އަދުގެ ޚާއްސަ

Print

ހުކުރުދުވަސް

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ފިޤުހު


އިބްރާހީމް އަޙްމަދު

އަޅުގަނޑުމެން ކުރާ ހުރިހާ އަޅުކަމެއް ކުރަނީ ﷲ ތަޢާލާއަށްޓަކައެވެ. އެކަލާނގެއީ ރޭދުވާ ތަކުރާރުވުން ލެއްވި ރަސްކަލާނގެއެވެ. އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން އަޅުކަން ކުރާ ބަޔަކުކަމުގައި އަޅުގަނޑުމެންވަމެވެ. އަހަރުތަކާ މައްސަރުތަކާ ހަފުތާތަކާ ދުވަސްތައް އެކަލާނގެ ލެއްވެވިއެވެ. އަދި ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެއު ދުވަހެއްގެ ގޮތުގައި ހުކުރުދުވަސް ލެއްވެވިއެވެ.

ތަފާތު ޤައުމުތަކުގެ މީހުން އެބައިމީހުންގެ ހަފުތާ ބަންދުދުވަސްތައް ފާހަގަ ކުރެއެވެ. ބަންދުދުވަސް ލިބުމުން އެބައިމީހުން އުފާކުރެއެވެ. އެކަމަކު އަޅުގަނޑުމެން ބަލަން ޖެހެނީ މިފަދަ ބަންދު ދުވަސްތައް އިސްލާމީ މުޖުތަމަޢަކުން ފާހަގަކުރާނެ ގޮތެއްގެ މައްޗަށެވެ. އެފަދަ މުޖުތަމަޢަކުން ކަންކުރާނީ ކިހެނެއްބާ؟ މިއީ އުފެދޭ ސުވާލެކެވެ. ޚާއްޞަކޮށް މުސްލިމުންގެ ހަފުތާގެ ބަންދު ދުވަހެއްކަމުގައިވާ ހުކުރު ދުވަސް އެބައިމީހުން ފާހަގަ ކުރާނީ ކިހެނެއްބާ؟ ޔަހޫދީންނާ ކްރިސްޓިއަނުންނަށް މިދުވަހުގެ މުހިންމުކަން އަންގަވާ ނުދެއްވާ މިދުވަހުގައި މުސްލިމުން ޢަމަލު ކުރާނީ ފަހެ ކިހެނެއްބާ؟

ދުނިޔެމައްޗަށް އިރުއެރި އެންމެ މާތް ދުވަސްކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާ މިމާތްދުވަހުގައި މުސްލިމުން ޢަމަލުކުރާނީ ފަހެ ކިހެނަކުންބާ؟  ޗުއްޓީ ދުވަހަކަށްވެގެން މުޅި ދުވަހު ހަތަރުދަމު ނިދާނީތޯ؟ ނުވަތަ އަރާމު ކުރާނީތޯ؟ ނުވަތަ ކައިރިރަށްރަށަށް ދަތުރުދާނީތޯއެވެ؟ ނުވަތަ ހަވީރު ހިނގަންދިޔުމާއި ބާޒާރު ކުރުމާއި ގޭގައި ނުކުރެވިފައި ހުރި މަސައްކަތް ކުރާނީތޯ؟ ނުވަތަ އެންމެން އެއްވެގެން މަޖާކުރާނީތޯ؟ މިއީ އުފެދޭ ސުވާލުތަކެކެވެ. ޙަޤީޤަތުގައި މިސުވާލުތަކުގެ ޖަވާބު ފުރިހަމައަށް ލިބޭނީ މިދުވަހުގެ އަގު އަޅުގަނޑުމެންނަށް ރަނގަޅަށް އެގިގެންނެވެ. ދުވަހުގެ އަގު ރަގަޅަށް ކުރެވިއްޖެނަމަ އެދުވަހުގައި ކުރާ އަޅުކަން އެހެނިހެން ދުވަހަށްވުރެ ގިނަވާނެއެވެ. ސަބަބަކީ އެދުވަހަކީ މުސްލިމު އަޅަކު އެދުވަހުގެ ޚާއްޞަ ވަގުތެއްގައި އަޅުކަމުގައި ދެމިހުރެއްޖެނަމަ އޭނާ އެކަމުގައި ހުރެގެން ﷲގެ ޙަޟްރަތުން އެއެދޭ ކަމެއް އެކަލާނގެ ފުރިހަމަ ކޮށްދެއްވާނެ ދުވަހަކަށް ވާތީއެވެ. ނޫންނަމަ އެހެން ޢިބާރާތަކުން ދަންނަވާނަމަ އެދުވަހުގައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތުކޮޅެއް އާދެ! ވަރަށް ކުޑަހިދުކޮޅެއް ވާތީއެވެ.

ހަމަ އެފަދައިން އެދުވަހުގެ އެންމެމުހިންމު އަޅުކަން ކަމުގައިވާ ހުކުރަށް ދިއުމަށްވެސް އޭނާ ސަމާލުވާންޖެހެއެވެ. ހުކުރަށްދިއުމަށްޓަކައި މީހަކު ހިނައިގަނެ އެނަމާދުގެ ވަގުތުގެ ކުރީކޮޅު ހިނގާފައި މިސްކިތަށް ގޮސްފިނަމަ އަދި އިމާމާއާއި ވާހައި ގާތް ހިސާބެއްގައި ( މިސްކިތުގެ ކުރީސަފުގައި) އިދެ އެއްވެސް ވާހަކައެއް ނުދައްކައި ޚުޠުބާއަށް ކަނުލައި އަޑުއަހައިފިނަމަ އެމީހަކަށް ހުކުރުނަމާދަށް ދިއުމަށް އެއެޅި ކޮންމެ ފިޔަވަޅަކަށް އެއްއަހަރު ދުވަހުގެ ރޯދައާއި ރޭއަޅުކަމުގެ ދަރުމަ އެކަލާނގެ ދެއްވާތީއެވެ.
ހަމަ އެފަދައިން ހުކުރުދުވަހުގެ ހުކުރުނަމާދަށް މިސްކިތަށް ދާއިރު މިސްކިތުގެ ކޮންމެ ދޮރެއްގެ ކައިރީގައި މިސްކިތަށް ހުކުރުނަމާދަށް ޙާޟިރުވާ މީސްތަކުން ލިޔުއްވުމަށް މަލާއިކަތުން ތިއްބަވައެވެ. އެބޭކަލުން އެންމެފުރަތަމަ ޙާޟިރުވާމީހުން އެންމެފުރަތަމައަށް ލިޔުއްވައެވެ. މިހެން މިބޭކަލުން މީސްތަކުންގެ ނަން ލިޔުއްވަނިކޮށް އިމާމާ މިސްކިތަށް ޙާޟިރުވެ މިސްކިތުގެ މިންބަރުގައި އިށީންނެވުމުން އެބޭކަލުން  ލިޔުއްވުން ހުއްޓާލައްވައެވެ. ދެން އެބޭކަލުން މިސްކިތުގައި ﷲ ހަދުމަކުރާ މީހުންގެ ޒިކުރުގެ އަޑު އެއްސެވުމަށް ތިއްބަވައެވެ. މިސްކިތަށް އެންމެ ކުރިން އާދެ! ފުރަތަމަ ސާޢަތުގެ ތެރޭގައި އަންނަ މީހުންގެ މިސާލަކީ ﷲގެ މަގުގައި ޖަމަލެއް ޤުރްބާންކުރި މީހެއްގެ މިސާލެވެ. ދެން އެއަށްފަހު އަންނަ މީހުންގެ މިސާލަކީ ﷲގެ މަގުގައި ގެރިއެއް ޤުރްބާންކުރި މީހުންގެ މިސާލެވެ. ދެން އެއަށްފަހު އަންނަ މީހުންގެ މިސާލަކީ ﷲގެ މަގުގައި ކަންބަޅިއެއް ޤުރްބާންކުރި މީހުންގެ މިސާލެވެ. ދެން އެއަށްފަހު އަންނަ މީހުންގެ މިސާލަކީ ﷲގެ މަގުގައި ކުކުޅެއް ޤުރްބާންކުރި މީހުންގެ މިސާލެވެ. ދެން އަންނަ މީހުންގެ މިސާލަކީ ﷲގެ މަގުގައި ކުކުޅު ބިހެއް ހޭދަކުރި މީހުންގެ މިސާލެވެ. ވީއިރު ހުކުރުދުވަހުގައި އަޅުގަނޑުމެންނަށް ވާޖިބުވަނީ އަޅުކަން ކުރުމުގައި ހީވާގިވެ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމެވެ.

ހުކުރަށް ހިނައިގަތުމާއި ދަތްއުގުޅުމާއި ހުވަދުލުމާއި ސާފުތާހިރު ރީތި ފޭރާންލުމާއި އެއަށްފަހު މިސްކިތަށް ދިއުމަކީ އޭނާ ކަންކުރަންވީ ރިވެތި އުޞޫލެވެ. މިސްކިތަށް ދިއުމަކީ މިސްކިތަށް ނުވަދެ މިސްކިތް ލޮލުކޮޅަށް ފެންނަހިސާބު ހުރުމެއްނޫނެވެ. މިސްކިތަށް ގޮސް މިސްކިތަށް އަރާ އަޅުކަމުގައި ބައިވެރިވުމެވެ. ޚުޠުބާ އަޑުއެހުމަކީ  އިމާމާ ކިޔާ ޚުޠުބާ ރޭޑިޔޯއިން ނުވަތަ ޓީ.ވީން އަޑުއަހަން ދުރުގައި ހުރުމެއްނޫނެވެ. ނުވަތަ އިމާމާ އެމިސްކިތުގައި ކިޔާ ޚުޠުބާ އަޑުއިވޭ ހިސާބު ދުރުގައި ހުރުމެއްނޫނެވެ. މިސްކިތަށް ވަނުމުގައި މީސްތަކުންނަށް އުދަގޫ ނުފޯރާގޮތަށް ޢަމަލުކޮށް މީސްތަކުން ދުރުކުރަމުން ނުވަނުމާއި މިކަންކަމަކީވެސް މިސްކިތަށްވަނުމުގައި ވިސްނަންޖެހޭ ކަންކަމެވެ. އަދި މިސްކިތުގައި ސުންނަތް ނަމާދުކުރުމާއި މިސްކިތަށް ގޮސް ޛިކުރު ކުރުމާއި ސޫރަތުލްކަހްފު ކިޔެވުންމަތީ އިނުމާއި އިމާމާ ޚުޠުބާ ފެށުމުން އެޚުޠުބާ އަޑުއެހުމަށް އިނުމާއި މިކަންކަމަކީވެސް ކުރަން ޖެހޭ ކަންކަމެވެ. މިގޮތުގައި ހުކުރުނަމާދެއް ކުރެވިއްޖެނަމަ އެއީ އެހުކުރުން އަނެއްހުކުރުދުވަހާ ދެމެދުގައި ކުރެވޭ ކުދިފާފަތަކަށްވާ ކައްފާރާއެކެވެ. ނުވަތަ އެހުކުރުގެ އިތުރަށް ތިންދުވަސްވެސް ލިބޭ ގޮތަށް ކުރެވުނު ހެއުޢަމަލެކެވެ. ވީއިރު މިކަންކަމަށް ސަމާލުކަންދޭކަށް ފަހެ އަޅުގަނޑުމެންނަކަށް ނުޖެހޭތޯއެވެ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ