Print

ބިގް ކްރަންޗް ތިޔަރީ

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް



މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ޢިލްމުވެރިން ދެކިލައްވާގޮތުގައި މިކައުނު ފުޅާވަމުންދާ ފުޅާވުން އަބަދަށް ދެމިގެންވާ ކަމެއް ކަމުގައި ނުވާނެއެވެ. މިފުޅާވުމަށް ނިމުމެއް އަންނަ ދުވަސް އަންނާނެއެވެ. ސަބަބަކީ މި ފުޅާވާ ފުޅާވުމަކީ ބިގްބޭންގް ނުވަތަ ބޮޑުގޮވުމުގެ ސަބަބުން އެތިކޮޅުތައް ބުރަބުރައިގެންދާ ދިޔުމެވެ. މިއެތިކޮޅުތައް ދުރުވަމުންދާވަރު ދުވަހެއް ދުވަހަކަށް ދަނީ މަޑުވަމުންނެވެ. އެހެންކަމުން ގޮވުމުގެ ސަބަބުން އެތިކޮޅުތައް ބުރައިގެން ދުރުވެގެންދާ ބާރާއި އެ އެތިކޮޅުތަކުގެ މެދުގައި ހުންނަ ދަމާބާރާ އެއްވަރުވާ ދުވަހެއް އަންނާނެއެވެ. އަދި އެއަށްފަހު ބުރައިގެންދާ ބާރު ކުޑަވި ވަރަކަށް ދަމާބާރުގެ ސަބަބުން މިއެތިކޮޅުތައް އެއްވެ، އެކަތިގަނޑަކަށްވާނެއެވެ. ނުވަތަ އެއް ގެލެކްސީއަކަށް ވާނެއެވެ. ފުރަތަމަ ގޮވުމުގެ ކުރިން އެ ގެލެކްސީ އޮތްގޮތަށް ބަދަލުވާނެއެވެ. މި ތިޔަރީއަށް [ދަބިގް ކްރަންޗް ތިޔަރީ] ނުވަތަ ބޮޑު އެއްކުރެއްވުމޭ މިޒަމާނުގެ ޢިލްމުވެރިން ކިޔައެވެ.

މީގެ އެތައް ސަތޭކަ އަހަރެއްގެ ކުރިން މާތްﷲ މި ޙަޤީޤަތް ޤުރްއާނުގައި ބަޔާންކޮށްދެއްވާފައި ވެއެވެ. މާތްﷲ ވަޙީކުރައްވަނީ

 [يَوْمَ نَطْوِي السَّمَاء كَطَيِّ السِّجِلِّ لِلْكُتُبِ كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ وَعْدًا عَلَيْنَا


إِنَّا كُنَّا فَاعِلِينَ ] (الأنبياء 104)


މާނައަކީ: " (އެދުވަހަކީ) ލިޔުއްވާ ބޭކަލުން ފޮތްތައް ލައްޕަވާލައްވާ ފަދައިން ތިމަން ރަސްކަލާނގެ އުޑު ލައްޕަވާ ދުވަހެއެވެ.އަދި، (ހުރިހާ ތަކެތި ނެތިކުރެއްވުމަށްފަހު) އެންމެ ފުރަތަމަ އުފެއްދެވި ފަދައިން ތިމަން ރަސްކަލާނގެ އެތަކެތި އަލުން އިޢާދަކުރައްވާ ހުށީމެވެ. އެއީ ތިމަން ރަސްކަލާނގެ މައްޗަށް ވަޢުދުވެ ކަށަވަރު ވެގެންވާ ކަމެކެވެ. ހަމަކަށަވަރުން ކުރައްވާނޭ ކަމެއް ކަމުގައި ވަމެވެ."

މިއާޔަތުގައި އުޑު ލައްޕަވާލެއްވުން ނުވަތަ ފަތް ޖައްސަވާލެއްވުން މިބަޔަށް ވިސްނާ ފިކުރު ކޮށްލައްވާށެވެ. އަދި އެންމެ ފުރަތަމަ އުފެއްދެވި ފަދައިން ތިމަން ރަސްކަލާނގެ އެތަކެތި އަލުން އިޢާދަކުރައްވާ ހުށީމެވެ. ނުވަތަ އަލުން އެގޮތަށް ބަދަލުކުރައްވާ ހުށީމޭ އޮތް ބަސްފުޅުގެ ފުރިހަމަކަމަށް ބައްލަވާށެވެ. މާނައަކީ މިކައުނު އާ އުފެއްދެވުމަކުން މުޅިން އުފައްދަވާނެއެވެ.

މާތްﷲ އިރާދަކުރައްވާ ދުވަހެއް އައުމުން މިކައުނުގައިވާ ހުރިހާ އެއްޗެއް އެކަތިގަނޑެއްގެ ގޮތުގައި އެއްކުރައްވާ އެއްކުރެއްވުމުގެ ސަބަބުން އޭގެ ބާރުގަދަވެ، ވަރުގަދަ ގޮވުމެއް ގޮވާނެއެވެ. މިގޮވުމުގެ ސަބަބުން ދުންގަނޑެއް ފަދަ ނެބިއުލާއެއް އުފެދި މިބިން ނޫން އެހެން ބިމަކާއި މިއުޑުތައް ނޫން އެހެން އުޑުތަކެއް އުފެދޭނެއެވެ. މިކަން ކީރިތި ޤުރްއާނުގައި ބަޔާންކޮށްދީފައިވަނީ މިފަދައިންނެވެ. މާތްﷲ ވަޙީކުރައްވަނީ:

 [ يَوْمَ تُبَدَّلُ الأَرْضُ غَيْرَ الأَرْضِ وَالسَّمَاوَاتُ وَبَرَزُواْ للّهِ الْوَاحِدِ الْقَهَّارِ ]


(ابراهيم 48)



މާނައަކީ: " އެދުވަހުން، ދުނިޔެ އެހެން ދުނިޔެއަކަށް، އަދި، އުޑުތައްވެސް، (އެހެން އުޑުތަކަކަށް) ބަދަލުވެގެން އަންނާނެތެވެ! އަދި، އެންމެހައި މީސްތަކުންމެ (ކިޔަމަންތެރި ގޮތުގައި) ﷲގެ ޙަޟްރަތަށް އަންނަ ހުއްޓެވެ! އެކަލާނގެއީ، އެއްކައުވަންތަ، އެންމެހައި ބާރު ލިބިވޮޑިގެންވާ، މަތިވެރިކަމުގެ ވެރި، ރަސްކަލާނގެއެވެ! "

އިދާރާ

އެނގޭތަ؟

ވާހަކަ