އަދުގެ ޚާއްސަ

Print

ތުރުކީ އިސްލާމް ދީނާ ދިމާޔަށް ކުރާ ދަތުރު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


ހުކުރު (29މޭ) ގެ ބަޔާ ގުޅޭ...

ސިޔާސީ ހަރަކާތްތަކުގެ ހުއްދަ ލިބުމާއި މިއްލީ ރިފާޙު ޕާޓީ


އުފެއްދެވުން

ޢަބްދުﷲ ފާރޫޤު ޙަސަން

16 މެއި 1983 ގައި ތުރުކީވިލާތުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ހުއްދަ ލިބުނެވެ. އަރަބްކާން މިއްލީ ރިފާޙު ޕާޓީގެ ނަމުގައި އޭނާގެ ތިންވަނަ ޕާޓީ އުފެއްދެވިއެވެ. ރިފާހު ޕާޓީގެ ނަޒަރިއްޔާތަކާއި އުސޫލުތަކަށް ބަލާއިރު އަރަބްކާންގެ ކުރީގެ ދެޕާޓީއަށްވުރެ މިއްލީ ރިފާޙު ޕާޓީ ވަރުގަދައެވެ. އެޕާޓީގެ މަޤްސަދެއްކަމުގައި ކަނޑައަޅައިފައިވަނީ ތުރުކީގައި އިސްލާމީ ވެރިކަމެއް ޤާއިމުކުރުމާއި، މުސްލިމުންގެ ވޭތިވެދިޔަ ޝަރަފުވެރި މާޒީ ތުރުކީގައި އަލުން އިޢާދަކުރުމާއި، އެމެރިކާގެ ނިއުވޯލްޑް އޯޑަރގެ ބަދަލުގައި ޖަސްޓިސް އޯޑަރ ތުރުކީގައި ތަންފީޒުކުރުމާއި، ކެޕިޓަލިޒަމުން ތުރުކީގެ އިޤްތިޞާދު މިންޖުކުރުމާއި، އިސްލާމީ ޤައުމުތަކުގެ "އ.ދ މަޖްލިސެއް އުފެއްދުމާއި، ޔޫރަޕިއަން ކޮމިއުނިޓީގެ އުސޫލުތަކާ އެއްގޮތަށް އިސްލާމީ ޤައުމުތަކުގެ ކޮމިއުނިޓީއެއް އުފެއްދުމާއި، ޔޫރަޕްގެ ބަދަލުގައި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމެވެ.

    ރިފާޙު ޕާޓީގެ އެޖެންޑާ ހިމެނުނީ އެމެރިކާއާއި ޔޫރަޕްގެ ކަންފަތްދޮށުގައި ޖެހުނު ނުރައްކަލުގެ ރަނގަބީލެއް ކަމުގައެވެ. އެހެންކަމުން އެޕާޓީ ހަމައުފެދޭއިރަށް އެޕާޓީއާ ދެކޮޅަށް ނުރައްކާތެރި ރޭވުންތައް ރާވާން ފަށައިފިއެވެ. މުޅި ދުނިޔެ އެޕާޓީއާ ދެކޮޅަށް އެކަތިގަނޑަކަށް ވިއެވެ. ނަމަވެސް ރިފާޙު ޕާޓީން އަދުއްވުންގެ ހަޅޭފަޅޭކުގެ ޖަވާބުދިނުމުގެ ބަދަލުގައި ސަމާލުކަން ދިނީ ޢާއްމު ރައްޔިތުންނަށެވެ. އެޕާޓީގެ ޝިއާރެއް ކަމުގައި ހެދީ އާއްމުންނަށް ޚިދުމަތްކުރުމެވެ. މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް އިސްކަން ދިނުމެވެ. ޤައުމުގެ ތަރައްޤީއާއި، ތިޔާގިކަމާއި، ކުރިއެރުމަށް މަސައްކަތްކުރުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދާދި މަދު އަހަރުތަކެއްގެ ތެރޭގައި ތުރުކީއަށް އިންޤިލާބެއް އައެވެ. ސެކިއުލަރިޒަމްގެ ބިންގާ ގުޑިއެވެ. މުޖްތަމަޢުގައި އަމަންއަމާންކަމާއި، ހިތްހަމަޖެހުމުގެ ފަޟާއެއް އުފެދުނެވެ. ސެކިއުލަރ ބާރުތަކާއި ސިފައިން އިސްލާމީ ރޫޙުގެ މީހުން ބަދުނާމުކުރަނީ ޙަޤީޤަތާ ޚިލާފަށްކަން ޢާއްމުންނަށް އިޙްސާސްވާން ފެށިއެވެ. އިސްލާމީ ރޫހުގެ މީހުންނަކީ ހެޔޮލަފާ ރަނގަޅު ބައެއްކަން މީހުންނަށް އެނގޭން ފެށިއެވެ. ރިފާޙު ޕާޓީން 1987އާއި، 1991އާއި، 1996ގެ ޢާއްމު އިންތިޚާބުތަކުގައި ބައިވެރިވިއެވެ. ކޮންމެ އިންތިޚާބެއްގައިވެސް އެޕާޓީގެ ތާއީދުއައީ އިތުރުވަމުންނެވެ. 
  

ބޮޑުވަޒީރު އަރަބުކާން


    1996ގެ ޢާއްމު އިންޚާބުގައި ރިފާޙު ޕާޓީއަށް އެކާވީސް އިންސައްތަ ވޯޓު ލިބުނެވެ. އެޕާޓީން، ޓްރޫތް ޕާޓީއާ ގުޅިގެން ސަރުކާރެއް އުފެއްދިއެވެ. އަރަބުކާންގެ 153 މެމްބަރުން ޕާލަމެންޓުގައި ތިއްބެވިއެވެ. އެހެންކަމުން 3 ޖޫން 1996 ގައި އަރަބުކާނަށް ތުރުކީގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވިއެވެ. މިއީ 72 އަހަރަށްފަހު ތުރުކީވިލާތުގައި "އިސްލާމީ ސަރުކާރެއް" އުފެދުމެވެ.

    އަރަބުކާން ސަރުކާރާ ޙަވާލުވެވަޑައިގަތުމާއެކު އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ދެމައްސަލައަކަށެވެ. އޭނާ ސަރުކާރުގެ ހިންގުމާބެހޭ މަސައްކަތް މުނިސިޕަލް އިދާރާތަކާ ޙަވާލުކުރެއްވިއެވެ. އިސްތަންބޯލުގެ މޭޔަރަކަށް އޭރުވެސް ހުންނެވީ އަރަބުކާންގެ ޒުވާން އެކުވެރިއެއް ކަމުގައިވާ އުރުދުޣާނެވެ. އޭނާވަނީ ވަރަށް މަތިވެރި ހިންގެވުންތެރިކަމެއް ދައްކަވައިފައެވެ. އޭނާ ތަކެތީގެ އަގުތައް އަތްފޯރާ ފަށަށް ތިރިކުރެއްވިއެވެ. މެރިޓް ޤާއިމް ކުރެއްވިއެވެ. ސަރުކާރުގެ އިދާރާތަކުން ކޮރަޕްޝަން ނައްތައިލެއްވިއެވެ. އަމަން އަމާންކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ހޯއްދަވައިދެއްވިއެވެ. މާފިޔާގެ މޫތައް އުފުރުއްވައި އުއްކަވައިލެއްވިއެވެ. ވަޒީފާގެ އައުފުރުޞަތުތައް ތަނަވަސް ކުރެއްވިއެވެ. އެހެންކަމުން ރައްޔިތުން އުރުދުޣާންގެ އަތްޕުޅުގައި ބޮސްދެމުން ގެންދިޔައެވެ.

އަރަބުކާން ދެވަނަކަމަކަށް ހެއްދެވީ އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރެއްވުމެވެ. ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާއެކު އޭނާ ޔޫރަޕްގެ މަތީން ހަނދުމަފުޅު ނައްތަވައި ލައްވައިފައި އެންމެ ފުރަތަމަވެސް ޒިޔާރަތްކުރެއްވީ ލީބިޔާއާއި، އީރާނާއި، ޕާކިސްތާނުފަދަ އިސްލާމީ ޤައުމުތަކަށެވެ. އޭނާ އިސްލާމީ ޤައުމުތަކުގެ ގުޅިފައިވާ އިޤްތިޞާދީ ޕްލެޓްފޯމެއް އުފެއްދެވިއެވެ. ޑީ.އަށެއްގެ ނަމުގައެވެ. ޙައްޖުވެރީންނަށް ޤައުމުގައި ކަންތައް ފަސޭހަކޮށްދެއްވައި ހަލިކޮށްދެއްވިއެވެ. އަންހެނުން އޮފީސްތަކުގައި ބުރުގާ އެޅުމުގެ ހުއްދަ ދެއްވިއެވެ.

އަރަބުކާން އިސްތިއުފާދެއްވުމާއި ރިފާޙުޕާޓީ މަނާކުރުން


    ރިފާޙު ޕާޓީން މަޑުމަޑުން އިސްލާމީ އުސޫލުތައް ހިންގަމުން ގެންދިޔަ ގެންދިޔުމަށް އާއްމުން ރުހުމުގެ ލޮލަކުން ބަލަމުން ގެންދިޔައެވެ. އާއްމުންގެ ތެރޭގައި ދީނީ ހޭލުންތެރިކަމުގެ ރޫޙު އާލާވާން ފެށިއެވެ. ނަމަވެސް އެކަންކަމަކީ ސެކިއުލަރ ބާރުތަކުގެ މަރުގެ އިންޒާރެވެ. އެހެންކަމުން ރިފާޙު ޕާޓީގެ ސަރުކާރަށް އެގާރަ މަސްދުވަހުގެ ވެރިކަމުގައި ބާރަފަހަރަށް އިތުބާރުނެތްކަމުގެ ވޯޓާ ކުރިމަތިލާން ޖެހުނެވެ.     
    ސަރުކާރު ހިންގުމުގައި ރިފާޙު ޕާޓީގެ ބައިވެރިއެއްކަމުގައިވާ ޓްރޫތް ޕާޓީގެ ލީޑަރ ތާންސޫޗިލަރ ރިފާޙު ޕާޓީއާ ވައްކަނޑައިލައްވާތޯ ސިފައިން ފިއްތުންތައް ކުރިމަތިކުރާން ފެށިއެވެ. ނަމަވެސް އޭނާ އެކަމަކަށް އާނބަސްފުޅެއް ނުދެއްވިއެވެ. ސިފައިން ދެންދިމާކުރީ ޓްރޫތް ޕާޓީގެ ނާއިބު ރައީސާއެވެ. އޭނާ އަތުލައިގަތުމަށް "މަޅިމައްޗަށް ކެއިއަޅާން" ފެށިއެވެ. އެއުކުޅު ކާމިޔާބުވިއެވެ. އަރަބުކާނަށް ޕާލަމަންޓުގެ އަޣުލަބިއްޔަތު ގެއްލި ވަޑައިގެންނެވިއެވެ.

    18 ޖޫން 1997 ގައި އަރަބުކާން އިސްތިޢުފާ ދެއްވިއެވެ. ރިފާޙު ޕާޓީއަށް ވެރިކަން ގެއްލޭއިރަށް އެޕާޓީއާ ދެކޮޅަށް ބޮޑެތި ޙަރަކާތްތަކެއް ހިނގާން ފަށައިފިއެވެ. އެޕާޓީއާ ދެކޮޅަށް ޝަރިއަތް ހިންގުމުގެ ޑްރާމާއެއް ކުޅެވުނެވެ. ތުރުކީވިލާތުގެ ޤާނޫނޫ އަސާސީއާ ޚިލާފުވުމުގެ އިލްޒާމް ޕާޓީގެ ލީޑަރުންގެ އިސްތަށިފުޅުގައި އެޅުވުނެވެ. ކޯޓުން އެކަން ޤަބޫލުކޮށް ރިފާޙު ޕާޓީ ހިންގުން މަނާކުރިއެވެ. އެޕާޓީގެ ހުރިހާ ވެރީންނަކީ ސިޔާސީ ޙަރަކާތްތަކަށް ކުފޫހަމަނުވާ ބައެއްކަމުގައި ހުކުމް ކުރިއެވެ.

ފަޟީލަތު ޕާޓީ އުފެދުމާއި އެޕާޓީ މަނާކުރުން


    1924ގެ ފަހުން ތުރުކީގައި އިސްލާމްދީން އަލުން ދިރުވުމުގެ ޙަރަކާތެއް ފެށޭ ހަމަކޮންމެ ފަހަރަކު ޔޫރަޕާއި އެމެރިކާ ތުރުކީގެ ސެކިއުލަރ ބާރުތަކަށް އެހީވާން ވަގުތުން ދުއްވައިގަނެއެވެ. ތުރުކީއަށް އެއައި ބަދަލެއް ކޮންމެވެސް ގޮތަކުން ކުރީންވެސް އޮތްގޮތަށް ބަދަލުކޮށް ހަމަޖައްސައިލައެވެ. އަރަބުކާނަށް އެކަން ވަރަށް ރަނގަޅަށް މޭރުންވެ ވަޑައިގަންނަވައެވެ. ޔޫރަޕާއި، ތުރުކީގެ ލާދީނީ ބޮޑުންނަށް އޭނާގެ ބޮޑުވަޒީރުކަން މާގިނަ ދުވަހަކު ބަރުދާސްތެއް ނުކުރެވޭނެކަން އެނގިވަޑައިގަންނަވައެވެ. ވަރަށް އަވަހަށް އޭނާ ވެރިކަމުން ދުރުކޮށްލާނެކަމާއި އޭނާގެ ޕާޓީވެސް މަނާކުރާނެކަން ވިސްނިވަޑައިގަންނަވައެވެ.

    އެހެންކަމުން އޭނާ ވެރިކަމުގައި ހުންނަވައިގެން އޭނާއަށް ތާއީދުކުރައްވާ ޕާލަމަންޓުގެ މެމްބަރުންތަކެއްގެ އިސްތިޢުފާ އަތުލެއްވިއެވެ. އެބޭފުޅުންގެ އިސްތިއުފާ އަތުލައްވައި އެބޭފުޅުން ލައްވައި ފަޟީލަތު ޕާޓީ އުފެއްދެވިއެވެ. ރިފާހު ޕާޓީ އުވައިލެވުމުން އެޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ޙައިޘިއްޔަތަކީ މިނިވަން މެމްބަރުންގެ ޙައިޘިއްޔަތެވެ. އެހެންކަމުން އޭގެތެރެއިން ގިނަބޭފުޅުން ފަޟީލަތު ޕާޓީއާ ގުޅިވަޑައިގެންނެވިއެވެ.

    ފަޟީލަތު ޕާޓީގެ މުގޫއޮތީ ޕްރޮފެސަރ ނަޖުމުއްދީން އަރަބުކާންގެ ވަރަށް ގާތް އެކުވެރިއެއް ކަމުގައިވާ އިސްމާޢީލް އަލްޕްތަޤީންގެ އަތްޕުޅުގައެވެ. އިސްމާޢީލް އަލްޕުތަޤީން މުޅި ތުރުކީގައި ފަޟީލަތު ޕާޓީގެ އޮފީސްތަކުގެފުޅާ ވިއުގައެއް ޤާއިމް ކުރެއްވިއެވެ. 14 މެއި 1998 ގައި އިސްމާޢީލް އިސްތިއުފާ ދެއްވައި، އަޖާއީ ޤޫޠާން ޕާޓީގެ ރައީސަކަށް ވެވަޑައިގެންނެވިއެވެ. ވިދިގެންއައި ޢާއްމު އިންތިޚާބުގައި ފަޟީލަތު ޕާޓީ ބައިވެރިވިއެވެ. ސަތޭކަދިހަ ގޮނޑި ކާމިޔާބު ކުރިއެވެ. ނަމަވެސް އެޕާޓީއަކަށް ސަރުކާރުގައި ބައިވެރިވުމުގެ ހުއްދައެއް ނުލިބުނެވެ. ޕާލަމަންޓް އުފެދުނުތާ މަހެއްހައި ދުވަހުގެ ތެރޭގައި 1999ގައި ފަޟީލަތާ ދެކޮޅަށް ޤާނޫނީ ހަނގުރާމައެއް ފެށިއްޖެއެވެ. 22 ޖޫން 2000 ގައި އެޕާޓީވެސް ވަނީ ހިންގުން މަނާކުރެވިފައެވެ.

    22 ޖުލައި 2001 ގައި އަރަބުކާން އަނެއްކާ ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. ސަޢާދަތު ޕާޓީގެ ނަމުގައެވެ. އެހައިތަނުން އަރަބުކާނުގެ އެކުވެރީންގެ ތެރެއިން ޒުވާން ބޭފުޅުންކޮޅެއް އޭނާއާ ވަކިވެވަޑައިގެންނެވިއެވެ. އެބޭފުޅުން، އުރުދުޣާންގެ ވެރިކަމުގެ ދަށުގައި ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ އުފެއްދެވިއެވެ.

ރަޖަބު ޠައްޔިބު އުރްދުޣާން


    ރަޖަބު ޠައްޔިބު އުރުދުޣާން ރައްކައުވީ 1954ގައި އިސްތަންބޯލުގައެވެ. އޭނާއަކީ ފަޤީރު ޢާއިލާއެއްގެ މެމްބަރެކެވެ. އޭނާގެ ބައްޕާފުޅު މަސައްކަތްކުރެއްވީ ތުރުކީގެ ކޯސްޓްގާޑުގައެވެ. އޭނާ ތަޢުލީމް ޙާސިލްކުރެއްވީވެސް އިސްތަންބޯލުންނެވެ. އޭނާއަކީ މަރްމަރާ ޔުނިވަރސިޓީގެ ކޮލެޖެ އޮފް ބިޒްނަސްގެ ގްރެޖުއޭޓެކެވެ. ކުޅަދާނަފުޅު ފުޓްބޯޅަ ކުޅުއްވުންތެރިއެކެވެ. ދީންވެރި މުސްލިމެކެވެ. ތުރުކީގައި އިސްލާމްދީން ކުރިއެރުމުގެ ހުވަފެންފުޅު ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. އަރަބްކާންގެ "ފޭނެކެވެ." ނަމަވެސް މިޒާޖުފުޅު އަރަބްކާނާ ކުޑަކޮށް ތަފާތެވެ.

    އުރުދުޣާނަކީ ވަރަށް ސާދާ ބޭފުޅެކެވެ. ޢަމަލީ ހިންގެވުންތެރިއެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ދިހަހާސް ސްކޮލަރުން އެއްބައިވެގެން ވިސްނައިނުދެވޭކަމެއް ޢަމަލީމީހަކަށް ދިހަމިނިޓުގެ ތެރޭގައި ޢަމަލީ މިސާލުގެ ޒަރީއާއިން ވިސްނައިދެވިދާނެއެވެ. އުރްދުޣާން ދެކެވަޑައިގަންނަވާ ގޮތޮގައި ތުރުކީގައި ދީނަށް ގޮވައިލައިގެނެއް އިސްލާމްދީން އަލުން ދިރުވައެއް ނުލެވޭނެއެވެ. އޭނާ ވިދާޅުވިއެވެ. "އަހަރެމެންނަށް ޖެހޭނީ އިސްލާމްދީނުގެ އަމަލީ ނަމޫނާ ދައްކައިދޭށެވެ. އޭރުން މަޑުމަޑުން އިސްލާމްދީން ތުރުކީއަށް އެނބުރި އަތުވެދާނެއެވެ."
    އަރަބުކާނާއި، އުރްދުޣާންގެ މިޒާޖުފުޅުގެ ތަފާތު ހާމަވާ އެއްޙާދިޘާއެއް މިތާނގައި ފާހަގަކޮށްލާނަމެވެ. 1994ގައި އަރަބުކާން އޭނާގެ ދަރިކަނބަލުންގެ ކާވެނިފުޅު ކޮށްދެއްވިއެވެ. އިސްތަންބޯލުގައެވެ. އެކަމަށްޓަކައި ފައިވް ސްޓަރ ހޮޓަލެއް ބުކްކުރެއްވިއެވެ. އެރަސްމިއްޔާތުގެ ވިދުވަރު ގަދަކަމުން ދުނިޔޭގެ މީޑިޔާއިން އެތައް ހަފުތާތަކެއް ވަންދެން އެޚަބަރު ފެތުރިއެވެ.

    އެރަސްމިއްޔާތުގެ ޝާނުޝައުކަތާމެދު އުރްދުޣާން އިޢުތިރާޟުކުރެއްވިއެވެ. އަރަބުކާން ޖަވާބުގައި ވިދާޅުވިއެވެ. "ކޮންމެއަކަސް އަޅުގަނޑަކީ މުއްސަނދި ޢާއިލާއެއްގެ މެމްބަރެކެވެ. މިއީ އަޅުގަނޑުގެ އަންހެން ދަރިފުޅުގެ ކާވެންޏެވެ. މިހުރިހައި ޚަރަދެއް މިކުރީ އަޅުގަނޑުގެ އަމިއްލަ ޖީބުންނެވެ."
    ތުރުކީގެ މިދެޒައީމުންގެ މިޒާޖުފުޅުގައި މިބާވަތުގެ ތަފާތެއް ހުރިކަމުގައިވިޔަސް މިހާރުވެސް ދެބޭފުޅުންވެސް ހިތްޕުޅުގެ އަޑީން އެއްބޭފުޅަކު އަނެއްބޭފުޅަކަށް އިޙްތިރާމް ކުރައްވައެވެ.

މޭޔަރެއްގެގޮތުން އުރްދުޣާންގެ މަސައްކަތްޕުޅު


    1994ގެ މުނިސިޕަލް އިންތިޚާބުގައި އުރްދުޣާން އިސްތަންބޯލުން އިންތިޚާބުގައި ވާދަކުރެއްވިއެވެ. އެއިންތިޚާބުގައި ވޯޓުގެ ފަންސަވީސް އިންސައްތަ ކާމިޔާބު ކުރައްވައި އިސްތަންބޯލުގެ މޭޔަރަކަށް އިންތިޚާބުވެ ވަޑައިގެންނެވިއެވެ. އޭނާގެ މޭޔަރކަމުގެ ދުވަސްވަރު އޭނާގެ ލަޔާގަތާއި ޤާބިލިއްޔަތު ވަރަށް ބޮޑަށް ހާމަކޮށްދެއްވިއެވެ. އޭނާއަށް މޭޔަރކަން ލިބިވަޑައިގެންނެވިއިރު ތުރުކީގައި ޢާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތި އިންތިހާޔަށް އަގުބޮޑެވެ. ވަޒިފާނެތުމާއި، ވަގުވިޔަފާރި އޮތީ އާއްމުވެފައެވެ. އުރްދުޣާން ދާދިމަދު މައްސަރުތަކެއްގެ ތެރޭގައި އެތިން ލައުނަތުންވެސް އިސްތަންބޯލް ސަލާމަތްކުރެއްވިއެވެ. ތަކެތީގެ އަގު މައްޗަށް ދިޔުން ހުއްޓުމަކަށް ގެންނެވިއެވެ. ވަޒީފާގެ ފުރުޞަތު ތަނަވަސްވާފަދަ އައުމަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގެވިއެވެ. ނަތީޖާއެއްގެ ގޮތުން ޒުވާނުންނަށް ވަޒީފާ ލިބޭން ފެށިއެވެ. މުދާފޮރުވުމާއި ވަގުވިޔަފާރި ހުއްޓުވުމަށް ކުރިއްސުރެ ހެދިފައިހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމަޔަށް ޢަމަލުކުރައްވާން ފެއްޓެވިއެވެ. ފުލުހުންގެ މަޙްކަމާ އިޞްލާޙުކުރެއްވިއެވެ. ނިޔާކަނޑައެޅުމުގެ ނިޒާމުގެ ބަރުހެލިކަން ނައްތައިލައްވައި އެނިޒާމު ހަލުއިކުރެއްވިއެވެ. ބިއުރޯކްރެސީއަކީ ޙަޤީޤީ މާނައިގައި ރައްޔިތުންގެ ޚާދިމުންކަމުގައި ހެއްދެވިއެވެ. ޤާނޫނޫގެ އަމުރު ހިނގާނެގޮތް ހަމަޖެއްސެވިއެވެ.  
 
    އުރްދުޣާން މޭޔަރަކަށް ވެވަޑައިގަތުމުގެ ކުރީން އިސްތަންބޯލަކީ ތަފާތު މާފިޔާތަކާއި ގޭންގުތަކުގެ ބާރުގެދަށުގައިއޮތް ރަށެކެވެ. އެރަށަކީ އިންސާނުން ގަނެވިއްކުމުގެ ވިޔަފާރީގެ މަރުކަޒެކެވެ. އިންސާނުންގެ ވިޔަފާރި ހިންގާ ފަރާތްތަކުން ތިންވަނަ ދުނިޔޭގެ ޒުވާނުން ތުރުކީއަށް ގެނެސް ބޮޑުއަގުގައި ޔޫރަޕަށް ސަޕްލައިކޮށްދެއެވެ. އިސްތަންބޯލަކީ އެމެރިކާއަށާއި ޔޫރަޕަށް މަސްތުވާތަކެތި އެތެރެކުރުމުގެވެސް ރަސްމަގެކެވެ. އުރްދުޣާން އިސްތަންބޯލުގެ މޭޔަރުކަމާ ޙަވާލުވެވަޑައިގަތުމާއެކު އެކަންތައްވެސް ވަގުތުން ނިމުމަކަށް ގެންނެވިއެވެ. އެދުވަސްވަރު އިސްތަންބޯލުގެ ލުޓޭރުންނާއި ޖީބުކަނޑާ މީހުންނަކީ މުޅިދުނިޔޭގައިވެސް ނަންމަޝްހޫރު ބައެކެވެ. އުރްދުޣާން ވަޑައިގެން އެބައިމީހުންގެ ލަފުގައި ހިއްޕަވައި ޅަބުޅާތަކެއްހެން ބޭރުކޮށްލެއްވިއެވެ. އޭރު އިސްތަންބޯލުގެ ބިއުރޯކްރެސީއަކީ ތިންވަނަ ދުނިޔޭގެ އެހެނިހެން ޤައުމުތަކާ އެއްވަރަށް ކޮރަޕްޓް ބައެކެވެ. ހަމަ އެ ރަތްރިބަނެވެ. އެމެދުވެރިވުމާއި އަތްބާރު އެޅުމެވެ. ހަމަ އެރިޝްވަތެވެ. އުރްދުޣާން އެހުރިހާ ހަޑިމިލޭރުން ތާހިރު ކުރެއްވިއެވެ.

    އެދުވަސްވަރު ތުރުކީގެ ސިޔާސީ ޒައީމުންނާއި، ސަރުކާރުގެ ވެރީންގެ ކިބައިގައިހުރީ ފިރުޢައުނީ ތަކައްބުރާއި ބޮޑާކަމެވެ. ދޮރުފާރަވެރީންނާއި، ޑަބަލް ދޮރާށިތަކެވެ. ތަފާތު ބަހަނާތަކާއި "މިހާރު ނުއުޅުއްވާ" ވާހަކައާއި "ވަރަށް އަވަދިނެތިކޮށް އުޅުއްވާ" ވާހަކައެވެ. ސަރުކާރުގެ މުވައްޒަފުންނާއި، އޮފީސްތަކުގެ ވެރީން ތިއްބެވީ އާއްމު ރައްޔިތުންނަށް ފައިންޕުޅު ފެންނަވަރަށްވުރެ އުހުގައެވެ. އަޑުފޯރާވަރަށްވުރެ ދުރުގައެވެ.
   
އުރްދުޣާން ވަޑައިގެން އެހުރިހާކަމެއް އެކޮޅުކޮޅުން ޖެއްސެވިއެވެ. ޚުދުއޭނާ އާއްމުންނާއެކު އާއްމު މިސްކިތްތަކުގައި ނަމާދު ކުރައްވައެވެ. އޭނާގެ މުވައްޒަފުންނަށްވެސް އެނަމޫނާގައި ހިފަން އިރުޝާދު ދެއްވިއެވެ. އެހެންކަމުން އުރްދުޣާންގެ ދައުރުގައި އިސްތަންބޯލުގެ ރައްޔިތުންނަށް ސަރުކާރަކީ އެމީހުނާ ވަރަށް ކައިރީގައިވާ އިދާރާއެއްކަން އިހްސާސްވިއެވެ. އިސްތަންބޯލުގެ ރައްޔިތުންނަށް އެއްވެސް މަނާކުރެއްވުމަކާ ނުލައި ވެރިންގެ ކޮޓަރިކޮޅަށް ވަދެވޭން ފެށިއެވެ. ވެރީން ރައްޔިތުންގެ އަޑުއަހާން ފެށިއެވެ. މިއީ އިސްތަންބޯލާއި ތުރުކީގެ މަސްރަހަށްއައި ވަރަށް ބޮޑު ބަދަލެކެވެ. އެހެންކަމުން އުރްދުޣާންގެ ތަރި ވަރަށް އަލިގަދަކަމާއެކު ބަބުޅާން ފެށިއެވެ. އަރަބުކާން ފިޔަވައި ތުރުކީގެ އެންމެ މަތިވެރި ޝަހްސިއްޔަތަކީ އުރްދުޣާން ކަމުގައި މަޝްހޫރުވިއެވެ. އަރަބްކާނާއި އޭނާގެ އެކުވެރީންނަށް "ބަނޑުފުޅާއި ބުރަކަށިފުޅުން އަޑުކިޔަންދެން ހިއްޕަވައިގެންވެސް" ނުކުރެއްވުނު ކަންތައްތައް އުރްދުޣާން ތުރުކީގައި ޙަޤީޤަތަކަށް ހައްދަވާނެކަން ޔަޤީންވަމުން ދިޔައެވެ.
   

އުރްދުޣާންގެ މައްޗަށް ސަރިޔަތް ހިންގުން


    އުރްދުޣާން ކުރިޔަށް ވަޑައިގަންނަވާ ގޮތާމެދުވެސް ތުރުކީގެ ސެކިއުލަރ ގިންތީގެ މީހުން ހިތްހަމައެއްނުޖެހެއެވެ. އެހެންކަމުން 1997ގައި އޭނާ "ބަޣީޅެމެއް" ވިދާޅުވުމުގެ "ކުށުގައި" އޭނާގެ މައްޗަށް ސަރިޔަތް ހިންގުނެވެ. އޭނާ މިސްކިތެއްގައި އިންނަވަނިކޮށް ހައްޔަރުކޮށްގެން ސަރިޔަތަށް ޙާޒިރުކުރެވުނެވެ. ކޯޓުން އޭނާގެ މައްޗަށް ހުކުމްކުރީ ދިހަމަސް ދުވަހަށް ޖަލަށްލުމަށާއި، ދުވަހަކުވެސް ސިޔާސަތުގައި ބައިވެރިވެވަޑައިގަންނަވަން "ކަމުނުދާ" ކަމުގައެވެ. އުރްދުޣާން ވިދާޅުވިކަމަށް ތުހުމަތުކުރެވުނު ޅެމަކީ ތުރުކީގެ މަޝްހޫރު ޝާއިރު ޟިޔާގޯކަލްބުގެ ޅެމެކެވެ. ތިރީގައި މިވަނީ އެޅުމުގެ ދެބައިތެކެވެ.
"މިސްކިތްތަކަކީ އަހަރެމެން ޙިމާޔަތާއި ރައްކާތެރިކަން ލިބިގަންނަ ކިއްލާތަކެވެ.
އެތާނގެ މުންނާރުތަކަކީ އަހަރެމެންގެ ލޮންސިތަކެވެ.
އެތާނގެ ގުއްބަކީ އަހަރެމެންގެ އައްޑަނައެވެ.
އިމާންކަމުގެ އަހްލުވެރީންނަކީ އަހަރެމެންގެ ސިފައިންނެވެ."

    ކޯޓުން ހުކުމްކުރީ ޅެމުގެ އިސްވެދެންނެވި ބައިތުތައް ތުރުކީވިލާތުގެ ޤާނޫނު އަސާސީއާ ޚިލާފުކަމުގައެވެ. އެހެންކަމުން ކުރީންވެސް ދެންނެވި ފަދައިން އުރްދުޣާންގެ މައްޗަށް ހުކުމްކުރިއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ