އަދުގެ ޚާއްސަ

Print

ދިވެހި ބަހުގެ ބައެއް ހަމަ

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ މާދަރީބަސް



އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު



ދިވެހި ބަހުގެ ތެރޭގައި ބައެއް ބަސް ބޭނުން ކުރަމުން ގެންދާ ހަމަ ގޮތް ކިޔައި ދެމެވެ. ލެޔެދެމެވެ. މިއީ މިކަމާބެހޭ ގޮތުން ހުރިހައި ބަހަކަށް  ވަކި ޤަވާޢިދެއް ހަމަޖެހި ލިޔެވިފައިވާ ގޮތްތަކެއް ނޫނެވެ. ބަސްމަގު ދަންނަ ބަސްމޮށުންތެރީންގެ ކިބައިން ލިބިފައިވާ ގޮތްތަކެކެވެ.

1-    ކޯފާ


މިއީ ރުޅީގެ މާނައިގައި މާތްބަހުން  ވާހަކަ ދައްކައި ލިޔެ ހަދާއިރު ބޭނުންކުރާ ބަހެކެވެ. ކޯފާ ލެއްވުމޭ ބުނެވެނީ  الله سبحانه
و تعالى އަށް ނިސްބަތްކޮށް ބުނާނަމަ އެވެ. ވެރިކަމުގެ ފަރާތުން ކޯފާލައްވައިފިއެކޭ ނުބުނެވޭނެ އެވެ.
ކިތަންމެ މާތް ފަރާތަކުން ވެސް ކޯފާފުޅު އިސްވެވަޑައިގެންފިއެކޭ ނުބުނެވޭނެ އެވެ. ބުނެވޭނީ ކޯފާ އިސްވެއްޖެ ކަމަށެވެ. ''ކޯފާގެ ކޮޅަށް ކޯފާ އިސްކުރައްވައި'' މި ހެން ބުނެވިދާނެ އެވެ. އެހެންކަމުން ''ކޯފާފުޅު ގަދަފުޅު ކުރައްވައި ވަޑައިގަންނަވާ'' ކަމަށް ބުނުމުގެ ބޭނުމެއް ނެތެވެ.

2-    ތާއީދު ކުރުން


މި ބަސް މާތްކުރުމުގައި ތާއީދު ކުރެއްވިއޭ ނުވަތަ ކުރައްވައޭ ބުނުމުން ފުދޭނެ އެވެ. ތާއީދުފުޅު ކުރައްވައިވަޑައިގަތުމޭ ބުނުމުގެ ބޭނުމެއް ނެތެވެ.

3-    އިންކާރު ކުރުން


މި ބަސް ބޭނުން ކުރުމުގައި ވެސް އިންކާރުފުޅު ކުރެއްވުމޭ ބުނުމުގެ ބޭނުމެއް ނެތެވެ. އިންކާރު ކުރެއްވުމޭ ބުނުމުން ފުދޭނެ އެވެ.

4-    ތުރުތުރު އެޅުން


މި ބަސް ބޭނުން ކުރާއިރު، ތުރުތުރުފުޅު އަޅުއްވައިވަޑައިގަތުން ކިޔުމަކީ ވަރަށް ހުތުރު ގޮތެކެވެ. ރީތި ގޮތަކީ ތުރުތުރު އެޅުމެވެ. މީގެ މިސާލު ގެންނާން ޖެހެނީ ދުރުދުރުންނެވެ. އެމަނިކުފާނު ވާހަކަ ދައްކަވަމުން ގެންދެވިއިރު، އަޑުފުޅު ތުރުތުރު އަޅައެވެ. އަޑުފުޅު މާތްކުރުމުން ފުދޭނެ އެވެ. އަޑުފުޅަށް ވާ ގޮތްތައް މާތްކުރާކަށް ނުޖެހޭނެ އެވެ. އަޑުފުޅު މަޑުކުރައްވާ ވަޑައިގަތުމޭ ބުނާކަށް ނުޖެހެ އެވެ.

މި ބާބުގެ ތެރެއިން މިހައިތަނަށް ކުރުކޮށްލައި އެހެން ބާބެއް ހުޅުވައިލަމެވެ.

ތެދެކެވެ. ދިވެހި ބަހަކީ މުއްސަނދި ބަހެކެވެ. ދިވެހި ބަހަކީ ހަމަތައް ގިނަ ބަހެކެވެ. ބަހުގެ މާނަތަކާއި ތާނަތައް ގިނަ ބަހެކެވެ. އެކަންކަމާމެދު ވިސްނުން ނުހިންގައި ދިވެހިބަހުގެ ފަގީރުކަމުގެ ވާހަކަ ދެއްކުމަކީ، އަޅުގަނޑު ދެކޭގޮތުގައި ހުސް ހޮޅިވާހަކަ ތަކެކެވެ. ހޮޅި ހެއްލުމެކެވެ. ނިކަން ދެކެވަޑައިގެން ބައްލަވާށެވެ!

ވާހަކަ:


ވާހަކަ މި ބަހުން ދޭހަ ކޮށްދެނީ ކޮން މާނައެއްތޯ އެވެ؟ އެތައް މާނައެއް ދޭހަ ކޮށްދޭ ކަމާ މެދަކު ޝައްކެއް ނެތެވެ.
ވާހަކަ ދެއްކުން، ވާހަކަ ލިޔުން، ވާހަކަ އެހުން، ވާހަކަ ގޮވުން، ވާހަކަ ނެތުން، މީން ކޮންމެ ބަހަކީ ވަކި މާނައެއް ދޭހަކޮށްދޭ ބަހެކެވެ.

ބައެއް މިސާލު ދަންނަވަމެވެ.

    އެނާއަކީ، ވަރަށް މޮޅަށް ވާހަކަ ދައްކާ މީހެކެވެ.

    ގުރައަކީ، ވާހަކަ ދައްކާ ދޫންޏެކެވެ.

    ދޮންމަނިކެ އެހެން މީހަކާ އިންވާހަކަ އެހީމުތަ؟

    ސައިފުރަސްގެފާނު ވާހަކަ ކިޔައި އުޅޭމީހުން މިހާރު ވަރަށް މަދެވެ.

    މުހަންމަދުބޭގެ ވާހަކަ އަހައިފީމުތަ؟ ރުކަކުން ވެއްޓި މަރުވެއްޖެ.

    އެ ދާ ދޯންޏާ ގާތްކޮށް ވާހަކަ ގޮވައިލާންވާނެ.

    ރަށު ބައްތެލި ފުރައިގެން ދިޔަފަހުން ވާހަކަ ވެސް ނެތިއްޖެ.

މި ޖުމުލަ ތަކުގައި އެ ވަނީ ވާހަކައިގެ ވާހަކަ އެވެ. ތަފާތު މާނަތަކެއްގައި ބޭނުން ކުރެވިފައިވާ ބަސްތަކެކެވެ. އަޅުގަނޑަށް ފެނުނު އިނގިރޭސި ފޮތަކުން ވެސް އެ ކަހަލަ ބަހެއް ދުށީމެވެ. އެއީ ''ލުކް'' މި ބަހެވެ.  ލުކްއެޓް، ލުކްފޯރ، ލުކްއާފްޓަރ މީން ކޮންމެ ބަހެއްވެސް ބޭނުން ކުރެވިފައިވަނީ މުޅީން ތަފާތު މާނަ އެއްގަ އެވެ. އެހެންކަމުން، އެ ބަސް މުއްސަނދި ވެފައި، މި ބަސް ފަގީރު ވާންވީ ގޮތެއް ނުވިސްނެ އެވެ.  އެހެނެއް ނޫނެވެ. '' އިންސާނާ އަށް ނޭނގޭ ކަންކަމަކީ، އޭނާގެ ދުޝްމަނެކޭ'' ބުނާ ބުނުމުގެ ތެރެއަށް އަޅުގަނޑުމެން ފެތެމުން ދަނީ އެވެ. އެހެން ނަހަދަމާ ހިންގަވާށެވެ. ދިވެހި ބަހުގެ ހަމަތަކާއި، ބަސްތައް ބޭނުން ކުރަމުން ގެންދާ ރީތި ގޮތް، ދަސްކުރަމާ ހިންގަވާށެވެ! ނޭނގޭ އެއްޗެއް ނޭނގެއޭ ބުނެ ދަސްކުރާން އުޅުމާ މެދު ލަދު ނުގަންނަމާ ހިންގަވާށެވެ!

ހަވާލާ:

މުޙަންމަދު ޖަމީލު(1994). ޖަމީލުގެ މަޒުމޫނުތައް -3 (މަލަސް- 50). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.
(އެ ފޮތަށް މި ލިޔުން ނަކަލު ކުރެވިފައިވަނީ ފަތްތޫރައިގެ 67 ވަނަ ޢަދަދުން)

އިދާރާ

އެނގޭތަ؟

ވާހަކަ