ރަށްފުށުގެ ދިރިއުޅުން (10)
ހުސައިންމަނިކުގެ ޝަރީޢަތް
އަލްމަރުޙޫމު ޢަލީ ޙުސައިން/ ނައިފަރީ
އަށިގޭގައި އިންނަތާ ހަތަރުވަނައަށްވީ ދުވަހު ހުސައިންމަނިކު ނެރިގެން ބަނޑޭރިގޭ ދޮރުމައްޗަށް ގެންގޮސްފިއެވެ. އެއިރު ފެންޑާގައި ބަހައްޓާފައިހުރި ދެ އަދަރާދަ ގޮނޑީގައި ދެބޭފުޅަކު ތިއްބެވިއެވެ. ހުސައިންމަނިކު ގޮސްހުއްޓޭއިރަށް އެތަނުން އެއްބޭފުޅަކު ތެދުވެވަޑައިގެން ފާރުބުރި ކައިރިއަށް ޖެހިލައްވާފައި ފިސާރި ހައިބަތުހުރި އަޑަކުން:-
އެބޭފުޅާ: ކުކުޅުދޫ އެދުރުމަނިކުގެ ހުސައިންމަނިކަކީ ކަލޭތަ؟
ހުސައިންމަނިކު: އާދެ! އަޅުގަނޑު
އެބޭފުޅާ: ހުސައިންމަނިކު މިތަނަށް ފޮނުވާފައިހުރި ގޮތެއް އެނގޭތަ؟
ހުސައިންމަނިކު: އާދެ! އަޅުގަނޑަކީ ރަށްފިތުނަކުރާ މީހަކުކަމަށް ވެރިންނާ އަތޮޅުވެރިންނަށް ފެނިލައްވައިގެން.
އެބޭފުޅާ: އާނ! އެހެން. ކަލޭ އެއާ ދޭތެރޭ ދައްކާނެ ވާހަކައެއް ކުރާނެ ދިފާޢެއް އެބައޮތްތަ؟
ހުސައިންމަނިކު: އާދެ! އަޅުގަނޑު ރަށް ފިތުނަވާ ކަހަލަ އެއްވެސް އުޅުމެއް ނޫޅެން އެކަހަލަ ކަމެއްވެސް ނުކުރަން. ވާހަކައެއްވެސް ނުދައްކަން.
އެބޭފުޅާ: އަތޮޅުވެރިންނާ ދޭތެރޭ އެއްވެސް ތަނެއްގައި އެއްވެސް ވާހަކައެއް ދެއްކިންތަ؟
ހުސައިންމަނިކު: ދުވަހަކުވެސް އަޅުގަނޑު އަތޮޅުވެރިންގެ ވާހަކައެއް ވެސް ރަށުގެ އެހެންވެރިންގެ ވާހަކައެއްވެސް ތަނެއްގައި ނުދައްކަން.
އެބޭފުޅާ: ނުދައްކަމޭ. ތެދުވެރިވާތި.
ހުސައިންމަނިކު: އާދެ! ނުދައްކަން.
އެބޭފުޅާ: ނުދައްކަމޭ. އެވެނިތަނެއްގައި މިވެނިބައެއްގެ ތެރޭގައި އަތޮޅުވެރިންނަށް އަތޮޅުހިންގާން ނުއެނގޭ ވާހަކައާއި ދައުލަތަށް އަތޮޅު އަތޮޅަށް ވެރިންލައްވާން އެނގިވަޑައިނުގަންނަވާ ވާހަކައެއް ނުދައްކަމު! ތިޔަހެން ދޮގުހަދައިގެން ދެކޮޅުޖެއްސިދާނެ ކަމަށްތަ؟
މިހިސާބަށްދާއިރަށް، ހުސައިންމަނިކަށް ހީވީ ސިކުނޑިން ފަރުދާއެއް ކެހުނުހެންނެވެ. ކުއްލިއަކަށް ޖެހުނީ ހުއްޓުންއަރާށެވެ. އެގޮތަކީ މިވާހަކައަކީ ހުސައިންމަނިކު ރަށް ފިތުނަ ކުރާން ވެސް އަތޮޅުވެރިން ބަދުނާމުކުރާންވެސް ދެއްކިވާހަކައެއްނޫނެވެ. އެއް ޚިޔާލުގެ ރައްޓެހިންނާއެކު ސިއްރުން ދެކެވުނު އާދައިގެ ވާހަކައެކެވެ. އެ ވާހަކަ މި ހައިހިސާބަށް އަންނާނޭ ކަމަށް ހުސައިންމަނިކު ހީވެސްނުކުރެއެވެ. ހުސައިންމަނިކު ހީކުރީ އެވިދާޅުވަނީ މަސްދޯނިމީހުންގެ އަރައިރުމުގައި އަތޮޅުވެރިންނޭ ކިޔައިގޮވި އެއްޗެހީގެ ވާހަކަ ކަމަށެވެ. މިވާހަކައެއް އަތޮޅުވެރިން ރަށުގައި ވާހަކަ ދެއްކެވިރޭ ވެސް ދައްކާފައެއް ނެތެވެ. އެހެންވީމާ އިންކާރުކުރަމުން ގެންދެވުނީއެވެ. ހުއްޓުން މި އެރިގޮތަކީ އެވާހަކަ އަނެއް އަތަށް އަނބުރައިލާނޭ ފޫބެއްދޭނޭގޮތެއް ފިކުރުކޮށްލުމަށެވެ.
އެބޭފުޅާ: ކޮބާ އަދިވެސް ހަނދާނެއްނުވޭ؟
ހުސައިންމަނިކު: އާދެ ސާހިބާ ހަނދާންވެއްޖެ! މަޢާފްކުރެއްވުން އެދެން އެއީ އެއްގޮތަކަށްވެސް ފިތުނައެއް ގަސްދުކޮށްގެން ދެކެވުނު ވާހަކައެއްނޫން. ކުރިން އިންކާރުކުރެވުނީވެސް އެއީ އެއްވެސް ގަސްދެއްނެތި ދެކުވުނު ވާހަކައެއްކަމުން ހަނދާންވެސް ނެތިގެން،
ޝަރީޢަތްކުރަން އިންނެވި ބޭފުޅެއްގެ ޚިޔާލުގައި ހުސައިންމަނިކު ފުރަތަމަ ދިމާކުރީ ދޮގުހަދާށެވެ. ދެން އެގޮތުން ފޫނުބެއްދުނުކަން އެނގުނީމާ މިހާރު ހަނދާން ނެތުނީކަމަށް ހަދަނީއެވެ. ދެން ކޯފާވެފައި ކަލެޔެއް ހަނދާނެއް ނުހުންނާނެޔޭ ، މުދިމުކަލޭގެ އަތޮޅުވެރިންނަށް ރިޝްވަތު ދީގެންނޭ އަހުމަދުފުޅަށް މުދިމުކަން ހޯދައިދިނީ ގޮވުނުކަމެއްވެސް އޮޑިއެއްގެ އެންމެން އެހިއިރުވެސް ކަލޭ ހަނދާނެއް ނެތެއްނުންހޭ ބުނުއްވާފައި އެތެރޭގައި އިންނެވި ބޭފުޅަކާ ވާހަކަ ދައްކަވައިލުމަށްފަހު އަނެއްކާ ވެސް ފޮނުއްވީ އަށިގެއަށެވެ. އެގޮތުގައި ބައްތެލި ފުރާންވީއިރުވެސް ހުސައިންމަނިކު އިނީއެވެ. ފުރާންވެގެން ބަނޑޭރިގެއަށް އެނގޭން ދިޔައީމާ އަތޮޅުވެރިންނަށް ސިޓީއެއް ދެއްވާފައި ހުސައިންމަނިކުގެ ޝަރީޢަތްނުނިމޭތީ އޭނާބައިންދަވާފައި ފުރާން އަންގަވައިފި އެވެ.
ކަތީބުތަކުރުފާނުގެ ޝަރީޢަތް (1)
ބައްތެލިލެފިތާ ދެދުވަހެއްފަހުން ކަތީބުތަކުރުފާނު މާލެދާން ސިޓީ އަތުވެއްޖެކަން އަތޮޅުވެރިން އަންގަވައިފިއެވެ. އެއަށްފަހު އެންމެފުރަތަމައަށް މާލެދިޔަ ބައްތެލިން ކަތީބުތަކުރުފާނު މާލެ ދުރުވެއްޖެއެވެ. އަތޮޅުވެރިންގެ ސިޓީހިފައިގެން ކަތީބުތަކުރުފާނަށް ބަނޑޭރިގެއަށް ދެވުނީ ބުރާސްފަތިދުވަހުގެ 11 ޖަހަންވަރަށް ގާތްވެފައިހުއްޓައެވެ. އެތަނުން ސިޓީ ބައްލަވާފައި ހޮނިހިރު ދުވަހު އަށެއްޖަހާއިރު އަންނާން ފޮނުއްވާލެއްވީ އެވެ. މިދެދުވަހުގެތެރޭގައި ކަތީބުތަކުރުފާނުގެ ރައްޓެހިބޮޑުންގެ ގޭގެއަކަށްވެސް ނުދެއެވެ. އަބަދު އޮންނަނީ ބައްތެލީގައެވެ. ހޮނިހިރު ދުވަހު ހެނދުނު ފެންވަރާލައިގެން ދުޢާވެރިކަމެއްވެސް ކިޔަވާލާފައި އަށެއްޖަހަން ގާތްވީމާ ބަނޑޭރިގެއަށް ހިނގައްޖެ އެވެ. އިރުކޮޅެއްވީފަހުން އެތެރެއިން ނުކުތީ ބަނޑޭރިތަކުރުފާނާއި އެހެން ދެބޭފުޅުންނެވެ. އެބޭފުޅުން ނިކުމެވަޑައިގެން ފެންޑާގައި ބަހައްޓާފައިހުރި ތިންގޮނޑިކޮޅުގައި އިށީނދެ ވަޑައިގެންފިއެވެ. ދެން ބަންޑާރަ ނައިބު ކަތީބުތަކުރުފާނާ ސުވާލުކުރައްވާން ފައްޓަވައިފިއެވެ. ދެން ކަތީބުތަކުރުފާނު ގޮސް ހަރަމް ބަނދެލީމާ އަނެއްކާ:-
ބަންޑާރަނައިބު: ކަތީބު ތަކުރުފާނު އަތޮޅުވެރިން އަތަށް ކަތީބުފަތްކޮޅުދީ އެކަމުން ދުރުވާން އުޅުނީމުތަ؟
ކަތީބުތަކުރުފާނު: އާދެ ! އުޅުނިން.
ބަންޑާރަނައިބު: އެއީ ކީއްވެގެން ކުރިކަމެއްތަ؟ އެއީ އެގޮތަށް ދޫވެވޭ ކަމެއް ނޫންކަން ކަތީބުތަކުރުފާނު ނުދަންނަމުތަ؟
ކަތީބުތަކުރުފާނު: އަޅުގަނޑު މުސްކުޅި ޙާލުގައި އެކަން ބެލެހެއްޓުމަށް ދަތިވެގެން އަޅުގަނޑަށް ވެސް ވެދާނޭކަމަށް އެކަންކުރީ.
ބަންޑާރަނައިބު: ތިޔަރަށުގައި އެހެންވެފައި އޮތްކަމަކީ ކޮބާާ؟
ކަތީބުތަކުރުފާނު: މުދިމުކަލޭގެ މުސްކުޅިވެގެން މުދިމުކަން ވެސް އެއޮތީ އަހުމަދުފުޅަށް ދެއްވާފައެއް ނޫންތޯ؟
ބަންޑާރަނާއިބު: އެގޮތާއި މިގޮތުގައި ހާސްތަފާތު އެބައޮތޭ! އެއީ މުދިމުކަލޭގެ ހުރެމެ އޭނާގެ ބަދަލުގައި ލައްވާފައިހުރިމީހެއް؟ މިކަމާ އެކަމާ އެއްގޮތެއް ނޫނޭ!
ދެން ކުޑައިރުކޮޅަކު ވިިސްނައިލައްވާފައިވާ ކައިރީގައި ތިއްބެވި ދެބޭފުޅުން އެތައް އިރެއްވަންދެން މަޑުމަޑުން ވާހަކައެއް ދެއްކެވުމަށްފަހު:
ބަންޑާރަނައިބު: އަތޮޅުވެރިންނާ ދޭތެރޭ ތިޔަރަށުގައި ދެކެވޭ ވާހަކައެއް ކަތީބުތަކުރުފާނު ދެނެހުރީމުތަ؟
ކަތީބުތަކުރުފާނު: އާދެ! މުދިމުކަލޭގެ އަތޮޅުވެރިންނަށް އެއްހާސްރުފިޔާއެއް ދިންވާހަކައެއް ދައްކާ އަޑުއަހަން.
ބަންޑާރަނައިބު: އެއީ ކޮން ރުފިޔާއެއްތަ؟
ކަތީބުތަކުރުފާނު: އެގޮތް އަޅުގަނޑު ނުދެނަހުރިން.
ބަންޑާރަނައިބު: އެއީ އަތޮޅުވެރިންނަށް ދިން އެއްޗެއްތަ؟ ނޫނީ އެހެންގޮތަކުން އަތޮޅުވެރިންނާ ޙަވާލުކުރެވުނު އެއްޗެއްތަ؟
ކަތީބުތަކުރުފާނު: އަޅުގަނޑު އެއިގެ އެއްވެސް ޚަބަރެއް ނުދެނަހުރިން. މީހުންވާހަކަ ދައްކަނީ ރިޝްވަތެއްގެ ގޮތުގައި ދިން އެއްޗެއްކަމަށް.
ބަންޑާރަނައިބު: މިއޮތީ މިތަނަށް އަތޮޅުވެރިން ފޮނުއްވާފައިއޮތް ސިޓީއެއް. މިއިން އަންގަނީ އެވާހަކައެއް ނުކުމެގެން އުޅެނީ ކަތީބުތަކުރުފާނުގެ ގެއިންކަމަށް.
ކަތީބުތަކުރުފާނު: މިހާރުމުދިމުކަލޭގެއާ ދޭތެރޭ ތިޔަކަހަލަ ވާހަކައެއް ދެކެވެންޏާ ގިނަމީހުންނަށް ހީވާނީ އަޅުގަނޑު ކުރުވާ ކަމެއްކަމަށް، އެކަމަކު އެޔަކީ އަޅުގަނޑު ދައްކާވާހަކައެއްނޫން. އަޅުގަނޑު ގޭގައި މީހުން އެ ވާހަކަ ދައްކާއިރު މަނާ ވެސް ކުރަން.
ބަންޑާރަނައިބު: މިސިޓީގައި އެރުފިޔާގެ ވާހަކަވެސް އެބައޮތް. އެއީ މުދިމުކަލޭގެ އަރާ، އަތޮޅުވެރިންގެ ފަޅުރަށަކަށް ވަރުވާ ނުދެއްކިގެންގޮސް ދަރާފައިއޮތް ރުފިޔާއެއްކަމަށް މިސިޓީން އަންގަނީ!
ކަތީބުތަކުރުފާނު: ތިޔައީވެސް ދެނަހުރި ކަމެއްނޫން. މުދިމުކަލޭގެ އަތޮޅުވެރިންނަށް ދަރާފައިއޮތް ކަމެއްވެސް އަޅުގަނޑު ނުދަންނަން. އެކަމަކު އަތޮޅުވެރިންގެ ފަޅުރަށަށް އެއްހާސްރުފިޔާގެ ވަރުވާޔަށް ދަރާނެޔޭ ހިޔެއްނުވޭ. އަތޮޅުވެރިން ފުރަތަމަ ރަށް ދެއްވީ ވެސް މަހުން މަހުން ވަރުވާދެއްކުން ޝަރުތުކޮށްފައި. ތިޔަަކަން އެންމެ ރަނގަޅަށް އެގޭނީ މި ހައިދުވަސް ވަންދެން އެގޭގައި ހިސާބުބަލަހައްޓަން އުޅުނު ބަނޑޭރިއަށް. އޭނާ ވަކިވީފަހުން އެހައި ރުފިޔާއަށް ދަރާހައި ދުވަހެއްނުވޭ. އޭނާ ބުނާއަޑު ވެސް އަޅުގަނޑުއަހަން އޭނާ މުދިމުކަލޭގެ ގެއިން ނިކުމެގެން އައިއިރަކު މީހަކަށްދޭންވީ ބޮޑުލާރިއެއްވެސް އެގެއަކު ނޯންނާނެޔޭ. އަދި އެގެއިން މީހަކަށް ދީފައިހުރިއްޔާ ހުރި ދަރަންޏެއްވެސް ހުންނާނީ އަގުގެނުވައި ނިންމާފައޭ. އެހެންވީމާ ތިޔަރުފިޔާއާ ދޭތެރޭ މީހަކަށް ޝައްކުވެސް ވެދާނެޔެއްނޫންތޯ؟
ދެން އެތާތިއްބެވި ތިންބޭފުޅުންއެކީ ތެދުވަންނަވައިގެން އެތެރެއަށްވަދެ އެތައް އިރަކު މަޝްވަރާތަކެއް ކުރެއްވުމަށްފަހު އެހެންބޭފުޅަކު އެކަނި ނިކުންނަވާފައި:-
އެބޭފުޅަކު: ތިޔަބުނާ މީހާގެ ނަމަކީ ކޮބާ؟
ކަތީބުތަކުރުފާނު: މަރުވި މުދިމު ތައްޚާނުގެ ޔޫސުފުކޮއި.
އެބޭފުޅާ: މިތަނުން އަންނަން އެބަ ސިޓީލިޔުއްވާ. ކަތީބުތަކުރުފާނު މިރަށުގައި ހުންނަވާ. ފަތްކޮޅު ދޫކޮށްލެއްވި ކަންތައްވެސް އަދި ނުނިމޭ. މިތަނަށް ފެނިވަޑައިގަންނަވަނީ ކަތީބުތަކުރުފާނު އަތޮޅުވެރިންނާ ކުރި ޖެއްސުމެއްކަމަށް. އެއީ ކުޑަކަމަކަށެއް ނުވާނެ!
ދެމައިންގެ ޙާލު
ހުސައިންމަނިކު ހައްޔަރުވީ ވާހަކަ އިވުނީއްސުރެނެ ހަސީނާޔާއި އެދުރުދައިތަ ނުވެސް ކަތެވެ. އަބަދު އަބަދު ރޮއިރޮއި ހިތާމަކުރަނީއެވެ. އެދައިތަގެ މުޅިޢުމުރުން ލިބިފައިހުރި އެންމެދަރިއެކެވެ. ދިހައަހަރު ވާންދެން އެހެންރަށެއްގައި ނުފެނިހުރެފައި އައިފަހުންވީ އަހަރެއްހައި ދުވަހެވެ. އަނެއްކާ މިޖެހުނީ ވަކިވާށެވެ. ޒުވާންކަމުގެ އެއްމެރީތި ފުރާޔަށް އަރައި އެދައިތައަށް އެންމެ އުފާވެރިކަން ދޭންވީ ދުވަހު ގެއްލުނީއެވެ. ކޮންފަދަ ހިތާމަވެރި ގެއްލުމަކުން ހެއްޔެވެ؟ ބައެއްގެ ކެހިވެރިކަމުން ނަގައިލެވޭނެ އެންމެބޮޑު ނަގައިލުމެވެ. ދެން އަދިވާނޭގޮތެއްވެސް ނޭނގެއެވެ. އަރުވައިލާނީ ނޫންކަމެއްވެސް ނޭނގެއެވެ. މުސްކުޅިޒާތުމީހަކަށް ކަމެއްބޮޑުވެއްޖިއްޔާ ކަންހުންނަގޮތް ވިސްނައިލަބަލާށެވެ. މިހާރަކު އެހެންވާހަކައެއް އެދައިތަޔަކަށް ނުދެއްކެއެވެ. ކިތަންމެ މީހަކު އެގެއަށް ދިޔަ ނަމަ ވެސް ދައްކާ ވާހަކަ އަކީ ހުސައިންމަނިކުގެ ވާހަކައެވެ. މީހުންގެ ކެހިވެރިކަމާ ޢަދާވާތްތެރިކަމުގެ ވާހަކައެވެ. ކޮންމެ ފަދަ ވާހަކައެއް ދެކެވޭއިރުވެސް މިހާރު އެދައިތައަށް ނުވިސްނެއެވެ. އެރަށުގެ މީހުންގެ ހިތުގައި އެދައިތައާ ދޭތެރޭ އާދަޔާ ޚިލާފު ޙުރުމަތްތެރިކަމެއް އުފެދިފައިނުވާނަމަ، މިހާރު ކިތަންމެ ފަހަރަކު އަދަބުވެސް ލިބިއްޖައީހެވެ.
ހަސީނާއޭތޯއެވެ؟ ވިސްނުމަށް ގެންނާކަށް އުނދަގުލެއް ނޫނެވެ. އެދުރުދައިތަ ހުސައިންމަނިކާ ދޭތެރޭ ކުރާނެ ހިތާމަ ދެއަކާ ގުނަކޮށްލައްވާށެވެ. ކިތަންމެ މައްޗަކަށްވެސް ހުސައިންމަނިކާ ދޭތެރޭ އެދުރުދައިތައަށް ވެވޭނީ ސިކުނޑީގެ ތެދުވެރި ލޯތްބެވެ. މިހެންވީމާ ހިތާމަ ކުރާން އޮންނާނީ ކިތަންމެ ވަރަކަށްވެސް ހަމަ އެރޮނގެވެ. ހަސީނާ އެޔާ ޚިލާފެވެ. ހުސައިންމަނިކަކީ ހަސީނާގެ ލޯބިވާފިރިމީހާއެވެ. ފުރާނަޔާ ގުޅިފައިވާ އެކުވެރިޔާއެވެ. ހަސީނާ ހުސައިންމަނިކާ ލޯބިވަނީ ހިތާއި އަދި ސިކުނޑީގެ ލޯބިންނެވެ. ކުޑަވެސް ވަސްވާހެއްނެތެވެ. އެދުރުދައިތަ އުފުލާ ހިތާމައިގެ ދެބައި ހަސީނާ އުފުލާނެއެވެ. ސިކުނޑީގެ ވަރުގަދަ ހިތާމައެވެ. ހިތުގެ ބަރުދާސްތު ނުކުރެވޭފަދަ ފުން ހިތާމައެވެ. އެކަމަކު ކިތަންމެ ތިޔާގިކަމާއެކު ކަރުނައަޅައި ކިތަންމެމަތީ ދަރަޖައަކަށް ހިތާމަކުރިނަމަވެސް ލިބޭނެފައިދާއެއް ނެތެވެ. ހަމައެކަނި ހިތާމަތައް ފިލުއްވާ ދީލަތި ދަރުމަވަންތަ ފަރާތްނޫނީ އެހެން އޯގާވެރި ކަމެއްވެސް ނެތެވެ. މިކަމާދެތެރޭ ވާހަކައެއް ދައްކައި ހިތަށް އަރާމެއް ހޯދާން ވެސް ތިބީ ދޮނާޔާ ރުގިއްޔާފުޅާ ދެމީހުންނެވެ.
ކޮންމެދަތިކަމަކުން ފިއްލަވައި ކޮންމެ ހެޔޮކަމެއް ލިބުމުގެ އަސްލަކީ ކީރިތި ﷲ ގެ ދަރުމަވަންތަފުޅުކަން އެއީ ފިޠުރަތުގެ ގޮތުން ކޮންމެ މީހަކަށްވެސް އެނގޭކަމެވެ. މިހެންކަމުން ބޮޑު މުޞީބާތެއް ޖެހޭކޮންމެ ވަގުތެއްގައި ގިނަމީހުންނަށް ލެނބިގަނެވޭނީ އެފަރާތަށެވެ. ދުޢާކުޅައުމުގެ ފަރާތަށެވެ. މިހާރު ހަސީނާގެވެސް ކަމަކީ އެއެވެ. އަބަދު ޤުރުއާން ކިޔަވައި ޙިރުޒުތަކާއި ވިރުޒުތައް ކިޔަވަނީއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ހުސައިންމަނިކު ސަލާމަތްވެގެން އަވަހަށް ރަށަށްއާދޭތޯ ދުޢާކޮށް ހަދަނީއެވެ.
އިޔަހޫދި ގިރިޓީ
މެންދުރު އެންމެ އަވި ބާރު އިރުގައި ޔޫސުފުކޮއި އުޅެނީ މާލެ ދިޔަ މީހަކު ގެނެސް ދިން ސިޓީއެއް ކިޔާށެވެ. ކިޔަން އިނީ ވަރަށް ވަގުގޮތަކަށެވެ. ބޭރުންދާ މީހެއްގެ ހިޔަނި ގޭތެރެއަށްވީ ނަމަވެސް ސިޓީ އަނެއް ފަރާތަށް ލަައެވެ. ކިޔައި ނިމުމަށްފަހު އުރައިގެތެރެއަށް ލައިފައި ހިރިނުލާ އުޅެނިކޮށް ހަރުކޮށް ހިނގައިފައި ގޭދޮރުމައްޗަށް އެރީ އަހުމަދުފުޅެވެ. މޫނުމަތިން ފެންނަނީ ހާސްކަމާ ކަންބޮޑުވުމުގެ ޢަލާމާތެވެ. ހޫނު ގަދަ ކަމުން ބިމުގައި ފައިއަޅާން ނުކެރޭ ފަދަ ހޫނުއިރު ފައިވާނެއް ކުޑައެއްނުލާ އެއައި ގޮތަށް އައިސް ޔޫސުފުކޮޔާ ސަލާމްކޮށް ވަދެ ދިމާއަށްހުރި ސަރަންފީއެއްގައި އިށީނދެއްޖެއެވެ. ޔޫސުފުކޮއި ވަރަށްބޮޑަށް އިޙްތިރާމްކޮށް ސަލާމްރައްދުކޮށްފައި ޚަބަރުއޮޅުންފިލުވުމުން އަހުމަދުފުޅު ވާހަކަދެއްކީ ވަރަށް ހިމަހިމަ މީހެއްގެ ބަހުރުވައިންނެވެ. ޔޫސުފުކޮއި އެގެއިން ނިކުތުމަކީ އެބައިމީހުންގެ ދިރިއުޅުމަށާއި މަސައްކަތަށްލިބުނު ވަރަށްބޮޑު ގެއްލުމެއްކަމަށް އިޢުތިރާފްވަނީ ހިތެއްގެ އަޑިންނެވެ. ޔޫސުފްކޮއި ނިކުތްފަހުން ލިބޭ އެއްޗިއްސަށް ވާނުވާގޮތެއް ހިސާބެއް ކިތާބެއް އެބައިމީހުންނަށް ނޭނގޭކަމުގެ ޝަކުވާތައް ކުރަންފެށީ ހިތްސާފުމީހަކު ކުށަށް ތައުބާވާފަދައިން ހިތާމަކޮށްކޮށްފައެވެ. ޔޫސުފުކޮއި އެބައިމީހުންގެ ގޭގައި އުޅުނަނުދިނީ ބައެއްގެ ޙަސަދަވެރިކަމުންކަން ވިސްނައިދޭން މަސައްކަތްކުރަނީ ކަތީބުތަކުރުފާނުގެ ނަން ކަނޑައަޅައި ނުބުނެއެވެ. މިހާރު އެގޭގެ ވެރިޔަކީ ކޮށްފިކަމަކާއި އެހެންމީހަކަށް ބަސްނުކިޔޭނެ އަމުރުވެރިޔަކީ ތިމަންނާކަން ދުލުންފާޅުކުރަނީއެވެ. ދެން އާދޭސްކުރަންފެށީ އަނެއްކާ ޔޫސުފުކޮއި އެގެއަށް ގޮސްދިނުމަށެވެ. އަހުމަދުފުޅާ އެއްވަރަށް ޔޫސުފުކޮޔަށް ވެސް ބަޔެއްވާންކަމަށެވެ. ޔޫސުފްކޮޔާ އެބައިމީހުންނާ ދޭތެރޭ ފަސާދަކުރީ އެހެންބައެއްގެ ޙީލަތުންކަން މިހާރު އެނގިއްޖެއެވެ. އެއިގެ ސަބަބުން ވީކަމެއް މާފުކޮށްފައި އަމިއްލަ ގެއަށް އަންނަންވީއެވެ. އެބައިމީހުން ދިރިއުޅުން ދެންވެސް ބަލަހައްޓައިދެވޭނީ ހަމަ ޔޫސުފުކޮޔަށެވެ. ބޭރުމީހަކަށްވުރެ ހުރިހާގޮތަކުންވެސް އިތުބާރުހުރީ ޔޫސުފުކޮއިގެ މަތީގައެވެ.
ޔޫސުފްކޮޔަށްވީގޮތަކީ ކުރިން މިކަހަލަކަމެއް ލިސާނަކަށްވެސް ނުވެހުރެފައި ކުއްލިއަކަށް ޖެހުނުކަމެއްކަމުން ހާސްހިސާބު މިކަމާދޭތެރޭ ކުރަންފަށައިފިއެވެ. ކުރިން ހިނގި ފިތުނައަކީ މުދިމުކަމާ ދޭތެރޭ ހިނގި ފިތުނައެއް ކަމުން އަހުމަދުފުޅު މުދިމުކަމުގައި ހަމަޖެހުނީމާ އެކަންވެސް ހަމަޖެހުނީއޭ ހީވެއެވެ. އަނެއްބައި ފަހަރަށް އ ެދައްކާ ވާހަކައިގެ ދަށުގައި ފޮރުވިފައި އޮންނާނީ ކޮންމެވެސް މުޑުދާރު ހީލަތެއްކަމަށް ވިސްނައިލައެެވެ. ދިން ޖަވާބަކީ މިހާރު ތިމަންނާގެ އެހީތެރިޔަކީ ކަތީބުތަކުރުފާނެވެ. އޭނާގެ ލަފައެއްނުލައި އެއްވެސް ކަމެއްނުކުރާނަމެވެ. އޭނާ ރަށަށް ދުރުވެ ތިޔަގެއަށް ދިއުން ރަނގަޅުކަމަށް ބުނުއްވިނަމަވެސް ޟަމީރު އެގޮތެއް ގަބޫލެއްނުކުރާނެއެވެ. އެހެންވީމާ ކޮއްކޮގެ ކިބައިން އެދެވޭނީ ބޭބެއަށް މާފުކޮށްދިނުމެވެ. ދެން ތިގެއަށް ގެންދަވާން ނޫޅުއްވުމެވެ.
އަހުމަދުފުޅު ވަރަށްމޮޅިވީ ސިފައެއްގައި އިރުކޮޅަކު އިނދެލާފައި ބުނިބަހަކީ ބޭބެއަށް އެ ގެއަށް ދެވޭނެ އެއްވެސްގޮތެއް ނޯންނާނީ ވިއްޔާ އެގޭގެ ހިސާބުތަކުގެ ތެރެއިން ބޭބެއަތުގައި ހުރިނަމަ ހުރި ހިސާބެއް ހަމަ މި އަދުދޭށެވެ. ޔޫސުފުކޮއިގެ ޖަވާބަކީ ތިޔަގެއާބެހޭ ހުރިއްޔާ ހުރިހިސާބެއް ތަންކޮޅެއްކުރިން އަހުމަދުފުޅުގެ ބައްޕަ ބަލައިފޮނުވައިގެން ދީފީމެވެ. މިހާރު އެއިގެ އެއްވެސް ހިސާބެއް އޭނާގެ އަތަކުނެތެވެ. އަހުމަދުފުޅު ބުނަނީ ބައްޕައަތަށް ފޮނުވި ހިސާބުގެ އިތުރަށްވެސް ހިސާބު ހުންނާނޭ ކަމަށެވެ. އަތޮޅުވެރިން އެމީހުން ވަރުވާއަށް ދަރައިގެންނޭ ކިޔުއްވާފައި އެހެންމީހަކަށް ރަށް ލިޔެދޭން އުޅޭތީ ރަށުވަރުވާގެ ސިޓީތައްވެސް ހޯދަންވެއްޖެޔޯލައެވެ. ޔުސުފުކޮއި ހަނދާންނެތިފައި ކޮންމެސް އެއްޗެއްގެ ތެރޭގައި ހުންނާނެއެވެ. ހަމަ މިއަދު އެތަކެތި ހޯދައިދެއްވާށެވެ. އެބުނާ ދަރަންޏަކީ އެމީހުން ދެނަހުރި ދަރަންޏެއްނޫނެވެ. ޔޫސުފުކޮއި ނުދާނެއްޏާ އެސިޓީތައް ހުރުމަކީވެސް ހެއްކަކަށް ފުދޭނެއެވެ.
ޔޫސުފްކޮޔަށް ހީވީ ކަޅުފޮއިރެއްގެ ފަޖުރުލީހެންނެވެ. މިހާރު އޭނާގެ އަތުގައިއޮތް ސިޓީއަކީ މާލޭގައި ހުންނަވާފައި ކަތީބުތަކުރުފާނު ފޮނުއްވި ސިޓީއެކެވެ. އެސީޓައިވަނީ ޔޫސުފުކޮޔާއި މުދިމުކަލޭގެއާއި އަންނަން މާލެއިން ސިޓީ ދިޔަވާހަކައާއި އަންނައިރުން އެބުނާ ސިޓީތައް ގެންދާން ހަނދާންކޮށްދީފައެވެ. ދެން ޔޫސުފުކޮއި އަހުމަދުފުޅަށް ޝައްކެއްވެސް އަރައިނުލާނޭ ގޮތުން ޔަގީންކޮށްދިނީ ޅިޔަންބޭބެގެ އަތަށްދިން ހިސާބުތަކުގެ ތެރޭގައި އެސިޓީތައް ނެތީވިއްޔާ ފޮއްޓަށް މީދާވަދެގެން ކައިހަލާކުކުރި ކަރުދާސްތަކުގެ ތެރޭގައި އެ ސިޓީތައް ވެސް ހަލާކުވެ ދިޔައީ ކަމަށެވެ. ކޮންމެޔަކަސް އެގެޔާބެހޭ އެއްވެސް އެއްޗެއްގެ ހިސާބެއް މިހާރަކު ޔޫސުފުކޮއި އަތަކު ނެތޯލައެވެ!
އަހުމަދުފުޅުގެ މޫނުމަތިން ވިދައިގަތީ ހަމަޖެހުމުގެ އުފާވެރި މަންޒަރެވެ. އިހުހުރިގޮތަށް ހުރެދޭން އެގެއަށް ބޭބެގޮސް ނުދިން ކަމުގެމައްޗަށް ބޭރުފުށުން ދެއްކީ ހިތާމަވެރިކަމުގެ ސިފައެކެވެ. ވަރަށްދެރަވިކަމުގެ ދެތިންބަހެއް ބުނެލާފައި ނިކުމެގެން ދިޔައީ ޔޫސުފުކޮޔަށް މަކަރެއް ހަދައިފިކަމުގެ އުފަލުން ހިތުން ހެމުންނެވެ. އަދި ފާޅުވެދާނޭ ކަމުގެ މައްޗަށް ބިރުގަންނަ ހިސާބުތައް ވީރާނާވެގޮސް ދުވަހަކުވެސް އެއިން އެއްޗެއް ފާޅ ނުުވާނޭ ކަމަށް ޔަގީންކޮށް ހިތްގައިމުވެގެންނެވެ.
ކަތީބުތަކުރުފާނުގެ ޝަރީޢަތް (2)
ސައިފަތްގޭ ބޮޑުއަށިގައި ކަންނެތް ނޮޅިއެއްގައި ތުންޖަހައިގެން ދުންބޯން އޮއްވައި ބަނޑޭރިގެއިން އަންގަވައިގެން ކަތީބުތަކުރުފާނު ބަލާއަތުވެއްޖެއެވެ. ތަކުރުފާނު އަވަހަށް ތެދުވެ ގިފިއްޔަށްވަދެ ވުޟޫކޮށްލާ ހަދައިގެން ނިކުމެ ދޭވާނީމީހާ ފަހަތުންހިނގައިގެންފިއެވެ. ބަނޑޭރިގޭ ފާރުތެރެއަށް ވަންއިރު އެއްފަރާތެއްގައި އޮތް ވަކަރެއްގެ މަތީގައި އިށީނދެ ޔޫސުފުކޮޔާ މުސްކުޅި މުދިމުކަލެގެ ތިބޫއެވެ. ފެންޑާތެރޭގައި ހުރި ދިގުގޮނޑިއެއްގެ އެއްކޮޅުގައި އަތޮޅުވެރިން އިންނެވިއެވެ. ކަތީބުތަކުރުފާނު ދުރުވުމުން އައިމީހަކު އެއްކަލަ ފިލާމަތީގައި ތަކުރުފާނުވެސް އިށީނދެލާން އަންގައިފިއެވެ. މިބައިމީހުންތިބޭތާ ބައިގަޑިއެއްހާއިރު ވީފަހުން ބޭރުން އައިސް ދާޚިލިއްޔާގެ ނައިބު ވަދެވަޑައިގެންފިއެވެ. ދެން ކުޑައިރުކޮޅެއްވީތަނާ ބޭރުފެންޑާއިން ނިކުންނެވީ ކުރީދުވަހު ކަތީބުތަކުރުފާނާއި ވާހަކަދެއްކެވި ތިންބޭފުޅުންނެވެ. އެބޭފުޅުން ފެންޑާއަށް ނިކުމެ ވަޑައިގެން ދުރުގައިތިބި މީހުންނާއި އަތޮޅުވެރިން ކުރިމައްޗަށް ގެންނަވާފައި ޔޫސުފްކޮޔާ ދިމާލަށް:-
ބަންޑާރަނައިބު: ކަލޭ މިތަނަށް ގެނުވީ މިތަނަށްް އުފުލިފައިވާ ޝަރިޢަތެއްގައި މުދިމުކަލޭގެޔާ އަތޮޅުވެރިންނާ ދޭތެރޭ ކަތީބުތަކުރުފާނު ކުރައްވާ ދަޢުވާއެއްގެ ހެކިބަހެއް އަހައި އޮޅުންފިލުވައިލާން ވެގެން. މިތަނުން ކުރައްވާ ސުވާލަކަށް އެނގިހުރި ގޮތަކަށް ދޮގުނުލައި ޖަވާބުދީފާނޫތަ؟ އެކަކީ ސަރުކާރުން ފޮނުއްވާފައިހުރި އަތޮޅުވެރިއެއްކަން އަނެކަކީ މުދިމުބޭކަލަކުކަން ކަލެއަށް އެނގެއެނުން؟
ޔޫސުފުކޮއި: އާދެ!
ބަންޑާރަނައިބު: ކަލޭ އެއްވެސް އިރެއްގައި މުދިމުކަލޭގެ ގޭގައި ބަނޑޭރިއަކަށް އުޅުނީމުތަ؟
ޔޫސުފްކޮއި: އާދެ! އުޅުނިން.
ބަންޑާރަނައިބު: ކަލޭ އެކަމުން ވަަކިވީފަހުން ކިހައިދުވަހެއް؟
ޔޫސުފުކޮއި: އަހަރަކާއި ހަމަސްދުވަސް.
ބަންޑާރަނައިބު: މުދިމުކަލޭގެ އަތޮޅުވެރިންގެ ރަށަށް ވަރުވާނުދައްކައި އޮންނާނީ ކިތައްމަސް ދުވަސް. މުދިމު ކަލޭގެ އަތޮޅުވެރިންނަށް އެއްވެސް
ލާރިޔަކަށް ދަރައި އޮތްކަން ނުވަތަ ނެތް ކަން ދެނަ ހުރީމުތަ؟
ޔޫސުފުކޮއި: އަޅުގަނޑު ނުދެނަހުރިން. އަޅުގަނޑު ވަކިވިއިރަކު އެންމެ ލާރިއަކަށްވެސް ދަރައެއް ނޯންނާނެ. އެއްމަސްދުވަހުގެ ވަރުވާ އޮންނާނީ އިތުރަށްވެސް ދައްކާފައި. ދެރިއްޔާ ދަރާފައި އޮންނާނީ އަޅުގަނޑު ވަކިވީފަހުން.
ބަންޑާރަނައިބު: އަތޮޅުވެރިންނަށް މުދިމުކަލޭގެ ދެރީ މީނާ އުޅެނިކޮށްތަ؟ ނޫނީ ވަކިވީފަހުންތަ؟
އަތޮޅުވެރިން: އެއިގެކުރި!........ ފަހުން..!
ކަތީބުތަކުރުފާނު: އެވާހަކަ ދެކެވޭންފެށި ފަހުން މާގިނަދުވަސްތަކެއްނުވޭ! މީނާ ވަކިވީފަހުން ދެރިދެރުމެއް ވިއްޔާ އެއްހާސް ރުފިޔާއަށް ދަރާހައެއް އަދިއެއްނުވޭ. އޭގެފަހުންވެސް ކިތައްމެ މަހަކު ވަރުވާ ދެއްކިކަން ދަންނަ މީހުން އުޅޭ.
މުދިމުކަލޭގެ: އަތޮޅުވެރިން އެއުޅުއްވަނީ ބަލި ހަނދާނެއްގައި އެއީ މީނާ އަޅުގަނޑުގެ ގެއިން ނުދަނީސް ދަރާފައިއޮތް އެތައްމަސް ދުވަހަކާވެސް އެކުގައި.
ކަތީބުތަކުރުފާނު: އެގޮތެއް އެނގިލައްވައިފާނެ. އަތޮޅުވެރިން އަތުގަޔާއި މުދިމުކަލޭގެ އަތުގައި ވަރުވާގެ ރަސީދުތައް ހުންނާނެއެއް ނޫންތޯ؟ އެއިން ބެއްލެވީމާ ދަރާންފެށި ދުވަސްވަރެއް އެނގިލައްވައިފާނެ.
ބަންޑާރަނައިބު: އަތޮޅުވެރިން ވަރުވާ ބަލައިގެންފައިދޭ ރަސީދުތަކުގެ ނަކަލުފޮތެއް އޮވޭތަ؟ އޮންނަންޏާ ހިފައިގެން ދުރުވޭ. މުދިމުކަލޭގެ އަތުގައި އޭގެ އެއްވެސް ލިޔުމެއް އެބައޮއްތަ؟
މުދިމުކަލޭގެ އާދެއޭ ދަންނަވާފައި ޖީބުން އެތައްގިނަ ކަރުދާސްތަކެއް ނަންގަވައި އެބޭފުޅުންގެ އަތްޕުޅަށް އަރުވައިފިއެވެ. އެބޭފުޅުން ބެއްލެވިއިރު މުދިމުކަލޭގެ ރަށް ލިޔުއްވީސުރެ ވަރުވާއަށް ދެއްކި ތަކެތީގެ ރަސީދުތަކެވެ. އެކަމަކު ފަހަކަށް އައިސް ދެއަހަރެއްހައި ދުވަހުގެ ރަސީދު ނެތިފައި ދެން އޮތީ ހަތްމަސްދުވަހުގެ ދަރަނިވަރުވާ ދެއްކި ރަސީދެވެ. އޭގެފަހުން އެދުވަހާޖެހެންދެން ހުރިހައި މަހެއްގެ ރަސީދުތައް ހުއްޓެވެ.
އަތޮޅުވެރިން ދުރުވެފައި އެތައް އިރެއްވީފަހުން ހިފައިގެން އައި ފޮތެއްގެ ހީރަސް ކޮށާލާފައިވާކަމުން ގަނޑުތައް އޮތީ އޮޅުންބޮޅުން ވެފައެވެ. މުދިމުކަލޭގެ އަތުގައިނެތް ރަސީދުން ބަޔަކާއި ހުރި ރަސީދުނެތިފައިވެސް ހުއްޓެވެ. އަތޮޅުވެރިންގެ ފޮތުން އެނގެނީ މުދިމުކަލޭގެ އަތޮޅުވެރިންނަށް ދެރިނަމަ ދަރާންފަށާފައިއޮތީ ޔޫސުފުކޮއި އެގޭގައި ހުއްޓާކަމެވެ. އެއީ މުދިމުކަލޭގެ އަތުގައި ނެތް ރަސީދުތަކެއް އަތޮޅުވެރިންގެ ގަނޑުތަކުންވެސް ނުފެނުނު ކަމަށްޓަކައެވެ. ދެން:-
ބަންޑާރަނައިބު: ޔޫސުފުކޮޔާ ދިމާލަށް، ކަލޭތިޔަބުނަނީ ތިމަންނާ މުދިމުކަލޭގެ ގެއިން ނިކުތްއިރަކު އަތޮޅުވެރިންނަށް ދަރާފައެއް ނޯންނާނެޔޭ. ބަލަ މިހިރަ ރަސީދުތަކަކުން އެކަމެއް ސާބިތެއް ނުވެޔޭ. ކަލެއަށް ސާބިތުކޮށްދެވިދާނެތަ؟ ސާބިތުކޮށްނުދެވިއްޖެނަމަ ކަލެއަށް ވާނެގޮތެއް ދެނަހުރީމުތަ؟ ރަށްރަށުގެ ވެރިންނާ އަތޮޅުވެރިންނާ ދޭތެރޭ ތިޔަކަހަލަ ވާހަކަ ދެއްކުމަކީ ކުޑަކުޑަ ކަމެއްނޫންކަން ވިސްނާތި. ސާބިތުކޮށްދެވިދާނެތަ؟
ޔޫސުފްކޮއި: ހަރުވާޅު ޖީބުން ކަރުދާސްތަކެއް ދަމައިގަންނަމުން ، އާދެ! އެޔަކީ އެދެބޭކަލުންނާ ދޭތެރޭ އަޅުގަނޑު ދެއްކި ދޮގުވާހަކައެއް ނޫން. މިހުރީ އަޅުގަނޑު އެގެއިން ނިކުތްތާ ދެއަހަރު ކުރީއްސުރެ ދައްކާފައިހުރި ވަރުވާގެ ރަސީދު . މީގައި މިހުރީ އަތޮޅުވެރިންގެ ސޮއި ދެން މުދިމުކަލޭގެ އެދެއްކެވި ދަރަނި އަދާކުރި ސިޓީގެ ތާރީޚާ މިސިޓީތަކުގެ ތާރީޚުތައްވެސް ބައްލަވާ! އޭރުން އެނގިވަޑައިގެންފާނެ އެދަންނަވާ ދަރަންޏަކީ ކޮންކޮން އެއްޗެއްކަން!
ކުއްލިއަކަށް މުދިމުކަލެގެ ފެށީ ރޫރުލާށެވެ. އަތޮޅުވެރިން އެރީ ގަބެވެ. އެބޭފުޅުން ސިޓީތައް ބައްލަވާފައި ހުރިހާ ސިޓީތައް ހިއްޕަވައިގެން ވެންނެވީ އެތެރެއަށެވެ. ދެން އެތައްއިރެއްވީފަހުން ނިކުންނަވާފައި ޔޫސުފްކޮއި ދިން ރަސީދުތައް އެއީ އަތޮޅުވެރިން ލިޔުއްވި ރަސީދުތަކެއްތޯ އައްސަވައިފިއެވެ. އަތޮޅުވެރިން ދައްކާނޭ އެއްވެސް ބަހަނާއެއްނެތެވެ. އަތުންކުރި ސޮއިއޮތީ ދިމާއަށެވެ. އެހެން ރަސީދުތަކުގައިވެސް ހަމަހުރި ސޮޔެވެ. ޚިޔާނާތްތެރިވި ކަމުގެ މައްޗަށް އިޢުތިރާފްވުންނޫން އޮތީ ކޮންގޮތެއްތޯއެވެ؟ މުދިމްކަލޭގެ މުސްކުޅިކަމާއެކު ލާ ރޫރުގެ ސަބަބުން އަނގައިން ބޮއްބޮއް ތަކެއް ލައްވާފައި އަޅުގަނޑު އަތޮޅުވެރިން ހަދިޔާ.... އޭ ކިޔާފައި ބުނާންއުޅުނު އެއްޗެއް ނުވެސްބުނެވުނެވެ.
އަތުޅުވެރިންނާ މުދިމުކަލޭގެ ޚިޔާނާތްތެރިކަން ދައުލަތަށް ސާބިތުވިއެވެ. ދޭވާންޏަށް ގޮވާލައްވާފައި 19 އެތިފަހަރުން އަތޮޅުވެރިން ތަޢުޒީރު ކުރައްވައި އަތޮޅުނަންގަވައި މުސާރަވެސް ކަނޑުއްވާ ލައްވާފައި ފޮނުއްވާލައްވައިފިއެވެ. މުދިމުކަލޭގެ މުސްކުޅި ޙާލުކަމުން ތެޅުމަކާނުލައި ދެބަފައިންނަށް އޮތް މުދިމުކަން ނެންގެވީއެވެ. ކަތީބުތަކުރުފާނު ރަށަށްނުގޮސް އަދިވެސް ހުންނަން އެންގެވީއެވެ.
(ނުނިމޭ)