Print

ރަށްފުށުގެ ދިރިއުޅުން (4ވަނަ ބައި)

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ


14 އޭޕްރީލާ ގުޅޭ...

ކުޑަ ކުޑަ ބަހުސެއް

 
އަލްމަރުޙޫމު ޢަލީޙުސައިން/ނައިފަރު

ހަސީނާޔާ މަންމަޔާ ގެއަށް ދިއަތާ މާފަހުން، ދޮނާގޮސް ދޮރުމައްޗަށް އަރައިފިއެވެ. އެއިރު ބޭރުގޭ އުނދޯލީގައި މަޑުމަޑުން ފަރިއްސެއް ކިޔާން ހަސީނާ އިނެވެ. ދޮނާ އަޑުއަހައިލިއިރު އިވުނީ އެކީ ފަރިއްސެއްގެ އެންމެ ފަހުގެ ދެތިން ކަޑިއެވެ.


ވިސްނާށެ ޔާރުނޭ ހެޔޮޚަޞްލެއްނެތޭ މިއަށްވުރެ
ޢިޝްޤެއްނުވާ އެމީހާ މީހަކު ކަމަށްނުވީތާ

      މީބަލިތަކާ ބަލާޔާ ނުރުހުންތަކާ ޙަސަދައާ
      ރުޅިވެރިކަމުގެ ނިޝާނެއް ކަންވެސް މަދެނެހުރީންތާ

އަނިޔާއި ދުއްތުރާތައް މައްޗަށް ނުކެތްކުރާނޭ
މީހަކު އެއިން އަރާމެއް ހޯދޭކަށެއް ނެތީތާ

      ހިތުގައި އަނދާ އެއަލިފާން ފިތުގައި މިރޯވަނީތާ
      ފިތުނައިގެ ރާޅުގަނޑުގައި މިތުރާ ޣަރަޤުވަނީތާ

ހަސީނާ ޅެން ހުއްޓައިލުމާއެކު ހަމަތެދެއްހޭ ބުނެފައި ދޮނާ އެތެރެއަށް ވަދެއްޖެއެވެ. ދެން:-
ހަސީނާ: ދޮނާ! އެއީ ކީއްވެގެން އުޅުނުމީހެއް؟ އަހަންނަށް ހީވަނީ ވެގެންއުޅޭ ހީއަކުގެ މައްޗަށް އުޅުނު މީހަކުހެން. އަހަރުމެން އެމީހުނާ ގާތްވާތަން ނުދެކި އެތަނުން  ދުރަށްދާތަން އެކަނި ދެކިގެން އެތާގައި އެތައްއިރެއް ވަންދެން ފިރިހެނުންތަކު ތެރޭގައި އުޅެފައި ނިކުތްބަޔަކުކަމުގައި ހީކޮށްގެންއުޅުނީހެން.

ދޮނާ: ތިޔަހެނަކަނުން ނޫން ! ތިޔަހެންނަމަ އަހުރެން ވާހަކަވެސް ބުނީސް. އަހުރެންނަކީ ހަސީނާއާއި ޖެހިގެން ބާރުނުވާހައި ކައިރީގައި ހުރިމީހެއް. އަހުރެން ނުފެނި ހުސްއެކަނި ހަސީނާ ފެންނާން، ދުވާލު ކަހަލަ ހަނދުވަރެއްނުން.

ހަސީނާ: ނޫނެކޭ . އެހެންވެދާނެޔޭ. އެކަކު އަނެކަކާ ފުށުއަރައި، ގޮތެއްވެގެން ނިވައިވެއްޖެނަމަ ދުރުގައި ހުންނަ މީހަކަށް އެކަކުހެން ހީވެދާނޭ.

ދޮނާ: ތިޔަހެންނަމަވެސް އިސްކޮޅުން ދިގުމީހަކު މާބޮޑަށް ފެންނާންވާނެއޭ. އަހުރެން ހަސީނާއަށްވުރެ ގައިމުވެސް ކައިވަތަކަށްވުރެން ދިގުވާނެއޭ. އަހަންނެއްނުން، އެކަކު ފެންނަންޏާ ފެންނަންވާނީ.

ހަސީނާ: ތިޔަހެންވާނީ މޫނުން އެނގުނުނަމަ، ހަށިގަނޑުން ވިސްނައިގަންނަ މީހަކަށް ފެންނާނީ ގާތަށް ހުންނަ މީހެއްގެ ހަށިގަނޑު. ދޮނާގެ ހަށިގަނޑު އަހަރެންގެ ހަށިގަނޑަށްވުރެ ހިމަތޮޅިވާނެ. އެހެންވީމާ ދޮނާގެ ހަށިގަނޑު ހުންނާނީ އަހަރެންނާ ނިވައިވެފައި. އެމީހަކަށް ހީވާނީ އަހަރެން އެކަނިހެން.

ދޮނާ: އެއީ އެއްވެސްކަމެއް ދެނަހުރެގެން އުޅޭމީހަކުނޫން. އެހެންމީހަކު ދެކެފައި ނާއިބުގެއަށްދާން ނުކެރިގެން ފޮނުވީމާގޮސް އުޅުނުމީހެއް! އާނ! އެހެންނަމަވެސް އަހަރެން ވާހަކަ ނުބުނަނީ ތިޔަޒާތުގެ ކަމެއް ހިނގައިގެންވެސް ތޯއްޗެއް.

ހަސީނާ: އެއީ އަހަންނަށް ބޮނޑިއެއް ދޭންވެގެން މީހަކު ކުރުވާނޭކަމެކޭ ހިއެއްނުވޭތަ؟

ދޮނާ:ހިއެއްނޫންވަނީ ހަމަގައިމު! އެއީ އެހެންމީހަކުވެސް ކުރުވިކަމެއްނޫން. މުދިމްކަލޭގެ( ފުޅުކަނޑައިލާފައި ތަސްދީދަކާއެކު) އަހުމަދު ކުރުވިކަމެއް. ނާއިބު ގެއަށްގޮސް އެހުރީވެސް އެގޭގައި މަސައްކަތްކޮށްދޭން އުޅޭމީހެއް. އެމީހާއާ މަޑުމަޑުން ވާހަކައެއް ދައްކާން  އެ އަހުމަދު ހުއްޓައިވެސް ދަނޑިޖަހާތަނުން އައިއިރު އަހަރެން ދެކެންވެސް ދެކުނިން.

ހަސީނާ: އަހަންނަށްވެސް ހީވި، ހުސައިންމަނިކުމެނާ ތަންކޮޅެއްދުރުގައި އަސްކަނީ ހިޔާއެޅޭ ތާނގައި އެހުރީ ތިޔަބުނާ އަހުމަދުފުޅުހެން.

ދޮނާ: (ހީނގެންފައި މީހަކަށް އިއްވާން ބުނާހެން) އާން! ހަސީނާ ނުއިނީމައެއްނުން.
ހަސީނާ: ( އަތްހޫރާލައިފައި މަޑުމަޑުން) މަންމަ ހޭލައި އެބައޮތް، އަޑުއަހައިފާނެ!

 

އެކަނި ހަސީނާ ތެޅީޔޯ ؟!



ހުސައިންމަނިކަށް ހަސީނާ ދުފަންދިން ވަގުތު އަހުމަދުފުޅަށް ވަރަށްކަންބޮޑުވި ވާހަކަވަނީ އިސްވެގޮސްފައެވެ. އެއިރު އޭނާގެ ހިތަށްއެރިއެވެ. މިއީ އާދައިގެ ގޮތެއްގައިވީ ކަމެއްނޫނެވެ. މިދެމީހުންގެ ދޭތެރޭގައި ކޮންމެވެސް ވަންހަނާކަމެއް ހިނގައިފައި ވެއްޖެއެވެ. މިއީ ކިހިނަކުންވީ ކަމެއްބާއެވެ. މިދެމީހުން ހިތާވެގެން އުޅޭނީ ނޫންބާވައެވެ. އެހެންވެއްޖެނަމަ އަހުރެންނަށް ހަސީނާއާ ނުއިނދެވޭތަން އަތުވެދާނެއެވެ. މިކަންވީ ގޮތެއްވާނީ ބަލާށެވެ. ދެމީހުންގެ ހިތްއެނގޭނެގޮތެއް ވާނީހޯދާށެވެ. އަދި މިގޮތަށް މީހުންގެ ތެރެއަށް ހަސީނާ ނުކުމެގެން އުޅުމަކީވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. ގިނަމީހުންނަށް ފެންނަންޏާ ގިނަ ދިމާޔަށް ހިތްދާނެއެވެ. މިއީ ހަސީނާ ބިރުގަންނުވައިލުމަށް ރަގަނޅު ދަނޑިވަޅެކެވެ. އަންހެނުންނާ ފިރިހެނުން އެއްބޮނޑި ނުވާން އަންގައިފައި އޮއްވައި ހަސީނާއަށް މިތަނަށް އާދެވިއްޖެއެވެ. ކޮންމެވެސް ގޮތަކުން ނާއިބުގެއަށްގޮސް ލަދުގަންނަވައިލަނިކޮށް އެގޮތަށް މީހުންގެ ތެރެއަށް ނުކުމެ އުޅޭކަށެއްނުކެރޭނެއެވެ. ދެން މިފިކުރުގައި ހުސައިންމަނިކަށް އޮޅުވައިލާފައި ދަނޑިޖަހާތަން ބަލައިލާންކަމަށް ހަދާފައިގޮސް އެތަނުން އޭނާގެ ގޭގައިއުޅޭ މުޓިޔާ މީހަކުދެކިގެން އެމީހާޔާ މިވާހަކަދައްކާފައި ކިޔާނޭ އެއްޗެހި ވިސްނައިދީފައި  ނާއިބުގެއަށް ފޮނުވީއެވެ. (އެގޮތަކީ ކޮންމެ މީހަކުވެސް ބަޔަކު މީހުންނާއެކު ކުށެއްގައި ބެދި ބޭޒާރުވުމަށްވުރެ އެކަނި އަމިއްލައަށް އެކުށެއްގައި ބެދިގެން ބޭޒާރުވީމައި މާބޮޑަށް ލަދުގަންނާނެއެވެ.)

މި އަޙުމަދުފުޅަކީ މާބޮޑަށް ޣީރަތްތެރިކަމާއި ބަދަލުހިފުން ހުންނަ މީހެކެވެ. ހަސީނާ ތެޅުވުމުގެ ބުއްދި މިހައި އަވަހަށް އޭނާއަށް އައީވެސް މިރޭ ހަސީނާ އޭނާއާ ނުއިންކަމުން އެއިގެ ބަދަލުހިފުމުގެ ގޮތުންނާއި އެކުގައެވެ. ސިއްރުން އެކަން ކުރީ އަދިފަހުން އިންނާން ގަސްދުކޮށްގެންވާތީވެ އޭނާކުރި ކަމެއްކަން ހަސީނާއަށް އެނގިއްޖިއްޔާ ނުއިނދެފާނޭކަމަށެވެ.

ހަސީނާޔާދޭތެރޭ އެގޮތަށް ކަންތައްކޮށްފައި ހުސއިންމަނިކާދޭތެރޭ ކުއްލިއަކަށް ކަމެއްކުރާކަށް އަޙުމަދުފުޅަކަށް ނުކެރުނެވެ. އެއީ ހުސައިންމަނިކަކީ އޭނާގެ ވަރަށްބޮޑު ރައްޓެއްސެއް ކަމުންނާއި އަދި ހުސައިންމަނިކުގެ ފުށުން އެއްވެސް ޒާތެއްގެ ކަމެއް ނުފެންނަކަމުންނެވެ. އެކަމަކު ބޭރުފުށުން ކަމެއްނުދެއްކި ނަމަވެސް ހިތުގެއަޑީގައި އަލިފާން ރޯކޮށްފިއެވެ.
 
 
 

ހުސައިންމަނިކާ އަޙްމަދުފުޅު



      އަނެއްދުވަހު މެންދުރު 11 ޖަހާކަށްހާއިރު ހުސައިންމަނިކު މިސްކިތްމަގަށް އަތިރިއަށް ފައިބާންދަނިކޮށް މާބޮޑަށް އިސްޖަހައިގެންދާ މީހަކުފެނިއްޖެއެވެ. އެމީހަކު އިސްޖަހައިގެންދާލެއް ބޮޑުކަމުން ކުރިމަތީގައި ހުންނަ ގަސްރުށްވެސް ފެންނަވަރެއްނޫނެވެ. އެމީހަކު އެދަނީ ވަރަށްބޮޑު ފިކުރެއްގައިކަން ހުސައިންމަނިކު ނޫނަސް ދެކޭކޮންމެ މީހަކަށްމެ އެނގޭނެއެވެ.

ދެން އެއީ ކާކުތޯ ރަގަނޅަށް ބަލައިލަނީ އެމީހަކުވެސް  އެތާނގަައި ހުރި ރުކެއްގައިގޮސް ބޯޖެހިފައި ސިހިގެންގޮސް މީހަކުއެތަން ދެކެންހުރިނަމަ ހީނގެންފާނެތީ، ވަށައިގެން އެނބުރި ބަލައިލަނީއެވެ. ހުސައިންމަނިކަށް އެއީ މުދިމުގޭ އަހުމަދުފުޅުކަން އެނގި ތިމަންނާ އެތަން ދުށްކަމަށް ވެއްޖިއްޔާ އޭނާ ލަދުގެންފާނެތީ ކުއްލިއަކަށް އެހެންފަރާތަކަށް މޫނުލައިގެންފިއެވެ. ކުއްލިއަކަށްބަލާލިއިރު އަހުމަދުފުޅީ ހުސައިންމަނިކު ދެކިގެން ހުއްޓިއެވެ. 

ދެން ހުސައިންމަނިކާ އަހުމަދުފުޅާ ދެމީހުން އެކުގައި ވާހަކަދައްކަމުން އަތިރީގައިހުރި އަންބަލަމަކާ ދިމާއަށް ދިޔައިރު، އެތާނގައި ވައިޖައްސާން ނުކުމެތިބި އެންމެންތިބީ މިދެމީހުންނާ ދިމާޔަށް ބަލާށެވެ. މިދެމީހުންގޮސް ހުއްޓޭއިރަށް އެތާއިން އަނގަގަދަޒާތު މީހަކު އަހުމަދުފުޅާ ދިމާޔަށް ހީނލާފައި " ތެދެއް މީހަކާ އިންނަން އުޅެގެން ކެއްސެއް ލިބިއްޖެހޭ " ބުނެފިއެވެ. އަހުމަދުފުޅު އެކަމަކު ހަރުކަށި ގޮތަކަށް " ނާ އަދި ކެއްސެއްނުލިބޭތާއޭ" ބުނެފައި އެމީހުންނަށް ނިވައިވާނޭހެން ހުސައިންމަނިކުގެ އަތުގައިހިފާފައި ހިނގައިގެންފިއެވެ.


 އަހުމަދުފުޅަށް މިވީގޮތަކީ ހަސީނާއާ އިންނަން އުޅުނުކަން ހުސައިންމަނިކަށް މި އެނގުނީއޭ ހީކޮށް ދެން މިތާނގައި ގިނައިރު ވެއްޖިއްޔާ އޭގައި ހިނގި އެހެނިހެން ކަންތައްވެސް ހުސައިންމަނިކަށް ފިލައިދާނެތީ ލަދުގަތީއެވެ. އެއިރަކު ހުސައިންމަނިކަކަށް އެއިން އެއްވެސް ކަމެއް އެނގިފައެއް ނެތެވެ. ދެން އެމީހުންނާ ދުރަށް ގޮސްފައި:-


ހުސައިންމަނިކު: އެއީ ކޮންވާހަކައެއް؟ ކޮންއިރަކު މީހަކާ އިންނަން އުޅުނުވާހަކައެއްތަ؟

އަހުމަދުފުޅު: (ރަކި ހީނލުމަކާއެކު) އެއީ ރޭގައި އަޅުގަނޑު މީހަކާ އިންނާން އުޅެފައި އެކުއްޖާ ތަންކޮޅެއް ފަސްކޮށްލާން ބުނެގެން ހުއްޓައިލީމާ އެމީހުންނަށް ވީއެއް ނުވީއެއް ނޭގިގެން އެވާހަކަ.
ހުސައިންމަނުކް: ފިސާރިތެދެއް! ކާކާތަ؟

އަހުމަދުފުޅު: (އަނގަހަދާލާފައި) ކެޔޮޅު ހަސަނުގެ ހަސީނާ.

ހުސައިންމަނިކު: އޭނާ މީހަކާ ނުއިނދޭތަ؟

އަހުމަދުފުޅު: (ސަމާސާ ކުރަނީކަމަށް ހީކޮށް ހުސައިންމަނިކުގެ މޫނު ބަލައިލާފައި އަދި ކޮށްފައިހުރި އަސަރުން ހިފަހައްޓައި ނުލެވިގެން) ރޭ ދަނޑިޖަހާތާ ހުސައިންމަނިކަށް ދުފަންދިނެއްނުން، ހުސައިންމަނިކަށްވެސް އެނގިލައްވާނެ!

ހުސައިންމަނިކު: (ހަނދާންވެގެން ހީލާފައި) އެހެންތަ؟ ދެން އިއްޔެ ހަވީރު ޔޫސުފުކޮއިމެން ތިޔަކަހަލަ ވާހަކައެއް ދެއްކިއޭ، އެކަމަކު އަޅުގަނޑަކަށް އެވާހަކައެއް ތެދުކުރާކަށް ނޭނގުނު! އަޅުގަނޑަށް ހީވެފައިއޮތީ އަހުމަދުފުޅު އެކަހަލަ ކަމެއްކުރަންޏާ އަޅުގަނޑަށް އަންގައިލާނެއޭ. އެވާހަކަދެއްކީވެސް....

އަހުމަދުފުޅު: ހުސައިންމަނިކުގެ ބަސް މެދުކަނޑައިލައިފައި، އެއީ އެހެންގޮތަކަށްވީ ކަމެކޭ. އަޅުގަނޑު ހުސައިންމަނިކާ އެވާހަކަ ދައްކައިލާން ހީވެސްކުރިން. އެކަމަކު ދިމާވިގޮތަކުން ތަންވަޅެއްނުވީ! އެއީ ކުއްލިއަކަށް ޖެހުނުކަމެއްވީމާ، ކުރިއަކުން ގަސްދުކޮށްގެންވެސް ހުރިކަމެއްނޫން.

ހުސައިންމަނިކު: (ހައިރާންވެފައި) ކުރިންއެއްވެސް ޒާތެއްގެ ގަސްދެއްވެސް ނުކޮށްހުރެފައި ކުއްލިއަކަށް އިންނަން އުޅުނީ! ބަލަ މީހުނާ އިންނަންވާނީ ދެފަރާތުން ދެފަރާތަށް އެނގި ދެމީހުންގެ ލޯބި ދެމީހުންނަށް ހިނގައިފުމަށް ފަހަކުނުން؟

އަހުމަދުފުޅު: (އެބަސް އެބުނެވުނީ ރަގަނޅަށް ނޫންކަމަށް ވިސްނިގެން ކުޑަކޮށް ފިކުރުކޮށްލާފައި ހަސީނާ މާކުރިން އަޅުގަނޑާ ލޯބިވާކަން އޮތީއެނގިފައޭ!

ހުސައިންމަނިކު: (އަނެއްކާ ޙައިރާންވެފައި ) ދެން ލަސްކޮށްލަން ބުނީޔޯ؟
      އަޙުމަދުފުޅު ކުއްލިއަކަށް ހުއްޓުން އަރައްޖެއެވެ. އޭނާ ހުސައިންމަނިކަށް އޮޅުވާލަން އެދައްކާ ވާހަކަތައް ފުލެއް ނުބެއްދުނުކަން އެނގިއްޖެއެވެ. އެކަމަކުވެސް ހަރުގޮތަކަށް "މިއަންނަނީ އަތިރިއަށް ދާންވެގެންނޭ" ހުސައިންމަނިކާ ވަކިވެގެން މާހަރެއްކޮށް ގޮނޑުދޮށަށް ހިނގައިގެންފިއެވެ.

އަހުމަދުފުޅު މިވަގުތު ހުސައިންމަނިކާއެކު އައި އައުމުގައި އޭނާގެ އެންމެބޮޑު ބޭނުމަކީ، ކޮންމެވެސް ވާހަކައަކުން ފައްޓައިގެންގޮސް ހަސީނާގެ ވާހަކައަށް ވައްޓައިލައިގެން ހުސައިންމަނިކާ ހަސީނާއާ ގާތްކަމެއްވޭތޯ އޮޅުންފިލުވައިލުމުގެ ތަންވަޅެއް ހޯދުމެވެ. އެކަމަކު މިވީގޮތަކުން އޭނާ ހަސީނާއާ އިންނަން އުޅުނުކަން ހުސައިންމަނިކަށް އެނގި ހަސީނާ އިހަށް ލަސްކޮށްލާށޭވެސް ބުންޏޭ ބުނެވި ހުސައިންމަނިކަށް ހަސީނާ ދުފާންދިން ވާހަކަވެސް ދެއްކި މިހުރިހައިކަމެއް ހިނގުމުން ހުސައިންމަނިކާ ދޭތެރޭ އޭނާ ޝައްކުވެގެން އުޅޭކަން ވިސްނިދާނެތީ، އެޒާތުގެ ވާހަކައެއް ފަށައިގަންނާކަށް ނުކެރުނެވެ.

 

މަންމަޔާ، ބައްޕަޔާ



  ހަސީނާ ތަންކޮޅެއް ދަންވަންދެން ހޭލައި އުޅުނުރެއެއްކަމުން ނިދައި ހޭލެވުނީ ހެނދުނު 7 ޖެހިއިރުއެވެ. ހޭލިއިރު ބޭރުގޭގައި މަންމަޔާއި އެހެން އަންހެނަކު ވާހަކަދައްކާ އަޑުއިވެއެވެ. ހަސީނާ ވިސްނައިލިއިރު ބައެއްފަހަރު ހަސީނާއޭ ކިޔާހެންވެސް ހީވެއެވެ. ދެން އެދައްކަނީ ތިމަންނާގެ ވާހަކައެކޭ ހީކޮށް ރަނގަޅަށް ކަންފަތްދީ އެހިއިރު އިވެނީ އެދައްކާ ވާހަކައަކުން ބައެއްތަންތަންކޮޅެވެ. އެމީހަކު ބުނާއަޑުއިވެޔޭ........އެހެންވިއްޔާ އެވީ ކިއެއް..

' މަރިޔަނބު...... ބުނެފައި ނުދައްކަނީތަ؟ އަހަންނަށް ކުޑަކޮށްވެސް އެހެންމީހަކާ.........ނުދެނެހުރީމުތަ؟ އަހަންނަށް....... ވައްތަރުޖަހައޭ..........އިހަށްރޭ ނާއިބުގެއަށް........ ކޮންމެވެސް ކަމަކާ ނުން؟ ދެން މަންމަބުނާ އަޑުއިވެޔޭ. ނޫނެކޭ އެއީ އެޒާތު ބަޔަކާއެކު........މީހަކު ދޮގުހަދައިގެން.....އަދިއެއް ވަކިއެހެންމީހަކާ...އަހަރެން ނުދެނަހުރިން.... އެވާހަކަވެސް ދެއްކީން..ނުވަނީޔޯ ، އެކަމަކު އަދިވެސް،........ވާނޭގޮތް އެބަހޯދަމޭ ބުނޭ.ހީވަނީ ބިރުންހެން....ހުރޭ ހަސަނާވެސް .....ވާނޭގޮތް ހޯދާނަން. ހިތްވަރު ގަދަކޮށްގެން.........އަންނަން ލަދުގަންނާނެދޯ؟ އެކަމަކު ކުޑަކޮށް ނަމަވެސް.....ދުވާލަށް ނުކެރެންޏާ.... ދޮގެއްތަ؟ އެގޮއްޔެވެސް.... ނޫނިއްޔާ އައިސް އުޅެންޏަކާނުން....ބުނާތިއިނގޭ!

މިހިސާބަށް ދާއިރަށް ބައްޕައައިސް ގެއަށް ވަންއަޑު އިވިއްޖެއެވެ. ދެން އެމީހުންގެ އަޑެއް ނުއިވެއެވެ. އިރުކޮޅަކުން ހަސީނާ ތެދުވެގެން މަޑުމަޑުން އައިސް ބޭރުގެއަށް ބޯދިލީއިރު މަންމައިނީ ބޭރުގޭ އުނދޯލީގައެވެ. ބައްޕަ ބޮޑުއަށިމަތީ ވީދިފައި އޮތް އެންދަމާދަލެއް ހިފައިގެން ފަހާންއިނެވެ. އަނެއް އަންހެންމީހާއެއް ނެތެވެ. ހަސީނާ ބޯދިލަނީ މަންމަ ބުނަނީއެވެ. ހަސަނާ އަދިވެސް ހަސީނާއާ އެވާހަކައެއް ނުދައްކަމުހޭ. މިހާރަކު އެގޮއްޔެ މިގެއަކުމަޑެއްނުވެޔޭ. އެތަންމިތާ ހިނގަނީޔޭ. އިހަށްރޭ ނައިބުގެއިން ތެޅިފަހުން ހީވަނީ އިހަށްވުރެވެސް އެކަން ގަދަވެއްޖެހެންނޭ. ދެން އިވޭނީ ކޮންމެވެސް ހުތުރު އަޑެކޭ. އެހެންޏާ ފެންނާނީ... ހަސަނަށް އެގޮތް ރަނގަޅީހޭ. އެހެންދޫކޮށްލުމަށްވުރެ މީހަކާ ދެވިއްޔާ މާރަނގަޅެއްނޫންހޭ. މަށަށްވާނޭނަމަ މިހާރުހުރީހީ މީހަކާ ދެވައިފައޭ. ހަސަނެއް ލަދެއްވެސް ނުގަނޭހޭ. އަހަރެން މިއުޅެނީ މީހުންކިޔާ އެއްޗެހިން ބޭރަށް ނުކުންނާންވެސް ނުކެރިގެންނޭ".
    


 މަންމަ މިވާހަކަތައް ދައްކާއިރު އިވޭކަމަށްވެސް ނުހަދައި ބައްޕަ އިނދެއެވެ.އަނެއްކާވެސް ބައްޕަ ހަދަންއިން ދަލަށް ދަމައިގެންފައި ބުނެފިއެވެ. ތިޔަ އިންނަނީ މިދައްކާ ވާހަކައަށް އެއްވެސް އެއްޗެއްނުބުނާންހޭ. ކަންފަތަށްވެސް ތުރާނުވަނީހޭ. ދެން ބައްޕަބުނެފިއޭ މަރިޔަނބަކީ މީހުންގެ ކަންފަތަށް ތުރާވާވަރުގެ އަޑެއްގެންގުޅޭ މީހެއްހޭ؟ މަމިހުރީ އިހަށްދައްކާނޭ ވާހަކަޔާ ފަހުން ދައްކާނޭވާހަކަ ދައްކައިގެންނެވެ. އެކޮއި މީހަކާ ނުދެވަން މައެބައުޅެންހޭ. ތިޔައުޅެނީ މޮޔަވެގެންނޭ . އަހުމަދުފުޅާ ދެވަނިކޮށް ވީޔެއްނޫންހޭ. ބައްޕަ މިހެންބުނީމާ މަންމަގާތަށް އަލިފާން ކަހަލަރުޅިއައިސް ފުންމައިގެންތެދުވެ ބައްޕަ އަތުން ދާފޭރިގެންފައި އަށީގެ އަނެއްކޮޅަށް އެއްލައިލާފައި ބުނެފިއެވެ. އަދި ރުޅިއަރުންވާންހޭ، އެކޮއިވާނީ އަހުމަދުފުޅާ ދެވަންށޭ، އެހެންނޫނިއްޔާ ވާނީ އަހަރެން ވަރިކުރާށެވެ. ތިޔަކޮއިވެސް އިހަށްރެއަކު މަށާދިމާލަށް ލަދުނެތިގެން ތިޔަހެން އުޅުނޭ، ހޭލީމާ ބަލާންހުންނާށޭ، އެނދުން ސާންތިވެސް ނަގާނަމޭ، ބަފަޔަކުގެ ގެއެއްނޫނޭ. ތިޔަކަލޭގެވެސް އަމިއްލަ ގެ ހުންނާނޭ، މިތާކު ނީނދެ ދަރިފުޅުގޮވައިގެން ފެއްސޭންއުޅޭށޭ. ދަލެއްވެސް ނުހެދިޔަސްހެވޭ. ބަދިގޭ ކުކުޅުވަހިން ވާރޭވެހޭ ވާހަކަވެސް ކިތައްދުވަހު ބުނެފިންހޭ. ދާވެސް ބަދިގެވެސް ހަދާތަން ބަލަން ހުންނާށޭ ބައްޕަބުނެފިއެވެ. މަރިޔަނބާއޭ! މަ އަމިއްލައަކަށް އެކޮއި މީހަކާދެވާކަށް ނޫޅެމެކޭ ނުންހޭ މިބުނަނީ. ދާވެސް ބާއްވާފާނަމޭ، އެކަމަކު  މިހާރަކު އެއަކު މަރިޔަނބަށް ބަހައި ލިބުނުއިރު އިން އެންމެ އުއިފަށެއްވެސް ނުއިންނާނެޔޭ. ބަދިގެއަށް ވާރޭވެހޭ ވާހަކަބުނީ އިހަކަށްދުވަހަކުއޭ. އަހަންނަށް މިއުޅެނީ ދޯނިއެހެލައިގެން އަވަދިނުވެގެނޭ. ބަދިގެ އެހުރިއޭ ފަންގެ ޖައްސާށޭ. ދާއެއޮތީ އިހަށްދުވަހަކު ރެހިގަނޑެއް ޖައްސައިގެން އުޅެނިކޮށް ފަޅައިގެން ގޮއްސައޭ. ދާވެސް ހައްދާށޭ. އެކޮއިވެސް އެއޮތީ މަރިޔަނބަށް ދީފައޭ. އަހުމަދުފުޅަކާ ނޫން މުދިމުކަލޭގެއާ ނަމަވެސް ދެވައިދޭށޭ. މަށަކު މިތާކަށް ނަޔަސްހުރެދާނަމޭ. ދެރަވާ މީހަކުއެނގިދާނެތާއޭ. ދެން ބައްޕަ ނިކުމެގެން ހިނގައްޖެއެވެ.
    


 އެވަގުތު ހަސީނާގެ ހިތަށް މައިކުލުނުގެ އަސަރުކޮށް ރޮވިގެންގޮސް އަނެއްކާވެސް އެނދުހުރަހަށް ވެއްޓިގެންފިއެވެ.   އަދި ހިތަށްއަރާންފަށައިފިއެވެ. ހާދަހާ ދެރައެވެ. އަހަންނާހެދި މަންމަޔާ ބައްޕަޔާ ވަކިވާންގާތްވަނީއެވެ. ދަރިންނަކީ މައިންބަފައިންނަށް އެދަރިންގެ ފުށުން ބާއްޖަވެރިކަން ލިބޭންވީ އެއްޗެކެވެ. އަހަރެން މިވަނީ އެމީހުން ފަސާދަވުމަށް ލިބުނު ދަރިއަކަށެވެ. އަހަރެން ހިލާވެސް އެހެނެއްނުވާނަމެވެ. މުދިމުކަލޭގެ އަހުމަދުފުޅާ އިންނާނަމެވެ. އަހަންނަށްވެސް އޭނާގެ ހެޔޮކަން ނުލާހިކުބޮޑެވެ. މަސްދުވަސްވާންދެން ނުހަނު އޯގާވެރިކަމާއެކު އަހަރެންގެ ފަޔަށް ބޭސްކޮށްދިނެވެ. މިގެއަކުން ކަނދޮޅުދުއްޔެއްވެސް ނުހޯދައެވެ. އެއިގެ ޝުކުރުވެސް އަހަރެންވާނީ އަހުމަދުފުޅަށް އަދާކުރާށެވެ. އަހުމަދުފުޅު ކިތަންމެ އަވަހަކަށްވެސް ހެކިވެރިންފޮނުވާށެވެ. އަހަންނަކަށް ދެން މަންމަގާތަކު ކުރިއަކުން އެއްޗެއްބުނާކަށެއް ނުކެރޭނެއެވެ. އެހެންނޫންނަމަ މިހާރު މަންމަގާތު ބުނެފީމުހެވެ. އޭ މަގޭ އިނގިލި ފިސްކޮށްލި ޖާދޫގަރާއެވެ. ތިޔައީ ސިޙުރުވެރިއެކެވެ. އިސްތިރިންޖެހޭ ލޯތްބަކީ ފަހުން ޢަދާވާތްތެރިކަމަށް ބަދަލު ވާނޭ ލޯތްބެކެވެ. އެއަކަށް އަހަރެންނެއް އިތުބާރެއް ނުކުރާނަމެވެ. ކަލޭގެ ސަބަބުން އަހަރެންގެ ބައްޕަ އެދިޔައީ މަންމަދެކެ ރުޅިއަރައިގެންނެވެ. ކަލެއާ އިނދެފީވިއްޔާ އެދެމީހުން ވަރިވާނޭކަންވެސް ޔަގީނެވެ. އަހަންނަށް ބައްޕައާއި މަންމަ މާރަގަނޅެވެ. މިފިކުރުގައި ހަސީނާ ހިތުގެ އަޑިން އަހުމަދުފުޅާ އިނުމަށް ނިޔަތްގެންފިއެވެ. ދެން ތެދުވެ ރަގަނޅަށް ދެލޯފޮހެލައިގެން ލިބާހާ ބުރުގާއިން ރޫފިލުވައިގެން ބޭރުގެއަށް ނުކުތްއިރު މަންމައިނީ ރުޅިއައިސް ރޯވާވަރުވެފައެވެ. ހަސީނާ ނުކުމެ މަންމަ އެއްޗެއްބުނޭތޯ ކުޑަކޮށް ހުއްޓިލައިފައި، އެއްޗެއް ނުބުނީމާ ނުކުމެގެން ހިނގައްޖެއެވެ.
 

ހަސީނާ އަހުމަދުފުޅާ އިނީބާ؟



     
މިހާރު ކެޔޮޅުހަސަނު އަންހެނުން މަރިޔަނބުގެ ގެއިން މާ ގިނައެއްކޮށް މުދިމްގޭގާ އުޅޭމީހުން ފެންނާންފަށައިފިއެވެ. އިހަކަށްދުވަހު އެގޭ ބަދިގޭ ކުކުޅުވަހީގައި ފަންގެލާންވެސްތިބީ މުދިމުގޭ ދޯނިން މަހަށްދާ ދެމީހެކެވެ. އެގޭ ދާ މިހާރު މަހަށްގެންދަނީވެސް މުދިމުގޭ ދޯންޏަކުންނެވެ. ބަންނާން ހަދައިފައިހުރި ދާގަނޑުވެސް ދުވަހެއްވިއްޔާ ދުވަހެއް ދިގުވަމުން އަންނަނީ ވަރަށް ހަލުވިކޮށެވެ.
    

 އަހުމަދުފުޅުވެސް މިހާރު އޭނާގެ އެކުވެރިންނާ ވަރަށްދުރުހެލި ވެއްޖެއެވެ. އިހަށް ނިކުމެ އުޅޭހެން މީހުންގެ ތެރެއަށް ނިކުމެއެއް ނޫޅެއެވެ. އެކުގައި ގެންގުޅެނީވެސް ރުށްގޭ އިބްރާހިމްފުޅާއި ދެތިންކުއްޖެެކެވެ. މީނަވެސް މަދުމަދުން ކަމަށް ވަރަށްގިނައިން ކެޔޮޅުހަސަނުގެ އަންހެނުންގެ ގެއަށްދެއެވެ. މިދުވަސްވަރުގައި ހަސީނާ ހުންނަނީ ދެފުށަށްއެޅޭ ކަހަލަގޮތެއްވެފައެވެ. އެއްބައި އިރަށް މި މީހުންނާއި އަނގައިންބުނެ އުޅޭނެއެވެ. އަނެއްބައި އިރަށް ހުންނަނީ ރުޅިއައިސް މޫނުހަދައިގެންނެވެ.
     

ސަބަބަކީތޯއެވެ؟ މަރިޔަނބާއި އަރައިރުންވެފައި ހަސަނު ދިޔަފަހުން ދެތިންދުވަސްވާންދެން ހަސީނާއާ އަނގައިން ނުބުނެ މަރިޔަނބު ހުއްޓެވެ. ދެން އެއްދުވަހަކު އަނެއްކާވެސް ހަސީނާއަށް ނަސޭހަތްދީފިއެވެ. ގޭގެ ކަންތައް ހަލާކުވާތަން ދައްކައިފިއެވެ. ބައްޕަ ހަސީނާއެދޭގޮތަކަށް ދޫކޮށްލައިގެން ހުއްޓަކަސް ހަސީނާ އެއްވެސް އެއްޗެއް ހިތަށްނާރާ ބައްޕަގެ މުސްކުޅި ޙާލުގެމައްޗަށް ވިސްނައިލުމެއްނެތި ހުރިހައި ބަރެއް ބައްޕަގެ ބޮލުގައި އަޅައިގެންހުރުމީ އިންސާނުންގެ ވައްތަރެއް ނޫންކަމާ ކޮންމެއެއްޗެއް ބައްޕަގެ ދުލުން ބުނިކަމަކު ހިތްހެޔޮނުވާނޭކަން ވިސްނައިދީފިއެވެ. ބައްޕަގެ ބޮލުގައި ހުރިހާ ބުރައެއް އަޅުވައިގެން ހުރުމީ ހަސީނާއަށް ހުތުރުކަމެއްކަމާއި މީހުން މަލާމާތްކުރާނޭ ކަމެއްކަމާއި ނުބައި އަޚްލާޤެއްކަން ހަނދާންކޮށްދީފިއެވެ. ހަސީނާ ބޭނުންމީހަކާ އިންނާން ބައްޕަ ދޫކޮށްލައިގެން ހުރުމަކީ ހަސީނާއަށް އޭނާވާ ލޯބީގެ ބޮޑުކަންކަން އަންގައި ހަސީނާވެސް މީހަކާ އިނުމުގައި ބައްޕަޔަށް އެހީފޯރުވޭނެ ކަހަލަ މީހެއްހޯދުމަށް ބައްޕަޔަށް ލޯބިވާ ދަރިއަކަށް ނުވެއްޖިއްޔާ އެއީ ދެދުނިޔޭގެ ހުތުރާއި މަލާމާތްކަންވެސް ވިސްނައިދީފިއެވެ. އަދި އަހުމަދުފުޅާ އިނުމަށް ހިތްވަރުދީފިއެވެ. ދެން ހަސީނާއަށްވެސް އެއީ ތެދުވާހަކަތަކެއްކަން އެނގި ބުނާނޭއެއްޗެއް ނުއެނގި ކުއްލިއަކަށް ރޮވިއްޖެއެވެ. މަންމަ ވެސް ހަސީނާއަށް އެއީ ތެދުކަންވިސްނިއްޖެއަތީ ވަރަށްއުފާވެއްޖެއެވެ. ހަސީނާއަށް މަންމަ ދެއްކިވާހަކަ ބުއްދިއަށް ފެތިގެންދިޔަވަރުން އެއިގެ ޚިޔާލުތައްބޮޑުވެ ހިތްނުތަނަސްވެ، ސިކުނޑީގެ ހޫނުގަދަވެ ދެދުވަހުން އެއްދުވަހު އަންނަ ހުމެއް ފޮށިއްޖެއެވެ. މީގެފަހުން ހަސީނާ ހުންނަނީ މާމަޑުމަޑެއްކޮށެވެ. މަންމަގެ ބަސްއަހާންފެށީ އިހަށްވުރެވެސް ޚިލާފުގޮތަކަށެވެ. އެއްގޮތަކަށްވެސް ގެއިން ބޭރަކަށް ނުނިކުމެއެވެ. އަތިރިއަށްދާންވިއަސް ނަމާދަށް ދާންވިއަސް މަންމަގާތުބުނެފައި ނޫނީ ނުދެއެވެ.
     

މިހާރު ހަސަނުވީ ކޮންތާކުތޯއެވެ؟ އެއްކަލަ ދުވަހު މަރިޔަނބާ އަރައިރުންވެފައި ރުޅިއަރައިގެން ދިޔަމީހާ އެގެއަށް އައިސްވަނީ މަސްދުވަސްވީފަހުންނެވެ. އޭނާ އައިސް ގެއަށް ވަންއިރު މަރިޔަނބު އިނީ ލިބާހުގެ ރޮދިޖަހާށެވެ. "މަރިޔަނބާއޭ" ހަސަނު ބުންޏެވެ. ލިބާސް ބާ ވެއްޖެވާހަކަ ބުނީމާ ލިބާހެއް ހޯދައިނުދިނީކަމަށް، ތާކުން ދަރަންޏަށް ލިބާހެއް ގެނައީ ހެއްޔެވެ؟ އަހަރެން މިހުންނަނީ ކަތީބު ބަންގާޅުން ގެނައި ލިބާސް ކޯޑިއެއް މާލޭގައިވާތީ، އެގެންނަންދެނެވެ. އަހަރެން ކޮންތާކުންހޭ ދަރަންޏަށް ގެންނާނީ މަރިޔަނބު ބުނެފިއެވެ. ހަސަނު ނިކަންބަލާށެވެ. އަހުމަދުފުޅު ހާދަރަގަނޅެވެ. މިހާރު ކުޑަކޮށް މިގެއަށްވެސް އާދެއެވެ. އަހަރެންކުރެން ހަސަންބޭބެ ކޮބައިހޭވެސް އެއްސެވެ. އަހަރެންބުނީމެވެ. އަހަރެންދެކެ ރުޅިއައިސްގެން މިގޭ އެއްވެސްކަމެއް ނުކުރާނަމޭ ކިޔާފައި ކަތީބަށް ރުއްކަނޑައިދޭން ކާށިދުއަށް ދިޔަވާހަކަ އެހީމެވެ. އެވާހަކަދެއްކުމުގެ ތެރޭގައި ލިބާހެއް ހޯދައިދޭށޭ ބުނިވާހަކައާއި ބަދިގޭ ކުކުޅުވަހިިން ވާރޭ ވިއްސާ ވާހަކަވެސް ބުނެވުނެވެ. ދެދުވަހެއްފަހުން އަހަރެންދުށީ އަހުމަދުފޮނުވި ބަޔަކު ފަންގެވެސް ހިފައިގެންއައިސް ބަދިގެވެސް ހަދާންއުޅެނިކޮށެވެ. އިހަކަށް ރެއަކު އަހަރެން އަތަށްދިންބޮނޑިއެއް ނިއުޅާލިއިރު އޭގައިއޮތީ މިލިބާހެވެ. ނިކަން ނުހިފާންވެސް އުޅުނީމެެވެ. އެކަމަކު ދައިތައަށް ދިންހަދިޔާއެކޭ ކިޔާފައި އެއްގޮތަކަށްވެސް ނުގެންދިޔައެވެ.  އަދި މިހިރަ ދާގަނޑުވެސް ހަސަނުބަލާށެވެ. މިހިރަ ހަމަވާން އުޅެނީއެވެ. އަހުމަދުފުޅު ހާދަ ރަނގަޅެވެ. މިހާރަކު އަދި އޭނައަކަށް ހެވެއް ނުވެވޭނެނޫންހެއްޔެވެ. މީހުންކިޔާ އެއްޗިއްސަށްވެސް ލަދުގަންނާނެންޏާއެވެ. ދެން އެކޮއިގާތުބުނެގެން އަހުމަދުފުޅާ ދެވާށެވެ. އަހަރެން މިހުންނަނީ އަހުމަދުފުޅުގެ ހެޔޮކަމުން ލަދުންކުރާނެ ކަމެއް ނުއެނގިފައެވެ. އެކަހަލަމީހަކާ ދެވައިފައި ހުރިއްޔާ މުސްކުޅިވާ ދުވަހަކުން ހަސަނަށް ކިހައި ފަސޭހައެއްވެސް ވާނޭހެއްޔެވެ.
     

ދެން މަރިޔަނބުގާތަށް ރުޅިއައިސްދާނެތީ ނިކަން މަޑުމައިތިރި އަޑަކުން ހަސަނުބުނެފިއެވެ. މަރިޔަނބާއޭ! އަހަރެން އެކޮއި އަހުމަދުފުޅާ ނުދެވާކަށް އުޅެނީއެއްނޫނެވެ. އެކޮއި ގަބޫލުވާހެންހީނުވާތީ އަޅައިނުލަނީއެވެ. މަރިޔަނބު ބުނެފިއެވެ. މިދާކަށްދުވަހު އަހަރެންނިކަން އެއްޗެހި ކިޔައިފީމެވެ. އެއަށްފަހު އެހުންނަނީ ނިކަން ދެރަވެފައެވެ. ހަސަނާ، އެކޮއި އަހުމަދުފުޅާ ހިތާނުވާނީއެއްވެސް ނޫނެވެ. ހަސަނުބުނާ އެއްޗެއް ނުއެނގޭތީވެ ބިރުން ހުންނަނީއެވެ.
 

ހަސީނާޔާ، ބައްޕަޔާ

     

ހަސީނާ ބޭރުންއައިސް ގެއަށްވަން ވަގުތެއްގައި ބައްޕަ ހަމައެކަނި ކުޑައަށިމަތީގައި ކާންއިނެވެ. ހަސީނާ ގެއަށްވަންނައިރަށް:-

ބައްޕަ: ހަސީނާ ދަރިފުޅާ! މަންމަ ދިޔައީ ކޮންތަނަކަށް؟ މިތަނަކު ފެނެއްވެސްނެތޭ.
ހަސީނާ: ދިޔަތަނެއް ނުދެނަހުރިން. އަހަރެން ދިޔައިރު ގޭގައި އިން. ދެން ހަސީނާ ފެންތަށްޓަކާ ލޯގަނޑާ ހިފައިގެން އައިސް ބައްޕަ ކާން ދެން އުނދޯލީގައި އަރައި އިށީނދެއްޖެއެވެ. އިރުކޮޅަކުން.

ބައްޕަ: ހަސީނާގެ މަންމަ އެދައްކަނީ ކޮންވާހަކައެއް. ބައްޕައަށް ހެޔޮ ދަރިފުޅު އިންނާނޭ ކޮންމެ މީހަކާއިނަކަސް. މުދިމުގޭ އަހުމަދުފުޅަކީވެސް އެންމެ ރަގަނޅުމީހެއް. މީހުންނާ އިނުމުގައި އުޅުންފަސޭހަވާގޮތްވެސް ބަލަންވާނެ. އެމީހުންނަކީ މިރަށުގައިތިބި ފައިސާވެރިން. ބައްޕައެއް ނުގަބޫލެއްނޫން.

ހަސީނާ ލަދުން މޫނުގައި އަތްއަޅައިގެން ދެކަކޫމަތީ ބޯއަޅައިގެން އެއްވެސް އެއްޗެއް ނުބުނެ އޮވެއްޖެއެވެ. އަނެއްކާ:-

ބައްޕަ: ލަދުގަންނާނޭ ކަމެއްނެތް. ކޮންމެ މީހަކަށްވެސް އުޅެވެންއޮންނާނީ މީހަކާއިނދެގެން.
 ދަރިފުޅުވެސް ތިޔަހުރީ މީހަކާ އިންނަހައި ބޮޑުވެފާ. އަހުމަދުފުޅާ އިނދެފާނޫތަ؟

ހަސީނާ: (ބުރުގާއާ އެއްކޮށް އަނގައިގަ އަތްއަޅާފައި) އަހަރެންމިހިރީ އިހަށް މީހަކާ ނުއިންނާންކަމަށް .އެކަމަކު މިހާރު އެކަމާހެދި މަންމަ ހުންނަނީ ރުޅިން. ބައްޕައާ ދިމާޔަށްވެސް އެއްޗެހި ގޮވަނީ. އެހެންވީމާ ދެން އަހުމަދުފުޅާ......
ބައްޕަ: އިންނާނީޔަކީ އަމަޔަކު އަހަރެންނަކު ބުނެގެނެއްނޫން. ދަރިފުޅުވެސް ގަބޫލު ވަންޏާ. ގަބޫލުވަމުތަ؟

ހަސީނާ: (އިރުކޮޅަކު އިނދެފައި، ބައްޕަ ދެވަނަފަހަރު އެހީމާ ދާދި މަޑުމަޑުުން ބައްޕަޔަށް ބުނިއެއްޗެއް ނޭގޭނޭހެން) ހޫނ! އުހް

ބައްޕަ: ބުނާއެއްޗެއް އެނގޭނޭހެން ބުނެބަލާ! މަންޖެއާއި މަންޖެގެ އަމަޔާ ހީކުރަނީ މިއީ ދާދި ކުޑަކަމެއްކަމަށްތަ؟

ހަސީނާ: (ބައްޕަގާތަށް ރުޅިއަންނަކަމަށް ހީކޮށްފައި ބިރުން) ހޫނޔެކޭ!
      ހަސަނު ކައިގެން ފައިބައި، ކުޑައިރުކޮޅެއްވާއިރަށް މަރިޔަނބު އައިސް ގެއަށް ވަދެއްޖެއެވެ. ދެން ހަސަނު، ހަސީނާ! މަންޖެ ތިޔަބުނާ އެއްޗެއް ނިކަންބުނެބަލާށޭ. މަރިޔަނބާ އެކޮއި އަހްމަދުފުޅާ ހިތާވެޔޯލައޭ ބުނެފިއެވެ. މަރިޔަނބު އެއީ ތެދެއްތޯ ހަސީނާކުރެން އެހީމާ މާބާރަކަށް "އާނ! ހޫނ!" އޭ ބުނެ ހިގައިގެންފިއެވެ. މަރިޔަނބު ވިސްނިނަމަ ހަސީނާ އެބުނިގޮތުން ނުރުހޭ ފާޑެއްޖެހީހެވެ. އެކަމަކު ވީއުފަލުން އެއްވެސް އެއްޗެއް މަރިޔަނބަކަށް ނުވިސްނުނެވެ. ހަމަ އެތަންވަޅު އަހުމަދުފުޅަށް ހަސީނާ ރުހިއްޖެ ޚަބަރު ދެއްވައި ކައިވެނީގެ ކަންތައް އަވަސްކުރުމަށް އަންގައިފިއެވެ. އަހުމަދުފުޅުވެސް މިއުފާވެރި ޚަބަރުލިބުމުން އޭނާގެ އެންމެއިސްކަމަކީ އެއީ ކަމަށް ހަދައި އަވަސް އަވަހަށް ކައިވެނީގެ ކަންތައްތައް ތަައްޔާރު ކުރުމުގެ މަސައްކަތްތަކަށް ފަށައިގެންފިއެވެ. (ނުނިމޭ)

އިދާރާ

ވާހަކަ