Print

ކުޑަރުމާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)




މި ކުޑަ ރުމާލަކީ، ދެމަފިރިއެއްގެ ކާވަންޏާ ގުޅިފައިވާ ކުޑަ ރުމާލެވެ. ވަރިއާވެސް ގުޅިފައިވާ ކުޑަ ރުމާލެވެ. ކާވަނި ވެފައިވާކަމުގެ ހެއްކަކަށާއި، އެ ކާވަނި ރޫޅާލެވިއްޖެ ކަމުގެ ޙުއްޖަތަށް ބޭނުން ކުރަންވެސް އޮތީ ހަމަ މި ކުޑަ ރުމާލެވެ. އެހެންކަމުން މި ވެގެން އުޅޭ ގޮތެއްގެ ޚަބަރު ދަބަރު އޮޅުން ފިލުވައިލަމާތޯ އެވެ؟



ރާއްޖޭގެ ރަށެއްގައި އުޅުނު އަންހެނަކާއި، ފިރިހެނެކެވެ. ދެމީހުންނަކީ، ވެސް ބަސްމޮށުންތެރިކަމާއި، އިވުމުގެ ނިޢުމަތުން މަޙުރޫމުވެފައިވާ ދެމީހުންނެވެ. އެހެންނަމަވެސް، ހުރިހާ ހިއްސެއް ފުރިހަމަ އިންސާނުންގައި ހިނގާ ހުރިހާ ޣަރީޒާއެއް މި ފަދަ މީހުންގައި ވެސް ހިނގާނެ ދޮގެއްތޯ އެވެ؟

ޢުމުރުން ވިހި ބާވީހަށް އައި އިރު، ކޮންމެ ވެސް ގޮތަކުން މުވާޞަލާތު ކުރެވިގެން، މި ދެމީހުންގެ ގުޅުން އޮތީ ދިރިއުޅުމެއް ފެށުމުގެ އޮޅި ގިރާކުރަންޖެހޭ ހިސާބުގަ އެވެ. ހަވީރު އަތަށް އަޅައިލީމާ، ފެންވަރައި ލޮލުގައި އަނދުން ކޫރު ދަމައިލައިގެން މަގުމައްޗަށް ނިކުންނަށް ފަށައިފި އެވެ. ގަނޑުގަނޑަށް މޫނުގައި ޗޯކު ޖަހައިލައިގެންނެވެ. ބޮޑެތި މާތައް ޖަހާފައިވާ ގަދަ ކުލަކުލައިގެ ހެދުންތައް އަޅައިގެންނެވެ.

ދުވަސްވަރަކީ، މުޅި ރާއްޖޭގައި ވެސް ހޭލުންތެރިކަން ކުޑަ ދުވަސްވަރެވެ. ލިޔެކިޔުމާއި ޢިލްމީ އުސޫލުތައް ނެތް ބޯދާ ޒަމާނެވެ. ކަންކަމުގައި ''އާދަޔާ ޚިލާފު'' ބުއްދީގެ ހަމަތަކުގެ މަތީގައި ކަންކަން ނިންމައި އުޅުނު މާޒީ އެވެ.

އެ ރަށުމީހުން ކިޔާގޮތުންނަމަ، ''ދެ މަންމަނުންގެ ކާވަނި'' ވެވިއްޖެ އެވެ. ނައިބު ބޭކަލަކަށް ހުންނެވި ކަލޭގެފާނަކު ވަރަށް މަސައްކަތުން ފިކުރު ކުރައްވަ ކުރައްވާފައި، ނިކުތް މޮޅު ބުއްދިއާއި، ޙިކްމަތުގެ މައްޗަށް،  މި ދެ މީހުންގެ ކާވަނީގެ ޢަޤުދު ފުރިހަމަ ކުރައްވައިފި އެވެ. އަދި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ރުޅި އިސްނުކޮށް ދެމީހުން އެކަކު އަނެކަކަށް ދޫކޮށްގެން ރަނގަޅަށް ދިރި އުޅުމަށް ނަސޭހަތްތެރިވި އެވެ. ނުވަތަ ނަސޭހަތްތެރި ވެވޭތޯ ފަނޑިޔާރު ކަލޭގެ މަސައްކަތްކުރި އެވެ. ބުރާސް މިޔުޒިކުގެ ކޮންޑަކްޓަރެއް ފަދައިންނެވެ.

ކާވަނި ވެވިއްޖެ ކަމުގެ ހެއްކަކަށް، ނުވަތަ ކާވަނީގެ ސެޓުފިކެޓަކަށް، ހަވާލު ކުރީ ވަގޮށެއް ޖަހާފައިވާ، ކުޑަ ރުމާލެކެވެ. މި ރުމާ ހަވާލު ކުރީ ފިރި މިހާއާ އެވެ. ނައިބުކަލޭގެ އެގޮތް މިގޮތުން އަތްމަޅައި އަތް ހޫރައި، ލޮލާއި ދެ ބުމަޔަށް ދަންދެން އެކި ސިފަ ސިފަޔަށް، ވަށްކޮށް ދަމައި ހަދައިގެން އެއްކަލަ ދެވެރިންނަށް ކަމެއް ހަނދާން ކޮށްދެއްވި އެވެ. ކޮންމެ ވެސް ކޮންމެ ވެސް މި ކުޑަ ރުމާލަށް ފަރުވާތެރިވާށެވެ. މި ރުމާ ގެއްލުނަ ނުދޭށެވެ. އިހުމާލުން ގެއްލިއްޖެ ނަމަ، ކުށްވެރި ވާނެ ކަމަށްވެސް،  ފަނޑިޔާރު ކަލޭގެފާނު  ބުނުއްވި އެވެ. ހަމަ އެހެންމެ ވަރަށް ބާރުލައި  ބުނުއްވި ކަމަށްވެ އެވެ. މީގައި ޖަހާފައިވާ ގޮށް މޮހާ ނުލައްޗެވެ. އޭން އަންގައިދެނީ ތިޔަ ދެމީހުންނަކީ މިހާރު ކާވަނިން ގުޅިފައިވާ ދެމީހުން ކަމެވެ. ދެ މަފިރިންކަމެވެ.  މައްސަލައެއްޖެހި ހައްލު ނުވެގެން ވަރިވާން ޖެހުނަސް މި ކުޑަ ރުމާ ބޭނުންވާނެ އެވެ. ނަމަ ނަމަ މީގައިވާ ގޮށް އެއްވެސް މީހަކު އަމިއްލަ އަށް މޮހައިނުލައްޗެވެ!

ދުވަސްކޮޅަކަށްފަހު، ދެމީހުންގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެ އެވެ. ހައްލަކާ ހަމަޔަށް ދެވޭގޮތެއް ނުވި އެވެ. ފަހުގެ ނިންމުން ނިންމަން ޖެހިއްޖެއެވެ. މައްސަލަ އުފެދިގެން އުޅެނީ ފިރިމީހާގެ ފަރާތުން ކަމަށްވާތީ، މި ކަމާ އަންހެން މީހާ ވަރަށް ހިތާމަ ކުރެ އެވެ. އެ ކަނބުލޭގެ ބޭނުންވަނީ ކާވަނީ ދަމަހައްޓާށެވެ!  ފިރިމީހާ ބޭނުންވަނީ، ވަކިވާށެވެ!

އެންމެފަހުން ނައިބުކަލޭގެއާ ހަމަޔަށް މައްސަލަ ހިނގައްޖެ އެވެ. ފިރިހެން މީހާގެ ކިބައިގައި ވަރިކުރުން ނޫން އެހެން ގޮތެއް އޮތް ކަމަކަށް ނުވި އެވެ. އަންހެން މީހާ ރޮއި އަވަދިވަނީ އެވެ. އޭނާ ވަރިވާކަށް ބޭނުމެއް ނޫނެވެ.

ނައިބުކަލޭގެ ނަސޭހަތްތެރިވެވޭތޯ ވަރަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ފަހު ނިންމުމަކަށް ފިރިހެން މީހާ ތަކުރާރު ކުރަނީ ހަމަ އެއް ޙަރަކާތެކެވެ.  އެއީ  ދެއަތު ދެ ޝަހާދަތް އިނގިލިން ބުޅި އަޅުވާލައިފައި ފިރާސި ބާރަކަށް ދިމާދުރަށް ދެއަތް ''ފޮޅާލާ'' ފޮޅާލުމެކެވެ.

ނައިބުކަލޭގެ ބުނުއްވި އެވެ. އެންމެ ރަނގަޅެވެ. ކުޑަ ރުމާ ދޭށެވެ.  ފިރިހެން މީހާ ކުޑަ ރުމާބަލައި ހިނގައްޖެ އެވެ. އަލަމާރި ހުޅުވައިފި އެވެ. ކަމަކު ދާކަށް ނެތެވެ. ކުޑަ ރުމާލެއް ނެތެވެ. މިކަލޭގެ ''ހައިރާންކަމުގެ ކަށި'' ވިއްސައިގެން ގޮސް އަރާ އެހެރީ ސަތޭކައިގަ އެވެ.  މުޅިގެ އެއްފުށުން އަނެއްފުށަށް ޖަހައިގެން ވެސް އެއްކަލަ ކުޑަ ރުމާ ފެނުނު ކަމަކަށް ނުވި އެވެ. ވަރަށް ހާސް ވެއްޖެ އެވެ. ކުޑަ ރުމާ ކޮބައިހެއްޔެވެ؟ މި ރުމާ ގެއްލިއްޖެ ނަމަ ސަރުކާރުގެ މުދަލެއް ނަގައިލި ކަމަށްވާނެ އެވެ.  ކުށްވެރިވާނެ އެވެ. އަށިގެއަށްލައި ހައްޔަރު ކުރާނެ އެވެ. އަނދަގޮނޑި ޖަހާނެ އެވެ. އެއްތެލުންނާއި ދުއްރައިންތަޅާނެ އެވެ. އެންމެން ފުރައްސާރަ ކުރާނެ އެވެ.

ހާދިސާ ކިޔައިދިން މީހާ ބުނި ގޮތުގައި، އެންމެ ފަހުން މި ފިކުރުތަކުގެ އުދާހުގައި މި ފަކީރަށް ރޮވިއްޖެ އެވެ. ދެފައިން ވާގި ދޫވެއްޖެ އެވެ. ބޮލުގައި ރިހެން ފަށައިފި އެވެ.  އިސާ ހިތަކު އަލިފާން ކަހަލަ ގަދަ  ހުމެއް ފޮށިއްޖެ އެވެ. ބަލި އެނދަށް ''ދެމިއްޖެ'' އެވެ. އަނބުރާ ނައިބުކަލޭގެ ގާތަށް ދާހާ ހިތްވަރެއް ނުލިބުނެވެ.

އަނެއްކޮޅުން ނައިބުކަލޭގެ ހާލުވެސް ވަކިން ދެރައެއް ނޫނެވެ. ފައްކާ މުރަނގަގަސް ދޮށުމާލިމީ އެކެވެ. ކުޑަރުމާނެތި ''ދެ މަންމަނުން'' ވަރި ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނައިބުކަލޭގެ ފާނުގެ ފިކުރަކަށް ބުއްދިއަކަށް ރޭކާވެސް ނުލި އެވެ.

މައްސަލަ ވަރަށް ގޯސްވީ ތާ އެވެ! ވަރި ކުރާ ހިތުން އުޅުނު މީހާ މިހާރު އެ އޮތީ ގަންނާ ކުރެއްވި ބިރުން ހުމާ ފިހޭވަރު ވެފައެވެ! އެކަމަކު ވަރިވެދާނެތީ ބިރުން ރޮއި ހޭރި އުޅުނު މީހާ މި ހާރު އެވަނީ ވީ އުފަލުން މަލެއްހެން  ފޮޅިފަ އެވެ.

މިވީ ކިހިނެއްބާ އެވެ؟ ދެ ހިއްސަކުން އުނިވި ބައި، އޭނާގެ ބުއްދީގައި ލައްވާފައި ވަނީވެސް ތޯއްޗެވެ. ވަރި ކުރަން އޮތް ދުވަހަށް އަލިވިލެމުން ދިޔަ ވަގުތު ފިރި މީހާ ބޭރަށް ނިކުތީ އަތިރިޔަށް އެރޭށެވެ.  އެވަގުތު ފަރިތަކަމާއެކު، އަންހެން މީހާ، އަލަމާރި ހުޅުވައި ކުޑަރުމާ ހޯދައިގަތެވެ. މިހާރު އެކުޑަ ރުމާވީ ކޮންތާކުގައި ކަމަށްތޯ އެވެ؟ ދެމަފިރިން ނިދާ އެނދު ތަންދޮށުގައި  ބަންޑުން ޖަހާފައި އޮތް، ސަލަވާތްފުޅަށް ވަތްކުރާ ބޮޑު ސީނު ތަށްޓެއްގެ ދަށުގައި ވަޅުލައިފަ އެވެ. ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝްވަންހައިގެ މީހުން، ރިކާބީއެއްގެ ދަށަށްލައި ހަރުބު ރައްކާކުރި ފަދައިން ނެވެ. 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ