އަދުގެ ޚާއްސަ

Print

ރޫޙާނީ ފުލުހުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

މި ޒަމާނަކީ، ދިވެހިންގެ ހުރިހާކަމެއް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާ ދިމާޔަށް ދަތުރުކުރަމުންދާ ދުވަސްވަރެކެވެ.  ދިވެހިން ''އިންޓަރނޭޝަނަލްވަމުންދާ'' ދުވަސްވަރެކެވެ.  މި ބަސްބަހާއި ކަންކަމުގެ މާނަ އެކި މީހުން އެކި ގޮތަށް ކޮށްފާނެއެވެ. އަޅުގަނޑަށް  މާނަ ކުރެވޭ ގޮތްތަކެއް ވެސް އެބަ ހުއްޓެވެ.   ނަމަވެސް އެއީ މި މަޒުމޫނުގެ މައުޟޫޢުކަމުގައި ހަދާކަށް ގަސްދެއް ނުކުރަމެވެ.


ފުލުހުންގެ ވާޖިބަކީ، މުޖުތަމަޢުގެ އަމްނު އަމާންކަން ދެމެހެއްޓުމޭ ބުނެވޭ އަޑު އިވޭކޮންމެ ފަހަރަކު، މި ދިވެހި މުޖުތަމަޢު އިއްޔެ އޮތްގޮތާއި މިއަދު އޮތް ގޮތުގެ މައްޗަށް ފިކުރުތައް އުދުހިގެންދެއެވެ. ދިވެހި ބިމަށް އުފަން ދިވެހިވަންތަކަމަށްލޯބިކުރާ ދިވެއްސެއްގެ ހައިސިއްޔަތުންނެވެ. ހަމަ ލޮލަށް ފެނުނު އުމުރުގެ ޅަދުވަހާއި، އޭގެ ކުރީގެ ދިވެހި ތާރީޚުގެ ފަތްފުށްތައް ހަނދާނަށް އަންނަނީއެވެ.
އަޅުގަނޑު ކުޑައިރު ރުއްރުކުންވެއްޓޭ ކާށީގެ ވަށައިގެން ފައިގެ ބޮޑުވައި އިނގިލިން ރޮނގެއް އަޅާލީމާ، ހަފުތާއެއް ވަންދެން އެކާށި އޮވެއެވެ. ވަގަށް ގެންދާނެ މީހަކު ނުވެއެވެ.  އެކާށީގެ ވަށައިގެން އެޅި ރޮނގު، މިއަދުގެ [ސްޓާރ ފޯސް] އަށްވުރެ ވަރުގަދައެވެ.  މިރުސްގަސްތަކާއި، ކަރާވެޔޮތަކުގައި އިންޖީނު ޕަންޕުތަކާއި، އަތުކުރީ ގަޑިޔާއި، ރޭޑިޔޯ ފަދަ އެއްޗެހި ބަހައްޓާފައި  މީހުން ގެޔަށް އާދެއެވެ. އަނެއް ދުވަހު ދާއިރުވެސް ހަމަ އެބެހެއްޓި ތަނެއްގައި ބެހެއްޓި ގޮތަކަށް، ހުރެއެވެ. ރަށުވެރިންނާއި އަތޮޅުވެރިންނާއި، މަދަރުސާގައި ކިޔަވައި ދެއްވާ މުދައްރިސުން މަގެއްގެ މަތިން ފެނިއްޖެ ނަމަ އެއްފަރާތަށް އަރަނީ، ޓްރެފިކް ޕޮލިސްގެ ނަންވެސް ނުދަންނަ ހާލުގައެވެ.   މަގުމެދުގައި ކުނިކަހަން އޮންނަ އަންހެން މީހާ،  ފުޅަށް ކައިރިޔަށް އެއްފަރާތަށްޖެހި ހުއްޓިލައިގެން ހުންނަނީ، އޭނާގެ މިނިވަންކަމަށް ބަޔަކު ހުރަސް އެޅިކަމުގެ އިޙްސާސްވެގެން ތުންފިއްތާފައެއް ނޫނެވެ. އެކަމަކު، އަނެކުންނަށް ކަމޭހިތުމުގެ އުފާވެރިކަން ހިތަށް ލިބެމުންދާތީއެވެ. އިޖުތިމާއީ އެ އަދަބު ދެމެހެއްޓުމަށްޓަކައެވެ. އޭނާގެ އަތުގައި އޮތް ފީ އިލޮށި ފަތި ފިޔަވައި، އޭލެވެލް ފާހެއް، ޑިގްރީފާހެއް ނެތަސް، ރީތި އާދަކާދައެއް މުގުރާލުމުގެ ހުތުރުކަން އޭނާޔަށް ވިސްނެނީތާއެވެ.
ސުވާލަކީ، ދާދި އިހަށް ދުވަހާ ޖެހެންދެން ދިވެހި ގައުމު ދެކެމުން އައި،  މުޖުތަމަޢުގެ ހިމޭންކަމާއި އެއްބަނޑު އެއްބަފައިކަމުގެ ހަގީގީ ސިއްރަކީ ކޮބައިބާއެވެ؟  ރަށެއްގެ އަތިރި މަތީގައި ބޮނބިތަޅަން އިންފާތުމަޔަށް، މަސް އޮޑިއެއްގެ ބަނޑުފިލާ ފެހިކަހަން، އިށީނދެ އިން އާދަނަށް، ކިޔެވިފައިވަނީ ކޮންއެއްޗެއްތޯއެވެ؟  އެއިން ކޮންމެ މީހަކު، މަސައްކަތުގައި އެހާ މުރާލިވެފައި އުޅުންތެރިކަމުގައި ނަމޫނާ ދިވެއްސަކަށްވީ، ލައިފް ސްކިލްސްގެ ކިތައް ކޯސް ކިތައް ގައުމުން ފުރިހަމަ ކޮށްގެންތޯއެވެ؟

މި ހުރިހާ ސުވާލެއްގެ  ޖަވާބު މި މަޒުމޫނުގެ މައުޟޫޢުގައި އެވަނީ ކަމަށް ދެކެމެވެ.  އާދެ! އެއީ އެމީހުންގެ ހިތްތަކުގެ ތެރޭގައިވާ ރޫޙާނީ ބާރެވެ. އަނެކުންނާމެދުގައި ހިތްސާފުކަމެވެ.
 އާއިލީ ފެންވަރުގައިވެސް، ރަށުފެންވަރުގައިވެސް، އަތޮޅާއި ގައުމީ ފެންވަރުގައިވެސް  ރިވެތި އަޚްލާޤުގެ އަގު ބޮޑީއެވެ. އަޚުލާޤުގެ ޒިންމާ އެންމެން އުފުލީއެވެ. ހުތުރު އުޅުންތަކަށް ތަރުހީބު ދޭނެ ހަމަ އެކަކުވެސް ނެތީއެވެ. އިސްލާމީ ތަޢުލީމުގައި ހިމެނޭ ޢަރަބި ބަހުގެ ބައެއް ޢިބާރާތް، ފަރިތަކޮށް، ހިތުދަސްވެފައި ނެތަސް، ޢަމަލީ ގޮތުން،  އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އެމީހުން ހޭނިފައިވަނީއެވެ. އެހެންކަމުން އޭރުގެ މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަން ބެލެހެއްޓީ، ކޮންމެ ފަރުދެއްގެ ޟަމީރުގައި ޤުދުރަތުން ލައްވާފައިވާ،  ހެޔޮ ކަންތައްތަކަށް މަގުދައްކައިދޭ ބާރުތަކެވެ. އެ އިޙްސާސްތަކަކީ، އެމީހުންގެ ހިތްތަކުގައިވާ ރޫޙާނީ ފުލުހުންނެވެ. ނުވަތަ ހަރުދަނާ މާނަވީ ސިފަތަކެވެ.  ހިތްތިރިކަމާއި ކެތްތެރިކަމެވެ. އިޚްލާޞްތެރިކަމާއި އިޙްސާންތެރިކަމެވެ. ކިޔަމަންތެރިކަމާއި ވިސްނުންތެރިކަމެވެ. ހެޔޮބަސް އެހުމާއި ހެޔޮބަސް ގަބޫލު ކުރުމެވެ.  އެންމެންގެ މިނިވަންކަމަށް ހުރިހާ މާނައެއްގައި ހުރިހާ ހާލަތެއްގައި ލޯބިކުރުމެވެ. ގައުމުވަންތަކަމަށް ފަޚުރުވެރިވުމެވެ. ކަންމިހެން އޮތްއިރު، ހިތްތަކުގެ މައްޗަށް ބާރުފޯރުވުމަށް މިފަދަ ރޫޙާނީ ފުލުހުންގެ ލަޝްކަރެއްގެ ބޭނުން ނަފުސުގެ ތެރޭގައި ހިފިއްޖެނަމަ އަޅެ މާ ބޮޑަށްވެސް ''ބެސްޓް'' ނުވާނެތޯއެވެ؟  

ހަމަމިގަލަމުން

އިދާރާ

ވާހަކަ