Print

ރަށްފުށުގެ ދިރިއުޅުން (7)

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ


26 އޭޕްރީލާ ގުޅޭ...

މަސްވެރިންގެ ދުވަހެއް

އަލް މަރުޙޫމު ޢަލީ ޙުސައިން /ނައިފަރު
 

ކަތީބުތަކުރުފާނުގެ ބޮޑުދޯނި މަސްބާނާތާ ދެފޯވައްސެއް ދިޔަފަހުން އެއްދުވަހެއްގައި ކަތީބުތަކުރުފާނު އެދޯނީގެ ކެޔޮޅުގާތުގައި ބުނެފިއެވެ. ހަސަނާއޭ މިގޭ ދޯނިފަހަރަށް  މަސްނުބޭވޭ އިރުން ފަންޑިތަ ހައްދައި އުޅެނީ އެދުރުބޭ ލައްވައެވެ. މިހާރު އެބޭބެވެސް ނިޔާވެއްޖެއެވެ. ހަސަނު ނިކަން ހުސައިންމަނިކު ކައިރިއަށްގޮސް ކޮންމެވެސް ކަމެއްކޮށްލައިދޭތޯ ބަލައިލަދޭށެވެ. އެކަމަކު މިޒަމާނު ކުދިން ފަންޑިތައަކީ ހަދާނޭ އެއްޗެއްނޫންކަމަށް ބުނެއުޅެތެވެ. ދެން އެއާޖެހުނުރޭ ހަސަނުގޮސް ހުސައިންމަނުކުގާތު އެވާހަކަ ދައްކައިފިއެވެ. ހުސައިންމަނިކުވެސް ކަތީބުތަކުރުފާނު ބުނުއްވީތީ ކޮންމެވެސް ކަމެއްކޮށްދިނުމަށް އެދޯނިން މަހަށްދާން ބުނެފިއެވެ.

އަނެއްރޭގެ ފަތިހުފަހެއްޖަހާއިރު ހުސައިންމަނިކު ގޮވައިގެން ކެޔޮޅު ހަސަނު ފުރައިފިއެވެ. އިރުއަރަނިކޮށް ގޮސް އެންދަމާ ހަލަށް ރިޔާ ދޫކޮށްލައި ކުރީދުވަހު އެންކޮޅެއް ދެކިފައިވާ ގަލެއްގައި ދޯނިހަރުކޮށްފިއެވެ.  އެކަމަކު ފިލިޖަހާޖަހާ އެމެއް ނައެވެ ދެން އެގަލުން ނަގައިގެން މަޑުމަޑުން ފަލިޖަހާފައި ބޭރުން ބޭރުން ދަނިކޮށް ބުރަކިއަރައި ފުރިފައި އޮތްގަލެއް ފެނިއްޖެއެވެ. ދެން އަވަހަށް ކަނޑަށް ފުނަޔަކާއި ދެއަރިމައްޗަށް ދެފަނާ އެއްލައި ގަލުގެ އޮއިމަތީގައި އޮޑިބަނދެލައިފިއެވެ. ފިލިކޮޅެއް ގިރުވައިލިތަނާ ދޯނިކައިރި ދިޔައީ އޮލަވެގެންނެވެ. އޮޑިއާ ހިސާބުން ގަލާހިސާބަށް ހީވަނީ ކަޅުވިލާ ގަނޑެއްހެންނެވެ. ފުރަތަމައަށް ދާވައްޓައިލި ފަހަރުވެސް ބުރަކިއެރީ އަޑިނޭގޭ ވަރަށެވެ. އެއްކޮޅުން އަރައިގެން އަނެއްކޮޅުން ފައިބާންްފެށީމާ ފެނަކުން ހިއްލައެއްނުލެވުނެވެ. ފައިންނާއި ވަށިންނަގައި މަދުކޮށްފައިނޫނީ އުފުލައިވެސް ނުލެވުނެވެ. މިގޮތަށް ތިންފަހަރު ދާލާއިރަށް ދޯންޏަށް ނުކުޅަދާނަ ވެއްޖެއެވެ. އުނގުރިތަކަށް ވަރުވެގެން ބައެއް އެންތައް މަރުވާން ފަށައިފިއެވެ. އެއިރުވެސް ދޯނިކައިރީގައިވަނީ ބުރަކިގަނޑު އަރައި ހިކިފައެވެ.

        
މިބައިމީހުން އެންދަމައިގެން ކަނޑަށް ނުކުތްއިރު ބައެއްދޯނިފަހަރު ރަށުންވެސް ނުފުރެއެވެ. ދޯނިގޮސް ކުކުޅުދޫ ކަނޑުއޮޅިން ނިކުތްއިރު ހުސައިންމަނިކު ފެންފިލާ މައްޗަށްއަރައި އޭނާ ހަދާ ފަންޑިތަ ހަދާންއިނެވެ. ދެން އެންމެން ނާސްތާކޮށް ދުފައި ސުއްޓާބޮއި ހެދުމަށް މަޅުމައްޗަށް އެއްވެއްޖައޫއެވެ. ހުސައިންމަނިކު އެކަނި ދިނރުބާކޮޅުގައި ކިޔަވާން އިނދެއެވެ.

        
މަސްއޮޑިމަތީގައި ނުދައްކާނޭ ވާހަކައެއް އޮންނާނޭބާއެވެ. އެއްމެން އެއްބޮނޑިވެ ތިބެގެން ސުއްޓާދުން އަރުވައަރުވާފައި ދައްކާންފެށީ އޮޑިގޯތިން ކޮއްތުދޭ ގޮތުގެ ވާހަކައެވެ. ދެންގޮސް ވެއްޓުނީ ރަށުގެވެރިން ކަންތައްކުރާ ގޮތުގެ ވާހަކައަށެވެ. ދެން މުދިމުކަލޭގެ ވާހަކައާއި އަތޮޅުވެރިންގެ ވާހަކައެވެ. މިހެންގޮސް ނައިބުންނާ ސަރުކާރާ ދޭތެރޭވެސް އެމީހުން އެކަށީގެންނުވާ ވަރަށް އެއްޗެހި ކިޔައިފިއެވެ. ހުސައިންމަނިކު އިވޭކަމަށްވެސް ނުހަދައި ކިޔަވާން އިނެވެ. މިހެންގޮސް މެންދުރުވެއްޖެއެވެ. އުދުއްސައިގެންދާ ފުޅަތްގެއްވެސް ނުފެނެއެވެ. އަވި ބާރުވެގެން އައިވަގުތު އެންމެން އޮށޯވެ ނިދައިފިއެވެ. ހަމައެކަނި ހުންގާނުގައި އިންމީހާ ލޯމެރިލާފައި ކޮޅަށް އިނދެއެވެ. ބައެއްފަހަރަށް ނިދައިގެން ތާލާވެސް އަރައެވެ. ހަވީރުއަތަށް އެޅީމާ އަނެއްކާވެސް މީހުންތައް ހޭލައި  މަހެއް ފެނޭތޯ ފަރާތްފަތާރަށް އެނބުރި ހޯދަންފަށައިފިއެވެ. ދެން ހަމަކުއްލިއަކަށް އޮޑީގެ ކުރިމަތިން އެތައް މަހެއް ފެނުމަތިން ގޮއްސައިއޮއްވައި ފެނިއްޖެއެވެ. އެންކެޔޮޅުމީހާ ދުވެފައިގޮސް ދެތިން މުށުގެ ބުރަކި އުކައިލިތަނާ ހުންގާނު މޮއިން މަސްތައް ބަޑިއަޅައިގެންފިއެވެ. ހަތަރުމީހުން ދޮށިހިފައިގެން ލެފިއްޖެއެވެ. ކެޔޮޅުކަލޭގެ ދެތިންވަށި އެންއަޅައިލާށޭ ގޮވައިލައިފިއެވެ. ދެންވާ ތަނެއްދޮރެއް ނޭނގުނެވެ. ހުންގާނު މޮއިގައި ފޮނުހައްދަމުން އަރައިގެންއައީ ކުދިވަރުގެ ކަންނެއްޔާއި މެދުވަރުގެ މަހެވެ. ދޯނިދަށް ހީވަނީ ރީނދޫގަނޑެއް ހެންނެވެ. ފުރަތަމަ ފަހަރުވެސް ބުޅިޖަހާފައި އެދޮށިތައް އުކައިލައިފައި ކޮންމެ މީހަކުމެހިފީ ބޮމައެއް ހުންނަހައި މުޑަންގަނޑެކެވެ. އެމީހުންނަށްވަނީ ފެނުތެރެއަށް ބުޅިނުޖެހޭ ކަމަށެވެ. ކޮންމެ ބުޅިއަކާދިމާލަށް ތިންހަތަރު ކަންނެލި ފުންމައިގެން ދެއެވެ. މަސްތައް ކަނދުގަނޑުގައިވެސް ޖެހޭއަޑުު ހީވަނީ ކުޅަދާނަމީހަކު ކުރޮޅިގުނާ އަޑުހެންނެވެ. ފަނަރަމިނެޓްވީއިރު ކޮޅުފަސްކޮޅު ފުރިގެން ހިލޭތިބި މީހުން މަސް ދިނރުބާކޮޅަށް ގެންދަނީއެވެ.

        
މަސްބާނަން ހޭކުޑަވެފައި ތިއްބައި ކުރިމަތިން އައި މުދިމުކަލޭގެ ދޯންޏެއް ދެކޮޅަށްދާން ދިމާކޮށްފިއެވެ. އެކަމަކު މަސްތިބީ މިދޯނިދޮށަށް އޮޅުވެފައެވެ. އެމީހުން އުކައިގަތް އެންތައް ކައިގެންވެސް އައީ މިދޯނިކައިރިއަށެވެ. އެތަންވަޅު މިދޯނިން މޮޔަފާޑުމީހަކު ކަލޭމެންނަށް ގޮތްހެދޭނީ މުދިމުކަމަށާއި ކަތީބުކަމަށެވެ. މިދޯނިދޮށުގައި ތިބިމަހަކަށް ގޮތެއްނެހެދޭނެޔޭ ގޮވާލައިފިއެވެ. އެދޯނިން މީހަކުވެސް ، މިދޯނިމިގޮތަށް ފެނުމަތީ ހަރުލަންޏާ ހިލައިވެސް އެހެންތަނަކަށް މުދިމުކަން ދިޔަކަނުދޭނަމޭ ގޮވާލައިފިއެވެ. ދެންވާ ދެެދޯނިން ގޮވާ ނުގޮވާ އެއްޗެއްނޭނގެއެވެ. އެންމެފޯރިގަދަވި ވަގުތު މުދިމްކަލޭގެޔޭ އަތޮޅުވެރިންނޭ ރިޝްވަތޭ ކިޔައިގެންވެސް އެއްޗެއް ގޮވިއެވެ. އެކަމަކު ގޮވި ނުގޮވި މީހެއް ވަކިވާވަރެއް ނޫނެވެ. ކަތީބުގެ ދޯންޏަކީ ވަޔަށް ދުވުމަށް މަޝްހޫރު ދޯންޏެކެވެ. ދަންމާނުގައިހުރި ތަންކޮޅު ދަމައިލައި ބާރަށް އަތްތެލިޖަހާފައި ދުށްވައިލުމުން އަނބުރާ އައިހެން މުދިމްކަލޭގެ ދޯންޏަކަށް ގާތެއްނުވެވުނެވެ. ފަލިޖަހައި ބަލިވެގެން ދީލައިލައިފައި ހިނގައްޖެއެވެ.

         ރާޅުބޮޑުކުރާ ދިމާ


         37
ހަސީނާ ހުސައިންމަނިކަށް ސިޓީފޮނުވުމަށްފަހު އެދެމީހުން އައީ ނުފެނިތިބެ ރައްޓެހިވަމުންނެވެ. މިހާރުއެއީ ނުލާހިކުބޮޑަށް އެކެއްގެ ލޯބި އަނެކެއްގެ މައްޗަށް ހިނގާފައިވާ ވަރަށްބޮޑު ދެރަޙުމަތްތެރިންނެވެ. އެދެމީހުންގެ ދުލަކީވެސް ކަންފަތަކީވެސް ހަމައެކަނި ދޮނާއެވެ. އެހެންކަމުން އެކަންތައްވަނީ އެހެންމީހުންނަށް ސިއްރުވެފައެވެ. ފަރާތްފަރާތް ހުންނަލެއް ނުރައްކައުތެރިކަމުން ފާޅުނުވެވިފައެވެ. އެކަމާހެދި އެކެއްގެ ގެއަށް އަނެކަކަށް ދެވޭނެ ފުރުޞަތެއްވެސް ތަނަވަހެއްނުވިއެވެ.

ވަރަށް އަވިބާރު ދުވަހެއްގެ މެންދުރު އިނގޭތޯއެވެ. ވަރަށްގިނަ މީހުން ގޭދޮރުލައްޕާލާފައި މަގުމަތީ ފިނިކުރަން ތިއްބެވެ. ހަސީނާވެސް ރާޅުބޮޑުކުރާ ދިމާގެ އަތިރީގައި ނިކުމެ އިނެވެ. އެއިރު މޫދުގައި ރާޅާކުޅޭ ކުދިންތައްފެނެއެވެ. ދުވަހަކީ ވަރަށް ދިޔަވަރުބޮޑު ރާޅުވެސްނަގާ ދުވަހެކެވެ. ކަނޑުން ނަގައިގެން އަންނަ ބިޔަރާޅު ތޮއްޓާއި ގާތްވީ ވަރަކަށް ބޮޑުކުރަމުން ފާރެއްނަގަމުން އަންނަހެން އައިސް މެދުތޮއްޓާއި ހަމަވެފައި ރާޅުގެ ކުރި ހޮޅިކޮށްލާފައި މުގުރައިގެން ގާތަކުގައި ތެޅެމުން ފޮޅެމުން އަންނައިރު ހީވަނީ ހުދުފޭއްޔެއް ފަތުރަމުން އަންނަހެންނެވެ. ރާޅުއައިސް ގޮންޑޮޅީ ފަސްގަނޑުގައިޖަހާއިރަށް ޕަސްލައިފައި އަރާފެންގަނޑު ގަސްތަކުގެ މައްޗަށްވެސް އަރަމުންދެއެވެ. ރާޅުގެ ހޮޅިމަތީގައި އަޅާފައި އަންނަ ކުދިންތައް ފެނުން ނައްޓަ ނައްޓަމުން ހީވަނީ މަސްތަކެއް ފުމެމުން އަންނަހެންނެވެ.

މިތަން ބަލަހައްޓައިގެން ހަސީނާ ހިތްއުފާކުރާން އިންދައި ކުއްލިއަކަށް ފެނުނީ ރުޤިއްޔާފުޅު އައިސް ހުއްޓުނުތަނެވެ. އެއިރު ރުޤިއްޔާފުޅުވަނީ ދުވަސްފުރޭން ގާތްވެފައެވެ.އެތާ ހުއްޓުނު އިރުވެސް ހުރީ ލަހިވެފައެވެ. ނޭވާލަނީވެސް ނިކަން ދަތިގޮތަކަށެވެ. ޙާލުއަހައިލީމާ ރުޤިއްޔާފުޅު ބުންޏެވެ. އަހަރެން ބަނޑަށް އުނދަގޫކޮށްފައި ނޭވަޔަށް ތުރާވާތީ މިހާރު ގެއިންވެސް ނުނިކުންނަމެވެ. ހަސީނާ ތިޔައިނީ މަސްއޮޑި ބަލާންތާއޭ ތިޔަގޭ ދޯނިން ފަންޑިތަ ހަދާން މީހަކު މަހަށް ގެންދިޔަވާހަކަ އެހީމޭ، ހަސީނާ ބުނެފިއެވެ. ތިޔަކަމެއް ނުދެނަހުރީމެވެ. އެކަމަކު ދޯންޏަށް ފަންޑިތައެއް ހައްދާން ވެއްޖެޔޭ ބައްޕަ ކިއާތާ ދެތިންދުވަސް ވެއްޖެއެވެ. ރުޤިއްޔާފުޅު ބުންޏެވެ. ގެންދިޔައީ ނިކަން ރަގަޅުވެސް މީހެކެވެ. އެދުރުބޭގެ ހުސައިންމަނިކެވެ. ހަސީނާބުނެފިއެވެ. އަހަރެން ކުޑަކޮށްވެސް ނުދެނަހުރީމެވެ. ރޭގައި ބައްޕަމެން މަހަށްފުރީވެސް އަހަރެން ނިދައިފައި އޮއްވައެވެ. ނިކުމެ މިއިންނަނީ އަވަށުތެރޭގައި ކެތްނުވެގެންނެވެ. އަނެއްކާވެސް ރުޤިއްޔާފުޅު ބުނެފިއެވެ. އެއީ ހަސީނާ އިންނަން ކިހައި ރަގަޅުމީހެއްހޭ! މުދިމްކަލޭގެ އަހުމަދުފުޅު އެއޮއް ރަގަޅުމީހާއާވެސް ނުއިނދެވުނީ އޭނާ އަހަރެންނަށް ދީފައިހުރި ލަނޑުތަކަކާ ހުރެޔޭ، ތިޔަބުނަނީވެސް އަހުމަދުފުޅުގެ އެއްއަތް ކަހަލަ އަނެކަކުގެ ވާހަކަނުންހޭ! އަހަރެން މިހުންނަނީ މީހުނާ އިނުން މުޅިން ހުއްޓައިލައިގެންނޭ. އެކަމުން ފިތުނައެއް އުފެދުން ނޫންކަމެއްނުވެޔޭ. މީހުންނާ އިނީމައި ލިބޭ އުފަލެއް އަހަރެންނަކަށް އަދިއެއް ވިސްނައިގަންނާކަށެއް ނޭގެޔޭ. ހުއްސަރިބައިވީފަހުން މާފަސޭހަޔޭ. ރުޤިއްޔާފުޅުވެސް ބުނީމުނޫންހެއްޔެވެ. މީހުންނާ އިނުމަކީ ބޮޑުސަކަރާތެކެވެ. މައިންބަފައިންނާ ރުޅިވާން އެކަން ކުރާނޭކަމެއްނެތެވެ.

         ހުސައިންމަނިކަށް ޖާފަތެއް


         38

ހަސަނު މަހުންލަފައިގެން އެންމެފުރަތަމަ އައީ ގެއަށެވެ. އެއިރު ހަސީނާވެސް ނަމާދުގެއިން އައިސް ގެއަށް ވަންނަނީއެވެ. ބައްޕާ މަސްބޭހޭ އަހައިލީމާ ހަސަނުބުނެފިއެވެ. ދަރިފުޅާ މިރޭ ތަންކޮޅެއް ރަގަޅަށް ސުފުރާމަތި ތައްޔާރުކޮށްލަންވާނެއެވެ. ބައްޕަ މިއުޅެނީ ބޭރުމީހަކު ގެނެސްބަލާށެވެ. މިއުޅެނީ ހައްސަބައިގެންނެވެ. ބައްޕަމިދަނީ އަތިރިމައްޗަށެވެ. މަހެއްބަލާ ކުއްޖަކުފޮނުވާށެވެ. މިވަގުތު ހަސީނާއަށް ލިބޭނެ އުފަލެއް ސިނކުޑިއަށް ގެންނާން އުނދަގޫތޯއެވެ. އެއުޅެނީ ހުސައިންމަނިކު ގެންނާންކަން ފުރަތަމައިނުންވެސް ވިސްނިއްޖެއެވެ. ދެން އަވަހަށްގޮސް ބަނޑަހަގެއަށްވަދެ ހަސީނާ ދަންނަ އެންމެމީރު ރިހަޔަކުން ހަވާދުނަގައި ރަގަޅުމީހެއްގެ އަތަށް ފުނޑަންދީފިއެވެ. ހަސީނާއުޅުނީ ބަތްކައްކާށެވެ. ފުނޑައިގެން ގެނައިއިރު ބައްޕަގާތަށް މީހަކުފޮނުވައި މަސްވެސް ގެނެސް ކޮއްޓުވައިފިއެވެ. ދެން ގިފިލީގައިއޮތް ވެލެއްގައިތިބި ރަގަޅަށް ބޮޑެތިވެސްނުވާ ތޮރާތަކަކުން ހަތަރުތޮރާ ލައިގެން ރިހަކައްކައި ނިންމައިފިއެވެ. ހަސަނު މަސްގެނެސް ފެންވަރައި އަވަދިވީއިރު ހުރިހައި ކަމެއް ނިންމައިފައެވެ. ބޯކިރާ ކަރުހަކުރާ މިރުހާ ލުނބޮޔާ އަދި ކުޑަތައްޓެއްގައި ރިހާކުރުވެސް ހުއްޓެވެ. ދެން ނިމުނީތޯއެވެ؟ ބަތްޕެންހުރުމާއެކު ޖޯޑުވަތުތައްޓެއްގެ ތެރޭގައި ބަހައްޓާފައިހުރި ސާފު ފެންތައްޓެއްވެސް ވެއެވެ. ބަތްއަޅައިފައިހުރީ ނުވަރު ތައްޓަކަށެވެ. ދެން ކައިރީގައި ބަންޑުންޖަހާފައި ވަކިތައްޓެއް އޮތެވެ.

ބަނޑަހަގޭ ތަޅުދަނޑި ހިތަހިތަކަށް ލިބިފައިވާ މީހަކު ހިތުން ރުހުމުން ދޭހިތުން މީހަކަށް ކާންދޭއިރު ވަގުތީގޮތުން ނުތަނަވަސްކަމާއެކުވެސް ކަންތައްކުރާނޭ ގޮތަކީ ގަލަމުން ދެލިމަދުކުރާކަށް ކަރުދާހުން ތަންހުސްކުރާކަށް ސިފަކުރަންވީކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ވިސްނައިލީމާ އެނގޭނެެއެވެ. އެއޮތްނުތަނަވަސް ވަގުތުކޮޅުގައި ލޯގަނޑުވެސް ހުރީ އުނގުޅައި ސާފުކޮށް އަލިކޮށްފައެވެ.

ހުސައިންމަނިކު ގޮވައިގެން ހަސަނު އައުމުން ހަސީނާ ފެންތައްޓާއި ލޯގަނޑު ހިފައިގެން އައިސް ވަރަށް ލަދުރަކިކަމާއެކު ހުސައިންމަނިކުގެ އަތްދޮއްވާލިއެވެ. ދެން ހުސައިންމަނިކު އަށިމައްޗަށް އަރައި ހަސަންބޭބެވެސް އަންނާށޭ ބުންޏެވެ. ބޭބެއަކަށް ހޫނުމަހާއި ގަރުދިޔަ ނެތީވިއްޔަކާ އެއްގޮތެއްވެސް ނުވާނެޔޭ ހަސަނުބުންޏެވެ. ހުސައިންމަނިކު ބުނެފިއެވެ. ތިޔައީ ކޮންމެ ދިވެއްސަކަށްވެސް ރަގަޅުވާނޭ ކެއިމެވެ. އަހަރެންނަށްވެސް ރޯމިރުހާއި ލުނބޮޔާއި ހުރެއްޖިއްޔާ ގަރުދިޔަބަތަށްވުރެ  ރަގަޅުކެއިމެއް މަދެވެ. މިދެމީހުން ކާންތިބިއިރު މެދުބުރީ ދޮރުކަނީލެނގިލައިގެން ހަސީނާ ހުރެއެވެ. އިރުއިރުކޮޅާ ހަސީނައާ ދިމާލަށް ސީދާވާ ލޮލަކުން ދެކަކޫ ރޫރުލައިގަނެއެވެ. އެއިރު ހަސީނާ ހިތަށްއަރައެވެ. އަހަރެންނާ އިނދެވުނިއްޔާ ކާންދޭނީ އެބުނާ ގޮތަށެވެ. ހުސައިންމަނިކު މާގިނައެއްކޮށް ނުކައެވެ. ހަސަންބޭ ދިޔައީ ހަމަކޭތަނާއޭ ބުނެފައި ފައިބާއިރަށް ހަސީނާއައިސް އަތްދޮއްވައިދީފިއެވެ. އެއިރު ހަސީނާއަށް ވެފައިހުރިގޮތަކުން ހީވަނީ ދެންމެ ދެންމެ ހުސައިންމަނިކުގެ ފައިވާނުން އިނގިއްޔަށް އެރިދާނޭ ހެންނެވެ. ފެންބޮއި އަވަދިވެ ދުންބޮއި ހަދައިގެން ހުސައިންމަނިކު ނިކުންނާން ހެދީމާ ކޮއްކޮޔަށް ލިބުނުމަސް ކައްކައިގެން މާދަން މިކުދިން ގެންގޮސްދޭނެޔޭ ކިޔައި ފެންޑާޔާ ހަމަޔަށް ހަސަނުވެސް ނިކުތެވެ. ހުސައިންމަނިކު އެންމެ ރަގަޅޭ ކިއައި ސަލާމްކޮށްލާފައި ހިނގައިގެންފިއެވެ.

         ހަސީނާ ހުސައިންމަނިކު ގޭގައި


         39


އަނެއްދުވަހު ވިލުނު އައްޔާއެކު ހަސީނާ ތެދުވެ ފަތިސްނަމާދުކޮށްގެން އައިއިރު ބައްޕައުޅެނީ މާއަވަހަކަށް މަހަށްފުރާށެވެ. ހަސީނާއައިސް ގެއަށްވަނީމާ ބުނެފިއެވެ. ދަރިފުޅާއޭ ފާހަގަލައިފައި ހުރިމަސް އެދުރުގެއަށް ފޮނުވާށެވެ. އެއީ ހުސައިންމަނިކަށް ލިބުނުމަހެވެ. ދެން ހަސީނ ބަދިގެއަށްވަދެ ފާހަގަލައިފައިހުރި މަސްތައް ވަކިކޮށްނަގައި ދެމުޅޯއްޓަށް އަޅާފައިގޮސް ފެންވަރައިގެން ތަންކޮޅެއް އާހެދުމެއްވެސް އަޅައި ނަލަކޮށްލައިފައި ނުކުމެ ކުޑަވަރެއްގެ ދެކުއްޖެއްގެ އަތަށް އެއްމުޅޯށި ދީގެން އަނެއް މުޅޯށީގެ އެއްކޮޅުގައި އެހެންކުއްޖަކު ހިއްޕައި އަނެއްކޮޅުގައި ހަސީނާ ހިފައިގެން އެދުރުގެއަށް ހިނގައްޖެއެވެ. އެއިރު ކިޔަވާ ކުދިންތަކެއްގޮސް އެގޭ ފެންޑާޔާ އެތަންމިތަން ފުރާލައިފައި އޮތެވެ.  ފިލައިން ކިޔަވާ ކުޑަކުދިންތައް އެއްކުއްޖަކަށްވުރެ އަނެއްކުއްޖަކު ބާރަށް މުޅިތަންގަނޑުވަނީ ގުގުމައިގެންފައެވެ. ކޮންމެކުއްޖަކުވެސް މަސައްކަތްކުރަނީ އެކުއްޖެއްގެ ފިލާ ދަސްވެއްޖެކަން އެދުރުދައިތައަށް އިއްވައިލުމަށެވެ. ބައެއްކުދިން އެދުރުދައިތައާ ދިމާލަށް ފިލައިގެ ކިޔަވާފުށް ދިއްކޮށްގެންހުރެ ނުބަލައި ކިޔަކިޔާފައި ދެތެވެ. ބައެއްކުދިން އީމާން އިސްލާމްކަމާއި ނަމާދުގެ ދުޢާތަކާއި ޛިކުރުތައް ލިޔެފައިހުރި ފިލާފިލާ ހިފައިގެން ދަސްކުރެތެވެ. ތަންކޮޅެއް ބޮޑެތި ކުދިންކިޔަވަނީ ޚަތިމުންނެވެ. އެދުރުދައިތަ އިނީ ކިޔަވައިދޭށެވެ. މުސްކުޅިވެ ލޯބޯކޮށިކަމުން ފިލާގައިޖެހޭވަރަށް ބޯތިރިކޮށްގެން ނޫނީ ކިޔާކަށެއް ނޭގެއެވެ. އެކަމަކު ފަރިތަކަމުގެ ކޮޅެއްނެތެވެ. ފަށާތަންކޮޅުބަލައިލާފައި ދެންއޮންނަހައިތަނެއް ކިޔައިދެނީ ހިތުންނެވެ.

        
ހަސީނާގޮސް ހުއްޓިފައި ގޮވައިލުމުން އިސްނަގައި ހަސީނާގެ މޫނުބަލައިލާފައި ލޮލުގައިއޮތް އައިނު ނިތްކުރިމައްޗަށް އަރުވާލާފައި ތިޔައީ ކޮންކުއްޖެއްހޭ އަހައިފިއެވެ. ހަސީނާ އެއްޗެއްނުބުނެ އުޅެނިކޮށް އެތާ ކިޔަވާންއިން ކުއްޖަކު އެއީ ކެޔޮޅުބޭގެ ހަސީނާއޭ ބުންޏެވެ. އެވަގުތު ހަސީނާގެ ހިތް އުތުރިއަރައިގަތެވެ. ތިމަންނާގެ ނަމުގެ އަޑުއަހާފައި ހުސައިންމަނިކު ނިކުމެދާނޭ ހީކޮށް ވަށްކަޅިން ގޭތެރެއަށް ބަލައިވެސް ލެވުނެވެ. ދެން އެދައިތަގެ މުސްކުޅިކަމުން ކިޔާއެއްޗެއް ނީވޭނެތީ ތަންކޮޅެއްބާރަށް ދައްތައަށް ނޭނގުނީހޭ އަހައިފިއެވެ. ކޮއްކޮމެންނެއް މިހާރަކު ދައިތަޔަކަށް ނޭނގެޔޭ އެދުރުދައިތަ ބުނެފިއެވެ. ތިޔަބަހައްޓާފައި ގެއަށްވަދެ އިށީންނާށޭ.

        
ހަސީނާ ގެއަށްވަނުމާއެކު ގިފިލިން ވުޟޫކޮށްގެން ބުރުގާ އަޅަމުން ލިބާހުގެ އަތްހެޔޮކުރަމުން އައިސް އަނެއްދޮރުން އެވަނި ދޮނާއެވެ. ހަސީނާ ހަމަދެކެފައި ދޮނާ ދިޔައީ ހިނިބަޑިފަޅައިގެންނެވެ. ހަސީނާއަށްވެސް ކުޑަކޮށް ހެވުނެވެ. އެކަމަކު އަތްހޫރައިލައި ނުހޭން އިޝާރާތްކުރިއެވެ. ދިމާވިގޮތަކުން މާބޮޑަށް ހަސީނާ ފޫހިފިލާގޮތްވެއްޖެއެވެ. ދެން ދޮނާ ކަންފަތްކައިރިއަށް ލެފިލައިފައި ހުސައިންމަނިކު އުޅޭތޯ އަހައިލިއިރު އެވަގުތުވީ ނޫޅޭކަމަށެވެ. އިރުކޮޅަކުން އެދުރުދައިތަ އަތުވެއްޖެއެވެ. ހަސީނާ ބުނެފިއެވެ. މިހާރުމިގެެ މިހުރީއަކީ އިހުހުރިގޮތަކަށް ނޫނެވެ. އަޅުގަނޑުމެން ކިޔަވާން އުޅުނުއިރު ހުރިގޮތާ މާތަފާތެވެ. އެދުރުދައިތަ ބުންޏެވެ. ހުސައިންމަނިކު އައިފަހުން މިހުރީ ކިތަންމެ ތަނެއްހަދައިފައެވެ. އިހަށްނެތް ދެކޮޓަރިވެސް މިހާރުހުންނާނެއެވެ. ތިޔަހަރަ ކިޑިކީތަކާއި އާނގުވަޅުތަކެއްވެސް އިހަކަށް ނުހުންނާނެއެވެ. ދެން ގޭތެރެ ބަލައިލަމާ އަންނާށެވެ، ކިޔައި ހަސީނާގެ އަތުގައިހިފައިގެން ދޮނާ އަތުވެއްޖެއެވެ. އެދުރުދައިތަވެސް ބަލައިލާށޭ ކިޔާފައި އަނެއްކާ ކިޔަވައިދޭން ނުކުތީއެވެ.

        
ދޮނާ ހަސީނާގޮވައިގެންގޮސް ފުރަތަމަވެސް ވެއްދީ ހުސައިންމަނިކުގެ ކޮޓަރިއަށެވެ. އެކޮޓަރިހުރީ ގޭގެ އެއްކަނެއްގައި ދެފަރާތުމަގާ ދިމާލަށް ކުދިދޮރު ލައިފައި ވަށައިގެން ވައި ނިކުންނާނޭހެން އާނގުވެސް ބަހައްޓައިފައެވެ. އެއްފަރާތު ބިތުކައިރީގައި ވަށާދެމިދަމާހެން ހަދާފައިހުރި އެނދެއް ހުއްޓެވެ. މިޔަދޮށުފަރާތުން އެނދުގައި އޮށޯވެއޮވެގެން އަތްފޯރުވޭ ހިސާބުގައި ބަހައްޓާފައިވާ މޭޒުމަތީގައިވަނީ ބަރިބަރިއަށް ފޮތްޖަހައިފައެވެ.  ދެން ހަސީނާ އައިކަން އަންގާންވާނެޔޭ ބުނެފައި މޭޒުމަތީގައި އޮތް ގަލަމަކާއި ކަރުދާސްކޮޅެއް ނަގާފައި " ރިހޭ އިނގިއްޔަށް ބޭހެއް ހަދާން އައީމެވެ" ލިޔެފައި ބާއްވައިފިއެވެ. އަދި ނިކުމެގެން އައީ ސަމާސާއެއް ކޮށްލާނަމޭ ހީކޮށް މޭޒުމަތިން ފޮތެއްނަގައިގެން ބުރުގާދަށަށްލައި ނިވައިކޮށްގެން ހިފައިގެންނެވެ. ދެން ގެ ބަލާކަށްވެސް ނޫޅުނެވެ. އެދުރުދައިތަގާތު އިރުކޮޅަކު އިނދެލައިފައި އައީއެވެ.

        
ގެއަށްއައިސް ބަލައިލިއިރު އެއީ ޢަރަބިފޮތެކެވެ. ފިއްޔެއްވެސް ޖަހައިފައި ނެތެވެ. ހަސީނާއަކީ ޢަރަބި ދަންނަމީހެއްނޫންކަމުން އެއީ ކޮންކަހަލަ ފޮތެއްކަންވެސް ނޭނގުނެވެ. ދެން ދިވެހިފޮތަކަށް ނުވިކަމުގެ މައްޗަށް ވަރަށްބޮޑަށް ދެރަވެފައި ހަސީނާގެ ފެރާންބޮނޑީގެ އެންމެ އަޑިއަށް ލައިފައި ނިދާންއޮންނަ އެނދުގެ ބިއްދޮށު ކަންނޭލުގެ މަތީގައި ބާއްވައިފިއެވެ. އެ އެނދަކާއި އެގޭގައިއުޅޭ އެކަކުވެސް ގާތެއްނުވާނެއެވެ. ހަސީނާގެ ގިނަ އެއްޗެހި ބަހައްޓާފައި ހުންނަނީ އެތާގައެވެ.

         ތިޔަހައިވަރު ހުރިއްރާ އިންނާނީ ހަމަހުސައިންމަނިކާ


         40

        
މިހާރުހަސީނާގެ މަންމައުޅޭ ޙާލެއްބަލައިލާން ވެއްޖެއެވެ. ހަސީނާގެ މަތިން މުޅިން އެދުން ކެނޑީބާވައެވެ. ނޫނެކެ އެހެނެއްނޫނެވެ. ހަސީނާ ނެރެލިތާ ދެތިންހަތަރުދުވަހެއް ވާންދެން ދަރިއެއް ހުންނަކަން ހިތަށްވެސް ނާރައިއުޅުނެވެ. އެކަމަކު ފަހުން ކިތަންމެ ބަސްނޭއްސަސް ދަރިއެއްކަން ހަނދާންވާން ފަށައިފިއެވެ. އަދި ރޭގަނޑަށް ނުނުދޭގޮތްވެސް ވާންފަށައިފިއެވެ. ދެން އެއްދުވަހަކު ހަސީނާއުޅޭ ގޭދޮށަށް ހިނގައްޖެއެވެ. އެއިރު ހަސީނާއެއް ގެއަކު ނުއުޅެއެވެ. ހޯދަހޯދައި ނުފެނިގެން އަންނަމުން އައީ އެނދުމަތީގައި އޮއްވައި ދެކިގެން ހަސީނާގެ ފޭރާންބޮނޑި ހިފައިގެންނެވެ. އެއީ ހަސީނާ ގެއަށް ގެންދިއުމުގެ ބުއްދީގައެވެ. ބޮނޑިބަލައިދާނޭ ކަން އެނގޭތީއެވެ. ގެއަށް އައިސް ބޮނޑިމޮހައިލައިފައި  އޭގެތެރެގައި އޮތްފޮތެއް ދެކެފިއެވެ. ދެން އެއީ ކޮންކަހަލަ ފޮތެއްތޯ އަދި ކާކުގެ ފޮތެއްތޯ ނޭނގިގެން އިންދައި އަހުމަދުފުޅާ އިބްރާހިމްފުޅު ހިނގައްޖެއެވެ. އެއީ ކޮންކަހަލަ ފޮތެއްތޯބަލާން އަހުމަދުފުޅު އަތަށް ދިނުމުން އަހުމަދުފުޅު ބަލައިލިއިރު އޭގައިއަޅާފައިއޮތީ " ޙ، ޤ، މީމު" މިނަމެވެ. އެއީ ހުސައިންމަނިކުގެ ރަމްޒުނަންކަން އެމީހުންދަނެއެވެ.އެއިގެ ފުރިހަމަ ނަމަކީ ހުސައިން ޤާސިމް މަނިކުއެވެ. އެނަން އަހުމަދުފުޅު ދެކިފައި އެގެއާ ހުސައިންމަނިކާ ކޮންމެވެސް ގުޅުމެއް ވެއްޖެހެން ހީވެގެން އެއީ ކޮންފޮތެއްތޯ އަހައިފިއެވެ. މަރިޔަނބު ބުނެފިއެވެ. ތިޔައީ އަދު އަހަރެން ހަސީނާގެ ލިބާސްބޮނޑި ގެނައިއިރު އެއިގެ ތެރޭގައި އޮތްފޮތެކެވެ. ކޮންފޮތެއްކަމެއް ނޭނގެއެވެ.

        
މިފޮތްފެނުމާއެކު އަހުމަދުފުޅުގެ ހިތުގައި މިހައިދުވަހު ދުންބުރަބުރާހުރި  ހަސަދަވެރިކަމުގެ އަލިފާންގަނޑުން ކަނިތައް އަރައިގެން ހުޅުފަޅައިގެންދާން ކައިރިވެއްޖެއެވެ. ހަމަކަށަވަރުންވެސް ހަސީނާއާ ހުސައިންމަނިކާ ކޮންމެވެސް ގުޅުމެއްގުޅިއްޖެކަން ކަށަވަރުކޮށްފިއެވެ. ދެން އަހައިފިއެވެ. ހަސީނާއާ އެދުރުބޭގެ ހުސައިންމަނިކާ ރައްޓެހިކަމެއްވޭ ހެއްޔެވެ. މިފޮތަކީ ހުސައިންމަނިކުގެ ފޮތެކެވެ. ހަސީނާއަށް މިލިބިފައިއޮތޯ ކޮންގޮތަކުންބާވައެވެ. މިބައިމީހުން ފޮތުގެ ވާހަކަ ދައްކާންތިއްބައި ރުޅިއަރައިގެންއައި ފަންހާލެއްހެން ހަސީނާ އައިސް އެވަންގޮތަށް ވަދެ އަހުމަދުފުޅުގެ އަތުގައި އޮތްވައި ދަމައިގަތްގަތުން ފޮތްއަތުލައިގެންފައި ތިޔަތިބެގެން އުޅެނީ ކީއްވެގެންހޭ. މޮޔަވެގެން ހަދާނެ އެއްޗެއްނޭގި މީހުންގެ ގަޔަށް އަރަންގާތްވަނީއެވެ. އަހަރެން ގެންގުޅޭ އެއްޗެއްގައި އެއްވެސްމީހަކު އަތްލައިގެން ނުވާނެއެވެ. އެއްޗެހިތައް އުކައިލީ ފަހުން ގެންނާންކަމަށްހޭ؟ ގޮވަމުން ހޯދަމުންގޮސް އެތެރެގެއަށް ވަދެ އުތުރު އެނދުމަތީގައި އޮއްވައި ބޮނޑިފެނިގެން ހިފައިގެން ހިނގައްޖެއެވެ.

        
މަރިޔަނބަށް ވީގޮތަކީ ހަސީނާ ނުފެންނާތީ ހިތަށް އެހައި ދަތިވެފައި ފެނުމާއެކު އައީ ރުޅިއެވެ. މޮޔަވެގެން އުޅެނީ އެހެންމީހުންނެވެ. މިއުޅެނީ ހުސައިންމަނިކާ އިންނާންށޯލައޭ. ކޮބާ އަހަރެން ދުނިޔޭގައި ހުއްޓައި އިނދެބަލާށޭ. ތިޔަހެން ދޫކޮށްލައިފައި ހުންނާތީ އުޅޭނެ ގޮތަކަށް އުޅެންކަމަށްހޭ މަރިޔަނބު ގޮވައިގަތެވެ. ހަސީނާ ގާތަށްވެސް ރުޅިއައިސްފައިހުރިލެއް ގަދަކަމާއި ލިބިފައިހުރި ވަޖިދެއްގެ ބޮޑުކަމުން ތަނެއްދޮރެއް ބަލައިލުމަކާ ނުލައި  މަންމަޔާ ދިމާލަށް ބުނެފިއެވެ. ލަދުއަގަލު ކުޑަކަން ބަލާށޭ. ރަށުގައިތިބޭހައި މީހަކާ އަހަންނާ އަޅައިގެން އެބައުޅެޔޭ. ހުސައިންމަނިކާވެސް އެހެންމީހަކާވެސް އިންނާން އަހަރެން އެބައުޅެންހޭ ތިޔަ އުޅެނީ މީނދަ އަހުމަދުފުޅާ ނުއިނީމ ދެރަވެގެނޭ، ނުވެސް ދެނެތިބި މީހުންނާ އަޅައިގެން ތިޔަވާހަކަދައްކަނީ އެމީހުންނާ ހިތާކުރުވާށޭ، ނިކަން ބަލާންތިބޭށޭ، ތިޔަހައިވަރު ހުރިއްޔާ ހަމަ އިންނާނީ ހުސައިންމަނިކާއެވެ. ތިޔައުޅެނީ މަޑުން ހުންނާތީ ހުއްޓަނުދޭށޭ. ހަސީނާ ގޮވިހައި އެއްޗެއް ގޮވިއިރު އަހުމަދުފުޅު އިސްޖަހައިގެން އިނެވެ. ހަސީނާ ދިޔަފަހުން އިރުކޮޅަކު އިނދެލާފައި އެއްވެސް އެއްޗެއް ނުބުނެ އިބްރާހިމްފުޅު ގޮވައިގެން ނިކުތީއެވެ.
 

އިދާރާ

އެނގޭތަ؟

ވާހަކަ