ ވަނީ ކިހިނެއްތޯ އެވެ؟ ގައުމީ މަރުކަޒުގެ ރައީސަކީ ވަކި ބޭފުޅެކެވެ. މަޖިލިސް މެމްބަރަކީ އަދި އެހެން ބޭފުޅެކެވެ. އެހެންކަމުން ޖަލްސާގެ ކުރިޔަށް އޮތް ނަންބަރު ފުރިހަމަ ކޮށްދެއްވާނީ ދެ ބޭފުޅަކު ކަމަށް ދޭހަ ނުވޭތޯ އެވެ. އެއްބޭފުޅަކީ ޤައުމީ މަރުކަޒުގެ ރައީސެވެ. އޭނާގެ ނަންފުޅެއް ނޭނގެ އެވެ. އަނެއް ބޭފުޅަކީ،  ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅު މެމްބަރެވެ. އޭނާގެ ނަންފުޅަކީ ޢައްބާސް އިބްރާހީމެވެ. އެހެންވީމާ، މި ޖުމުލައިގައި ''އާއި'' ގެނެވުނު ތަނުގެ ސަބަބުން އެކަކު ދެމީހުންނަށް ބަދަލު ވެއްޖެ އެހެން ނޫންތޯއެވެ؟



03 – ''ސުނާމީގައި ހާލުގައި ޖެހުނު ރަށްތަކުގެ މީހުން އަލަށް އަޅައިދެއްވި ގެތަކަށް ބަދަލުވެއްޖެ.''


މި ޖުމުލައިގައި މި އޮތް ''ރަށްތައް/ގެތައް'' މިއީ ވެސް ދިވެހިވަންތަ ގޮތެއް ނޫނެވެ. މި ޖުމުލަ ދިވެހިވަންތަ ކޮށްލުމަށްޓަކައި މި ފަދަ ބަސްތައް ދެފަށް ކޮށްލުމުން މާ ރީތިވާނެ އެވެ. ''ރަށް'' ގިނަ ނަމަކަށް ބަދަލު ކޮށްލައްވާނީ ''ރަށްރަށް'' މި ގޮތަށެވެ. ''ގެ'' ކަމުގައި ވަނީ ނަމަ، ''ގޭގެ'' މި ގޮތަށެވެ. މި ގޮތަށް ލަފުޒު ފަށްކުރުމަކީ، އެކަހެރި ނަން ގިނަ ނަމަށް ބަދަލު ކުރުމުގައި މައްދިވެހިން ބޭނުން ކޮށް އުޅުނު ރީތި ހަމަ އެކެވެ. '' ރަށް ރަށުގެ ފަރުފަރަށް ލިބޭ ގެއްލުންތައް އިތުރު ވުމުމުގައި މީސްމީހުން ކުރާ ނޭދެވޭ ޢަމަލުތައް ހިމެނޭކަމަށް ސަރުކާރުގެ ކަމާބެހޭ އޮފީސް އޮފީހުން ވިދާޅުވެއެވެ.'' މިއީ ދިވެހިވަންތަ ގޮތްކަމަށް ފެނެ އެވެ.


04- '' ފީވައް އިން ފުރައިގެން، ގާދިއްފުށިއަށް ދެވުނު އިރު، ގެންދިޔަ ބައެއް ދޮންކެޔޮ އާއި ބަނބުކެޔޮ  އަށް ހުރީ ގެއްލުން ލިބިފަ އެވެ''


މި ޖުމުލައިގައި ''ފީވައް، ގާދިއްފުށި، ދޮންކެޔޮ، ބަނބުކެޔޮ،'' މި ލަފުޒުތައް ހުރީ ސަލާމަތުންނެވެ. އެކަމަކު ބަހުގެ ހަމަތަކަށް ވަނީ ހާނީއްކަ ވެފަ އެވެ. ސަބަބަކީ، އެހެން ލަފުޒަކާ ނުގުޅި އެކަހެރީން އޮންނަ އިރު، މި ލަފުޒުތައް އޮންނަންޖެހޭނީ މިހެން ކަމުގައި ވިޔަސް، އެހެން ލަފުޒަކާ ގުޅުވާނަމަ ލަފުޒަށް ބަދަލުތަކެއް ގެންނަންޖެހޭތީ އެވެ. އެބަދަލުތައް ބަހުގެ ހަމަތަކާ އެއްގޮތަށް ގެނެވިފައި ނެތަތީ އެވެ. ދޮންކެޔޮ އެއް ނޫނެވެ. ދޮން ކޭލެވެ. ބަނބުކޭލެވެ. މުޅި ޖުމުލައިގެ ރަނގަޅު ގޮތަކަށް ވާނީ، "ފީވަކުން ގާދިއްފުށްޓަށް ދެވުނު އިރު، ގެންދިޔަ ބައެއް ދޮންކޭލާއި، ބަނބުކޭލަށް ހުރީ ގެއްލުން ލިބިފަ އެވެ.''

އާދެ! މައްދިވެހިންގެ ދޫތަކާއި، ގަލަންތަކުން ދިވެހި ބަސް ބޭނުން ކޮށްފައިވަނީ ވަރަށް ލުއިކޮށެވެ. ވަރަށް މުރޫނަތްތެރިކޮށެވެ. ''ތަރިޔާއި އިރާއި ހަނދާ''  ޖުމުލަ ކޮށްލައިފައި ''ތަރިރުހަނދު'' މި ހެން ކިޔައި އުޅެއެވެ. ''މުލަކު އަތޮޅު'' ގެ ބަދަލުގައި ''މުލަކަތޮޅު'' މިހެން ކިޔައި އުޅެ އެވެ. ''ނެތް ނަމަ'' މި ބަސް ''ނެތަމަ'' އަށް ވެފައި ވެސް އެބަހުއްޓެވެ. މި ފަދަ އެ ތައް މިސާލެކެވެ.


05- ''ގަމީހުގެ ގޮށް ހަރު ކުރަން ތިނޯހުގެ ފަގައިން ރޮދި ލައްވައި، ގަލަމުގެ ދޯރި ނަގައި ގަލަމުގެ ތުނޑުން ގަމީހުގައި ފާހަގަ ލީމެވެ.''


މި ޖުމުލައިގައި ފާހަގަ ކޮށްލަންވީ، ނިސްބަތުގެ ގާ ފެވެ. މި ގާފަކީ ވެސް މައްދިވެހިންގެ ބަސްމަގުގައި ވަރަށް ގިނަ ފަހަރަށް ހަޒުފު ވެގެންދާ އަކުރެކެވެ. އޭގެ ސަބަބުން ލިޔެ ކިޔުމަށް ފަސޭހަކަން ގެނެސްދެ އެވެ. ''ބައްޕަމެންގެ ގޭގެ މޭޒުގެ މަތީގެ ފަންކާ'' އެއް ނޫނެވެ. ބައްޕަމެން ގޭ  މޭޒުމަތީ ފަންކާ އެވެ. ގަލަމުގެ ތުނޑެއް ވެސް ނޫނެވެ. ގަލަމު ތުނޑެވެ. ތިނޯހު ފަގަ އެވެ. ގަމީހު ގޮށެވެ. އއ. އަތޮޅުގެ ގޮނޑިއަށް ކުރިމަތިލުމުގެ ބަދަލުގައި އއ. އަތޮޅު ގޮނޑިއަށް ކުރިމަތި ލުންމާ ހިތަށް ފަސޭހަ އެވެ. އަތޮޅުގެ އޮފިހަށް ވަޑައިގަތުމުގެ ބަދަލުގައި އަތޮޅު އޮފީހަށް ވަޑައިގަންނަވާ ފަދައިންނެވެ.

ކަންމިހެން އޮތް އިރު، ދިވެހި ބަސް ދިވެހި ބަހުގެ ބަސްވަންތަކަމާ އެކީ ބޭނުން ކުރުން މުހިންމެވެ. ބަހުގެ ރީތި ކަން ދެމެހެއްޓުމަށްޓަކަ އެވެ. މިޔުޒިކު ހިތްގައިމު ކުރުމަށްޓަކަ އެވެ. ލުއިކަމާއި ފަސޭހަކަން އިޙްސާސް ކުރުމަށްޓަކަ އެވެ.

އެހެން ނުހަދައި ކޮންމެ ލަފުޒެއް އޮންނަ ގޮތަށް ކިޔާފައި، ނިސްބަތް ކުރުމުގެ ކޮންމެ ގާފެއް ފާޅުކޮށްގެން ލިޔެ ކިޔައި ހަދާނަމަ، ވިލިނގިލީ އިންޖީނުގެ ވެސް ބަދަލު  ވާނީ ''ވިލިނގިލީގެ އިންޖީނުގެ ގެ'' އަށެވެ. އެހެންވެއްޖެ ނަމަ އިންޖީނު އަޑުގެ ސަބަބުން ފޯރާ  އުނދަގުލަށްވުރެ އިންޖީނު ގޭގެ ނަން ދިވެހި ބަހުން ކީމާ ކަންފަތަށްވާ ދުކާއި، ތުރާ މާ ބޮޑު ވެދާނެ ދޮގެއްތޯ އެވެ؟ (ނިމުނީ)

މަޒުމޫނުގައި ޖަހާފައިވާ ފޮޓޯ: flickr.com/photos/mashafeeg/400780326/


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ