އަދުގެ ޚާއްސަ

Print

ތުރުކީ އިސްލާމީ ދުނިޔެއާ ދިމާޔަށް ކުރާ ދަތުރު - 04

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


ބުރާސްފަތި (04 ޖޫން) ބަޔާ ގުޅޭ..


އުރްދުޣާން މިނިވަންވެ ވަޑައިގަތުމާއި ސިޔާސީ ޙިކްމަތު


ޢަމަލީ    

   
ޢަބްދުﷲ ފާރޫޤު ޙަސަން

އުރްދުޣާންގެ މައްޗަށް ކަނޑައެޅުނު ނިޔާއާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ސިލްސިލާއެއް ތުރުކީގައި ފެށުނެވެ. އުރްދުޣާނަކީ އެބޭފުޅަކަށްޓަކައި ތުރުކީގެ ޢާއްމުން މަގުމައްޗަށް ނުކުތް އެންމެ ފުރަތަމަ ސިޔާސީ ޒައީމެވެ. އުރްދުޣާން މިނިވަންވެ ވަޑައިގެންނެވިއިރު ރިފާޙު ޕާޓީގެ ވެރިކަންވަނީ ނިމިފައެވެ. އެޕާޓީވެސް ވަނީ މަނާކުރެވިފައެވެ.

ކުރީންވެސް ދެންނެވިފަދައިން އަރަބުކާންގެ ސިޔާސީ ޙިކްމަތު ޢަމަލީއާމެދު އުރްދުޣާންގެ ޚިޔާލުފުޅު ތަފާތެވެ. އުރްދުޣާން ވިދާޅުވާގޮތުގައި ރޭގަނޑެއްގެ ހަތަރުދަމަކުން ތުރުކީ އިސްލާމީ ޖުމްހޫރިއްޔާއަކަށް ހަދައެއް ނުލެވޭނެއެވެ. ތުރުކީގައި އިސްލާމީ ރޫޙުގެ މީހުންނަށްވުރެ މާވަރުގަދަ ސެކިއުލަރ ބާރުތަކެއް އެބައޮތެވެ. ތުރުކީ ސިފައިންނަކީ ސެކިއުލަރ ޤާނޫނުގެ ފާރަވެރިންނެވެ. ސިފައިންގެ އަތުގައި ވަރަށް ތަނަވަސް ބާރުތަކެއް އެބައޮތެވެ. ހުޅަނގުގެ ހުރިހާ ޤައުމުތަކެއް ފުރިހަމަ އާރާއިބާރާއެކު އިސްވެދެންނެވި ފަރާތްތަކުގެ ބުރަކަށި ހިމާޔަތްކޮށްދެއެވެ.
   
ތުރުކީގެ ޢާއްމުންވަނީ ހަތްދިހަ އަހަރު ވަންދެން މައިންދަރީން ވަކިނުވާ މިނިވަން މުޖްތަމަޢެއްގައި އުޅެ އެގޮތަށް އާދަވެފައެވެ. ތުރުކީ އޮތީ ޔޫރަޕްގެ ދޮރުމަތީގައެވެ. އެހެންކަމުން ޔޫރަޕްގެ މިނިވަންކަންވެސް ވަނީ ތުރުކީގެ ޢާއްމުންނަށް ނުބައި އަސަރުތަކެއް ފޯރުވައިފައެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މުޖްތަމަޢު އޮތީ އިސްލާމީ ތަޢުލީމާ ދުރުގައެވެ. އެހެންކަމުން އިސްލާމީ ޝަޢާއިރުތަކެއް މީހުންނަކަށް މާރަނގަޅަކަށް ނޭގެއެވެ. ކަން މިހެންހުރިއިރު ތިޔަބޭފުޅުން މިފަދަ ފަޟާއަކަށް އިސްލާމީ އިންޤިލާބެއް ގެންނެވިކަމުގައި ވިޔަސް ފުރިހަމަޔަކަށް ކާމިޔާބެއް ނުވާނެއެވެ. ދެންނެވިދިޔަ ހުރިހާ ބާރުތަކެއް އެކަތިގަނޑަކަށް ވެގެން އިސްލާމީ ތަޙްރީކުތަކަށާއި، ޖަމާޢަތްތަކަށް ހުރަސް އަޅަމުން ގެންދާނެއެވެ. އަޅުގަނޑުމެންނަށް ޖެހޭނީ ޖަމާޢަތްތަކާއި ޕާޓީތައް ހަދަހަދައި ތިބޭށެވެ. އެބައިމީހުން އަޅުގަނޑުމެންގެ ޕާޓީތަކާއި ޖަމާޢަތްތައް މަނާކުރަމުން ގެންދާނެއެވެ. އެހެންކަމުން އަޅުގަނޑުމެން ހިނގާންޖެހޭނީ ތަންކޮޅެއް ދިގުމަގެއްގައެވެ. އަޅުގަނޑުމެންނަށް ޖެހޭނީ އިންޞާފާއި ތަރައްޤީގެ ޒަރީޢާއިން މުޖްތަމަޢުގައި އިސްލާމްދީން ފަތުރާށެވެ. އެހެންނޫނީ އަޅުގަނޑުމެން ބުންވަރު ހުސްވެ ހަލާކުވެގެން ހިނގައިދާނެއެވެ.     
   
އަރަބުކާނާއި، އުރްދުޣާންގެ މިދެންނެވި ޚިޔާލުފުޅުގެ ތަފާތު އެންމެފަހުން ނިމިގެންދިޔައީ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ސިފައިގައެވެ. ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (ތުރުކީ ބަހުން ކިޔާގޮތުގައި އަދާލެތުވެ ކަލްކިންމާ ޕާޓިސީ – އޭ.ކޭ.ޕީ) އުފެދުނީ އޯގަސްޓް 2001ގައެވެ. އެޕާޓީއަކީ 1859މ. ގައި ތުރުކީވިލާތުގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އުފެދުނު ފަހުން ތުރުކީގައި އުފެދުނު 281 ވަނަ ޕާޓީއެވެ. އެޕާޓީގެ ލީޑަރަކަށް ހޮވިވަޑައިގަތީ އުރްދުޣާނެވެ.     
   
އިސްވެދިޔަ ތާނގައި ބަޔާންކޮށްފައިވާ މަސްއަލައިގެ ސަބަބުން އުރްދުޣާނަށް އަމިއްލަފުޅަށް އިންތިޚާބަށް ކުރިމަތިލެއްވޭކަށެއް ނެތެވެ. އެހެންކަމުން އުރްދުޣާން އޭނާގެ ބަދަލު ލީޑަރޝިޕެއް ޕާޓީގައި އުފެއްދެވިއެވެ.
   
އުރްދުޣާންގެ ޕާޓީން އިސްތަންބޯލާއި އަންކާރާގައި ވަރަށް ރީތި ތަނަވަސް އޮފީސްތަކެއް ޤާއިމްކުރިއެވެ. ތުރުކީގެ އެތަކެއްހާސް ޒުވާނުން އެއޮފީސްތަކުގައި މަސައްކަތް ކުރަމުން ގެންދިޔައެވެ. އުރްދުޣާންގެ މާޟީއާއީ، އޭނާގެ ފަލްސަފާއޮތީ ޢާއްމުންގެ ކުރިމަތީގައެވެ. އެހެންކަމުން އަލަށް އަންނަ ކޮންމެ ދުވަހަކަށް އިރުއަރަމުން ދިޔައީ އޭނާގެ މަޝްހޫރުކަމާއި، މަޤްބޫލުކަން އިތުރުވަމުން ދިއުމުގެ މެސެޖްތަކާއިގެންނެވެ.
  
 2002 ވަނަ އަހަރުގެ އާއްމު އިންތިޚާބު އޮތީ ވަރަށް ކައިރިވެފައެވެ. އުރްދުޣާނާއި އޭނާގެ އެކުވެރީން އެކިރަށްރަށަށާއި ޤަރްޔާތަކަށް ވަކިވަކީން ޒިޔާރަތްކުރައްވަމުން ގެންދެވިއެވެ. މީހުން އެއްކުރައްވައި އިންސާފާއި ތަރައްޤީގެ މެސެޖު ދެއްވަމުން ގެންދެވިއެވެ. އެބޭފުޅުން ވިދާޅުވެއެވެ. އިންސާފާއި ތަރައްޤީއާ ނުލައެއް އެއްވެސް މުޖްތަމަޢެއް އިސްލާމީ މުޖްތަމަޢަކަށެއްވެސް ނެހެދޭނެއެވެ. އަޅުގަނޑުމެން ޤައުމުގައި ޙަޤީޤީ ޢަދުލު އިންޞާފު ގާއިމްކޮށް ދޭނޫއެވެ. ތަރައްޤީއާއި، ހަރުދަނާކަމާއި، ތިޔާގިކަމާއި ފުދުންތެރިކަމުގެ މައިމަގަށް ޤައުމު ނެރެދޭނޫއެވެ. އޭރުން ޤައުމު އަމިއްލަ ޒާތުގައި އިސްލާމީ ވެގެން ހިނގައިދާނެއެވެ. މިމެސެޖަކީ ވަރަށް އާދަޔާ ޚިލާފު އަދި އެހައިމެ ޝައުޤުވެރި މެސެޖެކެވެ. އެހެންކަމުން އިސްލާމީ ތަހްރީކުތަކާއި، ޖަމާޢަތްތަކާމެދު ތަންކޮޅެއް ރައްކާތެރިވެގެން އުޅޭ ގިންތިތަކުގެ މީހުންވެސް އުރްދުޣާންގެ އަރިހަށް ޖަމާވަމުން ދިޔައެވެ.

ހުވަފެން ޙަޤީޤަތަކަށް ބަދަލުވީ ކިހިނެއް؟

   
އިންތިޚާބުއޮތީ 2002 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. ނަތީޖާފާޅުވިއިރު އުރްދުޣާންގެ ޕާޓީވަނީ ތުރުކީގެ ތާރީޚުގެ އެންމެ ބޮޑު މޭންޑޭޓް ޙާސިލްކޮށްފައެވެ. ފަސްސަތޭކަ ފަންސާސް ގޮނޑީގެ ޕާލިމެންޓުން 363 ގޮނޑި އެޕާޓީއަށް ލިބުނެވެ. ޖުމްލަ ވޯޓުގެ 34.2 އިންސައްތައިގެ ކާމިޔާބީއާ އެކުގައެވެ. އަނެއްކޮޅުން އަތާތުރުކުގެ ލާދީނީ ޕާޓީކަމުގައިވާ ރިޕަބްލިކަން ޕާޓީއަށް ލިބުނީ 174 ގޮނޑިއެވެ. މިނިވަން ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެއްވުނީ މުޅިއެކު ނުވަ ކެންޑިޑޭޓުންނަށެވެ. އަށާރަ ސިޔާސީ ޖަމާޢަތަކަށް ޕާލަމެންޓްކުރާ ގެއިން މުޅީން ބޭރުވާންވެސް ޖެހުނެވެ.     
   
މިއީ ތުރުކީގެ ތާރީޚުގައި، އިސްލާމީ ރޫޙުގެ އެންމެ ގިނަ ބަޔަކަށް އެއްފަހަރާ ޕާލަމެންޓަށް ވަނުމުގެ ފުރުޞަތު ލިބުނު ފަހަރެވެ. މަންޒިލްއޮތީ ދިމާކުރިމަތީގައެވެ. އުރްދުޣާންގެ ބަދަލުގައި އެހެން ލީޑަރަކު ހުންނެވިނަމަ މިމަތިވެރި ކާމިޔާބީ ފެނިވަޑައިގަތުމުން އަމިއްލަފުޅު ނަފުސު މަތައެއް ނުކުރެއްވުނީހެވެ. މުޅިދުނިޔޭގެ ދެކޮޅުވެރިކަން ހޯއްދަވައިގެންނެވީހެވެ. ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ ވެރިކަމާ ޙަވާލުވުމުގެ ކުރީން މަރުވެ ވަޅުލާން ޖެހޭގޮތް މެދުވެރިވެއްޖަހީއެވެ. ނަމަވެސް އުރްދުޣާން އޭނާގެ އަމިއްލަފުޅު ނަފުސު ހިފެހެއްޓެވިއެވެ. ޖަޒުބާތުގެ މައްޗަށް ބާރުފޯރުއްވައި މަތަކުރެއްވިއެވެ. އޭނާގެ ބަޔާންތަކާއި، ޚިޠާބުތަކުން ހުޅަނގުގެ ބާރުތަކާއި، ތުރުކީގެ ލާދީނީ ގިންތިތަކުގެ މީހުންގެ ޝައްކުތައް ފިލުއްވައިދެއްވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ.
   
ކުރީންވެސް ދަންނަވައިފައިވާ ފަދައިން އުރްދުޣާންގެ މައްޗަށް ކަނޑައެޅިފައިވާ ނިޔާގެ ސަބަބުން ބޮޑުވަޒީރުކަން ކުރައްވާކަށެއްވެސް ސަރުކާރުގެ އެހެން މަޤާމެއް ފުރުއްވާކަށެއްވެސް އުރްދުޣާނަކަށް ފުރުސަތެއްނެތެވެ. އެހެންކަމުން ވަގުތީ ބޮޑުވަޒީރަކަށް ހަމަޖެހިގެންދިޔައީ ޢަބްދުﷲ ގުލްއެވެ. އަނެއްކޮޅުން އުރްދުޣާން އޭނާގެ އޭ.ކޭ.ޕީއަށް ލިބިފައިވާ ތަނަވަސް އަޣުލަބިއްޔަތުގެ ބާރުގައި ޤާނޫނު އަސާސީ އިސްލާޙުކުރައްވައި އޭނާގެ ކުރިފުޅުމަތިން ހުރަސްތައް ދުރުކުރެއްވިއެވެ. ބައި އިލެކްޝަނެއްގައި ވާދަކުރައްވައި ކާމިޔާބު ހޯއްދަވައިގެން 14 މާޗް 2003ގައި ބޮޑުވަޒީރުކަމާ ޙަވާލުވެ ވަޑައިގެންނެވިއެވެ. އުރްދުޣާން އެމަޤާމަށް ވަޑައިގަތީ އޭނާއަށް ފުރުޞަތު ދެއްވުމަށްޓަކައި ޢަބްދުﷲ ގުލް އިސްތިއުފާ ދެއްވައިގެންނެވެ. ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށްފަހު 2007 ވަނަ އަހަރާ ހަމަޔަށް ޢަބްދުﷲ ގުލް ހުންނެވީ ޚާރިޖީ ވަޒީރު ކަމުގައެވެ.

އުރްދުޣާންގެ ޕޮލިސީބަޔާން

   
އުރްދުޣާންގެ ކާމިޔާބީއަށްފަހު އޭނާގެ ތަޤްރީރުގައި ވިދާޅުވިއެވެ. "އަހަރެމެން އިސްރާއީލާއެކު އަހަރެމެންގެ ގުޅުން ދަމަހައްޓާނޫއެވެ. ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެއެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ތުރުކީއާމެދު ސޮއިކުރެވިފައިވާ އެއްބަސްވުންތަކަށްވެސް އިޙްތިރާމް ކުރެވޭނެއެވެ. ތުރުކީގެ ސެކިއުލަރ އިމޭޖްވެސް ދެމިއޮންނާނެއެވެ. ޤައުމުގެ އިޖްތިމާއީ އޮނިގަނޑު ބަދަލުކުރާކަށެއްވެސް މަސައްކަތެއް ނުކުރާނޫއެވެ."
   
އުރްދުޣާންގެ މިތަޤްރީރާމެދު އިސްލާމީ ދުނިޔޭގައި ބަލަމުންގެންދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. ދުނިޔޭގެ އެތަންމިތާނގެ މުސްލިމް މުބައްޞިރުން ވިދާޅުވިއެވެ. "މިއީ ކޮންކަހަލަ އިސްލާމީ އިންޤިލާބެއް ހެއްޔެވެ؟ އެއިންޤިލާބުގައި އިސްލާމީ ޝަރީޢަތް ތަންފީޒު ކުރެވުމުގެ އެއްވެސް އުންމީދެއްނެތެވެ." ތަންކޮޅެއް "މުރަނަ" ބޭފުޅުން ވިދާޅުވެ އުޅުއްވިއެވެ. "އުރްދުޣާނަކީ މުސްލިމެއްކަމާމެދުވެސް ޝައްކެވެ." ނަމަވެސް އުރްދުޣާންގެ އެކުވެރީން މިމަސްއަލައިގައި ދައްކަވާ ވާހަކަފުޅަކީވެސް ވިސްނައިލާންޖެހޭފަދަ ވާހަކަފުޅެކެވެ. އެބޭފުޅުން ވިދާޅުވެއެވެ. "އަހަރެމެން އެންމެ ފުރަތަމަ އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން ތުރުކީންގެ ރުހުން ހޯދާނީއެވެ. ޝަރީޢަތް ތަންފީޒުކުރާނީ އޭގެ ފަހުންނެވެ." އެބޭފުޅުން ވިދާޅުވެއެވެ. "މިހާރު އަހަރެމެން ޝަރިޢަތް އިޢުލާންކޮށްފިނަމަ އަހަރެމެންގެ ޕާޓީ މަނާކުރެވިދާނެއެވެ. އިސްލާމީ ނިޒާމާއި، އިސްލާމީ ދިރިއުޅުމަކަށް ދާން އަހަރެމެން މިދެކޭ ހުވަފެން ބިލާހަކަށްވެގެން ހިނގައިދާނެއެވެ. އަހަރެމެންގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި އަހަރެމެންނަށް ފަސްއަހަރު ނުވަތަ ދިހައަހަރުވެސް ހޭދަކުރަން ޖެހިދާނެއެވެ. ޤައުމުތަކުގެ ތާރީޚުގައި ފަސްއަހަރު ނުވަތަ ދިހައަހަރަކީ ދިގުމުއްދަތެއް ނޫނެވެ. އަހަރެމެން އަވަސްއަރައިގަނެގެން އަހަރެމެންގެ މަސައްކަތް ގެއްލިގެންދިޔަދޭކަށެއް ބޭނުމެއްނޫނެވެ. މިދަނޑިވަޅުގައި ބޭނުންވަނީ ކެތްތެރިކަމާއި ސާބިތުކަމެވެ."

އިތުރު ކާމިޔާބީތައް

   
އުރްދުޣާން ސަރުކާރު ހިންގެވުމާ ޙަވާލުވެވަޑައިގަތުމަށްފަހު އޭނާގެ އިސްލާޙީ މަސައްކަތްޕުޅާއިގެން ވަޑައިގެންނެވީ ކުރިއަށެވެ. ނަތީޖާއެއްގެގޮތުން ޖުލައި 2007ގައި ބޭއްވުނު ޤައުމީ ޕާލަމެންޓުގެ އިންތިޚާބުގައި ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ ކުރިއަށްވުރެވެސް ބޮޑު ކާމިޔާބީއެއް ހޯދިއެވެ. އެއިންތިޚާބުގައި، އޭ.ކޭ ޕާޓީއަށްވަނީ 46.6 އިންސައްތަ ވޯޓު ލިބިފައެވެ. އުރްދުޣާންގެ މަޤާމުވަނީ ކުރިޔަށްވުރެވެސް ހަރުދަނާވެ ވަރުގަދަވެފައެވެ.
   
އެއިންތިޚާބަށްފަހު 28 އޯގަސްޓް 2007ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އޭ.ކޭ ޕާޓީގެ ކެންޑިޑޭޓް ޢަބްދުﷲ ގުލް ތުރުކީގެ ސާދަވަނަ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވިއެވެ. މިއީވެސް ތުރުކީގެ އިސްލާމީ ރޫޙުގެ މީހުންނަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ.

ބުރުގާގެ ބަޙުޘު


ތުރުކީވިލާތުގެ އަމިއްލަ ޔުނިވަރސިޓީތަކާއި ސަރުކާރުގެ ޔުނިވަރސިޓީތަކުގައްޔާއި، ސަރުކާރުގެ އިމާރާތްތަކާއި މަދަރުސާތަކުގައި ބުރުގާ އަޅައިގެން އުޅުން މަނާކުރެވިފައިއޮންނަ މަނާކުރުމާ ދެކޮޅަށް އުރްދުޣާން މަސައްކަތްޕުޅު ފެއްޓެވިއެވެ. 2008ވަނަ އަހަރުގެ ކުރީކޮޅުގައި، ބުރުގާއެޅުން ހުއްދަ ކުރެއްވުމުގެ ބިލެއް ފާސްކުރެއްވިއެވެ. އެބިލްވަނީ ތުރުކީގެ ރައީސް ތަސްދީޤުވެސް ކުރައްވައިފައެވެ. ނަމަވެސް ތުރުކީގެ ކޮންސްޓިޓިއުޝަނަލް ކޯޓުން (އެތަނަކީ ސެކިއުލަރ އިދާރާއެކެވެ.) ވަނީ އެބިލް ފާސްނުކޮށް ރައްދުކޮށްފައެވެ.

ފަލަސްޠީނުގެ މަސްއަލަ

   
ފަލަސްޠީނުގެ މަސްއަލައިގައި އަރަބި ޒައީމުންނާއި، އިސްލާމީ ލީޑަރުންގެ ތެރެއިން އެންމެ އިޚްލާޞްތެރިކަމާއި ސާބިތުކަމާއެކު އަޑުއުފުއްލަވާ ބޭފުޅަކީ ތުރުކީގެ ބޮޑުވަޒީރު ރަޖަބު ތައްޔިބު އުރްދުޣާނެވެ.
   
ބޮޑުވަޒީރު ރަޖަބު ތައްޔިބު އުރްދުޣާންވަނީ 2008 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ. އެޖަރީމާ ހުއްޓުވުމަށްޓަކައި އޭނާއަށް ކުރެއްވޭންހުރި ހުރިހާ މަސައްކަތްޕުޅެއް ނުހަނު ކެރިވަޑައިގެން ހުންނަވައި ކުރައްވައިފައެވެ.
   
މިމަސްއަލައިގައި އޭނާ ޤަޠަރު އަލްޖަޒީރާ ޗެނަލަށް އެންމެ ފުރަތަމަ ބަސްދީގަތުން ދެއްވައިފައިވަނީ 4 ޖެނުއަރީ 2009ގައެވެ. އުރްދުޣާން އެބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.
  
 "ޣައްޒާއަށް މިހާރު ޖެހިފައިއެވާ ހާލުގެ ޒިންމާ އުފުލަންޖެހޭނެ ފަރާތަކީ އިސްރާއީލެވެ. އިސްރާއީލާއި ޙަމާސާދެމެދު ވެވިފައިވާ އަމާންކަމާއި ހަމަޖެހުމުގެ އެއްބަސްވުމަށް އިސްރާއީލަށް ހަމަސްދުވަހުވެސް ހުރުމަތްތެރިކޮށެއް ނުހިތުނެވެ. މިމަސްއަލައިގައި ޙަމާސަކީ އެއްގޮތަކަށްވެސް ކުށްވެރިއެއް ނޫނެވެ. އިސްރާއީލުގެ ހިސާރުނައްތައިލާތޯއާއި، އަނިޔާވެރިކަން ހުއްޓައިލައި އަމާންކަން ޤާއިމުވޭތޯ ހަމާސުންވަނީ މުޢާހަދާއަށް ފުރިހަމަޔަށް ހުރުމަތްތެރިކޮށް ހިތައިފައެވެ. ނަމަވެސް އިސްރާއީލުންވަނީ ހިޞާރުވެސް ދަމަހައްޓައިފައެވެ. އެހެންކަމުން ހަމަލައިގެ ޒިންމާ ޙަމާސްގެ ބޮލުގައި އެޅުވުމަކީ ރަނގަޅުގޮތެއް ނޫނެވެ. ޤަބޫލުކުރެވޭނެކަމެއްވެސް ނޫނެވެ. އިސްރާއީލުންވަނީ ފަލަސްޠީނުގެ ރައްޔިތުން ހައިހޫނުކަމާއި ކަރުހިއްކައިގަތުމުގެ މުޞީބަތުގައި ހައްޔަރުކޮށްފައި ބައިތިއްބުމުގެ ޕޮލިސީގެ ޒަރީޢާއިން ޙަމާސް ރުޅިއަރުވައިފައެވެ. އަމްނުއަމާންކަމުގެ މުޢާހަދާ އުވައިލުމަށް މަޖްބޫރު ކުރުވައިފައެވެ. ޙަމާސްގެ ސަރުކާރުވަނީ ވަރަށްބޮޑު ފިއްތުންތަކެއްގެ ތެރޭގައެވެ. އެއްކޮޅުން އެބައިމީހުން އިންތިޚާބުކުރި ޢާއްމުންނަށްވެސް ޙަމާސްގެ ސަރުކާރު ޖަވާބުދާރީވާންޖެހެއެވެ. އިޔަހޫދު އޮލްމާޓް (އިސްރާއީލުގެ ބޮޑެވަޒީރު) ދެހަފްތާކުރިން އަޅުގަނޑާ ބަދަލުކުރައްވާން ވަޑައިގެންނެވިއެވެ. ސަރުކާރުގެ މަސްއަލަތަކާއި ބަދަލުވަމުންދާ މަސްރަހާމެދު ހަތަރުދުވަސް ވަންދެން އަޅުގަނޑުވަނީ އޭނާއާ ވާހަކަ ދައްކައިފައެވެ. އިސްރާއީލާއި ޙަމާސާ ދެމެދު މެދުވެރިޔަކަށްވާން ވެސް އަޅުގަނޑު ހުށަހެޅީމެވެ. އެކަމުގެ ތެރޭގައި އިސްރާއީލުގެ ސިފައިންގެމީހާ މިނިވަންކުރުވުމަށްވެސް އަޅުގަނޑު ވާހަކަ ދެއްކީމެވެ. އޭނާ ވަނީ އެނބުރި ޤައުމަށް ވަޑައިގެން އޭނާގެ ވަޒީރުންނާ މަޝްވަރާކުރެއްވުމަށް ވަޢުދުވެ ވަޑައިގެންފައެވެ. ނަމަވެސް އޭނާ އެނބުރި ވަޑައިގަތުމަށްފަހު (27 ޑިސެމްބަރ 2008) ގައި ކަންތައް ވެގެންދިޔައީ ކިހިނަކުންތޯއެވެ. ޣައްޒާއަށް ވަރަށް ވަރުގަދަޔަށް ބޮންތައް އޮއްސައިލިއެވެ. އަޅުގަނޑު ބަލާނީ އެއީ ތުރުކީގެ ހުރުމަތް ކަނޑައިލައި، އިހާނެތިކޮށްހިތީ ކަމަށާއި އަގުވައްޓައިލީކަމަށެވެ."
   
އުރްދުޣާން އޭނާގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އިތުރަށް ވިދާޅުވެފައިވެއެވެ.

    "އެންމެ ފުރަތަމަ އިންސާނެއްގެ ޙައިޘިއްޔަތުން، ދެވަނަޔަށް ޒިންމާދާރު ވަޒީރުލް އައުޡަމެއްގެ ޙައިޘިއްޔަތުން މިމަސްއަލަ ބަރުދާސްކުރުމަކީވެސް، އަދި ކުޅިބަލާމީހެއްގެ ޙައިޘިއްޔަތުން ބަލަހައްޓައިގެން ހުރުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑަށް އަޅުގަނޑުގެ ނަފްސު ފެންނަނީ އެޝަހީދުންނާއި، މުޙާޞިރާހައި ވަށައިލެވިފައިވާ މީހުންގެ ތެރެއިންނެވެ. މިމަސްއަލައިގައި އަޅުގަނޑުގެ އަމިއްލަ ފަރާތުންނާއި އަޅުގަނޑުގެ ޤައުމުގެ ފަރާތުން ފިޔަވަޅު އެޅުމުގެ ހިތްވަރު އަޅުގަނޑަށް ލިބިދެއެވެ. މިސަރަހައްދުގައި ތުރުކީގެ ތާރީޚީ ދައުރެއް އެބައޮތެވެ. އަޅުގަނޑު މިވާހަކަ ދައްކަނީ ޢުޘްމާނީ ޚިލާފަތުގެ ވާރިޘެއްގެ ވެސް ހައިޘިއްޔަތުންނެވެ."

   
މިމަސްއަލައިގައި އުރްދުޣާން އަޅުއްވައިފައިވާ އެންމެ ހިތްވަރުފުޅުގަދަ ފިޔަވަޅަކީ 2009 ޖެނުއަރީ މަހުގެ ފަހުކޮޅުގައި ސުވިޒަރލޭންޑުގައި ބޭއްވުނު ވޯލްޑް އިކޮނޮމިކް ފޯރަމްގައި އިސްރާއީލުގެ ބޮޑުވަޒީރަށް ބަހުގެ ހަމަލަތަކެއް ދެއްވުމަށްފަހު އެފޯރަމްގެ ހުރިހާ ހަރަކާތެއް ބޮއިކޮޓް ކުރައްވައިފައި އެނބުރި ޤައުމަށް ވަޑައިގަތުމެވެ. އުރްދުޣާންގެ މިމަސްކަތްޕުޅު މުޅި އިސްލާމީ ދުނިޔޭގެ މީޑިޔާތަކުންވަނީ ވަރަށް އިހްތިރާމާއެކު ފާހަގަކޮށްފައެވެ.

2009ގެ ސަރަހައްދީ އިންތިޚާބު


29 މާޗް 2009ގައި ތުރުކީވިލާތުގެ ސަރަހައްދީ އިންތިޚާބު ބޭއްވުނެވެ. ބޮޑުވަޒީރު އުރްދުޣާން އިންތިޚާބުގައި ވަރަށް ބުރަކޮށް ކެމްޕޭންކުރެއްވިއެވެ. ނަމަވެސް މިއިންތިޚާބުގެ ނަތީޖާ ފެނިގެން ގޮސްފައިވަނީ އޭނާ އުންމީދު ކުރެއްވިގޮތަކަށެއް ނޫނެވެ. އޭނާ އުންމީދު ކުރައްވައިގެން ހުންނެވީ އެއިންތިޚާބުގައިވެސް ސާޅީސްހަތެއް އިންސައްތައިގެ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އޭނާގެ ޕާޓީއަށް ލިބިފައިވަނީ ތިރީސްނުވައެއް އިންސައްތަ ވޯޓެވެ. އިންތިޚާބުގައި ދެވަނަޔަށްއައީ ތޭވީސް އިންސައްތަ ވޯޓު ހޯދި ސެކިއުލަރ ޕާޓީއެކެވެ.
   
އިންތިޚާބު ނަތީޖާ މިގޮތަށް ބަދަލުވެގެން ދިޔުމުގެ ސަބަބަކީ އުރްދުޣާންގެ އިސްލާމީ މަސައްކަތްޕުޅާ ދެކޮޅަށް "އަރްޖިނީކޯން" ފަދަ ސެކިއުލަރ ޖަމާއަތްތަކުން ހިންގާ ޙަރަކާތްތަކާއި، ތުރުކީގެ އިޤްތިޞާދީ މަސްއަލައާއި، ވެރިކަމުގައި ތިއްބެވުމުގެ އިތުބާރު މާބޮޑުވުން ކަމުގައި ބެލެވެއެވެ.
   
ކޮންމެއަކަސް މިއިންތިޚާބުން ފިލާވަޅު ހޯއްދަވައިފިނަމަ އޭ.ކޭ ޕާޓީއަށް ތުރުކީގައި އިތުރު ފުރުސަތުތައް ލިބުމަކީ ދުރުކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ތުރުކީގެ އިސްލާމީ ރޫޙުގެ ބޭފުޅުންގެ މަސައްކަތްޕުޅު ކާމިޔާބުވުމެވެ. ކޮންމެވެސް ދުވަހަކުން ތުރުކީއަކީ އިސްލާމީ އުންމަތުގެ އާރާއިބާރުގެ މަރުކަޒު ކަމުގައިވުމެވެ.
 
"ހިތާމައިގެ ވޭނުން ނިމޭހައިނުވޭހޭ
                 ފިތާމޭވިރޭތީ    ރޮވޭހައި ނުވޭހޭ

ޒަމާނުގެ މިކަންތައް ހިނގާމަގު ބެލީމާ
                 ހަމާކަށި ގަހުންވަކިވެދާހައި ނުވޭހޭ

ޚަލީފާކަމެއްނެތި މިއުއްމަތުގެ މައްޗަށް
                   ވަލީއަކުނެތޭދެން ގޮވޭހައި ނުވޭހޭ

ކަމާލޭކިޔައިގެން އަރައިގަތް އެ ތުރުކީން
                  ސަމާލުވެ މިދީނަށް އުޅޭހައި ނުވޭހޭ

ތިމާމެންގެ ގޮތްތައް ނަގައިލައި މުޅިންފައި
                   ދިމާއަށް  އުޅޭތީ އަހާހައި ނުވޭހޭ

އިލާހިއްޔަ ފޮތްތައް ބަލައިވެސް ނުލައިތިބެ
                  ވިލާތުގެ ގޮތުން ދެރަލިބޭހައި ނުވޭހޭ

ލަދެއްނެތި އެމީހުންގެ ފަހަތުން ހިނގީމާ
                  އަދެއްގައި އަބުރުގެއްލިދާހައި ނުވޭހޭ

ސަލާމަތް އަދަކުވާނެތޭދެން ލިބޭކަށް
                     ބަލާގިނަވެދާތީ ރޮވޭހައި ނުވޭހޭ

މިތައްސިފައަކުން ފެންނަހައިގިނަ ޢަލާމަތް
                   ހިތަށް ކޮއިފުޅާޔޭ އަރާހައި ނުވޭހޭ

ރިކަންވަންތަ ކުޅަދުންވެހިތުގައި ހިނގިއްޔާ
                 ނިކަން ބޯލަނބައިގެން ތިބޭހައި ނުވޭހޭ"
               (ސަލާޙުއްދީން)

                - ނިމުނީ -

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ