އަދުގެ ޚާއްސަ

Print

ބޭރު ބަސްބަހުގެ ލަފުޒުތައް ތާނައިން ލިޔުއްވުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


ޔޫސުފް ޢަލިފުޅު
    
މިހާރަކަށް އައިސް ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައި ހުންނަ ބައެއް ލިޔުންތަކުގައި އެއްލަފްޒެއްގެ އަކުރުތައް ތަފާތުގޮތްގޮތަށް ލިޔެފައިވާތީ އެބަފެނެއެވެ. ބައެއް ހަމަތަކެއްގެ މަތިން ބޭރުބަސްބަހާއި ގުޅި ތަރައްޤީވަމުން ދަންޏާ ވަރަށްގިނަ ތަފާތުތައް ހުރުމަކީ ނެތިނުދާނޭ ކަމަކަށްވުން ޖާއިޒެވެ. ބޭރުގެ ބަސްބަސް ކިޔަވާ ވިދާޅުވެގެން ވަޑައިގެންނެވި ބައެއްބޭފުޅުން ދިވެހިންނަށް ދިވެހިބަސް ކިޔަވައި ދެއްވަމުން ގެންދަވައިގެން ޑިގްރީ ޙާސިލްކުރާ ކުދިންނަކީ  ދިވެހިބަހުގެ އުސްތާޛުންނެވެ.

ލިޔުއްވުމުގައި އިސްކަންދެއްވާފައިވަނީ ވާހަކަދައްކާ އަޑު ނިޔާކުރާ ގޮތުގެ މައްޗަށެވެ. ނަމަވެސް ބޭރުބަސްބަހުގެ ތެރެއިން ދިވެހިބަހުގެ ތެރެއަށް ވަދެފައި ހުންނަ ލަފުޒުތަކާއި  ބޭރުބަސްބަހުގެ ބައެއް ލަފުޒުތައް ތާނައިން ލިޔުއްވުމުގައި އަދަބުތަކުގެ މަޚުރަޖު ތަފާތުވާ ގޮތަށް ލިޔެފައިވާތީ ވަރަށްގިނައިން އެބަފެނެއެވެ. މިގޮތަށް ދިމާވާން އެޖެހެނީ ކުރީގައި ލިޔެވިފައިވާ ބަހުގެ ޤަވާޢިދުތަކަކީ އަމުދުން އޭގައި ހަމަޖެހޭ އެއްވެސް އަސްލެއް އޮތްތޯ ބައްލަވަންވީ ވަރަށް ނުބެއްލެވޭތީ ވާކަމެއްކަމުގައި ހީވެއެވެ. މިސާލަކަށް ޢަރަބި ލަފުޒެއް ތާނައިން ލިޔާއިރު ޢަރަބިބަހުން އެލަފުޒުގެ އަކުރުތައް ކިޔާ މަޚުރަޖާއި އެއަސްލު ލަފުޒުގައި ހުރި ފިލިތައް ބޭނުން ކުރެވިފައިވާތީއެއް ނުފެނެއެވެ. ނަމަވެސް ތާނައިގައި ތިކިޖަހާފައިވާ އަކުރުތަކެއްވެސް އެބަހުއްޓެވެ. އެއަކުރު ބޭނުންކުރައްވާއިރުވެސް އެއް ލަފްޒެއްގެ އަކުރުތަކުގެ ތެރެއިން އެއްއަކުރެއްގައި  ތިކިޖައްސަވާފައި އެފަދައިން ތިކިޖައްސަވަންޖެހޭ އަނެއް އަކުރުގައި ތިކިނުޖައްސަވާ ވީއްލާލެއްވެނީއެވެ.  އިނގިރޭސިބަހުގެ ލަފުޒެއް ތާނައިން ލިޔުއްވާއިރު  އެލަފުޒުގެ އަސްލު އަކުރުތަކާއި ފިލި އަކުރުތަކާއި ފިއްޔެއްނެތް އަކުރުތައް ތާނައިން ލިޔުއްވުމުގައި އަކުރު އިތުރުކުރެއްވެވެނީއެވެ. ވީމާ ބައެއްފަހަރަށް އިނގިރޭސިބަސް ރަނގަޅަށް ދަންނަމީހަކަށްވެސް ތާނައިން އެލަފުޒު ލިޔެފާ އޮންނަގޮތަކުން ފަހަރުގައި އޮޅުމެއް އަރާވެސްފާނެއެވެ.

ވީމާ މިކަމުގައި ބަހުގެ ހަމަތަކަށް ވިސްނާއިރު ބޭރުބަސްބަހުގެ ލަފްޒުތައް ތާނައިން އެންމެންނަށް އެއްއުސޫލަކުން ލިޔެވިދާނެއެވެ. އެއީ ފުރަތަަމަ ގޮތަކީ ބޭރުބަސްބަހުން ދިވެހި ބަހަށް ވަދެފައިވާ ލަފުޒުތައް ދިވެހިބަސްފޮތުގައި (ރަދީފުގައި) އޮންނަގޮތަށް ލިޔުއްވަމުން ގެންދެވުމެވެ. ދެވަނަގޮތަކީ ބަސްފޮތުގައިނެތް ޢަރަބި ލަފްޒުތައް ދިވެހިބަސްފޮތުގައި ނެތް ޢަރަބި ލަފްޒުތައް އޭގައިހުރި ފިލިތަކާއި މަޚުރަޖާ އެއްގޮތަށް ކިޔޭހެން ތިކިޖެހިތާނަ އަކުރުތަކުގައި ތިކިޖަހަންޖެހޭ އަކުރުތަކެއް ހުއްޓާ އެއްއަކުރުގައި ތިކިނުޖަހާ ދޫކޮށްނުލުމެވެ. މިސާލަކަށް ޢަބްދުލް ޙަންނާނު މިނަން ތާނައިން ލިޔާއިރު (ޢައިނު) ގެ ބަދަލުގައި އަލިފުގައި ތިކިޖަހާފައި ހަމައެފަދައިން ޙަންނާނުގެ (ޙ) ގެ ބަދަލުގައި ހާގައި ތިކިނުޖަހާ ޢަބްދުލް ހައްނާނު ތާނައިން ލިޔެފައި ނުބެހެއްޓުމެވެ. ތިންވަނަ ގޮތަކީ ދިވެހިބަހަށް ވަދެފައި ބަސްފޮތުގައި ނެތް އިނގިރޭސި ލަފުޒުތައް ލިޔުމުގައި އިނގިރޭސިބަހުގެ އަހުލުވެރިން އެބަހެއް ބޭނުންކުރުމުގައި އަޑުނިޔާކުރާ ގޮތުގެމަތިން ތިކިޖެހި ތާނައިގެ އަކުރުތަކުގެ ތެރެއިން އަކުރެއް މެދުވެރި ކުރަންޖެހޭނަމަ މެދުވެރިކޮށްގެން ތާނައިން ލިޔުމެވެ. ނުވަތަ އެލަފުޒެއްގެ ހުރިހާ އަކުރެއްގައި ހުރިހާ އަކުރެއް ބޭނުންކޮށްގެން ތާނައިން ލިޔުމެވެ. އެއީ ފިލިއަކުރު ފިލީގެ ގޮތުގައި ހުސްއަކުރު ހުސްއަކުރުގެ ގޮތުގައި ލިޔުމެވެ. ހަތަރުވަނަ ގޮތަކީ ކުރިންދެންނެވި ދެބަސްފިޔަވައި އެހެންބަހެއްގެ ލަފުޒެއް ތާނައިން ލިޔާނަމަ އެލަފުޒެއް ބަސްފޮތުގައި އޮތްތޯބަލައި އޮތްނަމަ ބަސްފޮތުގައި އޮތް އަކުރުތަކާއި ފިލިތަކުން ލިޔުމެވެ. ބަސްފޮތުގައި ނެތްނަމަ އެލަފުޒެއް ދިވެހިން ކިޔާއުޅޭއިރު އެލަފުޒުގެ އަޑު ނިޔާކުރާ ގޮތަސް ތާނައަކުރުން ލިޔުމެވެ.
މިދެންނެވި ހަތަރު ހަމައިގެ މަތިން ބޭރުބަސްބަހުގެ ލަފުޒުތައް ލިޔެ އުޅޭނަމަ ކޮންމެ ލަފުޒެއް ކޮންމެ މީހަކަށްވެސް ތާނައަކުރުން ލިޔެވޭނީ ހަމަ އެއްގޮތަކަށްކަން ޔަޤީނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ