އަދުގެ ޚާއްސަ

Print

ހިނގާރާއި ކާކިބާ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙަންމަދު ޝާހިދު ޙަލީމް (2001)

ރޯދަމަހަކީ ވެސް އަޖައިބެއް ކަހަލަ މަހެކެވެ. އެހެން މަސްމަހު ކައިބޮއި ހަދާ ގިނަ ވަގުތުގައި، ރޯދަމަހު މި ތިބެނީ ނުކައެވެ. އަނެއްކޮޅުން ރޯދަމަހު ކައިބޮއި ހަދާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި، ބައެއް މީހުން، އެހެން މަސްމަހު ކައިބޮއި ހަދާ ވަރަށް ވުރެން ގިނައިން ކައިބޮއި ހަދައެވެ. އަދި އެހެން މަސްމަހު ކެއިންބުއިމަށް ޚަރަދުކުރާ ވަރަށް ވުރެން ބޮޑަށް ޚަރަދުކުރެއެވެ. ރޯދަމަސް ވެފައި މި އޮންނަނީ، ދުވާލު ނުކައި ހައިބަނޑަށް ތިބުމުގެ މަހަކަށް ވާ ފަދައިން، ރޭގަނޑު ތަފާތު ވައްތަރުގެ ކެއިންބުއިންތަކުން ބަނޑު ފުރައިލާ މަހަކަށެވެ.
ރޯދަމަހަކީ ތަރާވީހުގެ ވެސް މަހެވެ. އާދެ، ތަރާވީސް ކުރުމާއި، ތަރާވީސް ކެއުމާއި، ތަރާވީސް ބުއިމުގެ ވެސް މަހެވެ. އެކި މީހުން ތަރާވީހުގައި އެކި މިންވަރަށް ރަކުޢަތްކުރާ ފަދައިން، އެކި މީހުން ތަރާވީހުގައި އެއްޗެހި ކައިބޮއި ހަދަނީ ވެސް އެކި މިންވަރަށެވެ. އެކި މިސްކިތްމިސްކިތުގައި ތަރާވީހުގައި ކިޔަވާ ސޫރަތް ތަފާތުވާ ފަދައިން، އެކި ގޭގޭގައި ތަރާވީހުގައި ކާ، ނުވަތަ ބޯ ތަކެތި ވެސް ތަފާތު ވެއެވެ. ސޫރަތްތަކުގެ ކުރު ދިގުމިން ތަފާތުވާ ގޮތަށް، ކާބޯތަކެތީގެ ގިނަ މަދު މިން ވެސް ތަފާތު ވެއެވެ.
ކޮންމެއަކަސް ދަންނަވާން މި އުޅެނީ އަދި އެ ވާހަކައެއް ނޫނެވެ. އެހެން ވާހަކައެކެވެ. ދަންބެރު ނޫނަކަސް ތަގުޑި ވެސް އޮންނާނެ ނޫންތޯއެވެ. މިއީ އެ ހެން ވީ ކަމެކެވެ. އެކަމަކު ދެން  ތަގުޑި ދިގުނުކޮށް ދަންބެރަށް ފެށޭތޯ ބަލާނަމެވެ.

ރޯދަމަހުގެ އެއް ރެއަކު ގެއަކަށް ޒިޔާރަތްކޮށްލީމެވެ. ހާރުދަމާ ވަރަށް ކައިރިވެފައި ހުއްޓައެވެ. ގެއަކީ ވަރަށް ހަވާސާ ގެއެކެވެ. ފުރަތަމަ ވެސް މަޑުކޮށްލީ ކާމޭޒު ދޮށުގައެވެ. އޭރު ވެސް ކާމޭޒުމައްޗަކަށް އަދި ތަރާވީސްދަމެއް ނުނިމެއެވެ. މޭޒުމަތި ފަޅުފިލައިފައި ވަނީ ހެދިކާގެ ބާވަތްތަކުންނެވެ. ފޮނި އެއްޗެހި ކެއުން މަދު ކުރާން ގަސްތުކޮށްގެން އުޅުނު ނަމަވެސް ލޯ "ޠަވާފުކުރަމުން ދިޔައީ" ފޮނި ހެދިކާތަކާއި ފޮނި ބުއިންތަކުގެ ވަށައިގެންނެވެ. ރޯދަމަސް ނޫން އެހެން މަސްމަހު ނުވަގަޑީގައި ދެކުޅީން ފުއްދައިލެވުނަސް، ރޯދަމަހު ތަރާވީހުދަމު ފޮނީގައި ބީހިނުލައެއް ފުއްދައެއް ނުލެވެއެވެ.

އެންމެ ފުރަތަމަ ވެސް ގާތަށް ދަމައިލެވުނީ ކިރުކެޔޮ ތަށްޓެކެވެ. ކާބޯއެއްޗެހީގެ ތެރޭގައި، އަޅުގަނޑަށް ވެސް މީރު އެއްޗެއްސާއި މާ މީރު އެއްޗެހި ހުރެއެވެ. ކިރުކޭލަކީ، އެ ތަނުން، މާ މީރު އެއްޗެކެވެ. ތަށީން ސަމުސަލެއް ނަގައި އަނގައާ ދިމާއަށް ގެންދަމުން ބަލައިލެވުނެވެ. އެއީ ކިރުކޭލެއް ނޫނެވެ. އެހެން އެއްޗެކެވެ. ސަމުސާ އަނގައަށް ނުލައި، އެއީ ކޮން އެއްޗެއް ތޯ ގޭ މީހުން ގާތު އަހައިލީމެވެ. އެ މީހުން ގާތަށް އައީ ހިންޏެވެ. އެތައް އިރަކު ހުނުމަށް ފަހު ބުނީ އެއީ ބޯކިބާ ކަމަށެވެ. އެއްޗެހި އެޅުނު މިންވަރު ތަފާތުވެގެން ކަމެއް، ގިނި ބެހެއްޓުނު ވަރު ތަފާތުވެގެން ކަމެއް، ރޯފިލުވާން ބެހެއްޓުނު ވަގުތުގެ މިންވަރު ތަފާތުވެގެން ކަމެއް ނޭނގެއެވެ. ކޮންމެއަކަސް އެ ބޯކިބާ އޮތީ ފޮތިފޮތިކޮށްލައިގެން ކައިލެވޭ ގޮތަކަށް ނޫނެވެ. ތަށިތަށްޓަށް އަޅައިލައިގެން ބޮއިލެވޭ ގޮތަށެވެ. އާދެ، ކުޑަ ކުޑަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވީ ގޮތެވެ.

އަތުގައި އޮތް ބޯކިބާ ސަމުސާ ބޮއިލަމުން ހިތަށްއެރިއެވެ. ޙަޤީޤަތުގައި ބޯކިބަލަކީ މިއީއެވެ. ދިވެހިބަހުގައި މި ނަން ހެދިފައި މި އޮތީ ރަނގަޅަކަށް ނޫނެވެ. މިހާރު ބޯކިބަލޭ މި ކިޔަނީ ކާ އެއްޗަކަށެވެ.  ބޯ އެއްޗަކަށް ނޫނެވެ. ބައެއް މީހުން ދުވާރުގެ ވާހަކަ ދައްކާ އިރު ބޯކިބަލުގެ ވާހަކަ ނުދައްކަނީ ކީއްވެގެން ބާވައެވެ!

އަޅުގަނޑުގެ ހިތަށްއެރިއެވެ. އަޅުގަނޑުމެން ބޯކިބަލޭ މި ކިޔަނީ ބޯ އެއްޗަކަށް ކަމަށް ނުވެފައި، ކާ އެއްޗަކަށް ކަމަށް ވާތީ، މިހާރު ބޯކިބަލޭ މި ކިޔާ އެއްޗަށް ކާކިބާ ކިޔާން ވީ އެވެ. އަދި ބޯކިބާ ކައްކާން މީހުނަށް ދަސްކޮށްދޭންވީއެވެ.  އޭރުން ދިވެހި ކާބޯތަކެތީގެ "އާބާދީ" އަށް އާ އެއްޗެއް އުފަންވީ އެވެ. ދިވެހި ބަސްކޮށާރަށް އައު ބަހެއް ލިބުނީއެވެ. ތަރާވީހުދަމު މޭޒުމަތި ފަޅުފިލުވައިލާން އައު ބާވަތެއް ހޯދުނީއެވެ.

ހަމަ އެ ގޮތަށް ދުވާރުގެ ނަން ވެސް ބަދަލުކުރެވިދާނެއެވެ. އަޅުގަނޑުމެން ދުވާރޭ މި ކިޔަނީ ދުވާން އޮންނަ ތަނަކަށް ކަމަށް ނުވެފައި، ހިނގާން އޮންނަ ތަނަކަށް ކަމަށް ވާތީ، މިހާރު ދުވާރޭ މި ކިޔާ ތަނަށް ހިނގާރު ކިޔައި، ކަސްރަތު މުބާރާތްތަކުގައި ދުވާ ތަނަށް ދުވާރު ކިޔާނީ އެވެ. އަދި ހަމަ މި ގޮތަށް، މަގުމަތީގެ ބައެއް އެހެން ތަނތަނަށް ކިޔާނެ ދިވެހި ނަންނަން ވެސް ހެދިދާނެއެވެ. މަގުމަތީގައި އެއްޗެހި ދުއްވާން އޮންނަ ތަނަށް ދުއްވާރެވެ. ދުއްވާ އެއްޗެއްސާއި ހިނގާ މީހުންވެސް އެރުން މަނާ ކަތި ރޮނގުދެމި ތަން ތަނަށް މަނާރެވެ. ހިނގާ މީހުން މަގު ހުރަސް ކުރާން އޮންނަ ތަނަށް ހުކުރާރެވެ. ދުއްވާ ތަކެތި ޕާކުކުރާ ތަންތަނަށް ދުއްތަޕާރެވެ. ("ހުކުރާރު"ގެ "ހުކުރާ" ނެގީ "ހުރަސްކުރާ" އިންނެވެ. "ދުއްތަޕާރު"ގެ "ދުއްތަޕާ"، "ދުއްވާތަކެތި ޕާކުކުރާ" އިންނެވެ. "ވިޔުންގަނޑު'ން "ވިޔުގަ" ނަގައިފައި ވާ ގޮތަށެވެ. ހުކުރާރާއި ދުއްތަޕާރުގެ ފަހަތުގައި އެ އޮންނަ "ރު" އަކީ ހިނގާރާއި ދުވާރުގެ ވެސް ފަހަތުގައި އޮންނަ "ރު" އެވެ.) އަދި ތަފާތު ބާވަތުގެ ތަކެތި ޕާކުކުރާ ތަންތަނަށް ތަފާތު ނަންނަން ކިޔާން ބޭނުން ނަމަ، ސައިޕާރު، ބައިޕާރު، ކާޕާރު މި ގޮތަށް ވެސް ކިއިދާނެއެވެ.  އޭރުން އަނެއްކާ ވެސް ބަހަށް އިތުރު މުއްސަނދިކަމެއް ލިބުނީއެވެ.

އެކަމަކު ދުވާރާއި ބޯކިބަލުގެ ނަން ބަދަލުކޮށްފި ނަމަ، ބައެއް ފަހަރު އޮޅޭ ގޮތް ވެސް ދިމާވެދާނެއެވެ. އާދެ ބޯކިބަލަށް އޯޑަރު ކުރީމާ ކާކިބާ ލިބޭ ގޮތް ވެދާނެއެވެ. ހަމަ އެހެންމެ، ހިނގާރު މަތީ އެއްޗެހި ބެހެއްޓުން މަނާކުރިއަސް، މަގުގެ އަރިމަތީގައި މީހުން ހިނގާން ހަދައިފައި އޮންނަ ތަނުގައި އެއްޗެހި ބަހައްޓައިފައި ހުރެދާނެއެވެ. އެހެންވީމާ، ދުވާރާއި ބޯކިބަލުގެ ނަން ބަދަލުކުރާ ނަމަ، މައްސަލައެއް އޮތްތޯ ބަލާންވާނެ ހެން ހީވެއެވެ. ނަން ބަދަލުކުރާ ފަހުން އޮޅުމެއް އަރައިދާނެތީ އެވެ. މީހުންގެ ނަން ބަދަލުކުރާ އިރު ވެސް ކުށުގެ ރެކޯޑެއް ނުވަތަ ދަރަންޏެއް އޮތްތޯ ބަލާ ނޫންތޯއެވެ.

ބޯކިބަލުގެ ނަން ބަދަލުކޮށްފި ނަމަ ދިމާވާނެ އެހެން ކަމެއް ވެސް އޮންނާނެއެވެ. ބޯކިބާ ރޯފިލުވުމަށް ބޭނުންކުރާ "ކަން" ބަދަލުވެގެން ދާނެއެވެ. އޭރުން މިހައިތަނަށް އަޅަމުން ގެންދިޔަ ބޯކިބާ އެޅުން ހުއްޓައިލައިފައި ފަށާނީ ކައްކާށެވެ. ކަނދި ކައްކާ ހެނެވެ. ދެން އަޅާނީ ކާކިބަލެވެ. ކޭކު އަޅާހެނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ