އަދުގެ ޚާއްސަ

Print

އޫރު ރޯގާއާ ބެހޭ ބައެއް ސުއާލާއި ޖަވާބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސައިންސް


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


އޫރު ރޯގާ އަކީ ކޮބާ؟

އޫރު ރޯގާއަކީ، އޫރުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. އޫރުތަކަކަށް މި ބަލި ޖެހުމުން، އެތަކެތީގެ ބަލި ޙާލު ވަރަށް ބޮޑުވެއެވެ. ނަމަވެސް ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ މަރެއް ނުވެއެވެ. ޢާއްމު ގޮތެއްގައި މި ބަލި ފެތުރެނީ ޚަރީފު މޫސުމާއި ފިނި މޫސުމުގައެވެ. ނަމަވެސް، އެ ދެ މޫސުމް ނޫން ދުވަސްތަކެއްގައި ވެސް މި ބަލި ފެތުރުމަކީ ވެދާނެ ކަމެކެވެ.

އޫރު ރޯގާގެ އެތައް ވައްތަރެއް ވެއެވެ. އިންސާނުންނަށް ޖެހޭ ރޯގާގެ ވައިރަހެކޭ އެއްފަދައިން، އޫރު ރޯގާގެ ވައިރަހަކީ ވެސް ދާއިމީ ގޮތެއްގައި އޭގެ ޖެނެޓިކް ޗާޓު ބަދަލުކުރަމުން ގެންދާ އެއްޗެކެވެ.



 

އިންސާނުންނަށް އޫރު ރޯގާ ޖެހިދާނެތަ؟

އޫރު ރޯގާއަކީ، ޢާއްމު ގޮތެއްގައި އިންސާނުންނަށް ޖެހޭ ބައްޔެއް ނޫނެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި އެ ރޯގާ އިންސާނުންނަށް ޖެހިދާނެއެވެ. ޚާއްޞަކޮށް، ކާރިން އޫރާ މުޢާމަލާތްކުރާ މީހުންނަށެވެ. އިންސާނުންނަށް އެ ރޯގާ ޖެހުމަށްފަހު، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަމުންދާކަން ކަށަވަރުވެފައި ވެއެވެ.

އިންސާނުންނަށް ޖެހޭ އާދައިގެ ރޯގާ ފަދައިން ކެއްސުމާއި ކިނބިހި އެޅުމުގެ ޒަރީއާއިން އޫރު ރޯގާ ވެސް ފެތުރެއެވެ. (ކެއްސާއިރުގައްޔާއި ކިނބިހި އަޅާއިރު، ރުމާލަކުން ނުވަތަ ޓިޝޫއަކުން އަނގަމައްޗާއި ނޭފަތް ނިވާކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.)

މިހާރު ފެތުރިގެން މިއުޅެނީ، އޫރު ރޯގާގެ އާ ވައްތަރެއްތަ؟

ޑަބުލިއު އެޗް އޯ އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އޫރު ރޯގާ ޖެހިފައިވާ ބައެއް މީހުންނަށް ބަލިޖައްސާފައިވަނީ، ކުރިން އެނގިފައިވާ އޫރު ރޯގާގެ ވައިރަހުގެ ނަކަލެއް ނޫނެވެ.

ޢާއްމު ގޮތެއްގައި އިންސާނުންނަށް ރޯގާ ޖައްސަނީ، H1N1 ގެ ނަމުން ނަންދެވިފައިވާ ވައްތަރުގެ ވައިރަހެވެ. ނަމަވެސް، މިހާރު އޫރު ރޯގާ ޖައްސައިގެން މިއުޅޭ ވައިރަހުގެ ނަކަލަކީ، އިންސާނުންނާއި ދޫންޏާއި އޫރަށް ރޯގާ ޖައްސާ ވައިރަހުގެ ޖީންތައް އެކުވެފައިވާ ނަކަލެކެވެ.

ރޯގާ ޖައްސާ ވައިރަސްތަކަކީ، އޭގައިވާ ޖީންތައް އެއް ވައްތަރުގެ ވައިރަހުން އަނެއް ވައްތަރުގެ ވައިރަހަށް ފޮނުވުމުގެ ޤާބިލިއްޔަތު ލިބިފައިވާ އެއްޗެކެވެ. ލަފާކުރެވޭ ގޮތުގައި، އަލަށް މި އުފެދުނު ނަކަލު އުފެދިފައިވަނީ، ރޯގާގެ އެތައް ވައްތަރެއްގެ ވައިރަސް އެކައްޗަށް ޖެހުމުން އޭގެ ކިބައިންނެވެ.

އޫރު ރޯގާގެ ނުރައްކާތެރިކަމުގެ މިންވަރަކީ ކޮބާ؟

އޫރު ރޯގާ ޖެހުމުން ފެންނަ އަލާމާތްތަކަކީ، އިންސާނުންނަށް ޖެހޭ އާދައިގެ ރޯގާގެ އަލާމާތްތަކެވެ. އޭގެތެރޭގައި ހުންއައުމާއި ކެއްސުމާއި ކަރުތެރެއަށާއި ހުޅުތަކަށް ތަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދުނިޔޭގެ ޤައުމުތަކުން ފެނިފައިވާ އޫރު ރޯގާ ޖެހިފައިވާ ގިނަ މީހުންގެ ޙާލަތު ފެންނަނީ އާދައިގެ ގޮތަކަށެވެ. މިއިން އިސްތިސްނާ ވެފައިވަނީ މެކްސިކޯ އެވެ. އެ ޤައުމުގައި އޫރު ރޯގާ ޖެހުނު އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އޫރު ރޯގާ ފެތުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ގައިންގަޔަށް އަރާ ބައްޔެއް ޖައްސާ ވައިރަހެއް މިޒަމާނުގައި ހަމަ ފާޅުވުމާއެކު، އެއަށް ފާރަލައި ބެލުމަކީ ކުރާ ކަމެކެވެ. މިކަން މިހެންކުރަނީ، އެވައިރަހުގެ ސަބަބުން ބޮޑު ވަބާއެއް ފެތުރިދާނެކަމުގެ ބިރު އޮންނާތީއެވެ.

މެކްސިކޯ އާއި އެމެރިކާގައި އޫރު ރޯގާ ޖެހުނު މީހުންގެ ސަބަބުން، މުޅި ދުނިޔެއަށް އެ ނުރައްކާތެރި ވަބާ ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު، ޑަބުލިއު އެޗް އޯ އިންވަނީ ދީފައެވެ. އެ ފަރާތުން ބުނާ ގޮތުގައި، ބަލި ފެތުރެމުން ދާގޮތާއި ޙާލަތު ވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ.

ނަމަވެސް އޫރު ރޯގާ ފެތުރެމުންދާ ގޮތް، ބަލައި ވަކި ގޮތެއް ކަނޑައެޅުމަށް އަދި މާ އަވަސް ކަމަށް ޑަބުލިއު އެޗް އޯ އިން އިޝާރަތްކުރެއެވެ.

އޫރު ރޯގާ ފަދަ ވަބާއެއް ފެތުރުމުން ނުކުންނާނެ ހިތި ނަތީޖާ ބަޔާންކުރާކަށް ނޭގެއެވެ. ނަމަވެސް، ކަމާބެހޭ މާހިރުން ބުނާ ގޮތުގައި އޫރު ރޯގާ ފެތުރިއްޖެނަމަ، ދުނިޔޭގެ އާބާދީން އެތައް މިލިޔަން މީހުން މަރުވާނެއެވެ.

1918 ވަނަ އަހަރު، ސްޕެއިންގައި ފެތުރުނު ރޯގާއަކީ، H1N1 ގެ ވައިރަހަކުން ފެތުރުނު ރޯގާއެކެވެ. އެ ރޯގާ ޖެހިގެން އެތައް މިލިޔަން މީހުން މަރުވެފައި ވެއެވެ.

މެކްސިކޯއިން ފެނުނު އޫރު ރޯގާ ޖެހުނު މީހުންނާ ޚިލާފަށް، އެމެރިކާއިން ފެނުނު، އޫރު ރޯގާގެ ޙާލަތްތަކުގެ ނުރައްކާތެރިކަން ކުޑައެވެ. މިކަމަކީ، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. މެކްސިކޯގައި އޫރު ރޯގާ ޖެހުނު މީހުންގެ ޙާލަތު ނުރައްކާތެރިވެގެން ދިޔައީ، ޖޯގުރަފީ ގޮތުން ކުރިމަތިވި ސަބަބުތަކަކާ ހެދި ކަމަށް ލަފާކުރެވެއެވެ. ނުވަތަ، އޫރު ރޯގާގެ ވައިރަހާއެކު ބަލި މީހުންނަށް ޖެހުނު އެހެން ވައިރަހެއްގެ ސަބުން ކަމަށް ވެސް ބެލެވެއެވެ.

މެކްސިކޯގައި އޫރު ރޯގާ ޖެހުނު މީހުން ފަރުވާ ހޯދާފައިވަނީ، ބަލި ޙާލަތު މާ ބޮޑުވި ފަހުންނެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ވަނީ، ބަލި ޖެހުމާއެކު ފަރުވާ ދެވިފައެވެ. މިއީ ވެސް މިކަމުގައި، މެކްސިކޯއާ އެހެން ޤައުތަކާ ދެމެދުގައި ހުރި ތަފާތެކެވެ.

އޫރު ރޯގާ ކޮންޓްރޯލް ކުރެވިދާނެތަ؟

މިހާރުވަނީ، އޫރު ރޯގާ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރެން ފަށާފައެވެ. ކަމާބެހޭ ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި، އެ ރޯގާ ކޮންޓްރޯލް ކުރުން މިހާރު ވާނީ، ދަތި އުނދަގޫ ކަމަކަށެވެ. އެހެނީ، މިހާރު ދުނިޔޭގެ ވަށައިގެން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަތުރުފަތުރު ކުރެއެވެ. (އެމީހުންނާއެކު ދުނިޔޭގެ ކަންކޮޅުތަކަށް ބަލި ފެތުރެމުން ދާނެއެވެ.)

އޫރު ރޯގާއަށް ފަރުވާދޭ ބޭހަކީ ކޮބާ؟

އެމެރިކާގެ ކަމާ ބެހޭ ފަރާތަކުން ބުނާ ގޮތުގައި، ރޯގާއަށް ފަރުވާދޭ ދެ ބޭހެއް ވެއެވެ. އެއީ، ޓެމީފްލޫ އާއި ރެލެންޒާ އެވެ. މި ދެ ބޭހުން، އޫރު ރޯގާއަށް ފަރުވާ ލިއްބައިދޭކަން މިހާރު ވަނީ އެނގިފައެވެ.

އަދި މި ދެ ބޭހަކީ، އޫރު ރޯގާ ގައިން ގަޔަށް އެރުމުގެ މިންވަރު ކުޑަކޮށްދޭ އެއްޗެއް ކަން ވެސް ވަނީ އެނގިފައެވެ.

މަޞްދަރު: ބީބީސީ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ