އަދުގެ ޚާއްސަ

Print

ރެކޯޑަކަށް ހަދަންޖެހޭ ރެކޯޑެއް

ޝާޢިއުކުރީ ޢަބްދުއްރަހީމް މަނަދޫ . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ

ސައިފަތް ހެއްދުމުގައި ދުނިޔޭގައި އެންމެ މަޝްހޫރު ގައުމަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ އެސުވާލުގެ ޖަވާބަކަށް ވާނީ އަވަށްޓެރި ސިލޯނެވެ.   ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މަސްހުނި ސަޤާފަތެކޭ ބުނީމާ ހިތަށް އަންނާނީ އަވަށްޓެރި އިންޑިޔާއެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަކީ ކޮބައިތޯ އަހައިފިނަމަ ޖަވާބަކަށް ވާނީ އެމެރިކާއެވެ. ދެން އޮތީ ތިޔަބޭފުޅުން ޖަވާބު ދެއްވަންޖެހޭ ސުވާލެކެވެ. ދުނިޔޭގެ އާބާދީގެ ނިސްބަތުން ވަރި އެންމެ ގިނައީ ކޮން ގައުމެއްގައިތޯއެވެ

ތިރީގައިވާ ދެ މިސާލަށް ބައްލަވާ ލައްވާށެވެ!

މިސާލު 1

މަސްބާނަން ގޮސް އުޅެނިކޮށް މާދުރުން ކަނޑުމަތިން ހޯރައެއް ދައްކާލައިފިއެވެ. އެވަގުތު އެހޯރަ ދައްކާފައި ދޯނީގައި ހުރި ހަސަނު އެދޫނި އެއުޅެނީ މަސްއައިނެއް މަތީގައި ކަމަށް ބުނެފިއެވެ. އެވަގުތު އެޔާ ވިއްދާފައި ދޯނީގައި ހުރި އެން އުކާމީހާ އެއީ މަސްއައިނެއް ނޫނޭ ވައިމަތީ ހޯރައެކޭ ބުނެފިއެވެ. އެވަގުތު ހަސަނު އެޔަށްވުރެ ބާރަށް އެއީ މަސްއައިނެކޭ ތިޔަހަރަ ކޯމަސް ފުމެނީއޭ ބުނެ އަޑު ގަދަ ކޮށްލައިފިއެވެ. އެވަގުތު ދޯނީގައި ހުރި އެން އުކާ މީހާ ބުންޏެވެ. ތިޔައީ މަސްއައިނަކަށް ވެއްޖިއްޔާ މަގޭ އަނތްބަކު ނުހުންނާއެވެ. ކަންދިމާކުރި ގޮތުން އެންއުކާ މީހާގެ ބަސްދޮގުވެ ރަށަށް ހައްސަ ބައިގެން ލެފިއިރު އެންއުކާ އަލީ ހުރީ ހުއްސަރިބަޔަށެވެ. ގޭގައި ފިރިމީހާގެ އިންތިޒާރުގައި ހުރި އައިމިނައަށް ހުއްސަރިބައިވީ ކަމެއް ރޭކާވެސް ނުލައެވެ.

މިސާލު 2

ފާތުމަ ކާން ހަދައިގެން އާދަނުގެ އިންތިޒާރުގައި ހުއްޓެވެ. އާދަނަކީ ބުރަ މަސައްކަތްކުރާ ޒުވާނެކެވެ. ލޯބިވެގެން އިންތާ ސާޅީސް ދުވަސްވެސް ނުވެއެވެ. އާދަނު އެންމެ ފަހުން އިން ގުރާފުޅު ވެސް ވަރިކުރީ ޅަގުރަޔެއް އަޑުތުއި ވެފައި ޗަސްޕު ހުންނާނެ ކަމަށް ބަލާފައެވެ. ކޮންމެއަކަސް އާދަނު ކާން އަތުވެއްޖެއެވެ. ބަތްތަށި މޮޑެލީ މޭޒުގައި އެހެރަ ހުރި ހުރިހައި އެއްޗެއް ހަމަކޮށްފައެވެ. ހަމަ ފުރަތަމަ ސުވާ އަނގަޔަށް ލާފައި މޫނު މައްޗަށް ފާޑެއްގެ ވައްތަރެއް ޖައްސާފައި އަނގައިގައި ހުރި ހުރިހައި އެއްޗެއް އުކާލައިފިއެވެ. ލޮނުގަދަ ކަމުންނޯލައެވެ. ދެން އިވުނީ ދަންބެރުގެ ހަތްބެރު ޖެހިހެން އަނބިމީހާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވިތަނެވެ. ނިންމާލީ ޒުވާބު އެކަންޏެއްނޫނެވެ. ހަތްދިހަރުފިޔާގެ ރަނަށް ކުރި ކައިވެނީގެ ގޮށްވެސް "ވަރި" ތަޅުދަނޑިން ހުޅުވާލީއެވެ.

މިއީ ދިވެހިންގެ ދިރިއުޅުމާއި ވަރިޔާއި ހުރި ގާތްކަމެވެ. ގައިގޯޅިކަމެވެ. އެއްބަފާ ވަންތަކަމެވެ. މިއީ މުޅި ދުނިޔޭގައިވެސް ރާއްޖެ ދަންނަ ބަޔަކު ނަމަ ދަންނަ ބޮޑު ހަގީގަތެކެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ރެކޯޑޭވެސް ކިޔައި ނަންއަރުވައެވެ. އެހެނެއް ކަމަކު ރަސްމީކޮށް ދިވެހި ރާއްޖެއަކީ ރެކޯޑެއް ކަމަށް ބެލެވިފައެއް ނެތެވެ. އަޑަކީ މުޅީން ހުސްވައި އަޑެކެވެ. ކަންނުވެ ނަންވުމަކީ ކިހާ ހުތުރު ކަމެއްތޯއެވެ؟. ވީމާ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާކަށް ނުވޭތޯއެވެ؟

ވީމާ ހަދަންވީ ގޮތެއް ކަމަށް އަޅުގަނޑަށް ފެންނަނީ ވަރިވާން ހުށައަޅާ މީހުންގެ އަދަދު ސަތޭކަ ނުވަތަ އެއްހާސް ޖޯޑު ހަމަވާންދެން އެއްކުރާންވީއެވެ. އެއްކޮށްފައި ދުނިޔޭގެ "ގިނީސް ވޯލްޑު ރެކޯޑް" ފޮތާ ބެހޭ މީހުންނަށް ދައުވަތުދީގެން މި ރަސްމިއްޔާތު ކަށަވަރު ކުރުމަށް މީހުންވެސް ގެންނަންވީއެވެ. ކޮންމެވެސް ދުވަހެއްގެ ހަވީރުން ހެދިގޮނޑު ދޮށަށް މިހުރިހާ އެންމެން އެއްކޮށްފައި އެއްވަގުތަކު އެއްފަހަރާ ވަރިވެސް ކުރުވަންވީއެވެ. އޭރުން ގައިމުވެސް ކަންނުވެ ނަމެއްނުވާނެތާއެވެ. ގިނީސް ވޯލްޑު ރެކޯޑު ފޮތުން ޖާގަ ލިބުމުގެ އިތުރަށް ފައިސާގެ ބޮޑު އިނާމެއްވެސް ލިބި އަދި ބައިވެރިވި ކޮންމެ ބައިވެރިޔަކަށް ހަނދާނީ ލިޔުންވެސް ލިބޭނެއެވެ. މިގޮތަށް ހެދީމާ ރާއްޖެއިން އެކު ނޫޅޭން ގަދަ ދައްކާ ދެމީހަކުވެސް ދުރުވެސް ކުރެވުނީއެވެ. ފައިސާ ދެއްކޭނެގޮތެއް ނެތިގެން ވަރި ނުކުރެވިފައި ތިބި މީހުންނަށް ވަރިވެސް ކުރެވުނީއެވެ. އަދި މާމަ ދަރިންނަށާއި މުނިމުނި ކާފަ ދަރިންނަށް ދައްކާލަން ފޮޓޯ ލޯގަނޑަކަށް ލާފައި ގޭގެ ފެންޑާގައި ބަހައްޓަން އަގުހުރި ހަނދާނީ ލިޔުންވެސް އޮންނާނެ ތާއެވެ. އެކުދިން ވަރަށް ފޮނިވެފައި އަހަރެންގެ މާމައާއި ކާފަ  ހާދަ ގަދަޔޭ މިހިރީ  ދުނިޔޭގެ ރިކޯޑުތައް މުގުރާލާފަ ތާޔޭ ވެސް ކިޔާނެއެވެ. ކޮންމެ އަކަސް އޭރުން އެއް ދޮނުގައި އެޖަހާލެވުނީ ދެ ބުޅިޔެއް ނޫނެވެ. ހައްސަ ބުޅިވެސް ޖަހާލެވުނީއެވެ. ކަންނުވެ ނަމެއްވެސް އިތުރަކަށް ނުވާނެއެވެ. ރެކޯޑުވެސް ގާއީމުވީއެވެ.

ދެން ޖެހިގެން އަންނަ އަހަރުން ގައުމަށް ރީތި ނަން ހޯދައިދީފައިވާތީ ހާއްސަ އިނާމުވެސް ލިބިވަޑައި ގަންނަވާނެއެވެ.

ނިމުނީ

އިދާރާ

އެނގޭތަ؟

ވާހަކަ