އަދުގެ ޚާއްސަ

Print

ދިޔޯގެ ރައިވަރަށް އަދަބީ ނަޒަރަކުން ފާޑުކިޔުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކުރުކުރުކޮށް...

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިޔޯގެ ރައިވަރަކީ ހަމައެކަނި އުފެއްދުންތެރި ލިޔުމެއް ނޫނެވެ. ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ރައިވަރުތަކެއްވެސް ނޫނެވެ. އެއީ ދިވެހިބަހުގެ ގަވާއިދުގެ އިބްތިދާއީ މަޞްދަރެކެވެ. އައިބައިފިލީގެ ހަމަތަކާއި ސުކުންކުރުމުގެ އުޞޫލުތައް ރީތިކޮށް ހާމަކޮށްދޭ ވަރަށް އަގުހުރި އަދަބީ ތަރިކައެކެވެ. މި ސަބަބަށްޓަކައި އަވަސްކަޅިއަކުން ނަމަވެސް މި ރައިވަރުތަކުން ބައެއް ރައިވަރުގެ މައަޗަށް ނަމަވެސް ކަޅިއެއް ހިންގައިލުމަކީވެސް އަދަބީ ޚިދުމަތެއްކަމުގައިވާނެކަން ކަށަވަރެވެ. އެހެންކަމުން އަވަސް ކަޅިއަކުން ދިރޯގެ ރައިވަރުތަކުން ބަޔެއް ރައިވަރުގެ މައްޗަށް އަދަބީ ގޮތުން ފާޑުކިޔައިލާހިތްވެއްޖެއެވެ.

އަދަބީ ގޮތުން ރައިވަރަށް ފާޑުކިޔުމަކީ ޢާއްމު ގޮތެއްގައި ގިނަ ބަޔަކަށް ހަމަ ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ ރައިވަރުގެ އުޞޫލުތަކާ މިއަދުގެ މުޖްތަމަޢު ބީރައްޓެހިވެފައި ރައިވަރުގެ ބަސްކޮށާރަކީވެސް މިޒަމާނާ ބީރަށްޓެހި ބަސްކޮށާރަކަށް ވާތީއެވެ. އެހެންނަމަވެސް އަދަބީ މަސައްކަތްކުރާ ބަޔަކަށް މިކަންކުރަންޖެހެއެވެ. މި ސަބަބަށްޓަކައި ވަރަށް އިންސާފުވެރިކަމާއެކު އަދަބީ ގޮތެއްގައި ފާޑުކިޔަން އަޅުގަނޑު ހޮވީ "ދިޔޯގެ ރައިވަރު" 10 ރައިވަރެވެ. އެއީ 14 ވަނަ ރައިވަރުން ފެށިގެން ތަރުތީބުން 24 ވަނަ ރައިވަރުގެ ނިޔަލަށެވެ. މި ރައިވަރުތައް އަޅުގަނޑު ނަކަލުކޮށްފައި މިވަނީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ(1992) ލިޔުއްވައިފައިވާ "ކަންޒުލް އަދަބު" މި ފޮތުންނެވެ. މި ރައިވަރުތަކަށް ފާޑު ކިޔުމަށްޓަކައި އެންމެ ފުރަތަމަ އަޅުގަނޑު މި ބަލައިލަނީ ރައިވަރު ތަކުގެ ބޭރުފުށުގެ މާނައަށެވެ.

ރައިވަރާއި ރައިވަރުގެ މާނަ:

(14) ރެއް އަޔޭ މާ ފަހުން ޚަބަ،        މެއް އިވޭ އަލަ ދިޔޯ މަށް ނަ،    ވެއް މޮށުނާ ވެ ބަނުމަށް ނަ

މާނަ: އަލަމަށް (މުޅި ދުނިޔެއަށް) ނަމެއް އިވޭ (މަޝްހޫރު) ދިޔޯ ނަވެއް ބަނުމަށް މޮށުނު ކަމުގެ (ވާހަކަދެއްކި ކަމުގެ) ޚަބަރެއް މާފަހުން ލިބުނެވެ.

(15) ބޭނުމުގެ ރަކު ދާން ދަތު،        ތޫ ކުރަވައިން ނަވާގެ އައު،        ދޭ ޚަބަރު ދިޔޯގެ އައު

މާނަ: ބޭނުމުގެ ދަތުރަކު ދިޔޯ ވަޑައިގަންނަވާން ވެގެން އިންނަވާގެކޮޅު އައުކުރައްވާ ކަމުގެ ޚަބަރު އައުދެތޭ (ޚަބަރު ލިބެއެވެ.)


(16) ޅެއް ދަވެ ބުނެތެ ދިޔޯ މައި،        ނެއްތަ ބަލިގައި ވިޔަސް ލައިނަ،    ވެއް ބައު ދޭން ބައިލައި ނަ

މާނަ: ބަލި ތަނެއް ވާނަމަ ނަގައި (އައުކޮށްގެން ވިޔަސް) ބައު ނަވެއް ބައިލައިދޭން، ދަޅެއް ހުރި މައި ދިޔޯ ވިދާޅުވެއެވެ.



(17) ދައި ހަގެން ނައު ގަނޑެއް ބައު،    ށައި މައްޔާ ޕުރަތެ އިން ބަ،    ލައި ފޮނުވާން ވަޑިއިން ބަ

ވަޑިން ބަލައި ފޮނުވުމަށްޓަކައި މައްޔާ ވަށައި ބައިންފުރައި ހަދައިގެން (ގަދަކޮށްގެން) ބައު ނައުގަނޑެއް (ބޭލިއެވެ.)



(18) ބިޔަގަޑެއް ލައްވާން ބޮޑު،        ހިޔަލު އި ދިޔޯ މި މޮޅު ނާވެ،    ދިޔަނަވަކު ފުރާނާވެ

ފުރާނާވެ (ބާވެ ހަލާކުވެގެން) ދިޔަ ނަވަކު ބޮޑު ގަނޑެއް ލެއްވުމަށްޓަކައި މި ދިޔޯ ހިޔަލުގައި އިންނެވި އެވެ.



(19) ފާތި ނަވު ކޮށްފުމަށް ކަލު،        ވާށަ ބަރު ވަޑިތަކުން ލައި ފު،    ރާރު ފޫ ތަޅައިލައި ފު

ވަޑިން ބަލައި ފޮނުވުމަށްޓަކައި ނަވު ކަލުފާތި ކުރުވުމަށް (ކޮޅައި މަދަން އެޅުވުމަށް) ފުރާރު ތަޅައިލިއެވެ. (އަމުރު ހިންގިއެވެ.)



(20) ތަށް ވިލާ ފުރުވާން ނައު،        މަށް ގަލަ ދިޔޯ ބަހަށް އާދަ،    ޅަށް ކަލުފާތި ކުލައާ ދަ

ވިލާތަށް ނައުފުރުވާން (ފުރުވުމަށްޓަކައި) މުޅި ދުނިޔެއަށް ބަސް ގަދަކަމަށް މަޝްހޫރު ދިޔޯ ދަޅަށް ކަލުފާތި ކުރިއެވެ. (އަމުރުކުރެއްވިއެވެ.)



(21) ޅައި ކޮ ބައި ލައި ދިނޫ ނައު،    އައި އައިން އެރަ ތިބޭނު ކަތު،    ލައިގެން ރާން ދެ ފުށު ކަތު

ނައު ކޮޅައި ދެފުށު ކަތުރާން (ގަހެއްގެ ކިރެއް) އެރަށު ކަތޫ (މީހުން) އައިސް ނަު ބާލައި ދީފިއެވެ.



(22) ލާތަށަވި ފުރުވާށަ ނައު،        ފާގަތިވެ ހެނދު ލިޔާނާއި،        ކާ ތަކެތި ދަރު ފެނާއި

ނައު ވިލާތަށް ހެނދުނު ހެނދުނާ ފުރުވައިލުމަށްޓަކައި އެ ނަވަށް ދަރާއި ބޯފެނާއި ކާބޯތަކެތި ލެއްވިއެވެ.



(23) ރާނީން ލޫ ނަވަށަ މިކަ،        ދާ ނިއަމި ސަބު ނާއި އިން ކަ،    ލާސީނާއި ނެވިއިން ކަ

މި ނަވަށް ކަރާނީން (ލިޔާ މީހުން)ނާއި  ކަސަބުން (ބަނޑޭރީން)ނާއި ކަލާސީން(އާދައިގެ ފަޅުވެރިން ލެއްވި އެވެ.



(24) ޚޯބުކޮށް ރަށަ ހެދޫ ދަތު،        ރޯޑު ހަކު ރަން ނަވަށް ލައި ދި،    ޔޯ ދުރުވާށަ ހިތުލައި ދި

(އަދި) މި ދަތުރުގައި ދިޔޯ ވަޑައިގަންނަވާން ހިތްޕުޅުގައި ލައްވައި، ނަވަށް ދިހަކުރޯޑު ރަން ވެސް ލެއްވިއެވެ.



މި 10 ރައިވަރުގެ ޚުލާޞާ މާނަ އަޅުގަނޑަށް ކުރެވޭ ގޮތް:


ރައިވަރުތަކަކުން ސިލްސިލާކޮށް ލިޔުއްވައިފައިވާ ވާހަކައެކެވެ. އެހެންކަމުން މި ރައިވަރުތަކުގެ މާނަ ފުރިހަމަ ވާނީ ހުރިހައި ރައިވަރަކުންނެވެ. 318 ރައިވަރު މުޅީން ކިޔައި މާނަކޮށްގެން ނޫނީ މި ރައިވަރުތަކުގެ ޙަޤީޤީ މާނައެއް ނުފިލާނެއެވެ. އެހެން ނަމަވެސް މަތީގައި ނަކަލުކޮށްލި 10 ރައިވަރުން ދޭހަވާ ޖުމުލަ މާނަ ލިޔެލާނަމެވެ.

ނަވެއް ބަނުމުގެ ޚިޔާލު ދިޔޯ ގެންގުޅުއްވި ޚަބަރު ލިބުނެވެ. އަދި ދިޔޯ ރަށުން ބޭރަށް ވަޑައިގަންނަވާންވެގެން، އިންނަވާ ގެކޮޅު އައުކުރެއްވި ވާހަކަވެސް އިވުނެވެ. ބަލި ތަނެއް ވާނަމަ ނަގައި (އައުކޮށްގެން ވިޔަސް) ބައު ނަވެއް ބައިލައިދޭން، ދަޅެއް ހުރި މައި ދިޔޯ ވިދާޅުވެއެވެ. ދެން ބައު ނަވެއް ހަދައިގެން މައްޔާ ވަރުގަދަކުރުމަށްޓަކައި ބައިން ފުރައިގެން، ނައު ކޮޅައި މަދަން އަޅައގެން މި ނައު ބޭލިއެވެ. އެއީ އައު ނަވެއް ބަންނާން ވަޑިން ބަލައި ވިލާތަށް ދާށެވެ.    މ ގޮތަށް ގަސްތުކުރައްވައި ނަވަށް ބޭނުންވާނޭ ކޮއްތު، ދަރާއި ބޯފެން ނަވަށް އެރުވިއެވެ. ދިޔޯ ވަޑައިގަންނަވާން ގަސްތުކުރައްވާތީ ހަކުރޯޑު (ރާތަލުގެ ބަރުދަން ހުރި) ރަންވެސް ނަވަށް އެރުވިއެވެ.    

ބޭރުފުށުގެ މާނަ:

މި ރައިވަރުތަކުގެ މާނައަށް ބަލާއިރު މިއީ ޚިޔާލީ ވާހަކައެއްކަން އެބަ ދޭހަވެއެވެ. މި 10 ރައިވަރުން ހާމަވާނީ ވާހަކައިގެ ކުޑަކުޑަ ތަންކޮޅެކެވެ. މި ބައިގެ ޚުލާޞާ މާނައެއް އިސްވެ ބަޔާންކޮށްފައި އެ ވަނީއެވެ. އެހެންވީމާ ތަކުރާރުކުރުމަށްޓަކައި، ބޭރުފުށުގެ އިތުރު މާނައެއް އަޅުގަނޑު ގެންނާކަށް ގަސްތެއް ނުކުރަމެވެ. ދިގުވާތީ މިހާ ހިސާބުން މިބައި މިޖެހެނީ ކުރުކޮށްލާށެވެ.
 
(ހ) ވަޒަން:

މިއީ ބަޑޭރި ޙަސަން މަނިކުފާނުގެ އަރިހުން ނަޤުލުވަމުން މި ހިސާބަށް އައި ރިވާޔަތަކަށް ވާތީ ބައެއް ކުދިކުދި ތަފާތު ހުރެދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑަށް ފެނުނީ  މިރައިވަރުތައް ނަކަލުކުރެއްވުމުގައި އެކި އަދީބުން ދެއްވައިފައިވާ ސަމާލުކަމެވެ.

        އަޅުގަނޑަށް މި ހޮވައިލެވުނު 10 ރައިވަރުގައި މިހިރީ މުޅިން 3 ބަސް ރައިވަރެވެ. ބޮޑުފެންވަޅުގޭ ސީދީ (1989) ބަޔާންކުރައްވާ ގޮތުގައި 3 ބަސް ރައިވަރެއްގައި ޢާއްމު ގޮތެއްގައި އޮންނާނީ 36 ފިއްޔެވެ. ފެށޭ ބަހުގައި 12 ފިއްޔެވެ. 2 ވަނަ ބަހުގައި 13 ފިއްޔެވެ. ނމޭ ބަހުގައި 11 ފިއްޔެވެ. "މިއީ ޢާއްމު އުޞޫލުގައި ރައިވަރުގެ ވަޒަން ހުރި ގޮތް" ކަމަށް ވިޔަސް "އެ މީހުން ރައިވަރު ހެދުމުގައި ބައެއް ފަހަރަށް ކިޔާ ރާގަށް މާ ބޮޑަށް ކޮރުކަމެއް ނުފެންނަ ގޮތުން އެއް ފިލި ނުވަތަ ދެ ޙަރަކަތު، އެކި ޟަރޫރަތަށްޓަކައި" ބައެއް ރައިވަރައި ތަފާތު ކޮށްފަި ހުންނަ ކަމަށް ބޮޑުފެންވަޅުގޭ ސީދީ ވިދާޅުވެއެވެ. މި ގޮތުން ބަލާއިރު އަޅުގަނޑު މި މާނަކުރި 10 ރައިވަރަކީ ވަޒަނަށް ފެތޭ 10 ބައިތުކަމުގައި ދަންނަވަން ޖެހެއެވެ.

(ށ) ކާފިޔާ:

        ރައިވަރުގައި ކާފިޔާއަކީ ބަސްތަކުގެ ނިމުމެވެ. ނުވަތަ ޖުމުލަތަކުގެ ނިމުންތަކެވެ. ނިމޭ އަކުރާއި ފިއްޔެވެ. 3 ބަސް ރައިވަރުގައި ނަމަ ގަތް ބަހާއި ފަހުބަސް އެއްގޮތް ކުރީމާ އެ ނިމުނީއެވެ. އަދި އެއް ފިއްޔަކަށް ވިޔަސް ހަމަ އެންމެ ރަނގަޅެވެ. އެހެންވީމާ މި ރައިވަރުގެ ކާފިޔާ ހަމަވެފައިވާ ގޮތް ވަރަށް ރަނގަޅު ކަމުގައި ދަންނަވައިލާހިތްވެއެވެ.


(ނ) ބަނޑުވައް އަކުރު:

        ބަނޑުވަށް އަކުރ ގެންނަވައިފައި ވާލެއް ފުރިހަމަ ކަމަށްޓަކައި ތަޢުރީފު ޙައްޤެވެ. އަދި އެ ލަފުޒުތައް ގެންނަވައިފައި ވަނީ ހަމަ އެކަނި ލަފުޒުގެ މިޔުޒިކަށް ބައްލަވައިގެނެއް ނޫނެވެ. މާނައަށްވެސް ރިޢާޔަތް ކުރައްވައިގެންނެވެ. މިސާލަކަށް "ތުރުއި، ބުރުސާރި، ކުރު ދިޔޯ" މިފަދަ ގޮތަކަށެވެ.

(ރ) އާދަޔާ ޚިލާފު ކަމެއް

        މި ރައިވަރުގެ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ މި ރައިވަރަކީ ވާހަކައެއް ނަމަވެސް، މި ރައިވަރުން ދިވެހި ބަހުގެ ރީތި ހަމަތައް ދައްކަވައިދެއްވައިފައި ވާލެއް ފުރިހަމަ ކަމެވެ. ސުކުންކުރުމުގެ އުޞޫލުތައް ވަރަށް މޮޅަށް ހިފަހައްޓައިފައި އެބަހުއްޓެވެ. އައިބައިފިލީގެ ހަމަތައް އެބަ އެނގެއެވެ. އެހެންވީމާ ދިޔޯގެ ރައިވަރަކީ ދިވެހި ބަހުގެ އެންމެ އަގު ބޮޑު އަދަބީ ތަރިކަ ކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ.


އެތެރެފުށުގެ މާނަ:


(ހ) ޚިޔާލާއި ޝުޢޫރު

        ޚިޔާލާއި ޝުޢޫރަށް ބަލާއިރު މިއީ އުފެއްދުންތެރި ލިޔުމެކެވެ. ނެތް ކަމެއް ނުވަތަ ނުވާކަމެއް ވީ ކަމަކަށް ހައްދަވައިގެން އާ މީހުން އުފައްދަވައިގެން މިހާ ފުރިހަމަޔަށް ޅެންބަހުން ލިޔުއްވައިފައި ވާކަމީ ބަނޑޭރި ޙަސަން މަނިކުފާނުގެ ޚިޔާލުފުޅުގެ މުއްސަނދިކަމެވެ. އެތެރެފުށުގެ މާނަ ފުންކަމުން މިއީ ހަމަ އެކަނި ސިޔާސީ ވާޙަކަތަކެވޭ ދަންނަވައިލައިފައި ފުއްދައިލުން ނޫން އިތުރު ހެތްކެއް ފެންނާކަށް ނެތެވެ. ނަމަވެސް މި ރައިވަރުގެ އެންމެ މުހިއްމު މަޤްޞަދަކީ ދިވެހ ބަހުގެ ގަވާއިދާއި ހަމަތައް މީހުންނަށް ދަސްކޮށްދެއްވުންކަން ވަރަށް ރީތިކޮށް ހާމަވެއެވެ.


(ށ) ލަފުޒުތައް

މި ރައިވަރުތަކުގައި ޢާއްމު ގޮތެއްގައ ހުރީ ކުރީގެ ލަފުޒުތަކެކެވެ. މިސާލަކަށް "މުސިންބީ" (މޮޒަންބީކް)، "ކަސަބު" (ބޯޓުފަހަރުގެ ބަނޑޭރީން) "ކަރާނީން" (ކާތިބުން)، ކަލާސީން" (ފަޅުވެރިން) މިފަދަ މުއްސަނދި ކިތަންމެ ލަފުޒުތަކެކެވެ. މި ރައިވަރު ހެއްދެވި ޒަމާނުގެ ނުފޫޒުގެ ސަބަބުންނާއި ޅެންވެރިޔާގެ ޢިލްމީ ޤާބިލިއްޔަތުގެ އަސަރު މި ރައިވަރުތަކުގައި ފިސާރި ރީތިކޮށް ފެންނާން އެބަ ހުއްޓެވެ.


(ނ) ޢިބާރާތްތައް

މި ރައިވަރުތަކުގެ ޢިބާރާތްތަކާ މެދު އެއްޗެއް ދަންނަވަން ފަސޭހަ ނޫނީ ޒަމާނުގެ ތަފާތު ބޮޑުކަމުންނެވެ. މފަދަ ރައިވަރުތައް މާނަކުރުމުގައި ދަރިވަރުންނާއި މުދައްރިސުންވެސް އުފުއްލާ ބުރަ ފެނިފައިވާތީ އެވެ. މިކަން މި މަގަށް ހުއްޓަސް ރައިވަރު ހެދި ޒަމާނާއި އޭރުގެ ބަސްކޮށާރަށް ބަލާއިރު، މި ރައިވަރުތަކަކީ ވަރަށް ސާދާ، އަދި ދޭހަކޮށްގަންނާން ފަސޭހަ ރައިވަރުތަކެއް ކަމުގައި ދަންނަވަން ޖެހެއެވެ.


ރީތިކަމުގެ ފާޑުކިޔުން:

މި ރައިވަރުތަކަކީ ވަރަށް ރީތި ފުރިހަމަ ރައިވަރުތަކެކެވެ. ކާފިޔާތަކާއި ވަޒަންތައް ފުރިހަމައެވެ. އަދި ބަނޑުވައް އަކުރު އެއްގޮތްކުރައްވައިފައިވަނީ ގެންނަވައިފައިވާ، ވަރަށް ބޮޑަށް ގުޅުން ހުރި ލަފުޒުތަކަކުންނެވެ. ހަމައެކަނި ރާގުގެ ބައްޓަމަށް ބައްލަވައިގެނެއް ނޫނެވެ. ރާގުގެ ބައްޓަމާ އެއް ވަރަށް ނުވަތަ އެޔަށްވުރެ ބޮޑަށް މާނައިގެ ބައްޓަމަށް ވިސްނައިވަޑައިގެން މިހާ ފުރިހަމަޔަށް ބަނޑުވައް އަކުރު އެއް ގޮތްކުރައްވައިފައިވާކަމީ މި ރައިވަރު ރީތިކަމަށް ދަންނަވަންޖެހޭ ސަބަބެކެވެ.


ނަފުސާނީ ފާޑުކިޔުން:


ބަނޑޭރި ޙަސަން މަނިކުފާނު ދުނިޠޭގައ އުޅުއްވީ ހިޖުރައިން 1158 ން 1222 އާ ދޭތެރޭގައެވެ. ހަސަން މަނިކުފާނު އުފަންވެވަޑައިގަތް ކަމަށް ބެލެވެނީ ސ. ހިތަދޫއަށެވެ. އޭނާގެ ބައްޕާފުޅަކީ  ލ. އިސްދޫ އިބްރާހީމް ޝާހުބަންދަރު ގެ ފުތް އައްސުލްޠާން ޢަލީ 7 ގެ ދަރިކަލުން  އައްސުލްޠާން ޙަސަން 10 ގެ ދަރިކަލުން ހިތަދޫ ޢަލިމަނިކުފާނެވެ. މަންމާފުޅަކީ ޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގަތް ހިތަދޫ ބޮޑުގޭ ޢަލިތަކުރުފާނުގެ ފާޠިމާ މަނިކެއެވެ. ("އަމާޒު" 107، 1980)

ޙަސަން މަނކުފާނަކީ ދުރު ވިސްނިވަޑައިގަންނަވާ އަދި އެހެން މީހުންނަށް ނުފޫޒު ފޯރުވުމުގެ ޤަބިލުކަން ލިބިވަޑައިގެންފައިވާ ވަރުގަދަ ޝަޚުޞިއްޔަތެކެވެ.
ދިޔޯގެ ރައިވަރު ވުޖޫދަށް އައިކަމަށް ބުނެވެނީ އަރިއަތޮޅު އަރުމާދު ފުރިހަމަ ކަމުން ރަދުން ހިތްޕުޅާ ހަމަކުރައްވައި ވީކަމެއް މޮޅަށް ރައިވަރުން ބަޔާންކުރަން ހަސަން ބޭބެއަށް މާ ފަސޭހައޭ ވިދާޅުވީމާ، ނުވާކަމެއްގެ މައްޗަށްރައިވަރު ހަދާން އަދި މާ ފަސޭހަވާނޭ ދަންނަވައި މި ގޮތުގެ މަތީން ވާހަކަދެކެވި ދެވުނު ކުރު މުއްދަތެއްގެ ތެރޭގައެވެ. އެހެންވީމާ މިއީ ހަސަން މަނިކުފާނުގެ ޒާތީ ޝަޚުޞިއްޔަތުގެ ތެރެއިން ހަރުދަނާކަމާއި އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރާއި ޤާބިލުކަން ދޭހަވާ ކަމެކެވެ. މިކަން މި ރައިވަރުތަކުން ވަރަށް ރީތިކޮށް ފެންނާން އެބަހުއްޓެވެ.


އަސަރު ޤަބޫލުކުރުމުގެ ފާޑުކިޔުން:

މިއީ ޅެންވެރިޔާގެ ހިތުގައި އަމިއްލަ ޚިޔާލަށް އުފެއްދި އަދަބީ އުފެއްދުމެއްކަމަށް ޤަބޫލުކުރެވެއެވެ. މި ރައިވަރުތަކުން ކުރީ ޒަމާނުގެ އާދަކާދަތަކާއި ދިރިއުޅުމުގެ ގޮތަކާއި ރަސްކަމުގެ ޢިއްޒަތް އޮންނަ ގޮތާއި ނާފަހަރުގެ އެކި އެކި ބައިތަކަށާއި ތަކެއްޗަށް ކިޔާ ނަންނަން އެނގެއެވެ. އަދި އެ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންގެ ވަޒީފާތަކުގެ ނަންތައްވެސް އެނގެއެވެ. އަދި ދިވެހި ބަހުގެ ކުރީގެ ސަގާފަތާއި ހަމަތަކާއި، އަިބައފިއްޔާއި ސުކުންކުރުމުގެ ރީތި ހަރުދަނާ ހަމަތައްވެސް މި ރައިވަރުތަކުން އެނގެއެވެ. މިކަމުގެ ސަބަބުން ދިވެހިބަހަށް ލޯބިކުރާ މީހުންގެ ހިތްތަކަށް މިކަމުން ކުރަނީ ވަރަށް ފުން އަސަރެކެވެ. ލޯތްބާއި ތަޢުރީފާއި ޝުކުރުގެ ޝުޢޫރުތަކާ އެކީގައެވެ.

އުސްލޫބީ ފާޑުކިޔުން:

ރައިވަރުގެ ވައްޓަފާޅިއާއި ފާޑުވެރިކަމަށް ބަލާއިރު އެ ޒަމާނާ ގުޅޭ ބަސްކޮށާރެއް ބޭނުންކުރައްވައިފައިވެއެވެ. އަދި އައިބައިފިލި ބޭނުންކުރަންޖެހޭ ތަންތާގައި އާބާފިލި ބޭނުންކުރާނެ ހަމަތައް ފިސާރި ރީތިކޮށް ދައްކަވައިފައިވެއެވެ.
އުސްލޫބުގެ އެހެން ބައިތަކާ ބެހޭ ގޮތުން ކުރީ ބައިގައި ބަޔާންކޮށްފައި އެވަނީއެވެ.


ގަވާއިދު:
ގަވާއިދުގެ ގޮތުން ބަލާއިރު ބަހުގެ ހަމަތަކާއި އުޞޫލުތަކަށް ފެތެއެވެ. ވަޒަން ބަހުރުވައިގައި ވާ ގޮތުން ބައެއް ކަހަލަ އަކުރު (މިސާލަކަށް "އާއި" ގެ ބަދަލުގައި "އާ" އަށް) ބަދަލުކޮށްގެން ބޭނުންކުރުން އެއީ ގަބޫލުކުރެވޭ ކަމެއްކަމަށް ވާތީ އެފަދަ ކަންކަން އެއީ އުޞޫލާ ޚިލާފު ކަމެއް ކަމަކަށް ނުދެކެމެވެ.

އެއްވެސް ޝައްކެއް ނެތެވެ. އަލްވަޒީރު ބަނޑޭރި ޙަސަން މަނިކުފާނުގެ މި އުފެއްދުމަކީ ގިނަ ޒަމާންތަކަކަށް ދެމިގެންދާނޭ މޮޅު އުފެއްދުމެއް ކަން ކަށަވަރެވެ. މިއަދުގެ ދިވެހިބަހުގެ ހަމަތާކާއި އުޞޫލުތަކުގެ ތެރެއިން ސުކުންކުރާނެ އުޞޫލުތަކާއި އައިބައިފިލީގެ ހަމަތައް ދައްކަވަމުން އެހާ ކުރިން މިފަދަ އުފެއްދުމެއް އޭނާ އުފައްދަވައިފައިވާ ކަމީ ޙަސަންމަނިކުފާނުގެ ކުޅަދާނަފުޅުކަން ކަމުގައި ދަންނަވަންޖެހެއެވެ. އެހެންކަމުން އިސްވެ ކުރެވުނު ތަޙުލީލުތަކުގެ އަލީގައި މި ރައިވަރަކީ އަދަބީ ގޮތުން އާދަޔާ ޚިލާފު މޮޅު އުފެއްދުމެއް ކަމަށް ދަންނަވަމުން ނިންމައިލަމެވެ.


ޙަވާލާ:

ބޮޑުފެންވަޅުގޭ ސީދީ. (1992). ކަންޒުލްއަދަބު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ބޮޑުފެންވަޅުގޭ ސީދީ. (1989). ދިވެހި ޅެންހެދުމުގެ މަސައްކަތްތެރިކަމުގެ ރަން ތަރާދު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ޢަބްދުﷲ ޞާދިޤު. (2007). ބަނޑޭރި ޙަސަން މަނިކުފާނުގެ ދިޔޯ ޅެން ބަހުރުވައިން އާދައިގެ ބަހުރުވައަށް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

މުޙައްމަދު އިބްރާހީމް ލުޠުފީ. (1980) ތާރީޚީ ނަޒަރަކުން ބަނޑޭރި ޙަސަން މަނިކުފާނު. އަމާޒު (107)، މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް


ހަމަމިގަލަމުން

އިދާރާ

ވާހަކަ