އަދުގެ ޚާއްސަ

Print

ޚަދީޖަތުގެފާނުގެ ޢުމުރުފުޅު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


ޚަދީޖަތުގެފާނުގެ ޢުމުރުފުޅާ ބެހޭގޮތުން ލިޔެފައިވާ ލިޔުމެއް، ބައެއް ޢަރަބި ވެބްސައިޓްތަކުން ފެންނަން ފަށައިފިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم، އެކަމަނާއާ ކާވެނި ބައްލަވައިގެންނެވި އިރު، އެކަމަނާގެ ޢުމުރުފުޅަކީ، 25 (ފަންސަވީސް) އަހަރު ކަމަށް އެ ލިޔުމުގައި ވެއެވެ. ނަމަވެސް، މުސްލިމުންގެ މެދުގައި މަޝްހޫރުވެފައިވަނީ، އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 40 (ސާޅީސް) އަހަރު ކަމަށެވެ.


ވެބްސައިޓުތަކުން ފެންނަ ލިއުމުގައި ވެއެވެ. "ޚަދީޖަތުގެފާނުގެ ޢުމުރުފުޅާމެދު، މުއައްރިޚުން، އަށް ރައުޔު ބަޔާންކޮށްފައި ވެއެވެ." އެލިއުމުގައި ބުނެފައިވާ 8 (އަށް) ރައުޔަކީ، ކީރިތި ރަސޫލާ صلى الله عليه وسلم، އެކަމަނާއާ ކާވެނި ބައްލަވައިގެންނެވި އިރު، އެކަމަނާގެ ޢުމުރުފުޅު ބުނެދޭ އަށް ރައުޔެވެ. އެ ރައުޔުތަކާއި އެ ރައުޔުތައް ބަޔާންވެފައިވާ ކަމަށް ބުނެފައިވާ މަޞްދަރުތައް ތިރީގައި މިވަނީއެވެ.


1. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 25 އަހަރެވެ. މަޞްދަރު: ދަލާއިލުއްނުބުއްވާ (އަލްބައިހަޤީ).

2. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 28 އަހަރެވެ. މަޞްދަރުތައް: ޝަޛަރާތުއްޛަހަބް، މުސްތަދުރަކުލް ޙާކިމް، ތާރީޚުލްޚަމީސް.

3. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 30 އަހަރެވެ. މަޞްދަރުތައް: އައްސީރަތުލްޙަލަބިއްޔާ، ތަހުޛީބު ތާރީޚު ދިމަޝްޤު.

4. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 35 އަހަރެވެ. މަޞްދަރުތައް: އަލްބިދާޔާ ޥައްނިހާޔާ، އައްސީރަތުއްނަބަޥިއްޔާ (އިބްނުކަޘީރުގެ).

5. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 40 އަހަރެވެ. މަޞްދަރުތައް: އަންސާބުލް އަޝްރާފި، އަލްމަޥާހިބުއްލަދުނިއްޔާ.

6. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 44 އަހަރެވެ. މަޞްދަރު: ތަހުޛީބު ތާރީޚު ދިމަޝްޤު.

7. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 45 އަހަރެވެ. މަޞްދަރުތައް: ތަހުޛީބުލް އަސްމާއި، ތާރީޚުލް ޚަމީސް.

8. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 46 އަހަރެވެ. މަޞްދަރު: އަންސާބުލް އަޝްރާފި.

ނަންގަނެވިދިޔަ، އަށް ރައުޔުގެ މަޞްދަރުތަކުގެ ތެރެއިން، ދަލާއިލުއްނުބުއްޥާ ނަމަކަށް ކިޔުނު ފޮތް ބެލީމެވެ. އެފޮތުގައި، ޞައްޙަކަމަށް ބުރަވެފައިވަނީ، ޚަދީޖަތުގެފާނުގެ ޢުމުރުފުޅަކީ، 50 (ފަންސާސް) އަހަރު ކަމަށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم، އެކަމަނާއާ ކާވެނި ބައްލަވައިގެންނެވި އިރު، އެކަމަނާގެ ޢުމުރުފުޅަކީ، 25 (ފަންސަވީސް) އަހަރު ކަމަށް ބަލާފައި ވަނީ، އެ ރައުޔުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވެދާނެއެވެ. އެހެނީ، ކީރިތި ރަސޫލާ صلى الله عليه وسلم، އެކަމަނާއާ ކާވެނި ބައްލަވައިގަތުމަށްފަހު، އެކަމަނާއާ އެކުގައި ހޭދަކުރެއްވި މުއްދަތަކީ، 25 އަހަރު ކަމަށް ބައެއް މަޞްދަރުތަކުގައި ވެއެވެ. މި މުއްދަތު، އެކަމަނާގެ ޢުމުރުފުޅު ކަމުގައިވާ 50 އަހަރުން ކެނޑީމާ ލިބޭ ނަތީޖާއަކީ، 25 އެވެ. މިއީ، ތެދު ނަތީޖާއެއް ކަމަށް ވެއްޖެނަމަ، ކީރިތި މާތް ރަސޫލާ صلى الله عليه وسلم، ޚަދީޖަތުގެފާނާ ކާވެނިބައްލަވައިގަތީ، އެކަމަނާގެ ޢުމުރުފުޅުން، 25 އަހަރުގައެވެ. އަދި އޭރު އިތުރު އެކަލޭގެފާނު صلى الله عليه وسلم ގެ ޢުމުރުފުޅަކީ ވެސް 25 އަހަރެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ