އަދުގެ ޚާއްސަ

Print

ރަށްފުށުގެ ދިރިއުޅުން (9)

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ



ކޮންފަދަ މުސީބާތެއް

އަލްމަރުޙޫމު ޢަލީ ޙުސައިން

ސައިގެކަނތަކުން އަވަދިނުވެ އުޅެނިކޮށް އަތޮޅުވެރިން ފޮނުވައިގެން ހުސައިންމަނިކު ބަލާއަތުވެއްޖެއެވެ. ވީކޮންކޮން ކަމެއް ނޭނގުމާއެކު އެވަރުގެ ތަނަކަށް ކުށްވެރިވެގެން ގެންދާނޭ އެއްވެސް ކަމެއް ކޮށްފައިނުވާނޭ ކަމުގެ ހިތްގައިމުކަމުގައި އެމީހެއްގެ ފަހަތުން ހިނގައްޖެއެވެ. ހުސައިންމަނިކު ދިޔައިރު މުދިމުގޭ ފެންޑާގައި މާބޮޑު ޖަލްސާއެއް ހެދިފައިއޮތެވެ. މުސްކުޅި މުދިމްކަލޭގެއާއި ކުޑަކަތީބާއި ނާއިބުކަލޭގެއާއި އަދިވެސް ރަށުގެ ބޮޑުންގެ ދެމީހަކު ތިއްބެވެ. އެމީހުންގެ ކުރިމަތީގައިހުރި ސަރަންފީ ގޮނޑިއެއްގައި އަތޮޅުވެރިން އިންނެވިއެވެ. އެއާ ޖެހިގެންހުރި އަދަރާދަ ގޮނޑީގައި ދެއަތްގަނޑުގައި އުޅަބޮށި އަޅުވާލައިގެން އެއިނީ އަހުމަދުފުޅެވެ. ގޭދޮރުމަތީގައި ދެބަޔަކަށް އެތިބި މުދިމްގޭ ދޯނިން މަހަށްދާ ބަޔަކާއި ކަތީބުތަކުރުފާނު ދޯނިން މަހަށްދާ ބަޔެކެވެ. މުޅިއެތަންވަނީ މީހުން އެއްވެފުރިފައެވެ. މިބައިމީހުން ފެނުމާއެކު މިވާއެއްޗެއް ކުޑަކޮށް ހުސައިންމަނިކަށް ވިސްނިއްޖެއެވެ. މިޖެހުނީ އެ ދެދޯނީގެ މީހުންވީ އަރައިރުމުގެ ކަންތަކެވެ. ހުސައިންމަނިކު ހީކުރީ އޭނާގެނެވުނީ ހެކިބަހެއް އަހައިލާން ކަމަށެވެ. ހުސައިންމަނިކު ގޮސްހުއްޓުމުން:-

އަތޮޅުވެރިން: ހުސައިންމަނިކު މި ގެނެވުނީ މިރަށް ފަސާދަކުރާ މީހުންގެތެރޭގައި ހުސައިންމަނިކުގެ ވާހަކަވެސް ދެކެވިގެން. އެއީ ކިހިނަކުން ދެކެވޭ ވާހަކައެެއް؟

ހުސައިންމަނިކު: ތިޔަހެން ވާހަކަދެކެވޭ ކަމުގައިވާނަމަ އެއީ އަޅުގަނޑާ ދޭތެރޭދެކެވޭ ދޮގުވާހަކައެއް. އަޅުގަނޑަކީ މިރަށް ސުލްހަވުމަށް އެންމެބޮޑަށް އެދޭ އެކަކުކަމުގައެއް ނުވެއެއްނުދާނެ. ތިޔަޒާތު ވާހަކައެއް ދައްކާ އަޑެއް ނުވަތަ ކަމެއްކުރާތީ ދުށީ ކާކުތޯ؟ ތިޔަކަހަލަ އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިވެފައެއް ނުހުންނާނެ.

އަތޮޅުވެރިން:  ދާއޫދުތަކުރުފާނުގެ ދޯންޏަކުން ހުސައިންމަނިކު މަހަށްދިޔަ ދުވަހު ކަނޑުމަތިން ދިމާވި މުދިމުގޭ ދޯންޏަކާ ދެބައިމީހުން ވީ އަރައިރުމެއްގައި ހުސައިމަނިކު ބުނިއެއްޗެއް ހަނދާންކޮށްބަލަ.

ހުސައިންމަނިކު: ދެންމެވީކަމެއްހެން އަޅުގަނޑު ތިޔަދުވަސް ހަނދާންއެބަހުރި. އެދެދޯނިމީހުން އެއްބަޔަކު އަނެއްބަޔަކާ އަރައިރުންވި. އަޅުގަނޑު އެއްވެސްއެއްޗެއް ބުނިތޯ އެމީހުންކުރެން އައްސަވާބައްލާ.

މުދިމުގޭ ދޯނި މީހުން: އެންމެން އެކީގައި. އެމީހުން ނުބުނާނެ. އެމީހުންތިބޭނީ ދޮގުހަދައިގެންވެސް އޭނާ ސަލާމަތްކުރަން. އަޅުގަނޑުމެން މިހިރަ ކަންފަތޯ؟  އަހުމަދުފުޅަށް މުދިމުކަން ހޯދައިދޭން އުޅެނީ މުދިމުކަލޭގެ އަތޮޅުވެރިންނަށް ރިޝްވަތުދީގެނޭ، ގޮވި އަޑު އަޅުގަނޑުމެންގެ ކަންފަތުން އެހިން.

އަތޮޅުވެރިން: ކަތީބުތަކުރުފާނުގެ ދޯނި މީހުންކުރެން އެމީހުން ވަކިވަކިން ގެންދަވާފައި އެދުވަހު އަރާރުންވި އިރު ހުސައިންމަނިކު ގޮވީ ކޮންކޮން އެއްޗެއްސެއްތަ؟ ކަލޭ ހީވެ ތެދުވެރިއެއްހެން. ކޮންމެސް ކޮންމެސް ދޮގުނުބުނާތި. އެއިރުން ކަލޭމެންގެ ކުށް މާބޮޑުވެދާނެ. ސީދަލަށްބުނި މީހަކު ސަލާމަތްވާނެ.

ކޮންމެމީހަކުވެސް: އަޅުގަނޑު ނުއަހަން. އިވޭނީ ހުސައިންމަނިކު އެއްޗެއް ބުނިނަމަ ނޫންތޯ. އޭނާ ހަމައެއްވެސް އެއްޗެއް ނުބުނާކަން އަޅުގަނޑު ދެނަހުރިން.

އަތޮޅުވެރިން: ހުސައިންމަނިކާ. ކަލޭވެސް ދަންނާނޭކަމަށް އަހަރެން ހީކުރަން. ދޮގަކީ މީހަކު ސަލާމަތްކުރާނޭ އެއްޗެއްނޫން. ކުށްވަނީ މީހުންގެ ފުށުން ގިނަފަހަރަށް އެކުށުން ސަލާމަތްވެފައި އޮންނަނީވެސް ތެދުބުނެގެން. މިއޮއް އެންމެން އެއްގޮތަށްބުނާއިރު ކަލޭވެސް ނިކަން ވިސްނައިފައި  ހަނދާންކޮށްފައި ބުނެބަލަ. އެއީ ކަލެ ގޮވިއެއްޗެއްތަ؟

ހުސައިންމަނިކު: އަޅުގަނޑު އެމީހުންގެ އަރައިރުން ތެރެއަކަށް ނުވަންނަން. އެހެނެއްވެސް އަދި އެހެންއެއްޗެއްވެސް އަޅުގަނޑު ނުގޮވަން. ތަކުރުފާނު ދޯނި މީހުން އަޅުގަނޑު އެ އަރައިރުމަށް ނުވަންނަ ކަމަށް ހެކިވިއެއްނުންތޯ؟

އަތޮޅުވެރިން: ހުސައިންމަނިކު، އެވެނިފޮތެއް ( ކުރިން އިސްވެދިޔަފޮތް) ގެންގުޅެމުތަ. އެފޮތްހިފައިގެން އަންނާންދޭ.

       ހުސައިންމަނިކު ލަހެއްވެސް ވެނުލައި އަވަހަށްއައިސް ފޮތް ހިފައިގެންގޮސް އަތޮޅުވެރިންގެ އަތަށްދީފިއެވެ. ފޮތްއެއްކޮޅުން އަނެއްކޮޅަށް  އުކާލައްވާފައި ހުސައިންމަނިކާ ދިމާލަށް އެނބުރި ލައްވާފައި.

އަތޮޅުވެރިން: މިއީ ދައުލަތުގެ ފަރާތުން މީހުން ގެންގުޅުން މަނާކުރައްވާފައިވާ ފޮތެއްކަން ހުސައިންމަނިކު ނުދަންނަނީތަ؟

ހުސައިންމަނިކު: ލައްބަ ! ދަންނަން.

އަތޮޅުވެރިން: ދެނެހުރެ ގެންގުޅެނީޔޯ؟  މަނާކޮށްފައިވާކަން އެގިހުރެ މިގެންގުޅޭކަމީ ހުސައިންމަނިކު ދައުލަތަށްކުރާ ކުށެއްނޫން؟ އަދި ޚިޔާނާތެއްނޫން.

ހުސައިންމަނިކު:ތިޔައީ އަޅުގަނޑުގެ ބައްޕަގެ ފޮތެއް އެހެންކަމުން އަޅުގަނޑުގެ އަތުގައި އޮންނަނީ.

އަތޮޅުވެރިން: ރުޅިވައްތަރެއް ޖައްސާލައްވައި، މޫނުހުތުރުކުރައްވާފައި، މިފޮތް ކަލެ ގެންގުޅޭތަން ބަޔަކުދެކިގެންތަ. މިހިސާބަށް އުފުލީ؟ ކަލެއަކީ އެތަކެއް އަހަރު މާލޭގައި ކިޔަވާންހުރި މިހެކޭ މީހުން ކިޔާއަޑުއިވޭ. އެހައި ދުވަހުން މިވަރުވެސް އޮޅުންނުފިލީ. މިބައިމީހުން އެބުނަނީ ދޮގުވާހަކައަކަށެއް ނުވާނެ. ސަރުކާރުގެ އަމުރުތަކަށް ބިރެއްނެތި ބަލައިނުލާ މީހަކު އެހެން މީހަކާ ދޭތެރޭ ބަލައިލާނޭތަ؟ ކަލޭގޮސް މާދަންފުރާން އެއުޅޭ ބައްތެލިން މާލެދާން ތައްޔާރުވެގެން ހުރޭ.

      ހުސައިންމަނިކު ގެއަށް އައިސް ފޮށިސާފުކޮށްލައި ދަތުރުހެދުމުގެ މަޝްޢޫލުގައި އުޅެނިކޮށް ފަހަތުން މީހަކު ކަރުކެހިލި އަޑަށް ބަލައިލިއިރު ތިބީ ރުޤިއްޔާފުޅާ ހަސީނާއެވެ. ހަސީނާގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަލާމާތްތައް ވިދަވިދާ ހުއްޓެވެ. ރުޤިއްޔާފުޅުހުރީ ކުޑަކޮށް ބީރައްޓެހި ފާޑަކަށްމެ ރައްޓެހިވާހިތުންކަން އެނގެއެވެ. ހުސައިންމަނިކު ބަލައިލުމާއެކު ހަސީނާ ރުޤިއްޔާފުޅު ގެނައި ފޮތްގަނޑު ދިއްކޮށްލައިފިއެވެ. ދެން ހުސައިންމަނިކު، މިއުޅެނީ ކުއްލިއަކަށް މާލެދާންޖެހިގެނޭ ކިޔާފައި  ފޮތްހިފާފައި ބަލައިލިއިރު އެއީ ފަންޑިތަ ފޮތެކެވެ. މުޅިންހުރީ ސިހުރު އިސްތިރި ވަރިތޮޅިއެވެ. ދެން އެއީ ކޮންފޮތެއްތޯ އެހީމާ ހަސީނާ ބުނެފިއެވެ. އެއީ ރުގިއްޔާފުޅު އިނދެގެން އުޅުނު އިބްރާހިމްފުޅު ގެންގުޅުނު ފޮތެކެވެ. ތިޔައިގެ ވެރިއަކީ އަހުމަދުފުޅެވެ. ހުސަިންމަނިކު މިއީ ސިހުރުފޮތެކޭ ކިޔާފައި ފޮއްޓަށް ލައިފިއެވެ. ދެން ރުގިއްޔާފުޅު ނިކަން ބީރައްޓެހި އަޑަކުން މާލެދުރުވަނީ ކިއަށްކުރައްވަންތޯ އެހިއެވެ. ހުސައިންމަނިކު ބުނެފިއެވެ. އެހެރަ ކަންތަކެއް ނޭނގެއެވެ. އަތޮޅުވެރިން ބުނުއްވައިފީވިއްޔާ ޖެހޭނީ އެނޫންތަނަކަށްވެސް ދާށެވެ. ހިތްހެޔޮކޮށްގެން ތިބޭށެވެ.
 

ހަސީނާގެ ތެޔޮގުޅާ



    އަނެއްދުވަހުގެ އިރުވެސް ނާރަނީސް އަތޮޅުވެރިން ފޮނުވައިގެން މާލެދާން ބަލާއައީމާ މަންމަޔާ ހަސީނާއަށް ސަލާމްކޮށްފައި ހިތްވަރުގަދަ ކުރާން ބުނެފައި ކުއްޖެއްގެ އަތަށް ފޮއްޓާއި ތަންމަތިދީގެން ހުސައިންމަނިކު ހިނގައްޖެއެވެ. ހުސައިންމަނިކު ފުރާންދިޔުމަށްފަހު ހަސީނާގެ ހިތަށް ނުތަނަވަސްކަންލިބި އެކަނިވެރިކަމާ ފޫހިކަން ލިބެންފައްޓައިފޫއެވެ. މޮޅިވެރިކަމާ ހިތާމަވެރިކަން އަލުން ރޯވާންފަށައިފިއެެވެ. އެހެންނޫންތޯވާނީ، މިއޮއްހައިދުވަހުއްސުރެ ހަސީނ އެދިގެންހުރި ކަންތައް ހަމަލިބުމާއެކު އަނެއްކޮޅުން ހުސައިންމަނިކު އެދިޔައީ ފުރާާށެވެ. މިއުޅެނީ ކާވެނީގެ ވަލީމާތުންވެސް އަވަދިނުވެއެވެ. އެއާ ވިދިގެންއައިރޭ ހަސީނާ ނިދާފައިއޮއްވާ ހުވަފެނުން ހުސައިންމަނިކު ފެނިއްޖެއެވެ. ދެން ސިހިގެންގޮސް ހޭލެވޭއިރަށް ރަށުގައިނެތްކަން ހަނދާންވެއްޖެއެވެ. ދެންވެސް ލޯމެރި ނިދިލިތަނާ އަނެއްކާވެސް ފެނިއްޖެއެވެ. އަދި ހުސައިންމަނިކު މާލެ ގެންދިޔަކަމާދޭތެރޭ ވިސްނާންފަށައިފިއެވެ.

    ހަސީނާހިތުގައި ހުސައިންމަނިކަށް ހުރިލޯތްބެއްގެ ބޮޑުކަމުންނާއި އެހިތުގައި ހުސައިންމަނިކު ވާލެއް މަތިވެރިކަމާ ޢިއްޒަތްތެރިކަމުން ހަސީނާއަށް ފެންނަނީ ކޮންމެ ޢިއްޒަތަކާއި ދަރަޖައަކަށް އެންމެ އެކަށީގެންވާ މީހަކީ ހުސައިންމަނިކު ކަމުގައެވެ. އެހެންވީމާ ފިކުރަށް އައީ މުދިމުކަލޭގެ މުސްކުޅިވީމާ އަހުމަދުފުޅަށް މުދިމުކަން ލިބިފައި ކަތީބުތަކުރުފާނު ދޫކޮށްލީމާ ހުސައިންމަނިކަށް ކަތީބުކަންދޭން ގެންދިއައީ ކަމަށެވެ. މިހެން ފިކުރަށްއައުމާއެކު ލިބުނުއުފާވެރިކަމުން ހިތަށްއެރި ފިނިގަނޑެއް މެއިންލައިގެންގޮސް ބޮލަށް އަރައި ސިކުނޑީގައި ޖެހުމާއެކު ވީގޮތަކުން ހިތަށްއަރާންފެށި މޮޔައިން ހިތަށްއަރާކަހަލަ އެއްޗެހި ތަކެކެވެ. ހިސާބަށްވުރެ ބޮޑުއުފަލެއް ލިބުނީމާ ބައެއްމީހުންނަށް އެކަހަލަގޮތްތަކެއްވާނެއެވެ.. ސަހަރޯއޭ. އަހުމަދުފުޅަށްވުރެ ހުސައިންމަނިކުގެ ދަރަޖަވެސް މިމޮޅުވީއޭ، ސާބަހޭ! ދެން މަންމައަށް ކިހިނަކުން ހީވާނޭބާވައެވެ. އައްދޭ ދެންތާއޭ އުފާވާނީ. އަހަރެންގެ ފޮށި އެއްލައިލައި ހެދި ކަންތަކުގެ މައްޗަށް ދެންތާއޭ ދެރަވާނީ. ހުސައިންމަނިކަށް ހުތުރުވާނޭހެން އަހަންނާދިމާލަށް ގޮވުނު އެއްޗިއްސަށް ދެންތާއޭ މޮޅުވާނީ. އެކަންތައްތަކާ ދެރަވެގެން ނިކަންހުރެ އަހަރެން ކައިރިއަށް އުޒުރުވެރިވާން އަންނާނެޔޭ. އެއިރުން މަންމަގެ މޮޔަކަމުގެ މައްޗަށް ލަދުގަންނަވަރަށް ނަސޭހަތްދީ ހެއިއަރުވާނމޭ. އަހަރެންގެ ބުއްދި މަންމަގެ ބުއްދިއަށްވުރެ ރަގަޅުކަމުގެ މައްޗަށް މިސާލުޖަހާނަމޭ. އަހުމަދުފުޅު އަހަންނާ އިންނަން ފުރަތަމް ފޮނުވިރެ މަންމަދެއްކި ވާހަކައިގައި ބުނިހެން އެދެމީހުން މުސްކުޅިވާދުވަހުން އެހީތެރިވެދިނުމުގެ މަގުވެސް އިރާދަކުރައްވައިގެން އަހްނަނަށް މިއޮއް ތަނަވަސް ވަނީއޭ. ދެން އެދެމީހުންއުޅޭނީ ދަރިއެއްގެ ސަބަބުން ބާއްޖަވެރިކަން ލިބިގެންއުޅޭނެ އެންމެ ތަނަވަސް ދެމަފިރިއަކު އުޅޭނެފަދަ އުފާވެރި ދިރިއުޅުމަކުއޭ. ބައްޕަ މަހަށްދާނީވެސް ރަށުގައި ހުރެގެންނޭ. ކައިބޮއި އުޅޭނީ އަމިއްލަ މުދާ ހުރިގޮތަށް ހުއްޓައޭ. މަންމަގެ ގެއާބަދިގެ ފުރާޅުމަތީގައިވެސް ދެން ހުންނާނީ ފަންގެއެއްނުނޭ. އިރާދަކުރެއްވިއްޔާ ގޭގައި ޓިނެވެ. ބަދިގޭގައި އީޓެވެ.

އެކުވެރިކުދިންވެސް ދެން އަހަންނަށް މާބޮޑަށް މާތްކޮށް ހިތާނެޔޭ. ބައްދަލުވުމަށްވެސް އަންނާނެޔޭ. އެކުދިންގެ އެކުވެރިކަމުގައި އަހަރެން ބައިވެރިކޮށްގެން ގެންގުޅުނު ފަދައިން އަހަންނަށް ލިބޭ ނިޢުމަތުގައި އެކުދިން ބައިވެރިކުރާނަމޭ. އަހަންނަށް ލިބިފައިވާ ޤަދަރުގެ މައްޗަށް ބޮޑާވެ އެކުދިންގެ ޤަދަރު ކުޑަކޮށްނުލާނަމޭ. އެއްވެސްކަމެއްގައި އިހުނާ ޚިލާފްގޮތެއް އަހަރެންގެ ކިބަޔަކުން އެކުދިންނަކަށް ނުދައްކާނމޭ. ދޮނާއަކީ މިރަޙްމަތަށް ވާސިލްވުމަށް އެންމެބޮޑަށް އެހީތެރިވެދިން މީހާއޭ. ރުޤިއްޔާފުޅަކީ އަހުމަދުފުޅުގެ މަޅީގައި ބެދިބެދި އޮއްވައި އެއިން މިންޖުވުމުގެ ސަބަބުވެރިވީ ތެދުވެރި އެކުވެރިޔާއޭ. އެއިގެ ބަދަލުގައި ރުގިއްޔާފުޅަށްވެސް މިއޮތީ އަދާނުވެވޭ ފަދަ ޝުކުރަކަށް ދަރަނިވެރިވެފައޭ. ނިކަންހުރެ އަހަރެންގެ ދީލަތިކަމަށް  އެކުދިން ޝުކުރުވެރިކުރުވާނަމޭ.

މިޚިޔާލު ހަސީނަގެ ހިތަށްވަދެ މުޅިން ނިދިފިލައިގެން ތެދުވެ ކުރާނޭ ނުކުރާނޭ ކަމެއް ނޭގި މޭޒުކައިރީގައި އިށީނދެ ބައްތިބޮޑުކޮށްލާފައި އެތަނުން ކޮންމެވެސް ފޮތެއްނަގައިފިއެވެ. ފުރަތަމައިނުންވެސް ފެނުނީ ދޮނާއާ ހަސީނާއާ ދެމީހުން ފޮތްގެންދިޔަދުވަހު ލިޔުނު ކަރުދާސްކޮޅެވެ. ދެން ކުއްލިއަކަށް އެފޮތުގެ ކަންތަކާއި އެއިގެ ނުރައްކާތެރިކަމާދޭތެރޭ ހުސައިންމަނިކު ބުނެގެން ދޮނާގޮސް ދެއްކިވާހަކަތައް ހަނދާންވެ ސިހިގެންގޮސްފައި ހިތުގެ ވިންދު އަވަސްވެފައި ހިތަށްއަރާން ފަށައިފިއެވެ. ޝައްކެއްވެސްނެތެވެ. އަހުމަދުފުޅު ހުސައިންމަނިކަށް ބޮނޑިދޭންވެގެން ފޮތުގެ ވާހަކަ އަތޮޅުވެރިންގާތި ދެއްކީއެވެ. ހުސައިންމަނިކު މާލެ ގެންދިޔައީ އެކަމާއެވެ. އެހެންނަމަ އެއީމަގޭފުށުން އޭނައަށްލިބޭ ބޮނޑިއެކެވެ. ހާދަހާ ދެރައެވެ. އަހަންނާދޭތެރޭ އޭނަގެ ހިތަށްއަރާނީ ކޮންއެއްޗެއްބާވައެވެ. މީހުންނާ ލޯބިވެގެން އުޅޭން އަހަރެންނަކީ ހެޔޮވަރުގެ މީހެކެވެ. މިހާރު އޭނައަށް ހުންނާނީ މަގޭ އަދަބުކުޑަކަމާއި ގޮތްނެތްކަން ވިސްނިފައެވެ. އެއްވެސް މީހެއްގެ އެއްޗެއް އެހުމަކާނުލައި އެހެންގެންދާން ވެދާނޭހެއްޔެވެ. މަގޭ ލަދުކުޑަކަމެވެ. އަދި މިއޮއްކުރެވުނު ތެޔޮގުޅާތަކެއް ބަލާށެވެ. މިއީ މީހެއްގެ ގާތުކިޔުނުއެއްޗެއް ނޫންކަން ނަސީބެވެ. އެހެންނަމަ އެމީހަކު ހިނިއައިސް ބަލިވެއްޖައީހެވެ. މަގޭ ސޭކުކަމާ ހަމަނުޖެހޭ ކަމެވެ. މިއުޅެނީ މޮޔަވެގެންބާވައެވެ. ދެން ދެލޮލުން ކަރުނައައިސް ހަށިގަނޑު ޒާތަކަށް ހީކަރުވާލާފައި ހުންވައްތަރުވެގެން ބައްތިވެސް ނިއްވައިލާފައިގޮސް އަނެއްކާ އޮށޯވެ، ލޯމަރައިލިތަނާ އެއްވެސް ތުރާލަކާނުލައި ނިދިއްޖެއެވެ.

    ހުމާ ފިހެނީ


    

އެރޭ ވޭތުވެގޮސް އަނެއްދުވަހުގެ އިރު ދުނިޔެ މައްޗަށް ނިކުމެ އެތަންމިތާނގެ ފިނިކަން ކަނޑުވައި ހެދިއިރުވެސް ހަސީނާ ނިދައެއް ނުތެދުވެއެވެ. އެދުރު ދައިތަގެ ތިމާގެ އަންހެނަކު ފަހަރިބަލާ އައިސް ހުންނާތާވެސް މަދަކައިރެކެވެ. މިހާރު އެމީހަކު އެދަނީ އެދުރުދައިތަ ބުނެގެން ހަސީނޔަށް ގޮވާށެވެ. ކޮޓަރީދޮރުފަތް ހުޅުވާލާފައި ހަސީނާ.. ދެތިން ހަތަރުފަހަރަކު ގޮވާލައިފިއެވެ. އެތެރެއަކުން އަޑެއް ބަޑެއް ނުއިވެއެވެ. ދެން އެތެރެއަށްވަދެ ބަލައިލިއިރު އެނދުގެ ފޮތިގަނޑުހުރީ ވައްޓާލާފައެވެ. ކައިރިއަށް ލެފިލާފައި ދެތިންފަހަރަކު ގޮވައިލީމާ އިވުނީ ކެކުޅުންގަދަގޮތަކަށް ކުކުރައިގަންނަ އަޑެވެ. ދެން އައިސް އެދުރުދައިތަގާތު އެވާހަކަ ބުނެފިއެވެ. އެދުރުދައިތަ ހަރުކޮށްގޮސް ކޮޓަރިއަށް ވަދެފައި ކޮއްކޯ. ކޮއްކޯ! އޭ ގޮވާލައި ފޮތިގަނޑު ކަހާލިއިރު ހަސީނާއޮތީ ވަށައިގެން ކަންނެޔޮ ޖައްސައިގެން ބާރުކޮށްގެން އެތާއޮތް ރަޖާގަނޑެއް އަޅައިގެން އެކަށް ފޮރުވައިގެންނެވެ. ރަޖާގަނޑުތެރެއިން މާނިކަމެތި އަޑަކުން އިވެނީ އޫނ! އެވެ. ރަޖާގަނޑު ހިއްލައިލުމާއެކު އަރައިގަތް އާވިގަނޑެއް ހީވީ އަލިފާންގަނދަކު އާވިހެންނެވެ. އަތްތިލަޔާ މުނުގައި އަތްޖައްސާލިއިރުވެސް ހީވީ ފިހިދާނޭހެންނެވެ. އަތްތިލަޔާ މޫނުއޮތި ރަތްވެ ލެއި ހިލިފައެވެ. މޭގެ ވިންދުވެސް އަވަސްވެ އެކުލަވައިފައެވެ. ދެން މަޑުމަޑުން ބޮލުގައި އަތްލާފައި އޭތް! އޭތް! ދަރިފުޅާއޭ ގޮވައިލީމާ ދެލޯބޮޑުކޮށްފައި

    އެދުރުދައިތަ: ދަރިފުޅާ ކިއެއްވަނީ؟

    ހަސީނާ: އޫން.. ކީކޭތަ.ކުރާނީ .. އަހަރެން ކަމެއްނުކުރަމޭ

    އެދުރުދައިތަ: ކިއެއްހޭ ދަރިފުޅަށްވަނީ؟

    ހަސީނާ: އާނ އިހަށްވެސް. އޫނ ދެން މިހާރު އަހަރެން ކަށޭއިނގޭނީ... ކަލޭމެނާ... ވެސްއަހައި..ބަލާނދެ!

    އެދުރުދައިތަ: ތަންކޮޅެއްބާރަށް. ތިޔަދައްކަނީ ކޮންވާހަކައެއް. މިދިމާޔަށް ބަލައިލާނދެ! ދަރިފުޅަށް ވަނީކިޔެއް.

    ހަސީނާ: މިއިނީ ހޭލަޔޭ... ކޮޅަށޭމިއޮތީ.......އަހަރެން ވަރިވާންތަ... އެއީ ތެދު... އެއީ ހެދި އެއްޗެއްގެ ވާހަކައޭ... ދޮނާ ދޮގެއްތަ؟

    އެދުރުދައިތަ: އިހަށްވުރެ  ބާރަށް. ކާކުހެދިއެއްޗެއްހޭ؟ ނިކަން ލޯނުލައްޕާ އޮވެބަލަ. ހުންއައީތަ؟ މިތާކު ދޮނައެއް ނެތޭ.

    ހަސީނާ: އެހެރީ ކާކު؟ ދޮނާއެއްނޫން. އޭނ... އަދިވެސް ނުލަފަނީތަ؟

    އެދުރުދައިތަ: ކާކުތަ؟ ހުސައިންމަނިކުތަ؟

    ހަސީނާ: ކަޅިހިންގާލާފައި އެދުރުދައިތަގެ މޫނަށް ބަލާލާފައި  ހުސައިންމަނިކު މެރިޔޭ.. އަހަރެން.. ބަހައްޓާފައި.

    އެދުރުދައިތަ: ހީގެންފައި. ކާކުތަ ހުސައިންމަނިކު މަރާނީ! އިއްޔެނުން  މާލެދާން ފުރީ. ދަރިފުޅަށް ވަނީ ކިހިނެއް؟

    ހަސީނާ: މަޑުމަޑުން ލަސްލަހުން. ހުސައިންމަނިކަށާ އަހަރެންނަށް ސިހުރުކުރީ

    އެދުރުދައިތަ: ކާކު؟ ކޮންސިހުރެއްތަ؟

    ހަސީނާ: އެއުޅެނީނުން. އިހަށްދުވަހު މުދިމުކަމު ލާފައިހުރި.. އޫނ! މިރަށުގައި މުދިމުކަމުލާނޭ އެހެންމީހަކުނެތީތަ؟

    އެދުރުދައިތަ: އަނެއްކާ ހީލާފައި!  އޭ. ގޯސްއެއްޗެހި ނުކިޔާ. އަނެއްކާ މީހަކަށް އަޑުއިވިގެން ގޯސްއެއްޗެއް ހަދައިފިއްޔާޔޯ.

    ހަސީނާ: ހެޔޮ ، އެއްޗަކަށް ހެދިއްޔާ ރަގަޅީ. މިއީ ގޯސްއެއްޗެއްނޫން. މިކަން ދަންނާނޭ ހެކިންވެސް ތިބޭނެ.

    އެދުރުދައިތަ: އެކަމަކު ތިޔަހެންނުބުނޭ. ދަރިފުޅަކަށް މީހަކު ކަމެއްނުކުރޭ. ތިޔައީ ރޭގައި ދެކިގެންއުޅޭ ހުވަފެނެއް.

    ހަސީނާގެ ޙާލު


   

ހަސީނާގެ ހުމަށް ބަދަލެއްނައިސް ދެދުވަސް ދިޔައެވެ. ދެވަނައަށްވީ ދުވަހު ކަނދިތައްޓެއް ހިފައިގެން މަރިޔަނބުއައިސް ހަސީނާއަށް ކާންދެވޭތޯ އުޅޭތަން ފެނެއެވެ. އެއިގެފަހުންވެސް ލައްކައިރުވަންދެން އެދުރުދައިތައާއި ވާހަކަދައްކާން އިނެވެ. ތިންވަނަ ދުވަހު ހުމުގެއަސަރު މުޅިންފިލައި ހަސީނާއަށް ރަގަޅުވާގޮތްވެއްޖެއެވެ. ތެދުވެ ގޭތެރެކުނިކަހާ އަށިއެނދު ފޮޅާއުޅެން ފަށައިފިއެވެ. އަދި ބަދިގެއަށްވަދެ ކައްކާވެސް އުޅޭންފަށައިފިއެވެ. ހަސީނާއުޅޭ އުޅުމުން މާކުރިއްސުރެ މިގޭގައި އުޅޭމީހެއް ނޫންކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. ކުދިންގެ ފިލާލިޔެދީ ކިޔައިވައިދީ ހަދާކަށްވެސް ބުނާދެނެއް ނުހުރެއެވެ. އެދުރުދައިތަ ހަސީނާއަށް ވަރަށްބޮޑަށް ލޯބިކުރެއެވެ. ބަދިގެދޮށަށްގޮސް ހަސީނާ ކަންތައް ކޮށްއުޅޭގޮތް ބަލައި ކަންތައްކުރާނޭގޮތް ބުނެދީ ހަދައެވެ. އެއްފަހަރަކު ކުއްޖަކު ހުނިގާނަން އިންދައި އައިސް ބުންޏެވެ. އެއްވެސްކުއްޖަކު އަތްނުދޮވެ ކިރުފެލިޔަ ނުދޭށެވެ. އިހަކަށްދުވަހު އެހެރަގޭ ބަދިގޭގައި އެގޭ ދަލޭކަ ހުނިގާނަން އިންދައި އަހަރެންގޮސް ދޮރުމައްޗަށް އެރިއިރު ފައިގާއިން މެހިކޮށާ ފާރުގަނޑެއް އިރުއިރުކޮޅާ ކަހައިގަނެއެވެ. ފަހުން ކިރުފެލާނީވެސް އެއަތުންކަން އަހަންނަށް އެނގެއެވެ. ބޮޑަތިމީހުންގެ ގޮތްހުންނަގޮތަކީ އެއީއެވެ. އެހެންވީމާ ކުޑަކުދިންގައިގައި ތާހިރުކަމެއް ހުރެވޭނެހެއްޔެވެ؟ ކިރުފެލާންތިބެފައިވެސް ކިތަންމެ ހަޑިކަމެއް އަތުންކޮށްފާނެތެވެ. ކުދިންނަށް އަބަދު އެކަހަލަ ކަންތައް ހަނދާންކޮށްދިނިއްޔާނޫނީ ހަނދާނެއް ނުހުންނާނެއެވެ. ހަނޑޫދޮވުނަސް ފެލިޔަސް އަތްދޮވެތާހިރުވެގެންނޫނީ ލެފުނަނުދޭށެވެ. ބައެއްމީހުން ކައްކާފއި ހުންނަ އެއްޗެހިން ދިގުސިންގާ އިސްތަށިނެގެނީކީވެސް މަދެއްކޮށެއްނުނެވެ. އެއީވެސް ބޮލުގާ ފުނާއަޅައިނުލައި މިއުޅޭމީހުންގެ ހަޑިބޮލުން ފީވެގެން ފައިބާ އިސްތައްޓެވެ. އެދުރުދައިތައަކީ ތާހިރު މީހެއްކަމުން ހަސީނާ ތާހިރުކަމާއެކުވެސް އެކަހަލަ ވާހަކަދެއްކެނީއެވެ. މިކަހަލަ ކަންތަކުން ހަސީނާވެސް ވަރަށްއުފާވެއެވެ.

    ހަސީނާ މަންމަގެ ގެއަށް އެއްގޮތަކަށް ނުދަނީއެއްނޫނެވެ. ރެއަކާދުވާލު އެއްފަހަރު ނޫނީ ދެފަހަރު އެގެއަށްވެސް ދެއެވެ.  ބޭރުމީހަކު އިންފަހަރެއްވިއްޔާ އަނގައިން ބުނެލިކަމަކު މަންމައެއް ވާހަކައެއް ނުދައްކައެވެ.  އެކަމަކު ރުޅިއައިސްގެނެއްވެސް ފަހަކުން ނޫޅެއެވެ. ހަސީނާގޮސް އެގޭގައިވެސް އޭނާކޮށް އުޅުނުކަންތައް ދެކިގެން ކޮށްއުޅެތެވެ. ބައްޕަނިދާ އަށިފޮޅައި މަންމަނިދާ އެނދުވެސް ތަންމަތިއަޅައިި ހަދައެވެ. އަދި ބަދިގެއަށް ގޮސް ދޮނާއާއި ސަލާމްކޮށް ކައްކާފައި ހުރިއްޔާ ކައިވެސް ހަދައެވެ. ހަސަނު ކޮންމެރެއަކު މަހުންއައިސް ހަސީނާ އައިތޯއާ ހުމާހުރިތޯ އަހައެވެ. މަރިޔަނބު "ހުމާ އޮތީވިއްޔާ އަހަންނަށް ކުރެވޭނީ ކޮންކަމެއްތޯ އަހައި" އެކަހަލަ ޖަވާބެއްދެއެވެ.

    އަހުމަދުފުޅުގެ ދަންތުރަ


   

    އަހުމަދުފުޅުގެ ޚިޔާލު ހުސައިންމަނިކާ ދޭތެރޭ ބަދަލުވަމުން އައިގޮތް ތަންކޮޅެއްކުރިން އޮންނާނީ އެނގިފައެވެ. އެންމެފަހުން އެކަން ބަދަލުވީ ބޮޑު ޢަދާވާތްތެރިކަމަކަށެވެ. ހަސީނާ އަހުމަދުފުޅާ ގަބޫލުނުވި ނުވިހެން ހުސައިންމަނިކާ ދޭތެރޭގެ ރުޅިވެރިކަން އައީބޮޑުވަމުންނެވެ. ފަހުން ހުސައިންމަނިކު ހަސީނާއަށް ފޮނުވި ސިޓީފާޅުވެ އެދެމީހުންގެ ހިތާވުން ރަގަޅަށް ސާބިތުވުމަށްފަހު ހުސައިންމަނިކުގެ ޖާނުގެ ދުޝްމިނަކަށް އަހުމަދުފުޅުވެއްޖެއެވެ.. އަދި ދެވުނުހައި ރޮނގަކުން ހުސައިންމަނިކަށް ކެހިދިނުމަށް ގަސްދުކޮށްފިއެވެ. އެކިއެކި ގޮތްގޮތުން ފާރަލައި ހުސައިންމަނިކުގެ އުޅުމުން ކުށެއްހޯދޭތޯ މަސައްކަތްކުރާންވެސް ފަށައިފިއެވެ. ކިތަންމެ ކުޑަކުޑަ ސިޔާސީ ކުށެއްފެނޭތޯވެސް އަބަދު ހުންނަނީ ބަލަބަލައެވެ. ހުސައިންމަނިކާ ދޭތެރޭ ބާލާފާރަލުމަށް އެތައް ޖާސޫސަކުވެސް ތިބެއެވެ. އިބްރާހިމްފުޅަކީ މީގެ އެންމެބޮޑުމީހާކަން ފާޅުވެފައި އޮންނަނީ އޭނާގެ ކިބައިން ސަލާމަތްވާން އެނގޭ ވަރަށެވެ. ދެންތިބި ޖާސޫންތިބީ ފޮރުވިފައެވެ.

    އެކުވެރިކަމުގައި ބައްދަލުވެ އެއްވެއުޅޭ ރަޙުމަތްތެރިބަޔަކު އެކަކު އަނެކަކަށް ކެހިވެރިވާން ފަށައިފީވިއްޔާ ކިތަންމެ ވިސްނުން ރަގަޅުމީހަކަށްވެސް ފަހަރުގައި މުސީބާތެއް ޖެހުމަކީ ވަރަށްގާތުގައި އޮންނާނޭ ކަމެކެވެ.  އެގޮތަށްއުޅޭ އެކުވެރި ބައެއްދައްކާ ވާހައިގެތެރޭގައި އަނެކަކު އެއްޗަކަށް ހަދައިފީވިއްޔާ ސަލާމަތްނުވެވޭނެފަދަ ކުށްބަސްތައްކިޔޭނީއަކީ މަދެއްކޮށެއްނޫނެވެ. އަދި ކިތަންމެ ނުރައްކާތެރި ވާހަކައެއްވެސް ދެއްކިދާނެއެވެ. އެކަމަކު އެވާހަކައަކީ ދެއްކޭ ސިއްރުވަހަކައެކެވެ. ކޮންމެމީހަކުވެސް ތިބޭނީ އެއީ ނުދައްކާ ވާހަކައެއްކަމަށް ހަދައިގެންނެވެ. އެހެންދައްކަ ވާހަކައެއްގެ ތެރޭގައި ކިތަންމެބޮޑު ވެރިއެއްގެ ވާހަކައެއްވެސް ދެއްކިދާނެއެވެ. އެކިމީހުންގެ ޚިޔަލަކީ އެކިކަހަލަ އެއްޗެކެވެ. ތިމާގެ ޚިޔާލާއި ވެރިޔަގެ ޚިޔާލު ތަފާތުވީމާ ދެކެވޭ ވާހަކައެކެވެ. އެޔަކީ ވެރިޔާކުރި ކަންތަކާ ނުގަބޫލުވެގެން ދެކޮޅުވެރިކަމުގައި ދެއްކި ވާހަކައަކަށް ކޮންމެހެން ވާނޭކަމެއްނެތެވެ. ބައެއްމޮޔަމީހުން ދެކޮޅުވެރިކަމުގައި ދެއްކިނަމަވެސް އެކަހަލަ ވާހަކަ އެންމެން ދައްކާނާިއަކީ އެސިފައިގައެއްނޫނެވެ. އެކަަމަކު އެކަހަލަ ވާހަކައެއް ދެކެވިގެން ވެެރިޔާގެ ކަންފަތަށް އަރައްޖެއްޔާ އެއީ މަޢުނައެއްނެތް ވާހަކައެއްކަމަށް ދޫކޮށްލުމަކީވެރިންގެ ސިޔާސަތާއި ދުރުކަމެކެވެ. އެއިރުން އެކަންބަލައި ސާބިތުކުރަން ވެރިންނަށްޖެހޭނެއެވެ.

    މިހެންވީމާ އެކުވެރި ބައެއްގެ ތެރޭގައި  އެމީހުންގެ ޢަދާވާތްތެރިއެއް ހުރެއްޖެނަމައީ ކުރިންބުނިހެން ކިތަންމެ ވިސްނައިގެން އުޅުނުމީހަކުނަމަވެސް  ބޮނޑިދަށުވެދާނެއެވެ. އިހަށްދުވަހު ހުސައިންމަނިކު މާލެދާންޖެހުނީ މިބުނި ޤަވާޢިދުން އައިކަމެކެވެ. އެއީ އެކުވެރި ހައެއްކަ މީހުން ތަނެއްގައި ތިބިގެން ޚިޔާލުބަދަލުކުރި ތަނެއްގައި ކަތީބުތަކުރުފާނު ފަތްކޮޅުދޫކޮށްލި ވާހަކައަށް ގޮސް ހުސައިންމަނިކަށް ބުނެވުނީއެވެ. " ކަތީބުތަކުރުފާނު ފަތްކޮޅުދޫކޮށްލިޔަސް އެންމެ ރަގަޅުތާއެވެ. މިރަށުގައި ހުރި އެންމެބޮޑު ވެރިޔަކީ އެއީއެވެ. އެކަމަކު މުދިމަކުލީއިރުވެސް ކަތީބުތަކުރުފަނު ނުދެނަހުއްޓެވެ. އެހެންވީމާ ބަސްނުވިކޭ އޮޑިއެއްގެ ކެޔޮޅަކަށްވުމަށް އޭނާނޭދެނީ ކަންނޭގެއެވެ. މާލެއިން ފޮނުއްވާފައި ތިއްބަވާ އަތޮޅުއަތޮޅުވެރިން އަތޮޅުގައި އުޅުއްވާ ދުވަހަށްވުރެ ގިނަވާނީ މާލޭގައި އުޅުއްވާދުވަހެވެ. ރަށްރަށުގެ ކަންތައްތައް ހިނގާގޮތާއި ރަށްރަށުގެ އެތެރެފުށް އަތޮޅުވެރިންނަށްވުރެ ބޮޑަށް އެނގޭނީ އެރަށުގެ މުސްކުޅިންނަކަށް ނޫންހޭ، އެކަހަލަ ކަންތައްތައް ކުރާއިރުގައި އެމީހުންނާއި ލަފާކިޔަންވެސް ވާނެޔޭ. ނިކަން އެއަތޮޅެއްގެ މީހަކު އަތޮޅެއްގައި ހުރެގެން ހިންގާ އަތޮޅު އަތޮޅަށް ވިސްނާލަބަލާށޭ". މިވާހަކައަކީ އާދައިގެ ގޮތުން އެކުވެރިބަޔަކާ ދެއްކި ސިއްރުވާހަކައެކެވެ. އަތޮޅުވެރިންކުރާ ކަންތަކާ ނުހުރިގެން އެއްޗެއްބުނުމުގެ ގޮތުން ދެއްކިވާހަކައެއްނޫނެވެ. އެހެންނަމަވެސް އެތާނގައި އަހުމަދުފުޅުގެ ޖާސޫސަކު ފޮރުވިގެން އިންކަމުން އޭނާގޮސް އަހުމަދުފުޅަށް މިވާހަކަ އެންގީއެވެ. ދެން އަހުމަދުފުޅު މިވާހަކަ އިތުރުކޮށްގެންނާ އަދި އެއްކަލަ ފޮތުގެވާހަކައާއި މަސްދޯނިމީހުންގެ އަރައިރުމުގެ ވާހަކަވެސް އެއިގެތެރެއަށްލައި ބޮޑުކޮށްލައިގެން ރަށްފަސާދަކުރާން އުޅޭމީހަކަށް ހަދާފައި އަތޮޅުވެރިންނާ ހަމަޔަށް އުފުލީއެވެ.

    ރުޤިއްޔާފުޅު ވިހައިގެން


    

    އުޑުމަތީގައި އެއްވެސްކަހަލަ ބަނަކަމެއް ނެތުމުގެ ސަބަބުން އިރުގެ އަމުރު ދުނިޔެ މައްޗަށް ހިންގަނީ ވަރަށް ހޫނުކަމާއެކުގައެވެ. ދިމާވިގޮތުން ވައިވެސް މަޑުދުވަހެކެވެ. މެންދުރުގެ ހޫނު އެންމެގަދަވީ ވަގުތެވެ. އަޅުގަނޑުމެންގެ ރުގިއްޔާފުޅު ހަމައެކަނި ގޭދޮރުމަތީހުރި ޖަނބުރޯލުގަހެއްގައި އެލުވާލައިފައިހުރި އުނދޯއްޔެއްގައި  ވަރަށް މަޑުމަޑުން ހެއްލާންއިނެވެ. ގަސްވަނީީ ޖަންބުއަޅާ ފުރިފައެވެ. އަތުގައިއޮތީ ކާޅުފަހާން އެކުލަވާފައިހުރި ޑަބިޔާގަނޑެއްގެ ވާފަށެވެ. އިރުކޮޅަކާ ކާޅުތަކެއް އައިސް ގަހަށްޖެހިގަނެއެވެ. ދެން ރުގިއްޔާފުޅު ވާގަނޑަށް ދަމައިގަތީމާ އުދުއްސައިގެން ގޮވަމުން ގޮވަމުން ހިނގައިދެތެވެ.

    ރުގިއްޔާފުޅާ ދޭތެރޭވިސްނައިލަމާ ހިނގާށެވެ. އޭނާ މިހާރުއެއިނީ ދުވަސްފުރި ވިހާން ތައްޔާރުވެފައެވެ. އެކަމާއެކު އޭނާގެ ސިނކުޑި އެވަނީ އެތައް ރޮނގަކަށް ވިސްނުމަށް ދޫކޮށްލެވިފައެވެ. ބަނޑުގައި އެއޮތީ ވަރިކޮށްފައިހުރި މީހެއްގެ ދަރިއެކެވެ. މީހަކީ އިޙްލާސްކަމެއްނެތް ބޭވަފާ މީހެކެވެ. އެމީހާކައިރިން ވަރިވުމީ ރުގިއްޔާފުޅު ހިތަށްލިބުނު ވަގުތީ ދަތިކަމެއްނަމަވެސް މުސްތަޤުބަލްގެ ދިރިއުޅުމަށް ލިބުނު ބާއްޖަވެރިކަމެކެވެ. އެކަހަލަ ފުއްދުންތެރިކަމެއްނެތް ބޭވަފާމީހަކާ އިނދެގެން މުސްތަޤުބަލްގެ ދިރިއުޅުމުގެ ބިންގާ ހަރުދަނާ ގޮތުގައި ނޭޅޭނެކަން ވިސްނެނީއެވެ. ވަރިކުރިފަހުން އެތައްފަހަރަކު މަތިން އިނދޭތޯ އުޅުނެވެ. އެކަމަކު ރުގިއްޔާފުޅުގެ ވިސްނުން ރަގަޅުކަމުން އެކަންއޮތި ގަބޫލުނުކޮށްފައެވެ.  އެކަމަކު މިވާން އުޅޭގޮތަކުން ރުގިއްޔާފުޅުގެ ހިތްވަނީ ދެފަރާތަށް ކިރިކިރިއެވެ. އެއް ރޮނގަކުން ބަލާއިރު މިކުއްޖާ ރަގަޅުގޮތުގައި ތަރުބިއްޔަތު ވެވޭން އޮންނާނީ ކުއްޖާގެ ބައްޕައާއި އިނދެގެންނެވެ. ހިތާދެކޮޅަށް ނަމަވެސް އިންނާން މިއޮއްޖެހެނީއެވެ. އެއްކަލަ ބޭވަފާމީހާގެ އަތްމައްޗަށް ގެއްލުންހުރި ދިރިއުޅުމަށް އަލުން އެނބުރެން ޖެހެނީއެވެ.

    އުދޯލިހުރީ ދެފަރާތުން ދެފަރާތަށް މަޑުމަޑުން އެނބުރި އެނބުރިއެވެ. ކުއްލިއަކަށް އައިކާޅުތަކެއް ގަހަށްޖެހިބާރަށް ރުގިއްޔާފުޅު ވާގަނޑަށް ކުއްލިޖަހައިގަތުމާއެކު ބަނޑަށް ލިބުނު ވޭނަކުން ވިސްނުނީތާއެވެ. މިހާރު ތެދުވެގެން މަޑުމަޑުން ހިނގަމުންގޮސް އެވަންނަނީ ގެއަށެވެ. ކުޑައިރުކޮޅަކުން އެގެއަށް މީހުންވަދެ ނިކުމެވުން މާގިނާވެއްޖެއެވެ. ރުގިއްޔާފުޅު ބަނޑުގައި ރިހެނީކަން ޔަގީނެވެ. އެންމެކުރިން އެގެއަށް ދިޔަމީހުންގެ ތެރޭގައި ހަސީނާވެއެވެ. ވަރަށް މުރާލިކަމާއެކު ފޫޅުމައިމީހާއަށް އެހީވެއުޅެއެވެ. އަދި އެދުރުގެއަށް ކުދިން ފޮނުވައިގެން ފެންހޫނުކުރާ ލޯގަނޑާއި އެެއްޗެހި ގެނުވައިގެން ބަދިގޭގައިވެސް އުޅެއެވެ.  އެކުވެރި ރަޙުމަތްތެރިކަމުގެ އަގު ހަސީނާއަދާކުރަނީ ތެދުވެރިކަމާއެކުގައެވެ. އެހެނިހެން ރައްޓެހިކުދިންވެސް ފެންގެނެސް އެއްޗެހި ހަދާންއުޅެއެވެ.

    ރުގިއްޔާފުޅު ބަނޑުގައި ރިހެނީ މެންދުރުއްސުރެއެވެ. މިހާރު އިރުއޮއްސިއްޖެއެވެ. ކަންވެރިމީހާ އިރުއިރުކޮޅާ ތައްޓެއް ލިޔެފައި ބޯންދެއެވެ. ބަނޑުގަޔާ އެތަންމިތާ ދެތިންތަވީދުވެސް އަޅައިދީފިއެވެ. ވޭންވަރު ވަކިގަދައެއް ނުކުރެއެވެ. ރުގިއްޔަފުޅަކީ އަލަށް ވިހާކުއްޖެއްކަމުން ވިހެއުމުގެ ތަޖުރިބާ ލިބިފައިނުވާތީ ކަންނޭގެއެވެ. މިހާރު ޢިޝާވަގުތު ވެއްޖެއެވެ. ގެތެރެއިން މީހުންވެސް މަދުވެލިތަންވަޅެކެވެ. ވޭންވަރު ގަދަކޮށްލާފައި ކުއްލިއަކަށް އެވިހެއީއެވެ. ރިތިރީތި ފިރިހެންކުއްޖެކެވެ. ތަންކޮޅެއް ރޫފަދެރަކަން ނޫނީވިއްޔާ ބުނާނޭ އެއްވެސް އެއްޗެއްނެތެވެ. އެކަމަކު ހިތާމަހުއްޓެވެ. މިއޮއް ރަގަޅުކުއްޖާ އޮތީ މަރުވެފައެވެ. ރުގިއްޔާފުޅު އެކަމާ ވަރަށްބޮޑަށް ހިތާމަކުރުމާއެކު އަނެއްކޮޅުން އިބްރާހިމްފުޅާ  ނުއިނދެވޭތަން އަންނަކަމުގެ މައްޗަށް ޝުކުރުކޮށް ޙަމްދުކޮށްލިއެވެ.

    ހުސައިންމަނިކުގެ ޚަބަރު


  

މާލެދިޔަ ބައްތެލި އާދައިގެ ދަތުރަކަށްވުރެ ފަސްހަދުވަސް އިތުރުވެގެން ހިނގައްޖެއެވެ. އެއްވެސް ކަހަލަ ޚަބަރެއް ނުލިބެއެވެ. ސަބަބަކީ ވައިގެ ދަތިކަމާއެކު ވައި މަޑުވުމެވެ. މިހާރު ހަސީނާގެ ޙާލެއް އެއްވެސް މީހަކަށް ވަންހަނާ ވެގެނެއްނުވާނެއެވެ. އަބަދު އިނދެވެނީ އަތިރިއަށްނުކުމެ ބައްތެއްޔެއް އާދޭތޯ ބަލަބަލައެވެ. ދުރުދުރުން މަސްދޯންޏެއްގެ ރިޔާ ފެނުނަސް އެއީ ބައްތެއްޔެއްކަމަށް ހީކުރެއެވެ. ހުސައިންމަނިކު މާލެގެންދިޔަގޮތް މިހާރުވަނީ މުޅިރަށަށް ފެތުރިފައެވެ. އެހެންކަމުން ހަސީނާގެ ހިތްވަނީ ވަސްވާހުން ފުރިފައެވެ. މިދަތުރު އަނބުރާ އަށަށް އަންނާނޭކަމާ ނާންނާނޭ ކަމާދޭތެރޭ ކަންބޮޑުވެފައެވެ.  ކިތަންމެ ބޮޑުއަދަބެއް ލިބިފައިނަމަވެސް ސަލާމަތުން ރަށަށް އާދެވޭނެޔޭ ހީވާފަހަރަށް ކުޑަކުޑަ އުފަލެއް ހިތަށްލިބެއެވެ. ހައްޔަރުކޮށް އަރުވައިލާނެޔޭ ހިތަށްއަަރާ ކޮންމެފަހަރަކު މެއިން ނަގައިގަންނަނާި ދިލައުދާސްގަނޑެކެވެ

ބައެއްފަހަރު ކާޅުގޮވާގޮތުންނާ ކަށިހުޅުބު މާބުރު އެއްޗެތީގެ ގޮވުމުން ފާލުވެސް ބަލައެވެ.  އެއަންނަ ކާޅު މިހިސާބަށް އަރާހަމަވެފައި ގޮވާލައިފީވިއްޔާ ބައްތެލި އަންނަނީޔޭ ހީކޮށްލައިގެން އިންދައި ގޮވައިނުލާ ހިނގައްޖެނަމަ އެއީ ނުބަލާ ފާލެއްކަމަށް ހަދައިފައި ދެން އަންނަކާޅެއް ކަމަށް ހީކޮށްލައެވެ. ބައެއްފަހަރަށް އަކިރި ގާކޮޅެއް ނަގާފައި ރީތިފުށް މައްޗަށް ޖެހިއްޖިއްޔާ ހުސައިންމަނިކު ރަށަށް އަންނާނެޔޭ ހުތުރުފުށް މައްޗަށް ޖެހިއްޖިއްޔާ ނާންނާނެޔޭ ހީކޮށްލާފައި ވައްޓާލައެވެ. ރީތިފުށް މައްޗަށް ޖެހިއްޖެނަމަ ފާލުސީދާވާނޭކަމަށް ޔަގީންކޮށް ހިތްހެޔޮކޮށްލައެވެ. ހުތުރުފުށް މައްޗަށް ޖެހިއްޖިއްޔާ މިވެނި ކުށެއް ހެދުނީކަމަށް ބަލާފައި އަލުން އިޔާދަކުރެއެވެ. އަނެއްބައެއްފަހަރަށް މާލެއިންފުރީ މިވެނިދުވަހަކު ހެނދުނުއޭ އެދުވަހު އިރުއޮއްސޭއިރަށް އާދެވޭނީ މިވެނި ރަށަކާހަމައަށޭ އަނެއްދުވަހު އާދެވޭނީ މިވެނިހިސާބަކަށޭ މިގޮތަށް ހިމަނަމުންގެނެސް އަދު މެންދުރަށް އަންނާނެޔޭ ހީކޮށްގެން އިންދައި މެންދުރުން އެނބުރީމާ މާލެއިންފުރާނީ އެދުވަހު މެންދުރުއޭ ހީކޮށް އަސުރަށް އަންނާނޭ ކަމަށް ވިސްނައިލައެވެ. އަސުރުން ތިރިވާއިރު ބައްތެލި ނުފެނުނީމާ މާލެއިންފުރާނީ އަސުރުން ކަމަށް ހަދައި އިރުއޮއްސޭއިރަށް ލަފާނޭކަމަށް ޔަގީންކޮށްލައެވެ. މިކަހަލަ ވަސްވާހުން ފުރިގެންވާ ހާސްކަމެއްގައި ހަސީނާ އުޅެއެވެ.

ރުގިއްޔާފުޅު ވިހޭރޭގެ އަނެއްދުވަހު ހަސީނާ އަތިރިމައްޗަށް ނިކުމެ ބަލައިލިއިރު މާދުރުން އަންނަ އެއްޗެއްގެ ރިއާފެނެއެވެ. ފުރަތަމަވެސް ހަސީނާއަށް ވިސްނުނީ އެއީ ބައްތެލިކަމަށެވެ. އިރުކޮޅަކު ބަލަންއިންފަހުން ތިންރިޔާ އިންހެންވެސް ހީވާންފަށައިފިއެވެ. ވައިޖެހޭލެއް މަޑުކަމުން އެ އެއްޗެއް ގާތްވަމުން އަންނަނީ ވަރަށް ލަހުންނެވެ. ދެންގޮސް ރުގިއްޔާފުޅު ފެންވަރައި އަޅިބޮނޑި ހަދައިދީފައިގޮސް ގޭގައި އުޅެލާފައި އަތިރިއަށް ނުކުތްއިރު ވަރަށް ކައިރިއަށް އަތުވެއްޖެއެވެ. އެކިއެކި މީހުން ވަކިކުރާން ނޭނގުނަސް މީހުން އެންމެ ރަގަޅަށް ފެނެއެވެ. ހަސީނާ މީހުންގެ މައްޗަށްބަލައި ސޫރަކުރަމުންދާއިރު ބައެއްފަހަރަށް ހުސައިންމަނިކު ހުރެއެވެ. މިހާރުއައިސް ރިޔާދޫކޮށްލާފައި ބޮޑުނެރުން ވައްދައިފިއެވެ. ހަސީނާ ހޯދަހޯދައި ހުސައިންމަނިކެއް ނުފެނުނެވެ. ހިތްހީވީ ހޫނުއެއްޗަކަށް ވައްޓައިލިހެންނެވެ. އެކަމަކު ހިޔަލުތެރޭ އިނެދެފާނޭ ކަމަށްހުރެހުރެ ބޭރަކަށް ނުނިކުތެވެ. ބައްތެލިއަޅައި ހަރުކޮށްފައި އެތިބަ މީހުންތައް ފައިބަނީއެވެ. ހަސީނާއަށް ވީގޮތެއްވެސް ނޭގުނެވެ. އަވިންހޫނުވެގެން އައި ވައިރޯޅިއެއް ޖެހުމާއެކު ހުމުގެ އަސަރުކޮށްފިއެވެ.  ގެއަށްގޮސް ނުއޮށޯންނަނީސް ހުސަައިންމަނިކުގެ ޚަބަރެއް އިވިދާނެތީ އެއްވެސް އަޑަކަށް ކަންފަތްނުދީ އަވަސްއަވަހަށްގޮސް އެދުރުބޭގެ  ކޮޓަރީ އެނދަށް ވެއްޓިގެންފިއެވެ.

މިހާރު މުޅި ހަސީނާހީވަނީ ކަންފަތެއްހެންނެވެ. ބޭރުންދަމުންވެސް މީހަކުމާލޭގެ ވާހަކައެއްބުނެފާނެތީ އޮވެވެނީއަކާީނޫނެވެ. އިރުކޮޅަކުން ބޭރުތެރޭގައި މާގިނަބަޔަކު އުޅޭއަޑަށް ނިކުތްއިރު ސިޓީއެއް ހިފައިގެންހުރި މީހަކުހުއްޓެވެ. އެމީހެއްގެ ފަހަތުގައި މިގޭގައި ކިޔަވާންއުޅޭ ލައްކަކުދިން ތިއްބެވެ. ހުރިހައިކުދިންގެ މޫނުމަތިން ފެންނަނީ ހިތާމަވެރިކަމުގެ އަސަރެވެ. ހަސީނާނިކުތީމާ ހަސީނާގެ އަތަށް ސިޓީދީފައި ހުސަިއންމަނިކު ހައްޔަރުކޮށްފިޔޭ ބުނެފައި އެމީހަކު ނިކުމެގެން ހިނގައްޖެއެވެ. ކޮޓަރިއަށްވަދެ ސިޓީކަނޑާލާފައި ބަލާލިއިރު އެއީ މާލެދަމުން ބައްތެލިމަތީގައި ލިޔެފައިއޮތް ސިޓީއެކެވެ. އޭގައިވަނީ ހުސަިއންމަނިކާ ދޭތެރޭ ރަށުގައިޖެހުނު ޝަރީޢަތުގެ ވާހަކައާއި ވާނޭނުވާނޭ ގޮތެއްނޭނގޭ ވާހަކައެވެ. ދެންހުރީ ދެމައިންގެ ހިތްހެޔޮކުރުމަށްއެދި ލިޔެފައިހުރި ބަސްތަކެވެ. މިންވަރުފުޅަށް ރުހި ކެތްކޮށްގެން ތިބުމަށް ނަޞޭޙަތްދީފައެވެ.

    ހުސައިންމަނިކު އަށިގޭގައި


  

ހުސައިންމަނިކު މާލެއައި ބައްތެލި ވަރަށްނިޔާމަ ދަތުރެއްކޮށްފައި ގޮސް ދެވަނައަށްވީދުވަހު މާލޭގެ ފަޅުތެރެއަށް ވަދެއްޖެއެވެ. އެއީ އިރުއޮއްސޭ ވަގުތެވެ. އަނެއްދުވަހު އަށެއްޖަހާއިރަށް ނެތްވަކަށްހުރިމީހާ އަތޮޅުވެރިންގެ ސިޓިއަކާއި ހުސައިންމަނިކު އަތުން އަތުލި ފޮތާއި ހުސައިންމަނިކާ ގެންގޮސް ބަނޑޭރިގެއަށް ދައްކައިފިއެވެ. އެދުވަހަަކު ހުސައިންމަނިކާ އެއްވެސް ކަހަލަ ސުވާލެއްނުކުރެއެވެ. ގެންގޮސް ވެއްދީ އަށިގެއަށެވެ. އަށިގެއަކީ ބޭރުގެ ފާރުތަކާއި މަތީފުރާޅުނުނީ މީގެކުރިން ހުސައިންމަނިކު ދެކިފައިވާ ތަނެއްނޫނެވެ. ހަމައެކަނި އެތާނގެ ވާހަކަތައް އިވިފައި އޮންނަނީާ މީހުން ދައްކައިއުޅޭ އަޑެވެ. އެއީ ވަރަށްދަތި ތަނެއްކަމާއި ކާންލިބޭނީ ހިކިއަވެލިކަމާއި ފެންވެރޭނީ ދޮޅަހަކަށް ދުވަހުން އެއްފަހަރުކަމާއި މިކަހަލަ ޚަބަރުތަކެކެވެ.  އެހެންނަމަވެސް މިހާރު ހުސައިންމަނިކަށް އަށިގެ މިއޮއްފެންނަނީ ޔަގީންގެ ލޮލުންނެވެ. އެތާނގެ ދަތިކަން މިއޮއްތަޖުރިބާވަނީ އަމިއްލަ ސިކުނޑިންނެވެ. އޭގެ ފުރިހަމަ މަޢުނައިގައެވެ.

އަށިގެއަކީ ބަނޑޭރިގޭގެ އެއްފަރާތެއްގައިވާ ގުދަންފައްޗަކަށް ކިޔާނަމަކެވެ. ފާރުތައްވަނާީ ވަރުގަދައަށް ރާނައި ދެފަރާތުން އުވަޖަހާފައެވެ. ވަޔަކަށްވެސް އައްޔަކަށްވެސް ވަދެވެންއޮތީ ހަތަރުފަރާތުގެ ބާފިލި ދަށުންނާއި ދަގަނޑުން ތޭރިޖަހާފައިހުރި ކުޑަކުޑަ ކިޑިކީޔަކުންނެވެ. އެނޫނީ އެހެން ކިޑިކީޔެއް އާނގުވަޅެއްނެތެވެ. މަތިގައިޖަހާފައިވަނީ ޓިނެވެ. ދޮރުފަތްހަދާފައިހުރީ ވަރަށްބޯފިލަޔަކުން ދެދޮރުފަތަށެވެ. ހުޅުތަކާއި ފަތްހަދާފައިހުރީ ވަރުގަދަ ދަގަނޑުންނެވެ. ތަޅުލާން ހުންނަނީާ ދެތަނުންނެވެ. އަށިގެއަށް ވެއްދުމާއެެކު އަރައިގައިގަތް އުދާސްގަނޑަކާއި ދުވިނުބައިވަހުން އަނބުރައިނުގަތީ ކިރިޔާއެވެ. ޓިނުތަކަށް ހޫނުވެގެން އައިއިރު މުޅިގޭތެރެވަނީ އުދާސްވެފައެވެ. ވައި އެންމެރޯޅިއެއްވެސް ނުވަދެއެވެ. ހުސައިންމަނިކު އެތަނަށް ވައްދަމުން ހަމައެކަނި ދިނީ ނިދާން ފަތުރާނޭ ފަންގަނޑެކެވެ. ދެން އެއްފަރާތެއްގައި އެފަންގަނޑުފަތުރާލާފައި އިށީނދެއްޖެއެވެ.  އެއިރު ދާހިއްލަން ތެޔޮހޭނިފައިތިބި ތިންމީހުންތިއްބެވެ. އެކަކު އަނެކަކާ ވާހަކަދެއްކުމަށް އަމުރެއްނެތެވެ. ބޭރުންވެސް މީހަކުދައްކާ ވާހަކައެއް އަޑުއިވޭނެގޮތެއްނެތެވެ. އެއްކަނެއްގައި ބޯފެން ޑަބިޔަލަކާއި ނާށިގަނޑެއް އޮތެވެ. ކާންގެނެސްދިނީ ބައިލާހި ހިކިއަވެއްޔާއި ތެތްކުރޮޅިގަނޑަކާއި ދަގަނޑަށް ވެފައިއޮތް މަސްބުރިއެކެވެ. އެއަވެލި ތެންމާހައިކުޅެއް އަނގަޔަކު ނުހުރެއެވެ. ހަފާފައި ދިރުވައިލެވެނީވެސް އެތައް މަސައްކަތަކުންނެވެ. ކުރޮޅިކޮޅެއްކެވެނީ އަނގަވާގިނެތޭހައި އިރުންނެވެ. މަސްބުރިން އެތިކޮޅެއް ކައިލެވެނީ އެތައް އުނދަގުލަކުން ދަތަށްވެސް އެތައްހާނީއްކައެއް ވުމަށްފަހުގައެވެ. ދަތިކަމުގެ ކޮޅެއްނެތެވެ. ފުހިކަމުގެ އިންތިހާ ދަރަޖައެވެ. އެތާނގެ ހަތަރުފާރާއި ދާހިއްލާފައިތިބި ތިންމީހުންނޫނީ ދުނިޔޭގެ އެއްވެސް އެއްޗެއް ފެންނާކަށެއްނެތެވެ. ފޫހިވީމާ ޖެހިލާންއޮތީވެސް ފަންގަނޑުގެ އަނެއްކޮޅެވެ. މުނިފޫހިފިލުވަން ވާހަކަދައްކަންވީ އަމިއްލަ ހަށިގަނޑާއެވެ. ރޭވެއްޖިއްޔާ ސެއްޅިއާއިގެން ނުކުޅަދާނައެވެ. ދެތިންދުވަސްވިއިރުހީވީ ނަރުފިލައަކުން ދަމަމުން ގެންދިޔަހެންނެވެ. އަތްފައިގެ ތަންތަން ހިމަވާކަމާއި ހަށިގަނޑު ހިކެމުންދާތަން ލޮލަށްވެސް ފެންނަނީއެވެ. ގޯތީގެ ޙާލާއި މަންމައާއި ހަސީނާގެ ޙާލަކީ ކޮބައިތޯ ހިތަށްއެރިނަމަވެސް ސުވާލެއް ކޮށްލާނީ ކާކާހެއްޔެވެ. މިތާނގައި ހުސައިންމަނިކު އިން ދަތި ޙާލެއް އެމީހުންނަށް އެނގޭނޭ ނަމަވެސް އެހީއެއްވެ ޝިފާޢަތްތެރި ކުރުވާނީ ކާކުހެއްޔެވެ؟ (ނުނިމޭ)

ޚާއްޞަ ނޯޓު:

މި ވާހަކައިގެ ހަވަނަ ބައި ޝާއިޢު ކުރުމުގައި އެއްބައި އުނިވެފައިވާކަން ފާހަގަ ކުރެވިއްޖެ އެވެ. އެހެން ކަމުން މިހާރުވަނީ، އެބައި ހިމަނާލެވިފަ އެވެ. މި ފަދަ ގޮތެއް ދިމާވި ކަމަށްޓަކާ ވާހަކަ ވިދާޅުވާ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މާފަަށް އެދެމެވެ. -ފަންވަތް-

އިދާރާ

ވާހަކަ