އަދުގެ ޚާއްސަ

Print

އައްސުލްޠާން އިބުރާހީމް އިސްކަންދަރު

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ދިވެހި

އައްސުލްޠާން އިބުރާހީމް އިސްކަންދަރު
(ސިރީކުލަ ރަންބީމަ ކައްތިރި ބަވަނަ މަހާރަދުން)

ޝަކީލާ ޙާމިދު


ރާއްޖޭގެ ތާރީޚުން އެނގޭގޮތުގައި އުތީމު ދަރިކޮޅަކީ ރާއްޖޭގައި ރަސްކަން ކުރެއްވި ދަރިކޮޅުތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި އެއްދަރިކޮޅެވެ. މިދަރިކޮޅުގެ ބާނީއަކީ ދިވެހި ޤައުމު ދެމިއޮތްހާ ދުވަހަކު އެދަރިއެއްގެ ޒިކުރާއަށް ފަނޑު ކަނމެއް އައުމެއްނުވާ މަޝްހޫރު ބަޠަލް އުތީމު މަހާރަދުންނެވެ. މިދަރިކޮޅުން ރަސްކަން ކުރެއްވި ގިނަ ރަސްރަސް ކަލުންނަކީ ދިވެހި ޤައުމަށް އަގުހުރި ޚިދުމަތް ތަކެއް ކޮއްދެއްވާފައިވާ ޝުކުރުވެރިވުން ޙައްޤު ދަރިންތަކެކެވެ.




އެގޮތުން މިދަރިކޮޅުން ރަސްކަން ކުރެއްވި ހަތް ރަސްކަލުންގެ ތެރެއިން ފަސްވަނައަށް ރަސްކަންކުރެއްވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު އެއްވަނަ ސިރީކުލަ ރަންބީމަ ކައްތިރި ބަވަނަ މަހާރަދުން ނަކީވެސް އެދަރިޔަކަށް ޓަކައި ދިވެހިން ޝުކުރުވެރިވުން ޙައްޤު ޚިދުމަތްތަކެއް ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ދަރިއެކެވެ. އެރޮގުން ދިވެހިން އެކިގޮތަގޮތުން ނުހަނު ދަތިއުނދަގޫ ޙަލެއްގައިވަނިކޮށް، އިސްކަންދަރު ރަސްގެފާނު ދިވެހި ރަސްކަމާ ޙަވާލުވެ ވަޑައިގެން، މަލަބާރު ކަރައިގެ ހޮޅިންނާއި، ކަންނަންނޫރު ޢަލިރާޖާގެ ކިބައިން ރާއްޖެ ސަލާމަތް ކޮށްދެއްވައި، ރާއްޖޭގެ ވިޔަފާރިއާއި، ޢާއްމު އާދަކާދަތަކަށް އިސްލާޙުގެންނަވައި، މާލޭގެ ހުކުރު މިސްކިތާއި މުންނާރު ބިނާ ކޮށްދެއްވާ، ރާއްޖޭގައި ތަޢުލީމުގެ ބިންގާ އަޅުއްވައި ދެއްވައި، ދީނީ ހޭލުން ތެރިކަން ޢާއްމުކޮށް ދެއްވިއެވެ.



ޢާއިލާ/ދަރިކޮޅު




މަންމާފުޅާއި ބައްޕާފުޅު

މުޙައްމަދު އަމީނު (1364) އާއި މުޙައްމަދު އިބުރާހީމް ލުޠުފީ (2006) ހާމަކުރައްވަނީ އިސްކަންދަރު ރަސްގެފާނުގެ ބައްޕާފުޅަކީ، ކަޅުތުއްކަލާގެ ނަމުން މަޝްހޫރުވެފައިވާ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (1) ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުން މަޝްހޫރު ބޮޑުރަސްގެފާނުކަމުގައެވެ. އެއީ ކަލާފާނު ޝަހީދު ވުމަށްފަހު މަލާބާރުން ގެންދިޔަ ކަޅުތުއްކަލާއެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ، 2006 އާއި ނަސީމާ މުޙައްމަދު (2009) އަދި ޙަބީބާ ޙުސައިން ޙަބީބު (ތާރީޚުނެތް) ވިދާޅުވަނީ އިސްކަންދަރު ރަސްގެފާނުގެ މަންމާފުޅަކީ، މާފިލާފުށީ ކަނބާ ޢާއިޝާރަނި ކިލެގެފާނު ކަމުގައެވެ. މިއީ ދިވެހި ތާރީޚުދުއް ހަރުދަނާ އަންހެން ސާހިބުންގެ ތެރެއިން އަރާއިންނެވި ސާހިބެކެވެ.



ތުއްޕުޅު ޙަޔާތްޕުޅު

އިސްކަންދަރު ރަސްގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ ހިޖުރައިން 1030ގައި ކަމުގައި ޙަސަން އަޙްމަދު މަނިކު (1991) ހާމަކުރައްވައެވެ. މިރަދުންގެ ތުއްޕުޅު ދުވަސްވަރު ތަރުބިޔަތު ކުރައްވައި ހޭނުއްވީ އެރަދުންގެ ލޮބުވެތި މަންމާފުޅާއި ބައްޕާފުޅެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ (2006) ވިދާޅުވަނީ އިސްކަންދަރު ރަސްގެފާނުގެ ތުއްޕުޅުއިރުގެ ތަރުބިއްޔަތު ލިބިވަޑައި ގެންފައިވަނީ ރަސްކަމުގެ ވާރިޘަކަށް ލިބެންވާ ތަޢުލީމާއި ތަރުބިޔަތާއި ހެވިކަމާވެސް އެކުގައި ކަމުގައެވެ. މީގެއިތުރުން ދީނީ ތަޢުލީމު ހޯއްދެވީ، ފުނަދޫ އަލްޤާޟީ މުޙައްމަދުގެ އަރިހުން ކަމަށާއި ހެވިކަމުގެ ފަންނު ދަސްފުޅުކުރެއްވީ، އޭރުތިއްބެވި އެ ފަންނުގެ އެދުރުބޭކަލުންގެ އަރިހުން ކަމުގައި ނަސީމާ މުޙައްމަދު (2009) އާއި މުޙައްމަދު އިބްރާހީމް ލުޠުފީ (2006) ހާމަކުރައްވައެވެ. ގަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ މާފިލާފުށީ ކަނބާ ޢާއިޝާ ރަނިކިލެގެ ފާނުފަދަ ހަރުދަނާ މައެއްގެ ފުރިހަމަ ތަރުބިއްޔަތުގެ ކުލަ އިސްކަންދަރު ރަސްގެފާނުންގެ ކިބައިގައި ހުރިކަމެވެ. 


 
ސިފަފުޅުތައް

އިސްކަންދަރު ރަސްގެފާނަކީ، ގައިކޮޅުގެ ކުލަ ދޮން، އިސްކޮޅުފުޅު ދިގު، ރީތިކަމާއި، ޢިއްޒަތްތެރިކަމާއި، ހިތްވަރުގަދަކަމުގެ އިތުރުން ކޯފާމަޑު، ކަންކަމުގެ ދެކޮޅު ހޯއްދަވާބެއްލެވި، ނުކިޔަމަން ތެރީންނަށް އަދަބު ދެއްވުމާމެދު އަވަސްވެ ވަޑައިގަތުމުން ދުރުހެލިވެ ވަޑައިގެން ހުންނެވި ބޭފުޅެއްކަމުގައި ނަސީމާ މުޙައްމަދު (2009) އާއި މުޙައްމަދު އަމީން (1949) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) އެއްބަސްވެވަޑައި ގަންނަވައެވެ. އަދިވެސް މުޙައްމަދު އަމީން (1949) ވިދާޅުވާ ގޮތުގައި އިސްކަންދަރު ރަސްގެފާނަކީ މީހުންނަށް ކަނޑީގެ ހެވިކަމާއި، ބަޑީގެ ހެވިކަމާއި، ދުނިދަނޑި އެއްލުމާއި، އޮޅުލުން ދަސްކޮށްދެއްވި އެދުރެއްވެސްމެއެވެ. ޙަސަން އަޙްމަދު މަނިކު (1991) ސިފަކުރައްވާގޮތުގައި، އިސްކަންދަރު ރަސްގެފާނަކީ ތޫނުފިލި، ވިސްނުންފުޅު ތަނަވަސް، ހަނގުރާމައިގެ ވަގުތުގައި ހިތްވަރުފުޅުގަދަ، ކުޅަދާނަ ފަހުލަވާނެއް ކަމުގައެވެ. އުނގަންނައި ދިނުމަށާއި އުނގަންނައިދޭ މީހުންނަށް ކަމޭހިއްތަވައި، ނޭނގުން ނެތިކުރެއްވުމަށް އިންތިހާ ދަރަޖައަށް މަސައްކަތްކުރެއްވި ހަރުދަނާ އެދުރު ބޭކަލެއްވެސް މެއެވެ. މީގެއިތުރުން ދިވެހިންގެ އާކިޓެކްޗަރގެ ބައްޕަ ވެސްމެއެވެ. އޭނާ ވިދާޅުވާ ގޮތުގައި މިކަމަށް ހެކިލިބެނީ މާލޭގެ ހުކުރު މިސްކިތާއި މުންނާރުންނެވެ.


އަނބި އަނބި ކަނބަލުން

މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ވިދާޅުވާގޮތުގައި އިސްކަންދަރު ރަސްގެފާނުގެ ފުރަތަމަ އަނބިކަނބަލަކީ ސިރާޖުލް ޢާލަމް އަލްފަޤީހު ކަނބާ އާމިނާރަނިއެވެ. މިއީ ޢިލްމުވެރި ފަޤީހާއެކެވެ. ދެވަނަ އަނބިކަނބަލަކީ މާލިމީ ޙަސަންގެ މަރިޔަމް ކަނބާއެވެ. ނަމަވެސް އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވި ދިވެހިރާއްޖޭގެ ތާރީޚާއި، އޭގެފަހަށް އެކިއެކި ފަނޑިޔާރު ބޭކަލުން ޢަރަބިބަހުން ލިޔުއްވާފައިވާ ތަކެއްޗާއި އަދި އެކި ޒަމާނުގައި ދިވެހިބަހުން ލިޔެފައިހުރި ތާރީޚީ ތަކެއްޗަށް ބައްލަވައި، މުޙައްމަދު ޖަމާލުއްދީނު، ޙުސައިން ޞަލާޙުއްދީނު، މުޙައްމަދު އިބުރާހީމު، މޫސާ ޢަލީ، އަދި ބުޗާ މުޙައްމަދު އިބުރާހީމު (1981) އިސްކަންދަރު ރަސްގެފާނުގެ އަނބި ކަނބަލެއްކަމުގައި ލިޔުއްވާފައިވަނީ، ޅައިމަގު އާމިނާ ކަނބާފާނެވެ. އަދި މާލިމީ ޙުސައިންގެ ދި މަރިޔަމަކީ، ކަނބާ އާމިނާރަނި އަވަހާރަވުމާ ގުޅިގެން އިތުރު ބޭކަނބަލުންނާ ކައިވެނިފުޅު ބައްލަވައިގަތުން ހުއްޓަވާ ލެއްވުމަށްޓަކައި އެ ރަދުންގެ ޖާރިޔާއިންގެ ތެރެއިން ރޭކުރައްވަން ޚާއްޞަކުރެއްވި 8 ޖާރިޔާއިންގެ ތެރެއިން ރީތިކަމާއި ފުރިހަމަކަން އެންމެ ބޮޑު ޖާރިޔާއެވެ. މީނާގެ މަންމަޔަކީ ހިންދުކަރައިގެ އަންހެނެއްކަމުގައި ބުނެވެއެވެ. މިއީ ދިވެހިތާރީޚުގައި މަޝްހޫރު "އެނދި މަރިޔަމް" އެވެ.



ބޭފުޅުން

ޙަސަން އަޙްމަދު މަނިކު، (1991) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ވިދާޅުވަގޮތުން އިސްކަންދަރު ރަސްގެފާނަށް ލިބިވަޑައިގަތީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ މާލިމީ ޙުސައިންގެ މަރިޔަމް ކަނބާ (އެނދި މަރިޔަމް) އަށް ލިބިވަޑައިގެންނެވި ކުޑަ މުޙައްމަދު ނުވަތަ އައްސުލްޠާނު ކުޑަ މުޙައްމަދު ސިރީމަނިރަންލޯކަ މަހާރަދުންނެވެ. އެހެނަސް މުޙައްމަދު އިބްރާހީމް ލުޠުފީ (2006) ވިދާޅުވާގޮތުގައި އިސްކަންދަރު ރަސްގެފާނަށް ދެބޭފުޅުން ލިބިވަޑައިގަތެވެ. ފުރަތަމަ ލިބިވަޑައިގަތީ އަންހެން ބޭފުޅެކެވެ. އެއީ އަލްފަޤީޙާ ކަނބާއާމިނާ ރަނިކިލެގެފާނަށް ލިބިވަޑައިގެންނެވި މަރިޔަމް ކިޔާ ބޭފުޅެވެ. މިކަމަނާ ތުއްޕުޅުއިރު އަވަހާރަވީއެވެ. އޭގެފަހުން ޖާރިޔާ އަނބި ކަނބަލެއްކަމަށްވާ (އެނދި މަރިޔަމް) އަށް ލިބިވަޑައިގެންނެވި ކުޑަ މުޙައްމަދު ރަސްގެފާނެވެ. ނަސީމާ މުޙައްމަދު (2009) ވެސް އަންހެން ބޭފުޅަކު ލިބިވަޑައި ގެންނެވި ކަމުގައި ލިއުއްވާފައިވެއެވެ. އެހެނަސް އެކަމަނާގެ ނަން ލިއުއްވަފައެއް ނުވެއެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ (2006) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ވިދާޅުވަގޮތުން ކުޑަމުޙައްމަދު ރަސްގެފާނު ލިބިވަޑައިގަތީ، ހިޖުރައިން  1091 ވަނަ އަހަރުގެ ރަޖަބުމަހުގެ 28 ވަނަދުވަހުގައި ކަމުގައެވެ. އެއީ، އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުން 33 ވަނައަހަރު، އުމުރުފުޅުން 52 އަހަރުފުޅުގައެވެ. އެހެނަސް ޙަސަން އަޙްމަދު މަނިކު (1991) ވިދާޅުވަނީ އެއީ ޢުމުރުފުޅުން 62 އަހަރު ފުޅުގައި 28 ރަޖަބު 1091 (15 އޯގަސްޓް 1680) ގައި ކަމުގައެވެ.



ލަޤަބުފުޅު

އައްސުލްޠާން އިބުރާހީމް އިސްކަންދަރު (1)ގެ ކޮލީ ނަންފުޅު ކަމުގައި މުޙައްމަދު އަމީން (1364) އާއި ނަސީމާ މުޙައްމަދު (2009) ވިދާޅުވަނީ ސިރީކުލަ ރަންބީމަ ކައްތިރި ބަވަނަ މަހާރަދުންކަމުގައެވެ. އެހެނަސް މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) އިސްކަންދަރު ރަސްގެފާނުގެ ކޮލީނަންފުޅު ކަމުގައި ހާމަކުރައްވަނީ ސިރީކުލަ ރަންބީމަ އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންނެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ވިދާޅުވަނީ ސިރީކުލަރަންމީބަ އިސްކަންދަރު ކައްތިރި ބޮވަނަ މަހާރަދުން ކަމުގައެވެ. އަދި މިރަދުންގެ ރަސްކަމުގައި ލިޔެވުނު ބައެއް ފަތްކޮޅުތަކުގައި "ސިރީކުލަރަންމީބަ އާދީއްތަ މަހާރަދުން" މިގޮތަށް ލިޔުއްވާފައި ވާކަމަށްވެސް މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ހާމަކުރައްވައެވެ. ދިވެހިރާއްޖޭގެ ރަސްކަލަކަށް އެންމެ ފުރަތަމަ "އިސްކަންދަރު" ކިޔުނީ މި ރަސްގެފާނަށް ކަމުގައި މުޙައްމަދު އަމީން (1949) ހާމަކުރައްވައެވެ. ވިކިޕީޑިޔާ ދަ ފްރީ އެންސައިކޮލޮ ޕީޑިޔާ (2009) ގައި އިސްކަންދަރު ރަސްގެފާނު ސިފަކުރައްވާފައިވަނީ "ކަނޑާއި އެއްގަމުގެ ރަސްގެފާނު، މަތިވެރި އިސްކަންދަރު" ގެނަމުންނެވެ. އިސްކަންދަރު ރަސްގެފާނުގެ ކޮލީ ނަންފުޅާއިމެދު ލިޔުންތެރީންގެ މެދުގައި ޚިލާފު ހުރިކަމުގައި ވިޔަސް، ކަށަވަރުވެ އެނގޭއެއްޗަކީ މި އެންމެ ބޭފުޅުންވެސް ލިއުއްވާފައި މިވަނީ އެއްބޭފުޅެއްގެ ވާހަކަކަމެވެ.
 




ރަސްކަންކުރެއްވި މުއްދަތު

އިސްކަންދަރު ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގަތީ، އެ ރަސްގެފާނުގެ ބައްޕާފުޅު މުޙައްމަދު ޢިމާދުއްދީނު އަވަހާރަވުމުން ހިޖުރައިން 1058 ވަނަ އަހަރުގެ ޝައްވާލުމަހުގެ 5 (13 އޮކްޓޯބަރ 1648) ވަނަ ދުވަހު ކަމަށާއި، އަވަހާރަވީ 1098 ވަނައަހަރުގެ ރަބީޢުލްއާޚިރު މަހުގެ 15 (18 ފެބުރުއަރީ 1687) ވީ ހުކުރުވިލޭރޭގައި ކަމުގައި މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އާއި ޙަސަން އަޙްމަދު މަނިކު (1991) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) އެއްބަސްވެ ވަޑައި ގަންނަވައެވެ. ނަސީމާ މުޙައްމަދު (2009) އާއި ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) އާއި މުޙައްމަދު ޖަމީލު (1989) އަދި މުޙައްމަދު އަމީން (1949) ގެ ލިޔުއްވުންތަކުން ރަސްކަމަށް އިސްވެވަޑައިގަތުމާއި އަވަހާރަވީ މަހެއް ދުވަހެއް އެނގޭކަށް ނެތެވެ. އެހެނަސް އަހަރު އެއްގޮތެވެ. އެހެން ކަމުން އިސްކަންދަރު ރަސްގެފާނު ރަސްކަން ކުރައްވާފައި ވަނީ 39 އަހަރާއި 6 މަހާ 10 ދުވަސްވަންދެވެ. ނަސީމާ މުޙައްމަދު (2009) އާއި މުޙައްމަދު ޖަމީލު (1989) އާއި ޙަސަން އަޙްމަދު މަނިކު (1991) ވެސް މިގޮތާ އެއްބަސްވެލައްވައެވެ. އެހެނަސް އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ މުއްދަތާއިމެދު  މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ވިދާޅުވަނީ ތަފާތު ގޮތަކަށެވެ. އެއީ 39 އަހަރާއި 5 މަހާ 10 ދުވަސްކަމުގައެވެ. ވީމާ މުޙައްމަދު އިބުރާހީމް ލުޔުފީގެ ލިޔުއްވުމުގައި އެއްމަސްދުވަހުގެ ތަފާތު އެބައުޅެއެވެ.

ހަމައެފަދައިން ރަސްކަމަށް އިސްވެވަޑައި ގެންނެވިއިރު ޢމުރު ފުޅާމެދުގައިވެސް ޚިލާފު އެބަހުއްޓެވެ. އެގޮތުން މިރަދުން ރަސްކަމަށް އިސްވެ ވަޑައިގެންނެވިއިރު ޢުމުރުފުޅަކީ 18 އަހަރު ކަމުގައި މުޙައްމަދު އަމީން (1949) އާއި މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ހާމަކުރައްވައެވެ. އެހެނަސް  ޙަސަން އަޙްމަދު މަނިކު (1991) އާއި ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) އަދި ޖަމާލުއްދީނާއި ބައިވެރިން (1981) ވިދާޅުވަނީ އޭރު އެރަދުންގެ ޢުމުރުފުޅަކީ 28 އަހަރު ކަމުގައެވެ.




ޚިދުމަތްތައް


އިސްކަންދަރު ރަސްގެފާނު ޤައުމަށް ކުރައްވާފައިވާ ޚިދުމަތްތައް ގިނަގުނައެވެ. ނަސީމާ މުޙައްމަދު (2009) ހާމަކުރައްވާ ގޮތުގައި އިސްކަންދަރުރަސްގެފާނުގެ ރަސްކަމުގެ 8 ވަނައަހަރު 28 ޝައުބާން 1066 (21 ޖޫން 1656) ގައި، ދަރުމަވަންތަ ރަސްގެފާނު ބިނާކުރައްވައި، މީލާދީން 1338 ވަނައަހަރު ޝިހާބުއްދީނު ރަދުން އައު ކުރައްވާފައިވާ ހުކުރުމިސްކިތް، ޝިހާބުއްދީނު ރަދުން އަޅުއްވާފައިވާ ބިންގަލުގެ މައްޗަށް އަލުން ހިރިގަލުން ފަރުމާކުރައްވަން ފެއްޓެވިއެވެ. މި މަސައްކަތް ނިމުނީ ރަސްކަމުގެ 10ވަނަ އަހަރު ހިޖުރައިން 1068 ވަނަ އަހަރު މުޙައްރަން މަހުގެ 10 (18 އޮކްޓޯބަރ 1657) ގައެވެ. މުޙައްމަދު އަމީން (1949) އާއި ޙަސަން އަޙްމަދު މަނިކު (1991) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) އަދި ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) މިގޮތާއި އެއްބަސްވެލައްވައެވެ. އިސްކަންދަރު ރަސްގެފާނު މާލޭ ހުކުރު މިސްކިތް މަރާމާތު ކުރެއްވީ ހިރިގަލުގައި ވަރަށްރީތި ކުރެހުންތައް އަޅުއްވައި ލަކުޑީގައި ލާފެން ކުރައްވައިގެންނެވެ. މިސްކިތުގައި ޢަރަބިބަހުން ލިޔެފައިވާ ހުރިހާ އެއްޗެއް ލިޔެނިމުނު ކަމަށްވަނީ 1068 ވަނައަހަރު މުޙައްރަމް 10 (18 އޮކްޓޯބަރ 1657) ގައި ކަމުގައި ނަސީމާ މުޙައްމަދު (2009) ހާމަކުރައްވައެވެ.


ހުކުރުމިސްކިތުގެ އިތުރުން މިރަދުންގެ ރަސްކަމުގެ ފަސްވަނަ އަހަރު ހިޖުރައިން 1063 (1653މ) ވަނައަހަރު ގަލޮޅު ބައު މިސްކިތް (ކުނޑިކޮއިމިސްކިތް) ބިނާކުރެއްވިއެވެ. އަދިހަމަ މިއަހަރު އައްޑުއަތޮޅު ގަމުގައި ހުރި މާމިސްކިތަށް ބޯގަ ދެއްވުމުގެ ގޮތުން މަޝްހޫރު ގަމު ފިލާފަތްކޮޅު ދެއްވި ކަމުގައި ނަސީމާ މުޙައްމަދު (2009) ހާމަކުރައްވައެވެ.

މީގެއިތުރުންވެސް ނަސީމާ މުޙައްމަދު (2009) ވިދާޅުވާގޮތުގައި ހިޖުރައިން 1078 (1668މ) ގައި އިސްކަންދަރު ރަސްގެފާނު ޙައްޖުން އެނބުރި ވަޑައިގަތުމަށްފަހު މާލޭހުކުރު މިސްކިތު އުތުރު ދޮރޯށި ބިނާކުރައްވައި އެތަނަށް ފިގުޙުވެރިއަކު ލައްވައި ޤުރުއާން ކިޔަވައިދިނުމާއި، ފަރުޟު ޢިލްމު އުގަންނަވައިދެއްވަން އޭނާއާއި ޙަވާލު ކުރެއްވިއެވެ. އަދި އޭނާއަށް ސަރުކާރުން އުޖޫރަ ދެއްވުމަށް ހަމަޖެއްސެވިއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ރަސްމީގޮތުން ތަޢުލީމު ދިނުމުގެ މަސައްކަތް ފެށްޓެވުމުގެ ޝަރަފު އަރުވަން ޖެހެނީވެސް މިރަދުންނަށެވެ.


ހަމައެއާއިއެކު ހިޖުރައިން 1085 ވަނަ އަހަރު، މާލޭގެ މުންނާރު ހައްދަވައި ނިންމެވި ކަމަށް ޙަސަން އަޙްމަދު މަނިކު (1991) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) އާއި ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) އަދި  މުޙައްމަދު އަމީން (1949) އެއްބަސްވެލައްވައެވެ. ނަސީމާ މުހައްމަދު (2009) ވިދާޅުވަނީ:

ހިޖުރައިން 1085 (1674މ) ވަނައަހަރު ހުކުރު މިސްކިތު ދެކުނު ދޮރާށި ބިނާކުރެއްވުމަށްފަހު މުންނާރު ބިނާކުރައްވައި މުންނާރަށް ފަސްވަގުތު ނަމާދަށް ގޮވާނެ މީހަކު ލައްވާ އޭނާއަށްވެސް އުޖޫރަ ދެއްވިކަމުގައެވެ. މިއީ އޭރު ޢަރަބިކަރައިގައި ހުންނަ މުންނާރުތަކާ އެއްގޮތަށް ބިނާކުރެއްވި މުންނާރެއް ކަމަށްވެއެވެ.

އަދިވެސް ނަސީމާ މުޙައްމަދު (2009) ވިދާޅުވާގޮތުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަށްލާރި ޖެއްސެވި ކަމަށްވަނީ ވެސް އިސްކަންދަރު ރަސްގެފާނެވެ. އެއީ ހިޖުރައިން 1070 ވަނައަހަރުއެވެ. އޭގެ ފަހުންވެސް ވަށްލާރި ޖެއްސެވިކަމަށްވެއެވެ. މިރަދުންގެ ދުވަސްވަރަކީ، ދިވެހިން ވަރަށް އުފަލާއި ތަނަވަސްކަމުގައި އުޅުނު ދުވަސްވަރެކެވެ. ރާއްޖޭގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިޔަށްދިޔަ ދުވަސްވަރެއް ވެސް މެއެވެ. ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ހާމަކުރައްވަނީ އިސްކަންދަރު ރަސްގެފާނުގެ ދައުރުގައި ރާއްޖެއިންބޭރުގެ ވިޔަފާރި ވެރިންނާއެކު ދިވެހިންނަށް ވިޔަފާރިކުރުމުގެ މިނިވަންކަން ވަރަށްފުރިހަމައަށް ދެއްވާފައި ވާކަމުގައެވެ. އެގޮތުން ވިޔަފާރީގެ އެއްވެސް ކަމެއްގެ ތެރެއަށް ރަސްކަމުގެ ފަރާތުން ނުވެންނެވުމާއި، ވިޔަފާރިއަށް ގެނެވޭ އެއްޗަކުން ސަރުކާރުގެ ޚަޒާނާއަށް އެއްވެސް އެއްޗެއް ނުނެންގެވުންވެސް ހިމެނެއެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު، ދައުލަތް ހިންގެވުމުގައި މަޝްވަރާކުރައްވާނެ މަޖިލީހެއްވެސް  އުފެއްދެވި ކަމުގައި މުޙައްމަދު އިބުރާހީމް ލުތުފީ (2006) އާއި ނަސީމާ މުޙައްމަދު (2009) އާއި ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) އާއި މުޙައްމަދު އަމީން (1949) އަދި  މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ހާމަކުރައްވައެވެ. އެގޮތުން އެރަސްކަމުގައި ފުރަތަމަފަހަރަށް ޕޯޗުގީޒުން ހަނގުރާމައަށް ރާއްޖެ އަންނަ ޚަބަރު އިވިވަޑައިގަތުމާއެކު، ހަނގުރާމައަށް ތައްޔާރުވުމުމުގެ ކުރިން، ރަސްގެފާނުގެ އެއްބަނޑު ތިންބޭފުޅުންނާއި، ދައުލަތުގެ އަމީރުންނާއި، ވަޒީރުން އެއްކުރައްވައި ހަނގުރާމައާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމުގައިވެއެވެ.  ދިވެހިރާއްޖޭގެ އާދަކާދައާއި ރަސްމީ އާދަކާދަ އިޞްލާޙް ކުރެއްވުމަކީވެސް އެ ރަސްގެފާނުގެ ޚިދްމަތްތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައި މުޙައްމަދު އިބުރާހީމް ލުތުފީ (2006) ހާމަކުރައްވައެވެ. އެހެންކަމުން މުޙައްމަދު އަމީން (1949) ސިފަކުރައްވަނީ އިސްކަންދަރު ރަސްގެފާނަކީ ދިވެހި އާދަކާދައިގެ ބައްޕަކަމުގައެވެ.



ހިނގި ހަނގުރާމަތައް

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ޕޯޗުގީޒުންގެ ލަޝްކަރުގެ އިސްވެރިންގެ ގޮތުގައި 9 ވަނަ ޙަސަން ރަސްގެފާނަށް ކާފަކިޔާ ދޮންލަވީޒާއި ދޮންމާލަވީޒު އިސްކޮށް ތިބެގެން ދިވެހިންނާ ހަނގުރާމަކުރުމަށް އައެވެ. މިލަޝްކަރު ރާއްޖެއަށް ހަނގުރާމަޔަށް އައި އަހަރާމެދު ލިޔުންތެރިންގެ ޚިޔާލުވެސް ތަފާތެވެ. ނަސީމާ މުޙައްމަދު (2009) ވިދާޅުވަނީ އެއީ ރަސްކަމުގެ ދެވަނަމަހު މީލާދީން 1649 ގައި ކަމުގައެވެ. މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ވިދާޅުވަނި އެއީ ރަސްކަމުގެ ދެވަނަ މަހުގެ ތެރޭގައި ހިޖުރައިން 1059 ވަނަ އަހަރުގައި ކަމުގައެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ (2006) އާއި މުޙައްމަދު އަމީން (1949) ވިދާޅުވަނީ އެއީ ރަސްކަމުގެ 2 ވަނަ އަހަރު، ހިޖުރައިން 1059 ވަނަ އަހަރުގައި ކަމުގައެވެ. ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) ވިދާޅުވަނީ އެއީ ރަސްކަން ކުރައްވާތާ ދެވަނަ އަހަރުވީތަނާ ކަމުގައެވެ. ކޮންމެއަކަސް މިހަނގުރާމައިގައި ދޮންމާލަވީޒް މަރުވެ، ދިވެހިންނަށް ކާމިޔާބުލިބި، ޕޯޗުގީޒުންގެ މީހުން އަނބުރާ ގޯވާއަށް ދާންޖެހުނު ކަމަށާއި، ދިވެހިރާއްޖެއިން ގޯވާއަށް ދީއުޅުނު ޖިޒީއާއި ކަންނަންނޫރު ޢަލީ ރާޖާއަށް ދީއުޅުނު ޖިޒީ އިސްކަންދަރު ރަސްގެފާނު ކަނޑުއްވާލެއްވި ކަމުގައިވެސް ނަސީމާ މުޙައްމަދު (2009) އާއި މުޙައްމަދު އަމީން (1949) އާއި މުޙައްމަދު އިބުރާހީމް ލުތުފީ (2006) ހާމަކުރައްވައެވެ.

ކަންނަންނޫރު ޢަލީ ރާޖާއަށް ރާއްޖެއިން ދެމުންދިޔަ ޖިޒީ ކަނޑުއްވައިލެއްވުމުން، ރުޅިއައިސްގެން، މަލާބާރީން ހަނގުރާމައިގެ ލަޝްކަރެއް ފޮނުއްވިއެވެ. މި ލަޝްކަރާ ބައްދަލުކުރި ދިވެހި ލަޝްރަކުގެ ވެރިއަކަށް ހުންނެވީ އިސްކަންދަރު ރަސްގެފާނެވެ. މި ހަނގުރާމައިންވެސް ނަޞްރު ލިބުނީ ދިވެހިންނަށް ކަމުގައި ނަސީމާ މުޙައްމަދު (2009) އާއި މުޙައްމަދު އަމީން (1949) އާއި މުޙައްމަދު އިބުރާހީމް ލުތުފީ (2006) ހާމަކުރައްވައެވެ.


ދުވަސްކޮޅަކަށްފަހު އަނެއްކާވެސް ޢަލީ ރާޖާ ހަނގުރާމައިގެ ގުރާބުތަކެއް ފޮނުވިއެވެ. މިފަހަރު ޚުދު ރަދުން އިސްވެހުންނަވައިގެން އެމީހުންނާ ހަނގުރާމަ ކުރައްވާ ބަލިކުރެއްވިއެވެ. މިފަހަރުއެމީހުން ފިލައިގެންދަމުންދިޔައީ ދިޔައީ ރ. ކުޑަފުށީ ހުކުރު މިސްކިތް އަންދާލާފައި ކަމުގައި މުޙައްމަދު އިބުރާހީމް ލުތުފީ (2006) އާއި ނަސީމާ މުޙައްމަދު (2009) އާއި ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) އާއި މުޙައްމަދު އަމީން (1949) އަދި  މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ހާމަކުރައްވައެވެ. މިއަށްފަހުވެސް ދުވަސްދުވަސްކޮޅުން މަލާބާރީން ރާއްޖެއައިސް ދިވެހިންނަށް އުނދަގޫކޮށް ރާއްޖޭގެ ރަށްރަށަށް އަރައި އެރަށްތަކުންނާއި، ކަނޑުމަތީންވެސް އުޅަނދުފަހަރަށް އަރައި ފޭރިހަދަމުން ދިޔަކަމަށްވެއެވެ.

އެންމެފަހުން ޢަލީރާޖާގެ އުނދަގޫ ބޮޑުވެގެން އޭނާއަށް ފިލާވަޅެއް ދަސްކޮށް ދެއްވުމަށް ދިވެހިންގެ ލަޝްކަރެއް އަންދުރޯތު (ލަކްޝަދީބު)ގެ ރަށްތަކަށް ފޮނުއްވިއެވެ. މިހަނގުރާމައިގައި އެމީހުން ރާއްޖެއައިސް ކަންތައް ކުރާހެން ކަންތައްކޮށް އެތާނގެ ލަޝްކަރު ބަލިކުރައްވައި، އެތާނގެ ވެރިން ހައްޔަރުކުރައްވައިގެން މާލެ ގެންނެވިއެވެ. އެތައްދުވަހަކު އެމީހުން މާލޭގައި ބޭތިއްބުމަށްފަހު މިނިވަންކުރައްވައި ދޫކޮށްލެއްވީ އަހަރަކު 12 ލާރީގެ ވާރެއް ދޭންޖެހޭނެކަމަށް އެމީހުން ލައްވާ އެއްބަސްކުރުވާފައެވެ. އޭގެފަހުން ޢަލީރާޖާގެ އުނދަގޫ އިސްކަންދަރު ރަސްގެފާނަށް ލިބިވަޑައި ނުގަންނަވާކަމުގައި މުޙައްމަދު އިބުރާހީމް ލުތުފީ (2006) އާއި ނަސީމާ މުޙައްމަދު (2009) އާއި ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) އާއި މުޙައްމަދު އަމީން (1949) އަދި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ހާމަކުރައްވައެވެ.



އެހެނިހެން ކަންތައްތައް

ހިޖުރައިން 1078 ވަނަ އަހަރާއި 1093 ވަނަ އަހަރު، އިސްކަންދަރު ރަސްގެފާނު ޙައްޖަށް ވަޑައިގެންނެވިކަމަށް މުޙައްމަދު އަމީން (1949) އާއި ޙަސަން އަޙްމަދު މަނިކު (1991) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ހާމަކުރައްވައެވެ. އެހެނަސް މުޙައްމަދު އިބްރާހީމް ލުޠުފީ (2006) ލިޔުއްވަނީ ޙައްޖަށް ވަޑައިގަތީ އެއްފަހަރު ކަމަށާއި، އަނެއްފަހަރު ވަޑައިގަތީ ޢުމުރާއަށް ކަމުގައެވެ. ނަސީމާ މުޙައްމަދު (2009) ވިދާޅުވާގޮތުގައި ހިޖުރައިން 1078 (1668މ) ގައި އިސްކަންދަރު ރަސްގެފާނު ޙައްޖަށް ވަޑައިގެންނެވިއެވެ.


އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ފަހުކޮޅުގައި ހިޖުރައިން 1097 ވަނައަހަރު މިޞްރުގެ ޖާމިޢުލްއަޒްހަރުން ޢިމްލު އުނގެނިވަޑައިގެން ހުންނެވި، ދުނިޔެއަށް މަޝްހޫރު ދަންނަ ބޭކަލެއްކަމުގައިވާ، ސައްޔިދު މުޙައްމަދު ޝަމްސުއްދީނު ބުން ޢަބްދުލްޤާދިރު މާލެ ވަޑައިގަތް ކަމުގައި ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ހާމަކުރައްވައެވެ. މިކަލޭގެ ފާނަށް ވަރަށް މާތްކޮށްހިތްތަވާ ޢިތްޒަތް ދެއްވުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ދީން ފެތުރުއްވުމަށް ބެހެއްޓެވިކަމަށާއި، ނަމަވެސް އެކަލޭގެފާނު ދީން ފެތުރުއްވުމުގައި ގެންގުޅުއްވި ގޮތްތަކު ސަބަބުން ރަސްގެފާނާއި ރައްޔިތުންނަށް އެކަމަށް ނުކުޅެދުމުން ސައްޔިދު ކަލޭގެފާނާއި ރަދުންނާ ދެމެދު ޚިޔާލުތަފާތުވެ ހިތްހަމަނުޖެހުން އުފެދުނީކަމުގައިވެއެވެ. މިފަދަ ކަންތައްތަކުގެ ތެރޭގައި ފިރިހެނުންގެ ތުނބުޅިދިގު ކުރުމާއި އެމީހުންގެ އުނަނގަޑުގައިވާ ފައްޓަރުތައް ބޭލުމާއި، އަންހެނުން މޫނާއި، ދެއަތްތިލަ ނޫންހައިތަނެއް ނިވާކޮށް މޫނުބުރުގާ އަޅައިގެން ނޫނީ ގޯތި ގެދޮރުން ނުނިކުތުމަށް އަމުރުކުރުން ހިމެނޭކަމުގައި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ހާމަކުރައްވައެވެ. މިކަންކަމަކީ އޭރުގެ ދިވެހިންނަށް ކެއްކުރެވޭވަރުގެ ކަންތައްތަކެއް ނޫނެވެ.



އަވަހާރަވުން

ކުރިންވެސް ބަޔާން ކުރެވިފައިވާނޭފަދައިން އިސްކަންދަރު ރަސްގެފާނު އަވަހާރަވީ ހިޖުރައިން 1098 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 15 (28 ފެބުރުއަރީ 1687މ) ވީ ހުކުރު ވިލޭރޭގައެވެ. މިރަދުން އަވަހާރަވީ އެރަސްގެފާނުގެ ދަރިކަލުން ކުދަމުޙައްމަދު ރަސްގެފާނުގެ މަންމާފުޅު، ކަނބާ މަރިޔަމް (އެނދި މަރިމް) އެރުވި ވިހައެއްގެ ނަތީޖާއެއްގެ ގޮތުންކަމުގައި މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އާއި ޙަބީބާ ޙުސައިން ޙަބީބު (އަހަރުނެތް) އާއި މުޙައްމަދު އަމީން (1949) އަދި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ހާމަކުރައްވައެވެ.

އެރަދުން ފަސްދާނުވެޑުވިފައިވަނީ މާލޭ ހުކުރުމިސްކިތު ގޯތިތެރޭގައި ތައްޔާރު ކުރައްވާފައިވާ ބިނާއެއްގައި ކަމަށް ނަސީމާ މުޙައްމަދު (2009) އާއި މުޙައްމަދު ޖަމާލުއް ދީނާއި ބައިވެރިން (1981) ހާމަކުރައްވައެވެ. މާލޭހުކުރު މިސްކިތު ދެކުނު ފަރާތުގައި ހުކުރު މިސްކިތާ އެންމެ ކައިރިޔަށް ހުންނަނީ އިސްކަންދަރު ރަސްގެފާނުގެ ޒިޔާރަތްކަމުގައި ދިވެހި ބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1984) ން ހާމަކުރައްވައެވެ. ކޮންމެއަކަސް އިސްކަންދަރު ރަސްގެފާނަކީ ގިނަގުނަ ޚިދުމަތްތަކެއް ރާއްޖެއަށް ކޮށްދެއްވި، މަދުންނޫނީ ނުފެންނަފަދަ ހަރުދަނާ ދިވެހިދަރިއެކެވެ. މިފަދަ ކުރުލިއުމެއްގައި ގެނެވޭވަރަށްވުރެ އަގުބޮޑު އެތައް ޚިދުމަތްތަކެއް ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ބަޠަލެކެވެ.
 
ދަންނަވަމެ ޝުކުރާ ޘަނާ މަތިވެރި ރަދުން އިސްކަންދަރަށް
ފައްފަށުން ކުރަމޭ ދުޢާ ރަޙުމަތް އަދައިގެން ހެޔޮހިތުން.

އިދާރާ

ވާހަކަ