އަދުގެ ޚާއްސަ

Print

އޫރު ރޯގާގެ ވަބާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ޑރ. ޢަބްދުލްހާދީ މިޞްބާޙު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އޫރު ރޯގާއަކީ، ގާތްގަނޑަކަށް މީގެ ސާޅީސް އެއް އަހަރު ކުރިއްސުރެ، ދުނިޔެއާ ކުރިމަތިވި މިފަދަ ފުރަތަމަ ވަބާ ކަމަށް ވެދާނެއެވެ. 1968 ވަނަ އަހަރު، "ހޮންކޮންގ ރޯގާ" ގެ ވަބާ ދުނިޔެއަށް ފެތުރުނެވެ. އެފަހަރު، އެ ރޯގާގެ ޝިކާރައަކަށްވެ، ދުނިޔެއިން އެއް މިލިޔަން މީހުން މަރުވިއެވެ. ނަމަވެސް، މިހާރުގެ މީޑިއާއިން ބިރުވެރިކަން ފެތުރޭ ފަދައިން އޭރަކު ނުފެތުރެއެވެ. މިހާރު މިވަނީ، އިންޓަރނެޓާއި ސެޓެލައިޓާއި ޓީވީގެ ޒަރީއާއިން މުޅި ދުނިޔެ ކުޑަކުޑަ އަވަށަކަށް ވެފައެވެ.


މި ފޮޅުވަތްތަކުގައި އަޅުގަނޑު ބަލައިލާނީ، އޫރު ރޯގާއާމެދު ޢާއްމުންގެ ހިތުގައި އުފެދިފައިވާ ބައެއް ސުއާލުތަކަށް، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، ޖަވާބުދެވޭތޯއެވެ.


މިދިޔަ ޤަރުނުގައި، ދުނިޔެއަށް ތިން ވަބާއެއް ފެތުރުނެވެ. އެއަށް މި އަލިއަޅުވާލަނީ، އޫރު ރޯގާގެ ފެތުރިގެން ހިނގައިދާނެ މިންވަރުގެ ބޮޑުކަން ތަޞައްވުރުކޮށްލުމަށްޓަކައެވެ. 1918 ވަނަ އަހަރާއި 1919 ވަނަ އަހަރު، ދުނިޔޭގެ އާބާދީން ގާތްގަނޑަކަށް 40 މިލިޔަނާއި 50 މިލިޔަނާ ދެމެދުގެ ޢަދަދަކަށް މީހުން ވަނީ، ރޯގާގެ ވައިރަހުގެ ޝިކާރައަކަށްވެ، މަރުވެފައެވެ. އެ ވައިރަހަށް ސައިންސްވެރިން ދެއްވާފައިވާ ނަމަކީ، "ސްޕެނިޝް ރޯގާ" H1N1 އެވެ. ލަފާކުރެވުނު ގޮތުގައި އެރޯގާ ފެތުރެން ފެށީ، ސްޕޭނުންނެވެ. 1957 ވަނަ އަހަރު ފެތުރުނީ، "އޭޝިޔަން ރޯގާ" އެވެ. އެއަށްފަހު، 1968 ވަނަ އަހަރު ފެތުރުނީ، "ހޮންކޮންގ ރޯގާ" އެވެ.


ގިނަ ބަޔަކު ހީކުރާ ގޮތުގައި، މިހާރު ފެތުރިގެން މިއުޅޭ އޫރު ރޯގާ ޖައްސާ H1N1 ވައިރަހަކީ، 1918 ވަނަ އަހަރު ބަލިމަޑުކަން ފެތުރި ވައިރަހެވެ. މިހެން ހީކުރާ މީހުންގެ ތެރޭގައި ޑަކުޓަރުންނާއި އެ ނޫން ސްޕެޝަލިސްޓުން ވެސް ހިމެނެއެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ. މިހާރު ފެތުރިގެން މިއުޅޭ ވަބާގެ ވައިރަހަށް ކިޔާނަމާއި އޭރުގެ ވަބާގެ ވައިރަހަށް ކިޔާނަން، އެއް ނަމަކަށް ވިޔަސް، މިހާރު އޫރު ރޯގާ ޖައްސަނީ މުޅިން އެހެން ވައިރަހެކެވެ. ވައިރަހުގެ ޖެނެޓިކް ކޯޑް ތަޙުލީލުކުރުމުން މިކަންވަނީ އެނގިފައެވެ. ޔޫއެސްއޭ ގައި ކުރެވުނު، އެ ތަޙުލީލުތަކުން އެނގުނު ގޮތުގައި، މިހާރުގެ ވައިރަހުގައި، 4 ވައްތަރެއްގެ ޖީން އެކުލެވެއެވެ. އެއީ، އުތުރު އެމެރިކާގެ އޫރު ރޯގާ އާއި އުތުރު އެމެރިކާގެ ދޫނި ރޯގާ އާއި މޫސުމް މޫސުމަށް އިންސާނުންނަށް ޖެހޭ ރޯގާ އާއި އޭޝިއާ އާއި ޔޫރަޕުގެ އޫރު ރޯގާގެ ވައިރަސްތަކުގައިވާ ޖީންތަކެވެ. ނަމަވެސް، ސުއާލަކީ، މިހުރިހާ ވައިރަސްތަކެއްގައިވާ ޖީންތައް މައްސުނިވެ އެއް ވައިރަހުގައި ޖަމާވީ ކިހިނަކުންތޯއެވެ؟


ނަންގަނެވިދިޔަ ވައިރަސްތަކުގެ ޖީންތައް އެއްކޮށްގެން ސިއްރިޔާތުގައި އެއިން މައްސުނިގަނޑެއް މޮޑުނު ތަށްޓަކީ، އޫރު ކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، އެއްފަހަރާ އެ ހުރިހާ ވައިރަހަކުން އޫރަށް ރޯގާ ޖެހުމަކީ، ވެދާނެ ކަމެކެވެ.


އިންސާނުންނަށް ރޯގާ ޖައްސާ ވައިރަހުގެ ޢަލާމާތްތައް، މީގެ ތިން ހާސް އަހަރު ކުރިއްސުރެ އިންސާނުންގެ ކިބައިން ފެންނަމުން ދެއެވެ. ނަމަވެސް، އެވައިރަސް ހޯދުނީ، މިދިޔަ ޤަރުނުގެ ތިރީހުގެ އަހަރުތަކުގެ ތެރޭގައެވެ. އެ ވައިރަހުގެ ތިން ވައްތަރެއް ވެއެވެ. އެއީ، A، B އަދި C އެވެ. މީގެ ތެރެއިން C ވައިރަހަކީ، ނުރައްކާތެރި އެއްޗެއް ނޫނެވެ. މީގެ ތެރެއިން، އެންމެ ނުރައްކާތެރީ، A ވައިރަހެވެ. އިންސާނުންނާއި ޖަނަވާރާއި ދޫނިސޫފާސޫފިތަކަށް ބަލިޖައްސަނީ، މި ވައިރަހެވެ. މި ވައިރަހުގެ ސަބަބުން، ތަފާތު ވަބާތައް ފެތުރުމަކީ، ވެދާނެ ކަމެކެވެ. އޫރު ރޯގާ ޖައްސަނީ، ރޯގާ ވައިރަހުގެ A (އޭ)ގިންތީގައި ހިމެނޭ ވައިރަހެކެވެ.


ރޯގާ ވައިރަހަކީ، ތަޅުލައި ބަންދުކޮށްފައިވާ ތަނަކަށް ވަންނަން އުޅޭ، ނުރައްކާތެރި ޓެރަރިސްޓެއް ކަމުގައި މިސާލުޖަހައިފިނަމަ، އެ ޓެރަރިސްޓް ކަލޭގެ ލައިގެން ހުންނަ ހެދުމުން ނޫނީ، އެތަން ބަލަހައްޓަން ހުންނަ ފާރަވެރިޔާއަށް، އެކަލޭގެއެއް ނޭގޭނެއެވެ. އެ ޓެރަރިސްޓް ކަލޭގެ އަތުގައި 16 ގަމީހާއި 9 ފަޓުލޫނު ވެއެވެ. ބަންދުކޮށްފައިވާ ތަނަށް ވަންނަ ކޮންމެ ފަހަރަކު، ފާރަވެރިޔާއަށް އޮޅުވާލުމަށްޓަކައި، އެކަލޭގެ ހެދުން ބަދަލުކޮށްގެން އެތަނަށް ވަދެ، ޓެރަރިސްޓް ޢަމަލެއް ހިންގައެވެ. މި ނުރައްކަލުން އެތަން ސަލާމަތްކުރުމަށްޓަކައި، ކުރެވެން އޮތްކަމަކީ، ޓެރަރިސްޓް ކަލޭގެ ލާ ހެދުންތައް، އެކަލޭގެ އައުމުގެ ކުރިން ދެނެގަނެ، އޭގެ ސިފަތައް، ފާރަވެރިޔާއަށް އެންގުމެވެ.


(މި މިސާލުގައި ޓެރަރިސްޓް ކަލޭގެއަކީ، ރޯގާ ވައިރަސްކަމަށް ވީއިރު، ތަޅުލައި ބަންދުކޮށްފައިވާ ތަނަކީ، ހަށިގަނޑެވެ. ފާރަވެރިޔާއަކީ، ހަށިގަނޑުގެ ދިފާޢީ ނިޒާމެވެ.)


ވެކްސިންދިނުމުން، ފާރަވެރިޔާއަށް އެ އަންގައި ދެވެނީ، ޓެރަރިސްޓް ކަލޭގެ ދެނެގަންނާނެ ގޮތެވެ. އާދޭހެވެ. ވައިރަހުގެ ސިފައަށް ގެންނަ ބަދަލުތައް ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ބުނެދެވެނީއެވެ. ދެން ހަށިގަނޑުގެ ދިފާޢީ ނިޒާމު އެއާ ހަމަލަދީ އޭގެ މައްޗަށް ގަދަވެގަނެއެވެ. ނަމަވެސް، ޓެރަރިސްޓް ކަލޭގެ، އިތުރަށް އޮޅުވާލުމުގެ ގޮތުން، އެހެން ކަމެއް ކުރެއެވެ. ވަކި މުއްދަތަކަށްފަހު، ކާކުކަން އަންގައިދޭ އާ ކާޑަކާއި އާ ޤައުމަކަށް ނިސްބަތްވާ ކަމުގެ އާ ކޯޑެއް ހަދައެވެ. މިގޮތުގެ މަތިން، ފާރަވެރިޔާއަށް އެނގުމަކާ ނުލައި، އެއްވެސް ހުރަހެއް ނެތި، ހަށިގަނޑަށް ވަދެއެވެ. މިހެންވާއިރު، ބޮޑު ވަބާއެއްގެ ސިފައިގައި ރޯގާގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި، އެތައް މިލިޔަން މީހުން އޭގެ ޝިކާރައަކަށް ވެގެން ހިނގައިދެއެވެ.


އޫރު ރޯގާގެ ވައިރަސް ވަނީ، 1930 ވަނަ އަހަރުއްސުރެ ހޯދިފައެވެ. އެއަށްފަހު، އޫރުގެ ކިބައިން އިންސާނުންނަށް އެ ވައިރަސް ޖެހިފައިވާ ޙާލަތްތައް ވަނީ، ރެކޯޑްކުރެވިފައެވެ. އަދި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެ ވައިރަސް އަރަމުންދާކަން ވެސް ވަނީ ކަށަވަރުވެފައެވެ.


1976 ވަނަ އަހަރު، 200 މީހަކަށް އޫރު ރޯގާ ޖެހުނެވެ. އެފަހަރު، އެކަކު މަރުވިއެވެ. އަދި 1988 ވަނަ އަހަރު ވެސް އެވަބާ ފާޅުވިއެވެ. އެ ފަހަރު ވެސް އެކަކު މަރުވިއެވެ.


1998 ވަނަ އަހަރު، އޫރު ރޯގާގެ އެހެން ގިންތިއެއް ހޯދުނެވެ. އެއަށް ދެވުނު ނަމަކީ H3N2 އެވެ. އެއިން ޖެހޭ ރޯގާ އެހާ ވަރުގަދައެއް ނޫނެވެ. އެއަށްފަހު، މިހާރު ފެތުރިގެން މިއުޅޭ އޫރު ރޯގާގެ ވަބާ ޖައްސާ ވައިރަހުގެ ގިންތި ކަމުގައިވާ، H1N1 އަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. މި ވައިރަހުން ޖެހޭ ރޯގާގެ ޢަލާމާތްތަކަކީ، މޫސުންމޫމަށް ޖެހޭ ރޯގާއާއި ދޫނި ރޯގާގެ ޢަލާމާތްތަކެވެ. އެއީ، ކެއްސުމާއި ހުންއައުން ފަދަ ކަންތައްތަކެވެ. އޭގެ އިތުރުން، މުޅި ހަށިގަނޑުގައި ރިއްސާނެއެވެ. ކާހިތް ކެނޑޭނެއެވެ. އަދި ކިތަންމެ ކުޑަ މަސައްކަތެއް ކޮށްލިޔަސް ވަރުބަލިވެ ލޮޑުވާނެއެވެ. މި ވައިރަސް ހަށިގަނޑަށް ހަމަލަ ދެމުން ދަނިކޮށް އެހެން ބައްޔެއް ޖެހިއްޖެނަމަ، ބަލި ޙާލަތު ބޮޑުވެ، ފުރާނަ ނޭވާ ހޮޅިޔަށް އެޅިދާނެއެވެ.


އާދައިގެ ރޯގާއާ އެއްގޮތްވާ ޢަލާމާތްތައް، އޫރު ރޯގާ ޖެހުމުން ފެންނާތީ، އާދައިގެ ރޯގާ ޖެހުނަސް މީހުން ކަންބޮޑުވެއެވެ. އެއީ އޫރު ރޯގާ ކަމުގައި ހީވެ، ޝައްކާއި ވަހުމް، ގިނަ ބަޔެއްގެ ހިތަށް ވެރިވެދެއެވެ.


އޫރު ރޯގާ ޖެހުމަށްފަހު، އޭގެ ޢަލާމާތެއް ނުފެނި، 1 ދުވަހާއި 7 ދުވަހާ ދެމެދުގެ މުއްދަތެއް ފާއިތުވެގެން ހިނގައިދާނެއެވެ. އެހެންވީމާ، މި ބަލި ފެތުރިފައިވާ ރަށަކަށްދާތާ، 7 ދުވަސް ފަހުން ބަލީގެ ޢަލާމާތްތައް ފެނިދާނެއެވެ. ނުވަތަ ބަލި ޖެހިފައިވާ މީހަކާ ނުވަތަ އޫރަކާ ގައިގޯޅިވާތާ 7 ދުވަސް ފަހުން އެ ޢަލާމާތްތައް ފެނިދާނެއެވެ. އޭގެ ކުރިން ސަލާމަތީ ފިޔަވަޅު އެޅުމަށްޓަކައި، ބަލި ޖެހިފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދޭ ޓެސްޓް ހެދެން ހުރެއެވެ.


މިތަނުގައި ފާހަގަކޮށްލަން ޖެހޭ، ބޮޑު ޙަޤީޤަތަކީ، އިންސާނުންނަށް އޫރު ރޯގާ ޖެހުމުން، އިންސާނުންނަށް ފަރުވާކުރާނެ ބޭހެއް މިހާތަނަށް އުފެއްދިފައި ނެތްކަމެވެ. މިހާރު އިންސާނުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭހަކީ، އޫރަށް ފަރުވާކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އިންސާނުންނަށް ފަރުވާދޭނެ ބޭހެއް، ކުރިޔަށް އޮތް 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތަށްވުރެ ކުރިން އުފެއްދިދާނެ ކަމަކަށް ނުބެލެވެއެވެ.


އޫރު ރޯގާ ޖެހުމުން ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި ފަރުވާ ދެވޭ ދެ ބޭހަކީ، ޓެމިފުލޫ އާއި ރެލެންޒާ އެވެ. މީގެ ތެރެއިން ޓެމިފުލޫއަކީ، ގުޅަ ބޭހެކެވެ. ރެލެންޒާ އަކީ، ސްޕްރޭއެކެވެ.


ތިރީގައި މިވަނީ، އޫރު ރޯގާއިން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ.


1. އޫރު ރޯގާ ފެތުރިފައިވާ ޤައުމުތަކުން އަންނަ މީހުން، އެއާރޕޯރޓްތަކާއި ބަނދަރުތަކާއި ސަރަޙައްދީ ރޮނގުތައް ބަލަހައްޓާ ޕޮއިންޓްތަކުން ސްކޭންކޮށް ބަލަން ޖެހޭނެއެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމާއެކު، ޞިއްޙީ ފަރުވާދޭ ޓީމްތައް ތައްޔާރީ ޙާލަތުގައި ބައިތިއްބަން ޖެހޭނެއެވެ.


2. މި ބައްޔަކީ، ނޭވާލުމުންނާއި ކިނބިހިއެޅުމުންނާއި އަދި ބައެއްފަހަރު ބީހުމުން ގައިންގަޔަށް އަރާ ބައްޔެކެވެ. އެހެންވީމާ، މީހުން އެއްވެއުޅޭ ތަންތަނަށް ދިއުމާއި ބަންދުކޮށްފައިވާ ކޮޓަރިއާއި ހޯލް ފަދަ ތަންތަނުގައި އެއްވެ ތިބުމަކީ ރަނގަޅު ކަމެއް ނޫނެވެ. (އެފަދަ ތަންތަނުގައި، މި ބަލި ފެތުރުމުގެ ފުރުޞަތު ބޮޑެވެ.)


3. ސަލާމަތީ ފިޔަވަޅު ނާޅާ، ދޫނިސޫފާސޫތްޕާއި އޫރާ ގައިގޯޅިވެ އުޅުމުން ވެސް އެއްކިބާވާން ޖެހޭނެއެވެ.

4. ގިނަގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން ޖެހޭނެއެވެ.


5. ފުރާދުއްވާ އެއްޗިއްސާއި ކްލާސް ރޫމް ފަދަ ތަންތަނުގައި ތިބޭއިރު، ތިބެންވާނީ، އެތަންތަނުގެ ކުޑަ ދޮރުތައް ރަނގަޅަށް ހުޅުވައިގެންނެވެ. އެއީ އެތަންތަނުގެ ތެރޭގައި ހުންނަ ވައި ސާފުކޮށް ތާޒާކުރުމަށްޓަކައެވެ.


6. ހޫނު ގަދަ ތަންތަނުން (މިސާލަކަށް، މެންދުރު މަގުމަތިން) ފިނި ތަންތަނަށް (މިސާލަކަށް، ފިނިކޮށްފައިވާ ކޮޓަރިއަކަށް) އަވަސް އަވަހަށް ވަދެގެން ނުވާނެއެވެ.


7. ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ ކާނާއާއި ބޭސް ކައިގެން ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކުރަން ޖެހޭނެއެވެ. (އެފަދަ ބޭސްތައް ކާންވާނީ ޑަކުޓަރަކު ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިންނެވެ.)




މަޞްދަރު: މިޞްރުގެ އަލްއަހުރާމު ނޫހުގެ، 44708 ވަނަ ޢަދަދު. (3 މެއި 2009 މ.)


ނޯޓް: މިޞްރު މީހުންނަށް ޚާއްޞަ ބައިތަކާއި، ދިވެއްސަކު ސީދާ ޑަކުޓަރެއްގެ ކިބައިން ނޫނީ ހޯދައިގެން ނުވާނެ ކަމަށް ފެނުނު މަޢުލޫމާތު މި ތަރުޖަމާއިން ވާނީ އުނިކޮށްފައެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ