އެޕަލް އައި ފޯނު
Apple iPhone
ޢަބްދުﷲ ފިރާޤް
ފުރަތަމަބައި:
އެޕަލް އައި ފޯނަކީ ފޯނުގެ ދުނިޔެއަށް ވަރަށް އާ ކަންތައްތަކެއް ގެނެސް ދިން ފޯނެކެވެ. އާ ޓެކްނޮލޮޖީގެ ފަސޭހަތަކާއެކު 2 ޖަނެރޭޝަނެއްގެ ފޯނު ބާޒާރަށް ނެރެފައިވެއެވެ. 2 ޖީ އައި ފޯނާއި، 3 ޖީ އައި ފޯނުވެސް ބާޒާރަށްނެރެ، ވަރަށްގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވެއެވެ. އައިފޯނަށް ޝަޢުޤުވެރިވާ އެންމެހާ ކިއުންތެރިންނަށް ބުނެލަންއޮތީ އުފާވެރި ޚަބަރެއްގެ ވާހަކައެވެ. މި ޖޫން މަހު 19 ވަނަދުވަހު އަނެއްކާވެސް އައިފޯނުގެ އިތުރު ވާރޝަން އެއް ނުކުންނަވާހަކައެވެ. ނަމަވެސް މިބައިގައި ބަލާލާނީ މިހާރު ނުކުމެފައިވާ 2 ޖީ އަދި 3 ޖީ ފޯނަށެވެ. ނަމަވެސް މިސިލްސިލާގެ އެހެން ބައެއްގައި ދެން ނުކުންނަ ވާރޝަން އާއި ބެހޭ މަޢުލޫމާތު އެންމެހާ ކިއުންތެރިންނާއި ހިއްސާކޮށްލާނަމެވެ.
2 ޖީ ފޯނާއި 3 ޖީ ފޯނުގައި މާބޮޑު ތަފާތުތަކެއް ނުހުރެއެވެ. ނަމަވެސް ކުދިކުދި ތަފާތުތަކެއް ހުރުމާއެކު ވަކިވަކިން މަޢުލޫމާތު ހިއްސާ ކޮށްލެވޭތޯބަލާނަމެވެ.
• ނެޓްވޯރކް:- (2 ޖީ އަދި 3 ޖީ އައިފޯން)
o 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900
3 ޖީ ނެޓްވޯރކް: HSDPA 850 / 1900 / 2100 (ހަމައެކަނި 3 ޖީ އައިފޯން)
• 2 ޖީ ފޯނުގެ ބަރުމިނުގައި ހުންނާނީ 135 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 115 މިލިމީޓަރެވެ. ފުޅާމިނުގައި 61 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 11.6 މިލިމީޓަރެވެ. 3 ޖީ ފޯނުގެ ބަރުމިނުގައި ހުންނާނީ 133 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 115.5 މިލިމީޓަރެވެ. ފުޅާމިނުގައި 62.1 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 12.3 މިލިމީޓަރެވެ.
• 2 ޖީ އައިފޯނު ބާޒާރަށް ނުކުމެފައިވަނީ 2007 ވަނައަހަރު ޖޫން މަހުއެވެ. އަދި 3 ޖީ ފޯނު ނުކުމެފައިވަނީ 2008 ވަނަ އަހަރު ޖުލައި މަހުއެވެ. އަދި ތިންވަނަ ވާރޝަން 2009 ޖޫން މަހު ނެރުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން އައި ފޯނުގެ އާ ޖީލެއް ކޮންމެ އަހަރަކު އެއްފަހަރު ނުކުންނާނެކަމަށް ފެނެއެވެ.
• މިފޯނުތަކުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ކެޕޭސިޓިވް ޓަޗް އިސްކިރީނުތަކެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3.5 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 480 × 320 ޕިކްސެލްސް އެވެ. މީގެއިތުރުން މަލްޓިޕަލް ޓަޗް އިމްޕުޓް ފަންކަޝަންވެސް ހިމެނޭނެއެވެ. އޮޓޯ ރޮޓޭޝަން ކުރުމަށްޓަކައި "އެކްސެލެރޯމީޓަރ" ސެންސަރ ވެސް ހިމެނެއެވެ. އަދި އޮޓޯ ޕަވަރ އޮފް ވުމަށްޓައި "ޕްރޮކްސްމިޓީ" ސެންސަރެއްވެސް ހިމެނެއެވެ. ހާއްސަ އަނެއްސިފައަކީ މި ފޯނު ތަކުގެ އިސްކިރީނަކީ ކޫރުން ނޭޅޭގޮތަށް ފަރުމާކުރެވިފައިވާ އިސްކިރީންތަކަކަށްވުމެވެ.
• ރިންގްޓޯންގެ ގޮތުގައި ބޭނުންކުރަނީ ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނެވެ. މި ދެވައްތަރުގެ ރިންގްޓޯންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އާންމުކޮށް ބަލާއިރު ފޯނު ނަމްބަރުތައް ރައްކާކުރާކަށް ވަކި އަދަދެއްނެތެވެ. އަދި ފޯނު ނަމްބަރުތައް ރައްކާކުރުމުގައި ބޭނުންވާ މަޢުލޫމާތުތައް ބެހެއްޓުމުގައިވެސް ލިމިޓެއްނެތެވެ. އެންމެ ފަހުން ކުރާ 100 ކޯލާއި، "ރިސީވް" އަދި "މިސް" ވާ ފޯނުކޯލުގެ އެންމެ ފަހުގެ 100 ނަންބަރު ފޯނުގައި ރައްކާކުރާނެއެވެ.
• މިފޯނުތަކުގައި ހުންނާނީ އިންޓާނަލް މެމޮރީއެވެ. އެހެންކަމުން އެކްސްޓާނަލް ކާޑެއް ބޭނުމެއް ނުކުރެވޭނެއެވެ. ފުރަތަމަ ޖެނެރޭޝަން އައި ފޯނުގެ މެމޮރީގެ މިންވަރަކީ 4/8/16 ގިގަބައިޓެވެ. ތިންވަނަ ޖެނެރޭޝަން އައި ފޯނުގައި ހުންނާނީ 8 ނުވަތަ 16 ގިގަބައިޓެވެ.
• މި ފޯނުތަކުގައި GPRS ގެ ޚިދުމަތާއި ވައި-ފައިގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި ކޮމްޕިއުޓަރާއި ގުޅާލުމަށް ޔޫ.އެސް.ބީ ވެސް ހިމެނެއެވެ. ބްލޫޓޫތްގެ ޙިދުމަތްވެސް ހިމެނެއެވެ. ނަމަވެސް އެއީ ހަމައެކަނި ހެޑްސެޓް ބޭނުންކުރުމަށެވެ. (ނަމަވެސް އިތުރު ސޮފްޓް ވެއަރގެ އެހީގައި ބްލޫޓޫތް ރަންކުރެވެއެވެ. ފަހުގެ ބައިތަކުގައި އިތުރު މަޢުލޫމާތު ގެނެސްދޭނަމެވެ.)
• 2ޖީ ފޯނާއި 3 ޖީ ފޯނުގެ އެންމެބޮޑު ތަފާތަކީ 2 ޖީ ފޯނުގައި ޖީ.ޕީ.އެސް ޚިދުމަތްނެތުމެވެ. ނަމަވެސް 3ޖީ ފޯނުގައި މިޙިދުމަތް ހިމެނެއެވެ. އެހެންކަމުން މިފޯނަށް A ޖީ.ޕީ.އެސް ސަޕޯރޓް ކުރާނެއެވެ.
• މިފޯނުތަކުގައި ވަނީ 2 މެގަރ ޕިކްސެލް، 1200 × 1600 ޕިކްސެލް ގެ ކެމެރާއެކެވެ. މިކެމެރާއަކުން ވީޑިއޯއެއް ނުކުރެވޭނެއެވެ. ނަމަވެސް އިތުރު ސޮފްޓްވެއަރގެ އެހީގައި ވީޑިއޯކުރެވެއެވެ. (ސޮޕްޓްވެއަރތަކާއި ބެހޭ ގޮތުން އެހެން ބައެއްގައި އަލި އަޅުވާލާނަމެވެ.)
• އޮޕަރޭޓިންގ ސިސްޓަމްގެ ގޮތުގައި މިފޯނުތަކުގައި ބޭނުންކޮށްފައިވަނީ އެޕަލްގެ އޯ.އެސް ކަމަށްވާ "މެކް އޯ.އެސް" އެވެ. މިގޮތުން 2ޖީ ފޯނުތަކުގައި ބޭނުންކޮށްފައިވަނީ ވާރޝަން v10.4.8 އެވެ. އަދި 3 ޖީ ފޯނުތަކުގައި v10.4.10 އެވެ.
• މިފޯނުތަކުގައިވަނީ 32 ބިޓް ސެމްސަންގ S5L8900 މެގަރހާޓްސް ޕްރޮސެސަރ އެކެވެ.
• މިފޯނުގައި އީ-މެއިލް، އެސް.އެމް.އެސް، ނޯޓްބުކް، އެލާރމް، ޓައިމަރ، ސްޓްޕްވޮޗް ފަދަ ބޭނުންތެރި ޚިދުމަތްތައް ހިމެނެއެވެ. އަދި ސޮފްޓްވެއަރގެ އެހީގައި އެމް.އެމް.އެސް ވެސް ފޮނުވޭނެއެވެ. މިފޯނުތަކަށް މިލިއަނުން ސޮފްޓްވެއަރ ހެދިފައިވެއެވެ. އެހެންކަމުން އިތުރު ސޮފްޓްވެއަރ އަޅައިގެން ގޭމްކުޅުމާއި، ވަރަށްގިނަ އެޕްލިކޭޝަންސް ބޭނުންކުރެވޭނެއެވެ. އެހެންކަމުން އައިފޯނުގެ ސިލްސިލާގެ އެހެން ބައެއްގައި މުހިންމު ސޮފްޓްވެއަރތަކާއި މެދު އަލި އަޅުވާލާނަމެވެ.
• 2 ޖީ ފޯނެއްގައި ވާހަކަ ދެއްކޭނެކަމަށް ލަފާކުރެވެނީ 8 ގަޑިއިރެވެ. ނަމަވެސް 3 ޖީ ފޯނުގައި 10 ގަޑިއިރު ވާހަކަ ދެއްކޭނެކަމަށް ލަފާކުރެވެއެވެ.
• ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކިރީނަށް އަރާނެއެވެ.