އަދުގެ ޚާއްސަ

Print

ތުރުކުރެއްވުމާއި ސަޅި

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމް

ދިވެހިބަހުގެ އުސްތާޒު އަލްމަރްޙޫމު ޢަލީ އަޙްމަދު ވިދާޅުވެފައިވާ ގޮތުގައި، ދިވެހިބަހުގެ ގަވާއިދުގައި ތުރުކުރެއްވުމަކީ، ހަމައެކަނި އިސްތަށިފުޅާއި، ނިޔަފަތިފުޅާއި، ފޫޅުފުޅާ ގުޅުވައިގެން ކިޔާ ގޮތެކެވެ.(1) ދިވެހިބަހުގެ އުސްތާޒު އަލްމަރްޙޫމު ޙުސައިން ޞަލާހުއްދީން ވެސް ވިދާޅުވެފައި ވަނީ، ތުރުކުރެއްވުމަކީ އިހުގައި، އެންމެމާތްކޮށް ވާހަކަދައްކާ އިރު، އިސްތަށިފުޅާއި، ފޫޅުފުޅާއި، ނިޔަފަތިފުޅާ ގުޅުވައިގެން ކިޔައި އުޅުނު ލަފުޒެއްކަމުގައެވެ.(2) އެހެންނަމަވެސް ފަހުން ފަހުން އައިސް، އެންމެ މާތްބަހުން ވާހަކަދެއްކުމުގައި ފޭރާން ލުމަށާއި، ހަށިގަނޑުގައި އެއްޗެހި އުނގުޅުމަށް ވެސް ތުރުކުރެއްވުން، އައީ ބޭނުންކުރަމުންނެވެ. މީލާދީން 1800އިގެ އަހަރުތަކުގެ ފަހު ފަންސަވީހުގައި މި ލަފުޒު މި މާނަތަކުގައި ބޭނުން ކުރުން ގިނަވާން ފެށިއެވެ. ތުރުކުރެއްވުން މި ގޮތަށް ގިނަވާން ފެށުމުން، ޞަލާޙުއްދީން، މީގެ 81 އަހަރު ކުރިން، 1928 ގައި ލިއުއްވައިފައި ވެއެވެ.

"ތުރުކުރެއްވުމަކީ، އިހު މީހުން މޮށެއުޅުނު މާތްބަހުގައި، އިސްތަށިފުޅަށާއި، ނިޔަފަތިފުޅަށާއި، ފޫޅުފުޅަށާއި، މި ނޫން އެއްޗަކަށް ގުޅުވައި ކިޔައި އުޅުނު ބަހެއް ނޫނެވެ. މިހެނީ، ތުރު، ނުވަތަ ތުރަ މި ލަފުޡުގެ މަޢުނައަކީ، ގުޅުވި އެއްވެގެން ވުމަށް ފަހު، ވަކިވެ ދުރުވެގެން ދިޔުމެވެ. (މާތުރަ). މި ލަފުޡު ދިވެހިބަހުގައި އަންނަނީ ވެސް އެއް ވާހަކައެއް ދައްކަމުން ގޮސްފައި، އެއިން ވަކިކޮށް، އިހު ދެއްކި ވާހަކައިގެ ޙުކްމު ނޫން އެހެން ޙުކްމަކަށް ނަޤްލުކޮށްލާން ވާ ތާގައެވެ. ކުއްޖާ ތުރަވުން، މަސްތުރަވުން، މިއީ ވެސް ހަމަ އެ ލަފުޡުން ނެގެވިގެންވާ ބަސްބަހެވެ.

މި ޒަމާނަކަށް އައިސް، ތުރުކުރެއްވުން، މި ބަސް ގިނަވެގެން ގޮސް، މިއީ ހުރިހައި ދެކޮޅުވެރި މަޢުނަތައް ވެސް އެކުލެވިގެންވާ ކޮންމެ ބާވަތަކުގެ ކަމަކަށްމެ ކިޔުން ޞުލްޙަވާ ޢަޖާއިބެއް ކަހަލަ ބަހަކަށް ވެއްޖެއެވެ. މަޘަލަން

ލުންގީކޮޅު ވެސް ކުރައްވަނީ ތުރު،

ރުމާކޮޅު ވެސް ކުރައްވަނީ ތުރު،

ލިބާސްކޮޅު ވެސް ކުރައްވަނީ ތުރު،

ބޭސްކޮޅު ވެސް ކުރައްވަނީ ތުރު،

ނިއަފަތިފުޅު ވެސް ކުރައްވަނީ ތުރު،

ފައްޓަރުކޮޅު ވެސް ކުރައްވަނީ ތުރު،

ފަގުޑިކޮޅު ވެސް ކުރައްވަނީ ތުރު،

ތެޔޮފޮދު ވެސް ކުރައްވަނީ ތުރު،

......... ...... ކުރައްވަނީ ތުރު،

......... ...... ............ ތުރެވެ.

މިހައި ވަރަކަށް މި ބަހެއް ގިނަވެ ހިގައިގެން މި ދިއައީ ފަންސާހަކަށް އަހަރުގެ ތެރޭގައެވެ. މިހެންވިއްޔާއި އަދި ވިހި އަހަރުން ފަރީކޮޅު ތުރުކުރައްވައި، ސައިފޮދު ތުރުކުރައްވައި، އަޑަފިކޮޅު ތުރުކުރެއްވިދާނޭ ކަމުގައި ފެނެއެވެ. (ވަﷲ އަޢްލަމު)"(3)

 

ޞަލާޙުއްދީން އެ ވާހަކަ ލިއުއްވި ނަމަވެސް، އެ ލަފުޒު ބޭނުން ކުރަމުން ދިޔަ ގޮތަށް ބަދަލެއް ނާދެއެވެ. ޞަލާޙުއްދީން އެހެން ލިއުއްވިތާ 42 އަހަރު ފަހުން، 1970 ވަނަ އަހަރު، ޢަލީ އަޙްމަދު ވެސް އެ ކަމާ ކަންބޮޑުވުން ފައުޅުކުރައްވައިފައި ވެއެވެ.

 

"މި ޒަމާނަށް އައިސް "ތުރުކުރެއްވުން" ގިނަވެފައި ވަނީ، އަދި ގިނަވަމުންދަނީ، ޢަޖާއިބެއް ފަދައިންނެވެ. މިސާލަކަށް "ތާކިހާކޮޅު ތުރުކުރެއްވުން، ލިބާސްކޮޅު ތުރުކުރެއްވުން، ބޭސްކޮޅު ތުރުކުރެއްވުން" މިއީ ހައްތާވެސް ކުށް ގޮތަށް ކިޔޭ ބަސްބަހެވެ. މި ބަސްބަހުގެ ރަގަޅު ގޮތަކީ – ތާކިހާކޮޅު އެޅުއްވުން، ލިބާސްކޮޅު ލެއްވުން، ބޭސްކޮޅު އެޅުއްވުން، މިއެވެ."(4)

 

ތުރުކުރެއްވުން މި ގޮތަށް އާންމުވެފައި އޮތް ނަމަވެސް، ދިވެހިބަހުގެ އުސްތާޒު އަލްމަރްޙޫމު މުޙަންމަދު ޖަމީލު ދީދީ 1971 ވަނަ އަހަރު، ލިއުއްވައިފައިވާ ދިވެހިބަހުގެ ގަވާއިދު ފޮތުގައި ވެސް، މާތްކޮށް ވާހަކަދެއްކުމުގެ މިސާލުތަކުގައި ތުރުކުރެއްވުން ބޭނުންފުޅު ކުރައްވައިފައި ވަނީ ކުރިން މި ދެންނެވި ދެ އުސްތާޒުން ވިދާޅުވެފައިވާ މާނައިގައެވެ. އަދި ހެދުމާ ގުޅުވައިގެން ބޭނުންފުޅުކުރައްވައިފައި ވަނީ ލުމެވެ. އާދެ، "ހެދުންކޮޅު ލެއްވުން" މި ގޮތަށެވެ.(5)

 

އެހެންނަމަވެސް އެންމެފަހުން 1977 ވަނަ އަހަރު، ލުމުގެ އެންމެ މާތްގޮތުގެ މާނައިގައި "ތުރުކުރެއްވުން" ވަނީ ދިވެހިބަހުގެ ގަވާއިދު ފޮތުން ޖާގަ ހޯދައިފައެވެ. އެ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލެޓިންއަކުރުން ލިޔެ، ނެރުނު ދިވެހިބަހުގެ ގަވާއިދު ފޮތުގެ ހަތަރުވަނަ ބައިގައި "ލުން" މި ލަފުޒުގެ އެންމެ މާތް ގޮތަކަށް ލިޔެފައި އޮތީ "ތުރުކުރެއްވުން" މި ލަފުޒެވެ.(6) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން "މި ފޮތް ތާނަކޮށް، ބައެއް އިޞްލާޙުކުރުމަށްފަހު، އަލުން ލިޔެފައި" 1984 ވަނަ އަހަރު ނެރުނު އިރު ވެސް "ތުރުކުރެއްވުން" އޮތީ "ލުން" މި ލަފުޒުގެ އެންމެ މާތް ގޮތް ކަމުގައެވެ.(7) (މި ދެ ފޮތުގައި މިހެން އޮތް ނަމަވެސް އެ ދުވަސްވަރު ވެސް، ލުން ބޭނުންކުރާ ހުރިހައި ތަނެއް ގައި، ތުރުކުރެއްވުމަކީ އެ ލަފުޒުގެ އެންމެ މާތް ގޮތެއް ނޫނެވެ. މިސާލަކަށް އަތްލުން، ވޯޓުލުން އެންމެ މާތްކޮށް ބުނާ އިރު، އަތްޕުޅު ތުރުކުރެއްވުން، ވޯޓު ތުރުކުރެއްވުން މިހެނެއް ނުބުނެއެވެ. ބުނަނީ އަތްޕުޅު ލެއްވުން، ވޯޓު ލެއްވުން މި ގޮތަށެވެ.) އަދި އޭގެ ފަނަރަވަރަކަށް އަހަރު ފަހުން، "ތުރުކުރެއްވުން" މި ލަފުޒުގެ މާނައިގެ ގޮތުގައި، "ލުން، މި ބަހަށް އެންމެ މާތްކޮށް ބުނާ ގޮތް. މިސާލު: (ހ) ހެދުންކޮޅު ތުރުކުރެއްވުން، (ށ) އަތަރުފޮދު ތުރުކުރެއްވުން." މި މާނަ އާއި، "ވެށުން ނުވަތަ ހިއްޕުމަށް އެންމެ މާތްކޮށް ކިޔާގޮތް. މިސާލު: (ހ) ތެޔޮފޮދު ތުރުކުރެއްވުން، (ށ) ބޭސްކޮޅު ތުރުކުރެއްވުން." މި ދެ މާނަ ވަނީ ބަސްފޮތުގައި ހިމަނައިފައެވެ.(8)

 

ދެން ސަޅީގެ ވާހަކައެވެ. މި ލަފުޒު ބޭނުންކުރަމުން އައި ކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައި އޮތީ، މީހެއްގެ ބޮޑާކަމުގެ ސިފަ ބަޔާންކުރުމަށް، ނުވަތަ މީހަކު ކަނޑާ ފޮންޏަށް ނިސްބަތްކޮށެވެ. މި ލަފުޒުގެ މާނައެއް ކަމަށް ދިވެހި ބަސް ފޮތުގައި ވެސް ފުރަތަމަ ވެސް(9) އަދި މިހާރު ވެސް(10) އޮންނަނީ (1) ކަނޑާ ފޮނި، (2) ބޮޑާ މި ދެ މާނައެވެ. ނަމަވެސް މިހާރަކަށް އައިސް މި ލަފުޒު މި ދެ މާނަ ނޫން އެހެން މާނަ މާނަ ދޭހަވާ ގޮތަށް ބޭނުންކުރަމުން އެބަ ގެންދެއެވެ. ފުރަތަމަ ފާހަގަކުރެވުނީ ރީތީގެ މާނައިގައި ބޭނުންކުރާ ކަމެވެ. (މި މާނައިގައި ބޭނުން ކުރަން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް އަޅުގަނޑަކަށް އަދި ހޯދިފައެއް ނެތެވެ. އަޅުގަނޑުގެ މަޒުމޫނު "ސަޅި"(11) އާ މެދު ކިއުންތެރިއެއްގެ ނަމުގައި ޚިޔާލުފާޅުކުރައްވައިފައިވާ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ރީތީގެ މާނައިގައި "ސަޅި" އެންމެ ފުރަތަމަ އަޑުއިވިވަޑައިގަތީ 1984ގެ ފަހުކޮޅު މާލެއިންނެވެ.) އެ އަށް ފަހު މިހާރު، މި ލަފުޒު ބޭނުންކޮށްފައި ހުންނަ ތަންތަނުގައި އެ ލަފުޒު ބޭނުން އެ ކުރީ ކޮން މާނައެއް ގައި ކަން އަޅުގަނޑަށް ނޭނގޭ ތަންތަނުގައި އެ ލަފުޒު ބޭނުންކުރަމުން އެބަ ގެންދެއެވެ. (މި ލަފުޒު މި ގޮތަށް ގިނަވަމުން ދާ ކަން އަޅުގަނޑަށް ފާހަގަކުރެވުނީ މި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައެވެ.) ބައެއް ފަހަރު އެ ލަފުޒު އަޑު އިވުމުން، ނުވަތަ ފެނުމުން  އެ ލަފުޒު ބޭނުންކޮށްފައި އެ އޮތީ އަގުހެޔޮ، ފުރިހަމަ، މޮޅު، ގިނަ، ފަސޭހަ، މަޤްބޫލު، އަސަރުގަދަ، ކިޔާހިތްވާ، ބަލާހިތްވާ، ހިތްހަމަޖެހޭ، މަޢުލޫމާތު މުއްސަނދި މި ކަހަލަ މާނަ އެއް ގައި ހެން އަޅުގަނޑަށް ހީވެއެވެ.(11) އަޅުގަނޑުގެ މަޒުމޫނު "ސަޅި"އާ މެދު ކިއުންތެރިން ފާޅުކުރައްވައިފައިވާ ޚިޔާލުތަކުގައި ވާ ގޮތުން ސަޅި މިހާރު ރީތި، ރަނގަޅު، ފައްކާ، ފުރިހަމަ މި ހަތަރު މާނައިގައި ބޭނުންކުރެއެވެ. އަދި އެއް ބޭފުޅަކު ވިދާޅުވެފައި ވާ ގޮތުގައި އެ މަޒުމޫނުގައި އަޅުގަނޑު ފާހަގަކޮށްފައިވާ ގިނަ ތަންތާނގައި ސަޅި ބޭނުން ކޮށްފައި ވަނީ ގައްޑާ ނުވަތަ ފައްކާގެ މާނައިގައެވެ. ކަނޑައެޅިގެން މި ތަނުން ކޮން މާނައެއް ކަމެއް ވިދާޅުވެވިފައެއް ނެތެވެ. އަނެއް ބޭފުޅެއްގެ ޚިޔާލުން އަޅުގަނޑަށް ދޭހަވީ ނާޒުކު، ނަލަ، އަގުމާތް މި މާނަ މާނައިގައި ވެސް ސަޅި ބޭނުން ކުރެވޭ ކަމުގައެވެ.(11) އަޅުގަނޑުގެ މަޒުމޫނުގައި ނަކަލުކޮށްފައިވާ ގިނަ އިޝްތިހާރުތަކަކީ، ދިރާގުގެ އިޝްތިހާރުތަކެއް ކަމަށް ވުމާއެކު، އެ ކުންފުނިން އެ އިޝްތިހާރުތަކުގައި "ސަޅި" ބޭނުންކޮށްފައިވާ މާނަ މާނަ އޮޅުންފިލުވައިލުމުން އެނގުނީ، އެ އިޝްތިހާރުތަކުގައި ސަޅި ބޭނުންކޮށްފައި ވަނީ ދިރާގުގެ މަޤްބޫލުކަމާއި، ދިރާގުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ހާމަކުރުމަށް ކަމެވެ. މަޤްބޫލުކަމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ހާމަކުރުމަށް "ސަޅި" ބޭނުންކުރީ "ސަޅި"އަކީ ޒުވާނުން، އެ މީހުން ގަޔާވާ، ހިތްއެދޭ ކަންކަމާ މެދު އެ މީހުންގެ މެދުގައި ބޭނުންކުރާ ވަރަށް އާންމު އިސްލޭންގަކަށް ވާތީ އާއި، އެ އިޝްތިހާރުތައް ބޮޑަށް އަމާޒުކޮށްފައި ވަނީ ޒުވާނުންނަށް ކަމަށް ވާތީއެވެ.(12)

 

ބަހަކީ ބަދަލު އަންނަ އެއްޗެކެވެ. ބަދަލުވަމުން ދާ ޒަމާނާއެކު، ބައެއް ލަފުޒު ބޭނުންކުރުން ހުއްޓެއެވެ. އައު ލަފުޒު އުފަންވެއެވެ. ކުރިން ބޭނުންކުރުން ހުއްޓައިލައިފައިވާ ލަފުޒު އަލުން ބޭނުންކުރަން ފެށެއެވެ. ބޭނުންކުރަމުން ގެންދާ ބައެއް ލަފުޒަށް އައު މާނަ ދެވެއެވެ. ނަމަވެސް ބަސް ބޭނުންކުރުމުގައި އާންމުކޮށް ތަބާވާ އުސޫލުތަކެއް ހުރެއެވެ. އެއިން އެއް އުސޫލަކީ އެކަކު ދައްކާ ވާހަކައާ އަނެކަކު ދައްކާ ވާހަކައާ ގުޅުވުމެވެ. އެކަކު ދައްކާ ވާހަކައާ ގުޅޭ ލަފުޒު އަނެކަކު ބޭނުންކުރުމެވެ. އަނެއް އުސޫލަކީ އޮޅުންނާރާ ފަދަ ސާފު ބަހުން ވާހަކަދެއްކުމެވެ. މީގެ ތެރޭގައި މާނަ ވަންހަނާވެފައި އޮންނަ ގޮތަށް ވާހަކަނުދެއްކުމާއި، ދެމާނަ ނެގޭ ގޮތަށް ވާހަކަނުދެއްކުން ހިމެނެއެވެ.(13) ލަފުޒެއް ބޭނުންކުރާ އިރު އެއީ އެއް މާނައަށް ވުރެ ގިނަ މާނަ ދޭހަވާ ލަފުޒެއް ނަމަ، އެ ލަފުޒު ބޭނުންކުރުމުގައި އެ ލަފުޒުން ދޭހަވެދާނެ މާނައަކާމެދު އިތުރު ސަމާލުކަމެއް ދިނުން ބޭނުންވާނެއެވެ. ތިރީގައި މި ވާ މިސާލަށް ބައްލަވާށެވެ.

 

އަޙްމަދު:   ފިޔާ ހާދަ އަގުބޮޑުވެއްޖެއޭ ދޯ!

މުޙަންމަދު: އަހަރެން ފިޔާ ގަންނަނީ ޙަސަނު ފިހާރައިން. އެހެން މީހުން އަގުބޮޑު ކުރިއަސް ޙަސަނު އަގުބޮޑެއް ނުކުރޭ!

އަޙްމަދު:   އެހެންތަ! ޙަސަނު ހާދަ ސަޅިއޭ ދޯ!

މުޙަންމަދު: ކީއްވެ؛ ތިހެން ތިބުނީ! އެއީ އޭނާ ފޮނިދައްކަން ކުރާ ކަމެއް ނޫން. ޙަސަނަކީ އެއް އިރެއްގައި ވެސް ފޮނިވެގެން އުޅޭ މީހެއް ނޫން!

އަޙްމަދު:   އަހަރެން ވެސް ނުބުނަމޭ އޭނަ ފޮނި ވާހަކައެއް. އަހަރެން މި ބުނީ އޭނަ ކިހާ ރަނގަޅުހޭ!

މުޙަންމަދު: އަހަރެން ނުދަންނަން ރަނގަޅަކީ ސަޅީގެ މާނައެއް ކަމެއް!

އަހްމަދު:   ސަޅީގެ މާނައަކީ ހަމައެކަނި ފޮންޏެއް ނޫނޭ؛ މިހާރު! މުޙަންމަދު ގަޔާވާ ކޮންމެ ކަމަކަށް ވެސް އެހެން ބުނެވިދާނެ!

މުޙަންމަދު: އެކަމަކު އަހަރެން ގަޔާވާ ކޮންމެ ކަމަކަށް އެހެން ބުނީމަ؛ އަޑުއަހާ މީހާއަށް ކިހިނެއް އެނގޭނީ އަހަރެން އެ ބުނީ ކޮން ކަމެއްގެ ވާހަކައެއް ކަން؟ އަޙްމަދު ދެންމެ ތިޔަ ބުނިހެން ބުނީމާ އެނގޭނެތަ؛ އެ ބުނީ ޙަސަނުގެ ފޮނި ވާހަކަ ކަން؟ ނޫނީ ޙަސަނުގެ ރަނގަޅު ވާހަކަ ކަން؟

އަހްމަދު:   ފޮނީގެ މާނައަށް ވުރެ ބޮޑަށް މިހާރު ސަޅި ބޭނުންކުރަނީ މީހުންނަށް ކަމުދާ ކަހަލަ ސިފަ ސިފައިގެ މާނައިގައޭ! އެހެންވީމާ އެނގޭނެނު؛ އެ ބުނީ ޙަސަނުގެ ރަނގަޅު ވާހަކަކަން.

މުޙަންމަދު: ސަޅިއަކީ އަޙްމަދު ތިޔަ ބުނި ގޮތަށް މީހާ ގަޔާވާ ކޮންމެ ކަމަކަށް ވެސް ބޭނުންކުރެވޭ ލަފުޒަކަށް ވަންޏާ؛ ވެދާނެ ނު، އެ ބުނީ ޙަސަނުގެ ދީލަތި ވާހަކަ ކަމަށް ވެސް؛ ހިތްހެޔޮ ވާހަކަ ކަމަށް ވެސް؟

އަޙްމަދު:   އަޑުއަހާ މީހާ އަށް ތީން ކޮންމެ ގޮތަކަށް މާނަކުރެވުނަސް އެންމެ ރަނގަޅެއްނު! ރަނގަޅާ، ދީލައްޗާ، ހިތްހެވާ -- އޭ ހަމަ އެކައްޗެއްނު!

މުޙަންމަދު: އެހެންތަ؟!

 

ބައެއް ބަސްވެރީން، ލަފުޒުގެ މާނައާ މެދު ވާހަކަދައްކާ އިރު، މަންތިކުވެރިއެއް (ލޮޖިކުވެރިއެއް) އަދި ނާވިލުލިއުންތެރިއެއް ކަމުގައިވާ ލުވިސް ކެރޯލް ގެ ނާވިލު "ތުރޫ ދަ ލުކިންގ ގްލާސް" ގައި، އެ ނާވިލުގައި އުޅޭ ހަމްޕްޓީ ޑަމްޕްޓީއާއި އެލިހާ ދެމެދު ދެކެވުނު ވާހަކަކޮޅެއް ލިޔެފައި ހުރެއެވެ. ތިރީގައި މި ވަނީ އެ ވާހަކަކޮޅުގެ ރޫޙާ އެއްގޮތަށް އަޅުގަނޑު އުފައްދައިފައި ވާ ވާހަކަކޮޅެކެވެ.

 

މޫސާ: އޭ! ޖަލުގައި ތިބި މީހުން ޖަލުގައި ރޯކޮށްލައިފި!

ޢަލީ:  އެ މީހުން ހާދަ ސަޅިއޭ ދޯ!

މޫސާ: (ހައިރާންވެފައި) "ސަޅި" ތިޔަ ބޭނުންކުރީ ކޮން މާނައެއްގައި ކަމެއް އަހަންނަކަށް ނޭނގުނު!

ޢަލީ:  (ނުރުހުމުގެ ފާޑަކަށް ހީނލައިފައި) ނޭނގޭނެ! އަހަރެން ނުބުނަނީހެއް ނޭނގޭނެ! އަހަރެން މި ބުނީ އެ މީހުން ކިހައި ޖެހިލުންކުޑަވެފައި ހުޝިޔާރުހޭ!

މޫސާ: (ކުރިއަށް ވުރެން ބޮޑަށް ހައިރާންވެފައި) އެކަމަކު "ސަޅީ"ގެ މާނައަކީ "ޖެހިލުންކުޑަވެފައި ހުޝިޔާރެ"އް ނޫނެއްނު!

ޢަލީ:  (ރުންކުރުކޮށް) އަހަރެން ވަކި މާނައެއްގައި ލަފުޒެއް ބޭނުންކުރީމަ، އެ ލަފުޒުގެ މާނައަކީ އެއީ. އެއަކަށް ބަދަލެއް ނާންނާނެ!

މޫސާ: އެކަމަކު ޢަލީ ބޭނުންހައި މާނައެއް ލަފުޒަކަށް ދެވިދާނެތަ؟!

 

ޢަލީ ގަބޫލުނުކުރިއަސް، ބަސްވެރީންކަމުގައި ވާ ވިކްޓޯރިއާ ފްރޮމްކިނާއި، ރޮބަޓް ރޮޑްމޭން ވިދާޅުވެފައި ވާ ގޮތުގައި އަޅުގަނޑުމެން ބޭނުން ގޮތަކަށް ލަފުޒުތަކުގެ މާނަ ބަދަލުކުރުމުގެ މިނިވަންކަމެއް އަޅުގަނޑުމެންނަށް ލިބިގެނެއް ނުވެއެވެ. އެ ގޮތަށް އަޅުގަނޑުމެން ކަންތައް ކޮށްފިނަމަ އަޅުގަނޑުމެންނަށް އެހެން މީހުންނާ މުވާސަލާތެއް ނުކުރެވޭނެއެވެ.(14) މީގެ މާނައަކީ ލަފުޒަކަށް އާ މާނައެއް ދެވި އެ މާނަ އެ ބަހެއްގެ އަހުލުވެރީން އާންމުކޮށް ގަބޫލުކޮށްފައި ވިޔަސް އެ ލަފުޒު އެ މާނައިގައި ބޭނުންނުކުރެވުމެއް ނޫނެވެ. އެހެނީ، މި ދެންނެވި ޙާލަތުގައި މުވާސަލާތަށް އެޅޭނޭ ހުރަހެއް ނޯންނާނެއެވެ.

 

ބައެއް ޙާލަތުގައި އަޅުގަނޑުމެން ލަފުޒަކަށް ނުވަތަ ލަފުޒުކޯޅިއަކަށް، ވަކި ބޭނުމެއްގައި، އެ ލަފުޒެއްގެ އާންމު މާނައިގެ އިތުރު މާނަ އެބަ ދެމުއެވެ. ފަންނީ ބައެއް ލިއުންތަކުން މި ފަދަ ލަފުޒުތައް ފެނިވަޑައިގަންނަވާނެއެވެ. މިސާލަކަށް:

 

(ހ) "ކުޑަކުދިން"ގެ މާނައަކީ، މައިމީހާގެ ބަނޑުގައި އާދަމުގެދަރިޔާ ގަރުބަގަތީއްސުރެ، ދުނިޔެއަށް އުފަންވުމާއި ދެމެދުގެ ޙާލަތުގައި ވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށް ފަހު މީލާދީގޮތުން 18 އަހަރު ފުރިހަމަ ނުވާ ކުދިންނެވެ.(15)

(ށ) "ކަނޑު" ކަމަށް ބުނެފައި އެ ވަނީ، ބޭރުކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރު، ފަޅު، ހާ، ގިރި ފަދަ ހުރިހައި ތަނެއް ހިމެނޭ ގޮތަށެވެ.(16)

 

މި ގޮތަށް އަޅުގަނޑުމެންނަށް ލަފުޒުލަފުޒަށް އާ މާނަ ދެވޭ އިރު، ކުރީގެ ވާހަކަކޮޅުގައި ޢަލީ އެ ބުނި ފަދައިން ޢަލީ ބޭނުން ލަފުޒަކަށް ބޭނުން މާނައެއް ނުދެވޭންވީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި މަންތިކުވެރިއެއް ކަމުގައިވާ ޓްރޫޑީ ގޮވިއަރ ވިދާޅުވެފައި ވަނީ ލަފުޒެއް، އެ މީހަކު ހަމަ ބޭނުންހައި މާނައެއްގައި ބޭނުމެއް ނުކުރެވޭނޭ ކަމުގައެވެ. އެއީ ބަހެއްގައި ހުންނަ ލަފުޒުތަކަކީ އެ ބަހަކުން މުވާސަލާތުކުރާން ބޭނުންކުރާ އާންމު އާލާތަކަށް ވާތީއެވެ. ލަފުޒަކަށް ދެވޭ އައު މާނައެއްގެ ބޭނުން ހިފޭނީ އެ މާނަ އެ ބޭނުންވި ޙާލަތުގައި، އެ މާނައަކީ އެ ލަފުޒާ ގުޅޭ، އަދި އާންމުކޮށް ގަބޫލުކުރެވޭ މާނައެއް ކަމުގައި ވާ ނަމަ، އެކަންޏެވެ. މި ފަދަ އައު މާނައެއް ބަހުގެ އަހުލުވެރީންގެ މެދުގައި އާންމުކޮށް މަޤްބޫލުވެއްޖެ ނަމަ، އެ ލަފުޒުގެ އެ އައު މާނަ، ބަހުގެ ބައެއްގެ ގޮތުގައި ހިމެނިގެން ދާނެއެވެ.(17)

 

"ސަޅި" މިހާރު ވަނީ ރީތީގެ މާނައިގައި ވެސް މަޤްބޫލުވެފައި ކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް ނުރަސްމީކޮށް، އަދި އާންމުކޮށް ޒުވާނުން ބޭނުންކުރާ ލަފުޒެއްގެ ގޮތުގައެވެ.

 

"ސަޅި" ފުރަތަމަ ބޭނުން ކުރަމުން އައި މާނަ ނޫން އެހެން މާނަ މާނައިގައި ބޭނުންކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ބޭފުޅުން ވެސް އެބަ ތިއްބެވިއެވެ. އަޅުގަނޑުގެ މަޒުމޫނު "ސަޅި" އާ މެދު ބައެއް ބޭފުޅުން ފާޅުކުރައްވައިފައިވާ ޚިޔާލުތަކާ މެދު ފާޑުވިދާޅުވަމުން މުޞްލިޙް މުޙަންމަދު އިސްމާޢީލް، ޞަލާޙުއްދީން ތުރުކުރެއްވުމާ މެދު ލިއުއްވި އުސްލޫބު ގައި، ލިއުއްވައިފައި ވެއެވެ.

 

"ތިޔަ ވިދާޅުވާ ސަޅީގެ މައުނަ ފުޅައުވި ފުޅައުވުމަކަށް ދިވެހި ރަދީފުން ތަންފުކެއް ދޭން ނިންމަވައިފިނަމަ އެއީ ދިވެހި ބަހަށް އަންނާނޭ ނުހަމަ އަދި ރަނގަޅު ނޫން ތަރައްޤީއަކަށް ވާނެއެވެ. ސަބަބަކީ "ސަޅި" މި ބަހަކީ އެއްވެސް ޙާލެއްގައި، މިއަދުގެ ޒުވާނުން ބޭނުންކުރާ ތަފާތު އެތައް ސަތޭކާ މައުނައެއް، އެ ބަހުގެ އަޞްލަށް ރުޖޫޢަވެ ބަލާ އިރު އެއްވެސް ގޮތަކުން އެ ބަހުގެ ހަމައަށް ފެތޭނެ މައުނަތަކެއް ނޫނެވެ. ... ހުރިހާ ރިވެތިކަމަކާއި، ރަގަނޅުކަންކަން، ރަދީފުގައި "ސަޅި" މި ބަހުގެ ތެރޭގައި ހިމެނުމަށްފަހު ވެސް، މީހެއްގެ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ބޭނުންނުވާ ބޭކާރު ފޮނިކެނޑުމަށް ވެސް އަޅުގަނޑު ސަޅި މި ބަސް ބޭނުންކޮށްފި ނަމަ ބަސް ބޭނުންކުރުމުގައި ބަހުގެ މައުނަތަކަށް ބަލައި ސިފަކުރުމުގައި ހާދަހާވާ އުނދަގޫވާނެ ދެއްތޯއެވެ.

ނާ..އެހެންނަ...
ލޯބިވެރިޔާގެ ރިވެތި ކަމަށްވެސް ކިޔާންވީ ސަޅި
މަންމަގެ ކުލުނުވެރި ކަމަށްވެސް ކިޔާންވީ ސަޅި
ބައްޕަގެ އޯގާތެރި ކަމަށްވެސް ކިޔާންވީ ސަޅި
މާމަގެ ލޮބުވެތި ކަމަށްވެސް ކިޔާންވީ ސަޅި
ކާފަގެ ތަޖުރިބާގެ ގިނަކަމުގެ ފައިދާ އަށްވެސް ކިޔާންވީ ސަޅި
އެއްޗެއް އަގު ހެޔޮވި ކަމަށްވެސް ކިޔާންވީ ސަޅި
ބޮޑާ ކިބުރުވެރި މީހެއްގެ ފޮނިބައިސާ އަށްވެސް ކިޔާންވީ ސަޅި

..." (11)

 

ބަހެއްގައި ހިމެނޭ ލަފުޒަކަށް ދެވޭ އައު މާނައެއް، އެ ބަހެއްގެ އަހުލުވެރީންގެ މެދުގައި މަޤްބޫލުވެއްޖެ ނަމަ، އެ ލަފުޒެއްގެ އެ މާނައަށް ބަސްފޮތުން ޖާގަ ނުދީ ހިފެހެއްޓިދާނެބާވަ އެވެ! ބަސްފޮތް އެކުލަވައިލާ މީހުންނަށް އެ ކަން އެ ގޮތަށް ކުރެވިދާނެއެވެ. ނަމަވެސް ބަހުގެ އަހުލުވެރީންގެ ސިކުނޑީގައި ރައްކައުކުރެވިފައިވާ ބަސްފޮތަށް(18) އެ މީހުންނަށް ބާރު ފޯރުވިދާނެބާވަ އެވެ! ޚުދު އެ މީހުންގެ ސިކުނޑީގައި ރައްކައުކުރެވިފައިވާ ބަސްފޮތަށް މެއެވެ.

 

ކޮންމެއަކަސް ޞަލާޙުއްދީން 1928 ގައި ލަފާކުރެއްވި ފަދައިން، ވިއްސަކަށް އަހަރުގެ ތެރޭގައި ފަރީކޮޅު ތުރުކުރައްވައި، ސައިފޮދު ތުރުކުރައްވައި، އަޑަފިކޮޅު ތުރުކުރައްވާ ހިސާބަށް ނުދިޔަ ނަމަވެސް، "ސަޅި" މިހާރު މި ބޭނުންކުރާ ގޮތަށް ބޭނުން ކުރާ ނަމަ، މި ލަފުޒަކީ ހިތްރުހޭ، ހިތްއެދޭ ކޮންމެ ސިފައެއް ބަޔާންކުރާ ނަންއިތުރުގެ ގޮތުގައި ބޭނުންކުރެވޭ ލަފުޒަކަށް ވާ ދުވަހަކީ މާ ދުރުގައި އޮތް ދުވަހެއް ހެނެއް ހީއެއް ނުވެއެވެ. އަދި އެ ފަދަ ދުވަހަކުން ދިވެހިބަހުގައި އެންމެ ގިނަ މާނަ ހުރި ލަފުޒަކަށް އޮންނާނީ ވެސް "ސަޅި"ކަމަށް ވުމަކީ ދުރު ކަމެއް ނޫނެވެ.

 

ހަވާލާ އާއި ފަހަތު ނޯޓު:

(1) ޢަލީ އަޙްމަދު، (1970:ފަތްފުށް 63)، ކުށެއް ނެތް ދިވެހިބަހުން ވާހަކަދައްކާށެވެ. އަދި ލިޔާށެވެ. (ޝާއިޢުކުރި ފަރާތް އެނގެން ނެތް).

(2) ޙުސައިން ޞަލާޙުއްދީން، (1928:ފފ.45)، އައްތުޙްފަތުލް އަދަބިއްޔާ، ލި ޠުއްލާބިއް ލުޣަތިލް މަޙަލްދީބިއްޔާ، ކޮލޮމްބޯ: މަޠުބަޢަތިލް ޙަމީދިއްޔާ.

(3) ޙުސައިން ޞަލާޙުއްދީން، (1928:ފފ.45-46)، އައްތުޙްފަތުލް އަދަބިއްޔާ، ލި ޠުއްލާބިއް ލުޣަތިލް މަޙަލްދީބިއްޔާ، ކޮލޮމްބޯ: މަޠުބަޢަތިލް ޙަމީދިއްޔާ.

(4) ޢަލީ އަޙްމަދު، (1970:ފފ.64)، ކުށެއް ނެތް ދިވެހިބަހުން ވާހަކަދައްކާށެވެ. އަދި ލިޔާށެވެ. (ޝާއިޢުކުރި ފަރާތް އެނގެން ނެތް).

(5) މުޙަންމަދު ޖަމީލު، (1971:ފފ.35)، ފިޔަވަޅު – 3، ދިވެހިބަހުގެ ޤަވާޢިދު، މާލެ: މުޙަންމަދު ޖަމީލު.

(6) ޢަބްދުއް ސައްތާރު ފމކ.، މައުމޫން ޢަބްދުލް ޤައްޔޫމް، ޢަދްނާން ޙުސައިން، ފަތުޙުﷲ ޖަމީލް، މުޙަންމަދު މުޞްޠަފާ ޙުސައިން، މުޙަންމަދު ޒާހިރު ނަޞީރު، (1977:ފފ.28)، ދިވެހިބަހުގެ ޤަޥާޢިދު، ހަތަރުވަނަ ބައި، މާލެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.

(7) މުޙަންމަދު ޖަމީލު، މޫސާ ފަތުޙީ، ޢަބްދުﷲ ޞާދިޤު، ފާރޫޤް ޙަސަން (އެޑިޓަރުން)، (1994:ފފ.34)، ދިވެހިބަހުގެ ގަވާއިދު، ހަތަރުވަނަ ބައި، މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

(8) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، (1991:ފފ.38)، ދިވެހި ބަސް ފޮތް – ތ ގެ ރަދީފު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

(9)  ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، (1991:ފފ.30)، ދިވެހި ބަސް ފޮތް – ސ ގެ ރަދީފު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

(10) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، (2006)، ދިވެހި ބަސް ފޮތް – ސީޑީ، މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

(11) މުޙަންމަދު ޝާހިދު ޙަލީމް، (2009)، ސަޅި، http://www.fanvai.info/dhivehi/maadhareebas/617-2009-04-05-10-40-35.html

(12) ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް، މުޙަންމަދު މިރްޝާން ޙަސަނާއި، އެސިސްޓެންޓް މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް، އިބްރާހީމް މޫސާ 12.4.2009 ގައި ލިއުންތެރިޔާ އަށް ދިން ބަސްދީގަތުމެއް.

(13) މީހުން މުވާސަލާތުކުރުމަށް ބަސް ބޭނުންކުރުމުގައި އާންމުކޮށް ޢަމަލުކުރާ އުސޫލުތަކުގެ ތިއަރީއަކީ ބަހުގެ ފަލްސަފާވެރިއެއް ކަމުގައިވާ އެޗް.ޕީ. ގްރައިސް، 1975 ގައި ހާމަކުރެއްވި ތިއަރީއެކެވެ. (cooperative principle) މި ތިއަރީގައި ބުނާ 4 އުސޫލާއި އެ އުސޫލުތަކާ ޚިލާފަށް ބަސް ބޭނުންކުރާ ޙާލަތުތަކާ ބެހޭ ގޮތުން، ބަހުގެ މާނައާ މެދު ވާހަކަދައްކާ ބަސްވެރީން ބަހުސްކޮށްފައި ހުރެއެވެ.

(14) ވިކްޓޯރިއާ ފޮރޮމްކިން، ރޮބަޓް ރޮޑްމޭން (123:1993ފފ.)، އޭން އިންޓްރޮޑަކްޝަން ޓު ލެންގްވިޖް (5ވަނަ އިސްދާރު)، ހާކޯޓް ބްރޭސް ކޮލެޖް ޕަބްލިޝާޒް، ޔޫއެސްއޭ.

(15) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު، (ޤާނޫނު ނަންބަރު: 91/9، މާއްދާ: 30)، http://www.agoffice.gov.mv/pdf/sublaws/ChapterII/9-91.pdf

(16) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، (49:1997ފފ.)، ISBN 99915-60-01-7

(17) ޓްރޫޑީ ގޮވިއަރ، (99:2005-100ފފ.)، އަ ޕްރެކްޓިކަލް ސްޓަޑީ އޮފް އާގިއުމެންޓް (6ވަނަ އިސްދާރު)، ވާޑްސްވާތު/ތޮމްސަން ލާނިންގ، ޔޫއެސްއޭ.

(18) (11) ގައި ހަވާލާދީފައި އެ ވާ މަޒުމޫނުގެ ތިރީގައި، 9.4.2009 ގައި އަޅުގަނޑު ލިޔެފައިވާ ބަޔާނުގެ ނަންބަރު (3) ބައްލަވާ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ