އަދުގެ ޚާއްސަ

Print

އަލްއިމާމު އިބްނު ތައިމިއްޔާ (10)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


 މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރެއިން....    

މާލިއްޔާ

ޢަބްދުﷲ ފާރޫޤް ޙަސަން


       
އިމާމު އިބްނު ތައިމިއްޔާ ސަރުކާރުގެ ވެރީންނަށް ހުއްދަދެއްވަނީ މާތްﷲގެ ފޮތާއި، ރަސޫލާގެ ސުންނަތުން ސާބިތުވާ ތަކެތި މާލިއްޔަތަށް ނެގުމަށެވެ. ޒަކާތާއި، ޣަނީމާ މުދަލާއި، ފައިއުމުދާ ނެގުމަށެވެ. އޭގެތެރެއިން ކޮންމެ އެއްޗަކާބެހޭ ގޮތުން ތަފްޞީލުކޮށްވަނީ ވާހަކަ ދައްކަވައިފައެވެ.
       
ޒަކާތުގެ ނިޞާބާއި ޒަކާތްވާޖިބުވާ އެއްޗެއްސާ ބެހޭގޮތަކުން އިމާމު އިބްނު ތައިމިއްޔާ ބަޙްޘެއް ނުކުރައްވައެވެ. ނަމަވެސް  ޒަކާތް ޙައްޤުވާ މީހުންނާ ބެހޭ ތަފްޞީލު ބަޔާންކުރައްވައެވެ. ސޫރަތުއްތައުބާގައި އެބައެއްގެ ވާހަކަ ބަޔާން ކުރައްވައިފައިވާ މީހުންނެވެ. ރިޒުޤުހޯދަން މަސައްކަތްކުރެވޭ ވަރަށް ހަށިގަނޑުގައި ވަރުހުންނަމީހުންނަށް ޒަކާތް ޙައްޤުވާނެކަމަކަށް ވިދާޅެއްނުވެއެވެ. ލަފާކުރެވޭގޮތުން އިމާމުގެ މަޤްޞަދަކީ ރިޒުޤުހޯދޭހައިވަރުހުރި އެކަމުގެ މަގުތައް ހުޅުވިފައިވާ މީހުން އަތްފައިހަލުވައިލުމެއްނެތި ތިބޭކަމުގައިވާނަމަ އެފަދަ މީހުންނަށް ޒަކާތުން ބައިލިބުން ހުއްދަ ނޫންކަމުގައި ވިދާޅުވުމެވެ.
        
ދަރަނިވެރީންނާބެހޭގޮތުން އިމާމު ވިދާޅުވަނީ އެމީހެއްގެ ދަރަނީގެ މިންވަރުން ޒަކާތުގެ އެހީން ދަރަނިއަދާކުރުން ހުއްދަކަމުގައެވެ. ނަމަވެސް ޝަރުޠަކީ އެމީހަކު ދަރަނިވެރިވީ ފާފަވެރި ޢަމަލެއްގެ ސަބަބުން ނުވަތަ ޢައްޔާޝީ ކަމަކަށްކުރި ހޭދައެއްގެ ސަބަބުންކަމުގައި ނުވުމެވެ. އެފަދަ ދަރަންޏެއް ޒަކާތުގެ އެހީގައި އަދާކުރުން ހުއްދަވާނީ ދަރަނިވެރިޔާ އެއުރެދުމަކުން ތައުބާވެ އެކަމެއް ހުއްޓައިލުމުންނެވެ. މާތްﷲ ގެ މަގުގައި ޖިހާދުކުރާ ފަގީރު މުޖާހިދުންގެ ކެއިންބުއިމާއި އެބައިމީހުންނަށް ބޭނުންވާ ހަތިޔާރުވެސް ޒަކާތުގެފައިސާއިން ހޯދިދާނެކަމަށާއި، މާތްﷲ ގެ މަގުގައި ހައްޖުވުމަށްވެސް ޒަކާތުގެ ފައިސާ ހޭދަކުރެވިދާނެކަމަށް އިމާމުވިދާޅުވެއެވެ.
       
ޣަނީމާއަށް އަރަބިބަހުން ކިޔަނީ އަންފާލެވެ. އިބްނު ތައިމިއްޔާ ޣަނީމާ މުދަލާބެހޭގޮތުން ބަޙްޘުކުރެއްވިއެވެ. އެންމެ ފުރަތަމަ ޝަރަހަކޮށްދެއްވަނީ ޣަނީމާމުދަލެވެ. އެއަށްފަހު ޣަނީމާ މުދަލާބެހޭގޮތުން އިރްޝާދުދެއްވައިފައިވާ އަންފާލު ސޫރަތުގެ އާޔަތްތަކަށް ޙަވާލާދެއްވައެވެ. ޣަނީމާ މުދާ ހޭދަކުރެވޭނެ ގޮތާބެހޭގޮތުން ކީރިތި ޤުރްއާނުގައި ދެއްވައިފައިވާ އިރުޝާދުތައް ބަޔާންކުރައްވައެވެ. ނަމަވެސް ޣަނީމާގެ ފަސްބައިކުޅަ އެއްބަޔަށް ނެގޭތަކެތީގެ ބެހެނިވެރިން ކަމުގައި އަންގަވައިފައިވާ މީހުންނަށް ބައިލިބޭނެ ވަރެއް ވިދާޅުވެއެއް ނުދެއްވައެވެ. އެއެންމެންނަށް ދޭންވާނީ އެއްވަރަކަށް ކަމެއް ނުވަތަ އެކިމީހުންނަށް އެކިވަރަށް އުނި އިތުރުކުރެވިދާނެ ކަމަކަށްވެސް ވިދާޅެއްނުވެއެވެ.
       
ޣަނީމާ މުދަލުގެ ފަސްބައިކުޅަ އެއްބައި އިސްލާމީ ދައުލަތަށް ނެގުމަށްފަހު ބާކީ އޮންނަ ހަތަރުބަޔާ ބެހޭގޮތުން އިމާމުވެސް ވިދާޅުވަނީ އެހަތަރުބައި ލަޝްކަރުގެމެދުގައި ބަހައިލުމަށެވެ. އިމާމު ބާރުއަޅުއްވަނީ ޖިހާދުގައި ބައިވެރިވި އެންމެންމަށްނިސްބަތުން އެއްވަރަކަށް ބައިދިނުމަށެވެ. ސީދާ ހަނގުރާމައިގައި ބައިވެރިވިޔަސް ލަޝްކަރަށް އަތްގާތްކޮށްދީ އެހީތެރިވިކަމުގައިވިޔަސް ވެހެއެވެ. ނަސަބުން އަރައިހުރުމުގެ ސަބަބުން ނުވަތަ މާތްމީހަކަށްވުމުގެ ސަބަބުން ޣަނީމާއިން ގިނައިން ދިނުމަކީ އިމާމު އިބްނު ތައިމިއްޔާ ވަރަށް ބޮޑަށް ދެކޮޅުހައްދަވާކަމެކެވެ. އެކަމުގެ ދަލީލަކަށް އިމާމު ބަޔާންކުރައްވަނީ ރިސާލަތުގެ ދައުރުގެ ޙާދިޘާއެކެވެ. އެއްފަހަރަކު ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހު މަތީދަރަޖައިގެ މީހަކަށް އާދައިގެ މީހެއްގެ މައްޗަށް އިސްކަންދެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމާވިދިގެން ޙަދީޘުކުރެއްވިއެވެ. "ރަނގަޅަށް ހަނދާންކުރާށެވެ. ތިޔަބައިމީހުންނަށް ރިޒުޤުދެއްވަނީ ތިޔަބައިމީހުންގެ ނިކަމެތީންނާއި ދަތިޙާލުގައި ތިބޭމީހުންގެ ސަބަބުންނެވެ. ތިޔަބައިމީހުންނަށް މަދަދުދެއްވަނީވެސް އެބައިމީހުންނަށްޓަކައެވެ."
       
ޝައްކެއްނެތެވެ. މުޖާހިދެއްގެ އާދަޔާ ޚިލާފު ޚިދުމަތެއްގެ ސަބަބުން ނުވަތަ ފާހަގަކޮށްލެވޭފަދަ ހިތްވަރުގަދަ ޢަމަލެއްގެ ސަބަބުން އެމީހަކަށް އިނާމެއް ދިނުމުގެ އިޚްތިޔާރު ސިފައިންގެވެރިޔާއަށް ދެއްވައެވެ. ސިފައިންގެވެރީންނަށް ލިބިފައިވާ އިޚްތިޔާރުގެމަތީން އިނާމުގެގޮތުން ދެވޭނެ މިންވަރާއި އެކަމުގެ އުސޫލުތައްވެސް އޮޅުން ފިލުއްވައިދެއްވިއެވެ. އިނާމުދިނުމުގައިވެސް ސިފައިންގެ ވެރިޔާގެ އަމިއްލަ ރުހުމަށްވުރެބޮޑަށް ޝަރުޢީ މަސްލަހަތެއް އޮތުމުގެ މައްޗަށް ބާރުއެޅުއްވިއެވެ.
       
އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ފައިމަތީގައި ހަނގުރާމަކުރާމީހަކަށް ޣަނީމާ މުދަލުންލިބޭނީ އެއްބައެވެ. ސަވާރަކަށް ތިންބައެވެ. ސަވާރުންނަށް ދެބައިދިނުމުގެ މައްޗަށް ވާހަކަދައްކަވާ ފިޤުހުވެރީންގެ ޚިޔާލުފުޅަކާ އިބްނު ތައިމިއްޔާ އެއްބަސްވެވަޑައެއް ނުގަންނަވައެވެ. އެމައްސަލާގައި އިބްނު ތައިމިއްޔާ ޢަޤްލީ ދަލީލާއި ނަޤްލީ ދަލީލު ދައްކަވައެވެ. ނަޤުލީ ދަލީލަކީ ކައުޞާޙިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޚައިބަރު ފަތަޙަކުރެއްވުމަށްފަހު ސަވާރަކަށް ތިންބައި ދެއްވައިގެން ޣަނީމާ ބެއްސެވުމެވެ. ޢަޤްލީ ދަލީލަކަށް ދައްކަވަނީ ސަވާރުންނަށް އޭނާގެ އަމިއްލަ ނަފުސުގެ އިތުރަށް ސަވާރީއަށް ޚިދްމަތްކޮށް ބަލަހައްޓާ މީހާއަށްވެސް ޚަރަދުކުރާންޖެހުމާއި ހަނގުރާމައިގައި ދެމީހެއްގެ ފަރާތުން ލިބޭ ފައިދާއަށްވުރެ އަހެއްގެ ފަރާތުން ލިބޭ އެހީތެރިކަމާއި ވާގިވެރިކަން ބޮޑުކަމެވެ.
       
އިމާމު އިބްނު ތައިމިއްޔާ ފައިއުގެ ލުޣަވީމާނައާއި ފައިއު މުދަލަށް އެނަންދެވުން ގޮތާމެދުވެސް ވާހަކަދައްކަވައެވެ. އިމާމު ވިދާޅުވާގޮތުގައި ފައިއުގެ މާނައަކީ އަނބުރައިލުމެވެ. ފައިއު މުދަލަކީ އަރަހުށި މާތްﷲ ކާފިރުންގެ އަތުން މުސްލިމުންނަށް އަނބުރާ އަތުލައްވައިދެއްވާ މުދަލެވެ. އިމާމު ވިދާޅުވާގޮތުގައި އަރަހުށި މާތްﷲ ރަންރިއްސާއި މުދާ އުފެއްދެވީ އެކަލާނގެ އަޅުތަކުންނަށް އެހީތެރިވެވޮޑިގަތުމަށްޓަކައެވެ. އިންސާނުންނަކީ އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރަން އުފައްދަވައިފައިވާ ބަޔަކަށްވާތީއެވެ. ކާފަރުން ﷲ ގެ ރަސްކަންފުޅަކަށް އަޅުކަމެއް ނުކުރެއެވެ. މާތްﷲ އަށް އަޅުކަންކުރާ އެކަލާނގެ މުއުމިން އަޅުންގެ މައްޗަކަށް މުދާ ޚަރަދެއްވެސް ނުކުރެއެވެ. އެހންކަމުން އަރަހުށި މާތްﷲ ކާފަރުންގެ މުދާ މުއުމިނުންގެ މައްޗަށް އަނބުރައިލައްވަނީއެވެ. އިސްޠިލާޙުގެގޮތުން ބަލާއިރު ފައިއު މުދަލަކީ ހަނގުރާމަ ކުރުމަކާނުލައި ކާފަރުންގެފަރާތުން މުސްލިމުންނަށް ލިބޭމުދަލެވެ.
       
ޖިޒީއާއި، ސުލްޙަވުމުގެ ބަދަލުގައި ލިބޭފައިސާއާއި، ޣައިރު މުސްލިމު ސަރުކާރުތަކުން ލިބޭހަދިޔާއާއި، ހަރުބީ ވިޔަފާރިވެރީންނާއި ޒިންމީ ވިޔަފާރިވެރީންގެ އަތުންނެގޭ ވިޔަފާރީގެ ޓެކްސްވެސް އިބްނު ތައިމިއްޔާ ހިމަނުއްވަނީ ފައިއު މުދަލުގެ ތެރޭގައެވެ. މީގެއިތުރަށް އަޙުދު އުވައިލުމުގެ ސަބަބުން ކާފަރުންގެ އަތުން އަތުލެވޭ ޖޫރިމަނާއާއި، ވާރިޘަކުނެތް މީހުންގެ މުދަލަކީވެސް ފައިއު މުދަލުގެ ބާވަތްތަކުގެތެރޭގައި އިމާމު ހިމަނުއްވާ ބާވަތްތަކެވެ.
       
އިމާމު އިބްނު ތައިމިއްޔާ މަޝްވަރާ ދެއްވަނީ ފައިއު މުދާ އުންމަތުގެ މަޞްލަޙަތުތަކަށްޓަކައި ޚަރަދު ކުރުމަށެވެ. ނަމަވެސް މަޞާލިހުތަކަށްޓަކައި ކުރެވޭ ޚަރަދުތައް އެންމެ މުހިންމު ޖަމާޢަތުން ފެށުމަށް އަންގަވައެވެ. އެންމެ މުހިންމު ޖަމާއަތެއްކަމުގައި ވިދާޅުވަނީ އިސްލާމީ ލަޝްކަރެވެ. އެހެންމީހުންނަށްވުރެ ފައިއު މުދަލަށް އިސްލާމީ ލަޝްކަރު ޙައްޤުކަންބޮޑެވެ. ސަބަބަކީ ޣަނީމާ މުދާވެސް ފައިއު މުދާވެސް ލިބެނީ އިސްލާމީ ލަޝްކަރުގެ ސަބަބުންނެވެ. ލަޝްކަރަށްފަހު ދައުލަތުގެ ޢާމިލުންނާއި، ފަނޑިޔާރުންނާއި، ޢިލްމުވެރީންނާއި، ޒަކާތްނެގުމާ ޙަވާލުވެތިބޭ މީހުންނާއި، މިސްކިތްތަކުގެ އިމާމުންނާއި މިސްކިތްތަކުގައި ބަންގިގޮވާމީހުންނާއި، އަދިވެސް ފައިއު މުދަލުގެ ހައްޤުވެރީންގެ އެތައްބަޔަކުވެއެވެ. މީގެއިތުރަށް އުންމަތުގެ އާންމު މަސްލަހަތަށްވެސް ފައިއު މުދާ ހޭދަކުރެވޭނެ ކަމަށް އިމާމުވިދާޅުވެއެވެ. މިސާލަކަށް ހަނގުރާމައިގެ ހަތިޔާރު ގަތުމަށާއި ސަރަހައްދީ ތަންތާނގައި ކިއްލާތައް ބިނާކުރުމަށާއި، ފާލަން އެޅުމަށާއި، މަގު ހެދުމަށާއި، ކޯރުތައް ކޮނުމަށާއި، މިނޫންވެސް މިފަދަކަންކަމަށެވެ. އާއްމު މުސްލިމުންގެ ތެރެއިން ފައިއު މުދާބެހުމުގައި އެންމެ އިސްކަންދޭންވާނީ މިސްކީނުންނަށް ކަމަށްވެސް އިމާމު ވިދާޅުވެއެވެ.
       
މުސްލިމުންނާމެދު ޣައިރުމުސްލިމުންގެ ހިތްހެޔޮކުރުވުމަށާއި އައުމުސްލިމުންނަށް އެހީވުމަށް ފައިއު މުދަލުން ހޭދަކުރެވިދާނެކަމަށް އިބްނު ތައިމިއްޔާ ވިދާޅުވެއެވެ. އިމާމު ވިދާޅުވާގޮތުގައި އެއީ ހަމައެކަނި ހުއްދަކަމަކީއެއް ނޫނެވެ. ބޭނުންތެރިވެސް ކަމެކެވެ. އެއީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެއް ކަމަށްވެސް އިމާމު ވިދާޅުވެއެވެ. މިދެންނެވިފަދަ މީހުންގެ ހިތްހެޔޮ ކުރުވުމަށްޓަކައި، އިތުރު ސާހިބާ ޞަލަﷲ ޢަލައިހި ވަސައްލަމަ ފައިއު މުދަލުން އެހީ ދެއްވުމުގެ އެތައް މިސާލެއް ފެންނާން އެބަހުއްޓެވެ. އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ޣައިރު މުސްލިމުންނަށް ފައިއު މުދަލުން އެހީވުމުގެ މަޤްޞަދަކަށް ވާންޖެހޭނީ އެބައިމީހުންގެ ހަރުކަށިކަން ކުޑަކުރުވުމާއި، އެބައިމީހުންގެ ނުރައްކަލުން މުސްލިމުން ރައްކާތެރިކުރުމެވެ. އެކަންކުރާނީ އެހެން އެއްވެސް ގޮތެއް ނެތިއްޖެ ހާލެއްގައެވެ. އިމާމު ޞަރީޙު ބަސްފުޅުން ވިދާޅުވާގޮތުގައި ހިތްހެޔޮކުރުވުމުގެ ގޮތުން މިގޮތަށްދެވޭ ފައިސާއާއި ރަސްރަސްކަލުންނާއި ރައީސުންގެ ކިބައިން ތާރީފާއި ރީތިނަންހޯދުމަށް ޙައްޤުވެރިން ޙައްޤުން މަހްރޫމު ކުރުމަށްފަހު ޙައްޤުނޫން ގޮތުގައި ދޭފައިސާ އާދެމެދުހުރީ ހަމައެކަނި ނިޔަތުގެ ތަފާތެވެ. އެހެންކަމުން އިމާމު، ވަލިއްޔުލް އަމްރުންނަށް އަންގަވަނީ މީހުންގެ ހިތްހެޔޮ ކުރުވުމަށްޓަކައި ޚަރަދު ކުރެއްވުމުގެ ހަމައެކަނި މަޤްޞަދަކަށް ވާންޖެހޭނީ ދީނުގެ ކޮންމެވެސް މަސްލަޙަތެއްކަމެވެ.

ޝޫރާ

       
އިމާމު އިބްނު ތައިމިއްޔާ ވަލިއްޔުލް އަމްރާއި ދައުލަތުގެ ބޮޑުންގެ އަރިހުން އެދިވަޑައިގަންނަވަނީ އަބަދުވެސް ފޮތާއި ސުންނަތުގެ އަލީގައި މަސައްކަތްޕުޅު ކުރެއްވުމަށެވެ. ނަމަވެސް މައްސަލައަކާމެދު އިލާހީ އަމުރުފުޅަކީ ނުވަތަ ނަބަވީ އިރްޝާދަކީ ކޮބައިކަން އެނގިވަޑައިނުގެންފިނަމަ ނުވަތަ ވަކި ޚާއްޞަ އަމުރުފުޅަކަށް އަމަލީ ސިފަ ގެންނަވާނެގޮތް އޮޅުންފިލައިވަޑައި ނުގެންފިނަމަ ވަލިއްޔުލް އަމްރާއި ދައުލަތުގެ އާމިލުންގެ ވާޖިބަކަށްވާނީ ދީނީ ޢިލްމުވެރީންނާ މަޝްވާކުރެއްވުމެވެ. މަޝްވަރާ ކުރުމާބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަހީކުރައްވައިފައިވާ އާޔަތްތަކާއި ނަބަވީ ހަދީޘުފުޅުތަކަށް އިމާމު ޙަވާލާ ދެއްވައެވެ. ފޮތާއި ސުންނަތުން ހުކުމް އެނގޭން ނެތް މައްސަލަތަކާމެދުވެސް އިލްމުވެރީންނާ މަޝްވާރާ ކުރައްވަން އިމާމު އަންގަވައެވެ. ފޮތާއި ސުންނަތާއި، އުންމަތުގެ އިޖްމާޢު ދެނެވަޑައިގަންނަވާ ބޭކަލުންނާއެވެ. ދީނީގޮތުން ނުވަތަ ދުނިޔަވީގޮތުން ކިތަންމެމަތީ ދަރަޖައެއްގެ ބައެއްކަމުގައިވިޔަސް އެނޫންބަޔަކާ މަޝްވަރާ ކުރައްވައިގެން ނުވާނެކަމަށް އިމާމު ވިދާޅުވެއެވެ. މައްސަލައަކާމެދު ދީނީ ޢިލްމުވެރީންގެ ޚިޔާލުފުޅު ތަފާތުވެއްޖެނަމަ އަމަލުކުރައްވަން އިމާމުއަންގަވަނީ ހުރިހާ ރައުޔުތަކެއް ފުރިހަމައަށް އަޑުއެއްސެވުމަށްފަހު ފޮތާއި ސުންނަތާ އެންމެ ކައިރިކަމަށް އެމަޝްވަރާ ކުރައްވާ ވެރިޔެއްގެ ޚިޔާލުފުޅަށް ފެނިވަޑައިގެންނެވި ގޮތަށެވެ.

        އަރަހުރި މާތްﷲ މުސްލިމުންގެ މިމަތިވެރި މުފައްކިރަށް ރަޙްމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ