www.fanvai.info

Print

ރަންނަމާރިއަކީ ކާކު؟

ޝާޢިއުކުރީ ޝާޒް (ތަޖޫބެ) . ހިމެނޭބަޔަކީ ތާރީޚް

ރާއްޖެ އިސްލާމްވީ ވާހަކާގައި އެބުނާ ރަންނަމާރި އަކީ ކާކުބާވައެވެ؟ މިއީ ރަންނަމާރީގެ “ފުލޯކު” ވާހަކަ އާއި ބެހޭގޮތުން އެންމެ ގިނައިން މީހުންކުރާ އެއް ސުވާލެވެ. އެއްބަޔަކު ބުނަނީ ރަންނަމާރިއަކީ ކަނޑުން އެރި ފުރޭތައެއް ކަމަށެވެ. އަނެއްބަޔަކު ބުނަނީއެއީ ކޮންމެ މަހަކު އެއްފަހަރު ބޭރު ޤައުމަކުން އަންނަ “ނަވެއް” ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެރަންނަމާރިއަކީ ރަސްގެފާނުކަމަށެވެ. މިރަންނަމާރީގެ ވާހަކައަކީ 100% ދޮގެއްކަމަށް އެއްބަޔަކު ބުނާއިރު މީގައި ހަޤީގަތްތަކެއް އެކުލެވިގެންވާކަމަށް އަނެއްބަޔަކު ބުނަމުން ގެންދެއެވެ. 


 ދިވެހިރާއްޖޭއާއި ބެހޭ ތާރީޚީ ގިނަ ވާހަކަތަކަކީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައިވާ ވާހަކަތަކެއް ކަމީ ހަމަކޮންމެ މީހަކުވެސް އެއްބަސްވާނޭ ހަޤީގަތެކެވެ. ދިވެހި ޤައުމާއި ދީނުގެ ހައްޤުގައި ޝަހީދުވެގެން ދިޔަ އަލިރަސްގެފާނު ވާހަކަ ކިޔާއިރު ކ.ވިލިނގިލީގައި ރުކެއްގައިއޮތް ރާބެއަކަށް އަލިރަސްގެފާނު ފެންފޮދަކަށް ބޭނުންފުޅުވެފައިވާ ހާލުކޮޅުގައި ހަނގުރާމައިގެ މައިދާނުގައި ހުންނަވަނިކޮށް ފެނުމާއި، ރާބެ ފަތާފައި އައިސް ފެންފޮދު އެރުވުންފަދަ، ބޮޑުތަކުރުފާނު ވާހަކާގައި ދަންޑެހެލު ބޯމަތިން ކަނޅުއޮށްފުންމި ކުނބު އެނބުރިކަމަށް ބުނާ ވާހަކަ ފަދަ، ކޮމަންޑޫ މެދުން ބުރިކޮށްލާފައި ކަޅުއޮށްފުންމި ދިއުންފަދަ، ތަށި ފަދަ ތަކެތި ރާބާލަން ދާއިރު ރާބެއެއްގެ އަތުގައި ނުހުންނާނޭ ޒަމާނެއްގައި ޙަބުޝީގެފާނު ޅ.ކުރެންދޫއަށް އަރުވާލެވުނު ދުވަހު ކުރެންދޫ ރާބެ 02 ތަށި ދޯރާ ޙަބުޝީގެފާނަށް އެރުވިކަމަށް ތާރީޚްގައި ލިޔެފައި އޮތުންފަދަ ހާދިސާތަކަކީ ތާރީޚް ލިޔާމީހާ ނުވަތަ ވާހަކަ ކިޔައިދޭ މީހާ ވާހަކައިގެ ބަޠަލްގެ ހައިބަތު ދައްކުވައިދޭން ނުވަތަ އަޑުއަހާ މީހާ އިތުރަށް ޝައުޤުވެރި ކުރުވުމަށްޓަކައި “އަޅާފައިވާ ފޮނިތޮށި ކާފޫރުތޮޅި” ކަމުގައި ދެންނެވުމަކީ ކަމުގެ ހަޤީގަތާއި ދުރަށްދެވުންކަމަށް އަޅުގަނޑެއް ނުދެކެމެވެ. ވަރަށްބޮޑަށް މަޢާފުކުރަށްވާށެވެ. އަލިރަސްގެފާނު ޕޯޗްގީޒުންނާއި ދެކޮޅަށް ކުރެއްވި ވަރުގަދަ ޖިހާދާއި ބޮޑުތަކުރުފާނު ދީނާއި ޤައުމުގެ ޙައްޤުގައި ރެޔާއި ދުވާލު ވެވަޑައިގެން ވަރުގަދަ ޤުރުބާނީއާއި އެންމެ ތަންފުކެއްވެސް ދޫނުކޮށް ދަންޑެހެލު އެބޭފުޅާގެ ފަަހަތްޕުޅުގައި ހުންނަވައިގެން ކުރެއްވި ހިތްވަރާއި މިންނެތް މަސައްކަތް މަތިން އަޅުގަނޑު ފަހަރެއްގައިވެސް ހަނދާނެއް ނުނެތެއެވެ. އަދި ރާއްޖޭގެ ތާރީޚް ލިޔުއްވި ބޭބޭފުޅުންގެ އެ އިޚްލާޞްތެރި ޙިދުމަތަކީ ޝުކުރުއަދާކޮށް ކޮޅުން ނުލާނޭ ޚިދުމަތެއްކަން އަޅުގަނޑު ދަންނަމެވެ. 
 
ތާރީޚީ ވާހަކަތަކުގައި ލޮނުމަޑު ދިމަދިމާލުގައި ލޮނުހެޔޮވަރުކޮށްލުމަކީ ހަމައެކަނި ދިވެހިން ކޮށްއުޅޭ ކަމެއް ނޫނެވެ. މިކަމުގެ ހެއްކަކަށް ރާއްޖޭގައި ކިޔާއުޅޭ ރަންނަމާއި ވާހަކަ ފުދެއެވެ. ރާއްޖެ އިސްލާމްވާން ދިމާވި ގޮތްކަމަށް ކިޔާ އުޅޭ މިވާހަކައާއި ދާދި އެއްފާޑެއްގެ ވާހަކަތަކެއް އިންޑިޔާގެ އޮޅީސާ އާއި އެހިސާބުގެ ރަށްތަކުގައިވެސް ކިޔާއުޅެއެވެ. މީގެ އަށްސަތޭކަ ހަތްދިޔަ އަހަރު ކުރިން ރާއްޖެ އިސްލާމް ވުމާއި ހަމައަށް ރާއްޖޭގައި އޮތީ ވަޖްރަޔާނާ ބްޑިޒަމްއެވެ. އިންޑިޔާގެ އޮޅީސާއާއި އެހިސާބު ގަނޑުގައިވެސް އޮތީ ރާއްޖެއާއި އެއްދީނެކެވެ. އެއް މަޒުހަބެކެވެ. މީލާދީން 1153 ގައި ރާއްޖެ އިސްލާމުވި ސަބަބުކަމަށް ބުނެ ކިޔެމުން އަންނަ ރަންނަމާރި ވާހަކަ އާއި ރާއްޖޭގައި އޮތް ބުދުދީނުގެ އެއް މަޒުހަބެއް ޙިއްސާ ކުރަމުން އައި އޮޅީސާ ފަދަ ތަންތަނުގައި ކިޔެމުންއައި ވާހަަކަތައްވެސް ގުޅިފައި އޮންނަނީ އެވެރިންގެ ފައްޅިތަކާއެވެ. މީގެ ގިނަ ވާހަކަތަކުގައިވެސް ބިކުރުވެރި އަންހެންކުދިން ކުރާ ޤުރުބާނީތަކެއްގެ ވާހަކަ އައިސްފައި ވުމުން މިއީ އެދުވަސްވަރު ބުދުދީނުގެ ފާދިރީން އެމީހުންގެ އަމިއްލަ ދުނިޔަވީ ވަޙްޝީ ގޮތްތަކެއް ތަޢާރަފްކުރި ކުރުމެއް ކަމުގައި ބެލެވިދާނެއެވެ. ކޮންމެ މަހަކު ބިކުރުވެރި އަންެހެން ކުއްޖަކު ގުރުބާންކުރަން ފައްޅިއަށް ގެންދަން ޖެހުމުން އާބާދީ ކުޑަ މާލޭގެ ރައްޔިތުންނަށް ބޮޑު އަނިޔާއަކަށް ނޫނީ ނުވާނެއެވެ. މި އަނިޔާއާއި ބަދުނަޞީބުގެ ސަބަބުން ބުދުދީނުގެ މަތިން ފޫހިވެ މާޔޫސްވިބަޔަކުވެސް ތިބޭނެއެވެ. މިފަަދަ ޙާލެއްގައި ރޯލަރޯލާ ދިވެހިން ތިއްބާ އިސްލާމްދީނުގެ ރިވެތި އިންސާފްވެރި ގޮތްތަކެއް ހިއްޕަވައިގެން ދަންނަބޭކަލަކު ވަޑައިގެން “އަލިމަގެއް” ދައްކަވައިފިނަމަ އެއަލިމަގު އިޚްތިޔާރު ކުރާނެ ބަޔަކު ތިބޭނެކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ. ދިވެހި ޤައުމަށް އޭރު ދިމާވެފައިވާ މުޞީބާތާމެދު އެންމެ ކަންބޮޑުވެ ވަޑައިގަންނަވާނެ އެއްބޭފުޅަކީ އޭރު ތަޚުތުގައި އިންނެވި ސްރީ ބަވަނާދީއްތަ މަހާރަދުންކަން ކަށަވަރެވެ. މުވާއެކު އިންސާފާއި ހަމަހަމަކަން ފެނި އިސްލާމްދީނުގެ މަތިވެރިކަން އެނގި އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީގެ އަތްޕުޅު މައްޗަށް އެންމެ ފުރަތަމަ އިސްލާމްވި ދިވެހިންގެ ތެރޭގައި ރަސްގެފާނު ހިމެނިވަޑައިގަތުމަކީ ނުވުމަކަށްވުރެ ވުން ގާތްކަމެކެވެ.
 ރާއްޖޭގެ ރަދުންނާއި ރައްޔިތުންގެ ތެރެއިން ބަޔަކު އިސްލާމްވިއެއްކަމަކު ބުދުދީނުގައި ދޫނުކޮށް ހިފެހެއްޓި ބަޔަކާއި އެދީނުގެ ހާމުދުރުން އޭރުވެސް ތިބޭނެއެވެ. އެމީހުން އޭރުވެސް ވާނީ ޤަދަރުވެރި އަބުރުވެރި ބަޔަކަށެވެ. ވުމާއިއެކު އެމީހުން “ހޭވި ހަޑި” ތަކެއްގެ ވާހަކަ ބުނުމަށްވުރެ އޭރު ތިބި ދިވެހިންނަށް ފަސޭހަވާނީ “އެކަން ކޮންމެވެސް ފުރޭތައަކާއި ނުވަތަ ހަންޑިއަކާއި ޙަވާލު ކުރުމެވެ. އެއީ އެއްގޮތެވެ. އަނެއް ގޮތަކީ ފާދިރީން “ބުއްދާގެ ނިވަލުގައި” ތިބެ އަވަޙްޝީ ޢަމަލު ހިންގުމަށްޓަކައި ފުރަތަމަ ދުވަހުންފެށިގެން ޚިޔާލީ ފުރޭތައެއް ގެންގުޅުމެވެ. އެޒަމާނަކީ ނޭނގުމުގެ އަނދިރި ކަމުގެ ޒަމާނެއް ކަމުން މީހުންގެ ލޮލުގައި މިފަދަ އަނދުނެއް އެޅުވުމަކީ މާ އުނދަގޫކަމަކަށް ނުވާނެއެވެ.


ޒަމާނުއްސުރެ ރަންނަމާރީގެ ވާހަކަ ކިޔާގޮތް
 
ދިވެހިރާއްޖެ އިސްލާމްވާން ދިމާވި ހާދިސާއާއި ގުޅުވައިގެން ޒަމާނުއްސުރެ ކިޔަމުންއަންނަ ފުލޯކް ވާހަކައެއް އޮވެއެވެ. މިވާހަކައިގެ ކުރު ޚުލާޞާއަކީ މަޢްރިބު ކަރައިގެ ބޭކަލެއްކަމަށްވާ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ  ކީރިތި ޤުރުއާން ކިޔަވާވިދާޅުވި އަޑު އިވިގެން މަހަކު އެއްފަހަރު ކަނޑުންއެރި ރަންނަމާރިއެއް ކަނޑަށް ޣަރަގުވެގެން ދިއުމެވެ. ތިރީގައި މިލިޔެލަނީ އެޒަމާނުއްސުރެ އެވާހަކަ ތުންތުންމަތިން ކިޔެމުން އަންނަ ގޮތެވެ. ހަސަންތާޖުއްދީން އާއި އިބުނި ބަޠޫތާމެން ފަދަ މުސައްނިފުން އެމީހުންގެ ތާރީޚީ ލިޔުއްވުންތަކުގައި މިވާހަކަ ލިޔުއްވާފައިވަނީވެސް ގާތްގަނޑަކަށް މިކަހަލަ ގޮތަކަށެވެ.


އެޒަމާނުގައި  ރާއްޖޭގައިތިބީ ހުސް ކާފަރުންނޯ. އެދުވަސްވަރު ކޮންމެ މަހެއްގެވެސް ވަކިރެއަކު ކަނޑުން ރަންނަމާރިއެއް އަރަޔޯ. ކަނޑުން އެގޮލާ އަރައިގެން އަންނަ އިރު ހީވާނީ ދިއްލާއަޅާފައިއޮންނަ ނަވެއް އަންނަހެންނޯ. މިރަންނަމާރި އަރާރެޔަށް ބިކުރުވެރި އަންހެންކުއްޖަކު ނަލަހައްދައިގެން ގެންގޮސް އަތިރިމަތީގައި ހުންނަ ބުދުކޯލެއްގެ ކައިރީ ބައިންދާނެޔޯ. އިރުއަރާއިރު އެކުއްޖާ އޮންނާނީ ބިކުރުވެރިކަން ފިލުވާލުމަށްފަހު މަރާލާފަޔޯ. މިގޮތަށް ގެންދާ ކުއްޖާ ހޮވަނީ ގުރުއަތުލައިގެންނޯ. މިބޮޑު މުޞީބާތުގައި މާލޭގެ ރައްޔިތުން އުޅެނިކޮށް މަޣްރިބު ކަރައިގެ ބޭކަލެއް ކަމަށްވާ އަބުލް ބަރަކާތުލް ބަރުބަރީގެފާނު މާލެ ވަޑައިގެންނެވިޔޯ. މިއީ ވަލީވެރި ބޭކަލެކޯ. މިކަލޭގެފާނު ހުންނެވިގޭ އަންހެންކުއްޖާ ގުރުއަތުން ހޮވިގެން އޭނާގެ ބަދަލަށް ބުދުކޯލަށް ވަޑައިގެންނެވީ މިކަލޭގެފާނޯ. ދެން އެކަލޭގެފާނު ޤުރުއާން ކިޔަވާ ވިދާޅުވާން އިންނަވަނިކޮށް އެއްކަލަ ގޮލާ ކަނޑުންއަރާ، ޤުރުއާން ކިޔަވާ އަޑުއިވިގެން ކަނޑަށް ގެނބިގެން ދިޔައީޔޯ. ފަތިސްވުމުން ރަށުގެ ރައްޔިތުން އެބުދުކޯލު ކައިރިއަށް ދިޔައިރު އެކަލޭގެފާނު ސަލާމަތުން ކިޔަވާ ވިދާޅުވާން އިންނެވިޔޯ. މިމީހުން މިކަން ފެނި އަޖައިބުވެގެން މިކަލޭގެފާނާއެކު ރާޖާގެ އަރިހަށްގޮސް، މިވާހަކަ ދަންނަވައިފިޔޯ. ދެން އެކަލޭގެފާނުން، ރާޖާ މަހާކަލަމިންޖާއަށް ދީނަށްގޮވާލެއްވުމުން، ޖެހިގެންއަންނަ މަހު ރަންނަމާރި ނާރާފިނަމަ އިސްލާމްވާން ރާޖާ މަހާކަލަމިންޖާ އެއްބަސްވެ ވަޑައިގެންނެވިޔޯ. އެހެންނަމަވެސް ގިނަ ދުވަސްތަކެއްނުވެ ދާދިއަވަހަށް އިސްލާމްދީނުގެ ބަރަކާތްތެރިކަންެފެނި ރާޖާ އިސްލާމްވެ ވަޑައިގެންނެވިޔޯ.

www.fanvai.info