Print

ފޮތިންކެޔޮ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސުފުރާ



އާނަ



މިއީ ހަވީރު ސަޔަށް ރަނގަޅު ދިވެހި ''ހެދިކާ'' އެކެވެ. ފޮތިންކެޔޮ ތައްޔާރު ކުރަނީ، ނުވަތަ ފޮތިންކެޔޮ އަޅަނީ، ފުށްއެރިފައިވާ  ބަނބުކޭލުގަ އެވެ. ނުވަތަ ފާ ބަނބުކޭލު ގަ އެވެ. ފުށްއެރިފައިވާ ހަރު ބަނބުކޭލެއްނަމަ ކެޔޮ ފަތިތައް ދަތަށް މުރަނަ ގޮތެއް ހުންނާނެ އެވެ. ފާ ބަނބުކެޔޮ ނަމަ އޭގައި މީރު ފޮނިކަމެއް ހުންނާނެ އެވެ.  ކަޅުސަޔާއި، ފޮތިންކޭލަކީ ކާބަފައިންގެ މީރު ކޮއްތެކެވެ.





ބޭނުންވާ ތަކެތި

1- ބަނބުކެޔޮ (ހަރުކޭލެއް ނުވަތަ ފާ ކޭލެއް)

2- ބައި ލީޓަރެއްހައި ކައްކާތެޔޮ، ނުވަތަ ކާށި ތެޔޮ




ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ބަނބު ކެޔޮ ހަތަރު އަރިޔަށް ފަޅައިލާށެވެ. ކަރުގަނޑު ނަގައި ވަކި ކޮށް ސާފު ކޮށްލާށެވެ. ބައިކޮންލެވުނު ކޮންމެ ބައެއްގެ ބޭރު ތޮށި މަށައިލާށެވެ. އެއަށް ފަހު، ކޮންމެ ބައެއްމެ ހަނި ދިގަށް، ނުވަތަ ހުރަހަށް ފޮތި ޖަހައިލާށެވެ.

އެއަށްފަހު، ތާހަކަށް ތެޔޮ ފޮދު އަޅައި އުނދުންމައްޗަށް އުދާށެވެ. ތެޔޮ ފޮދު ރަނގަޅަށް ހޫނުވެ ކެކި ގަތުމުން، ކެޔޮ ފޮތިތައް ތާހަށް އަޅައިލާށެވެ. ފާކެޔޮ ނަމަ ފޮތިތައް ވަކި ވަކިން ނުޖެހޭނެހެން އެތުރިގެންދާ ގޮތެއްގައި ބަހައްޓާލުން ބުއްދިވެރި އެވެ.

ހެޔޮ ވަރު ގިނީގައި ތެލުލަމުން ގެންދާށެވެ. ކެޔޮ ފޮތިތައް ރަނގަޅަށް ރަތްވުމުން އިލޮށީގެ ވަށިގަނޑެއް،    ނުވަތަ ފޫ ތޮރުފައިފައިވާ ތަށިގަނޑެއްފަދަ އެއްޗަކަށް ކެޔޮ ފޮތިތައް ލުހެލާށެވެ. މި ހެން ހަދަން ޖެހެނީ ކެޔޮ ފޮތިތަކުގެ ތެރެޔަށް ހިނދޭ ތެޔޮ މަދު ކުރުމަށްޓަކަ އެވެ. އޭގެ ސަބަބުން ޞިއްޙީގޮތުންވެސް ފައިދާއެއްވުމާއެކު، ކެޔޮ ފޮތީގެ ރަހަ ވެސް މީރުވާނެ އެވެ. ކުޑަ ހޫނު ކަމެއް  ހުއްޓައި ކަޅުސަޔާއެކީ ކައިލުމަށް މި ފަދަ ފޮތިން ކޭލަކީ ވަރަށް ދިވެހި މީރު ކެއުމެކެވެ.

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ