އަދުގެ ޚާއްސަ

Print

ޚިދުމަތްތެރިޔާ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


(ކުރު ތަމުސީލެއް)

މުޙަންމަދު ޝާހިދު ޙަލީމު (2000)

ބައިވެރީން:

ޢަލީ (ރަށުގައި ނުފޫޒު ހުރި މީހެއް)
ފާތުމަ (ޢަލީގެ އަނބިމީހާ)
ސަކީނާ (ޢަލީއާއި ފާތުމަގެ ދަރިފުޅު)
ޙުސައިން މަނިކު (ޚިދުމަތްތެރިއެއް)
އިބްރާހީމް ފުޅު (ޚިދުމަތްތެރިއެއް)
ޝާންތީ (ބިދޭސީ ޑަކުޓަރެއް)

(ފަރުދާ ކެހެނީ)

(ރާއްޖެތެރޭގެ ރަށެއްގެ ގެއެއްގެ ގޭތެރެ. ގޭތެރޭގައި އެނދަކާއި މޭޒަކާއި ދެ ގޮނޑިއެއް ހުރި. ބޯވަޅުނާޅައި ހުރި ދިވެހިލިބާހެއް ލައި، ކަނޑިއްކެއް އަނދެގެން ހުރި، މެދުއުމުރުގެ އަންހެނަކު -ފާތުމަ- ގޭތެރޭގެ މަސައްކަތްތަކުގައި. މުންޑެއް އަނދެ، ޓީޝާޓެއްލައި، ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރި މެދު އުމުރުގެ ފިރިހެނަކު -ޢަލީ- ގޭތެރެއަށް ވަނުން.)

ފާތުމަ:     އަނހަ، ޢަލީ! ކޮންއިރަކު ލެފީ؟

ޢަލީ:     ހަމަ ދެންމެ.

(ޢަލީ މޭޒުމަތީގައި ދަބަސް ބެހެއްޓުން.)

ފާތުމަ:     ކޮބާ، އެ މަންޖެގެ ކަންތައް ހަމަޖެހުނުތަ؟

ޢަލީ:     ހަމަޖެހޭގޮތެއް ނުވި.

ފާތުމަ:     ކިހިނެއްވީ؟

ޢަލީ:     އެ ގެއަކު ހަމަ އެންމެ ތަންކޮޅެއް ވެސް ނެތް. އަހަރެން ވެސް މި ފަހަރު ނިދީ ފެންޑާމަތީގަ. ކުރިން، އަހަރެމެން ގޮސް ތިބޭ ކޮޓަރި ވެސް ހުރީ ކުއްޔަށް ދީފަ.

ފާތުމަ:     ދެން ކިހިނެއް ހަދާނީ؟

ޢަލީ:     ދެން ކިޔެވުން ހުއްޓާލާފަ، މީހަކާ އިނުން ނޫން ގޮތެއް ނެތެއްނު.

(އެ ވަގުތު ގެއަށް ވަންނަނީ ފަޓުލޫނަކާއި، ގަމީހެއް ލައިގެން ހުރި، ޒުވާން ފިރިހެނެއް. އެއީ ޙުސައިން މަނިކު.)

ޙުސައިން މަނިކު:    ކާކަށްތަ، ކިޔެވުން ހުއްޓާލާފަ މީހަކާ އިންނަން ޖެހިގެން ތި އުޅެނީ؟

ޢަލީ:     އަނހަ، ޙުސެން މަނިކުތޯ! ހާދަ ދުވަހެއް ކުރައްވާފައޭ، ތިޔަ ދުރުވީ. ކޮން ދަތުރެއްތޯ، އަނެއްކާ؟

ޙުސައިން މަނިކު:    މި އައީ ހަމަ ޢަލީމެނާ ބައްދަލުކޮށްލަން.

(ޙުސައިން މަނިކު، ޢަލީ އާއި ފާތުމައާ ސަލާންކުރުން. ފާތުމަ، އެ ތާ ހުރި ގޮނޑިއެއް ފޮހެލަމުން.)

ފާތުމަ:     އަނެއްކާ ކޮން ކަމެއް ޖެހުނީތޯ؟

(ޙުސައިން މަނިކު ގޮނޑީގައި އިށީނުން.)

ޙުސައިން މަނިކު:    މާ ބޮޑު ކަމެއް ޖެހުނީކީ ނޫން.

ފާތުމަ:     ބޮޑުކަމެއް ޖެހިނުލައްވަންޏާ މި ގެއަކަށް ނުދުރުވާނެ. ސެންޓަރުން ދުރުވި ފަހުން ވެސް މިހާރު ކިތަންމެ ފަހަރަކު މި ރަށަށް ދުރުވެއްޖެ. އެކަމަކު މި ގެއަކަށް ނުދުރުވޭ.

ޙުސައިން މަނިކު:    އެ ފަހަރު ފަހަރު ނާދެވެނީ މާ އަވަސް ދަތުރު ދަތުރު ވީމާ، އެ ވާހަކަ ދެން ހުއްޓާލާފަ ބުނެބަލަ! ކާކަށް ކިޔެވުން ހުއްޓާލާފަ މީހަކާ އިންނަން ޖެހުނު ވާހަކައެއްތަ؛ ތި ދައްކަނީ؟

ފާތުމަ:     މި ދައްކަނީ ސަކީނާގެ ވާހަކަ. މި އަހަރު ނިމުނީމަ އެ މަންޖެ މި ރަށު މަދަރުސާއިން ނިމޭނެ. ދެން މާލޭގަ ބައިންދައިގެން ނޫނީ އިތުރަށް ކިޔަވަދެވޭކަށް ނެތް. މާލޭގަ އަޅުގަނޑުމެނަށް އެ ކަހަލަ ކަމެއް ކޮށްދޭންހުރީ ހުވަނދުމާ އިބުރާހިން މަނިކު. އެކަމަކު އެ ގެއަކު ވެސް ބެއިންދޭ ގޮތެއް ނުވި. އެހެންވެ އެ ވާހަކަ މި ދެއްކެނީ.

ޙުސައިން މަނިކު:    ބަލަ! އަހަންނަކީ އެ ވަރު ކަމެއް ކޮށްދޭނެ މީހަކަށް ނުބެލީ ކީއް ވެގެން؟ އަހަރެން ތިކަން ހަމަޖައްސަދީފާނަން. އަހަރެން އޭނާގެ ކިޔެވުމާ ޙަވާލު.

ޢަލީ:     (ޙައިރާންވެފައި، އުފަލާއެކު.) ހަމަ ތެދެއްތޯ! ޙުސެން މަނިކު ތި ކޮށްދެއްވީ ހާދަ ބޮޑު ހެޔޮ ކަމެކޭ. އަޅުގަނޑުމެން ޙުސެން މަނިކަށް ޝުކުރުވެރިވާނެ ގޮތެއް ވެސް ނޭނގެ!

ޙުސައިން މަނިކު:    ތި ވާހަކަ ހުއްޓާލާ! (ދެން އިރުކޮޅަކު މަޑުކޮށްލައިފައި.) އަހަރެން މި ފަހަރު ބައްދަލުކޮށްލަން މި އައި އައުމުގަ އެހެން ކުޑަ ބޭނުމެއް ވެސް އެބައޮތް. (އަނެއްކާވެސް ކުޑަކޮށް މަޑުކޮށްލައިފައި، ފުރަތަމަ ފާތުމައަށް ދެން ޢަލީއަށް ބަލައިލައިފައި.) އަހަރެން ވެސް މި އުޅެނީ މި ފަހަރު މި އަތޮޅަށް ކުރިމަތިލައިގެން. ޢަލީމެނަށް ވެސް އެނގޭނެ؛ އެ ކަހަލަ ކަމަކަށް ހޮވަންވާނީ އަހަރެމެން ކަހަލަ އަތޮޅުގެ މީހުންގެ ހާލުއަހުވާލު ބަލާ އުޅޭ މީހުން. މި ކަމުގަ ޢަލީގެ އެހީ އަހަރެން ވަރަށް ބޭނުން. ޢަލީ ތިއީ މި ރަށުގެ އެންމެ ބަސްވިކޭ މީހާ.

ޢަލީ:     (ކުޑަކޮށް ވިސްނައިލައިފައި) ތި ވާހަކަ މިހާރު ތިން ހަތަރު މީހަކު އަޅުގަނޑު ގާތު--------

ފާތުމަ:     (ޢަލީގެ ވާހަކަ މެދުކަނޑައިލައިފައި) ކިތަންމެ ބަޔަކު ދެއްކިޔަސް ހެޔޮ. އަހަރެމެން މަސައްކަތް ކުރަންވާނީ ޙުސެން މަނިކު ހޮވަން.
ޢަލީ:     ތި ނޫން ވާހަކައެއް ނުބުނަމޭ. (ދެން ޙުސައިން މަނިކަށް) އަޅުގަނޑު ތި ކަމަށް ވަރަށް މަސައްކަތް ކުރާނަން.

ޙުސައިން މަނިކު:    ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން މި ވަގުތު ނުކުމެލާނަން. މި އަހަރު ނިމުނީމަ ސަކީނާ ފޮނުވާ އިނގޭ! އެއީ ހަމަ އަހަރެންގެ ވެސް ކުއްޖެއް!

(ޙުސައިން މަނިކު ނުކުތުން)

ޢަލީ:     ދެން އިބްރާހިން ފުޅާ ޙަސަން ދި އަށް ހަދާނީ ކިހިނެއް؟ އެ މީހުން މާ ކުރިން އޮތީ ބުނެފަ. އަނެއްކާ އެ މީހުންގެ އެހީތައް ވެސް އަންނަނީ ލިބެމުން. މިހާރު ވެސް މި ގެންދަނީ އެ މީހުނަށް މަސައްކަތް ކުރަމުން. އަނެއްކާ ތިން ވަނަ މީހަކަށް މަސައްކަތް ކުރާނީ ކިހިނެއް!

ފާތުމަ:     އެ ކަމާ ފިކުރުކުރާނެ ކަމެއް ނެތް. މީ ސަކީނައާ ގުޅޭ މައްސަލައެއް. އެހެންވީމަ ޙުސެން މަނިކަށް މަސައްކަތް ކުރަންވާނެ. އެހެން މީހުން ގާތު ވެސް ނޫނެކޭ ނުބުނާނީ. އެ މީހުން ދޭ ހަދިޔާއެއްގަ ހިފިޔަސް އެއީ އަދި ގޯހެއް ނޫން. އެއީ ހަދިޔާއެއް ވިއްޔަ!

ޢަލީ:     އެކަމަކު----------

ފާތުމަ:     ކޮން އެކަމަކު މިކަމަކުއެއް. ކޮންމެހެން ފުރަތަމަ ބުނާ މީހައަށް މަސައްކަތް ކޮށްދޭން ޖެހޭނެތަ؟

(އެ ހައި ތަނުން ފަޓުލޫނަކާއި ޓީޝާޓެއް ލައިގެން ހުރި މީހަކު – އިބްރާހީމް ފުޅު – ވަނުން.)
އިބްރާހީމް ފުޅު:    އައްސަލާމް ޢަލައިކުމް. ކޮބާ، ޢަލީ ޙާލު ކިހިނެއް؟

ޢަލީ:     ރަނގަޅު. ކޮން އިރަކުތޯ ދުރުވީ؟

އިބްރާހީމް ފުޅު:     ހަމަ ދެންމެ. (ދެން ގޮނޑީގައި އިށީނދެފައި) އެހެން ދެ މީހަކު ވެސް މިއަދު އައިސް އެބަ އުޅޭ ދޯ.

ޢަލީ: އެހެންތޯ؟     އަޅުގަނޑެއް ނުދެނަހުރިން.

އިބްރާހީމް ފުޅު:     އާނ، ސެންޓަރު ޙުސެން މަނިކާ، ވަޙީދާ އެބަ އުޅޭ. (ދެން ކުޑަކޮށް މަޑުކޮށްލައިފައި) ކޮބާ، ކަންތައް ކިހިނެއް؟

ޢަލީ:     ކަންތައް ރަނގަޅު. ވަރަށް ޔަޤީންކަން އެބަ އޮތް.

(ޖިންސަކާއި ޓީޝާޓަކާއި ލައިގެންހުރި، ބާރަ ތޭރަ އަހަރުގެ އަންހެން ކުއްޖަކު - ސަކީނާ -، ލޯމަތީގައި އަތް އަޅައިގެން އައިސް ވަނުން. އޭނާއަށް ރޮވިފައި)

ސަކީނާ:     މަންމާ! މަންމާ! މަގޭލޯ.

ފާތުމަ އާއި ޢަލީ:    (ކަންބޮޑުވެފައި) އަނެއްކާ ކިހިނެއްވީ؟

ސަކީނާ:     ކުއްޖެއްގެ އިނގިލި ވަނީ.

ޢަލީ:     (ސަކީނާގެ އަތް ލޯމަތިން ނަގަމުން) ދައްކަބަލަ!

ސަކީނާ:     އައްދޯތް! އައްދޯތް!

ޢަލީ:     ލޯހުޅުވަބަލަ!

ސަކީނާ:     ނުކެރެއޭ ހުޅުވާކަށް.

(ސަކީނާ ކުޑަކޮށް ލޯހުޅުވައިލައިފައި އަނެއްކާވެސް ލޮލުގައި އަތްއެޅުން.)

ޢަލީ:     ސުބްޙާނަﷲ. ތިހިރީ ހާދަވަރެކޭ ވެފަ. ހިނގާ ސެންޓަރަށް ދާން.

ފާތުމަ:     މި ގަޑީގަ ސެންޓަރަކު ޑަކުޓަރެއް ނީންނާނެ.

ޢަލީ:     އެހެންވިއްޔާ އޭނާ ހުންނަ ގެއަށް ދަމާ ހިނގާ.

(ސަކީނާ އުޅެނީ ހަމަ ތަދުވާތީ، ދެ ލޮލެއް ނުހުޅުވޭ.)

އިބްރާހީމް ފުޅު:     އެހެން ހަދާނެ ކަމެއް ނެތް، އަހަރެން އަންނާނަން ޑަކުޓަރު ގޮވައިގެން.

(އިބްރާހީމްފުޅު ޑަކުޓަރު ބަލާ ދިޔުން. ސަކީނާ ތަދުވާތީ އުޅުން. ޢަލީ އާއި ފާތުމަ ސަކީނާގެ ގާތުގައި. އަމިއްލަ ކުދި ކުދި ވާހަކަ. ޢަލީ އާއި ފާތުމަ ވީ ގޮތް އެހުން. ކުޅެން އުޅެނިކޮށް ކުއްޖެއްގެ އިނގިލި ހެރުނު ވާހަކަ.)

(އިބްރާހީމް ފުޅު ޑަކްޓަރު ޝާންތީ ގޮވައިގެން އައުން. ޝާންތީ ލައިގެން ހުރީ ޕާކިސްތާނު ހެދުމެއް. ޝާންތީ ސަކީނާގެ ލޯ ބަލައިފައި، ވީ ގޮތް އެހުން. ސަކީނާ ބުނެދިނުން. ޝާންތީ ބޭސް ލިޔެ ދިނުން.)

ޝާންތީ:     މީ އެ ހާ ބޮޑުކަން ނޫން. މި ބޭސް އަޅާ. ރަނގަޅުވޭ.

(ޝާންތީ ދިއުން. އިބްރާހީމް ފުޅު ޢަލީ އަތުން ބޭސް ސިޓީ އަތުލުން.)

އިބްރާހީމް ފުޅު:     އަންނާނަން ބޭސް ނަގައިގެން.

(އިބްރާހީމް ފުޅު ދިއުން. ޢަލީ މެން ސަކީނާގެ ހިތްހަމަޖައްސައި ދިނުން. އިބްރާހީމް ފުޅު ބޭސް ނަގައިގެން އައިސް ސަކީނާގެ ލޮލަށް ބޭސް އަޅައިދިނުން.)

އިބްރާހީމް ފުޅު:     މި ވަގުތު ދެން ނުކުމެލާނަން އިނގޭ.

ޢަލީ: ލައްބަ.     ވަރަށް ބޮޑަށް ޝުކުރިއްޔާ.

އިބްރާހީމް ފުޅު:     މިއީ އެ ހާ ވަރު ކަމެއް ނޫން. އަހަރެން މި އުޅެނީ ކަލޭމެންގެ ޚިދުމަތުގަ އަތުކުރި އޮޅާލައިގެން.

(އިބްރާހީމް ފުޅު ދިއުން. ސަކީނާ އެތެރެއަށް ވަނުން.)

ފާތުމަ:     (ޢަލީއަށް) ޙުސެން ފުޅު ވެސް އައިތަ؟

ޢަލީ:     އާނ.

ފާތުމަ:     އަހަރެން އަންނާނަން ޙުސެން ފުޅު ގެއަށް ގޮސްފަ.

(ފާތުމަ ނުކުތުން. ޢަލީ ދަތުރުވަރުބަލި ފިލުވައިލަން، އެ ތާ ހުރި އެނދުގައި އޮށޯވެލުން. ބޯދަށަށް، އުއްޑުން. ނިތްކުރިމަތީ އަތްބާއްވައިގެން، އެހެން އޮތްވައި ނިދުން.)

(އިރުކޮޅަކުން ސެންޓަރު ޙުސައިން މަނިކު ވަނުން. އަތުގައި ބޭސް ޓިއުބެއް އޮތް. ވަން ގޮތަށް ވަދެ ޢަލީގެ ލޯ ހުޅުވައިފައި ލޮލަށް ބޭސް އެޅުން.)
(ޢަލީއަށް ހޭލެވުން. ފުންމައިގެން ތެދުވުން. ދެ ލޮލުން ދިލަ ނަގާތީ ދެ ލޯ އުނގުޅުން. ލޯ އުނގުޅައިގެންފައި ރުޅި އައިސްގެން ތެދުވަމުން ޙުސައިން މަނިކު ގަންނަވައިލުން. ޙުސައިން މަނިކު އިނދަ ޖެހުން.)

ޢަލީ:     އޭ! އަހަރެންގެ ލޮލަށް ތި ކުރީ ކީއް؟ ކީއްވެގެން ތި އުޅެނީ!

ޙުސައިން މަނިކު:    (ތެދުވަމުން ދެރަވެފައި) ޢަލީގެ ލޮލަށް އެއްޗެއް ހެރިގެން އުޅޭ ވާހަކަ އިވުނީމާ ބޭހެއް އަޅާދިނީ.

ޢަލީ:     (ރުޅި މަޑެއް ނުވޭ. އޭރު ވެސް ދިލަނަގާތީ ދެ ލޯ އުނގުޅަނީ) ބަލަ ހޭކުޑަކޮށްލައިގެން ތި އުޅެނީ ކީއްވެގެން! އަހަރެންގެ ލޮލަށް ކަމެއް ވެގެނެއް ނޫޅެމޭ!

ޙުސައިންމަނިކު:     އެކަމަކު ފާތުމަ-----

ޢަލީ:     ކޮން ފާތުމަ އެއް! ލޯ ހަލާކުވީ ސަކީނާގެ އޭ! (އެ ހައި ތަނުން އަޑުފައްގަނޑު ގަދަވެގެން ސަކީނާ ނުކުތުން. އެ ވަގުތު ފާތުމަ ވެސް ގެއަށް ވަނުން. ޢަލީގެ ވާހަކަ ކުރިއަށް.) އޭނާގެ ލޮލަށް އެހެރީ ބޭސް އަޅާފަ! ކާކުތަ ބުނީ؛ އަހަރެންގެ ލޮލަށް ބޭސް އަޅާށޭ!

ޙުސައިން މަނިކު:    މީހަކު އެހެނެއް ނުބުނޭ. އަހަރެން ޙުސެން ފުޅު ގެއަށް ވަންނަން ދިޔަ އިރު ފާތުމަ ޙުސައިން ފުޅާ ދެއްކި ވާހަކަ އިވިފަ އަހަންނަށް ހީވީ ސަކީނާގެ އަތުގަ އޮތް އެއްޗެއް ޢަލީގެ ލޮލަށް ވަދެގެން އެބަ އުޅެއޭ ބުނިހެން. އެހެންވެ އެ ގެ އަށް ނުވެސް ވަދެ އަވަހަށް ބޭހެއް ހިފައިގެން އައީ.

ފާތުމަ:     އަޅުގަނޑު އެހެނެއް ނުބުނަން.

ޢަލީ:     އެކަމަކު ކަމަކާ އުޅުނަސް ތި ވަރު ވާކަށް ނުވާނެ! އަހަރެންގެ ލޯ ހަލާކުނުވާ ކަމެއް ވެސް ނޭނގެ!

ޙުސައިން މަނިކު:    ދައްކަބަލަ؛ ބަލާލަން!

ޢަލީ:     (ރުޅި މަޑެއް ނުވޭ) ބަލާނެ ކަމެއް ނެތް! ނޫޅެން ދައްކާކަށް!

(ޢަލީ ރުޅިއައިސްފައި. ޙުސައިން މަނިކު ދެރަވެފައި ހުރެގެން ބޭރަށް ހިނގައިގަތުން.)

ފާތުމަ:     (އަވަސް އަވަހަށް) ޙުސެން މަނިކާ އަދި ނުދުރުވޭ! (ދެން ޢަލީއަށް) ޢަލީ ރުޅިމަޑުކޮށްބަލަ! ޙުސެން މަނިކަށް އެ ކަން އެ ކުރެއްވުނީ އޮޅުމަކުން ނު. އަނެއްކާ ޙުސެން މަނިކު އެ އުޅުއްވީ ވެސް ރަނގަޅު ކަމެއް ކޮށްދެއްވާކަށްނު. އަނެއްކާ----

ޢަލީ:     (ފާތުމަގެ ވާހަކަ މެދުކަނޑައިލައިފައި) އާނ، ކިހާ ރަނގަޅު ކަމެއް! ދެ ލޯ ކަނު ނުވާނެ ކަމެއް ވެސް ނޭނގެންޏަ!
(ޙުސައިން މަނިކު މަޑުމަޑުން ނުކުތުން)

ފާތުމަ:     (ދެރަވެފައި) ޢަލީ ތި ކުރީ ކީއް! ދެން އެ މަންޖެ އަށް ހަދާނީ ކިހިނެއް!

ޢަލީ:     (ރުޅިއައިސްފައި) އަހަންނަށް ހެޔޮ؛ ކޮންމެ ގޮތެއް ހެދިޔަސް. އަދިވެސް ފާތުމައަށް ކަންބޮޑުވެގެން ތި އުޅެނީ އެ ކަމާ ދޯ! އަހަރެންގެ ދެ ލޯ ކަނުވިޔަސް ހެޔޮތަ؟

(ފަރުދާ ދެމެނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ