އަދުގެ ޚާއްސަ

Print

އަޅައިލާ އަޅައިލާ ބާރަށް ފިތައިލާ

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ

އަަލަށްއެއްޗެއް ލިބޭ ކޮންމެފަހަރަކީ އާކަމެއް ކޮށްލާހިތްވާ ނުވަތަ އައުކަމެއް ކުރެވިފައި އޮންނަ ފަހަރެކެވެ. މިގޮތުން ދިމާވާ ހާދިސާތަކަކީ ބިރުވެރި ހެއްވާ ހިތާމަވެރި ހާދިސާއަށްވެސް ވެފައި ހުންނަނީއަކީ މަދެއްކޮށެއްނޫނެވެ. މިގޮތުން ދިވެހިރާއްޖޭގައި މިކަހަލަ ކިތަންމެ ހާދިސާއެއް ހިނގާފައި ހުންނާނެކަމީ ހަމަ ޔަގީންކަމެކެވެ. އެގޮތުން އަޅުގަނޑު ހުށައަޅާލަނި އެއިގެތެރޭން އެއް ހާދިސާއެވެ. ކުރިއަށް އަންނާން ކިތަންމެ ހާދިސާއެއް ހުރިކަން ހަނދުމަފުޅު ބަހައްޓަވަން ވާނެއެވެ.


ދުވަސްވަރަކީ ދިވެހިރާއްޖެއަށް ކިރު ތަޢާރަފުވީ ދުވަސްވަރެވެ. އަޅުގަނޑު މިދެންނެވީ ހަމަ ކިރުގެ ވާހަކައެވެ. ހިކިކިރެވެ. ގެރިކިރެވެ. ތަފާތު ވައްތަރުގެ ދަޅުގައި ބަންދުކުރި ކިރުގެ ވާހަކައެވެ. ސާކިރުގެ ވާހަކަޔެއްނޫނެވެ. މިކަހަލަ ކިރު އޭރު ރާއްޖެތެރެއަށް އެތެރެކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އޭރު މިކަހަލަ ކިރު ބުއިމުގެ ''ހުއްދަ'' އޮންނަ ކަމަށްވަނީ ކޮއިލުތެރޭގެ ރަސްމަތި ބޭފުޅުންނަށާއި މިތަނަށް ވަދެނިކުމެވާ އަރިސް ބޭފުޅުންނަށެވެ.

މަންޒަރު މިފެންނަނީ  ރާއްޖެތެރޭން އެކިއެކި ކަންކަމުގައި މާލެއަށް އަންނަ "ކުޅަނދު" މަދު ކަމަށް ބުނާ ދިވެހީންނަށެވެ. ކިރު އަޅައި އޮލަކޮށްލާފައި ހުންނަ ސައިތަށި އަލަށް ފެނުނީމާ އެބޯލާ ހިތްނުވާނީ ކާކުތޯއެވެ. މިބާވަތުގެ ކިރުތައްޓަށް ބުއްތައްޓޭ ކިރުތައްޓޭ ވެސް ކިޔައި އުޅެއެވެ. އޭރުކިޔާގޮތުން ނަމަ ހުދުސަޔެވެ.

މިހެން ކަންތައްވެފައި އޮއްވައި ކިރާއި ކިރުސައިގެ ޚަބަރު ރާއްޖެތެރެއަށް ދާން ފަށައިފިއެވެ. މިގޮތުން ކިރުސައިގެ ޚަބަރު އެގޮތް މިގޮތުން އެކި މީސް މީހުންނަށް ލިބޭން ފަށައިފިއެވެ. މިގޮތުން ކިރުސައި މަޝްހޫރުވެ ނިމިއްޖެއެވެ. މިބާވަތުގެ ކިރުސައިގެ ނަމޫނާ ދެއްކުމަށްޓަކައި މާލޭން އަންނަ މީހުން، ފެނަށް ގޮދަންފުށް އަޅައިގެން ގިރާފައި ދައްކަންވެސް ދެއްކި ކަމަށްވެއެވެ. ކޮންމެއަކަސް މާލޭ ކުޅަނދު ހަމަވާ ބޭކަނބަލުންގެ ކައިވެނި ޢަޤުދުވެ ނިމުނީމާ ފިރިމީހާއަށް ދޭ ބުއިމަކަށްވެސް ހުދުސައި ވެފައި އޮތްކަމަށް ވެއެވެ.

ކޮންމެއަކަސް މިހެން މިކަންތައް ވެފައި އޮއްވައި މާލެގައި ގެރިބަަކަރި ގެންގުޅުން އާންމުވެއްޖެއެވެ. ގެރިކޮށިތަކާއި ބަކަރިކޮށިތައް މާލޭގައި ގިނަވެއްޖެއެވެ. އަދި ބޮޑުއަގުގައި ރާއްޖެތެރެއަށްވެސް ފޯރާމީހުން ގެރިބަކަރި ހިސާބަކަށް ގެންދާން ފަށައިފިއެވެ.

މިގޮތުން މާލޭ ފަޅުގައި ޖަައްސާފައި އޮތް ދޯންޏެއްގައި ތިބި ދެމީހަކު ދަންވަރު މާލެއަށް ވަގަށް އަރާ ބަކަރި ކޮށްޓަކާ ދިމާކޮށްލައިފިއެވެ. ދެމީހުން ބަކަރިތަކުގެ ތެރެއަށް ވަދެ ކިރުއެރި ފުރިފައި އޮތްކަމަށް ފެނުނު މަސްފަލަ ބަކަރިއެއް ވަގަށް ގެނެސް ދޯންޏަށް ލައިފިއެވެ. މިހުރިހާ ކަމެއް ހަމަޖެހުމާއެކު ދޯނި މާލެއިން ފުރާ ވީއްލައިފިއެވެ.

ރަށަށް ބަކަރި ގެންދެވިއްޖެއެވެ. ބަކަރިއަކީ ފަލަ ބަކަރިއެކެވެ. ވަގަށް ނެގި މީހުން ވަރަށް ސިއްރުން ބަކަރި ގެންދާންވީތަނަށް ގެންގޮސް ރައްކާކޮށްފިއެވެ. މިސޮރު "އުންބަހަހާ" ގޮވާފާނެތީ އަނގައޮތީ ބަނދެފައެވެ.

އަނެއްދުވަހު ބަކަރި ވަގަށްނެގި މީހުން ބަކަރީން ކިރު ފެލާން ތައްޔާރުވާން ފަށައިފިއެވެ. ބަކަރި އޮބަހައްޓަން މަސްފަލަ ގައިގެ ވަރުހުރި ހައެއްކަ ފިރިހެނުން ގެންދިޔަކަމަށް ވެއެވެ. އަދި އޭގެ އިތުރަށް ކިރުއަޅާން ވަރުގަދަ ފުން ބާލިދީއެއް ގެންދިޔަކަމަށްވެއެވެ. މީގެތެރޭން ވަގަށް ނެގިމީހުން ފިޔަވައި ދެންއައި މީހުންނަކީ ބަކަރި އަލަށް ފެނުނު މީހުންނެވެ. ބަކަރި އުންބަހަހާ ގޮވާ އެއްޗެއްކަމާއި ކިރުފެލާއެއްޗެއްކަމާއި މަސްކައި ޖަނަވާރެއްކަން އެނގެނީވެސް އެތަނުން މަދު މީހަކަށެވެ.

ބަކަރިން ކިރުފެލާން ތައްޔާރުވެއްޖެއެވެ. ހަތަރުފައިގައި ހަތަރުމީހުން ހިފަހައްޓައިފިއެވެ. ވައްގަނޑާ ދިމާޔަށް  ކިރުއަޅާން ބާލިދީ ދަރައިލުމަށްފަހު ބަކަރީގެ ވައްގަނޑުގައި ހޭހަން ކުރާން ފަށައިފިއެވެ. ބަކަރި ހަމަ ގަދަ ދައްކާލާފައި ހަޅޭއްލެވޭތޯ ތެޅި ފޮޅެމުންދިޔައެވެ. ވައްގަނޑުގެ ދެފަރާތުގައި އެކި އަރިއަރިއަށް އެކި ދިމަދިމާޔަށް ހޭހަންކޮށްގެންވެސް ވަރުބަލީވީއިރުވެސް ކިރުތިއްކެއްވެސް ޖަހާގޮތެއްނުވިއެވެ. މިކަމާއި މިމީހުން ވަރަށް ކަންބޮޑު ވެއްޖެއެވެ. މިބަކަރީން ކިރުފެލޭނެ ގޮތެއްވޭތޯ އެންމެން މަޝްވަރާކުރާން ފަށައިފިއެވެ. އެވަގުތު އެތަނުގައި ހުރި އެކަކު ގެޔަށްގޮސްފައި އިރުކޮޅެއްފަހުން އައީ ތެޔޮފެލަން ގެންގުޅޭ ވަރުގަދަ އޮތްބެއް ހިފައިގެންނެވެ. މިއެއްޗެއްގެނެސް ހަދަންވީ ގޮތް ކިޔަދިނުމަށްފަހު އޮބި، ބަކަރީގެ ވައްގަނޑުގައި ދާވައިފިއެވެ. އެތިބަ ބޮޑެތި ގައިބާރުގަދަ ދެ ފިރިހެނުން ބަކަރީގެ ފައި ހައިކޮށްލީމާ، "އަޅައިލާ އަޅައިލާ ބާރަށް ފިތައިލާށޭ" މިހެން ގޮވައިލައިފައި ގައިގައި ހުރި ބާރެއްލާފައި އޮބިއަޅައިލައިފިއެވެ.

އެވަގުތު ބަކަރިވީތަދުން ހަޅޭއްލަވާ ތެޅިފޮޅޭން ފަށައިފިއެވެ. ހަތަރުމީހުންނަށް ކިރިޔާ ހަމަ ހިފަހައްޓާލެވެނީއެވެ. ބޮޑަށް ހީވަނީ ޖިންނި އަވަލާފައި ހުރި އަންހެނަކު ހިފަހައްޓައިގެންތިބޭއިރު އަންހެންމީހާ ތެޅޭ ހެންނެވެ. އިރުކޮޅެއްނުވެ ފެނުނީ ބަކަރީގެ ވައްގަނޑު ފަޅައިގެންގޮސް ލޭއަންނަން ފެށިތަނެވެ. ކިރުއަޅާން ދަރާފައި ހުރި ބާލިދީގައި ލޭތަކުގެ ތެރޭގައި ހުދުކުލައިގެ ދެބިސް ކަހަލަދޭތި އޮތެވެ.

އެކަކު:" ކަލޯ. ކިރު ފަޅައިގެން އެދިޔައީ. އެހެންވާނެ އެއްނު ކަލޭމެން މާ ބާރަށް ވިއްޔާ ކިރުގައި އޮބި ތިޔަ އެޅީ. ކިރު ނުފެލައި ލަސްވީމާ ކިރުތައް އެހެރީ ގަނޑުވެފައި. ކިރަކީ އެތާގައި ދައުރުވާ އެއްޗެކޭ. ބަލާބައި ބާލިދީގައި އެއޮތީނު ކިރު ދެގުޅަ.( އެޔަށް އިޝާރާތްކުރަމުން). މިހިރީ ކިރު ބޮވިފައެއްނު. "

އަނެކަކު: " (ހިނިގަނޑެއް ޖަހާފައި) ޝަހާދެއް ތިޔައީ ބަކަރިއެއް ނޫންކަން. ބަކަރިއެކޭ ކިޔާފައި މިގެނެވުނީ ގިތެލެއް. އޮބި މިއެޅުނީ ވައްގަނޑަކު ނޫން..."

ދެން އިވުނީ މިޒުވާބު ކުރާ އަޑާއި އެންމެން ހޭ އަޑާއި، މަރުވެފައި އޮތް ގިތެޔޮ ވަޅުލާން އުޅޭ އަޑެވެ. މީހަކަށް މިވާހަކަ ނޭންގެނީސް އަވަހަށް ވަޅުލާށޭ ގޮވާއަޑުވެސް އިވުނު ކަމަށްވެއެވެ.

ނިމުނީ

ނޯޓު: 1. ގިތެޔޮ( ގިތެލެއް): ބަކަރީގެ ފިރިހެން ވައްތަރު

    2. އޮބި: އޮތްބަކީ ފޯއްވަޅިހަދާފައި އޮންނަ ގޮތަށް ލަކުޑީން ދެފަރާތް ހަމަހަމަ ވާގޮތަށް ފޯއްވަޅީގައި އޮންނަ ކަހަލަ ހިފާތަނެއް ލާފައި އިންނަ އެއްޗެއް. މިއީ ކާށިން ތެޔޮ ހޭނުމަށްފަހު ބާކީވާ ތެޔޮކުނޑިން ތެޔޮފެލަން ގެންގުޅޭ އެއްޗެއް. މިބާވަތުގެ އެއްޗެއް އަޅުގަނޑުގެ ގޭގައި ވަރަށް ފަހުންވެސް އޮތް ހަދާން ވެއެވެ. ކޮންމެއަކަސް މިއީ ރުޅިގަދަ އަނބީން އަތުޖެހޭ ހިސާބު ބާއްވާން ހެޔޮވާނެ އެއްޗެއް ކަމަކަށް ނުފެނެއެވެ. ސަބަބަކީ މަތީގައިވާ ހާދިސާގައި ގިތެލަށް ޖެހުނު ދަތުރު ރުޅިގަދަ ފިރީންނަށް ކުރާން ޖެހިދާނެތީއެވެ.

މަތީގައިވާ ހާދިސާއަކީ ހަގީގީ ހާދިސާއެއްގެ މައްޗަށްބިނާކުރެވިގެން ފޮނިހިޔާލުތައް އިތުރުކުރެވިގެން  ލިޔެވިފައިވާ ހަމަ ހަގީގީ ހާދިސާއެކެވެ. އަޅުގަނޑުގެ ލިޔުންތަށް ވިދާޅުވާ ބޭފުޅުންނަށް ވަރަށް ބޮޑަށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ. ދެން އަޅުގަނޑުގެ ލިޔުމެއް ފެންނާނެ ކަމަށް ލަފާުރެވެނީ އޭލެވެލް އިމްތިހާން ނިމުމަށް ފަހުގައެވެ. ޝުކުރިއްޔާ

އިދާރާ

ވާހަކަ