އަދުގެ ޚާއްސަ

Print

ފުލުހުންގެ ނަމުގެ އުފެދުމާއި މަސައްކަތުގެ ފެށުން

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތާރީޚް


ފުލުސް


 ޝާކިރު

ފުލުހުންގެ ޚިދުމަތީ އިންސާނީ ތާރީޚުހާ ދޮށީ ޚިދުމަތެކެވެ. މި ބިމުގައި އިންސާނާ ގާއިމުވެ އުޅެން ފެށިދުވަހުން ފެށިގެންވެސް އެބައިމީހުންގެ ތެރޭގައި އަމާންކަން ދެމިއޮންނަން ބޭނުންވާނެކަން ގަބޫލުކުރާބަޔަކު އުޅޭނެކަން ކަށަވަރެވެ. މި ބިމުގައި އިންސާނުންގެ އާބާދީ ބޮޑުވެ ގަބީލާތަކަށް ބައިވެ އެބައިމީހުން ބިމުގެ ކަންކޮޅުތަކަށް ފެެތުރިގެން ދިއުމުން މި ދެންނެވި އަމާންކަން އޮންނަންޖެހޭ މިންވަރު އިތުރުވެ އެކަމުގައި އެ ގަބީލާއެއްގެ ވެރިއަކަށް ހުންނަ މީހަކަށް އެހީތެރިވާނެ ބަޔަކު އެބައެއްގެ ތެރެއިން ނުކުންނާނެކަމީ ޝައްކެތްނެތި އެނގޭ ކަމެކެވެ.

ފަސްވަނަ ޤަރުނުގައި ފުލުހުންގެ މަސައްކަތަކީ ގަބީލާތަކުގެ ވެރިންނާއި ގައުމުތަކުގެ ވެރިންގެ މަސައްކަތެކެވެ.

އެވޭލާ ޔޫނާނީންގެ މެޖިސްޓްރޭޓްން އަސީރުން ފުލުހުންގެ ގޮތުގައި ގެންގުޅެފައި ވެއެވެ. މިމީހުން ލައްވާ ޕަބްލިކް މީޓިންގ ތަކުގައި ކުރައުޑް ކޮންޓްރޯލުކުރުވާ ކުށްވެރިންނާ ކުރިމަތިކުރުވާ ގައިދީން ބެލެހެއްޓުވުމުގެ މަސައްކަތްކުރުވައި މީހުން ހައްޔަރު ކުރުވާފައިވެއެވެ.

އެވޭލާ ޗައިނާގެ ޕްރިފެކްޓް ނިޒާމް ތަރައްގީކުރެވި ސިވިލް އެޑްމިނިސްޓްރޭޝަން ގާއިމު ކުރެވިފައިވެއެވެ. މިޒަމާނުގައި ފުލުހުން މައްސަލަތައް ޖަޖަށް ރިޕޯޓްކުރަމުން ގެންދާ އުސޫލުން ޕްރިފެކްޓް   އިން މައްސަލަތައް ލޯކަލް މެޖިސްޓްރޭޓަށް ހުށައަޅަމުން ގެންގޮސްފައިވެއެވެ.

މި ކޮންސެޕްޓްގެ ދަށުން މަޑުމަޑުން ފުލުހުންގެ ޚިދުމަތުގައި ޕްރިފެކްޗަރ ސިސްޓަމް ތަރައްގީވެގެން އައިސް އެހެނިހެން ސަގާފަތުގެ ތެރެއަށް ވަދެގެން ދިއައީއެވެ.

އޮގަސްޓަސް ގެ ވެރިކަމުގައި ރޯމްގެ ވެރިކަންކުރާ ރަށުގައި ދިރިއުޅޭ މިލިއަނެއްހާ މީހުން، އޮގަސްޓަސް 14 ބިސީއަށް ބަހާލިއެވެ. މި ބިސީތައް ބެލެހެއްޓުމަށް އެއްހާސް މީހުންގެ ހަތް ގެމައަށް ބަހާލައި އެމީހުނަށް vigiles ކިޔާ ނަންދިނެވެ. މިމީހުނާއި ހަވާލުވެފައިވަނީ އަލިފާނުގެ ހާދިސާ ތަކުން މީހުން ސަލާމަތްކުރުމާއި ރޭގަނޑު ރަށުތެރެ ބެލެހެއްޓުމެވެ.   ބޭނުން ޖެހިއްޖެ ހާލަތެއްގައި މިމީހުން Praetorian Guard  ޕްރެޓޯރިއަން ގާރޑަށް އެހީތެރިވުމަށް ނެރެއެވެ.

އެންގަލޯ ސެކްސަން ސިސްޓަމްގައި އިޖުތިމާއީ ހަމަޖެހުމަކީ ނޯމަން އިން އެތަން ހިފުމާއިހަމައަށް ގާނޫނުގައިވާ ގޮތުގެމަތިން ތަނުގެ އަމަން ބެލެހެއްޓުމާއި ކްރިސްތިއަން ދީނުގެ ރާހިބުންނަށް އާންމުންގެ އަތުންލިބެންޖެހޭ ތަކެތި އަތުލުމަށް ރައިއްޔަތުން މަތިކޮށްފައި ހުންނަ މީހަކުކުރަމުން އައިކަމެކެވެ. ތަނުގެ އަމަން ގާއިމުކޮށް ބެލެހެއްޓުމަކީ އެންމެ އާންމުގޮތެއްގައި އެމީހުންގެ މާތްމީހުންނާއި އިއްޒަތްތެރިންގެ ޒިންމާއެކެވެ. ގިނަފަހަރަށް ގާނޫނު ތަންފީޒުކުރުމަށް ހަވާލުކޮށްފައި ހުންނަމީހަކީ މުސާރައެއް ދެވޭމީހެއް ނޫނެވެ.

ލަންޑަންގައި އިނގިރޭސިވިލާތުގެ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ގޮތުން މުސާރައެއް ދީގެން މަސައްކަތްކުރީ "ނައިޓްވޮޗްމޭން" އެވެ. މިމީހުނަށް އެހީތެރިވުމަށް މުސާރައެއް ނުލިބޭ ބައެއްގެ ގޮތުގައި ކޮންސްޓަބަލް އިން މަސައްކަތްކުރިއެވެ. މިމީހުން 1663 އަހަރާ ޖެހެންދެން މަގުތައް ބެލެހެއްޓުމުގައި މަސައްކަތްކުރިއެވެ.

މިޒަމާނުގެ ގޮތަށް ފުރަތަމަ ފުލުހުންގެ ލަސްކަރެއް އުފެއްދީ 1667 ވަނަ އަހަރު ޕެރިސް ގައި King Louis XIV އެވެ.

މެޓްރޯޕޮލިޓަން ޕޮލިސް އެކްޓް ފާސްކުރީ 1829 ވަނަ އަހަރު ސެޕްޓެމްބަރ 29 ވަނަ ދުވަހުއެވެ.

އިންޑިއާގެ ގަދީމުތާރީޚުން ފެންނަގޮތުގައި Vedic  ޒަމާނުއްސުރެ ފެށިގެންވެސް ގާނޫނު ތަންފީޒުކުރާ މުއައްސަސާތައް ހުރިކަން އެނގެއެވެ.
މުޣަލްގެ ވެރިކަން އިންޑިއާގައި އޮތް ދުވަސްވަރުވެސް ފުލުހުންގެ ޚިދުމަތް ދީފައިވެއެވެ.

އިންޑިއާގެ މިޒަމާނުގެ ޕޮލިސިން ކޮންސެޕްޓްގެ ބައްޕައަކީ Kautilya  އެވެ. Mauryan Epire  ގެ ދުވަސް ވަރު އެޑްމިނިސްޓްރޭޓިވް އިންސްޓިޓިއުޝަންއެއްގެ ގޮތުގައި ޕޮލިސް ޑިޕާޓްމަންޓް ފުރިހަމައަށް މަސައްކަތް ކުރަން ފަށާފައި ވެއެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން 1948 ވަނަ އަހަރު މިނިވަންކަން ލިބެދެން އިންޑިއާގައި އިސްތިޢުމާރީ ފުލުހުންގެ ޚިދުމަތްއޮތެވެ. ނުވަތަ އޮތީ އިމްޕީރިއަލް ޕޮލިސް ސާރވީސް އެވެ. އިންޑިއާއަށް މިނިވަންކަން ލިބުމާއެކު އިންޑިއާގައި އިމްޕީރިއަލް ޕޮލިސްގެ ބަދަލުގައި ބަހާރަތިޔާ ޕޮލިސް ސޭވާ (އިންޑިއަން ޕޮލިސް ނުވަތަ IPS ) އުފެދިގެން ދިއައެވެ.

ސިރީ ލަންކާގައި ޕޮލިސްގެ ޚިދުމަތް ފެށުނީ 1658-1602 ވަނަ އަހަރު ޑަޗް މީހުން ސިރީ ލަންކާގެ ޖަފަނާ ޕެނިސިއުލާ އިސްތިއުމާރުކޮށްގެން ތިބި ދުވަސްވަރުއެވެ. ކޮލަމްބޯގެ ޑިސާވާ Disawa of Colombo ގައި Hulfsdorp ހަލްފްޓްސްޑޯޕް ގައި ޑަޗް އޮފިޝިއަލުން އެސަރަހައްދުގައި ޕޮލިސް ސްޓޭޝަންތައް ހިންގިއެވެ. 1659 ވަނަ އަހަރު ކޮލަމްބޯ މުނިސިޕަލް ކައުންސިލުން ރޭގަނޑު ރަށުތެރެ ބަލަހައްޓާ މީހުންނަށް މުސާރަ ދިނެވެ. މިއީ ފުލުހުން ގެ ފެށުންކަމުގައި ބެލިދާނެއެވެ.

ޑަޗް އިސްތިޢުމާރު ބަލިކޮށް އިނގިރޭސި އިސްތިޢުމާރު ސްރީލަންކާއަށް ވެރިވެގަތީ 1796 ފެބުރުއަރީ 16 ގައެވެ. އެއަށް ފަހު ދުވަސްކޮޅެއްވަންދެން އިނގިރޭސި އަސްކަރީ ބާރުތަކުން ސިލޯނުގައި ލޯ އެންޑް އޯޑަރ ބެލެހެއްޓުމަށްފަހު 1797 ވަނަ އަހަރު އޮފީސް އޮފް ދަ ފިސްކަލް އުފެއްދުމަށްފަހު އެ އޮފީހުގެ ބެލުމުގެ ދަށުން ފުލުހުންގެ މަސައްކަތް ކުރަންފެށިއެވެ. 1805 ވަނަ އަހަރު ފުލުހުންގެ މަސައްކަތްތައް ސާފުކޮށް ކަނޑައެޅި ފުލުހުންގެ ޚިދުމަތް ދޭންފެށުނެވެ. އަދި 1806 އަހަރު ކޮލަންބޯ ސިޓީ 15 ޑިވިޝަން ބަހާލެވި އެޑިވިޝަންތަކަށް ކޮންސްޓެބަލް އައްޔަން ކުރެވުނެވެ.
ސްރީލަންކާގައި މިޒަމާނުގެ ފުލުހުންގެ ފެށުނު ތާރީޚެއް ކަމުގައި ބަލަނީ 1866  ސެޕްޓެމްބަރ 3 ވަނަ ދުވަހެވެ.

ސިލޯނުގައި ފުރަތަމަ ޕޮލިސް ސްޓޭޝަންއެއް ހެދީ ޑަޗް މީހުންނެވެ. އެމީހުން ޕޮލިސް ސްޓޭޝަން ހުޅުވީ ފޯޓަށް އުތުރުފަރާތުން ވަދެވެން ހުންނަ މަގުގައާއި ފޯޓާއި ޕެޓާއާ ގުޅޭ ހިސާބުގައާއި އަދި ޕެޓާގެ Kayman’s Gate ކޭމަންސް ގޭޓް ގައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެގައުމުތަކުގެ އަމަން ބަލަހައްޓާނެ ބަޔަކު ހުރިހާ ޒަމާނެއްގައިވެސް ތިބިހެން ދިވެހިން ތެރޭގައިވެސް އަމަން ބަލަހައްޓާނެ ބަޔަކު ތިބޭނެކަމީ ކަށަވަރުވެ އެނގޭކަމެކެވެ. އެކި ދުވަސްވަރު އެކިނަމުގައެވެ. އެކި ސިފަސިފައިގައެވެ. އެދުވަސްވަރަކާއި އެދުވަސްވަރެއްގެ ޙާލަތާއި ގުޅޭ ގޮތުންނެވެ.

އަޅުގަނޑުމެން ތެރޭގައި ކުރީޒަމާނުގެ ތާރީޚަކީ އަދި ނޭގުމުގެ ތެރޭގައިވާ އެއްޗެކެވެ. ކަމެއް ފެށިގެން އައިގޮތް އެނގެން އޮތުމުގެ އިތުރުން ރާއްޖެ އުފެދިގެން އައި ދުވަސްވަރަކާއި އިންސާނުން މިބިމުގައި ދިރިއުޅެން ފެށި ދުވަސްވަރަކާއި މިބިމުގައި ފުރަތަމަ ވަޒަންވެރިވި ބަޔަކާއި މިބިމުގައި ދިރިއުޅެމުން އަންނަ އެންމެހާ ކަތުންނަށް ދިވެހިންނޭ ކިޔާ ނަންދިން ދުވަސްވަރަކާއި ނަންދެވުނުގޮތަކާއި މިބައިމީހުންގެ މައްޗަށް އެކިދުވަސްވަރު އަމުރު މަޢުރޫފުކޮށް ވެރިކަންހިންގާ އުޅުނުބަޔަކާއި އެބައިމީހުން ވެރިކަން ކޮށް އުޅުނުގޮތަކާއި އެމީހުނަށް އެހީތެރިވެ ދިން މީހުނަށް ކިޔާ އުޅުނު ނަންނަމާއި މިފަދަ ގިނަކަންތައް އަދި ވަނީ ތަޙުގީގުގެ މަރުޙަލާގައެވެ.

އަޅުގަނޑު މިމަޒުމޫނުގައި މަސައްކަތްމިކުރަނީ ދިވެހިންތެރެއަށް "ފުލުހުން" މިބަސް އައިސް ގޮޑުވި ގޮތަކާއި އެދުވަސްވަރަކާއި މިބަހުގެ އަސްލު އުފެދިގެން އައި ބަހަކާއި މިބަހުން މާނަކުރެވޭ އެއްޗެކާއި މިކަންކަމުގެ މައްޗަށް "އަޅުގަނޑުގެ ހަމަ އިސްކޮޅުން" ބަލާ ލެވޭތޯއެވެ. މި މަޒުމޫނުގެ އަލީގައި މި މައުޟޫޢުގައި އަޅުގަނޑުގެ ފަހުން މަސައްކަތްކުރައްވާ ބޭފުޅަކަށް ކޮންމެވެސް ވަރެއްގެ ކުރިމަގެއް ފެނިގެން ހިގާދާނެ ކަމުގެ ޔަގީންކަމާއި އުންމީދުގެ އަލިކަމުގެ ތެރޭގައެވެ.

ދިވެހިންތެރޭގައި ފުލުހުންގެ ޚިދުމަތް ފެށިގެންއައީ 1933 މާޗް 29 ވަނަ ދުވަހު ރައިއްޔަތުންގެ މަޖުލިސް އިން ފާސްކުރި ގާނޫނަކުންނެވެ. މާލޭގައި ފުލުހު މީހުން ބޭތިއްބުމާބެހޭ ގާނޫން އެވެ. ގާނޫނުގެ ނަމުންވެސް ކަނޑައެޅި އެނގޭފަދައިން 1933 ވަނަ އަހަރު އުފެދިގެން މިއައި ގާނޫނަކީ ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ޢާންމުވެފައިވާ ގާނޫނެއް ނޫނެވެ. ހަމައެކަނި ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ ފުރަ މާލެއަށް ޚާއްސަވެ ކަނޑައެޅުނު ގާނޫނަކުން އުފެދިގެން އައި ބައެކެވެ.

މިހިސާބުން އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަކީ އެހެންވެއްޖިއްޔާ އޭގެ ކުރިގައި މާލޭގައި އަމަން ގާއިމު ކުރުމުގެ މަސައްކަތް ކުރި ބާވައެވެ. ނުވަތަ އެމަސައްކަތް ކުރީ ކޮންބަޔަކު ކިހިނެއް ބާވައެވެ. ރާއްޖޭގެ ރަށްތަކުގައި އަމަން ބެލެހެއްޓުމުގެ މަސައްކަތް ކުރީ ކޮންބައެއް ކިހިނެތްބާވައެވެ.
ރާއްޖޭގެ އެވޭލާ ތާރީޚުން އެނގޭގޮތުގައި އުތީމު ރަދުން ޕޯޗްގީޒު މީހުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމުގެ ކުރިންވެސް ރާއްޖޭގެ ވެރިކަން ރަމަތަކުރެއްވުމުގައި "ހަވަރު" ވެއެވެ. މި ހަވަރު ދަރަޖަތަކަކަށް ބަހައި އެކި ވަރު ތަކަށް ވަކިވަކި ނަން ދެއްވާ ކަންކަން ހަވާލުކޮށްފައިވެއެވެ. މިވިސްނުމުން ވިސްނައިފިނަމަ ރާއްޖޭގައި ފުރަތަމަ ފުލުހުންގެ މަސައްކަތްކޮށްފައިވާނީ ހަވަރު ބެހޭ ވަރުތަކުގެ ތެރެއިން އެވަގުތަކަށް އެކަމާއި ވެރިކަމުގެ ފަރާތުން މަތިކުރައްވާފައިވާ ވަރެކެވެ. ރާއްޖޭގެ ރައްތަކުގެ އަމަން ބަލަހައްޓަވާފައިވާނީވެސް މިދެންނެވި ހަވަރުގެ ތެރެއިން ކަންގަތިކޮއްޔަކުން ނުވަތަ އެނޫންވެސް ދަރަޖައަކުން ދަރަޖަ ދެއްވައިފައިވާ މީހަކު ކަނޑައަޅާ ބައެކެވެ. ނުވަތަ މަޖުލީހަށް އަރުވައި ކަލޭފާނުކަމެއް ނުވަތަ ކަލޭގެ ކަމެއް ނޫނީ ތައްކާނު ނޫނީ ތައްޚާނު ކަމެއް ދެއްވާފައިވާ ބައެކެވެ.

އަޅުގަނޑު އަޑުއަހާފައިވާ ގޮތުގައި ނަވާރަސަތޭކަ ތިރީގެ އަހަރުތަކުގައާއި ސާޅީހުގެ އަހަރުތަކުގައިވެސް މާލޭގެ އަވަށް ތަކުގައި "ހިނގާމީހުން" ނޭ ކިޔާ ބަޔަކު ސަރުކާރުން ލައްވާފައި ތިބެއެވެ. މާއިހު އެވޭލާ ޒަމާނުގައި ރޯމުގައި ވިޖިލް އުފެދިފައިވާ ގޮތަށެވެ. އަދި 1663 އަހަރާއި ޖެހެންދެން ލަންޑަން ގައި "ނައިޓް ވޮޗް" އުފައްދާފައިވާ ގޮތަށެވެ. ނޫނީ 1659 ވަނަ އަހަރު ކޮލަމްބޯ މުނިސިޕަލް ކައުންސިލުން ރޭގަނޑު ރަށުތެރެ ބަލަހައްޓާ މީހުންނަށް މުސާރަ ދީގެން ގެންގުޅުނު ގޮތަށެެވެ.

އަޅުގަނޑު އަޑުއަހާގޮތުގައި މާލޭގެ އަވަށްތަކުގައި ހިނގާމީހުން ތިބިއިރު އެމީހުންގެ މަސައްކަތަކީ ރޭގަނޑު އެގާރަޖެހުމުން އެ މީހުން އެއަވަށެއްގެ އަވަށު ހޮޓަލުން ސައިބޮއިގެން ނުކުމެ ފަތިސްނަމާދު ބަންގިގޮވަންދެން ރަށުތެރޭގައި އެއަވަށެއްގެ ބަޔަކު އެއަވަށެއްގައި ހިނގުމެވެ. މިމީހުންގެ މަސައްކަތަކީ އެއް އަވަށެއްގެ ބަޔަކު އަނެއް އަވަށަކަށް ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ގޮސްއުޅޭތޯ ބެލުމާއި ގޭގެއިން ވައްކަންކުރޭތޯ ބެލުމާއި ހިލޭ އަންހެނުންނާއި ފިރިހެނުން ނޫނީ އެއްޖިންސުގެ ދެމީހަކު ބައްދަލުކޮށް ނަހަމަ ގުޅުން ހިންގާތޯ ބެލުންފަދަ ކަންކަން ބަލައި އެފަދަކަމެއް ފެނިއްޖެނަމަ އެބައެއްގެ ރިޕޯޓް އަވަށުވެރިގެއަށް ފޮނުވުމެވެ. ރޭގަނޑު ދަންވަރަކު މީހަކު ވިހަން ތަނަށް އަރައިގެން ފޫޅުމަޔަކު ހޯދަންވިއަސް ނުވަތަ އެދުރުބޭކަލަކު ހޯދަންވިއަސް ނޫނީ މީހަކު މަރަށް ހާޟިރުވެގެން އަނެކަކަށް އަންގާލަންވިއަސް ގެއިން ބޭރަށް ނުކުމެވޭނެ ގޮތެއް ނޯވެއެވެ. ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެމީހަކު ނުކުންނަންޖެހޭނީ އަލިކަމެއް ހިފައިގެންނެވެ. އެޒަމާނަކީ މިޒަމާންފަދައިން އެލެކްޓަރިކް ޓޯޗް ގެންގުޅޭ ޒަމާނެއްނޫނެވެ. ގޭދޮރު ހިއްލާލާފައި ޖެހިގެން ހުންނަގޭގެ މީހަކަށް ގޮވާލަންވިއަސް ދާންޖެހޭނީ އަތްބައްތިއެއް، ފުޅިބައްތިއެއް ފަސްލޭނު ބައްތިއެއްް ނޫނީ ފާނޫޒެއްފަދަ އެއްޗެއްގެ އަލިކަންހިފައިގެންނެވެ.

އެންމެ ފުރަތަމަ ފުލުހުންގެ ޚިދުމަތް މިރާއްޖޭގައި ފެށިގެން އައި ދުވަސްވަރަކާއި ޚިދުމަތް ދެމުން އައި އުސޫލެއް ތާރީޚުން ސާފުކޮށް ފެންނަން ނެތްނަމަވެސް މިދެންނެވުނީ މިޒަމާނުގެ ފުލުހުންގެ ޚިދުމަތް ފެށިގެން އައި ގޮތްކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

ފުލުހުންގެ ޚިދުމަތުގެ ދޮށިކަން ފުލުހުންގެ ނަމުގެ ސިލްސިލާ ދެމެމުން އައިސްފައިވާ ގޮތަށް ބަލާލުމުން އިހުސާސް ކުރެވެއެވެ. މިދިގު ޒަމާންވެގެން ދިއައިރުވެސް އަދި މިނަން އެއްބަހުން އަނެއްބަހަށް ނަގުލުވަމުން ދިއުމުގައިވެސް މިނަމަށް ނުވަތަ މިޚިދުމަތުގެ ބާވަތަށް ބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ފުލުހުންނަކީ އަބަދުވެސް އާންމުންނަށް ޚިދުމަތްކުރުމަށާއި ގާނޫނީ ބާރު ދެމެހެއްޓުމަށާއި ކުށްކުރާ މީހުން ހިފާ ހައްޔަރުކޮށް އެކަން ޙައްލުކުރުމަށް ތިބޭ ބަޔެކެވެ.

"ޕޮލިސް" މިބަސް އިނގިރޭސި ބަހަށް އައިސްފައިވަނީ ފްރެންޗް ބަހުންނެވެ. ފްރެންޗް ބަހަށް މިލަފުޒު އައިސްފައިވަނީ ލެޓިން ބަހުގައި ބޭނުންކުރާ politia މި ލަފުޒުންނެވެ. ޕޮލިޝިއާ މި ލަފުޒު ލެޓިނަށް އައިސްފައިވަނީ އެވޭލާ ޔޫނާނީ ލަފުޒެއްކަމުގައިވާ polis އިންނެވެ. ދިވެހި ބަހަށް ފުލުސް މިބަސް އައިސްފައިވާ ކަމަށް ގަބޫލުކުރެވެނީ އުރުދޫ ބަހުން ނުވަތަ ހިންދީ ބަހުންނެވެ.

ހިންދީ ބަހުން ނުވަތަ އުރުދޫ ބަހުން (پولیس पुलिस ) ފުލުހުންނަށް ކިއާކަމަށް އަޅުގަނޑަށް އެގިފައިވަނީ ޕުލިސް މިހެންނެވެ. ދިވެހި ބަހަށް މިބަސް އައުމުން ދިވެހިންގެ އަޑުތަކާ ގުޅޭގޮތަށް ޕަވިޔަނި ފާފުއަކަށް ބަދަލުވުމުން ފުލުސް ކިޔުނީއެވެ. އަދި ފުލުސް މިނަން އެކަހަރި ނަމަކަށް ބަދަލުކުރުމަށްޓަކައި ސުކުން ކުރެވިގެން އަންނަ ސީނު ހ އަށް ބަދަލުކުރެވުނީއެވެ. ރަސް ރަހެއް މީސް މީހެއް ކިއާ އުސޫލުންނެވެ. އަދި މިނަން ގިނަކުރުމަށްޓަކައި ހ ގައި އުބުފިލި ޖަހާ ނ ގައި ސުކުންކޮށް ފުލުހުން ކިއުނީއެވެ. ރަހުން، މީހުން ކިޔާ އުސޫލުންނެވެ.

އެހެންގޮތަކަށް ދަންނަވަނީނަމަ "ފުލުސް" މިއީ މަސައްކަތުގެ ނަމެކެވެ. އެއީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ކިޔާ ނަމެވެ. އެމަސައްކަތްކުރާމީހަކީ ފުލުހެކެވެ. ފުލުހުންނަކީ އަމަން ބެލެހެއްޓުމުގެ މަސައްކތްކުރާ މީހުންގެ ޖަމާއަތެކެވެ. ނުވަތަ އަމަން ބެލެހެއްޓުމުގެ މަސައްކަތްކުރާ ޖަމާއަތެއްގެ މީހުނަށް ކިޔާނަމެކެވެ.

މިރޮގުން ވިސްނާއިރު ހިތުގައި އުފެދޭ ސުވާލެއް ވެއެވެ. އެއީ، ދިވެހިންތެރޭގައި ކޮންމެވެސް ސިފައެއްގައި އަދި ކޮންމެވެސް ނަމެއްގައި އަމަން ބަލަހައްޓެމުގެ މަސައްކަތް ކުރެވެމުން އައިސް އައިސްވަނިކޮށް އެމަސައކްތުގައި ގާނޫނީ ސިފަޖެހެމަށް ދިމާވި ވަގުތު އެއްވެސް ސިފައެއްގައި ދިވެހިންނާ ގުޅުމެއްނެތް ނަމެއް މިމަސައްކަތައް ޚިޔާރުކުރީ ކީއްވެތޯ ކުރެވޭ ސުވާލެވެ. އެސުވާލުގެ ޖަވާބުގައި އަޅުގަނޑަށް ދެންނެވެންއޮތީ، އިންސާނާގެ ޠަބީޢަތުގައި ހުންނަ ކޮންމެ އައުކަމެއް ބަލައިގަތުމުގެ ސިފައިން ދިވެހިންވެސް އެއްކިބާ ވެގެންނުވާ ވާހަކައެވެ. ދިވެހިން ގާނޫނުގެ ތެރެއަށް ވަދެގެން ދިއަ ދުވަސްވަރަކީ ދިވެހިންނަށް އިނގިރޭސީންގެ ނުފޫޒު އެންމެ ބޮޑަށް ފޯރާފައިވާ އަދި ފޯރަމުން ދިއަ ދުވަސްވަރުކަމަށް ދެންނެވުމެވެ. އަދި ގާނޫނު އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގެންނެވި ގިނަ ބޭފުޅުންނަކީ ކޮންމެވެސް މިންވަރަކަށް އިނގިރޭސި ތާއުލީމު ހާސިލުކުރައްވައިގެން ތިއްބެވި ބޭފުޅުންނަށްވެފައި އެބޭފުޅުންނަށް މިޚިދުމަތްދެވެމުން އަންނަނިކޮށް ފެނިވަޑައިގެންފައިވާ ތަންތަނުގައި މިޚިދުމަތަށް "ޕޮލިސް" ގެ ނަމުން ކިއެމުން އަންނަ އަޑު އިވިވަޑައިގެންފައި ވުމެވެ. އެބޭފުޅުންނަކީ އެދުވަސްވަރުގެ ސިލޯނާއި އިންޑިއާއަށް ފަރިތަ ބޭފުޅުންނަށް ވުމާއި އިނގިރޭސީންގެ ނުފޫޒު އެތެރެވަރިއަށް ފޯރާފައިވާލެއް ބޮޑުކަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ