Print

ސަމްބޮޑީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން

"ސަމްބޮޑީ" ވާހަކަ، މި ދަންނަވާ ގޮތަށް ކިޔައިއުޅޭ އަޑު އެހީމެވެ.

ކުރީގެ ވަޒީރެއްގެ ކާރުކޮޅު ދުއްވަން ނިކަން މައްދިވެހި ޑްރައިވަރަކު އުޅުނެވެ. (ކުރިއޭ މިދެންނެވީ، މީގެ ތިރީސް އަހަރަށްވުރެ ކުރިޔަށެވެ.) އޭނާއަކީ، ވަރަށް ހީވާގި މުރާލި މީހެކެވެ. ފަރުވާތެރިކަމާއެކު ވަޒީފާ އަދާކުރެއެވެ. ދުވަހަކު ވެސް ގަޑި ނުޖެހެއެވެ. ނުހަނު އިޚުލާޞްތެރިއެވެ. މައްދިވެއްސެއްގެ ކިބައިގައި ހުންނާނެ ހުރިހައި ރިވެތި އަޚުލާޤީ ސިފަތައް އޭނާގެ ކިބައިގައި ވެއެވެ.

އަޚުލާޤީ ގޮތުން އޭނާއަކީ ކިތަންމެ ރަނގަޅު މީހެއް ކަމުގައި ވިޔަސް، ވަޒީރާމެދު އޭނާގެ ހިތުގައި ރުޅިވެރިކަމުގެ އަނގުރު އަލިފާންގަނޑެއް ރޯވެ އަނދަމުން ދެއެވެ. އެ އަލިފާންގަނޑު އަންދާ ގިރުނބާއަކީ، ވާހަކަދައްކަވާއިރު، ވަޒީރު ބޭނުންކުރައްވާ ޢިބާރާތެކެވެ. ވަޒީރާއެކު ކާރުކޮޅުގެ ފަހަތު ސީޓުގައި ތިއްބަވާ ބޭފުޅުންނާ ވާހަކަ ދައްކަވަމުން، ވަޒީރު އެ ޢިބާރާތް ބޭނުންކުރައްވައެވެ. އަދި އެ ޢިބާރާތް ވިދާޅުވެފައި، ވަޒީރު ވަރަށް ބޮޑަށް ހިނިފުޅުވަޑުވައެވެ. އެކަމުގެ ސަބަބުން، ޑްރައިވަރުގެ ހިތަށް ވަސްވާސް ވެރިވެއްޖެއެވެ. ވަޒީރު ހިނިފުޅުވަޑުވަނީ، އޭނާގެ ކިބައިގައިވާ ޢައިބެއްގެ ވާހަކަ ދައްކަވާފައިކަމަށް އެވަސްވާސް ބުނެއެވެ.

ވަޒީރަކު ކުރައްވާ ކަމަކާ ދެކޮޅަށް އެއްޗެއް ދެންނެވުމަކީ، އޭރުގެ އާދަކާދަ އޮތްގޮތުން ޑްރައިވަރަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެންކަމުން، "ތިޔަހެން ވިދާޅުނުވާށޭ"، ނުވަތަ "ތިޔަހެން ނުކިޔުއްވާށޭ" ކިތަންމެ ދަންނަވާހިތްވިޔަސް، އެކަން ކުރުމަށް އޭނާ ވަނީ ފަސްޖެހިފައެވެ. ނަމަވެސް، ވަޒީރު ވާހަކަ ދައްކަވާއިރު، އެ ކިޔުއްވާ އެއްޗެއް ކިޔުއްވާފައި ހިނިފުޅުވެޑުވީމާ، އޭނާގެ ގާތަށް އަލިފާން ކަހަލަ ރުޅި އާދެއެވެ. އެކަން ހާމަވެގެން ދަނީ، އޭނާގެ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. ބައެއް ފަހަރު އޭނާ ފުފި، ރަތްވެއެވެ. ބައެއް ފަހަރު ތުރުތުރު އަޅައެވެ. ބައެއް ފަހަރު ކުއްލިއަކަށް ކާރުކޮޅު މަޑުކޮށްލެވެއެވެ.

މިގޮތުގައި އެތައް ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ވަޒީރު، ހިނިފުޅުވަޑުވަމުން އޮލަ ރާގެއްގައި އެދައްކަވާ ވާހަކައެއް ދައްކަވަމުން ގެންދަވައެވެ. އޭގެ ސަބަބުން، ޑްރައިވަރު ނަފުސާނީ ގޮތުން އިންތިހާ ދަރަޖައަށް ބަލިކަށިވެއްޖެއެވެ. ވަށްބަހުންޖެހުމާއި އާޑަފުރައްސާރަކުރުމަކީ، އެއްގޮތަކަށް ވެސް އޭނާއަށް ބަލައިގަނެވޭނެ ކަމެއް ކަމުގައި ނުވާތީއެވެ. އެންމެފަހުން، ވަޒީފާއިން އިސްތިޢުފާ ދީފިކަމުގެ ސިޓީއެއް ވަޒީރަށް ފޮނުވުމަށްފަހު ގޭގައި މަޑުކޮށްލިއެވެ.

ޑްރައިވަރުގެ ސިޓީ ވިދާޅުވުމަށްފަހު، ވަޒީރަށް ލިބިވަޑައިގަތީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ޑްރައިވަރު، ކުއްލިއަކަށް އިސްތިޢުފާ ދިނީތީއެވެ. ރަނެއް، މަލެއް، ޖަވާހިރެއް ފަދަ މުއައްޒަފަކު، ކުއްލި އިސްތިޢުފާއެއް ދިނީމާ، އެކަމުގެ ސަބަބު ނުހޯއްދަވައި ދުލެއް ނުކުރައްވާނަމޭ ވަޒީރުގެ ހިތްޕުޅަށް އެރިއެވެ. ވަޒީރަކީ ބުއްދިވެރި، ހުށިޔާރު، ތޫނުފިލި ބޭފުޅެކެވެ. ވަގުތާއި ޙާލަތަށް ބައްލަވައިގެން އޮމާންކަމާއެކު ކަންކުރެއްވުމަކީ ވަޒީރުގެ ކިބައިގައިވާ މޮޅު ހުނަރެކެވެ. އެ ހުނަރުގެ ބޭނުންކުރައްވައިގެން ބެއްލެވި އިރު، އިސްތިޢުފާގެ ސަބަބަކަށްވީ، "ސަމްބޮޑީ" ކަން އެނގިވަޑައިގަތެވެ.

ސަބަބު އެނގިވަޑައިގަތުމުން، ވަޒީރުގެ ހަށިކޮޅުގައިވާ ކަށްޓާއި މަހާ ވަކިވާވަރަށް ހިނިފުޅު ވެޑުވުނެވެ. އެތައް އިރެއް ވަންދެން ބޭއިޚުތިޔާރުގައި ހިނިފުޅު ވެޑުވުނެވެ. އެއަށްފަހު، ލަސްނުކުރައްވައި ޑްރައިވަރާ ބައްދަލުކުރެއްވިއެވެ. އަދި "ސަމްބޮޑީ" ގެ ޙަޤީޤަތް އޭނާއަށް އޮޅުންފިލުވައިދެއްވިއެވެ. އެއީ، އާޑަފުރައްސާރައިގެ ބަހެއް ނޫންކަމާއި، އެއީ އިނގިރޭސި ބަހުގެ ޢިބާރާތެއް ކަމާ އަދި އޭގެ މާނަ، ވަޒީރު ވިދާޅުވެދެއްވިއެވެ. ޙަޤީޤަތް އެނގުމުން، ޑްރައިވަރު ނުހަނު ހިތްހަމަޖެހުނެވެ. މޫނުމަތި އުޖާލާވިއެވެ. އެތައް ދުވަހެއް ވަންދެން ވަޒީރާމެދު ހިތުތެރޭގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑު ވަގުތުން ނިވުނެވެ.

ޑްރައިވަރާއެކު ވަޒީރު ވާހަކަފުޅު ދެއްކެވީ، ރަސްމީ ގޮތް ދޫކޮށްލައްވާފައި ވަރަށް ގާތް އެކުވެރި ޖައްވެއްގައެވެ. އެހެންކަމުން ޑްރައިވަރު ދައްކަން ބޭނުންވި ހުރިހައި ވާހަކަތަކާއި ބޭނުންވާ ކަންކަމުގެ ވާހަކަ ވެސް ދެންނެވިއެވެ. އެވާހަކަތައް އަޑުއެއްސެވުމަށްފަހު، ޑްރައިވަރުގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ގުނަވަނަށް، ރާއްޖެއިން ބޭރުން ފަރުވާ ލިބޭނެ ގޮތް ވަޒީރު ހަމަޖައްސަވައި ދެއްވިއެވެ. އެކަމުގެ ސަބަބުން، ވަޒީރާމެދު ޑްރައިވަރުގެ ހިތުގައި ކުރިޔަށްވުރެ ބޮޑަށް އިޚުލާޞްތެރިކަން އިތުރުވެގެން ދިޔައެވެ.

"ސަމްބޮޑީ" ވާހަކަ މިހިސާބަށް ނިމުނީއެވެ.

"ސަމްބޮޑީ" ވާހަކައިން ޙާޞިލުކުރެވިދާނެ ފިލާވަޅެއް އެބައޮތެވެ. ވަޒީރާމެދު، ޑްރައިވަރު ހިތްހަމަ ނުޖެހުނީ، ވަޒީރު ދައްކަވާ ވާހަކައެއްގެ ޙަޤީޤަތް އޭނާއަށް ނޭނގުމުގެ ސަބަބުންނެވެ. އޭނާއަށް ހީކުރެވުނީ، "ސަމްބޮޑީ" އަކީ، އޭނާއަށް އާޑަ ފުރައްސާރަކުރުމުގެ ގޮތުން ކިޔާ އެއްޗެއް ކަމަށެވެ. ނަމަވެސް ކަން އޮތީ އެގޮތަށް ނޫންކަން އެނގުމުން އޭނާ ނުހަނު ހިތްހަމަޖެހުނެވެ.

ޑްރައިވަރަށް ދިމާވިގޮތް، ބައެއްފަހަރު، އަޅުގަނޑުމެންނަށް ވެސް އެބަ ދިމާވެއެވެ. އާޑަ ފުރައްސާރަކުރުމުގެ މަޤުޞަދެއް ނެތި، މީހަކު ބުނެލާ ބަހެއް ނުވަތަ ލިޔެލާ އެއްޗެއް ރައްދުކޮށްފައި އެވަނީ ތިމަންނައަށޭ ހީވާތަން އެބަ އާދެއެވެ. ފަންވަތް އުފެދިގެން އައިއިރު، ޤަޞްދުގައި ނުވަތަ ޤަޞްދަކާ ނުލައި ނަމަވެސް، އާޑަފުރައްސާރަކުރުމުން ފަންވަތް އެއްކިބާކުރެވޭތޯ އަޅުގަނޑު މަސައްކަތްކުރީމެވެ. ސަބަބަކީ، ދިވެހި ބަހުން އާޑަފުރައްސާރަކުރަމުން ދިޔަ ވެބްސައިޓްތަކެއް ނެތެމުން ދިޔަ ދުވަސްވަރަކާ، ފަންވަތް އުފަންވި ދުވަސްވަރު ދިމާވިކަމެވެ. އަދި އެ ވެބްސައިޓްތަކަށް ދެވިހިފާފައިވާ ފަރާތްތަކެއް، ފަންވަތުން ޖާގަ ހޯދުމަކީ ވެދާނެ ކަމެއް ކަމަށް ބެލެވުނު ކަމެވެ.

މި ދެންނެވި ވިސްނުމުގެ ދަށުން، ފަންވަތް ހަރުދަނާކުރުމަށްޓަކައި އަޅުގަނޑު ހުށަހެޅި ބައެއް ޚިޔާލުތައް ވަނީ ފަންވަތުގައި ޙަޤީޤަތަށް ވެފައެވެ. އަދި ބައެއް ޚިޔާލުތައް ވަނީ ހުވަފެނުގެ ދުނިޔޭގައެވެ.

ޙަޤީޤަތަކަށްވެފައިވާ އެންމެ މުހިންމު އެއް ޚިޔާލަކީ، ކިޔުންތެރިންގެ ޚިޔާލުތައް ކޮންޓްރޯލްކުރުމެވެ. ޚިޔާލެއްގެ ގޮތުގައި މީހަކު ލިޔެލާ ކޮންމެ އެއްޗެއް ވަގުތުން ޝާއިޢުވާ ގޮތަށް ލަގަން ދޫކޮށްލާފައި އޮތުމަކީ، އަޅުގަނޑު ޤަބޫލުކުރާ ގޮތެއް ނޫނެވެ. ފަންވަތުން މިކަމަށް އިޖާބަދިނީ (އަޅުގަނޑަށް އެނގިފައިވާ ގޮތުގައި) މުޙައްމަދު ޝާހިދު ޙަލީމް މި ޚިޔާލަށް ތާއީދުކުރެއްވުމުންނެވެ. އެހެންވެ، މިފުރުޞަތުގައި އޭނާއަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.

ފަންވަތަށް ލިބޭ ޚިޔާލުތައް ޝާއިޢުކުރަންވާނީ، ރަނގަޅުކޮށްފައެވެ. އޭގައި ކުށްބަހެއް ނުވަތަ އެކަށީގެން ނުވާ ޢިބާރާތެއް އޮވެދާނެއެވެ. އެހެން ވެއްޖެނަމަ، އެ އިޞްލާޙުކުރުމަކީ، ނުހަނު ބޭނުންތެރިކަމެކެވެ. ފަންވަތަށް ލިބޭ ބައެއް ޚިޔާލުތަކަކީ، އެއްގޮތަކަށް ވެސް ޝާއިޢުކޮށްގެންވާނެ އެއްޗެއް ނޫނެވެ. މިފަދަ ޚިޔާލުތަކުގެ މިސާލަކީ، ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ލިޔެފައި ހުންނަ ޚިޔާލުތަކެވެ.

ފަންވަތް އުފެދިގެން އައިއިރު، ބައެއް ލިޔުންތެރިން (އަމިއްލަ ނަން ނޫން) ރަމްޒީ ނަމެއްގައި ލިޔުންތައް ޝާއިޢުކުރިއެވެ. މިހެން މިކަން ކުރަން ޖެހުނީ، ފަންވަތް މުއްސަނދިކުރުމަށްޓަކައެވެ. އެގޮތުން ޝާއިޢުކުރާ ލިޔުމަކީ، ލިޔުންތެރިޔާ ލިޔެއުޅޭ ވައްތަރުގެ ލިޔުމަކަށް ނުވާނަމަ، އޭނާގެ އަމިއްލަ ނަމުގައި އެ ލިޔުން ޝާއިޢުކުރުމަށް ބޭނުން ނުވާތަން އާދެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރު ހުރިހާ ލިޔުންތެރިން ވެސް ބޭނުންކުރައްވަނީ އަމިއްލަ ނަމެވެ. މިހާރު މިވަނީ، ލިޔުންތެރިން ގިނަވެފައެވެ. ފެށުނުއިރު ތިބީ ހައެއްކަ ލިޔުންތެރިންނެވެ.

ލިޔުންތެރިން ޒިންމާދާރު ކުރެވިފައި ވިޔަސް ކިޔުންތެރިން އަދިވަނީ ޒިންމާދާރު ނުކުރެވިއެވެ. އެހެނީ، ތިމާގެ އަމިއްލަ ނަން ނޫން ނަމެއްގައި ޚިޔާލު ހުށަހެޅުމުގެ ދޮރުވަނީ މިހާރު ވެސް ހުޅުވާލެވިފައެވެ. މިކަމަކީ، އަޅުގަނޑު ޤަބޫލުކުރާ ކަމެއް ނޫނެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކައި އަޅުގަނޑު ހުށަހެޅި ޚިޔާލު އަދި ތަންފީޒެއް ނުކުރެވެއެވެ. އެ ޚިޔާލު އަދި އޮތީ ހުވަފެނުގެ ދުނިޔޭގައެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފަންވަތުގެ ލިޔުންތަކަށް ޚިޔާލު ހުށަހެޅޭނީ، ފަންވަތުގައި ރަޖިސްޓަރީކޮށްފައިވާ މެންބަރުންނަށެވެ. އޭރުން، އެކިއެކި ނަންނަމުގައި ޚިޔާލު ހުށަހެޅުމަށް ނިމުމެއް އަންނާނެއެވެ. އަދި ލިޔުންތެރިންނެކޭ އެއްފަދައިން ކިޔުންތެރިން ވެސް ޒިންމާދާރުކުރެވޭނެއެވެ. މިކަމުގެ ސަބަބުން، ލިޔުންތެރިންނާއި ކިޔުންތެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ.

މިހާރު އޮތް ގޮތުން، ތިމާގެ އަމިއްލަ ނަން ނޫން ނަމެއްގައި ޚިޔާލު ހުށަހެޅިޔަސް އެއީ ކާކުކަން ފަންވަތަށް އެނގޭނެއެވެ. އެހެނީ، ހުށަހަޅާ ކޮންމެ ޚިޔާލަކާއެކު، އައިޕީ އެޑްރެސް ފަންވަތަށް ނަގާނެއެވެ. އެހެންވީމާ، ތަފާތު ނަންނަމުގައި ޚިޔާލުފޮނުވުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް ބައެއް ހަރުކުލައިގެ ބޭފުޅުން ވެސް، އެބޭފުޅުންގެ އަމިއްލަ ނަން ނޫން އެހެން ރަމްޒީ ނަމެއްގައި، ބައެއް ޚިޔާލުތައް ހުށަހަޅުއްވައެވެ. ސަބަބަކީ އަމިއްލަ ނަމުގައި އެފަދަ ޚިޔާލުތައް ހުށަހަޅަން ބޭނުންނުވާކަމެވެ. އެއީ، ތިމާ އަމިއްލައަށް ކޮށްފައިވާ ހިތި ތަޖުރިބާއެއްގެ ޚުލާޞާ ކަމަށް ވެސް ވެދާނެއެވެ. މަޒުމޫނެއް ނުވަތަ ވާހަކައެއް ފަދަ އެއްޗެއް ކިޔަމުންދާއިރު، އޭގައި އެއޮތީ ހަމަ ތިމަންނައަށް ކުރެވުނު ހިތި ތަޖުރިބާއޭ މީހަކަށް ހީވެދާނެއެވެ. ދެން އެއާ އެމުނިއެކުލުވިގެން ޚިޔާލެއް ހުށަހަޅާލަފާނެއެވެ.

ލިޔުންތެރިންގެ ޚިޔާލުތަކުގެ ޚަޒާނާގައި މުޖުތަމަޢު ހިމެނެއެވެ. ލިޔުންތެރިންގެ މަޒުމޫނުތަކާއި ވާހަކަތަކާއި ޅެންތައް ވަނީ މުޖުތަމަޢާ ގުޅި ލާމެހިފައެވެ. ބައެއް ފަހަރު، މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަމެއް، ޢާއްމުންގެ ސަމާލުކަމަށް ގެނައުމަށް ލިޔުންތެރިޔަކު ބޭނުންވެދާނެއެވެ. ނުވަތަ އެކަމަށް އޮތް ޙައްލެއް އޭނާއަށް އެނގޭތީ، އެ ޙައްލު ބަޔާންކޮށްދީފާނެއެވެ. ހަރުދަނާ ލިޔުންތެރިން މިކަން ކުރާނީ، ވަކި މީހަކަށް އަމާޒުކޮށްގެނެއް ނޫނެވެ. އަދި އާޑަފުރައްސާރަކުރުމުގެ ބީދައިންނެއް ވެސް ނުމެ ނޫންމެއެވެ.

އަޅުގަނޑުގެ ނަޒަރުގައި ފާޑުކިޔައި އަގުކުރަންވާނީ، ޢިލްމީ ގޮތުން އެކަމަށް ޤާބިލު ފަރާތްތަކުންނެވެ. އެއާ ޚިލާފަށް ސުއާލުކުރުމާއި އޮޅުންފިލުވުމާއި ހޯދައިބެލުމުގެ މައިދާން އޮންނަންވާނީ އެންމެނަށް ހުޅުވާލެވިފައެވެ. ތިމާއަށް ލިބިފައިވާ މަޢުލޫމާތެއް އަނެކުންނާއެކު ޙިއްޞާކުރުމާއި، އަނެކުންގެ ބައިވެރިވުމަށް ތަރުޙީބުދިނުމަކީ، އެދެވިގެންވާ ކަމެކެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢު ކުޑައެވެ. މިތަނުގައި މިއޮތީ އެއް ސަގާފަތެކެވެ. އެކިއެކި ފަރުދުންނާ ދިމާވަމުން ދަނީ، ދާދި އެއްކަހަލަ ކަންތައްތަކެވެ. އެކިއެކި ފަރުދުންނާ ކުރިމަތިވަމުން ދަނީ، ދާދި އެއްކަހަލަ ތަޖުރިބާތަކެކެވެ. ޙަޔާތުގެ ފޮތް ހުޅުވާލާއިރު، ފެންނަނީ ދާދި އެއްގޮތަކަށް ހިނގާފައިވާ ޙާދިސާތަކެކެވެ. އެޔަށް ބަލާފައި، މީހަކު ޙައިރާންވެ އަންތަރީސް ވިޔަސް، އޭގައި މާތް ﷲ، ކޮންމެވެސް ޙިކުމަތްތަކެއް ލައްވާފައިވާނެކަން ކަށަވަރެވެ.

އަޅުގަނޑު، މި ފޮޅުވަތްތައް ލިޔުނީ، ފަންވަތުގެ މުޖުތަމަޢު ހަރުދަނާ ކުރުމުގެ ނިޔަތުގައެވެ. ލިޔުންތެރިންނާއި ކިޔުންތެރިންގެ މެދުގައި އޮންނަންވީ ހިތްހެޔޮ ގުޅުން ބާއްޖަވެރި ކުރުމުގެ މަޤުޞަދުގައެވެ. "ސަމްބޮޑީ" ގެ ޙަޤީޤަތް ނޭނގުމުގެ ސަބަބުން، އޭނާގެ ހިތަށް ވަސްވާސް ވެރިވި ޑްރައިވަރުގެ ވާހަކައިން ޢިބްރަތް ޙާޞިލުކުރުމުގެ އުންމީދުގައެވެ. އެއްފަރާތުން ބެލީމާ ފެންނަ ސޫރައަށްވުރެ، ހަފަރާތުން ބެލީމާ ފެންނަ މަންޒަރު ފުރިހަމަވާނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ