އަދުގެ ޚާއްސަ

Print

ކެމްޕޭނަށް ސުމެއް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)

ޝާޢިރުލްމަޤުތޫލު

''ވަފާތެރިކަން'' ޖަމިއްޔާއެއް ހަދަން ބޭނުންވެގެން ނުކުތޭ
        އުފާވެރިކަން    ޙަޔާތަށް އާންމު ކުރެވޭތޯ   ފިކުރު ކުރެތޭ

ރަނގަޅު ޢަޒުމާ، ރަނގަޅު ޢަމަލާ، ރަނގަޅު މީހުންގެ ދުނިޔެއަކަށް،
       ރަނގަޅު މަގަކުން ދުނިޔެ ހެދުމީ، މި ކަމުގައި ހަމަ އެކަނި ނިޔަތޭ

މި މާތް މަޤުޞަދު މިހެން އޮތުމުން ރަނގަޅު މީހުންގެ ގާތަށް ގޮސް،
        ދިމާޔަށް މެންބަރެއް  ކަމުގައި ވުމަށް އެދި  ސާފުކޮށް ބުނެތޭ

އެ ފަދަ މީހުންގެ ގާތްކަން އޮތް ބައެއްގެ އެހީ ލިބޭނެ މަގުން،
    މި ފުރުޞަތުގައި މަސައްކަތް ކޮށްދިނުން އެދި ދަންނަވައި އުޅެތޭ

ދިމާވިޔެ، އެންމެ ފުރަތަމަ ވެސް، ''ޢިބާދަތު'' މަގުމަތިން ދަނިކޮށް،
     މި ވާހަކަ ބުނެލިޔޭ     އެހެނީ އެއީ ހަމަ އެންމެ ގާތް އުޚުތޭ

ޢިބާދަތު ހީނަލުން ބުންޏޭ ތިބާއީ ހެޔޮ ރަނގަޅު ކަމެކޭ،
    ކިބައިގައި އަޅުގެ އެހެނަސް   އަދު އޮތީ ކަންދެއްކުމުގެ ނިޔަތޭ

ވަރަށް އުންމީދު ނުކުރާ ހިތި ޖަވާބެއް އަޑު އިވުނު ނަމަވެސް،
    ކުރަން ބޭނުންވަނީ ބައިވެރި، މި ކަމުގައި ނުހަނު ސާފު ހިތޭ

ލަހެއް ނުވެ ދެން އެޅުނު ގޯޅިން ''ސިޔާސަތު'' ފެނިލިޔޭ ދަނިކޮށް،
    ވަހުމުގައި ހުރެ ހިފީ ބޭނުން، ވުމުން ބައްދަލު މި ހަނި ވަގުތޭ

''ސިޔާސަތު'' އިސްޖަހާލައިފައި ވަރަށްމަޑު ވައި އަޑުން ބުންޏޭ،
    ކިޔާ ލަވަޔާ ޖަހާބެރުގާ،     މަގޭ މީހުން   ދެ ފުށް ދެގޮތޭ

ހިތަށް އެރިޔޭ ''ޢަދުލު އިންސާފު'' ހުންނާނީ ވަރަށް ތެދަށޭ،
    އެތައް  ތަފުޞީލަކާއެކުގައި   އެދޭ ގޮތް   ހާމަ ގޮސް ކުރެތޭ

''ޢަދުލު އިންސާފު'' ރޮއިލައިފައި އަސަރުހުރި ރާގަކަށް ބުންޏޭ
    ޢަދަދު ނޭނގޭ  ވަރަށް އަހަރެންގެ   މީހުން ދޮގު ހުވާ ކުރެތޭ

މަދަދުވެރިވާނެ އިތުބާރެއް ހިފޭ ހަމަ އެކަކު ވެސް ނެތްހޭ؟
    އަދަބު އަޚުލާޤު  ކިހިނެއްތޯ   އަހާލަން  ގޮސް ގެޔަށް ވަދެތޭ

''އަދަބު އަޚުލާޤު'' ޗުއްޓީގައި އުޅޭ ކަމަށޭ ގެއިން ބުނަނީ،
    ބަނދަރުގައި  އޮތް އޮޑިން  އޭނާ ވަދާޢަށް  އެ އުފުލީ ދެ އަތޭ

ވަރަށް މާޔޫސްވެގެން ޛިކްރެއް ދުޢާއެއް ކޮށްލުމަށް އަވަހަށް،
    ވަރަށް ބޮޑު ރީތި މިސްކިތަކަށް އެ ހިނދު ގޮސް ހަލުވި ކޮށް ވަދެތޭ

ދިމާވިޔެ، މިސްކިތުގެ އެތެރޭން ''ނަސޭހަތްތެރިކަމާ ވަޢުޡާ''
    ދިމާޔަށް ފާޅުގައި     އެފެށީ ކުރަން       ޖަދަލާ މަލާމާތޭ

މުޅިން އުންމީދު ގެއްލެނި ކޮށް ދިމާވެއްޖޭ އަމާނާތާ،
    މޮޅިން ހުރެ ކޮށްލަނީ     ހިއްސާ    މި ހެޔޮ އެދުމާ، ޚިޔާލާތޭ

''އަމާނާތް'' ގިސްލަމުން ބުންޏޭ މަވެސް މުސްކުޅި ކުރައްވަތްޕޭ
     ޒަމާނަށް    އެންމެ    އެކަށޭނީ  ދޮގާ މަކަރާ ޚިޔާނާތޭ

''ވަފާތެރިކަން'' ހިތަށް އެރިޔޭ ޖަމިއްޔާއަށް ޝަރުޠު ހަމަވާ،
    ލާފާދާރެއްގެ     ހިޔަނި ވިޔަސް މި އުޑު ދަށުގައި މިހާރު ނެތޭ

އެކަނިމާ އެކަނި މާޔޫސްކަންމަތީ އަވަހަށް ގެޔަށް ދިޔުމަށް،
    ފިކުރު ކުރަމުން   ހިމޭންކަމުގައި ރޮމުން ފިޔަވަޅު އަޅައި ނަގަތޭ

މިހެން ދަނިކޮށް، ދިމާވިޔެ ލަޝްކަރެއްހައި ބިޔަ ޖަމާޢަތަކާ،
    އެހެންވީމާ، ވަރަށް ހައިރާންވެ ގޮސް ބައްދަލު އެހިނދު ކުރެތޭ

ބުނަން އެނގުނީ، މި ފައުޖުގެ ގޮތް، މުއައްސިސް ހަމަ ލޮލަށް ފެނުމުން،
    ގުނަން   ބޯ  ގިނަ މި ޖަމްއިއްޔާގެ   އާބާދީ،  އަދަދު ނުވެތޭ

މު އައްސިސަކީ، އިނގޭތޯ ''ބޭވަފާ'' އޭނާ ހުރީ އިސްކޮށް،
     މިއަށް ވުރެ ބޮޑު އަޖައިބުކަމެއް ހިތަށް ވެސް ސޫރައެއް ނުވެތޭ

މި ތާނގައި ''ލޯބި'' ވެސް ހުއްޓޭ ވަރަށް އިސްމެންބަރެއްކަމުގައި،
     ހިތާ ގިނަ    ސިކުނޑިތައް    ރޮއްވުން އޭއީ އޭނާގެ އާފާތޭ

''ސަރީއަތް'' ވެސް ދުރުން ފެނެޔޭ ހުރީތީ ހައިބަތާ އެކުގައި،
      ކުރީއްސުރެ    ރިޝްވަތަށް އޭނާ ވަނީ ފަރިތަވެ ހިތާ ދެ އަތޭ

''ވަޢުދު ޢަހުދާ'' މި އެއްމާބަނޑު ދެބެންވެސް ފަހަތުގައި ތިއްބޭ،
       މި އަދު    މި ދެބޭން    ބުނާ ބުނުމާ ޚިލާފުވުމީ އެއީ ޒާތޭ

''ދުލާ ގަލަމާ'' ނިކަން އެކުވެރިކަމާއެކު އަތުގުޅައިލައިގެން،
        ނުލާހިކު ހުތުރު ހަޑި ބަސްތައް، ކިޔައި ލިޔެ ތިބެ މަޖާ ކުރެތޭ

ވަރަށް ފަޚުރާއެކީ، ''ވިޔަފާރި'' ފެނެޔޭ ލަޝްކަރުގެ ތެރެއިން،
       މަރަށް ވެސް    ހީލަތެއް ހެދުމަށް ފިކުރުކޮށް ބޯ ކަހައި ނަގަތޭ

މުރާކިތަކެއް  ނޮޅައިގެން ކާން އިނޭ ލޯ ނުދިލި، ''ތަރުބިއްޔަތު''
       ފުރައި ދެލޮލުން  މި މަންޒަރު ފެނިލުމާއެކު، ކަރުނަ އުތުރިގަތޭ

ނިދާލައިފައި އޮތޭ ޤާނޫނު ހަމަ ޖެހިގެން މި ތާ މެދުގައި،
        އަނދާ އަޅިޔަށް ވިޔަސް މި ދުނިޔެ، އަޅާ ނުލުމީ މިހާރު ގޮތޭ

ވަފާތެރިކަމުގެ ކެމްޕޭނަށް މި ލިބުނީ ދުނިޔެ އިން ސުމެކޭ،
        ވަފާތެރި   މެންބަރަކު ނުވުމުން، ޖަމިއްޔާގަނޑު އުފަންނުވެތޭ

އުފާކޮށްފައި އެހެން ނަމަވެސް، ހެމުން ގޮސް ''ބޭވަފާ'' އެދުވަހު،
         ނުފާޑުގެ    ލަޝްކަރެއް     އަތުރާ ނުފޫޒާ ބާރުވެރިވެގަތޭ

ހެވާ ނުބަޔާ މި ދުނިޔޭގައި އަޅައިބެލި ކޮންމެ ބާވަތަކުން،
          ދުވާލުގެ އިރު ފަދައިން     އެނގެޔޭ ނަތީޖާމީ ލިބޭނެ ގޮތޭ
--------------------
1 ޖޫން 2008


ޝުކުރުގެ ބަހެއް:

2008 ވަނަ އަހަރުގެ ތެރޭގައި، ކުޅަދާނަ ޝާޢިރު، އަލްމުޙުތަރަމް އާދަމް ޢަބްދުއްރަޙްމާނު (އުތީމު އާދަމްބެ) މާލެ ވަޑައިގެންނެވި ފަހަރެއްގައި އިރުޝާދަކަށްް އެދި، އަޅުގަނޑު މި ޅެން ދައްކައިލީމެވެ. ޚިޔާލު ގެނެވިފައިވާ ގޮތާމެދު ހިތްޕުޅު ހަމަޖެހުމުގެ ޝުޢޫރުތައް ފާޅު ކުރެއްވި އެވެ. ހަމަ އެހެންމެ ޚިޔާލުގެ ގޮތުން އިތުރަށް ފިކުރުތައް މައްޗަށް ގެންގޮސް، އޮއްޓަރު ހަރުދަނާ ކޮށްފައި ނޫނީ، ޅެން ޝާއިޢު ނުކުރުމަށް ލަފާ ދެއްވި އެވެ. އަވަސް އަވަސް ކޮށްލުމުގެ ބަދަލުގައި ވަގުތު ހޯދައިގެން އިތުރަށް ވިސްނައި ފުރިހަމަ ކުރުމަށް އިރުޝާދު ދެއްވި އެވެ. ޝާއިޢު ނުވެ ހޭދަވާ ވަގުތަށް ވުރެ، ޝާއިޢު ވާއިރު، ޅެމެއްގައި ހުންނަ ފޭރާން ހެޔޮކަން މާ އަގުބޮޑުކަމަށް ވިދާޅުވާ ކަހަލަ އެވެ. މި މޭރުމުން ބަލާއިރު، ރަނގަޅު ކޮންލަން ފެނިވަޑައިގަންނަވާ ބައެއް ތަންތަން ހުރިކަން ފާހަގަ ކޮށްލެއްވި އެވެ.

އެހެންކަމުން އިތުރަށް ވިސްނުމަށްޓަކައި ޅެން ބާއްވާލެވުނެވެ. އަދި އަޅުގަނޑަށް ފެންނަ ބައެއް ބަދަލުތައް ގެނެސްފައި، އި ހަށް ދުވަހު، އަލުން އާދަމްބެއަށް، މި ޅެން މެއިލްކުރީމެވެ. އިތުރު ޚިޔާލުފުޅުތަކާއި، ޅެން އޮމާން ކުރުމުގައި އެހީތެރިކަމަށް އެދި އެވެ. ބައެއް ތަންތަނަށް ވަރަށް ރަނގަޅު ބަދަލުތައް ގެނެސް ދެއްވި އެވެ. އެ ބަދަލުތަކުގެ ސަބަބުން ޅެމަށް އިތުރު އޮމާންކަން ލިބިދޭފަދަ ރީތި ބަދަލުތަކެވެ. އެހެންކަމުން މި ފުރުޞަތުގައި އަލްއަޚު އާދަމް ޢަބްދުއްރަޙުމާނުގެ މި ޢިނާޔަތްތެރިކަން ފާހަގަކޮށް، ނުހަނު އިޚްލާޞްތެރިކަމާއެކު، ޝުކުރު ދަންނަވާލުމަށްޓަކައި މި ދެތިން ފޮޅުވަތް ލިޔެލީމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ