އަދުގެ ޚާއްސަ

Print

ތުރުކީ އިސްލާމީ ދުނިޔެއާ ދިމާޔަށް ކުރާ ދަތުރު(1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް



ޢަބްދުﷲ ފާރޫޤު ޙަސަން


އަތާތުރުކުގެ އިޢުލާން


މިޒަމާނުގެ ތުރުކީ ވިލާތުގެ ބާނީ މުޞްޠަފާކަމާލު ސެކިއުލަރ ތުރުކީއެއްގެ ތަޞައްވުރު ހުށަހެޅުއްވީ 13 މާޗް 1924 ގައެވެ. ތުރުކީގެ ރައްޔިތުންގެ މަޖްލީހަށް ބިލެއް ހުށަހަޅުއްވަމުން އޭނާ ވިދާޅުވިއެވެ.

"ޢުޘްމާނީ ރަސްކަން ބިނާވެފައިވަނީ އިސްލާމީ އުސޫލުތަކުގެ މަތީގައެވެ. އިސްލާމްދީނަކީ އެދީނުގެ އޮނިގަނޑާއި އެދީނުގެ ޚިޔާލުތަކަށް ބަލާއިރު ޢަރަބީންގެ އެއްޗެކެވެ. އެދީނުގެ އަހްލުވެރީން ދުނިޔެއަށް އައީއްސުރެ މަރުވުމާ ހަމަޔަށް އެބައިމީހުންގެ ޙަޔާތުގެ ހުރިހާ ކަމަކަށް ގޮތްކިޔަނީ އެ ދީނެވެ. އެދީނުގެ ޚާއްޞަ ތައްގަނޑަށް އެބައިމީހުން ފައްތައެވެ. އެބައިމީހުންގެ އުންމީދުތަކާއި އެބައިމީހުންގެ ބޭނުންތަކުގެ ކަރުގައި ހިފައެވެ. އެބައިމީހުންގެ ހިތްވަރާއި ކެރުމާއި، އެބައިމީހުންގެ ކުރިއެރުމުގެ ޝައުޤުވެރިކަން ހުއްޓުވައެވެ. ތުރުކީގައި އިސްލާމްދީން ދެމިއޮވެއްޖެނަމަ ތުރުކީ ސަލާމަތެއް ނުކުރެވޭނެއެވެ. އެހެންކަމުން އަހަރެން މިއަދުން ފެށިގެން ތުރުކީގައި އިސްލާމްދީނާއި އުޘްމާނީ ޚިލާފަތު ނިމުމަކަށް ގެނައުމުގެ އިޢުލާންކުރަމެވެ."

  
މުޞްޠަފާކަމާލު އަތާތުރުކު އިސްމާލީ ތުރުކީ، ސެކިއުލަރ ތުރުކީއަކަށް ހެއްދެވުމަށްފަހު ރައްޔިތުންގެ މަޖްލިސުން ބޭރަށް ނުކުމެވަޑައި ގަތުމާއެކު އޭނާގެ އެކުވެރިޔަކު އޭނާގެ އާ ފަތަޙައިގެ މުސްތަޤުބަލާމެދު ސުވާލުކުރުމުން އަތާތުރުކު ޖަވާބު ދެއްވިއެވެ.

   
"އަހަރެން ދުޝްމިނުންގެ މައްޗަށް ފަތަޙަ ހޯދައިފީމެވެ. ޤައުމުވެސް ފަތަޙަކޮށްފީމެވެ. ނަމަވެސް ޤައުމުގެ ރައްޔިތުންގެ މައްޗަށްވެސް ފަތަޙަހޯދޭނެ ބާވައެވެ. މިސުވާލުގެ ޖަވާބުދޭނީ އަންނާންއޮތް މުސްތަޤުބަލެވެ."

ސެކިއުލަރިޒަމްގެ ފަރުދާ ފަޅައިލުން


   
ތުރުކީގެ އިންޤިލާބަށްފަހު ވަރަށް ގިނަދުވަސްތަކެއް ވަންދެން މިސުވާލުއޮތީ ޖަވާބު ބޭނުންވެފައިވާ ސުވާލެއްގެ ގޮތުގައެވެ. ޔޫރަޕްގެ އަހުލުވެރީންނަން ހީވެފައިއޮތީ އަތާތުރުކު ޤައުމުގެ ރައްޔިތުންގެ މައްޗަށްވެސް ފަތަޙަ ހޯއްދަވައިފި ކަމުގައެވެ. ގާތްގަނޑަކަށް ހަތްދިހަ އަށް އަހަރު ވަންދެން ޤައުމުން ވެސް ފެންނަމުން އައިސްފައިވަނީ ފަތަޙަކުރެވިފައިވާކަމުގެ ނިޝާންތަކެވެ. ނަމަވެސް 3 ނޮވެމްބަރ 2003 ގައި ތުރުކީގެ ރައްޔިތުން އިސްލާމްދީނަށް ލޯބިކުރާ ސިޔާސީ ޖަމާޢަތެއްކަމުގައިވާ ޖަސްޓިސް އެންޑް ޑިވެލަޕްމެންޓް ޕާޓީއަށް، ޕާލަމަންޓުގެ 550 ގޮނޑީގެ ތެރެއިން 363 ގޮނޑި ކާމިޔާބުކޮށްދީގެން ދުނިޔެއަށް ސާބިތުކޮށްދީފައިވަނީ އަތާތުރުކަށް ދުޝްމިނުންގެ މައްޗަށް ފަތަޙަ ހޯއްދެވުނު ކަމުގައިވިޔަސް، ޤައުމު ފަތަޙަކުރެއްވިފައި އޮތްކަމުގައި ވިޔަސް ޤައުމުގެ ރައްޔިތުންގެ މައްޗަކަށް ފަތަޙައެއް ނުހޯއްދެވޭކަމެވެ. ހަތްދިހައަށް އަހަރު ފަހުން ޤައުމުވަނީ އަތާތުރުކުގެ "އިސްލާޙުތަކާއި" އޭނާގެ ސެކިއުލަރިޒަމުގެ ފަރުދާ ފަޅައިލައިފައެވެ.


އަތާތުރުކުގެ ފިޔަވަޅުތަކާއި އޭގެ ނުރައްކާތެރި ނަތީޖާ


މުޞްޠަފާކަމާލު އަތާތުރުކުވަނީ އިސްލާމްދީނާ ދެކޮޅަށް ވަރަށް ވަރުގަދަ ފަސްފިޔަވަޅެއް އަޅުއްވައިފައެވެ. އެންމެ ފުރަތަމަކަމަކީ ޢުޘްމާނީ ޚިލާފަތު އުވައިލެއްވުމެވެ. ތުރުކީގެ ޚަލީފަތުލްމުސްލިމީނަކީ އިސްލާމީ ވަޙްދަތުގެ ހަމައެކަނި ރަމްޒެވެ. އެހެންކަމުން އިސްލާމީ ޚިލާފަތު އުވުމަކީ އިސްލާމީ އުންމަތުގައި ހިމެނޭ ތަފާތު ދައުލަތްތަކުގެ ގިލަފަތި ކަނޑައިގެންގޮސް އެކި ޤައުމުތައް ވަކިވަކި ވުމެވެ. އިސްލާމީ އުންމަތް ކުދިކުދި މިނިވަން ދައުލަތްތަކަކަށް ބެހިގެން ދިޔުމެވެ. އިސްލާމީ އުންމަތުގެ އިޖްތިމާޢީބާރު ނެތިގެން ދިޔުމެވެ.

   
މުސްޠަފާކަމާލު ތުރުކީގައި އިސްލާމްދީން މަނާކުރެއްވިއެވެ. މިސްކިތްތައް ތަޅުލެއްވިއެވެ. ކީރިތި ޤުރުއާނާއި، ޙަދީޘާއި، ފިޤުހުގެ ފޮތްތައް ޗާޕުކޮށް ޝާއިޢުކުރުން މަނާކުރެއްވިއެވެ. ތުރުކީބަސް ޢަރަބި އަކުރުން ލިޔުން ހުއްޓަވައިލައްވައި ތުރުކީގައި ލެޓިން އަކުރު ޢާއްމުކުރެއްވިއެވެ. ޢަރަބިބަހުން ބަންގި ދިނުން ހުއްޓުވިއެވެ. ދީނީ ތައުލީމްދިނުން މަނާކުރެއްވިއެވެ. ދީނީ މަދަރުސާތައް ބަންދުކުރެއްވިއެވެ. ބުރުގާ އެޅުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމުގައި ކަނޑައެޅުއްވިއެވެ. ދެޖިންސު މައްސުނިކޮށްގެން ކިޔަވައިދިނުން ލާޒިމުކުރެއްވިއެވެ. ތުރުކީގެ ޤާނޫނު ބަދަލުކުރައްވައި ސުވިޒަލޭންޑު މަދަނީ ޤާނޫނާއި، އިޓަލީގެ ޖިނާއީ ޤާނޫނާއި، ޖަރުމަންވިލާތުގެ އިޤްތިޞާދީ ޤާނޫނުތަކާއި ވިޔަފާރިއާބެހޭ ޤާނޫނުތައް ތުރުކީގައި ހިންގަވައިލެއްވިއެވެ. މުޖުތަމަޢުގައި ފާޙިޝްކަމާއި އޮރިޔާންކަން އާއްމުކުރެއްވިއެވެ. މުޅި ޤައުމުގައި ސަރުކާރުގެ ޙިމާޔަތުގެ ދަށުގައި ރާބޯތަންތަނާއި ޖުވާކުޅޭތަންތަން ހުޅުއްވިއެވެ. ޢިޞްމަތްތެރިކަން ވިއްކުމަކީ ޤަވާއިދުން ލައިސަންސް ލިބިގެން ހިނގާ ވިޔަފާރިއަކަށް ހެއްދެވިއެވެ. ނަށާތަންތަން އުފެއްދެވިއެވެ. ރާބުއިމުގެ އިންތިޒާމު ހަމަނުޖެހޭގޮތަކަށް ޤައުމުގެ އެއްވެސް ހިސާބެއްގައި ހޮޓަލެއް ނުވަތަ ރެސްޓޯރެންޓެއް ހުޅުވުން މަނާކުރެއްވުމުގެ ޤާނޫނެއް ފާސްކުރެއްވިއެވެ.

   
މިދެންނެވި ލާދީނީ ފިޔަވަޅުތަކުގެ ސަބަބުން ހައިރާންވެ އަންތަރީސްވާ ފަދަ އޮރިޔާންކަމަކާއި ފާޙިޝްކަމެއް ތުރުކީގައި އާއްމުވި އެވެ. މުޞްޠަފާކަމާލު އޭނާ ތަޢާރުފް ކުރެއްވި ހުރިހާ ލާދީނީކަމެއްގެ ބެލެނިވެރީންކަމުގައި ހަމަޖެއްސެވީ ތުރުކީ ސިފައިންނެވެ. ޤައުމުގެ ހުރިހާ ދާއިރާތަކާއި ހުރިހާ އޮފީސްތަކެއް ސިފައިންގެ ބާރުގެ ދަށަށް ގެންދެވިއެވެ. މުސްޠަފާކަމާލު އަވަހާރަވުމަށްފަހުވެސް ސިފައިން އެތައް ފަހަރަކުވަނީ ތުރުކީގައި އެބައިމީހުން ނުރުހޭ ކަހަލަ ސަރުކާރެއް އުފެދިއްޖެނަމަ ޕާލަމެންޓް އުވައިލައި އެބައިމީހުން ނުޤަބޫލު ސިޔާސީ ބޭފުޅުން ގެއަށް ފޮނުވައިފައެވެ.

  
އަތާތުރުކުގެ "އިސްލާޙު" ތަކުގެ ނަތީޖާ ފެންނާން ފަށައިފައިވަނީ ވަރަށް އަވަހަށެވެ. ޢަރަބި އަކުރާއި ފާރިސީ އަކުރުން ލިޔެކިޔުން މަނާކުރެއްވުމާއެކު ތުރުކީން އެބައިމީހުންގެ ބިންގަލާ ގުޅުން ކެނޑިއްޖެއެވެ. އަތާތުރުކު ވެރިކަމަށް ވަޑައިގަތުމުގެ ކުރީން އިސްލާމީ އުންމަތުގެ ހުރިހާ ބޮޑެތި ލައިބްރަރީތަކެއް ހުރީ ތުރުކީގައެވެ. ޞޫފީންގެ ބޮޑެތިބޮޑެތި ސިލްސިލާތަކުގެ މޫތައް ދުވެފައިހުރީ ތުރުކީގައެވެ. ދީނީ މަދަރުސާތަކާއި ޢިލްމުވެރީންގެ ހުރިހާ ބޮޑެތި މަރުކަޒުތަކެއްހުރީ ތުރުކީގައެވެ. ނަމަވެސް ލިޔެކިޔައި އުޅުނު އަކުރު ބަދަލުވުމާއެކު ހުރިހާ ލައިބްރަރީތަކަކީ ބާކަރުދާސް ވިއްކާ ފިހާރަތަކަކަށް ބަދަލުވިއެވެ.
 
   
ދީނީ މަދަރުސާތަކާއި ޞޫފީންގެ ޚާނުގާހުތަކުގައި އަޅުވައިފައިހުރި ތަޅުތަކުގައި ދަބަރުޖަހައި މަކުނުވާފުރިއެވެ. ނަތީޖާއަކަށްވީ އެޙާދިޘާގެ އެއްޖީލުގެ ފަހުގެ ތުރުކީންގެ ތެރޭގައި ކީރިތި ޤުރުއާން ކިޔަވަން އެނގޭމީހަކު ދާދި މަދުވުމެވެ. އާޖީލުތަކުގެ ޒުވާނުން ޢަރަބި އަލިފުބާއަށް ބީރައްޓެހިވުމެވެ. އިސްލާމީ ޤައުމުތަކުން ތުރުކީއަށް ޒިޔާރަތްކުރާ މުސްލިމު ފަތުރުވެރީންގެ ކިބައިން ޢަރަބިބަހުން ބަންގީގެ އަޑު އިއްވާލަދޭން އެދުމަކީ ތުރުކީ މުސްލިމުންގެ އާދަޔަކަށްވުމެވެ. ގޭގޭގައި ފޮރުވާފައިހުރި ޚަތިމުތަކުން ތަވީދުހަދައިގެން މީހުންގެ ކަރުގައި އަޅަން ފެށުމެވެ.

   
ސެކިއުލަރިޒަމާއި، މޮޑަނިޒަމާއި، ފަރުދީ މިނިވަންކަމުގެ ނަމުގައި ތުރުކީގައި ހިންގައިލެވުނު މިދެންނެވި ޙަރަކާތުގެ ނަތީޖާއަކީ ތުރުކީގެ ރާވިއްކާ ތަންތަނަކީ ދުނިޔޭގައި ހުރި އެބާވަތުގެ އެންމެ ބޮޑެތި ތަންތަން ކަމުގައިވުމެވެ. ޤުވައިނާފަދަ ރަށްރަށުގައި ހަށިވިއްކާ ބާޒާރުތައް ތިންހަތަރު މޭލަށް ފެތުރިގެން ދިޔުމެވެ. އިސްތަންބޯލުގައިހުރި ކަސްބީންގެ ބާޒާރުތަކަށް ނަންދީފައިހުރީ އިސްލާމްދީނަށް އެތައް ނަޞްރެއް ހޯއްދަވައިދެއްވި ޢުޘްމާނީ ޚަލީފާއިންގެ ލަޤަބުފުޅުތަކުންނެވެ. ހަށިވިއްކައި އުޅޭ ސުމާރެއްނެތްހައިގިނަ އަންހެންވެރީން އެބައިމީހުންގެ ޙަސަބާއި ނަސަބު ސުލްޠާނު ސަލީމާއި، ސުލްޠާނު މުޙައްމަދު ފަދަ ބޭފުޅުންނާ ގުޅުވަމުން ގެންދިޔައެވެ. އިނގިރޭސި ވިލާތާއި ޖަރުމަންވިލާތް ފިޔަވައި ރާގެ އެންމެގިނަ ފެކްޓްރީތައްހުރި ޤައުމަކީ ތުރުކީވިލާތް ކަމުގައިވިއެވެ.

   
އިސްލާމީ އިޖްތިމާއީ ނިޒާމު ތުރުކީ ވިލާތުން އުވިގެން ހިނގައްޖެއެވެ. ބުރުގާމަނާވެ އުނދުނަށް ލެވިއްޖެއެވެ. ބުރުގާ އަޅައިގެން ނުވަތަ ސްކާފް އަޅައިގެންހުރި މީހަކު ފެންނައިރަށް އެތަނަކަށް ފުލުހުން އެއްވެއެވެ. އަންހެން ކުއްޖަކަށް އޮޅިގެން ނަމަވެސް ބޯނިވައިކޮށްލެވިއްޖެނަމަ އެކުށުގެ އަދަބަކަށްވަނީ ކޮލެޖް ނުވަތަ ޔުނިވަރސިޓީން އެކުއްޖަކު ކަނޑައި ބޭރުކޮށްލުމެވެ. މިކަމުގައި ހައްދުފަހަނަޅައިފައިވާ މިންވަރު ދޭހަކޮށްދޭ އެއްޙާދިޘާއަކީ ޕާލަމެންޓަށް ހޮވިވަޑައިގެންފައިވާ އަންހެންބޭފުޅަކަށް ސްކާފްތުރުކުރައްވައިގެން ހުންނަވައި، ހުވާކުރެއްވުމުގެ ހުއްދަ ނުދިނުމެވެ. ސިފައިންގެ ނުވަތަ ސިވިލް ބިއުރޯކްރެސީގެ އޮފިސަރުންގެ ތެރެއިން، ބުރުގާ ނުވަތަ ސްކާފް ތުރުކުރައްވާ އަނބިކަނބަލަކު އިންނަވާ ބޭފުޅުންގެ ވަޒީފާ ނުރައްކަލަށް ހުށަހެޅުމެވެ. ސިފައިންގެ އެތައް އޮފިސަރުންނެއްވަނީ އެބޭފުޅުންގެ އަނބިއަނބިކަނބަލުން ސްކާފް ތުރުކުރެއްވުމުގެ ކުށުގައި ގަދަކަމުން ރިޓަޔަރ ކުރުވައިފައެވެ.

   
އިސްލާމްދީނަށް ރައްދުކުރެވޭ މިދެންނެވި "ނަފްރަތު" ގެ ހައްދު ފަހަނަޅައިފައި ވާވަރީ، އިސްތަންބޯލްގެ ވަރަށް ގިނަ ބާރތަކާއި، ޖުވާކުޅޭ ތަންތަނާއި، ނަށާތަންތަން އިމާރާތްކޮށްފައި ހުންނަނީ ބޭރުގެ މަލަ އިސްލާމީ އިމާރާތްކުރުމުގެ މަލައާ އެއްގޮތްވާގޮތަށެވެ. އަސްކަރީ ޔުނިޓުތަކުގެ މީހުންނަށް ޗާޗަށް ދިޔުމުގެ ހުއްދަދޭއިރުވެސް މިސްކިތަށްދާކަށެއް އަމުރެއް ނުދެއެވެ. ކްރިސްމަހާއި ނިއުއިޔަރަށް ޗުއްޓީދޭއިރު ވެސް އީދު ދުވަހަކަށް ޗުއްޓީއެއް ލިބުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

   
ނަމަވެސް ނަތީޖާ ފެނިގެންދިޔައީ ކޮންގޮތަކަށްތޯއެވެ؟ އިސްލާމްދީން ނިމުމަކަށް ގެނެސް، އިސްލާމީ ޘަޤާފަތާއި އާދަކާދަ މުލުން ލުހެލަން ކަށީގެމަދުން ހިތްވަރު ނަގައިގެން މަސައްކަތްކުރަމުން ގެންދިޔަ ތުރުކީ މުޖްތަމަޢުގައި ހަތްދިހައަށް އަހަރަށްފަހު އިސްލާމްދީނާއި އިސްލާމީ ބާރުތައްވަނީ ފުރިހަމައަށް ހޭލައިފައެވެ. އިސްލާމްދީން ނައްތައިލުމަށްޓަކައި ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކުރި ސަރުކާރުގެ މުގޫ މިހާރުވަނީ އިސްލާމްދީނަށް ނަޞްރު ލިބުން އެދޭ ބައެއްގެ އަތްމައްޗަށް އަރައިފައެވެ. މިނަތީޖާއާ ހަމަޔަށް ވާސިލުވެވުނީ ކިހިނަކުންތޯއެވެ؟ އާދެ، މިއީ އިސްލާމްދީންދެކެ ލޯބިވާ ދަރިންތަކެއް ހުއްޓައިނުލައިކުރި ބުރަ މަސައްކަތްތަކެއްގެ ނަތީޖާއެވެ. އަރަހުށި މާތްﷲ އެކަލާނގެ ދީން ނަޞްރުވެރި ކުރައްވާނެކަމުގެ ސާބިތު ހެއްކެކެވެ.

  
 1940ގައި ތުރުކީ ވިލާތުގައި އެންމެ ފުރަތަމަ ފަހަރަށް ސުވާލުކުރެވޭން ފެށިއެވެ. "އަތާތުރުކު ސެކިއުލަރިޒަމްގެ ނަންދެއްވައިގެން އުޅުއްވި ކަންތައްތަކަކީ ޙަޤީޤީ ސެކިއުލަރިޒަމް ހެއްޔެވެ؟ ނުވަތަ ވަކިދީނަކާމެދު ގެންގުޅުއްވި ނަފްރަތާއި ތަޢައްޞުބު ހެއްޔެވެ؟

   
މުފައްކިރުން ލިޔުއްވާން ފެއްޓެވިއެވެ. ޤާނޫނީ މާހިރުން ބަޔާންދެއްވާން ފެއްޓެވިއެވެ. "ސެކިއުލަރިޒަމަކީ އިސްލާމްދީން މުޖްތަމަޢުން މުޅިން ބޭރުކޮށް އެކަހެރިކޮށްލުމުގެ ނަމެއްނޫނެވެ. ސެކިއުލަރިޒަމްގެ މަޠްލަބަކީ މުޖުތަމަޢުގައި ދީނީ ވަކި ޚާއްޞަ އެއްނަޒަރިއްޔާއެއްގެ ބާރު ނުހިނގާނެގޮތް ހެދުމެވެ. މީސްތަކުންނަށް އެބައިމީހުންގެ އަމިއްލަ އިޚްތިޔާރުގައި ޤަބޫލުކުރާނެ ދީނެއް ޤަބޫލުކުރުމުގެ މިނިވަންކަން ދިނުމެވެ. އެމީހަކު ބޭނުން ޘަޤާފަތަކަށް އެމީހަކު ތަބާވިޔަ ދިނުމެވެ. ސަރުކާރުންވެސް އަދި ޢާއްމު ފަރުދަކުވެސް އެކަމަށް ހުރަހެއް ނޭޅުމެވެ."

   
ދުވަހެއް ދުވަހަކަށް މިބަހުޘު ހައްތާދިޔައީ ދިގުލަމުންނެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރާ ދެކޮޅު ހެދުމުގެ ޙަރަކާތްތަކެއް ޢާއްމުވެދާނެކަމަށް ބޮޑުންގެ ހިތްތަކަށް ބިރުވެރިކަން ވަންނާން ފެށިއެވެ. އެހެންކަމުން 1941ގައި ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނެވުނެވެ. ތުރުކީގެ ސެކިއުލަރިޒަމަށް "ބުރަބަހެއް" ނާންނަގޮތަށް އިސްލާމީ ބައެއް ޙަރަކާތްތައް ހިންގުމުގެ ހުއްދަ ދެވުނެވެ. އެ ހުއްދައިގެ ނަތީޖާ ފެނިގެން ދިޔައީ އިސްލާމީ ޚިޔާލުގެ ޖަމާޢަތްތަކެއްގެ ސިފައިގައެވެ. އެޖަމާޢަތްތަކުގެ ތެރޭގައި ޕްރޮފެސަރ ނަޖުމުއްދީން އަރަބުކާނުގެ ނޭޝަނަލް އޯޑަރ ޕާޓީ (އެން.އޯ.ޕީ) ނުވަތަ މިއްލީ ނިޒާމް ޕާޓީ ހިމެނެއެވެ. އެ ޕާޓީއަކީ އެ ޕާޓީއެއްގެ ތެރެއިން އިސްލާމީ އެތައް ހަރަކާތްތަކަކާއި، އެތައް ޖަމާޢަތްތަކެއް އުފެދިގެންއައި ޕާޓީއެކެވެ. މަޑުމަޑުންގޮސް ތުރުކީވިލާތުގައި އިސްލާމްދީން އަލުން ކުރިލައި ހެދިގަތުމުގެ ސަބަބަކަށްވެގެން ދިޔައީ އެޕާޓީއެވެ. އެހެންކަމުން ތުރުކީވިލާތުގައި މިހާރު ހިނގާ އިސްލާމީ ހުރިހާ ހަރަކާތްތަކާއި، ދީނީ، ސިޔާސީ ހުރިހާ ޕާޓީތަކެއްގެ "ކެމިސްޓްރީ" އާމެދު ވިސްނައި ފިކުރުކުރާ މީހަކަށް އެކަންކަމުގެ ފަހަތުން ފެންނާނީ ޕްރޮފެސަރ ނަޖުމުއްދީން އަރަބްކާނުގެ ހިތްގައިމު ޝަޚުޞިއްޔަތެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ