www.fanvai.info

Print

ޙިމާޔަތުގެ އެގްރިމެންޓް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް

އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ކުރެވުނު



ޙިމާޔަތުގެ އެގްރިމެންޓް

ނަސީމާ މުޙަންމަދު (2005)

ދިވެހިން ޤަބޫލުކުރި އެންމެފުރަތަ މުޢާހަދާ ކަމުގައި ބޭރުގެ މުއައްރިޚުން ދެކެނީ 1573 ވަނަ އަހަރު އައްސުލްޠާނުލް މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ޕޯޗްގީޒުން ބަލިކުރެއްވުމަށްފަހު ގޯވާގައި ހުންނެވި ނުވަވަނަ ރަސްގެފާނަށް ކޮންމެ އަހަރަކު ފޮނުއްވުމަށް އެއްބަސްވި ތަކެއްޗާބެހޭ އެއްބަސްވުމެވެ. އެއިރުން ފެށިގެން އައިސް މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި މިތަކެތި އިސްކަންދަރު ރަސްގެފާނު ކަނޑުއްވާލައްވަންދެން މިކަން ހިނގިއެވެ. އަވަށްޓެރި ސިލޯނުން ޕޯޗްގީޒުން ފޭބީ 1658 ވަަނަ އަހަރުއެވެ.

ނަމަވެސް 1645 ވަނަ އަހަރު އައިއިރު ސިލޯނުގެ ކަނޑުގެ އައްސޭރީގައިވާ ރަށްތައްވަނީ ޑަޗް މީހުންގެ ދަށުގައެވެ. މިހެންވުމާއެކު އެއިރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުން އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން އެއްވަނަ އިސްކަންދަރު ރަސްގެފާނުގެ ބައްޕާފުޅު ސިލޯނުގައި ހުންނެވި ޑަަޗް ގަވަރުނަރަށް 1645 ވަނަ އަހަރު ވެދުން ފޮނުއްވާފައި ދިވެހިރާއްޖެއާއި ސިލޯނުގައި އޮތް ޑަޗް ވެރިކަމާދެމެދުގައި ގުޅުން އުފެއްދެވިއެވެ. މުޢާހަދާއެއްގައި ސޮޔެއްނުކުރައްވައެވެ. ނަމަވެސް މީގެފަހުން ދިވެހިރާއްޖެއިން ސިލޯނުގެ ޑަޗް ގަވަރުނަރުންނަށް ވެދުން ފޮނުއްވަމުން ގެންދެވިއެވެ. ޖަވާބުގައި ޑަޗް ގަވަރުނަރުންވެސް ހަމައެފަދައިން ވެދުން ފޮނުއްވިއެވެ. އަދި މިވެދުމާއެކު ދެފަރާތުންވެސް ރަޙްމަތްތެރިކަމާ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކޮށްފައިވާ ފަތްކޮޅުތައް ފޮނުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ ރަސްރަސްކަލުން ފޮނުއްވާފައިވާ ސިޓީފުޅުގައި ރާއްޖެ ޙިމާޔަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. މީލާދީން  1645 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން ކޮންމެ އަހަރަކު ސިލޯނުގައި އޮތް ޑަޗް ސަރުކާރަށް ވެދުން ފޮނުއްވަމުން ގެންދިޔައެވެ. އިނގިރޭސިން ސިލޯނުގެ ވެރިކަން އަތުލުމުން މިވެދުން ނުވަތަ ޖިޒީ ދިވެހި ސަރުކާރުން އިނގިރޭސީންނަށް ފޮނުއްވަމުން ގެންދިޔައެވެ.
     
އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުން 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާނު މުޙަންމަދު މުޢީނުއްދީން (ދެވަނަ) އާއި އިނގިރޭސީންގެ ޢިއްޒަތްތެރި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް ގޯޑްން އާއި ދެމެދު ބަދަލުކުރެވުނު ސިޓީންނެވެ. އާދެ މިއީ ސޮއިކުރައްވާ ބޭފުޅުން އެއްމޭޒެއްގެ ދޮށުގައި ތިއްބަވައިގެން ސޮއިކުރެއްވި ލިޔުންތަކެއް ނޫނެވެ. ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް ގޯޑްން ދިވެހިރާއްޖޭގެ ރަދުން ސޮއިކުރެއްވުމަށް ތައްޔާރުކުރައްވާފައިވާ ސިޓީއެއްގައި ރަދުން ސޮއިކުރައްވާފައި ފޮނުއްވުމުން އިނގިރޭސި ގަވަރުނަރު އޭގެ ޖަވާބު ރައްދުކުރެއްވުމުންނެވެ. ރަދުން ފޮނުއްވި ސިޓީފުޅުގައި އެރަސްގެފާނާއި އަދި އޭގެފަހުން ވަޑައިގަންނަވާ ދިވެހި ރަސްރަސްކަލުން ދިވެހި ސަރުކާރަކީ އިނގިރޭސި ވިލާތުގެ ތަޚުތުގައި އިންނެވި ބޭފުޅެއްގެ ދަށުން ހިނގާ ސިލޯނު ސަރުކާރުގެ އެހީގެ ދަށުގައިވާ ތަނެއްކަން  ޤަބޫލުކުރައްވަން އެއްބަސްވެ ވަޑައިގެންނެވިއެވެ. ދިވެހިރާއްޖެއާއި ބޭރުރަށްރަށާ ދެމެދުގެ ގުޅުންތައް އުފައްދައި ހިންގަވާނީ ސިލޯނުގައި ހުންނެވި އިނގިރޭސި ދައުލަތުގެ ވެރިއެއް މެދުވެރި ކުރައްވައިގެން ކަމަށްވެސް މިސިޓީގައި ވިދާޅުވެފައިވެއެެވެ. އިނގިރޭސި ގަވަރުނަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މުޙަންމަދު މުޢީނުއްދީން ދެވަނަ އެދިވަޑައިގަންނަވާ ފަދައިން އެމަނިކުފާނަކީ  ދިވެހިރާއްޖޭގެ ރަސްގެފާނު ކަމުގައި އިނގިރޭސި ގަވަރުނަރު ޤަބޫލުކުރައްވާ ކަމަށެވެ. އަދި ދިވެހިރާއޖޭގެ ޤާނޫނާއި އާދަކާދައިގެ މަތިން އޭގެފަހުން ރަސްކަމަށް އިސްވެވަޑައިގަންނަވާ އެހެން ރަސްރަސްކަލުންވެސް މިފަދައިން ޤަބޫލުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
     
އިނގިރޭސިވިލާތުގެ ރާނީ ކްއީން ވިކްޓޯރިއާގެ ނަންފުޅުގައި ބޭރުގެ ހުރިހާ ދުޝްމިނުންގެ ކިބައިން ދިވެހިރާއްޖެ ރައްކާތެރިކުރައްވައި ޙިމާޔަތްކުރައްވާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކުގައި އިނގިރޭސި ސަރުކާރުން ބެހިވަޑައިނުގަތުމަށާއި  އަދި އެހެން ފަރާތްތަކުންވެސް މިފަދަ ކަންތައްތަކުގައި ބެހުނަ ނުދެއްވުމަށް ގަވަރުނަރު ގޯޑްން އިނގިރޭސި ދައުލަތުގެ ފަރާތުން އެއްބަސްވެ ވަޑައިގެންފައިވެއެވެ. އެދުވަސްވަރަކީ އިންޑިޔާ ކަނޑުގައި ޔޫރަޕްގެ އެހެނިހެން ޤައުމުތަކުންވެސް އިސްތިޢުމާރީ ޙަރަކާތްތައް ހިންގި ދުވަސްވަރެކެވެ. އެހެންކަމާއެކު ދިވެހިރާއްޖެއާ އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމަކީ ލިޔުމަކުން ފެންނަން އޮންނަ ގުޅުމެއް ކަމަށް ހަދަން އިނގިރޭސިން ބޭނުންވިއެވެ. އިނގިރޭސިންގެ ވެރިކަން އިންޑިޔާއާއި ސިލޯނުގައި ފުރިހަމަޔަށް ހިނގަމުންދިޔަ ދުވަސްވަރެއްގައި ދިވެހިރާއްޖެއާއި ބޭރުގެ އެހެން ފަރާތްތަކާ ގުޅުންތަކެއް ހިންގުމަކީ އިނގިރޭސިންގެ ހިތްހަމަޖެހޭ ކަމަކަށް ނުވެއެވެ. މިއީ އެކަންތައް އޮންނާނޭވެސް ގޮތެވެ.
     
މިއާއެކީގައި އިނގިރޭސިން ބޭނުންވެފައިވަނީ  ދިވެހިރާއްޖެއަށް އެކިއެކި ކަންކަމުގައި އެހީވެދޭންޖެހޭ އަދި އެހީވެދެވޭނެ މިންވަރެއްވެސް އެނގިފައިއޮތުމެވެ. އެހެންކަމާއެކު ލިޔެފައި އޮތް އެއްބަސްވުމެއް އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި އިނގިރޭސިންނަށް ފެނުނެވެ. ކަންތައްތައް މިހެން ހުރުމާއެކު ދިވެހިރާއްޖެ އިނގިރޭސިންގެ ޕްރޮޓެކްޓަރޭޓަކަށް ހެދުމުގެ ޚިޔާލު ތަންކޮޅެއް ކުރީއްސުރެ އެމީހުން ގެންގުޅެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަން މިގޮތަށްވެފައި އޮތްކަން އެނގޭ ހެއްކަކީ ސިލޯނުގައި ހުންނެވި ގަވަރުނަރ ސަރ އޭ.އެޗް ގޯޑްންއަށް 20 ޖޫން 1887 ގައި އޭރުގެ އިނގިރޭސި ކޮލޯނިއަލް ސެކްރެޓަރީ ސަރ އެޗް.ޓީ ހޮލަންޑް ފޮނުއްވި ސިޓީއެއްގައި އެކުލަވާލައްވާފައިވާ ޚިޔާލުތަކަކުންނެވެ. އެސިޓީފުޅުގައި އިނގިރޭސި ސަރުކާރުގެ ޕްރޮރެކްޓަރޭޓު ތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަށްޓަކައި ކުރަން ބޭނުން ކަންތައްތަކަށް މަޝްވަރާ ދެއްވާފައިވާ އެކަންތައްތައް ކުރިޔަށް ގެންދެވުމަށް ހުއްދަދެއްވާފައިވެއެވެ. އެގޮތުން ވިދާޅުވެފައިވާ ކަންތައްތަކަކީ:

1.    ދިވެހި ސަރުކާރަކީ ސިލޯނު ސަރުކާރުގެ އެހީގެ ދަށުގައިވާ ތަނެއްކަމުގައި  ރަސްމީ ލިޔުންއަތުލުން.

2.    ރާއްޖޭގައި އިސްކުރެވޭ ކޮންމެ އާ ރަސްކަލަކީ އެރަސްކަލެއް ތަޚުތައް އިސްވެވަޑައިގަތުން ސިލޯނުގެ ގަވަރުނަރ ޤަބޫލުކުރެއްވުމުން ފުރިހަމަވާ ގޮތަށް އޮންނަ ކަމެއްކަމަށް ދިވެހީން ރާވާނެ ކަމުގެ ޔަޤީންކަން ހޯދުން.

3.    އިނގިރޭސި ނޫން އެއްވެސް ޤައުމަކާ ގުޅުމެއް ނުހިންގޭނެކަން ދިވެހިން ޤަބޫލުކުރާކަން ހޯދުން.
 
     
އާދެ! މިކަންކަމާމެދު ދިވެހިރާއްޖޭގެ ރަސްގެފާނު އެއްބަސްވެވަޑައިގަންނަވާ ކަމުގެ ލިޔުމެއް އަތުލުމުގެ ހުއްދަ ކޮލޯނިއަލް ސެކްރެޓަރީ ގަވަރުނަރަށް ދެއްވިއެވެ. އިނގިރޭސިން ކަންބޮޑުވާން ދިމާވި އެއްސަބަބަކީ އެދުވަސްވަރު ދިވެހިރާއްޖޭގެ މަޝްހޫރު "ބޮޑުހުޅު" ގެ ހަމަނުޖެހުންތައް ހިނގައި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންތަކެއް ބަދަލުވެ ދިވެހިރާއްޖޭގައި ތިބި އިނގިރޭސި ރައްޔިތުން ކަމަށްވާ ވޯރާ ވިޔަފާރިވެރިންގެ މައްސަލަތައް ގިނަވުމެވެ.  އެމީހުންނަށް ހީވެފައިއޮތީ ދިވެހިރާއްޖޭގެ ދާޚިލިއްޔަތާ ބެހޭ ހިސާބަށްވެސް ކަންތައްތައް ގެންދަން ޖެހިދާނެކަމަށެވެ. ކަންތައް މިހެންއޮތްއިރު އިނގިރޭސި ސަރުކާރަށާއި ދިވެހިސަރުކާރާ ދެމެދު އެގްރިމެންޓެއް ނެތުމަކީ އެމީހުންގެ ހިތްހަމަނުޖެހުން އިތުރުވި ސަބަބެކެވެ.
     
މިހުރިހާ ސަބަބުތަކަށްޓަކައި މުޢާހަދާއެއްކުރުމަކީ މުހިންމުކަމެއް ކަމަށް އެމީހުންނަށް ފެނުނެވެ. އެހެންކަމާއެކު ރަދުންގެ އަރިހުގައި އިނގިރޭސި ދައުލަތުގެ ހިމާޔަތުގެ ދަށުގައިވާ ސިލޯނު ސަރުކާރުގެ ހުށަހެޅުން ޤަބޫލުފުޅު ކުރެއްވުމުގެ ވާހަކަ ދަންނަވައި މަޝްވަރާކުރުމަށް ރެއަރ އެޑްމިރަލް ރިޗަރޑްސް ކިޔާ ބޭކަލަކު މާލެއަށް ފޮނުއްވިއެވެ. އޭނާ ދުރުވިއިރު މިއެއްބަސްވުމަށްޓަކައި ރަދުން ސޮއިކުރައްވަންވީ ސިޓީގެ ދެލިކޮޕީއެއް ގެންނެވިއެވެ. ނަމަވެސް މިސިޓީއަކީ ރަދުންނާއި ސަރުކާރުގައި ތިއްބެވި އިސްބޭފުޅުން ހިތްޕުޅުހަމަޖެހުނު ސިޓީއެއްނޫނެވެ.  
     
ސިޓީ ލިޔުއްވަންވީ ކޮންބަހަކުން ކަމާމެދު ވާހަކަތަކެއް ދެކެވުމަށްފަހު ރަދުން ފޮނުއްވީ އިނގިރޭސިބަހުން ލިޔުއްވާފައި އޮތް ސިޓީފުޅެކެވެ. އިނގިރޭސިބަހުން އޮތް ސިޓީފުޅަކީ ފަހުން ދިވެހިން ޤަބޫލުނުކޮށްފާނެ އެއްޗެއްކަމަށް ވެދާނެތީ ރަދުން ފޮނުއްވި މިސިޓީފުޅު ޢަރަބިބަހަށް ތަރުޖަމާ ކުރައްވާފައި ސިލޯނުގެ ގަވަރުނަރު ފަހުން ރަދުންނަށް ފޮނުއްވިއެވެ. އޭގެކުރިން އިނގިރޭސި ސަރުކާރާ ދިވެހިސަރުކާރާއި ދެމެދުގައި ހިނގައިފައިވާ ހުރިހާ ލިޔުންތައް ހުރީ ޢަރަބިބަހުން ކަމަށްވާތީ މިސިޓީފުޅުވެސް ޢަރަބިބަހަށް ތަރުޖަމާކުރެއްވީ ކަމަށް ގަވަރުނަރ ވިދާޅުވެފައިވެއެވެ.
    
އާދެ! ކުރިންވެސް ދެންނެވި ފަދައިން އިނގިރޭސިންނާއި ދިވެހީންނާއި ދެމެދުގައި މުޢާހަދާއެއްގައި ސޮއިކުރުމަކީ ރަދުންގެ އަރިހުގައި ތިއްބެވި ބައެއް އިސްބޭފުޅުން ހިތްޕުޅުހަމަޖެހުނު ކަމަކަށެއް ނުވިއެވެ. އެސިޓީފުޅުގައި ރަދުން ސޮއިކުރެއްވި ޖަލްސާގައި ނުއިންނަވާން ވެގެން އެއިރު ފަނޑިޔާރަކަށް ހުންނެވި އައްޝައިޚު މުޙަންމަދު ޖަމާލުއްދީން ނައިބުތުއްތު މަތިގޭގައި އިންނަވައިފައި ތިރިއަށް ފައިބައިވަޑައިގެންނެވި ވާހަކަ އަޅުގަނޑުމެން އަހަމުއެވެ.
     
ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދިޔުމުގެ ސަބަބުން ދިވެހިރާއްޖެއަށް ޙިމާޔަތްތެރިކަން ލިބުނެވެ. ބައެއްގޮތްގޮތުން ރަނގަޅު ނަތީޖާތަކެއް ލިބިފައިވާކަމަށް ވެއެވެ. ދާޚިލީ ކަންތައްތަކާ ނުބެހޭން އިނގިރޭސިން އެއްބަސްވެފައިވީ ނަމަވެސް ދިވެހިރާއްޖޭގެ މަތީފެންވަރުގައި ތިއްބެވި ފަރާތްތަކުން ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ދާޚިލީ މައްސަލަތައްވެސް ހުށަހަޅުއްވަމުން ގެންދެވިއެވެ. ތާރީޚަށް ބަލާއިރު މުޢާހަދާގެ ފަހުންވެސް އިނގިރޭސިން ދިވެހިންގެ ދާޚިލީ މައްސަލަތަކާމެދު ލަފާދީ އަދި  ބައެއް ކަންތައްތައް ހިނގާފައިވާގޮތް ތަޙުޤީޤު ކުރިކަން ފެންނަން އެބަހުއްޓެވެ. ޚާރިޖީ މިނިވަންކަން ދިވެހިރާއްޖެއަށް ލިބުނީ 1965 ގައެވެ. ބެރުގެ އެއްވެސް ފަރާތަކާއި މިނިވަން ގޮތެއްގައި ގުޅުން އުފެއްދުމުގެ ހުއްދަ އެހާތަނަށް ދިވެހިރާއްޖެއަށް ނެތުމުގެ ސަބަބުން ދަތިތަކެއް ދިމާވެފައިވާކަމަށް ފެނެއެވެ. އަދި ތަރައްޤީގެ މަގުގައި ދިވެހިރާއްޖެއަށް އެކަށީގެންވާ އަދި ބޭނުންވެފައިވާ ކުރިއެރުން ލިބުން މިސަބަބަށްޓަކައި ވަރަށް ބޮޑަށް ލަސްވެފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވެއެވެ.
                           
(ނިމުނީ)

ނަސީމާ މުޙަންމަދު (2005). ފަތްތޫރަ 313 (މ.27). ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

www.fanvai.info