އަދުގެ ޚާއްސަ

Print

ދެ މޫނު

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހީމް ވަޙީދު

ޒަމާނީ ފެޝަން ދޫކޮށްލުމަށްފަހު ކަޅުހެދުން ލާންފެށިއިރު، ރުވޭދާގެ އުމުރުން އެންމެ ސަތާރަ އަހަރެވެ. އެއީ، ކިޔެވުމުގެ އެންމެ ފަހު އަހަރެވެ. ރުވޭދާ ދެކޭގޮތުގައި، މަތީ ސާނަވީ ނިމުނުއިރު ވެސް، ތައުލީމީގޮތުން އެނގެންޖެހޭ އެއްވެސް އެއްޗެއް ނޭނގެ އެވެ. ހަމައެކަނި ދަސްވީ، ފަރަންޖީންގެ ސަގާފަތާއި، އެ މީހުންގެ ތާރީޚާއި ބަހެވެ. އެއިން އެއްވެސް އެއްޗަކުން، ރުވޭދާ އަށް ފައިދާއެއް ކުރާނެކަމަކަށް ރުވޭދާ ނުދެކެއެވެ. ގިނަ ކަންތައްތަކުގައި، ކަން އޮތް ގޮތާއި، ރުވޭދާ ދެކޭގޮތް ވެސް ތަފާތެވެ.


ޓީވީ ބެލުމަކީ ބޭނުންކަމެއް ނޫނެވެ. ލަވަ އަޑުއެހުމަކީ މުހިންމުކަމެއް ނޫނެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނިވެގެން ކުރާ އެއްވެސް ކަމެއް  ރުވޭދާއަކަށް ކަމަކުނުދެ އެވެ. ފިރިހެން ކުދިންނާ ވާހަކަ ދެއްކުން އެއީ ރުވޭދާ ކުރަން އެންމެ ފޫހިވާ ކަންތަކެވެ. ރުވޭދާ ކައިވެނި ކުރަން ބޭނުންވަނީ، ހެޔޮލަފާ ފިރިހެނަކާ އެވެ. އެ މީހާގެ ސިފައެއް މުހިންމެއް ނޫނެވެ. އަދި، ކައިވެނި ކުރުމުގެ ކުރިން ދެ މީހުން ވާހަކަދައްކައި ބައްދަލުކޮށް ހަދާކަށް، ރުވޭދާގެ އުސޫލު ތަނެއްނުދެ އެވެ. އެކަން، ރުވޭދާގެ ހުރިހާ އެކުވެރިންނަށް އެނގެ އެވެ.

ސަފިއްޔާ އާއި ރުވޭދާ އަކީ، ވަރަށް ކުރީއްސުރެ އެކުގައި އުޅޭ ދެ ކުދިންނެވެ. ހަމައެކަނި ތަފާތަކީ، ދެ ކުދިން ލައި އުޅޭ ހެދުމެވެ. ކަޅުހެދުން ލުމުގެ ކުރިން ރުވޭދާ ލީ މިޑީ އެވެ. އިސްތަށިގަނޑު ހުންނަނީ ގަތާފަ އެވެ. މޭކަޕް ކުރުމަށް ރުވޭދާ ހާއްސަ ސަމާލުކަމެއް ދިނެވެ. ސަފިއްޔާ އަބަދު ވެސް ލަނީ ޖިންސާއި ގަމީހެވެ. ނުވަތަ ބެލް އާއި ޓީޝާރޓެވެ. ބޯ ހުންނަނީ ކުރުކޮށް ކޮށާފަ އެވެ. މޭކަޕަކީ ސަފިއްޔާ ކުރާ އެއްޗެއް ނޫނެވެ.

ފެޝަން ދޫކޮށް ކުއްލިއަކަށް ރުވޭދާ ކަޅު ހެދުން ލުމުން، އެކުވެރިންނަކަށް އެކަން އެހާ ކަމަކުނުދިޔަ އެވެ. ސަފިއްޔާ ފިޔަވަ އެވެ. ސަފިއްޔާ ހަމައެކަނި މަރުހަބާ ކިއީކީ ނޫނެވެ. ވަގުތުން ސަފިއްޔާގެ ފެޝަން ވެސް ރުވޭދާއާ އެއްގޮތަށް ބަދަލުކޮށްލި އެވެ. ނަތީޖާއަކަށްވީ، އެހެން ހުރިހާ އެކުވެރިންނާ ކުޑަކޮށް ދުރުވުމަށްފަހު، ސަފިއްޔާ އާއި ރުވޭދާގެ ގުޅުން އިތުރަށް ބަދަހިވުމެވެ.

"ރުވޭ ދެން ކޮންއިރަކުން މީހަކާ އިންނާނީ؟" ސަފިއްޔާ އެ ސުވާލު ވަރަށް ގިނައިން ކުރެ އެވެ.
ރުވޭދާ އެއްވެސް ޖަވާބެއްނުދެ އެވެ. ހިނިތުންވެލާފައި އެ ވާހަކަ އޮއްބާލަނީ އެވެ. އެ ފަހަރު ވެސް ހެދީ އެހެންނެވެ.

"ކޮންމެ ވާހަކައެއް ދެއްކިޔަސް، މި ފަހަރު ޖަވާބެއް ނުލިބެނީހެއް އަހަރެން ހުއްޓައެއް ނުލާނަން.. ބުނޭ!" ސަފިއްޔާ އަހަމުންގެންދިޔަ އެވެ.

"ސޮފީ އަށް އަހަރެން ޖަވާބު ދީފާނަން.. އެއީ، އަހަންނަށް އެނގޭ، އެއްވެސް މީހެއް ގާތުގަ ސޮފީ ނުބުނާނެކަން.. އަހަންނަށް ކަމުގޮސްގެން މި އުޅެނީ ކާކުކަން އެނގޭތަ؟" ރަކިވެފައި ރުވޭދާ އެހި އެވެ.
ރުވޭދާ ބަލައިލިގޮތުން ސަފިއްޔާ އަށް ޔަގީންވި އެވެ. އެހާ ވަރަށް ރުވޭދާ ދަސްވެފައިވާތީ އެވެ.
"ދޮންބެ؟" ސަފިއްޔާ ދެ ލޯ ބޮޑުކޮށްލާފައި ބުންޏެވެ.

ރުވޭދާ ހަމައެކަނި ބޯޖަހާލީ އެވެ. ފިރިހެންކުދިންގެ ވާހަކަ ދެއްކުމަކީ ރުވޭދާގެ އުސޫލުތަކާ ޚިލާފުކަމަކަށް ވާތީ އެވެ.

"ރުވޭ ތިހެން ބުނީމަ އަހަރެން ވެސް ބުނެފާނަން ވާހަކައެއް.. ދޮންބެ ދޭތެރެއަކުން އަހާނެ ރުވޭ ކޮބައިހޭ.. އަހަންނަށް ހީވަނީ ދޮންބެ ވެސް ވަރަށް ލައިކުވޭހެން ރުވޭދެކެ.." ސަފިއްޔާ ބުންޏެވެ. "ސީރިޔަސްކޮށް ރުވޭ ތިކަން ކުރަން ބޭނުމިއްޔާ، އަހަރެން ދޮންބެ އަށް ކުޑަކޮށް ޕުޝްކޮށްލަންތަ؟"

"ދޮންބެ ރުޅިއަތުވެއްޖެއްޔާޔޯ؟" ރުވޭދާ ނުތަނަވަސްވެފައި އެހި އެވެ.

"ދުރުދުރުން ހުރިހާ އެއްޗެއް އަހާފަ، ޔަގީންކޮށްފައޭ އަހަރެން ބުނާނީ.. އެކަމަކު ރުވޭ ބޭނުމިއްޔާ.." ސަފިއްޔާ ބުންޏެވެ.

ރުވޭދާ އެއްބަސްވި އެވެ. ޖެހިގެން އައި ދުވަހު ރުވޭދާ އަށް މެސެޖެއް އައެވެ. މެސެޖު އައިސްފައިވަނީ ސަފިއްޔާގެ ފޯނުންނެވެ.

"އަހަރެން ވަރަށް ލައިކުވޭ!" އިނގެރޭސިބަހުން ލިޔެފައިވެ އެވެ.

މެސެޖުގެ ތިރީގައި ޖަހާފައި އޮތީ އިލްހާމް އެވެ. އެއީ، ސަފިއްޔާގެ ދޮންބެގެ ނަމެވެ. ރުވޭދާ ވަރަށް އުފާވި އެވެ. އެހެންނަމަވެސް، ހިތުގައި ސުވާލެއް އުފެދުނެވެ. ސަފިއްޔާގެ ފޯނުން އެ މެސެޖު އައީ ކީއްވެގެން ހެއްޔެވެ؟ އެހެންނަމަވެސް، އެ މެސެޖަށް ރުވޭދާ ޖަވާބުދިނެވެ. ވަގުތުންނެވެ.

"އަހަރެން ވެސް ލައިކުވޭ!" ރުވޭދާ ލިޔުނެވެ.

ކަންތައް ވީގޮތް އެނގުނީ ސަފިއްޔާއާ ދިމާވީމަ އެވެ.

"ދޮންބެގެ ފޯނު އިރުއިރުކޮޅާ ބައްޕަ ގެންދާނެ.. އެހެންވެ އެ ފޯނުން ދޮންބެ މެސެޖު ނުކުރީ.. އަހަރެން ކައިރީގަ ހުއްޓާއޭ އެ މެސެޖު ފޮނުވީ.." ސަފިއްޔާ ހީހީފައި ކިޔައިދިނެވެ. "އަދި ބުނި، ރުވޭ ރިޕްލައިނުކޮށްފިއްޔާ ދޮންބެ ވަރަށް ހުތްވާނޭ.. ނަސީބެއް ރުވޭ ރިޕްލައި ކުރިކަން.."
އެ ދުވަހަށްފަހު، ދޭތެރެދޭތެރެއިން އިލްހާމްގެ ލޯބީގެ މެސެޖުތައް، ރުވޭދާގެ ފޯނަށް އާދެ އެވެ. ރުވޭދާ ބަރާބަރަށް ޖަވާބު ފޮނުވަ އެވެ. އެކަމަކު، ރުވޭދާގެ އުސޫލުތައް ތަންނުދޭތީވެ، އިލްހާމްއާ ވާހަކައެއް ނުދައްކަ އެވެ. އެ ގުޅުން އަހަރަކަށް ދެމިގެންދިޔަ އެވެ. އެ މުއްދަތުގެ ތެރޭގައި، ރުވޭދާގެ ވަރަށް "ޕާރސަނަލް" ވާހަކަ ވެސް އިލްހާމަށް ކިޔާދީފައިވެ އެވެ. އެކި މުނާސަބަތުގައި، އިލްހާމްގެ ފަރާތުން ހަދިޔާ ރުވޭދާ އަށް ލިބެ އެވެ. ސަފިއްޔާގެ ހަވާލުގައި ފޮނުވާ ހަދިޔާތައް ބަލައިގެންފައި، ރުވޭދާ ވެސް ހަދިޔާ ފޮނުވަ އެވެ. އަދި ލޯބީގެ ވަރުގަދަ ބިންގަލެއް އެ ދެމެދުގައި ސާބިތުކުރެވުނެވެ.

އެއްދުވަހަކު ކުއްލިއަކަށް ރުވޭދާ އަށް ހައިރާންކުރުވަނިވި ޚަބަރެއް ލިބުނެވެ. އެއީ، އިލްހާމް މީހަކާ އިންނަ ޚަބަރެވެ. އެހެން ވާނީ ކިހިނެތް ހެއްޔެވެ؟ އިލްހާމް ލޯބިވަނީ ރުވޭދާ ދެކެ އެވެ.

"ދޮންބެ ބޭނުމެއް ނޫން އެ ކުއްޖާއާ މެރީކުރާކަށް.. އެކަމަކު ބައްޕަ ފޯސްކޮށްގެން ދޮންބެ އަށް މަޖުބޫރުވީ.." ސަފިއްޔާ ބުންޏެވެ.

ރުވޭދާ އެ ދުވަހު ވަރަށް ރުއެވެ. އެ ރޭ ވެސް ރުވޭދާ އަށް އިލްހާމްގެ މެސެޖެއް ލިބުނެވެ.
"ކޮންމެ ގޮތެއް ވިޔަސް އަހަރެން ލޯބިވަނީ ރުވޭ ދެކެ.." އޭގައި ވެ އެވެ. "ރުވޭ ސްޓަޑީކޮށް ނިމުނީމަ، އަހަރެން ރުވޭއާ މެރީ ކުރާނަން.. ރުވޭ ބޭނުމިއްޔާ ދެ އަނތްބަށް.. އެހެންނޫނީ ވައިފް ވަރިކޮށްފަ ވެސް ރުވޭއާ އިންނާނަން.."

އިލްހާމް އެހާބޮޑު ޔަގީންކަމެއް ދިނުމުން ރުވޭދާ ވަރަށް އުފާވި އެވެ. އެކަމަކު، ލޮލުން ކަރުނައެއް ނުހިކުނެވެ. އަރުން އެއްޗެއް ނުދިރުނެވެ. ރުވޭދާގެ އެކުވެރިންގެ ހަމްދަރުދީ ކިތަންމެ ވަރަކަށް ވެސް ލިބުނެވެ. އޭގެތެރޭގައި، ދިޔާނާ ވެސް ހިމެނެއެވެ. ދިޔާނާ އަކީ، ރުވޭދާގެ ބޭބެގެ ލޯބިވެރިޔާ އެވެ. ދިޔާނާ ވަރަށް ރުޅިއައެވެ. ދިޔާނާ ދެކޭގޮތުގައި، އިލްހާމް އަކީ ތުއްތު ކުއްޖެއް ނޫނެވެ. އަންހެން ކުއްޖެއް ވެސް ނޫނެވެ.

އިލްހާމްގެ ކައިވެނި ކުރެވުނެވެ. އެ ޕާރޓީ އަށް، ރުވޭދާގެ އެއްވެސް އެކުވެރިއެއް ނުދެއެވެ. އެހެންނަމަވެސް، ކައިވެނި ކުރެވުނުތާ ހަފްތާއެއްހާ ދުވަސް ފަހުން، ކޮންމެވެސް ކަމަކު ދިޔާނާ އަށް އެ ގެ އަށް ދެވުނެވެ. އިލްހާމްއާ ދިމާވި އެވެ. ދިޔާނާ އަކީ ކެރޭ ކުއްޖެކެވެ. ރުވޭދާ އަށް އިލްހާމް ކަންތައްކުރި ގޮތުން، ދިޔާނާ އައިސްފައިވާ ރުޅި، އެންމެ ތަންކޮޅެއް ވެސް އޭރު މަޑެއްނުވެ އެވެ.
"ތީ ފައްކާ ފިނޑިއެއް!" އިލްހާމް އެކަނިވި ވަގުތެއް ބަލާފައި ދިޔާނާ ބުންޏެވެ.
"އޭނ؟" ހައިރާންވެފައި އިލްހާމް އެހި އެވެ. "ކީއްވެގެން ތިހެން ތި ބުނީ؟"
"ފޮގެޓްއިޓް! މީ އަހަންނާ ބެހޭކަމެއް ވެސް ނޫން.." ދިޔާނާ އުޅުނީ އެ ހިސާބުން އެ ވާހަކަ ހުއްޓާލާށެވެ.
އިލްހާމް ކުރެއްނުކުރި އެވެ. އެހެންކަމުން ދިޔާނާ ހުރިހާ ވާހަކައެއް ދިމާލަށް ގޮވާލި އެވެ. އަލިފުން ޔާއަށެވެ. އިލްހާމް ހުރީ ހައިރާންވެގެން ގޮސް އަންތަރީސްވެފަ އެވެ.

ވަރަށް ގިނަ ވާހަކަ ދެއްކުނެވެ. އިލްހާމް ދެއްކި އެއްވެސް ވާހަކައެއް ދިޔާނާ ގަބޫލެއްނުކުރި އެވެ.
"ތީ ވަރަށް ހެއްވާކަމެއް.. ތިހެންވިއްޔާ ކެރިދާނެތަ ރުވޭއާ ސޮފީ ބަހައްޓައިގެން ތި ވާހަކަދައްކަން؟" އެންމެފަހުން ދިޔާނާ އެހި އެވެ.  

"ފުރަތަމަ އަހަންނަށް ރުވޭ ދައްކަބަލަ! އެއްކޮޅުން ތި ރުވޭއެއް އަހަރެން ނުވެސް ދަންނަން.. އަނެއްކޮޅުން، ކީއްކުރަން ސޮފީގެ ފޯނުން އަހަރެން މެސެޖު ފޮނުވަންވީ؟ މި އޮތީ އަހަރެންގެ ފޯނު.." އިލްހާމް ފޯނު ދައްކާލި އެވެ. "އަހަރެންނަށް ކެރިދާނެ ރުވޭއާ މީޓްކޮށްފަ، ސޮފީ ކައިރީގަ ބަހައްޓާފަ ވެސް މިހެން ބުނަން.. އަހަރެން ރުވޭ އަށް އެއްވެސް މެސެޖެއް ނުފޮނުވަމޭ.. އެއްވެސް ގިފްޓެއް ވެސް ނުފޮނުވަން.. ﷲގަންދީ ހުވާ ވެސް ކޮށްފާނަން! އަހަރެން ލޯބިވި ކުއްޖާއާ މި މެރީ ކުރީ.. ކީއްކުރަން ތި ބުނާ ރުވޭއަކަށް އަހަރެން މެސެޖުކުރަންވީ؟"

އެ ހިސާބުން އެ ވާހަކަ ހުއްޓާލަން ދިޔާނާ އެދުނު ނަމަވެސް، އިލްހާމް ބޭނުންވީ ކޮޅެއްގައި ޖައްސާފައި ނޫނީ އެ ވާހަކަ ހުއްޓާނުލާށެވެ. އެހެންކަމުން، ރުވޭދާގެ ގޭގައި ސަފިއްޔާ އާއި ދިޔާނާ ތިއްބައި، އެ ތަނަށް އިލްހާމް އައެވެ. އިލްހާމްގެ އަންހެނުން ވެސް ގޮވައިގެންނެވެ. ރުވޭދާގެ އެހެން ދެ އެކުވެރިން ވެސް، އެ ވަގުތު ތިއްބެވެ. ނަސީބަކުން، ރުވޭދާގެ މައިންބަފައިން އެ ވަގުތު ގެއަކު ނެތެވެ. ކުއްލިއަކަށް އިލްހާމް އައުމުން، ސަފިއްޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

"ކޮބާ ރުވޭ އަކީ؟" އިލްހާމް އެހި އެވެ.

ރުވޭދާ ދެއްކީ ދިޔާނާ އެވެ. އޭރު ސަފިއްޔާ އަށް ރޮވިއްޖެ އެވެ. ދިފާއުގަ އެއްވެސް އެއްޗެއް ސަފިއްޔާ ނުބުނެ އެވެ. އެކަމަކު، ސަފިއްޔާގެ ފޯނު ބެލިއިރު، އިލްހާމްގެ ނަން ޖަހާފައިވާ، ލޯބީގެ އެތައް ބައިވަރު މެސެޖެއް އޭގައި ވެ އެވެ. އިތުރަށް، ރުވޭދާގެ އެތައް ބައިވަރު ފޮޓޯއެއްވެސް، ސަފިއްޔާގެ ފޯނުގައި ހުއްޓެވެ. ފޯނު ދޫކޮށްލާފައި ސަފިއްޔާ ރޮމުން ނުކުމެގެން ދިޔައީ އެވެ. އަދި ސްކޫލުން ކެނޑުނީ އެވެ. މާލެއިން ފުރައިގެން ދިޔައީ އެވެ. އޭނަ މިހާރު ފަރުވާކުރަމުން ގެންދަނީ، ސިކުނޑިއާ ބެހޭ އިންޑިޔާގެ ހޮސްޕިޓަލެއްގަ އެވެ. 

"ސަފިއްޔާ އަށް  ދޭންވީ ފުރަތަމަ ފަރުވާ އަކީ، އޭނަ އަކީ އަންހެން ކުއްޖެއްކަން އޭނަ އަށް ވިސްނައިދިނުން!" ޑޮކްޓަރު ބުންޏެވެ.

(ނިމުނީ)

 
މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް!

ހަމަމިގަލަމުން

އިދާރާ

ވާހަކަ