އަދުގެ ޚާއްސަ

Print

ފެންޑާ ތެރޭގައި ބަދިގެ ނުހައްދަވާށެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


ފަރުމާކޮށްގެން، އެ ފަރުމާ ކުރަހައިގެން ގެދޮރު އަޅާ ޚިޔާލު ދިވެހިންގެ ތެރެއަށް އައިއިރު، އޭގައިވަނީ ފުރެއްދެ ކުލައެއް ޖެހިފައެވެ. އެހެން ނުވުމަށްވުރެ ބޮޑަށް ގާތީ އެހެން ވުމާއެވެ. އެހެނީ، ފަރުމާކުރާ މީހާގެ ވިސްނުމަށް ވެރިވެފައިވަނީ، ފުރެއްދެ ސަގާފަތެކެވެ. ދިވެހިންނާއި ދިވެހިންގެ ބޭނުންތަކާއި ދިވެހި ދިރިއުޅުމަށް އޭނާވަނީ ބީރައްޓެހިވެފައެވެ. ނަވާރަސަތޭކަ ނުވަދިހައިގެ ތެރޭގައި މީހަކު އޭނާގެ ނިދާކޮޓަރި ފަރުމާކުރުމަށްޓަކައި، ފަރުމާކުރާ މީހެއްގެ ގާތަށް ދިޔައިމާ ލަފާދެމުން ބުނެފައިވެއެވެ.

"ނިދާކޮޓަރީގެ ފާޚާނާއަކީ، ބަންދުކުރެވޭ ގޮތަށް ހުންނަ ތަނެއްކަމުގައި ވާކަށް ނުޖެހެއެވެ. މޭކަށިގަނޑާ ހަމައަށް އަރާވަރުގެ ފާރުބުރިއަކުން ފާޚާނާ ތަށި ނިވާކޮށްލީމާ ފުދޭނެއެވެ. ނިދާކޮޓަރީގެ އެއްކަނެއްގައި ފާޚާނާތަށި ބެހެއްޓިދާނެއެވެ."

ނަންގަނެވި ދިޔަ، ވިސްނުމާ އެއްގޮތަށް ނިދާކޮޓަރި ފަރުމާކުރުން، ދިވެހިންގެ ގެދޮރުގައި ޢާއްމުވެގެން ނުދިޔައެވެ. ނަމަވެސް ފެންޑާތަކަށް އެ ވިސްނުން ވަނީ ވެރިވެފައެވެ. ޚާއްޞަކޮށް މާލޭގެ ގެދޮރުގައެވެ. މިހާރު މާލޭގެ ގިނަ ގެތަކުގެ ފެންޑާއިން ބަޔެއް ޚާއްޞަކުރެވިފައިވަނީ، ބަދިގެއަށެވެ. މިކަމަކީ، ގެދޮރުގައި ދިރިއުޅޭ މީހުންނަށް ވަރަށް ގިނަގުނަ ދުއްތުރާތައް ކުރިމަތިކުރުވާ ކަމެކެވެ.

ފެންޑާގައި ބަދިގެ ހެދުމުގެ ސަބަބުން ކުރިމަތިވާ ދުއްތުރާތަކުގެ ތެރޭގައި، ކޮށިއެރުމާއި ރޯގާޖެހުމާއި ހަށިގަނޑާއި ފޭރާމުގައި ކާތަކެތީގެ ވަސްހިފުމާއި ސާފުތާހިރުކަން ކުޑަވުމާއި ގޭތެރޭގެ ޖައްވު ނުސާފުވުމާއި ހޫނުގަދަވުމާއި ބޮޑެތިވަމުން އަންނަ ކުދިން ފާސިދުވުން ފަދަ އެތައްކަމެއް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ކަންކަމުގެ އުނދަގޫ ބޮޑުވެގެން އެއަށް ޙައްލެއް ހޯދުމަށްޓަކައި ބައެއް މީހުން މަސައްކަތްކުރެއެވެ. އެގޮތުން، ވަސްބޭރުކުރާ ނިޒާމު ބޭނުންކުރެއެވެ. ތަޖުރިބާއިން އެނގިފައިވާ ގޮތުގައި އެއީ ހުރުމާއި ނެތުން ހަމަހަމަ އެއްޗެކެވެ.

ފެންޑާ ފަރުމާކުރާއިރު، އެތަނުގެ ބޭނުމާމެދު ވިސްނާލަން ޖެހެއެވެ. އެތަނުގައި ކުރަނީ ކޮން ކަންތައްތަކެއްތޯ ބަލާލަން ޖެހެއެވެ. ދިވެހި ބަހުގެ ރަދީފުގައި ފެންޑާގެ ދެ މާނައެއް ވެއެވެ. ފުރަތަމަ މާނައިގައިވަނީ، ފެންޑާއަކީ، ދިވެހިންގެ ގެދޮރުގައި މައިގޭގެ ދޮރޯއްޓާވީ ފަރާތަށް އިތުރުކުރާ ބައި ކަމަށެވެ. އެހެންވީމާ، މައިގޭގެ ދޮރޯށި ޙިމާޔަތްކުރުމުގެ ބޭނުން ފެންޑާގައި އެބައޮތެވެ. ދެވަނަ މާނައިގައިވަނީ، ދިވެހިން ގެދޮރު އެޅުމުގައި މައިގެއާއި ގުޅައިގެން ކޮންމެ ފަރާތަކަށް ވިޔަސް އިތުރު ކުރާބައި ކަމަށާއި މިބައި ހުންނާނީ މައިގެޔަށްވުރެ ތިރިކޮށް، ބަންދު ނުކުރެވޭ ގޮތަށް ކަމަށެވެ. މިމާނައާމެދު ވިސްނާލާއިރު، ފެންޑާއަކީ، ޙިމާޔަތްކުރުމުގެ އިތުރުން، ހިޔަލެއް ކަން ވެސް އެނގެއެވެ.



ފެންޑާގެ ހިޔަލުގައި، ފެންޑާގެ ތެރޭގައި ކުރެވޭ ކަންތައްތައް، ޒަމާނާއި ތަނާ ގުޅޭ ގޮތަށް ބަދަލުވެދާނެއެވެ. ނަމަވެސް ފުށުއަރާ ދެކަމެއް އެތަނުގައި ކުރުމަކީ، ދިރިއުޅޭ ބަޔަކަށް އުފަލާއި އަރާމު ލިއްބައިދޭނެ ކަމެއް ނޫނެވެ. މެހުމާނުންނާ ބައްދަލުކުރުމާއި ޓީވީ ބެލުން ފަދަ ކަންތައްތައް ކުރުމަށްޓަކައި ފެންޑާ ބޭނުންކުރާނަމަ، ބަދިގެއެއްގެ ގޮތުގައި އެތަން ބޭނުންކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ގެއެއް ފަރުމާކުރަން އުޅުނު ޒުވާނަކާ މިވާހަކަ ޙިއްޞާކޮށްލުމުން އޭނާ ސުއާލުކުރިއެވެ. "އެހެންވީއިރު، ޔޫރަޕު މީހުން ފެންޑާތެރޭގައި ކައްކަނީ ކީއްވެގެން ހެއްޔެވެ؟" ޒުވާނާ ޔޫރަޕަށް ގޮސް ބެލިނަމަ، މިސުއާލުގެ ޖަވާބު އޭނާއަށް ވަރަށް ފުރިހަމައަށް ލިބޭނެއެވެ. އަޅުގަނޑުމެންގެ ރަށްތަކާ ޚިލާފަށް ޔޫރަޕަކީ ފިނިގަދަ ތަނެެކެވެ. އެ ބައްރުގައި ދިރިއުޅޭއިރު ގެދޮރު ހޫނުކުރަން ބޭނުންވާނެއެވެ. އަނެއްކަމަކީ، ދިވެހިންގެ ބަދިގެ ތަކުގައި ކައްކާ ކަހަލަ ތަކެތި އެމީހުންނަކު ނުކައްކައެވެ. މީގެ އިތުރުން އާދަކާދައާއި ސަގާފަތުގެ އެތައް ތަފާތުތަކެއް ވެއެވެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި ކިޔަވާދޭ އާކިޓެކްޗަރ (ޢިމާރާތް ފަރުމާކުރުމުގެ ޢިލްމާއި ފަންނު) ކޯހުގެ މުޤައްރަރު ތައްޔާރުކޮށްދެއްވި ޢިލްމުވެރިޔާ ކަންބޮޑުވެވަޑައިގެންނެވި ދެކަމެއްގެ ވާހަކަ، އޭނާ އަޅުގަނޑުގެ ގާތުގައި ވިދާޅުވިއެވެ. އެއްކަމަކީ، ދިވެހި ރާއްޖެއަކީ ހޫނު ތަނަކަށް ވީއިރު، އެކަމުގެ މައްޗަށް ރިޢާޔަތްކުރުމެއް ނެތި، ޢިމާރާތް ފަރުމާކުރާ ކަމެވެ. ދެވަނަ ކަމަކީ، ކުރަހާ މީހުން ލައްވާ ޢިމާރާތް ފަރުމާކުރާ ކަމެވެ.

މިދެންނެވި ޢިލްމުވެރިޔާ ކަންބޮޑުވެވަޑައިގެންނެވި ދެ ކަމުން އެނގެނީ، ދިވެހިންގެ ތެރޭގައި އާކިޓެކްޗަރގެ ހޭލުންތެރިކަން އޮތް ހިސާބެވެ. ބޭރު ޤައުމަކުން ފެންނަ ޢިމާރާތަކާ އެއްގޮތަށް ދިވެހިރާއްޖޭގައި ޢިމާރާތެއް އެޅީމާ، އެތަންވާނީ، ދިވެހި ބިމުގައި ހުއްޓެއްކަމަކު، މި ބިމުގައި ނަސަބެއް ނެތް ހަރާން ދަރިއަކަށެވެ. ކުރަހާ މީހަކު ލައްވާ ޢިމާރާތެއް ފަރުމާކުރުން ވާނީ، އަތުން ފަހާ ތިނޯހަކުން ފަހާ މީހަކު ލައްވާ، މީހެއްގެ ގަޔަށް އިންޖެކްޝަން ޖެހުން ކަހަލަ ކަމަކަށެވެ. އަތުން ފަހާއިރު އަމުނާލާ ގޮތަށް، ކަށްޓަށް މަސްގަނޑު އަމުނާލާފައި، ސިރިންޖުގައި ހުރި އެއްޗެއް އޭނާ ބޭރަށް ވެސް ދުއްވާލަފާނެއެވެ!

ހުޅުމާލެއަކީ، މުސްތަޤުބަލުގައި ގިނަބަޔަކު ދިރިއުޅޭނެ ތަނެއް ކަމަށް ބެލެވެއެވެ. އެރަށުގައި ފުރަތަމަ ބިނާކުރެވުނު ފްލެޓްތައް ފަރުމާކުރި ޓީމުގައި އަޅުގަނޑު ވެސް ހިމެނުނެވެ. އަޅުގަނޑު ހުށަހެޅި ކަންތައްތަކުގެ ތެރެއިން ދެކަމެއް އެތަނުގައި ކުރެވުނެވެ. އެއްކަމަކީ، އެ ފްލެޓްތަކުގައި ގޮޅިޖެހި ކުޑަދޮރު ނުލުމެވެ. އަނެއް ކަމަކީ، ބަންދުކުރެވޭ ތަނެއްގެ ގޮތުގައި ބަދިގެ ހެދުމެވެ. ގޮޅިޖެހި ކުޑަދޮރު ނުލުމަށް ހުށަހެޅީ ޚަރަދުކުޑަކުރުމަށާއި ފުރެއްދެ ސަގާފަތުން އެއްކިބާވުމަށެވެ. ބަދިގެއަކީ، ބަންދުކުރެވޭ ތަނެއްކަމުގައި ހެދުމަށް ހުށަހެޅީ، ފެންޑާގެ އެއްކަނެއްގައި ބަދިގެ ހެދީމާ ލިބޭނެ ދުއްތުރާތަކުން، އެތަނުގައި ދިރިއުޅޭ ބަޔަކު ސަލާމަތްކުރުމަށެވެ.

ދިވެހިރާއްޖޭގެ ވެރިރަށަށް އައިސްފައިވާ ޢުމްރާނީ ތަރައްޤީ، މިހާރު މިދަނީ، އަތޮޅުތަކަށް ވެސް ފެތުރެމުންނެވެ. މި ޙަރަކާތުގެ ތެރޭގައި އަލަށް ގެދޮރު ބިނާކުރުމާއި، އަޅާފައިވާ ގެދޮރު އަލުން ބިނާކުރުން އޮންނާނެއެވެ. ބުއްދިވެރިންނަކީ، ރަނގަޅަށް ފަރުމާކޮށްގެން ގެދޮރު އަޅައިފި ބަޔެކެވެ. ގެދޮރު އަޅަނީ، މިއަދު ބިނާކޮށްފައި، މާދަމާ ތަޅާލަން ނޫންކަން ހަނދާނުގައި ބަހައްޓައިގެން އެކަން ކޮށްފި ބަޔެކެވެ.

އަޅުގަނޑުގެ އިލްތިމާސަކީ، އަލަށް ބިނާކުރެއްވިޔަސް، އަލުން ބިނާކުރެއްވިޔަސް، ފެންޑާ ތެރޭގައި ބަދިގެ ނުހައްދަވާށެވެ!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ