އަދުގެ ޚާއްސަ

Print

ބިމުގެ އެނބުރުން މަޑުވުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް



މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ފުރަތަމަ މިކައުނު އުފެދުނީ އެއް ގެލެކްސީއަކުން ނުވަތަ އެކަތިގަނޑެއްގެ ގޮތުގައިވާ އެއްޗެއް ގޮވައިގެންނެވެ. އިރުތަކާއި ޕްލެނެޓްތައް އަދި ތަރިތައް އުފެދުނީ މިގޮތަށެވެ. އަދި މުސްތަޤްބަލުގައި މިހުރިހާ އެއްޗެއް އެކުވެ، އަލުން އެކަތިގަނޑަކަށް ވާނެއެވެ. އަދި ދެވަނަ ފަހަރަށް އަލުން އެގޮވާ، މި ބިން ނޫން އެހެން ބިމަކާއި މިއުޑުތައް ނޫން އެހެން އުޑުތަކެއް އުފައްދަވާނެއެވެ. މިއީ ކައުނީ ޢިލްމުވެރިން ވިހިވަނަ ޤަރްނުގެ ފަހުކޮޅު ކޮށްފައިވާ ތަޞައްވުރެކެވެ. މިއީ ޙަޤީޤަތެއްކަން އަހަރެމެން މުސްލިމުން ޤަބޫލުކުރަން ޖެހެނީ މިކަމަށް ޤުރްއާނުގައި އިޝާރާތް ކުރައްވާފައިވާތީއެވެ.

ބިން އުފެދުނު ގޮތާބެހޭ ދަލީލެއްގެ ގޮތުން ޢިލްމުވެރިން ބިން އުފެދުމާ ބެހޭގޮތުން ހޯދާފައިވާ ހޯދުމެއް ފުދެއެވެ. ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ އެނބުރުން ދަނީ މަނޑުމަނޑުން މަނޑުވަމުން ކަމުގައި ޢިލްމުވެރިން ހޯދުމުންނެވެ.

ހަމަކަށަވަރުން ކީރިތި ޤުރްއާން، އިންސާނުންނަށް މިކަންއެނގުމުގެ އެތައް އަހަރެއްގެ ކުރިން މި ޙަޤީޤަތް ހާމަކޮށްފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

"إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ


 يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا" (الأعراف: 54)


މާނައީ: [ހަމަކަށަވަރުން އުޑުތަކާއި ބިން ހަދުވަހުގެ ތެރޭގައި ހައްދަވައި، އަދި އެއަށްފަހު ޢަރުޝީގެ މައްޗަށް ވެރިވެވޮޑިގެންވި ކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވިއެވެ. އަވަސް ގޮތެއްގައި އެއިން ކޮންމެ އެއްޗެއް އަނެކައްޗަކަށްފަހު، ފާޅުވެ ތަކުރާރުވެދެއެވެ.]

ދުވާލުން ރޭގަނޑު ފޮރުއްވާ، ރޭގަނޑުން ދުވާލު ފޮރުއްވާ ބަސްފުޅަކީ ބިން އިރުގެ ކުރިމަތީގައި ހުރެ އޭގެ އަމިއްލަ ނަފްސު ވަށައިގެން ބުރުޖަހާކަމުގެ ހެއްކެކެވެ. އާދެ! މިގޮތަށް ދައުރު ނުވާނަމަ ރޭދުވާ ބަދަލެއް ނުވީސްކަން ކަށަވަރެވެ. ބިމުގެ އިރާ ދިމާއަށް އޮންނަ ފަޅިއަށް އޮންނާނީ ދުވާލުގެ އަލިކަމެވެ. އަނެއް ފަޅިއަށް އޮންނާނީ ރޭގަނޑުގެ އަނދިރިކަމެވެ. އަދި ދުވާލުގެ އަލިކަން އޮންނަ ފަޅިއަށް މަޑުމަޑުން އަނދިރިވަމުންގޮސް ރޭގަނޑުވެއެވެ. ހަމައެގޮތަށް ރޭގަނޑުގެ އަނދިރިކަން އޮންނަ ފަޅިއަށް މަޑުމަޑުން އަލިވަމުންގޮސް ދުވާލުގެ އަލިކަންލިބެއެވެ. މި ބަދަލުވުމަށް ކީރިތި ޤުރްއާނުގެ މިއާޔަތުގައި އިޝާރާތް ކުރައްވާފައިވެއެވެ.ކީރިތި ޤުރްއާނުގައި ދުވާލާ ރޭގަނޑު ބަދަލުވުން އަވަސް ގޮތެއްގައި ތަކުރާރުވާކަން ބަޔާން ކޮށްދެއްވާފައި ވަނީ ހަމައެކަނި މިއާޔަތުގައެވެ.
މިކަމުގެ ސަބަބު ހޯދުނީ ވަރަށް ފަހުންނެވެ. މި އާޔަތުގައި މާތްﷲ ބަޔާންކޮށް ދެއްވަނީ އުޑުތަކާއި ބިން އުފެއްދެވިއިރުގެ ޙާލަތެވެ. ބިން އުފެއްދެވިއިރު ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން ދައުރުކުރަނީ ނިހާޔަތަށް ބާރު ސްޕީޑެއް ގައެވެ. މި ބާރުމިނުގެ ސަބަބުން އަހަރެއްގެ ދިގުމިން ދެހާސް ދުއިސައްތަ ދުވަހަށްވުރެ ގިނަވެގެން ދިޔައެވެ. އާދެ، އިރު ވަށައިގެން ބިން ބުރެއްޖެހުމުގެ ކުރިން ދެހާސް ދުއިސައްތައަށްވުރެ ގިނަ ބުރު ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން ޖަހައެވެ. ދުވާލާއި ރޭގަނޑު އެއްކޮށް ދިގުމިނަކީ ހަތަރު ގަޑިއިރަށްވުރެ ކުރެވެ. ދެން މަޑުމަޑުން ބިން ދައުރުކުރާ ބާރުމިން މަޑުވަމުން އައިސް މިހާރު ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން ބުރެއްޖަހަނީ 24 ގަޑިއިރުންނެވެ. އެއީ ރޭގަނޑާ ދުވާލު އެއްކޮށް ދިގުމިނެވެ. އެހެންކަމުން އިރުވަށައިގެން ބުރެއް ހަމަވާއިރު ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން ޖެހެނީ ގާތްގަނޑަކަށް 365 ބުރެވެ. މިއީ މިހާރު އަހަރެއްގެ ދިގުމިނެވެ.

އާދެ، މިހާރު 24 ގަޑިއިރުން ޖެހޭ ބުރު އޭރުޖަހަނީ 4 ގަޑިއިރަށްވުރެ ކުޑަ ވަގުތު ކޮޅަކުންނެވެ. އެހެންކަމުން އަހަރުގެ ދުވަސްތަކުގެ ޢަދަދު ގިނަވެއެވެ. ނަމަވެސް އޭރުވެސް އޮންނަނީ 4 މޫސުމެވެ. އަދި 12 މަސްދުވަހެވެ. މަހެއްގައި އެތައް ދުވަހެއް އޮވެއެވެ. މިއީ ޒަމާނުގެ އެންމެ ފުރިހަމަ ދިރާސާތަކުން ހޯދިފައިވާ ހޯދުމެވެ.
 
މާތްﷲ އިންސާނާ އުފެއްދެވީ ދުވާލާއި ރޭގަނޑުގެ ދިގުމިން ގާތްގަނޑަކަށް ހަމަހަމަވެފައިވާ ދުވަސްވަރެއްގައި ކަމީ މާތްﷲ އިންސާނާއަށް ލެއްވި ރަޙްމަތެކެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

"قُلْ أَرَأَيْتُمْ إِن جَعَلَ اللَّهُ عَلَيْكُمُ اللَّيْلَ سَرْمَدًا إِلَى يَوْمِ الْقِيَامَةِ مَنْ إِلَهٌ غَيْرُ اللَّهِ يَأْتِيكُم


بِضِيَاء أَفَلَا تَسْمَعُونَ" (القصص 71-73 )


މާނައީ: "ބުނާށެވެ. ކަލޭމެން ފަހެ، ވިސްނަމު ހެއްޔެވެ؟ ﷲ، ކަލޭގެމެންގެ މައްޗަށް، ރޭގަނޑު (ބަދަލެއްނުވެ) ޤިޔާމަތް ދުވަހާއި ޖެހޭންދެން ދަމަހައްޓަވައިފިނަމަ، ކަލޭމެންނަށް (ދުވާލުގެ) އަލިކަން، އަލުން، އަނބުރައި، ގެނެސްދެވޭހުށީ، ﷲ ފިޔަވައި، އެހެން ކޮން އިލާހަކަށް، ހެއްޔެވެ؟ ވީއިރު، (އަދިވެސް) ކަލޭމެން، އަޑެއް ނުއަހާނު ހެއްޔެވެ؟"

"قُلْ أَرَأَيْتُمْ إِن جَعَلَ اللَّهُ عَلَيْكُمُ النَّهَارَ سَرْمَدًا إِلَى يَوْمِ الْقِيَامَةِ مَنْ إِلَهٌ غَيْرُ اللَّهِ


يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ أَفَلَا تُبْصِرُونَ"


މާނައީ: [ބުނާށެވެ. ކަލޭމެން، ފަހެ ވިސްނަމު ހެއްޔެވެ؟ ﷲ، ކަލޭމެންގެ މައްޗަށް، ދުވާލު (ބަދަލެއްނުވެ) ޤިޔާމަތް ދުވަހާއި ޖެހެންދެން، ދަމަހައްޓަވައިފިނަމަ، ކަލޭމެން، (ނިދައި، އަރާމު ކުރުމަށް) ރޭގަނޑުގެ ވަގުތު، އަލުން، އަނބުރައި، ކަލޭމެންނަށް ގެނެސްދެވޭހުށީ، ﷲ ފިޔަވައި، އެހެން ކޮން އިލާހަކަށް، ހެއްޔެވެ؟ ވީއިރު، (އަދިވެސް) ކަލޭމެން، ނުދެކޭނު ހެއްޔެވެ؟]

"وَمِن رَّحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِن فَضْلِهِ


وَلَعَلَّكُمْ تَشْكُرُونَ"


މާނައީ: [ވީއިރު] ދަނެއު! ކަލޭމެން، އެ ވަގުތު ތަކުގައި (ނިދައި) އަރާމު ލިބިގަތުމަށާއި، އަދި، އެކަލާނގެ ދީލަތިވަންތަކަމުން ކަލޭމެންނަށްޓަކައި އުފައްދަވާފައިވާ ރިޒްޤުން ތަނަވަސްކަން ހޯދުމަށް މަސައްކަތްކޮށް އުޅުމަށްޓަކައި، ރޭގަނޑާއި، ދުވާލު ކަލޭމެންނަށް ލިބޭނޭ ގޮތުގެ މަތީން، ކަންތައް ހަމަޖައްސަވާފައިވާކަން، އެއީ، އެކަލާނގެ ރަޙްމަތުން ކަލޭމެންނަށް ލިބިގެންވާ ޚާއްޞަ ނިޢުމަތެކެވެ! އެއީ، ތިޔަބައިމީހުން އެ ނިޢުމަތަށް ޝުކުރުވެރި ވުމަށްޓަކައެވެ."

ހަމަކަށަވަރުން ދުވާލާއި ރޭގަނޑުގެ ދިގުމިން ކަނޑައަޅުއްވާ، އެކަލާނގެ މަޚްލޫޤުން ހޫނަށާއި ފިންޏަށް ހޭނޭގޮތް މެދުވެރިކުރެއްވީ ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

"وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِتَبْتَغُواْ


فَضْلاً مِّن رَّبِّكُمْ وَلِتَعْلَمُواْ عَدَدَ السِّنِينَ وَالْحِسَابَ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلاً"


(ސޫރަތުލް އިސްރާއު:12) މާނައީ: ރޭގަނޑާއި ދުވާލަކީ، (ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ) ދެހެއްކެއް ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. ދެންފަހެ، ރޭގަނޑެވެ ކިޔޭ ހެކީން، ނޫރު ފުހެލައްވައި، އަނދިރިކަން އެ ރޭގަނޑުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ދުވާލޭ ކިޔާ ހެކީގައި ނޫރުލައްވައި، އެއީ ތަންތަން ފެންނަ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު، ލެއްވީމެވެ. އެއީ، ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ޙަޟްރަތުން ލިބޭ ދަރުމަވަންތަ ކަމަކަށް ތިޔަބައިމީހުން އެދި އުޅުމަށްޓަކައެވެ. އަދި، އަހަރުތަކުގެ ޢަދަދާއި، ހިސާބު ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ. އަދި، ކޮންމެ ކަމެއްމެ، ތަފްޞީލު ކުރެއްވުމަކުން ތިމަންރަސްކަލާނގެ ހަމަކަށަވަރުންވެސް ތަފްޞީލު ކުރައްވައި ދެއްކެވީމެވެ."

ކުރިންވެސް ދެންނެވި ފަދައިން ޢިލްމީ ހޯދުންތައް ދައްކާގޮތުގައި ރޭގަނޑާއި ދުވާލުގެ ދިގުމިން އަހަރުން އަހަރަށް ދަނީ ބަދަލުވަމުންނެވެ. ދުވާލާއި ރޭގަނޑުގެ ދިގުމިން މަޑުމަޑުން ދަނީ އިތުރުވަމުންނެވެ. އަދި މީގެ 15 ހާސް މިލިޔަން އަހަރު ފަހުން ދުވަހެއްގެ ދިގުމިން 24 ގަޑިއިރުން 27 ގަޑިއިރަށް ބަދަލުވާނެއެވެ. މިހާރު ބިން އެނބުރެމުންދާ ބާރުމިން ކަމުގައިވާ ގަޑިޔަކު އެއްހާސް މޭލުގެ ބަދަލުގައި ގަޑިޔަކު 100 މޭލަށް ބިމުގެ އެނބުރުން ލަސްވެއްޖެނަމަ، ދުވާލުގެ ދިގުމިން 120 ގަޑިއިރު، އަދި ރޭގަނޑެއްގެ ދިގުމިންވެސް 120 ގަޑިއިރަށް ބަދަލުވާނެއެވެ. މިހާ ދިގު ވަގުތު ނިދުމަށް ކުޅަދާނައީ ކާކަށްތޯއެވެ. އަދި މިހާ ދިގު މުއްދަތަކަށް އަނދިރީގައި އުޅުމަށް ކުޅަދާނައީ ކޮން ބަޔަކަށްތޯއެވެ. އަލިކަމަކާނުލާ މިހާ ދިގު ވަގުތު އުޅެވިދާނެތޯއެވެ. މިހާ ދިގު ދުވަހެއްގެ ހޫނު ތަޙައްމަލް ކުރެވޭނީ ކޮން ބަޔަކަށްތޯއެވެ. މިހާ ގިނަ ވަގުތު މަސައްކަތް ކުރެވޭނީ ކޮން ބަޔަކަށްތޯއެވެ. މަސައްކަތްކުރާނީ ކިހިނެއްތޯއެވެ. ސުބްޙާނަﷲ، މިހުރިހާ ނިޢުމަތެއް ދެއްވިކަން މައްޗަށް ﷲއަށް ޝުކުރުކޮށް ﷲއަށް ބިރުވެތިވެ ތަޤްވާވެރިވުމަށް އަވަސްވެ ލައްވާށެވެ. މާތްﷲ ވަޙީކުރައްވަނީ

"إِنَّ فِي اخْتِلاَفِ اللَّيْلِ وَالنَّهَارِ وَمَا خَلَقَ اللّهُ فِي السَّمَاوَاتِ وَالأَرْضِ


لآيَاتٍ لِّقَوْمٍ يَتَّقُونَ"    (ސޫރަތު ޔޫނުސް: 6)


މާނައީ: "ހަމަކަށަވަރުން ރެޔާއިދުވާ ތަފާތުވުމުގައްޔާއި، އުޑުތަކާއި ބިމުގައި މާތްރަސްކަލާނގެ ހެއްދެވި (އެންމެހައި) ތަކެތީގައި ތަޤްވާވެރިވާ ބަޔަކަށް ދަލީލުތަކާއި އާޔަތްތަކެއް ވާކަން ޔަޤީނެވެ."

ދެން އުފެދޭ ސުވާލަކީ ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ އެނބުރުން މަޑުވާ ސަބަބަކީ ކޮބައިތޯއެވެ؟ ދިޔަވަރު ބޮޑުވެ ކުޑަވުން ފިޔަވާ މިސުވާލަށް ދެވޭނެ ޖަވާބެއް ނެތެވެ. ދުނިޔެ އެނބުރޭގޮތާ އިދިކޮޅަށް ޖެހޭ ވައިގެ ސަބަބުންވެސް މިކަން ދިމާވާނެކަމަށް ބައެއް ޢިލްމުވެރިން ލަފާކުރައްވައެވެ. މި އެނބުރުން މަޑުވާ މިންވަރަކީ ކޮންމެ ސަތޭކަ އަހަރަކުން ސިކުންތެއްގެ ބައިކުޅަބައި މިންވަރެވެ. އެހެންކަމުން ދުވާލެއްގެ ދިގު މިން 4 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުވުމަށް 4 ހާސް 6 ސަތޭކަ މިލިޔަން އަހަރު ނެގިކަމަށް ލަފާކުރެވެއެވެ. އެއީ ބިން އުފެދި ބިމުގެ ބޭރުފަށަލަ ހަރުވީއްސުރެ މިހާތަނަށް ބިމުގެ ޢުމުރުކަމަށް ލަފާކުރެވޭ މިންވަރެވެ. ބިމުގެ އެނބުރުން އަދިވެސް ދަނީ މަޑުވަމުންނެވެ. މިހުރިހާކަމެއް ހިލަތަކުގައާއި މަރުވެ ވަޅުލެވިފައިވާ ދިރޭ ތަކެތީގައި ބިންވަޅު ނެގިފައިވުމަކީ ބޮޑު ޢަޖައިބެކެވެ.

ދިރުންހުރި ކޮންމެ އެއްޗަކަށް ދިމާވާ ހުރިހާކަމެއް އޭގެ ހަށިގަނޑުގައި ބިންވަޅު ނެގިފައި ހުރެއެވެ. އިންސާނާގެ މައިކަށިން ބަދައެއް ނަގާ އޭގެ ހުރަހަށް ބުރިކޮށްލާ ބަލައިފިނަމަ، އޭނާ އުފެދި ބޮޑުވުމުގެ މަރުޙަލާތައް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ބިންވަޅުނެގިފައި ހުރެއެވެ. އެއީ އޭނާގެ ޙަޔާތުގެ ފުރިހަމަ ޑައިރީއެއް ފަދައިންނެވެ.

ހަމަމިގޮތަށް ގަހެއްގެ ގަސްގަނޑު ހުރަހަށް ބުރިކޮށްލާ ބަލައިފިނަމަ އޭގައިވާ ވަށްބުރުތައް ފާޅުކޮށް ފެންނާނެއެވެ. މި ވަށްބުރުތަކުން ރަމްޒުކޮށްދެނީ އެގަސް ހެދިބޮޑުވުގެ ސްޓޭޖްތަކެވެ. ޢިލްމުވެރިން މި ބުރުތަކަށް ކިޔަނީ އަހަރު ބުރެވެ. އެހެނީ އެމީހުން ހީކުރާ ގޮތުގައި މިއިން ކޮންމެ ބުރަކީ ގަހުގެ ޢުމުރުގެ އަހަރެކެވެ. ނަމަވެސް އިލެކްޓްރޯނިކް މައިކްރޮސްކޯޕް އުފެދުމާއެކު، މިއިން ކޮންމެ ބުރެއްވެސް އުފެދިފައިވަނީ އެތައްސަތޭކަ ބުރުތަކަކުންކަން ހާމަވެގެން ދިޔައެވެ. މިބުރުތަކުގައި ގަހުގެ ޢުމުރުގެ ހުރިހާ ދުވަސްވަރެއް ޖެހިޖެހިގެން އައިސްފައިވެއެވެ. އޭގައި ތަފާތު މޫސުމްތަކާއި، އަހަރުގެ މަސްތަކާއި ހަފްތާތަކާއި ދުވަސްތައް އަދި ރޭދުވާތައް ފާހަގަވެފައިވެއެވެ. ޢިލްމުވެރިން މިބައިތައް ވަރަށް ފަރުވާތެރި ކަމާއެކު ދިރާސާކުރަން ފެށިއެވެ.

އެމީހުނަށް ފާހަގަކުރެވުނީ ގަހުގެ ޢުމުރު މަތިވަމުން ދާވަރަކަށް އަހަރުގެ ދުވަސްތައް އިތުރުވަމުން ދާކަމެވެ. ފުރަތަމަ ހީކުރެވުނީ މިއީ އޮޅުމެއް ކަމަށެވެ. އެހެންކަމުން މިކަން ވަރަށް ރަނގަޅަށް ބަލަން ފެށިއެވެ. އަދި ދުނިޔޭގެ ވަރަށްގިނަ އިންސްޓިޓިއުޓް ތަކުގައި، ވަޅުލެވިފައިވާ ގަސްގަހާއި ޖަނަވާރުންގެ އޮނިގަނޑު ބޭނުންކޮށްގެން އަހަރުގެ ދުވަސްތަކުގެ ޢަދަދު ބެލުމަށް ދިރާސާތައް ކުރަން ފެށުނެވެ. އަދި މިދިރާސާތަކުން އެނގުނީ މި ހީކުރެވުނު ހީކުރެވުމަކީ ތެދު ޙަޤީޤަތެއްކަމެވެ. އާދެ، ޢުމުރު މަތިވަމުންދާ ވަރަކަށް އަހަރުގެ ދުވަސްތައް ގިނަވަމުން ދާކަމެވެ. އެހެންކަމުން އެމީހުން ނިންމީ ކުރީ ޒަމާނުގައި ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރުނު އެނބުރުން ވާނީ ވަރަށް ބާރަށް އެނބުރުނު އެނބުރުމަކަށެވެ. ޢިލްމުވެރިން ވަރަށްބުރަ މަސައްކަތުން ދާދި ފަހުން ހޯދި މިހޯދުމަކީ، އިންސާނުންނަށް މިޙަޤީޤަތް އެނގުމުގެ އެއްހާސް އެތައް ސަތޭކަ އަހަރެއް ކުރިން ކީރިތި ޤުރްއާނުގައި ކުރު ޢިބާރާތަކުން ބަޔާން ކޮށްދެއްވާފައި ވާކަމެކެވެ.

ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ އެނބުރުން ދަނީ މަޑުވަމުންނެވެ. މި މަޑުވުން ދިރާސާކުރާ ޢިލްމަށް ކިޔަނީ ގަސްގަހާގެހި ބޭނުންކޮށްގެން ވަގުތު ކަނޑައެޅުމެވެ.

ކީރިތި ރަސޫލާއަށް މީގެ އެތައްހާސް އަހަރެއް ކުރިން މިކަން މާތްﷲ އަންގަވާފައިވާއިރު ކޮންމެވެސް ދުވަހަކުން މިކަން އިންސާނުން ހޯދާނެކަން އެކަލާނގެ ދެނެވޮޑިގަންނަވާކަން ކަށަވަރެވެ. އަދި މިހޯދުމަކީ ޤުރްއާނަކީ ﷲގެ ކަލާމްފުޅުކަމަށް ހެކިދޭ ހެއްކެއް ކަމަށާއި، މުޙައްމަދުގެފާނަކީ އެންމެ ފަހުގެ ނަބިއްޔާކަމަށް ހެކިވާނެ ދަލީލެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ