އަދުގެ ޚާއްސަ

Print

ލޯ ފަޅާށޯ ވާނީ!!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު

     
އާދަމް ނަޞީރު އިބްރާހީމް (2005)


" ދޮން ހައްވާ! ލޯ ފަޅާށޯ ވާނީ! އުޕުރޭސަނެއް ނުކޮށެއް ދެނެއް ރަނގަޅެއް ނުވާނެޔޯ! އެކަމަކު ހާދަހައިވާ  ބިރެއްގަންނަކަމެކޭ.. މަށަކަށްވާ ހަމަ ލާހިކެއްނޫން!''

ހަސަންފުޅު މި ފަހަރު ވެސް  މާލެ ގޮސްފައި އައިސް އޭނާގެ އަންހެނުން ދޮންހައްވަ ގާތު އެ ދައްކަނީ ހަމަ ކުރީފަހަރު ވެސް ދެއްކި ވާހަކަ އެވެ. މި ފަހަރު ދެއްކި ޑަކުޓަރަކީ އެހެން ޑަކުޓަރަކަށް ވުމަކުން ވަކި ވީ ތަފާތެއް ނެތެވެ. ދިވެހި ޑަކުޓަރަކަށް ނުދައްކައި ބޭރުގެ ޑަކުޓަރަކަށް ދެއްކީ ވެސް އެމީ ހުންނަށް އޮންނަ ''އިތުބާރެއްގެ''  ބޮޑުކަމުންތާ އެވެ!

ޙަޤީޤަތުގައި ހަސަންފުޅަކީ، ޑަކްޓަރީ ބޭހާ ދުރު މީހެކެވެ. މެތުރި ފެނާއި، ދުންމުޖުމަރާތަކާއި، ތަވީދުތަކާ ދޯޅުމީހެކެވެ. ރަށުގެ އޮޑިދޯނި ފަހަރު މަހަށް ތޫނު ކޮށްދީގެން، މާބަނޑުއަންހެނުންނާއި، ޅަކުދީންގެ ހަށީރައްކަލަށް ތަށި، ތަވީދު ލިޔެދީގެން، ވިޔަފާރިވެރިންގެ މަންފާއަށް އަކަ ކުރަހައިދީގެން ދިރިއުޅުން ހޯދަމުން އަންނަ މީހެކެވެ.  

ފަހަކަށް އައިސް ލޮލުގެ ފެނުން ކޮށިވަމުންދާކަން އޭނާ އަށް ފާހަގަ ކުރެވެން ފަށައިފިއެވެ.  އޭނާގެ އަންހެނުންނަށް ވެސް މިކަން އެނގެ އެވެ. މާ ބޮޑުވަރު  ނުވަނީސް މާލެ ގޮސް ޑަކުޓަރަކަށް ދައްކާލައި ފަރުވާ ހޯދުމަށް އޭނާ  ހަސަންފުޅަށް ލަފާދިނީ އެހެންވެގެންނެވެ. އެކަމަކު، ޑަކުޓަރުންނަށް އިތުބާރު ކުރުން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟  އެ އަށް ވުރެ މާ މުޖައްރިބު ކަންކަން ޚުދު ހަސަންފުޅުވެސް ދަނެތެވެ.  އޭނާ އެއްފަހަރު ކިއްސައްދެއްވަށް، އަނެއްފަހަރު ރިޔަންކޮޅަށް އަނެއްފަހަރު ބަޑިއެދުރަށް ލަޢުނަތްދީ، އެ ތަކެތީގެ ސަބަބުން އޭނާގެ ލޮލަށް ލިބެމުންދާ ގެއްލުމުން ސަލާމަތްވޭތޯ އެކިވަރުގެ އެކި ތަވީދު އަޅާލަ އަޅާލާ ހުރެއެވެ.  ބައެއް ފަހަރަށް ޙަކީމީ ބޭހުގެ އެހީވެސް ހޯދައެވެ. އަނެއްބައި ފަހަރަށް ބޭހާ ފަންޑިތަޔާ ދެބައެވެ.

މާލެ ދަތުރުތަކަށް ފެށުނީ މި މަސައްކަތް ކޮށްކޮށް ހުއްޓައި މާވަރުގަދަޔަށް ލޮލުގައި ރިއްސަންފެށުމުން، އެންމެ ދޮށްޓަށް ހުރި އަމްޖަދު، ހަސަންފުޅަށް އަޑުލާންފެށުމުންނެވެ.  ދޮށީދަރިފުޅުކަމަށްވީތީ އެ ސޮރު ރުޅިއަރުވައިލުމަކީ ވެސް ކުރުން ބުއްދިވެރިކަމެއް ނޫނެވެ. ކަންކަމުގެ އެކޮޅު މިކޮޅެއް އެ ސޮރުމެންނަކަށް ނުވެސް އެނގޭނެ ވިއްޔާ އެވެ!  ކަށަވަރުވާ ކަމަކީ ދެ އިރު ދެދަޅަޔަށް ލޮލުގައި ރިހުމަކީ، ހަތުރެއްގެ އެސްފީނާ އަކުން ނޫނީ ވާނޭ ކަމެއް ނޫންކަމެވެ. އެސްފީނާ ޖަހާނެ މީހާވެސް ރަނގަޅަށް އެނގެ އެެވެ. ޖެހިގެން މިހިރަގޭ ދަލޭކާ އެވެ. އަހަރެމެން ތަންކޮޅެއް ތިޔާގިކޮށް އުޅޭތީ އޭނާގެ ލަގޮނޑިޔަށް ކުރާބާރު މަ ރަނގަޅަށް ދަންނަމެވެ. މިކަން މިހާ ރަނގަޅަށް ވިސްނޭއިރު ކުރީއްސުރެ އެކަމުން ސަލާމަތްވުމުގެ ގޮތުން ލޮލުގައި އަނދުން ކޫރެ ދަމައިގެން އުޅެވުނު ނަމަ މި ބަލާވެރިކަމެއް ނު ވެސް ޖެހުނީހެވެ.

ކޮންމެ އަކަސް ޝައްކުބަލީގައި ހަނާވަމުންދާ ހަސަންފުޅުފަކީރުގެ ލޮލަށް ލުއިކަމެއް ލިބޭނެގޮތެއް ހަމަ ނުވެއެވެ.  ދިރިއުޅުމަށް އޭނާ ކުރާ މަސައްކަތްތަކެއް ވެސް ދުލެއް ނުމެ ކުރޭމެ އެވެ. މީހުންނަށް ތަށިލިޔެދިނުމާއި ނަކަތްރާހި ބަލައިދީ  ކަންކަމަށް މޮޅު އިރުވަރު ބުނެދިނުމަކީ، އޭނާގެ ދިރިއުޅުމުގެ ހުރިހާ އުފަލެވެ.

ދޮށްޓަށް ހުރި އަމްޖަދު ބޯޓު ދަތުރުކުރަން އުޅެފައި، މި  މިދުވަސް ވަރު ރަށަށް އައިސް އެ ހުރީ ޗުއްޓީއެއްގަ އެވެ.

ބައްޕަޔަށް ދިމާވާ މި ބާވަތު ކަންކަމުގައި ބައްޕަޔާ މުޢާމަލާތު ކުރަންވާ ގޮތް އަމްޖަދު ނިކަންާ ރަނގަޅަށް ދަނެއެވެ. މި ހުނަރުގެ ބޭނުން ކުރުމުން ހިތާ ދެކޮޅަށް ނަމަވެސް   އިންޑިޔާ އަށް ލޯދައްކަން ދާން ހަސަންފުޅު އެއްބަސްވެއްޖެ އެވެ.

ދެ ބަފައިންނަށް އިންޑިޔާ އަށް ދެވިއްޖެ އެވެ.  ހަސަންފުޅުގެ ލޯ ވެސް ލޮލުގެ މޮޅު ޑަކުޓަރަކަށް ދައްކައިފި އެވެ.  އާދައިގެ މަތިން ލޮލުގެ ފެނުން  އަޖުމަ ބަލަނީ އެވެ. ފަހަރަކު ބޯޑެއް ދިއްލައި އޭގައިވާ އަކުރުތައް ހަސަންފުޅަށް ދައްކައި އޭނާލައްވަައި އަކުރުތައް ކިޔުއްވޭތޯ ބަލަނީ އެވެ. އެެންމެ ކުދި އަކުރާއި، ދޭތެރޭ މެދުގެ އަކުރު ތަކަށްފަހު އެންމެ ބޮޑެތި އަކުރުތައް ވެސް މެއެވެ.

ނަތީޖާ ނިކުތީ ހަމަ އެއްގޮތަކަށެވެ!  މި ފަހަރުގެ ޑަކުޓަރުވެސް ދެއްވީ، އެއްކަލަ ހަސަންފުޅު ފަކީރު ބިރުން ފިއްކަނޑައިގެންދާ ޖަވާބެވެ. ހަސަންފުޅުގެ  ބަހުރުވައިންނަމަ އެއީ ލޯފެޅުމެވެ. އުޕުރޭސަން ކުރުމެވެ.  ހައްލަކީ، ހަމައެކަނި މިއީ އެވެ.

އޮޕަރޭޝަން ކުރަންވި ދުވަސް ކަނޑައެޅިއްޖެ އެވެ.  މާ ދަމާޔަކީ މީ އެދުވަހެވެ. މި ރެޔަކު ހަސަންފުޅަކަށް ލޮލުފިޔަ އެއް ނުޖެހެ އެވެ.  މާފަތިހާ ތެދުވެ އޭނާ ގެންފުޅޭ ''ތިންމަހުފޮތް'' ނަގައިގެން ކިޔަވަން ވެސް ފަށައިފި އެވެ.

މި ކަންތައްގަނޑުގެ ސަބަބުން އަމްޖަދުވެސް ހިތްބިރުގަނެ، ކަންބޮޑުވާ ގޮތް ވެއްޖެ އެވެ. ބައްޕަޔާ މެދު އިތުރަށް ވިސްނޭ ގޮތް ވެއްޖެ އެވެ. ވިސްނި ވިސްނުމުން ތަފާތު ކަމެއް ފާހަގަ ވެސް ކުރެވިއްޖެ އެވެ.

މި ފަތިހު، ނިދާބޮކީގެ ފަނޑު އަލި ކަމުގައި ވެސް ބައްޕަ ފޮތް ބަލައިގެން ކިޔަވަމުން އެދަނީ ނުލާހިކު ފަރިތަ ކަމާ އެކުގައެވެ.  ބައްޕަގެ ލޯ އެހާ ގޯސް ނަމަ މިއީ ވެގެން ވާނެ ގޮތެއް ނޫނެވެ. ކިތަންމެ އަކުރު ބޮޑު ފޮތެއްކަމުގައި ވިޔަސްމެ އެވެ.

މިހާރު އަމްޖަދުގެ ދެބަފައިން އެތިބީ ޑަކުޓަރު ގާތުގަ އެވެ.  ކުއްޖަކަށް ނަންކިޔަންވެގެން ކަތިލަން  ގެނެވިފައިވާ ބަކަރިއެއްހެން ސިހިސިހި ހަސަންފުޅު ވެސް މި ވަނީ އެހާލުގަ އެވެ.  އެތާކު ހުރި ގޮނޑިއެއްގައި ހަސަންފުޅު އެބަ އިނެވެ.

އޭރު ވެސް ބަލިމީހުން ބެލުމުގެ ކަންކަން  ކުރިޔަށް އެބަ ދެއެވެ.

ކުއްލިޔަކަށް އަމްޖަަދުގެ ހިތަށް ލިބުނީ ވަރަށް އާދަޔާ ޚިލާފު އިލްހާމެކެވެ.  އޭނާގެ ބައްޕަގެ ނަސީބު ފެންމަތި ކޮށްލައިދިން ތަޢުބީރެކެވެ. ބޮޑު ހަލާކަކުން އޭނާގެ ލޮބުވެތި ބައްޕަ މިންޖު ކޮށްދިން ފިކުރެކެވެ.

ތެދެކެވެ! ޤުރުއާނު އަކުރު ލޮލަށް އެނގުނެއްކަމަކު، ބައްޕަމެން ބޮޑުވެފައިވަނީ ލިޔުން ކިޔުން ނެތް ތަދު ޒަމާނުގަ އެވެ. މީ ކޮން އަކުރެއްހޭ ކިޔާފައި ކޮންމެ ޑަކުޓަރަކު ވެސް،  ބައްޕަ އަށް މި ދައްކަނީ އިނގިރޭސި ބަހުގެ އެބީ ސީޑީ ގެ އަކުރު ތަކެވެ. ޕްލައިވުޑު ފިލައެއްގައި ކުރަހައިފައި  ދެއްކިޔަސް އޭން ބައްޕަޔަށް  ބުނެދޭން އެނގޭނީ   ކޮންއެއްޗެއްހެއްޔެވެ؟  މައްސަލަ ސާފުވީ އެވެ. މި ފަހަރު ޑަކްޓަރާ ހަމަޔަށް ގެންގޮސް ހިސާބު އަކުރުތައް ދައްކާލުމުން އަކުރުތައް އެހެރަ ކިޔާލަނީ ހިތުދަސް ކޮށްލާފައި ހުރި އެއްޗެއް ކިޔާލާ ހެންނެވެ..

-----------
25އޭޕްރީލް 2005

ހަމަމިގަލަމުން

އިދާރާ

ވާހަކަ