އަދުގެ ޚާއްސަ

Print

އެޒަމާނުގެ ރޯގާއާއި މިޒަމާނުގެ ރޯގާ

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ

ރޯގާއަކީ ވަރަށް އާންމު އެއްޗެކެވެ. މިޒަމާނުގައިވެސް އަދި އެޒަމާނުގައިވެސް ވަރަށް ޢާންމު އެއްޗެކެވެ. އޮފީސް މަދަރުސާ ފަދަ ތަނަކަށް ނުދެވުނަސް ނުވަތަ މަކަރެއް ހަދާލިޔަސް އެ މަކަރެއް ފޮރުވާން ފަސްއަޅާން އޮންނަ އެއްޗަކީ ރޯގާއެވެ. މިބުނި ރޯގާއަކީ އޭގެ ޒާތުގައި ވެސް ބާރުގަދަ ނުފޫޒު ގަދަ އެއްޗަކަށް ވެފައި އޮންނަނީ އަކީވެސް މަދެއްކޮށެއްނޫނެވެ. މިލިޔުމުގައި އަޅާ ކިޔާލެވިފައިވަނީ މިފަދަ ދެ ހާދިސާއިން ރޯގާގެ މާޒީގެ މިސާލަކާއި މިޒަމާނުގެ މިސާލެކެވެ

އެޒަމާނުގެ ރޯގާ

ހަތްދިހައިގެ އަހަރުތަކުގައި ރާއްޖޭގައި މާވަރުގަދަ ރޯގާއެއް ބޮޑު ރޯގާގެ ނަމުގައި ފެތުރުނެވެ. މިރޯގާގައި ރާއްޖޭގެ އެތައްބަޔަކު މަރުވެގެން ދިޔައެވެ. އަދި އެތައްބަޔަކު މިރޯގާގައ ހަނާވަމުން ދިޔައެވެ. މިގޮތުން ވަލުތެރޭގައި ލާފައި ހުންނަ ބަލިމީހުން ލާ ގެތަށް ފުރި ބާރުވެގެން ބައެއް މީހުން ވަލުގައިވެސް ބައިތިއްބާން ޖެހުނެވެ. މިގޮތުން ދަރިންނާއި މައިންނާއި ބަފައިންނަށް ވަރަށް ހިތާމަވެރިގޮތުގައި ވަކިވެގެން ދާން ޖެހުނެވެ. މައިންގެ ކުރިމަތީގައި އެމީހުން ލޯބިވާ ދަރިން މަރުވެގެން ދިޔައީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވޭނެ ގޮތެއް ނެތިއެވެ. މަންމައާއި ބައްޕަ މިރޯގާގައި މަރުވުމުން ދަރިން ބިކަވެ ހާލުގައި ޖެހިފައި އެބަހުއްޓެވެ. އަޅާލާނެ ޔާރެއް އިޔާރެއްނެތި ދަރިންނާއި އަނބީން އެކަނިވެގެން ދިޔައެވެ. އަދި އަލަތު ކައިވެނި ކޮށްގެން ރޭނުކުރަނީސް މިރޯގާ ޖެހިގެން ބަލި މީހުން ތިބޭ ގެޔަށް އަނބިމީހާ ނުވަތަ ފިރިމީހާ ވެސް ގެންދާން ޖެހިފައި އެބަހުއްޓެވެ. "ލޯބިން ދެހިތެއް ސަފުން" ވަކިނުވާން ނިންމައިގެން ތިއްބާ ދެމަފިރީންނަށް އަބަދުގެ އަބަދަށް އެކަންޏާއި ދެކަންޏަށްވެސް  ދުނިޔެއާއި ވަކިވާން ޖެހިފައި އެބަހުއްޓެވެ. ބޮޑު ރޯގަލުން ސަލާމަތް ވެގެން އެމީހުން ލޯބިވާ މީހުންގެ މަހާނަ ފެނިލުމުގެ ނަސީބު ނުލިބުނު ކަމަށްޓަކައި ހިތާމަކޮށްފައިވެސް އެބަހުއްޓެވެ.

މި ރޯގާ ޖެހުނީމާ ވާގޮތަކީ ހިނގައި ހިނގައި ތިއްބާ އެތިބަ ބޮޑެތި މީހުން ރުއްގުޅިޔެއް ކަނޑާލީމާ އެ ވެއްޓޭ ބީދައިން ވެއްޓެނީއެވެ. ދެން ފޫނެތް އެއްޗަކަށް ފެންއަޅާލީމާ ފެންގަނޑު ފައިބައިގެންދާ އުސޫލުން ބޮޑުކަމުވެސް ދެވެނީއެވެ. އަތްފައި ހަލުވާ ނުލެވޭ ވަރަށް ހަކަތަވެސް ދަނީއެވެ. ޒަމާނަކީ ކާއެއްޗެތި ތަދު ޒަމާނަކަށްވެފައި އަމުދުން ބޭސްކޮޅެއް ނެތީމާ ހާލު ބޮޑުވެގެން މިއަތަށް އަންނަ ފަހަރަށްވުރެ އެއަތަށް ދާ ފަހަރު ގިނަވަނީއެވެ. ނަތީޖާއަކަށްވީ ކުރިން ބުނިހެން މިރޯގަލުގައި އެތައްބަޔަކު ހަނާވެ ފަނާވެގެން ދިޔުމެވެ.

މިޒަމާނުގެ ރޯގާ

މިޒަމާނުގެ ރޯގާއަކީ އާދަޔާ ހިލާފު ރޯގާއެކެވެ. މިރޯގަލުގައި މީހުން މަރުވާލެއް ވަރަށްވެސް މަދެވެ. އަމުދުން މީހުން މަރުނުވެޔޭ ބުންޏަސް ރަނގަޅު ވާނެއެވެ. މިރޯގާ ޖެހުނީމާ އަނބިންނާއި ފިރިން އަދި ދަރިންނާއި މަައިންވެސް ވަކިވަނީއެވެ. ލޯބިން މުޅި އުމުރަށް އުޅޭންވެގެން ހުވާކޮށްގެން ތިއްބައި ހުވައިވސް އުވި ދަނީއެވެ. މި ރޯގާ ޖެހިގެން ޔަތީމު ވަމުންދަނީ ކިތައްދަރިން ހެއްޔެވެ؟އަދި އެކުދިންގެ މައިންބަފައިންނާއި ވަކިވަމުން ދަނީ ކިތައްދަރިން ހެއްޔެވެ؟ ކުރީން ރޯގާޔާ ހިލާފަށް މި ބަލި ބޮޑުވަމުން ނުރައްކާތެރި ވަމުންދަނީ ޑަކުޓަރީ ކަމުގެ ރޮނގުން ފުންނާބުއުސް ޒަމާނެއްގައެވެ. އެޒަމާނުގެ ރޯގާ ޖެހުނީމާ ގެންދަން ޖެހެނީ ވަލުގައި ހުންނަ އެކަހުރި ކުރާ ގެޔަށް ކަމަށް ވިޔަސް މި ރޯގާ ޖެހިއްޖިއްޔާ ގިނަ ފަހަރަށް ދާން ޖެހެނީ ކޯޓުތަކަށެވެ. އެޒަމާނުގައި ރޯގާ ޖެހުނީމާ އެއްވެސް ކުލައެއް ނާރައެވެ. ނަމަވެސް މިޒަމާނުގެ ރޯގާ ޖެހިއްޖިއްޔާ ނޫކުލަ ރަތްކުލަ ރީނދޫކުލައިގެ ތެރޭން ކޮންމެސް ކުލަޔެއް ޔަގީނުންވެސް އަރާނެއެވެ. ފިރީންނަށް އަނބިމީހާގެ ގައިގައި ހުރި ކުލަނޫން ޒާތުގެ ރޯގާއެއް ޖެހިއްޖިއްޔާ އަނބިމީހާގެ ކުލަ ބަދަލުވާ ފަހަރުވެސް އާދެއެވެ. އިދިކޮޅަށްވެސް ވޭމެއެވެ. ކުލަ ބަދަލު ނުވެއްޖިއްޔާ ގަދަކަމުންވެސް ކުލަ ބަދަލުވެސް ކުރެއެވެ. ބަސް ނާހާ އަނބީންނަށް މި ރޯގާ ޖެހިއްޖިއްޔާ "ވަރިބޭސް" ކިޔާ ބޭހެއްވެސް ކާންދޭންޖެހެނީއަކީވެސް މަދެއް ކޮށެއްނޫނެވެ.

މިރޯގާގެ އަލާމާތް ތަކަކީ ހޯއްގޮވުމާއި، ހިނގާފައި ދާއިރުގައި ދިމަ ދިމާޔަށް އަތް އުކުމާއި، އެކަކު އަނެކަކަށް ނެތް ސިފަތަކުން ގޮވުމެވެ. އޭގެ ތެރެއިންވެސް މިރޯގާ މާ ބޮޑަށް ޖެހިއްޖިއްޔާ އާއިލީ ގުޅުން ކަނޑާލުމާއި ދަރި ބަފައިވަންތަ ކަންވެސް ކަނޑާލުމަކީ ހަމަ އާންމު ކަމެކެވެ. މިރޯގާގެ ނުރައްކާތެރި ކަމަކީ މިއީ ރޯގާއެއް ކަމަށް މި ރޯގާ ޖެހިފައި ތިބި މީހުންނަށް ގަބޫލުނުކުރެވޭތީއެވެ. އެހެން ވާނެތާއެވެ. މިއީ ޑަކުޓަރަކަށް އެކުސްރޭ މެސިނަކަށް ފެންނަ ރޯގާއެއް ނޫން ވިއްޔާއެވެ. މިރޯގާގެ އާދަޔާ ހިލާފު އަނެއް ސިފައަކީ މިބާވަތުގެ ބާރަ ބާވަތުގެ ރޯގާ އުޅޭތީއެވެ. މިހުރިހައި ސިފަތަކުގެ ތެރޭންވެސް މިރޯގާއަށް ކިޔާނެ ނަމެއްނެތުމީ މި ރޯގާގެ އެންމެ ހާއްސަ ސިފައެވެ.

އިދާރާ

ވާހަކަ