އަދުގެ ޚާއްސަ

Print

އުޑު ފަޅައިގެން ދިއުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެތެރެއިން އުޑު ފަޅައިގެން ދިއުން



މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު


ޢިލްމުވެރިން ވިދާޅުވަނީ ކޮންމެވެސް ދުވަހަކުން މިދުނިޔޭގައިވާ ދިރުން ހުއްޓޭނެއެވެ. އަދި މިދުނިޔޭގައިވާ ހުރިހާ ކަންތައްތަކެއް ހުއްޓިގެން ދާނެއެވެ. ފަހެ މިކައުނަކީ އަބަދަށް ދާއިމަށް ދެމިގެންވާ ތަނެއް ނޫނެވެ. މިކައުނުގެ ފެށުމެއްވާ ފަދައިން ނިމުމެއްވެސް ވާނެކަން ކަށަވަރެވެ. މިއީ ޢިލްމުވެރިން ސާބިތު ކޮށްދެއްވާފައިވާ ކަމެކެވެ. ޤިޔާމަތް ދުވަހުގެ ސިފަކުރެއްވުމެއްގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ.


" فَإِذَا انشَقَّتِ السَّمَاء فَكَانَتْ وَرْدَةً كَالدِّهَانِ" (الرحمن: 37)


މާނައަކީ: [އުޑުފަޅައިގެން ހިނގައްޖެ ހިނދު، ތެޔޮގަނޑެއް ފަދައިންވާ، ރަތް ފިނިފެން މަލަކަށް ވެދެއެވެ." މިއީ އާޚިރަތްދުވަހުގެ ވަގުތުތަކުގެ ތެރެއިން ވަގުތެކެވެ. ޤިޔާމަތްދުވަހުން އުޑުފަޅައިގެންދާ ދިޔުމުގެ ސިފަކުރުމެކެވެ. އުޑުފަޅައިގެން ދާއިރު ރަތްކުލަގަދަ، ތެޔޮގަނޑަކުން ދަޅައަޅާހެން ދަޅައަޅައަޅާ ހުންނަ ރަތް ފިނިފެން މަލެއްހެން ވެގެންދަނީ އޭގެ ހޫނުގެ ގަދަކަމުންނެވެ.

މީގެ 1400 އަހަރު ކުރިން އަހަރެމެންގެ ރަސޫލާ محمد صلى الله عليه وسلم ގެ މައްޗަށް ބާވާލެއްވި ކީރިތި ޤުރްއާނުގެ ތެދުކަން ފަޒާގެ ދިރާސާތަކުންވަނީ ސާބިތުކޮށްދީފައެވެ. މިދިރާސާ ތަކުގައި އުޑުމަތީގެ ބައެއްތަރި ގޮވާ މަންޒަރު ފޮޓޯ ނަގާފައި ވެއެވެ. މި މަންޒަރު ވައްތަރުވަނީ ރަތްފިނިފެން މަލަކާއެވެ. ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ވަޙީ ބަސްފުޅުގެ ތެދުކަން މިފޮޓޯއިންވެސް ހާމަވެއެވެ. އެކަލާނގެ އުފެއްދެވުމުގެ ޙިކްމަތްތައް އެކަލާނގެ ފާޅުކުރައްވަނީއެވެ.
 
އަހަރެމެންގެ މިކައުނުން އަހަރެމެންނަށް ފެނިގެންދާ މިދަލީލަކީ އެމެރިކާގެ ޖައްވީ ދިރާސާތައްކުރާ މަރުކަޒު ނާސާގެ ވެބްސައިޓްގައިވާ، ތަރިއެއްގޮވާ ފޮޓޯއެކެވެ. މިފޮޓޯގައި ތަރިގޮވާއިރު ހީވަނީ ތެޔޮގަނޑަކުން ދަޅައަޅައަޅާ ހުންނަ ފަދައިން ދަޅައަޅައަޅާ ގަދަ ރަތްކުލައިގެ ފިނިފެންމަލެއް ހެންނެވެ. 1999 ވަނަ އަހަރު އޮކްޓޫބަރުމަހުގެ 21 ވަނަ ދުވަހު ނާސާއިން ޝާއިޢުކުރި މިފޮޓޯތަކުގައި ވަނީ، ބިމާ ގާތްގަނޑަކަށް ތިންހާސް އަލި އަހަރުގެ ދުރުމިނުގައިވާ ތަރިތަކެއް ގޮވާ މަންޒެރެވެ. މިއީ ކީރިތި ޤުރްއާނުގެ ތެދުކަމުގެ ޙުއްޖަތެކެވެ. މިޙުއްޖަތް ގެނެސްދީފައިވަނީ އެމެރިކާގެ ޖައްވީ ދިރާސާތަކުންކުރާ މަރުކަޒު ނާސާގެ ވެބްސައިޓްގައެވެ. މިކަމުގެ ދަލީލާ ބުރުހާނަކީ މުސްލިމުންނާއި މުސްލިމުނޫން މީހުން ދެކުން ޙައްޤު ތަކެއްޗެވެ.

ޙަޤީޤަތުގައި އެންމެ ޢަޖާއިބު ކުރުވަނިވި ކަމަކީ ހުޅަނގުގެ މީހުން އިނގިރޭސި ބަހުން މިފޮޓޯ ތަޢާރަފް ކޮށްދީފައިވާ ގޮތެވެ. އެމީހުންގެ ސިފަކުރުން ޤުރްއާނުގެ މިއާޔަތުގެ މާނައާ އެއްގޮތެވެ. އާދެ، ތަރިގޮވައިގެން ދާއިރު، ތެޔޮގަނޑަކުން ދަޅައަޅައަޅާ ހުންނަ ފަދައިން ދަޅައަޅާ، ރަތްކުލަގަދަ ފިނިފެންމަލެއް ފޮޅިގެން ދާހެން ސިފަވެގެން ދެއެވެ. ހަމަމިގޮތަށް ބައެއް މުސްލިމުން އިންޓަނެޓްގައި މިފޮޓޯއާ ބެހޭގޮތުން ލިޔެފައިވާ ލިޔުން ކޮޅުވެސް ޤުރްއާނުގައިވާ މިއާޔަތުގެ މާނައާ އެއްގޮތްކަމެވެ.
 
މިއީ، އިބްނު ކަސީރު މިއާޔަތުގެ މާނަކުރައްވާފައިވާ ގޮތެވެ. ސުބުޙާނަﷲ އެވެ. މިއާޔަތުގެ ޙަޤީޤަތް އަހަރެމެންނަށް ފެނި ސާބިތުވީއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

" وَقُلِ الْحَمْدُ لِلَّهِ سَيُرِيكُمْ آيَاتِهِ فَتَعْرِفُونَهَا وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ"


(سورة النمل 93)


މާނައީ: [އަދި، ބުނާށެވެ. [(އެންމެހައި) ޙަމްދު (ތަޢުރީފު) ހުރީ، ﷲއަށެވެ! އެކަލާނގެ، ކަލޭމެންނަށް ނިކަންހުރެ، ނިޝާންތައް، ދައްކަވާ ހުއްޓެވެ! އެ ނިޝާންތައް، ކަލޭމެންނަށް، ނިކަންހުރެ، އެނގެމުން އަންނަހުށިމެއެވެ.] އަދި، (ދަނެއު!) އިބަގެ ވެރި ރަސްކަލާނގެ ރަސްކަންފުޅު، އިބަމެންގެ ޢަމަލުތަކުގެ މައްޗަށް، ޣާފިލުވެ ވޮޑި ނުގަންނަވެތެވެ!

މިކައުނުގައިވާ ޢިލްމީ އެތައް ޙަޤީޤަތެއް ހުޅަނގުގެ ޢިލްމުވެރިން ސިފަކޮށްދެއްވާފައި ވާއިރު ހީވަނީ، ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނަ ކިޔާދޭހެނެވެ. ނަމަވެސް ޢަޖާއިބު ވާންޖެހޭ ކަމަކީ އެބައިމީހުންނަކީ ކީރިތި ޤުރްއާން ބަލާ، އަޑުއަހާ ހަދާބައެއް ނޫނެވެ. އެހެންކަމުން މިއީ ކީރިތި ޤުރްއާނުގެ ތެދުކަން ބަޔާންކޮށްދޭ ދަލީލެކެވެ. އަދި އަހަރެމެންގެ ރަސޫލާ محمد صلى الله عليه وسلم ގެ ނަބީކަމުގެ ތެދުކަންވެސް ހާމަވެގެން ދެއެވެ.

" فَإِذَا انشَقَّتِ السَّمَاء فَكَانَتْ وَرْدَةً كَالدِّهَانِ" (الرحمن: 37)



މާނައީ: [ފަހެ، އުޑުފަޅަފަޅައިގެން ހިނގައްޖެ ހިނދު، ތެއުގަނޑެއް ފަދައިންވާ ރަތް ފިނިފެން މަލަކަށް ވެދެއެވެ. މިސިފަކުރުމަކީ ޤިޔާމަތްދުވަހުގެ ސިފަކުރުންތަކުގެ ތެރެއިން ސިފަކުރުމެކެވެ. އާޚުރަތްދުވަހުގެ ގޮވުމަކީ މިފަދަ ގޮވުމަކަށްވުރެ ބޮޑުގޮވުމަކަށް ވާނެކަން ކަށަވަރެވެ. ދުނިޔޭގައި މިގޮވާ މިފަދަ ގޮވުމެއް އާޚުރަތުގެ ގޮވުމަކާ އެއްފަދައެއް ނުކުރެވޭނެއެވެ. ސަބަބަކީ ޤިޔާމަތްދުވަހުގެ ކަންތައްތަކާއި ދުނިޔޭގައި ހިނގާ ކަންތައްތަކާ އެއްގޮތް ނުވާނެތީއެވެ. ނަމަވެސް މާތްﷲ ރަޙްމަތްފުޅުން އިންސާނުންނަށް ފެންނާނޭ ފަދަ މިފަދަ ދަލީލުތައް މިކައުނުން ދައްކަވަނީ ކީރިތި ޤުރްއާނުގައިވާ ބަސްފުޅުތަކުގެ ތެދުކަން ދެއްކެވުމަށެވެ.

ފަހެ ކީރިތި ޤުރްއާންގެ އިޢުޖާޒަކީ ހަމައެކަނި ނަފްސާނީ، ޢިލްމީ، ކައުނީ، އަދި ރޫޙީ ރޮނގުފަދަ ރޮނގުތަކަށް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. އެއީ ހުރިހާ ތަކެއްޗެއް ހެއްދެވި ގަދަކީރިތިވަންތަ ﷲގެ ބަސްފުޅެވެ. އެކަލާނގެއީ އުޑާއި ބިން އަދި އެދެމެދުގައިވާ ހުރިހާ ތަކެއްޗެއް ހެއްދެވި ކަލާނގެއެވެ. އެކަލާނގެ ޤުދްރަތްތެރިކަމުން ތަރިގޮވާ އެމަންޒަރު އިންސާނުނަށް ފެންނާނޭގޮތް އިރާދަކުރެއްވި، ކީރިތި ޤުރްއާނުގެ ސޫރަތުއްރަޙްމާނުގައި އެކަމުގެ ޚަބަރު ދެއްވާފައިވާ ފަރާތަކީ އެއީއެވެ.

މިކަމުގެ ސަބަބުން ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުގެ ތެދުކަން ހާމަވެ، ފާޖިރެއްގެ ސަބަބުން މިދީނުގެ ތެދުކަން ހާމަވެގެން ދިޔައީއެވެ. ފަހެ، މިފޮޓޯތައް ނަގާ ނާސާގެ ވެބްސައިޓައްލާ ހެދި މީހަކީ އިސްލާމް ދީނާއި، ކީރިތި ޤުރްއާނާއި އޭގެ އެއްވެސް އާޔަތަކާ ބެހޭ އެއްޗެއްވެސް ނޭގޭ މީހެކެވެ. ހަމަކަށަވަރުން އޭނާ މެދުވެރި ކުރައްވާ ކީރިތި ޤުރްއާނާއި ޤުރްއާނުގެ އާޔަތްތަކަށް މާތްﷲ ނަޞްރު ދެއްވީއެވެ.

އިދާރާ

ވާހަކަ