އަދުގެ ޚާއްސަ

Print

އައްޝައިޚުލް އުސްތާޛުލް މަރްޙޫމް މުޙަންމަދު ޖަމީލު ދީދީ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދިވެހި


 މުޢާޒު

ދިވެހިރާއްޖޭގައިވެސް ތަފާތު އަދީބުން އުފެދިފައިވެއެވެ. މިގޮތުން އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ އަކީ ދިވެހި އަދަބީ ގުލްޝަނުގައި ހިމެނޭ މޮޅު އަދީބެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 މޭއި 1915މ. ގައެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށް ޢިލްމީ، ދީނީ، އަދި އަދަބީ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

އެމަނިކުފާނަކީ ސާދާ ދިރިއުޅުމެއް އުޅުއްވި، ވަޤުތަށް ކަމޭހިތްތަވާ، މުރާލި ކަމުގެ ރީތި ނަމޫނާ އެކެވެ. ދީނަށް ހުރުމަތްތެރިކޮށް ހިތްތެވުމާއި އިންސާނީ ރީތި ސިފަތަކަކީ ހަޔާތުގެ ޝިއާރު ކަމަށް ހެއްދެވި ބޭފުޅެކެވެ.

އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ ދިވެހިންގެ މެދުގައި މަޝްހޫރު މިސާލެއްގައި ބުނެވޭ ފަދައިން ފަސްމީރު ކުރި ރުކެކެވެ. އިންސާނުން ފަޚްރުވެރިވާ އެތައް ސިފައެއް އެއްފަހަރާ އެއްކޮށްލައްވައިގެން ހުންނެވި އާދަޔާ ޚިލާފު ޝަޚްޞިއްޔަތެކެވެ. އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ އަދީބެކެވެ. ޝާއިރެކެވެ. މުޞައްނިފެކެވެ. ޢާލިމެކެވެ. ލަވަ ކިޔުންތެރި އެކެވެ. މުފައްކިރެކެވެ. މުފައްސިރެކެވެ. މުދައްރިސެކެވެ. ވަރަށް މުރާލި އިދާރީ ހިންގުންތެރި އެކެވެ.

އަމިއްލަ ދިރިއުޅުން


ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 މޭއި 1915މ. ގައެވެ. އެއީ ހިޖުރައިން 16 ޖުމާދިލް އާޚިރާ 1333 އެވެ. އުފަންވެވަޑައިގަތީ މ.ކުއްޅަވައް ގޭގައެވެ. ބައްޕައަކީ ދަރަވަންދޫގޭ ޢަބުދުﷲ ކަމާލުއްދީން އެވެ. ނުވަތަ ދަރަވަންދޫގޭ ޢަބުދުﷲ ދީދީ އެވެ. މަންމައަކީ ފެންފޯއް ގަނޑުވަރު އައިމިނާދީ އެވެ.އަބިކަނބަލުންނަކީ އަލްމަރުހޫމާ ޝަރީފާ ޙަސަން ނުވަތަ ކުއްޅަވައްގޭ ސިއްތި އެވެ. ސިއްތި އަވަހާރަވީ މެއި 2008 ގައެވެ. މުޙައްމަދު ޖަމީލްގެ ދަރިންނަކީ ދިވެހިރާއްޖެ އަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެތެރޭގައި ފަތުހުﷲ ޖަމީލް، ޢަބުދުﷲ ޖަމީލް، ފާތިމަތު ޖަމީލް، ޖާދުﷲ ޖަމީލް، އާމިނަތު ޖަމީލް ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.

ޅެންވެރިކަން


މުޙައްމަދު ޖަމީލް އަކީ ޢަރަބި ބަހުގެ ތައުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ޝާއިރެކެވެ. ތަފާތު ރޮނގުތަކުގައި ޅެން ހެއްދެވި އެވެ. ފުރަތަމަ ޅެމެއް ހައްދަވާފައިވަނީ 9 ރަޖަބު 1358 ގައެވެ. މިޅެން ފެށިފައިވަނީ މަވެސް އަދު ފަރިއްސެއް ހެދޭތޯ ބަލާނަން މިޢިބާރާތުންނެވެ. ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރުވެފައިވާ ނަމަކީ އުޖާލާވި ރަންތަރި އެވެ.

ގައުމީ ޚިދުމަތްތައް


އަލްމަރުހޫމް މުހައްމަދު ޖަމީލަކީ ޤައުމީ ހިދުމަތުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ނުހަނު ގިނަ ގުނައެވެ. ސަރުކާރުގެ ޚިދުމަތްތަކުގެ ތެރެއިން ކާތިބު ކަމާއި، ސެކްރެޓަރީ ކަމުން ފެށިގެން ގޮސް އެންނމެ ޤަދަރު ބޮޑު، މަސްޢޫލިއްޔަތު ބޮޑު މަޤާމްތައް ފުރުއްވި ބޭކަލެކެވެ. އަދާ ކުރެއްވި ކޮންމެ ވަޒީފާ އެއްގައިވެސް ދުވަހުން ދުވަހަށް މަތީ މަޤާމް ހާސިލް ކުރެއްވި ކަމީ އެމަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން ހާމަވާ ކަމެކެވެ. މިގޮތުން އެމަނިކުފާނު ސަރުކާރުގެ ތަފާތު ވަޒީފާތަކެއްގައި ތަފާތު 40 މަޤާމެއް ފުރުއްވިއެވެ. ދައުލަތުގެ ބަންޑާރަ ނާއިބުކަމުގެ މަގާމަށް އިސްކުރެވުނީ 30މެއި 1956 ގައެވެ. 11 ސެޕްޓެމްބަރު 1956 ގައި ބަންޑާރަ ނައިބު ކަމުގެ މަގާމުން ވަކިކުރެވުނެވެ.

ސަރުކާރުގައި އަދާކުރެއްވި ބައެއް ވަޒީފާތައް


•    މަޙްކަމަތުލްމަޢާރިފުގެ ކާތިބުކަން

•    މަޙްކަމަތުލްމަޢާރިފުގެ މަޖީދިއްޔާގެ މުދައްރިސްކަން (ތަފާތު އޮފީސްއޮފީހުގެ ދަށުގައި)

•    މަޙްކަމަތުލްމަޢާރިފުގެ މަޖީދިއްޔާގެ ނާޠިރުގެ ނާއިބުގެ ޤާއިމް މަޤާމްކަން

•    މަޙްކަމަތުލްމަޢާރިފުގެ މަޖީދިއްޔާގެ ނާޠިރުގެ ނާއިބުކަން

•    މަޙްކަމަތުލްމަޢާރިފުގެ ހިންގާ ވެރިޔާކަން

•    ވުޒާރަތުލް މަޢާރިފުގެ މަދްރަސަތުލް މަޖީދިއްޔާގެ ނާޠިރުގެ އެހީތެރިޔާކަން

•    ވުޒާރަތުލް މަޢާރިފުގެ މަދްރަސަތުލް މަޖީދިއްޔާގެ ނާޡިރުކަން

•    ވުޒާރަތުލް މަޢާރިފުގެ ވަޒީރުލްމަޢާރިފުގެ ވަކީލުކަން
 
•    މަޙްކަމަތުއް ޝަރްޢިއްޔާގެ ސެކްރެޓަރީކަން

•    މަޙްކަމަތުއް ޝަރްޢިއްޔާގެ ނާއިބުކަން

•    މަޙްކަމަތުއް ޝަރްޢިއްޔާގެ އިސްނާއިބުކަން

•    މަޙްކަމަތުއް ޝަރްޢިއްޔާގެ އިސްތިއުނާފު ކޮމެޓީގެ ރައީސްކަން

•    މަޙްކަމަތުއް ޝަރްޢިއްޔާގެ ވެރިޔާކަން

•    މަޙްކަމަތުއް ޝަރްޢިއްޔާގެ އުއްތަމަ ފަނޑިޔާރުކަން
 
•    މަޙްކަމަތުއް ދާޚިލިއްޔާގެ ކާތިބުކަން

•    މަޙްކަމަތުއް ދާޚިލިއްޔާގެ ސެކްރެޓަރީކަން

•    މަޙްކަމަތުއް ދާޚިލިއްޔާގެ ފިލްމު ސެންސަރުބޯޑުގެ މެމްބަރުކަން

•    މަޙްކަމަތުއް ދާޚިލިއްޔާގެ މުނިސިޕަލްޓީގެ މާފަންނު މެމްބަރުކަން

•    މަޙްކަމަތުއް ދާޚިލިއްޔާގެ ރައްޔިތުންގެ މަޖްލިސްގެ ހ.އަތޮޅު މެމްބަރުކަން

•    މަޙްކަމަތުއް ދާޚިލިއްޔާގެ މުނިސިޕަލްޓީގެ ރައީސްކަން

•    މަޙްކަމަތުއް ދާޚިލިއްޔާގެ ބަންޑާރަނާއިބުކަން
 
•    ވުޒާރަތުލް އައުޤާފުގެ މާފަންނު ޚަތީބުކަން

•    ވުޒާރަތުލް އައުޤާފުގެ ޚަތީބުކަން (ތަފާތު އޮފީސްތަކުގެ ދަށުގައި މިމަޤާމް ހިމެނުނެވެ.)

•    ވުޒާރަތުލް އައުޤާފުގެ ހެންވޭރުގެ ޚަތީބުކަން

•    ޤާނޫނުއަސާސީ އިސްލާޙުކުރުމަށް އެއްކުރެވުނު ޤަވާޢިދު ހަދާކޮމިޓީގެ މެންބަރުކަން (1980 މ. ވަނައަހަރު)

•    މާބަނޑޭރި އޮފީހުގެ ފަތްލިޔާކަން

•    މަޙްކަމަތުލް އަޝްޣާލުގެ ފަތްލިޔާކަން

•    މަޙްކަމަތުލް އަމަން ޢާންމުގެ ތަޙުޤީޤުކޮމެޓީގެ މެމްބަރުކަން

•    ވަޒީރުލްއަޢުޘަމްގެ އޮފީހުގެ ދަންނަ ބޭކަލުންގެ ކޮމިޓީގެ މެމްބަރުކަން

•    ތިލަދުންމަތީ އ.ކ.އ. ކަން

•    ކ.ހ. އޮފީހުގެ ވެރިކަން

•    ތިލަދުންމަތީ ޚާއްޞަ ވަކީލުކަން

•    ދާރުލް އިޤާމާގެ ވެރިޔާކަން
 
•    މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރެލިޖަސްނޮލެޖް ޓީޗަރުކަން

•    މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަޢުޙަދުއްދިރާސާތުލް އިސްލާމިއްޔާގެ މުދައްރިސް (ފިޤްހު)

•    މިނިސްޓްރީ އޮފް އިންފޮމޭޝަންގެ ފޮތްފޮތާއި ލިޔުންތައް ފާސްކުރައްވާކަން

•    ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ މާލޭގައި ހުކުރުކުރައްވާކަން

•    ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ މާލޭގައި ހުކުރު މިސްކިތާއި ބަންޑާރަ މިސްކިތުގައި ހުކުރު ނަމާދާއި ޢީދުނަމާދު ކުރައްވާކަން

•    ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާކަން

•    ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަން

•    ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލިޔުއްވާ އަދި ތަރުޖަމާކުރައްވާކަން

•    ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލުކަން

•    ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްކަން

އެންމެ ގިނަ ދުވަހު އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވަނީ ދިވެހި ބަހާއި، ތާރިޚާއި، ޡަޤާފަތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުންނެވެ. މިރޮނގުރޮނގުގައި، އެންމެ އިސް ވެރިއެއްގެ ގޮތުގައެވެ.


ދީނީ ރޮނގުން ކުރެއްވި ޚިދުމަތްތައް


 
ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރްން ފެށުނު ދުވަސް. ޖްމީލް ދީދީ މެދުގައި. މިއީމާލޭގައި ފުރަތަމަ ފަހަރަށް ދެމިސްކިތެއްގައި ހުކުރުކުރަން ފެށުނު ދުވަސް . މިއީ 5 ޑިސެމްބަރު 1958

 
ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރްން ފެށުނު ދުވަސް. ޖްމީލް ދީދީ މެދުގައި. މިއީމާލޭގައި ފުރަތަމަ ފަހަރަށް ދެމިސްކިތެއްގައި ހުކުރުކުރަން ފެށުނު ދުވަސް . މިއީ 5 ޑިސެމްބަރު 1958

މަރުޙޫމް ޖަމީލަށް ދިވެހި މުޖުތަމައުގައި އެންމެ ބޮޑު ޤަދަރަކާއި އިއްޒަތެއް ލިބިފައިވަނީ އެމަނިކުފާނު ދީނީ ރޮނގުން ކުރެއްވި ޚިދުމަތްތަކާއި ގުޅިގެންނެވެ. އެމަނިކުފާނު ތަފާތު އެތައް ދީނީ މަޖައްލާ އެއްގެ އެޑިޓަރު ކަމާއި މިނޫން މަޤާމްތައް ވެސް ފުރުއްވާފައިވެއެވެ. ދީނީ ރޮނގުން ގިނަގުނަ ފޮތްތަކެއް އެކުލަވާލެއްވި މުސައްނިފެކެވެ. މިފޮތްފޮތަކީ މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ދީނީ ރޮނގުން އެންމެ ބޮޑެތި ބޭނުންތައް ހިފެމުންދާ ފޮތްތަކެވެ. މިގޮތުން އެމަނިކުފާނުގެ ފޮތްތަކުގެ ތެރޭގައި:

•    ދީނިއްޔާތު

•    ތައުލީމުއްދިޔާނާގެ ފޮތްތައް

•    ދުރުސުލްއަޚުލާޤު

•    އިރުޝާދުލްއަނާމް

•    އަލް އިސްލާމް

•    އަލްމިންބަރު

•    ޝުއުލާ
ދިވެހިރާއްޖޭގައި މިއަދާއި ހަމައަށް ނެރެވެމުން މިއަންނަ "ދީނުގެ މަގު" ނޫހަކީވެސް އެމަނިކުފާނުގެ ޚިޔާލުފުޅަކާއި ގުޅިގެން ނެރެވޭ ނޫހެއް ކަމުގައި، ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ދީނުގެ މަގުގެ ޒަރިއްޔާއިން "އެންމެ ސީދާ ތެދުމަގު" ގެ އަލިކަން އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވީވެސް އެމަނިކުފާނެވެ. ރޭޑިޔޯ އިންނާއި ޓީވީ އިން ފޮނުވަމުން ގެންދާ ގިނަ ދީނީ ޕްރޮގްރާމްތަކުގައިވެސް ނަ އަދަދަކަށް ޖަމީލްގެ ދީނީ ނަސޭހަތާއި ވައުޟު ގި އެކުލެވިފައިވެއެވެ.

ހުކުރު ޚުޠުބާ ހެއްދެވުމާއި ހެއްދެވުމާއި ޤުރުޢާން ތަރުޖަމާ ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވުމާއި އަމިއްލަ އަޑުފުޅުން ޤުރުއާނުގެ ތަރުޖަމާ ގެނެސް ދެއްވުމަކީ ކުޑަ އަދި ކުރެއްވުމަށް ފަސޭހަކަންތަކެއް ނޫނެވެ.

ބަހަށް ކުރެއްވި ޚިދުމަތްތައް


މަރުހޫމް ޖަމީލަކީ ދިވެހިބަހަށްވެސް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.1948 ގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމްގެ ޅެން ލިޔެ ތައްޔާރު ކުރެއްވި ޝާއިރަކީ ވެސް މުހައްމަދު ޖަމީލް ދީދީ އެވެ. ބަހަށް ޚިދުމަތްކުރެއްވުމުގެ ޤައުމީ ޝަރަފުވެރި ކަމުގެ އިނާމުވެސް އެމަނިކުފާނަށް ލިބިލައްވާފައިވެއެވެ. މިގޮތުން ދިވެހި ބަހުގެ ރޮނގުން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން:

•    ކުޑަކުދިންގެ ބަގީޗާ 1

•    ކުޑަކުދިންގެ ބަގީޗާ 2

•    ދިވެހި ކިޔުން 1

•    ދިވެހި ކިޔުން 2

•    ދިވެހި ކިޔުން 3

•    ޅެމާއި ޅެންވެރިކަން

މީގެ އިތުރަށް ދިވެހި ބަހުގެ ޤަވާއިދު ބަޔާންކުރައްވައި "ފިޔަވަޅު" ކިޔާ ފޮތެއްވެސް އެކުލަވާލައްވާފައި ވެއެވެ.

އަވަހާރަވުން


މުހަންމަދު ޖަމީލު ދީދީ މިދުނިޔެ ދޫކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ އުމުރުފުޅުން 74 އަހަރުގައި 15 މާރޗް 1989މ. ގައެވެ.އެއީ ހިޖުރައިން 7 ޝަޢުބާން 1409 ގައެވެ. ދިވެހިރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ގެ ގޮތުގައި 15 މާރޗް ފާހަގަ ކުރަނީ މުހައްމަދު ޖަމީލް ދީދީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.



ރިފަރެންސް
•    އަބާރަނަ 2 - މަލަސް 24 - 15 ޖެނުއަރީ 1990 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
•    އިންޓަނެޓް ބައެއް ވެބްސައިޓްތައް
•    އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓް


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ