އަދުގެ ޚާއްސަ

Print

ވެޑިން ޑްރެސް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ



އާދަމް ނަޞީރު އިބްރާހީމް (2009)



މި ރެއަކީ، ސަމާގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި ރެ އެވެ. މި ވަގުތަކީ އެންމެ އުންމީދީ ވަގުތެވެ. އެންމެ އިންތިޒާރީ ހިނދުކޮޅެވެ. ޢުމުރުން 27 އަހަރު ވީ އިރުވެސް ކާވަންޏަކާ ހަމަޔަށް ނުދެވި އޭނާ އަށް ދުވަސްތައް ވޭތު ކުރެވުނީ ޒުވާންކަމުގެ ހޫނުކަމުގަ އެވެ. މަށަށް މަށަށް ކިޔާ ހިތްތައް ކިތަންމެ ގިނަޔަސް، އެއްވެސް ގުޅުމެއް، އައްސޭރިޔާ ހަމަޔަށް ވާސިލްވާ ގޮތެއް ނުވި އެވެ. މި ރެޔަކީ އެހެނަސް، ފަހަކަށް އައިސް އޭނާގެ ހަޔާތުގައި ތަޖުރިބާ ކުރަމުން އައި އެކަނިވެރިކަން ދެކަނިވެރިކަމަށް ބަދަލުވާނެ ރެ އެވެ. އުފާވެރި އާކާވެނީގެ ރެ އެވެ. އިންތިޒާރު ކުރެވެނީ ފަހާ ތަނަށް، ވެޑިންގ ޑްރެސް ބަލައި ގޮސްވި، އޭނާގެ މިރޭގެ އަލަތު ފިރިމީހާއަށެވެ. މުޅި އުށްދަނޑިގޭ އެތެރެ ކާނިވަލެއްހެން ދިއްލާ އަޅާފައިވިޔަސް، މި މަންޒަރުގެ ހަޤީޤީ އުފާވެރިކަން ފެށޭނީ، 9.00ގައި ކާވަނި ކޮށްދޭ މީހުން އައިސް، އެ ދެހިތުގެ ދެމެދުގައި އަލަށް ގުޅުވާލާ ޙަޔާތުގެ ވާފަށް ގުޅުވާލުމުންނެވެ.

ޝަރީފާއި، ސަމާގެ ކާވަންޏަށް، ސަމާގެ އާއިލާގެ މީހުން ގަބޫލުވީ ސަމާ އެކަމަށް މާބޮޑަށް ބޭނުން ވެގެނެއް ނޫނެވެ. ޝަރީފަކީ މާ މުއްސަނދި މީހަކަށް ވީތީއެއް ވެސް ނޫނެވެ. ފޯރުންތެރިއަކަށްވީތީ އެއް ނޫނެވެ. މުއްސަނދިކަމާއި، ފޯރުންތެރިކަމުގެ ރޮނގުން އެމީހުންނަށް ތަޖުރިބާތަކެއް ލިބިފައި ވަނީ ވެސް ތޯއްޗެކެވެ.  އެކަހަލަ މުއްސަނދި ކަމަކަށްވުރެ، އުޅުންތެރިކަމާއި ދީންވެރިކަމުގެ އަގު މިހާރު އެ މީހުންގެ ކުރިމަތީގައި މާ  ބޮޑުހެން ހީވެ އެވެ.  ހަރުދަނާކަމުގެ މާނަތައް ސަމާއަށް ވެސް އަދި މުޅި އާއިލާއަށް ވެސް މިހާރު އޭގެ އެންމެ ރަނގަޅު ގޮތުގައި ދަސްވެފައިވާ ކަހަލަ އެވެ. 

ވަރަށް ޅައުމުރުގައި ޝަރީފު ރާއްޖޭން ބޭރަށް ކިޔަވަން ހިނގައްޖެ އެވެ. އޭނާގެ މައިންބަފައިން ބޭނުންވީ، އިސްލާމީ ތަޢުލީމުގެ ދަރިޔަކަށް ޝަރީފު ހެދުމަށެވެ. އެހެންކަމުން އޭނާ ފޮނުވީ އިސްލާމީ ޔުނިވަރސިޓީ އަކަށެވެ. ފަށާ މަރުޙަލާއިން ފެށިގެން ފުރަތަމަ ޑިގްރީއާ ހަމަޔަށް ކިޔަވަން ރާއްޖޭން ބޭރުގައި އޭނާ އަށެއްކަ އަހަރު ހޭދަ ކުރަން ޖެހުނެވެ. މި ދިގު މުއްދަތު ވަނީ ރާއްޖޭގެ ވެށްޓާމެދު  އޭނާގެ ހިތުގައި ބީރައްޓެހިކަން އުފައްދާފަ އެވެ. ދިވެހިންގެ ޠަބީޢަތާއި އުޅުން ބުޅުމަށް އައި ބަދަލުތަކަށް ނުފަރިތަ ކޮށްފަ އެވެ.

ސަމާއާއި ޝަރީފުގެ ގުޅުމަކީ ވެސް އާއިލީ އިންތިޒާމެއްގެ ތެރޭން ރިއްސިޔޮލައިގެން، ކާވަންޏަކަށް ފައްކާވެފައިވާ ގުޅުމެކެވެ.

'' ދަރިފުޅާ! ކޮބާ ޝަރީފު އަދިވެސް ނާދޭތަ؟ ކާވަނި ހެދުން ނުލިބޭތަ؟ އެހެންވާނީ، މަންމަ ބުނާ ބަސް ގަބޫލު ނުކުރަންޏާ.. މަންމަ އޭރުވެސް ބުނީމެއްނު ފުރަތަމަ ފެހި ހެދުން އިސްތިރި ކުރަން އުޅުމުގެ ތެރޭގައި އެހެން އަދި ކުޑަކުޑަ ވިދެއް، ފަހަތުގައި އެޅުނަސް އެ ދެން އަދި ރަނގަޅުވާނެޔޭ.. އެ ކަހަލަ ބޮނޑި އެ ލިބެނީ ވެސް މަންމަ ބުނާ ގޮތް ކަލޭމެން ކުދިން ނުހަދާތީ. އަބަދުވެސް މި ކިޔަނީ ބުރުގާ އަޅާ ކުދިން ވެސް އިސްތިރި ކުރާ މޭޒަށް ޕިންތައް ހަރާފައި ނުބަހައްޓާށޭ.. އެއީ މި ކަހަލަ ކަމެއް ވެދާނެތީ... އެންމެ ފަހުން ތިޔޮތީ ކިހާ ބޮޑު ގެއްލުމެއް ލިބިފާ.. ދެން އެކަން އެހެން ވިޔަސް  ކާކަށްތަ ފަނޑު އަލީގައި އެވަރުން އެހާ އެތެރެ ފެންނާނީ.. އެތައް ފަށްތަކެއް ލާފައި އޮންނަ ހެދުމެއް ތި ހެދުމަކީ.. އެހެން އަދި ތަންކޮޅަކުން ރޮދިފަށެއް ހިލި ގޮތެއް ވިޔެއް ކަމަކު ރަނގަޅުވާނެ... މީހަކު އަތުން ދެރަކަމެއް ވެދާނެންނު..  ކީއްކުރަން ކޮންމެހެން އަނެއްކާ އަލުން  އާހެދުމެއް ތި ފައްސަނީ؟  ތީ ނުލާހިކު އަގުބޮޑުކޮށް ފެހޭ އެއްޗެއް... ޝަރީފަކީ އަދި އިހަށް ދުވަހު ބޭރުގައި ކިޔަވަން ހުރެފައި އައިސް އުޅޭ ކުއްޖެއް...''

ސަމާގެ މަންމަ އޭނާއާ ވާހަކަ ދައްކަމުން ބުންޏެވެ!

''ދެން މަންމަ ދައްކާ ވާހަކަ!  އެ އޮއް ހާ މީހުން އަންނަ އިރު، އަހަރެން ހުންނަންވީ ރޮދި ހިލި ވީދިފައި އޮތް ހެދުމެއް ލައިގެން؟ ނޫން މަންމާ! މީ އަހަރެންގެ ހަޔާތުގައި އެންމެ ހިނދުކޮޅަކަށް އަންނާނެ ރެއެއް. އެ ގޮތަށް މީހަކު އަތުން ލަކުނެއް ލައިފައި އޮތް  ހެދުމެއް ލާކަށް ހަމަ އެއްގޮތަކަށް ވެސް ހިތެއް ނުރުހޭ.. އާ ކާވަންޏަށް ބޭނުންވަނީ އާ ހެދުމެއް. އާ ވެޑިން ޑްރެސްއެއް. ފާތުންނަށް ޕިން ހެރުނުކަން އެނގުނީ ވެސް، އިސްތިރީގެ ހޫނުން ރޮދިތައް ވިރި، ހެދުމުގައި އެ ތަތްވެސް ލީފަހުން.. އެހެންވީމާ އެއްގޮތަކަށް ވެސް ކަމަކު ނުދާނެ.  އަހަރެން މި ވާހަކަ ޝަރީފުގާތު ބުނީމާ އޭނާ ވެސްބުނީ   އެކަހަލަ ހެދުމެއް  ޚޮދު ތިމަންނަ ވެސް ބޭނުމެއް ނޫނޭ.  އާ ކާވަނީގެ ރެއަށް އޭނާ ބޭނުންވަނީ އެކަހަލަ  ކޫރުމެއް ވެސް ނެތް ހެދުމެކޯ...ދެން މަންމަ ކަންބޮޑު ނުވޭ..  ހީވަނީ މީހާރު ދެން އަންނަން އުޅޭނެ ހެން.  ވަރަށް ފަހުން  އެ ތާ މާފަންނު ކޮޅުގައި ހުޅުވުނު ތާކުން މި ފައްސަނީ.. ނޭނގެ ކާކުގެ ތަނެއް ކަމެއް ވެސް.. މި ގެޔާ ވެސް ޝަރީފުމެން ގެޔާ ވެސް އެތަން މާ ދުރެއް ނުވާނެ...'' ސަމާ ބުންޏެވެ.

'' އާނ ދެން ތިޔަ ދެ ކުދިންނަށްތާ އެނގޭނީ... ތިޔަ ކުދިންގެ ކަންތައްތައް ނިންމާނެ ގޮތެއް..''

ސަމާގެ މަންމަ މި ކަހަލަ ކުރު އިބާރާތަކުން  ވާހަކައިގެ ކޮޅު ދޫކޮށްލި އެވެ..

މި ރެއަށްޓަކާ މުޅި އުށްދަނޑިގޭތެރެ ވަނީ އެމީހުންގެ ފެންވަރުން ޒީނަތްތެރި ކޮށްފައެވެ. ބާވަތްބާވަތުގެ ހެދިކާ ތަކާ، ފިނި ފޮނި ބުއިންތައް މޭޒުތަކުގެ ފައިފަޔަށް ނުކުޅަދާނަ ކޮށްފައިވެ އެވެ. އަދި ކޭންބުއިމުގެ ރަސްމުތައް ނުފެށުނު ނަމަވެސް، އެތާ ތަށްޓެއްގައި މަށައި ތައްޔާރު ކޮށްފައި ހުރި އުށްދަނޑިބުރިތަކުން ބައެއް މީހުން ނަގައިގެން އޭގެ ފޮނިކޮޅު ބޮއި ހައްޕުޑަން ހަދަމުންދެ އެވެ. ބޭނުމެއް ނެތް އެއްޗެއްގެ ގޮތުގައި އެ ހައްޕުނޑުތައް ކުނިވަށިތަކުގެ ތެރެއަށް އުކަމުން ދެ އެވެ. ދެ ޖިންސުން ސަމާގެ އޮފީސް ރަޙްމަތްތެރިންނާއި، ފުރާވަރު އުމުރުގެ މިތުރުންތައް އައިސް ކުރާ މި އުފަލާ މަޖަލުގައި މުޅި ގޭތެރެ ރަކަރަކަ ލަމުންދެ އެވެ.   ސަމާގެ މަންމަ އަތުން ސިއްރު ތަޅުދަނޑިއެއް ހޯދައިގެން ދެތިން ކުއްޖަކު ވެގެން ނިދާ އެނދު ޒީނަތްތެރި ކޮށް މާމެލާ މެލިން ކުރެހުން އެޅުމުގައި އަވަދި ނެތި އުޅެއެވެ.

ހެދުން ފަހާތަނަށް، ޝަރީފު ދިޔައީ އެ ގޭގައި ކިޔަވަން ހުންނަ  ފަޔާޒު   ގޮވައިގެންނެވެ. އެއީ ހެދުން އޭނާގެ ހަވާލުގައި އުށްޑަނޑިގެޔަށް ފޮނުވާލައިފައި، ޝަރީފު ތައްޔާރުވާން ގެޔަށް ދިޔުމަށް ކަމަށް ވެދާނެ އެވެ. ފަހާތަނަށް ދެވުމުން ޝަރީފަށް ލިބުނީ އިތުރު އުފަލެކެވެ. އާ ކާވެނީގެ ބައިވެރިޔާ ލިބޭ ރޭގެ އިތުރަށް މި ރޭ މިވީ ޅައުމުރުގެ ރަޙްމަތްތެރިޔަކު ވެސް، ލިބުނު ރެޔަކަށެވެ. ފަހާތާގެ ކައުންޓަރުން އޭނާގެ ރަށު މަދުރަސީ ދައުރުގެ އެކުވެރިޔާ ޖަލީލާ ބައްދަލު ވީތީ އެވެ.

ހަތަރުކަޅި ހަމަ ވުމާއެކު ދެމީހުންނަށް ވެސް ކުއްލި ހައިރާން ކަމެއް ލިބުނެވެ. '' އަހަނ! ޖަލީލުތަ؟ އަސްތާ! ޝަރީފުތަ؟'' ދެމީހުން ދެމީހުންނަށް އެނގި ދެނިވެގަތެވެ. މާޒީގެ ރަޙްމަތްތެރިކަމާ އެކުވެރިކަމުގެ ހަނދާންތަކަށް ފުރާނައެޅިގެން އައިސް ދެހިތަށް ޖަމާވީ، އެނބުރޭ ވައިރޯޅިއެއްގައި  މާ ސިންގާ އަރަބި ސަހަރާއެއްގެ ހިމުންވެލިތައް އެއްފުންޏަކަށް ޖަހާލިހެންނެވެ.

ޖަލީލު: ކޮބައި ކޮންކަމެއްގައި ތި އުޅެނީ؟

ޝަރީފު: މި ދެން ދިރިއުޅުމުގެ އެންމެ ބޮޑު ކަންތައް ނިންމަން މި އުޅެނީ..

ޖަލީލު: މީހަކާ އިންނަނީ ތަ؟

ޝަރީފު: އެހެންކަމަށް.. އެހެންވެގެން ކާވަނީގެ ހެދުން ފައްސަން ދީފައި އޮތީމާ، އެ ބަލައި މި އައީ.. މި ޖަލީލުތަނެއްތަ؟

ޖަލީލު: އެހެން...  އޭ... ކޮބާ؟ މި ބޭފުޅާގެ ހެދުން ފެހިއްޖެތަ؟ ނިމިފައި އޮތިއްޔާ ގެނެސްބަލަ!

ޝަރީފު: ކޮބައި ޖަލީލު މީހަކާ އިނދެފިންތަ؟

ޖަލީލު: މީހަކާ އިނދެވޭތަ؟ އަހަރެމެންނަކީ، ޝަރީފުމެން ކަހަލަ  އުޅުންތެރިންނެއް ނޫން.. މި ދޭތެރޭވެސް ފަސް ވަރަކަށް އަހަރު ވަންދެން މަންޖެގަނޑެއް ގެންގުޅުނިން..

ޝަރީފު: ސުބުޙާނަﷲ! ހެޔޮ ނުވާނެ...

ޖަލީލު: ކޮން އެޑްރެހެއްގައި އޮންނާނީ... ހެދުން..

ޝަރީފު: އޮންނާނީ... ކީކޭތަ ކިޔަނީ... އާނ! އުށްޑަނޑިގެ..

ޖަލީލު: (ސިއްސައިގެން ގޮސްފައި) އުށްދަނޑިގެޔޭ.. އެގޭ ކޮން ކުއްޖެއް...

ޝަރީފު: ދަންނަ ގެއެއްތަ؟... ދެން ޖަލީލު ގާތުގައި ވީމާ ނަން ވެސް ބުނާނީ ދޯ، ... މިރޭ ޖައްސާލައްޗޭ... ސަމާ އެއް ކިޔަނީ...

ޖަލީލު: ސަމާއޭ! އުށްދަނޑިގޭ ސަމާ؟ ސަމާސާ ނުކުރޭ!

މި ހާރު ހެދުން ގެނެސް ޝަރީފާ ހަވާލު ކުރެވިއްޖެ އެވެ. އަގު އަދާ ކޮށް ނިމިއްޖެ އެވެ. އެކަމަކު، ޖަލީލާއި ޝަރީފު މިހާރު އެތިބީ، މީގެ ކުޑަ ހިނދު ކޮޅެއް ކުރިން އަޅުގަނޑުމެންނަށް އެދެ މީހުންގެ ކިބައިން ފެނުނު މޫނާ އެކުގައި ހެނެއް ހީ އެއް ނުވެ އެވެ. އެ އުފާވެރި ކަމެއް އެ ހިނިތުންވުމެއް މިހާރަކު ނުފެނެ އެވެ. ވަރަށް ސިއްރު ސިއްރުން ދެމީހުން ދެމީހުންނަށް އެ ދައްކަނީ ކޮން ވާހަކައެއް ކަމެއް ވެސް ނޭނގެ އެވެ. ހަމަ ގައިމު ވެސް ދުޝްމަނުކަމެއް ރުޅިވެރިކަމެއް ނެތްކަން ޔަގީނެވެ.

ކާވަނި ކޮށްދެއްވާ ބޭކަލުން ދުރުވަން ވިއްސަކަށް މިނިޓަށް ވެއްޖެ އެވެ. ސަމާގެ ހިތް ރޯމަހެއް ތެޅޭހެން ތެޅެ އެވެ.  ޝަރީފުގެ ފޯނަކީ، އާންމުކޮށް މެންދުރު ފަހުން ގުޅޭފޯނެއް ނޫނެވެ. ގިނަ ފަހަރަށް އޮންނާނީ ޗާޖު ގޮސްފަ އެވެ. އަމުދުން މި އަދަކީ ކޯލުތައް ގިނަވާނެ ދުވަހެކެވެ. އަނެއްކާ އޭނާއަށް ކަމެއްވީބާވަ އެވެ؟ ބޮޑު އެކްސިޑެންޓެއް ވީނަމަ ވެސް އަވަސް ޚަބަރުގައި ގޮވާނެ ތާ އެވެ.

ކަންބޮޑުވުންތައް އުދުހިގެން ދިޔައީ، ވަރަށް ރީތި ކޮތަޅެއްގެ އަތްގަނޑުގައި ފަރުވާތެރިކަމާއެކު ހިފަހައްޓައި އެލުވައިލައިގެން ފަޔާޒު އައިސް ވަނީ މައެވެ. މުޅި ގޭތެރެ އެކީގައި ޖަމާވެއްޖެ އެވެ. ''ހެދުން އައީ.. ހެދުން  އައީ...'' މި ހެން ކިޔަމުންނެވެ.

ސަމާގެ ރައްޓެހި ކުދިންތައް ދުވެގަތީ އޭނާ ގޮވައިގެން މަންމަ ކޮޓަރިއާ ދިމާޔަށެވެ. ހެދުން ލައްވައި ނަލަ ހެއްދުމަށެވެ. ހަރަކާތްތައް ވަރަށް ހަލުތްވެވެ. ކާވަނި ކޮށްދެއްވާ ބޭކަލުން ހަމަ މިހިނދުން މި ހިނދަށް ވެސް ދުރުވެދާނެ ވިއްޔާ އެވެ. އަނެއްކޮޅުން ޝަރީފު އަންނަން ވާއިރަށް، އިސްތިޤުބާލު ކުރަން ނިކުންނަން ވާނެ އެވެ.

އައްސަލާމު ޢަލައިކުމް!

ކާވަނި ކޮށްދެއްވާ ބޭކަލުން ދުރުވީ އެވެ. ސަމާ ދުވެފައި ނިކުތެވެ. އޭނާގެ ފަހަތުން އެކުވެރިން ނިކުތެވެ. ކާވަނި ކޮށްދެއްވާ ވަފުދުގެ ބޭކަލުން، އެކަމަށް ބެހެއްޓިފައިވާ  މޭޒާ ދިމާޔަށް ހަރުދަނާ ކަމާއެކު ހިންގަވާފައި އެބަ ތިބަ ދުރުވެ އެވެ.  ޝަރީފު ކޮބައިތޯ ބަލައިލި ތަނާ ބޭރު ދޮރޯށި ތަންމިނަށް ހުޅުވައިފައި،  ބަޑިއެއް ޖެހިހެން ބާރަށް ދޮރު ޖަހާފައި ދުވެފައި ވަދެގެން މިހިރަ އަންނަނީ އަނެއްކާ ވެސް ހަމަ ފަޔާޒެވެ. ''އަޅުގަނޑު ހަނދާންނެތި އަދި އެކައްޗެއް ނުދީ މި ދެވުނީ'' ފަޔާޒު މިހެން ބުނެފައި، ފައިކޭޓުން ނަގައި ދިއްކޮށްލީ، ސިޓީ އުރަ އެކެވެ. ބޭރުގައި ''ސަމާއަށް'' މި ހެން ލިޔެފައި އެވަނީ ޝަރީފުގެ އަތުންކަން ސަމާއަށް ކަށަވަރުވި އެވެ.

ގާޒީ: ''ކޮބައި ކާވަނީގެ ދެ ޢަރޫޝުންނާ، ހެކިވެރިންނާ، ވަލީވެރިޔާ؟ އަވަހަށް ދުރުވޭ..''


ސަމާ އެއްފަހަރު އަތުގައި އޮތް ސިޓީ އަށް، އަނެއް ފަހަރު ބޭރު ދޮރޯއްޓަށް، އަނެއް ފަހަރު ރަންދުނިލީ އައިނު އަޅުއްވައިގެން ހަރުދަނާ ބެއްލެވުމަކުން ބައްލަވަން އިންނެވި ގާޒީގެ މޫނުފުޅަށް ކަޅި އުކަން، ލޯ ހިންގަންފަށައިފި އެވެ. ހާސްވެއްޖެ އެވެ. އުދާސްވެއްޖެ އެވެ. ނުތަނަ ވަސް މާނޭވާތައް ލެވެން ފަށައިފި އެވެ.  އެންމެ ފަހުން ވަރަށް ކުއްލި ގޮތަކަށް   އަވަސް އަވަހަށް ކޮޓަރި ތެރެއަށް ދެމިގެންފި އެވެ.  ސިޓީ ކަނޑާލައިފި އެވެ.


     '' ސަމާއަށް،

      ހެޔޮ ދުޢާ ސަލާމަށްފަހު، ލިޔަމެވެ.

      ސަމާ ބުނި ފަދައިން އާ ކާވަނީގެ ރޭ ފަދަ މުހިންމު ކަމަކަށް މީހަކު އަތުން ވިދެއް ތޮރުފި، ލަކުނެއް ލައިފައި އޮތް ވެޑިން ޑްރެސްއެއް ލުމަކީ، އެއްގޮތަކަށް ވެސް ހިތް އެދޭނެ ކަމެއް ނޫނެވެ. އެ ފަދަ ލަކުނަކީ ބަލައިގަނެވޭނެ ލަކުނެއް ނޫނެވެ. ފޮތި އަޅައި ބައްދަން އުޅުނަސް ބެއްދޭނެ ލަކުނެއް ނޫނެވެ. އާ ކާވަންޏަށް ލާން ވާނީ އާ ހެދުމެކެވެ. އަލަށް ފަށާ ދިރިއުޅުން ވެސް ހަމަ އެ ފަދަ އެވެ.  އާ ޙަޔާތެއް ފަށަންވާނީ އާ ފެށުމަކުންނެވެ. ޠާހިރު ގުޅުމަކުންނެވެ. 

       އުމުރަށް ސަލާމެވެ! ''
                                                        - ޝަރީފު -

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ