Print

މިނިވަން ސައި

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ސަމާސާ އަދަބު

                      
   ޢަބްދުﷲ ޞާދިޤު
 
އަޅުގަނޑާ އަޅުގަނޑުގެ އެކުވެރި ފާރޫޤް ޙަސަނާ ތިބީ ކޮންމެވެސް ހޮޓަލަކަށް ސައިބޯން ގޮހެވެ. ދެމީ ހުން މިގޮތަށް ދިމާވާ ފަހަރުފަހަރު އަޅުގަނޑުމެން ކަންތައް ކޮށް އުޅޭ ގޮތާއެއްގޮތަށް ގެދޮރާ އާއިލާއާއި ދުނިޔެއާ އަޅުގަނޑުމެންގެ ވެއްޓާ ބެހޭގޮތުން ދައްކައި އުޅޭ ވާހަކަތަކުގައި އަޅުގަނޑުމެން ތިބީ މަޝްޣޫލު ވެގެންނެވެ. ދެމީހުން މިހޮޓާ ޚިޔާރުކުރީ ތަންކޮޅެއް މިނިވަންކޮށް ދައްކާލަން ޖެހޭކަހަލަ ވާހަކަތަކެއް ހުރެގެންނެވެ.

   
އަޅުގަނޑުމެން ސަޔަށް އޯޑަރު ކުރިތާ މާ ގިނަ އިރެއް ނުވެއެވެ. މީހަކު މާ ހަމަޖެހިލާފައި ހެމުން ކަހަލަ ގޮތަކަށްއައިސް އަޅުގަނޑުމެންގެ މޭޒު ދޮށުގައި ހުރި ގޮނޑިއެއް ދަމައިގެންފާ އޭގައި އިށީނދެއްޖެއެވެ. ބަލާބެލުމަށް އެއީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއްކަމަށް ލަފާ ކުރެވެއެވެ.
   
އޭނާ ހީނލާފައި އައިސް އިށީނަކަސް އަޅުގަނޑު ގާތަކަށް ހިންޏެއް ނާދެއެވެ. އަޅުގަނޑު ވީ ފޫހިންނާ އަރައިގަތް ރުޅިން ފާރޫޤާ ދިމާއށް ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. ބަލައިލި އިރު އޭނާގެ މޫނުމަތިންވެސް ފެންނަނީ ސަމާސާކަން ކެނޑިފައިވާކަހަލަ އަސަރުތަކެކެވެ. ދެކޯވަނީ އެލިފައެވެ. ދެ ބުމަ ވަނީ ގޮށްޖެހިފައެވެ. ދެންމެ ދެންމެ އެއްޗިހި ގޮވައިގަންނަން އުޅޭކަހަލައެވެ.
   
މިގޮތުގައި އަޅުގަނޑުމެން ތިއްބާ އެމީހަކު  ބުނެލައިފިއެވެ.    ތިޔަބޭފުޅުންނަށް އަޅުގަނޑު އެނގިވަޑައިގަންނަވާނެކަމެއް ނޭނގެއެވެ. އަޅުގަނޑު އުޅެނީ ކޯޓުގައެވެ. ބައެއް ފަހަރު އެއްޗިހި ލިޔެލާވެސް ހަދަމެވެ. އާއްމުކޮށް އަޅުގަނޑު އެތާނގައި މަސައްކަތް ކޮށްލާ އުޅެނީއެވެ. އަޅުގަނޑަށް ތިޔަބޭފުޅުން ފެނިފައި ތިޔައީ ކޮންބޭފުޅުންނެއްކަން އެނގިއްޖެއެވެ. އަދި ވަރަށްމާތް ހިތްޕުޅު ހެޔޮ  ދެބޭފުޅުން ކަންވެސް އެނގިއްޖެއެވެ. އެހެންވެ  މިތަނަށް އައިސްލީއެވެ.
   
މިހިސާބުން މީނާއަށް އަޅުގަނޑުމެންމީ މާ ހިތްހެޔޮ ބަޔަކަށް ވާން އެބަޖެހެއެވެ. އެހެންވެ އޭނާއަށް ސައި ގެންނާށޭ ބުނެވިއްޖެއެވެ. މިއިރު  ނުލާހިކު މިނިވަންކޮށް އަހަރެމެން ދައްކަމުން  ދައްކަމުން އައި  އެއޮތް މަޖާ ވާހަކަ މިކަލޭގެޔާހުރެ މެދުކެނޑިގެން ދިޔަކަމެއް މީނަޔަކަށް ނޭނގުނެވެ. މިކަލޭގެޔާހުރެ ވީއަނެއް އުނދަގުލަކީ ދެމީހުން ދެމީހުންނަށް ހިތް ނުބައި ވުމެވެ.
   
އަޅުގަނޑު ހިތަށް އެރިއެވެ. ފާރޫޤު މީ ހާދަ ޒާތެއްގެ މީހެކެވެ. މިވެނި ތަނެއް ވަރަށް ރަނގަޅުވާނޭ ވަރަށް މިނިވަން ވާނޭ ކިޔާފައި ވަންނަ ތަންތަނަށް ފޯއްމުލަކު މީހަކު ހަމަ ފެންނަ އިރަށް އެއީ ކޮންމެކަހަލަ މީހަކަށް ވިޔަސް ގެނެސް  ބައިންދަން ޖެހޭހެއްޔެވެ. ދެން ކޮން ރުޅިއަންނަގޮތެއް ދައްކާކަށް ހެއްޔެވެ.
   
ސައި ގެންނަންދެން އަޑެއް ބަޑެއްވެސް ނީވެއެވެ. އަރައިގެންފައި ތިބި ރުޅިން  ސައި ގެނައިމާއަޅުގަނޑުމެން  ވަރަށް އަވަސްއަވަހަށް ހެދިކާކޮޅު ކާލައިގެން ސައިތަށި އެއްފެނަށް ދަމާލައިގެން ތެދުވަން އުޅެނިކޮށް އެކަލޭގެ އަދި އެއަށް ވުރެ މާއަވަހަށް ސައި ތަށިބޯލައިގެން ހެދިކާކޮޅު ކާލައިގެން ގެނެސްފާހުރި ދުފާއެއްޗެހިން ދުފާލައިގެން އަދި ދަމުން ދަމުން ކޮށިގަނޑުން ސިނގިރެޓެއްވެސް އަތުލައިގެން ދެން ދަނީ އިނގޭތޯއޭ ބުނެލާފައި ލޮނދި ހިކައެއް ދިޔަހެން އޭނާ ދެމިގެންފިއެވެ.
   
ފާރޫޤު ކޯފާފަޅައިގެން ދިޔައީ ދެނެވެ. އޭނާވަރަށް ކޯފާވެފައި  ވިދާޅުވިއެވެ. ޞާދިޤު މިޒާތު ކަންތައް ކުރާނެކަން އެނގުނުނަމަކަ މިހޮޓަލަކަށް ނައިމުހެވެ. މިވީ ދެން ކޮން ކަމެއްހެއްޔެވެ؟ އަޅުގަނޑު ރުޅިއައިސްފައި ދެންނެވީމެވެ. އަޅުގަނޑު ހީކުރީ އެއީ ފާރޫޤު ރަށު މީހެއްވީމާ ފާރޫޤު ފެނިގެން އޭނާއައީ ކަމަށެވެ.
   
ވީގޮތް އެނގުނީ ދެނެވެ. މިއީއަޅުގަނޑުމެން އެކަކާވެސް ގުޅުން ހުރި މީހެއް ނޫނެވެ.މިހާރުގެ ބަހުރުވައިންނަމަ އޭނާ ގެ ބޯރަނގަޅު ކަމުން އަޅުގަނޑުމެންގެ ބޯ ކާލައިގެން އަޅުގަނޑުމެންގެ ޚަރަދުގައި ސައި ބޮއި ދުފައި ސިނގިރޭޓު ބޮއި ހަދައިގެން އޭނާ ދިޔައީއެވެ.
   
މިކަން މި ހިނގައިދިޔަ ގޮތުން އަޅުގަނޑު ހިތަށް ވަނީ މީގެވަރަށް ކުރިން އާދެ އަލް މަރް ހޫމް މަލިމް މުޙައްމަދު ދީދީގެ ޙަޔާތްޕުޅުގައި އޭނާ ވިދާޅުވެ ދެއްވި ވާހަކައެކެވެ. އެއީ :
        

            މަހާނަ ދޮށަށް ދިޔަމީހާ

    މިވާހަކައެވެ. އޭނާ ވިދާޅުވެ ދެއްވިއެވެ.
    

މަރުވެފައި ވާ  މީހުންނަށް ފާތިހާ ކިޔަވަން މަހާނަ ދޮށަށް މީހުން ފޮނުވައިގެން ފާތިހާ ކިޔަވައިއުޅުނު ދުވަސްވަރު އެކި ގޭގެޔަށް ޚާއްޞަކޮށްފައި ތިބޭ މުދިމުން ތިބޭނެއެވެ. އެގޭގައި ޞަލަވާތް ކިޔަވައިދީ އުޅޭނީވެސް އެ މުދިން ބެއެވެ.
   
ފާތިހާދުވަސް ކައިރިވީމާ މުދިންބެއަށް އެކަން ހަނދާންކޮށްލައި ދިނީމާ މުދިންބޭ ގެންގުޅޭ ދެތިން ހަތަރު މީހެއް ގޮވައިގެން  މަހާނަދޮށަށް ދާނެއެވެ. އާދަވެގެން ގެންގޮސް އުޅޭ މީހުން އެގޭ މީހުނަށް އެނގޭނެއެވެ.އެދުވަހު ފާތިހާކިޔަވާފައި އަންނައިރަށް އެގޭ މީހުން އަވެލި މޮޑެފައި ހުންނާނެއެވެ. ނުވަތަ އެނޫންވެސް ރަނގަޅު ކާއެއްޗެއް ހަދާފައި ހުންނާނެއެވެ. މިއީ އެދުވަސްވަރުގެ އާދައެވެ.
   
ކޮންމެވެސް ދަންނަ ގެއެއްގެ މިދެންނެވި ކަހަލަ ފާތިހާ ދުވަހެއް އަތުވެއްޖެއެވެ. މުދިންބެއަށް އަންގާލީމާ މުދިންބޭ ފަތިސްނަމާދުން ފައިބައިގެން އެއްކަލަ މީހުންކޮޅު ގޮވައިގެން މަހާނަ ދޮށަށް ގޮސް ފާތިހާ ކިޔަވަން ތިއްބާ އެތަނަށް އިތުރު މީހަކު ހިނގައްޖެއެވެ. އެއީ ''ވަރުހަމިއްލާ ހުއްމަ ދުއާ'' އަށް އަތް ނެގިތަނާހެންނެވެ. އަދި އެމީހާ އާމީން ކިޔަނީވެސް މާ ބާރަކަށެވެ.
  
 މިޖަމާޢަތުގެ މީހުން ގެއަށް ދާން ހިނގައިގަތުމާއެކު އެއްކަލަ މީހާވެސް އެމީހުންގެ ފަހަތުން އެގެއަށް ދާން ހިނގައިގެންފިއެވެ. މިފަސްމީހުން އެކަކު އަނެކަކާ ދައްކާނެ ވާހަކަވެސް އެބަހުއްޓެވެ.އެކަމަކު މިކަލޭގެއާ ގުޅޭ އެއްވެސް ވާހަކައެއް މިމީހުންނަށް ދައްކާކަށް ނޭނގެއެވެ. އެހެންނަމަވެސް މީނާ ދެއަތް ފުރަގަހަށް ލައިގެން ހުރެ މިމީހުން ފަހަތުން އެބަހަރަ  ދެއެވެ.
   
ގެއަށް ވަދެވުނު އިރު ނާސްތާ ތައްޔާރު ކޮށްފައި ހުރީ ފަސްމީހުންނަށެވެ. ނަމަވެސް އެމީހުންގެ މުދިންބޭ ގޮވައިގެން އައި މީހަކަށް ވީތީ އަލުން އޭނާއަށް ނާސްތާ ތައްޔާރުކޮށްދީފިއެވެ. ގޭގެ ވެރި މީހާވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. އެދުވަސްވަރަކީ ކާބޯތަކެތި މިހާ ތިޔާގެ ދުވަސްވަރެއް ވެސް ނޫނެވެ.
   
ފާތިހާ ކިޔަވަން އައި މީހުން ދާންފެށީމާ ގޭގެ ވެރި މީހާ މުދިންބެއަށް ގޮވާލާފައި ބުންޏެވެ. ދެންވެސް ތިޔަކަހަލަ ކަންތައް ކުރައްވަންޏާ ކުރިން އަންގަވާލައްވާތި އިނގޭތޯއެވެ. އެކަމާ ރުޅިއައީ އެއް ނޫނެވެ.މުދިންބޭ ހައިރާންވެފައި އަހާލިއެވެ. އަޅުގަނޑު ކީއްކުރީއޭތޯއެވެ؟ ގޭގެ ވެރިމީހާ ބުންޏެވެ. މަހާނަ ދޮށަށް ދުރުވެފައި ދުރުވި އިރު އިތުރު މީހަކު ތިޔަގެންނެވީ ނޫންތޯއެވެ. ކުރިން އެކަހަލަކަންކަން އެނގިފައި ނެތީމާ މިހާރު ވަރަށް ދަތިވާނެ ނޫންތޯއެވެ.
   
މުދިންބޭ އިރުކޮޅެއްވަންދެން ހިމޭނުން ހުރެލާފައި ބުނުއްވިއެވެ. އަޅުގަނޑު ހީކޮށްގެން މިހިރީ އެއީ މިގޭން ފޮނުއްވި އިތުރު މީހެއްކަމުގައެވެ. އަޅުގަނޑު މިހިރީ އަދި އެވާހަކަ ނަންގަނެލަން ވެސްކަމަށެވެ.

.

އިދާރާ

އެނގޭތަ؟

ވާހަކަ