އަދުގެ ޚާއްސަ

Print

ސަމުސަލުން ކާންދިނުން

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ސަމުސަލުން ކާންދިނުން ނުވަތަ އަނގައިން އަގަޔަށް އަޅައިދިނުމަކީ ކޮންކަހަލަ


ކަމެއްބާ؟

އަޙްމަދު ރަޝީދު


ތުއްތުކުދިންނާއި ކުޑަކުދިންނަކީ މައިންބަފައިނާއި ބޮޑެތިމީހުންގެ އަޅާލުމާއި އެހީތެރިކަން ކޮންމެ ކަމެއްގައިވެސް ބޭނުންވާ ބައެކެވެ. ކެއުމާއި ބުއިމުގައެވެ. ފެންވެރުމާއި އަންނައުނުލައި އުޅުމުގައެވެ. މިހެންގޮސް ހުރިހައި ޒަރޫރީ ބޭނުންތަކަކާއި މުހުތާދުތަކެއް ފުރިހަމަވަނީ މިދެންނެވި ފަރާތްތަކުގެ އެހީތެރިކަމާއި އެކުގައެވެ.

ތުއްތުކުއްޖާއަށް ސަމުސަލުން ނުވަތަ އަތުންވިޔަސް، ބަކުން ކާންދޭއިރު ވަނީ ކިހިނެއްތޯ ވިސްނާލަމާތޯއެވެ. ކުއްޖާގެ އަނގަޔަށް ބަކުން ސަމުސަލެއް ލެވުމުން އެކުދިން ފަސޭހަކަމާއި ފަރިތަކަމާއެކު ދިރުވާލާތޯއެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި ސަމުސަލުން ކާންދޭއިރު ކަންވެގެންދަނީކީ މިހެންނެއް ނޫނެވެ. ސަމުސަލުން ބަކުންކޮޅެއް ލެވުމުން ތުއްތުކުއްޖާގެ ދުލުން، ބަކުންކޮޅު ބޭރަށްނެރެނީއެވެ. އަނގަޔަށް ލަވާއެތިކޮޅު ހަމަ ލެވުމާއިއެކު ބޭރުކޮށްލައެވެ. ބަކުންކޮޅުން ކުޑައެތިކޮޅެއް އަރުތެރެއަށް ނުދެއޭކޭ ނުދެންނެވޭނެއެވެ. އެހެންނަމަވެސް އަނގަޔަށްލަވާ އެއްޗެހިން ބޮޑުބައެއް ބޭރުކޮށްލަނީއެވެ. ހަމަ ބޭރުކޮށްލުމާއިއެކު އަނެއްކާވެސް މަންމައަށް ޖެހެނީ އަނގައިން ނެރެލާ ކާއެތިކޮޅު ދެވަނަފަހަރަށްވެސް ލަވާށެވެ. މިކުރެވެނީ އެއްގޮތަކުން ބަލާއިރު ފޫނެތްފަޔަކަށް ފެންފުރުންކަހަލަ ކަމެކެވެ. އާދެ، ކިޔަވައިދިނުމުގައި ސަމުސަލުން ކާންދިނުމަކީވެސް މިފަދަ ކަމެކެވެ.

'ސަމުސަލުން ކާންދިނުން'، މި މަޖާޒީ މިސާލުގެ މާނައާއިމެދު ވިސްނާލަމާތޯއެވެ. މިއީ އިނގިރޭސިބަހުގައި ޢާއްމުކޮށް ބޭނުންކޮށްއުޅޭ ބަސްކޮޅެއްގެ މާނައެވެ. މީގެ ސާދާ މާނައަށް ވިސްނާލާއިރު ދޭހަވަނީ އިހު ދެންނެވުނުހެން ސަމުސަލުން ތުއްތުކުއްޖާއަށް ބަކުން ކާންދިނުމެވެ. ތަޢުލީމީ ބަހުރުވައިންނަމަ، ކިޔަވާކުދިން އެކުދިންގެ ވިސްނުމުގެ މާބޮޑު ބޭނުމެއް ކުރުމުގެ ފުރުޞަތުނުދީ ފިލާވަޅެއް ނުވަތަ ތަމްރީނެއް ހަދާނެގޮތްކިޔައިދީ މަސައްކަތް ކުރުވުމެވެ. ދިވެހިބަހުގައި މި މަޖާޒީ މިސާލު ކިޔައިއުޅޭނީ- އަނގައިން އަނގަޔަށް އަޅައިދިނުމެވެ. ނުވަތަ ވިސްނައިދިނުމަކާއި ނުލައި އެއްޗެއް ކިޔައިދީ ދަސްކޮށްކޮށްދިނުމަށެވެ.

ސަމުސަލުންކާންދޭ އުޞޫލަކީ ސުކޫލުތަކުގައި ބައެއް މުދައްރިސުން އާދައެއްގެ ގޮތުން ކޮށްއުޅޭ ކަމެކޭވެސް ދެންނެވިދާނެއެވެ. މިދެންނެވި މުދައްރިސުންނަކީ އެއްވެސް ޙާލެއްގައި ތަޖުރިބާމަދު މުދައްރިސުންނެއް ނޫނެވެ. އުނގަންނައިދުނުމުގެ ހުނަރުތައް އެއްމެ ފުރިހަމަ ގޮތުގައި ބޭނުންނުކުރެވެނި ކަމަށްވުން އެކަށީގެންވެއެވެ. ނުވަތަ ލިބިފައިވާ ވަޞީލަތްތަކުގެ މަދުކަމުން މިގޮތަށް ފިލާވަޅުތައް ބައްޓަންކުރެވެނީކަމަށްވެސް ވެދާނެއެވެ.

ކޮންމެ ސަބަބަކާއި ހުރެނަމަވެސް، ސަމުސަލުން ކާންދިނުން ނުވަތަ އަނގައިން އަނގަޔަށް އަޅައިދީގެން އުނގަންނައި ދިނުމުގެ އުޞޫލަކީ ދަރިވަރުންނަށް އެދެވޭ ލާބައެއް ލިބޭނެކަމެއް ނޫނެވެ. އެދެވޭ ނަތީޖާއެކޭ މިދެންނެވީ ދާއިމީ ނަތީޖާއަކާއި ހަމައަށް ވާޞިލްވެވޭ ފެންވަރުގެ ސިކުނޑިތަކަކަށް ކުދިންގެ ސިކުނޑިތައް ނުހެދޭނެ ވާހަކައެވެ. މިކަމަކީ ޚުދު މުދައްރިސުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނވާނެ ކަމެކެވެ. ކަން މިހެން އޮތްއިރު ދެން އުފެދެނީ ސުވާލެކެވެ. ސަމުސަލުން ކާންދިނުމުގެ އުޞޫލު ބައެއް މުދައްރިސުން ބޭނުންކުރައްވަނީ ކީއްވެގެންތޯއެވެ؟ މިގޮތަށް ކިޔަވައިދިމުން ދަރިވަރުން ބަދަލުވެގެންދާނީ ސުވާލުކުރުމުން ޖަވާބުދާރީވާ މެޝިންތަކަކަށެވެ. އައު މާއްދާއެއް ނުވަތަ އައު ފިލާވަޅެއް ހަދަން ޙަވާލުކުރެވޭހިނދު އެހެންފަރާތެއްގެ އެހީއާއި ނުލައި ދަރިވަރަށް މަސައްކަތްކުރަންނޭގޭ ނުވަތަ އުނދަގޫ މަރުޙަލާއަކާއި ކުރިމަތިކުރުވައެވެ. ދަރިވަރު ވެގެންދާނީ ނާޤާބިލް ކުއްޖަކަށެވެ. އަމިއްލ ނަފުސަށް އިތުބާރުނުކުރެވޭ އެހެން ފަރާތަކަށް ބަރޯސާކުރާކަހަލަ ދަރިވަރަކަށެވެ. ދަރިވަރުން ކުރިމަގުގައި މަތީ ތަޢުލީމު ހޯދުމަށް މަސައްކަތްކުރާނެކަން އެނގޭ ޙާލުގައި އެކުދިންނަކީ މިފަދަ ބަޔަކަށް ހެދުމުގެ ބޭނުމެއް ނޯންނާނެކަން މުދައްރިސުންނަށްވުރެން ބޮޑަށް އެނގިލައްވާނެ ދެވަނަ ފަރާތެއް ނުވާނެކަން ކަށަވަރެވެ.

މިކަމުގެ ޙައްލަކީ ކޮބައިތޯ ވިސްނާލާއިރު ކަންތައްތަކެއް ފާހަގަކޮށްލެވެއެވެ. އެގޮތުން އެއްމެ މުހިއްމުކަމެއް ކަމުގައި ފާހަގަކުރެވެނީ އިޚްލާޞްތެރިވުމެވެ. އާދެ، އިޚްލާޞްތެރިކަމާއި ޝައުޤުވެރިކަމާއިއެކު އުނގަންނައިދިނުމާއި ކުރިމަތިލުމެވެ. އަދި ފިލާވަޅު ކުރިއަށް ގެންދިއުމުގައި ދަރިވަރުންނަށް އަމާޒުކޮށް ފިލާވަޅު ހުށައެޅުމެވެ. އިނގިރޭސިބަހުން ދަންނަވަނީނަމަ ސްޓޫޑެންޓް ސެންޓާރޑް ޓީޗިން ގެ ގޮތްތައް ބޭނުންކުރުމެވެ.

ބޭރުގެ ބައެއް ޤައުމުތަކުގައި މިކަމުގެ ހައްލެއްގެގޮތުން، TLLM ގެ ނަމުގައި ޕްރޮގްރާމެއް ހިންގަމުން ގެންދެއެވެ. 'ޓީޗް ލެސް – ލާރން މޯރ' ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ތަޖުރިބާކޮށް ކާމިޔާބު ހޯދަމުން އަންނަ ކަމެކެވެ. ޕްރޮގްރާމުގެ ނަމަށް ވިސްނާލާއިރުވެސް، ވީހާވެސް މަދުން ކިޔަވައިދީގެން ދަރިވަރުންނަށް ބޮޑަށް އުނގެނުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ކާމިޔާބުކަމެއްކަމުގައި ނުވެނުދާނެކަން ކަށަވަރެވެ. މި ޕްރޮގްރާމުގެ ބައެއް މަޤުޞަދުތަކަކީ:

•    ދަރިވަރުން ދިރިއުޅުމަށްޓަކައި ބައްޓަންކުރުމެވެ. އެކުދިންނަކީ ސިކުނޑީގައި ތެތްކަންހުރި ދުނިޔެއަށް ލޯހުޅުވިފައިވާ ކުދިންތަކަކަށް ހެދުމެވެ.

•    ކިޔަވައިދޭ ނުވަތަ އުނގަންނައިދޭ މަޢުލޫމާތުގެ ޢަދަދަށް ނުވިސްނާ ފެންވަރަށް ވިސްނުން ބަދަލުކުރުމެވެ. ކުލާސްތެރޭގައި ޙަރަކާތްތެރިވުމުގައި ފެންވަރުމަތިވުމެވެ. އަމިއްލަ ޝުޢޫރާއި ޚިޔާލުފާޅުކުރުމަށް އިތުރު ފުރުޞަތުތައް ހުޅުވާލުމެވެ. ދިރިއުޅުމަށްބޭނުންވާނެ ހުނަރުތައް ތަރައްޤީކުރުމެވެ.

ކުދިންނަކީ ރަނގަޅު ނަމޫނާ ސަޚްޞިއްޔަތުތަކަށް ހެދުމެވެ.

ޢަދަދުމަދުކުރުމުގެ މަޙްފޫމަކީ ހިތުދަސްކުރުވުމާއި، އިމްތިޙާނުތައް ތަކުރާރުކޮށް ހެއްދުމާއި، ސުވާލުތަކަށް ޖަވާބުތައް ދިނުމުގެ އުޞޫލު ދޫކޮށްލުމަށް ނުވަތަ މަދުކުރުމަށެވެ.

•    މިފަދަ ޕްރޮގްރާމް ކާމިޔާބު ކުރެވޭނީ މުދައްރިސުންނާއި ސުކޫލުގެ ވެރިން އަދި މިނިސްޓްރީ އޮފް އޭޑިއުކޭޝަނުން މިހިންމު ދައުރެއް އަދާކޮށްގެންނެވެ. www.tomorrow.sg    
            
ދަންނަވާލެވުނުފަދަ ލަނޑުދަނޑިތަކެއް ޙާޞިލްކުރުމަށްޓަކައި ކޮންމެވެސްކަހަލަ ޕްރޮގްރާމެއް ދިވެހިރާއްޖޭގެ ތަޢުލީމުދޭ މުއައްސަސާތަކުގައިވެސް ހިންގަން މިއަދު މިވަނީ ލާޒިމްވެފައެވެ. އެހެނީ ދިވެހިރާއްޖޭގައި މަތީ ޘާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ނަތީޖާ ދަށަވަމުންދާކަމީ ވިސްނާލަން ޖެހިއްޖެ ކަމެކެވެ.

މިގޮތުން ގިނަދަރިވަރުންތަކެއް ފޭލިވެގެން ދިއުމުގެ މައްސަލައަކީ ޤައުމީފެންވަރުގައި ފާހަގަކޮށްލެވޭ ހިތާމަވެރި މައްސަލައެކެވެ. މިމައްސަލައިގެ އަސްލަށްބަލާއިރު ސަމުސަލުން ކާންދިނުމާއި ގުޅުންހުރިކަމަށް ޤަބޫލުކުރެވެއެވެ. ތުއްތުދަރިންނަށް ސަމުސަލުން ކާންދިނުމަކީ އެކަންކުރުމަށް އޮތް ރަގަޅުގޮތެއްކަމުގައި ވިޔަސް ދަރިވަރުންނަށް އުނގަންނައިދިނުމުގައި މިއީ ބޭނުންކުރުން އެދެވޭ ކަމެއްނޫނެވެ. މިކަން ތަޢުލީމީ ދިރާސާތަކާއި ނަތީޖާތަކުން ދައްކަމުން އެހެރަ ގެންދަނީއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ